(10 ސެޕްޓެމްބަރގެ އަދަދާ ގުޅޭ)

ކޮޓަރީގެ ދޮރުގައި މީހަކު ޖަހާލި އަޑު އިވިގެން އަޝްރަފް ކަންނެތް ގޮތަކަށް ލޯ ހުޅުވާލި އެވެ. 

ގަޑި ބަލައިލި އިރު ގަޑިން އެގާރަ ގަޑި ބައިވަނީ އެވެ. ވަރުބަލި ވީ ވަރުން މާ ގަދައަށް ނިދުނީ އެވެ. ފަރީޝާ ކޮބައިތޯ ބަލައިލި އިރު ފެންނާކަށް ނެތެވެ. ފާޚާނާގެ ބޮކި ދިއްލާފައި ހުރުމުން ފަރީޝާ ފާޚާނާގައިކަން އެނގުނެވެ. އެނދު ކައިރިއަށް ވެއްޓިފައި އޮތް ފަޓުލޫނު ލުމަށް ފަހު، ވަރުބަލި ހިނގުމެއްގައި ގޮސް އަޝްރަފް ދޮރު ހުޅުވާލިއެވެ.

އަޝްރަފަށް ރަނގަޅަށް ނިދިން ހޭލެވުނީ އާޒިމް ފެނުމުން ނެވެ. އަޝްރަފްގެ މޫނުމަތި ބަނަވެގެން ދިއަވަރު އާޒިމަށް ވެސް ފާހަގަ ކުރެވުނެވެ. އަޝްރަފް ބޮލުގައި ހިފަހައްޓާލި އެވެ. އޭނާއަށް ކުށް އިޙުސާސް ކުރެވިގެން ދިއައީ އިންތިހާއަށެވެ. ހަމަ ކުޑަ ވަގުތު ކޮޅަކު ކެތް ކޮށްލެވުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ! އާޒިމް ކޮޓަރީގެ ތެރެއަށް ވަނުމުގެ ކުރީން އަޝްރަފް ބޭރަށް ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލުމަށް ފަހު ކުރިއަށް ހިނގައިގަތެވެ. 

އާޒިމް ގެ ހިތުގެ ވިންދު އަވަސް ވެގަތެވެ. އަޝްރަފަށް އައި ބަދަލާއި، ހަމަ ހިމޭންކަން ކޮންމެސް ނުބައެއް އުޅޭކަމުގެ ސިގުނަލްތައް ދޭން ފަށައިފި އެވެ. 

"ހުރިހާވެސް މައްސަލަ އަކީ އާޒިމް!"
އަޝްރަފް ފެށީ އެހާ ހިސާބުން ނެވެ.
"އަހަރެން ކިހާ މަސައްކަތެއް ކުރީން، ހަމަ ކޮންމެސް ނުބައި ކަމެއް ކޮށްގެން އާޒިމް ތި ހުންނަނީ ކުށްވެރިވެފަ.. ކިހިނެއް މީހަކު އާޒިމަށް އިތުބާރު ކުރާނީ!"

އާޒިމަށް ފުރަގަސް ދީގެން ހުރި އަޝްރަފާ ދިމާއަށް ބަލަން އާޒިމް ހުރީ ސުވާލު އުފެދިފަ އެވެ. އަޝްރަފް އެއުޅެނީ ކޮންއެއްޗެއް ސާބިތު ކުރަން ހެއްޔެވެ!
"އެންމެ ފަހުން އަހަރެން ގެންދިއައީ ނުބައި ކަމެއް ކޮށްގެނެއް ނޫން!"
އާޒިމް ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ.
"ރައުއްޓޭ އަށް ހަދާލެވުނު ވަރު އަދި މާ ކުޑަ.. އޭނަ ނުޖެހޭދޯ ފަރީޝާ ބަދުނާމް ކުރަން އުޅޭކަށް!"

އެއަޑު އިވިފައި އަޝްރަފްގެ ހަރަކާތްތައް ހުއްޓުނެވެ. އާޒިމް ރައުއްޓޭ ދެކެ އެވަރުގެ ރުޅިއެއް އެއައީ ފަރީޝާއަށް ޓަކައި ހެއްޔެވެ! އަޝްރަފް ދެން މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ. އާޒިމް އިތުރު އެއްޗެއް ބުނާ އަޑު އަހަން އަޝްރަފް ބޭނުން ނުވީއެވެ. އާޒިމްގެ ހިތުގައި ވާ އެއްޗެއް އެނގިގެން އަޝްރަފަށް ދެން ވިއްޔާ ވާނީ އުނދަގުލެކެވެ.

"އާޒިމް، އަހަރެން ފަރީޝާއާ ކައިވެނި ކޮށްފިން!"
އާޒިމަށް ލިބުނު ޝޮކެއްގެ ބޮޑުކަމުން ހީވީ އަނބުރައި ގެންފާނެ ހެންނެވެ. ހިނދު ކޮޅަކަށް އޭނާގެ ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ހުއްޓާލި ކަހަލަ އެވެ. ކައިރީގައި ހުރި ދަގަނޑުގައި އޭނާއަށް ހިފަހައްޓާލެވުނީ ކަކުލު ހުޅުން ބާރު ދޫވާ ގޮތް ވުމުންނެވެ. އަޝްރަފް އެހެން ބުނި ނަމަވެސް އެއީ އޭނާއަށް ގަބޫލު ކުރަން ދަތި ވާހަކައެކެވެ. އަޝްރަފާ ފަރީޝާއާ ދޭތެރޭގައި ސިއްރު ގުޅުމެއް އޮވެދާނެއެވެ. އެކަމަކު އަޝްރަފް ފަރީޝާއާ ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ. ނިހާ ހިތުގައި ޖެހޭނެ ކަމެއް އަޝްރަފަކަށް ނުކުރެވޭނެ އެވެ. 

"ކައިވެންޏޭ؟؟"
އާޒިމްގެ އަނގައިން ބޭރުވި އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ޙައިރާން ކަމެވެ.

އަޝްރަފް އާޒިމާ ދިމާއަށް އެބުރިލި އެވެ. ކިތަންމެ އުނދަގޫ ވިއަސް ހަތަރު ކަޅި ހަމަ ނުކޮށްވެސް ކުރާނީ ކީއްހެއްޔެވެ! އާޒިމްގެ ސުވާލުގެ ޖަވާބު ގައި އަޝްރަފް ބޯ ޖަހާލި އެވެ.

"ދެން ނިހާ؟"
އާޒިމް އަހާލި އެވެ.
"ނިހާ އަކަށް ނޭގޭނެ، އަހަރެން މިކަން ކުރީ ބޭނުން ވެގެނެއް ނޫން. މަޖުބޫރު ވެގެން. އަހަރުމެން ކޮޓަރީގަ ތިއްބާ ފުލުސް އޮފީހަށް ގެންދިއައީ. ކައިވެނި ނުކޮށްފިނަމަ ވަރަށް ބޮޑު ބަދުނާމެއްވާނެ.. އާޒިމްވެސް ނެތީމަ ދެން އެހެން ގޮތެއް ނެތުނީ..!"

އަޝްރަފް އެ ދައްކާ ވާހަކަ އަކީ ހަގީގަތަކަށް ވިއަސް މުޅިއަކުން އާޒިމް އެވާހަކަ ގަބޫލެއް ނުކުރެ އެވެ. އެއީ އަޝްރަފް ފަރީޝާ ބޭނުން ވެގެން ދައްކާ ބަހަނާ އެވެ.
"މިހާރު ފުލުސް އޮފީހުގެ ކަންތައް ނިމިއްޖެ.. ދެން ފަރީޝާ ބޭނުމިއްޔާ ވަރި ކުރެވިދާނެ؟"
އާޒިމްގެ ލޮލުން އުއްމީދުގެ އަލި ވިދުވަރެއް ފާޅުވެގެން ދިއައެވެ. އަޝްރަފް ފަރީޝާއާ ކައިވެނި ކުރީ ނުބައިނިޔަތެއްގައި ނޫނީ ތާއެވެ! އަޝްރަފާ ފަރީޝާގެ ކައިވެންޏަކީ ހަމަ އެކަނި ނަމަކަށް ކުރެވުނު ކައިވެންޏަކަށް ވާނަމަ އާޒިމް އެހެރީ މާދަމާ ވެސް ފަރީޝާއާ އިންނަން ތައްޔާރުގަ އެވެ.

"އެކަމަކު، މިހާރު ދެން ފަރީޝާ ޖެހޭނެ އިއްދައިގެ ތިން މަސް ފުރިހަމަ ކުރަން!"
އެއަޑު އިވިފައި އާޒިމަށް މޫނު އަނބުރާލެވުނެވެ. އަޝްރަފްގެ މުޑުދާރުކަން އޭނާއަށް އިޙުސާސް ކުރެވުނެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. އަޝްރަފް ފަރީޝާއާ ކައިވެނި ކޮށްފައި އެވަނީ ހަމަ އެ ސަބަބަށްޓަކައެވެ. ނަން ވާނީ އާޒިމެވެ. އަޝްރަފް އާޒިމަށް ވުރެ މާ ފެންވަރު ދަށް ވެއްޖެ އެވެ. އާޒިމަށް ނިހާ ކަހަލަ އަންބަކު ލިބުނު ނަމަ އޭނާ ދުވަހަކުވެސް ބޭވަފާ ތެރި ނުވާނެއެވެ. 

"ދެން ކީއްކުރަން ވަރި ކުރަން ތިއުޅެނީ!"
އާޒިމަށް އަހާލެވުނީ ނުރުހުމާއި އެކުގަ އެވެ.
"އަހަރެން ކިހިނެއް ފަރީޝާ ގޮވައިގެން އުޅޭނީ...! ނިހާއަށް އެނގިއްޖެއްޔާ ކިހާދެރަވާނެ..އަހަ.."
އެހާ ހިސާބަށް ބުނެފައި އަޝްރަފް ވާހަކަ ހުއްޓާލައިފި އެވެ. ދޮރުމަތީގައި އަޝްރަފާ ދިމާއަށް ބަލަހައްޓައިގެން ހުރި ފަރީޝާގެ ރަތްވެފައިވާ މޫނު ފެނުމުންނެވެ. އޭނާއާ އާޒިމްގެ ވާހަކަ އަޑުއަހަން ފަރީޝާ ހުންނަތާ ކިހާ އިރެއް ވެއްޖެބާ އެވެ! އާޒިމް އެނބުރި ފަރީޝާއަށް ބަލާލި އެވެ. ފަރީޝާ ގެ ކޯތާފަތް މައްޗަށް ފައިބަމުން ދިއަ ކަރުނަ ތިކިތައް އާޒިމްގެ ހިތް ފަރީޝާއަށް ޓަކައި ރަޙުމުން ފުރާލައިފި އެވެ. 

ފަރީޝާ އިސް ޖަހާލިއެވެ. އަޝްރަފާ ފަރީޝާއާ ދެމެދުގައި އެހިނގާދިއަ ކަންތަކަށް ފަހުގައިވެސް އަޝްރަފްގެ ހިތުން ފަރީޝާއަށް ކުޑަވެސް މިންވަރެއް ނުލިބުނީތީ އޭނާ ވަރަށް ހިތުގައި ޖެހުނެވެ. އެކަމުގައި އަޝްރަފް ކުށްވެރި ކުރެވޭކަށް ނެތެވެ. އަޝްރަފް ވަނީ މާ ކުރީން ވެސް އިންޒާރު ދީފަ އެވެ. 

އާޒިމް ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އޭނާ އެތެރެއަށް ވަންނަން ނުކެރިފައި ޖޯލީގައި އިނީ އެވެ. އޭނާގެ އަމިއްލަ ކޮޓަރީންވެސް މިއަދު އޭނާއަކަށް ޖާގައެއް ނެތެވެ.

ރަޒީނާ ދެފައި ވައްކޮށްގެން އެނދުގައި އިށީންދެ އިނެވެ. އޭނާ ހީވަނީ ފޮއްސި ވެފައި އިން ހެނެވެ. މީހާ ފެންނަނީ ކުރިއަށް ވުރެވެސް ފަލަކޮށެވެ. މޫނުމަތިވެސް ވަރަށް ދުޅަހެން ހީވެ އެވެ. ނޭފަތްވެސް އާދަޔާ ހިލާފަށް ބޮޑެވެ. ހެނދުނު ހޭލީއްސުރެ އޭނާ އެއިންނަނީ އެގޮތަށް އިށީންދެ އެވެ. އޭނާ އިނީ ވަރަށް ނިކަމެތި ވެފަ އެވެ. ހަދާނެ ގޮތް ހުސްވެފަ އެވެ. އެހީ ވާނެ މީހަކު ނެތް ތާނގައި ﷲ ގެ ވާގިފުޅަކަށް އެދެންވެސް ނޭގެއެވެ. ނަމާދެއް ކޮށްލެވޭނެ ގޮތެއް ވެސް ނެތެވެ. މިކަމެއް ލައިގަތީއްސުރެ ފެނެއްވެސް ނުވެރުނެވެ.

ކުއްލި އަކަށް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަރަށް ބާރަށް އެތެރެއަށް ވަނުމާއިއެކު ހަސީނާ މައިތިރި ވެއްޖެއެވެ. ރަޒީނާ އިން ގޮތެއް ފެނުނީމަ އެވެ. ރަޒީނާގެ ބުޅި އިސްތަށިގަނޑު ހާވާލައިގެން އެނދު މެދުގައި އިންއިރު ފެންނަނީ ވަރަށް ބިރުވެރި ގޮތަކަށެވެ. 

"ކިހިނެއް ވެފަ ތީނީ!"
ހަސީނާ ސުވާލު ކުރުމުންވެސް ރަޒީނާ ޖަވާބެއް ނުދިނެވެ. ހަސީނާ އަޅައެއް ނުލައެވެ. އޭނާ އަތުގައި އޮތް ދަބަސް ގަނޑަށް، އަލަމާރީގައި ހުރި ބައެއް ސާމާނު އަޅަން ފަށައިފި އެވެ. 

"މަމިއުޅެނީ މި ބިރުވެރި ކަމުން ސަލާމަތް ވާން..!"
ހަސީނާ އެހެން ބުނުމުންވެސް ރަޒީނާ އަނގައިންވެސް ނުބުނެ އެއިން ގޮތަށް އިނީ އެވެ.
"ތީ ކަލޭ އަމިއްލައަށް ބުއި ނުލަފާ ބޮނޑިއެއް! އަމިއްލައަށް ތިކަމުން ސަލާމަތްވޭ!"
އެހެން ބުނެފައި އެތަނުން ދާން ހަސީނާ ހިނގައި ގަތެވެ. ހެދި ނެހެދިއެއް ނޭގުނެވެ. ފެނުނީ ރަޒީނާ ފުންމައިގެން ގޮސް ހަސީނާގެ ކުރިމައްޗަށް ޖެހިގަތް ތަނެވެ. ހަސީނާ ދިއައީ ސިއްސައިގެންނެވެ. އެ ބޮޑު ކޮޓަރީގެ ދިހަ ވަރަކަށް ފޫޓު ދުރުގައި ހުރި އެދެއްގައި އިނދެފައި ފުންމައިގެން އައިސް ރަޒީނާ އޭނާގެ ކުރިމައްޗަށް ޖެހިގަތް ގޮތުން ހީވީ ނުރައްކާތެރި ޖަނަވާރެއް ހެންނެވެ. ހަސީނާ ޙައިރާންވި ވަރަށް ވުރެ ބޮޑަށް ގަތީ ބިރެވެ. އޭނާ އެއްޗެއް ނުބުނެ އަވަސް އަވަހަށް ރަޒީނާގެ ގައިގައި ނުޖެހޭ ހިސާބުން ދާން ހިނގައިގަތެވެ. އެވަގުތު އެއިވުނު އަޑަކުން ހަސީނާ ދިއައީ ރޫރޫ އަޅައިގެނެވެ.

"އޭ.. ކަލޭ ކޮންތާކަށް ދާނީ؟"
އެއީ ރަޒީނާގެ އަޑެއް ނޫނެވެ. ވަރުގަދަ ބޮޑު ފިރިހެނަކާ ވައްތަރު ބިރުވެރި އަޑެކެވެ. ހަސީނާ ލަސްލަހުން މަޑުމަޑުން ރަޒީނާއާ ދިމާއަށް އެނބުރެން މަސައްކަތް ކުރިއިރު ހީވީ ޗާޖު ހުސްވަމުން އަންނަ ރޮބަޓެއް ހެންނެވެ.
ހަސީނާ ރަޒީނާ އަށް ބަލާލިއިރު ހުރިހާ ދަތްތަކެއް ދައްކާލައިގެން ވަރަށް ހިނިއައިސްފައި ރަޒީނާ ހުއްޓެވެ.

"ކޮންތާކަށް ދާން ތިއުޅެނީ؟"
ވަރަށް ލޯބިން ރަޒީނާ މަންމައާ ސުވާލު ކޮށްލިއެވެ. ބިރުން ތުރު އަޅަމުން ދިއަ ހަސީނާ އަށް ބުނާނެ އެއްޗެއް ނޭގުނެވެ.
"ނޫޅެން .. ނޫޅެން.. ތާކަށް ދާކަށް!'
ހަސީނާ ކޮޓަރި ތެރެއަށް ދަބަސް އެއްލާލާފައި ދުވެގަޑަގަޑަ އަޅާފައި ނުކުތީ ބޭރަށެވެ. 

އާޒިމް ލޯ ހުޅުވާލައިގެން މަތި ބަލަން އޮތެވެ. ގޭކައިރީ ގައި ހުރި ގެސްޓު ހައުސް އެއްގެ ކޮޓަރިއެއްގެ އެނދުގައި އޮތްއިރު އޭނާގެ ހިތަށް ތަފާތު ހިޔާލުތައް ވެރިވަމުން ދިއަ އެވެ. އަޝްރަފް ކަންކުރީ ރަނގަޅަކަށް ނޫނެވެ. އޭނާ ނިހާ އަކަށް ވެސް އަދި ފަރީޝާ އަކަށް ވެސް ރަނގަޅެއް ނޫނެވެ. އެހެން ވިއަސް އަޝްރަފާ ގުޅުން ކަނޑާލާކަށް އާޒިމް ބޭނުމެއް ނެތެވެ. މިހާރު އާޒިމްގެ އިތުރު ރަހުމަތްތެރިއަކު ވެސް ހުރީއެއް ނޫނެވެ. އާޒިމްގެ ހިތުގައި ވާއެއްޗެއް އަޝްރަފަށް ވެސް އަދި ފަރިޝާއަށް ވެސް ނޭގޭނެ އެވެ. އެއީ ހަމަ ނަސީބެވެ. އެހެން ވީމައި އާދައިގެ ގޮތަކަށް އެތަނަށް ގޮސް އެމީހުންނާ އެކީ އުޅެވިދާނެ އެވެ.

އަޝްރަފް ދެއްކި ވާހަކަ ފަރީޝާއަށް އިވުނު ފަހުން އަނެއްކާވެސް އެދެމެދަށް ވަނީ ބީރައްޓެހި ކަމެއް ވެރިވެފަ އެވެ. ރޭގައި އަޝްރަފް ނިދީވެސް އާންމުކޮށް އޭނާ ނިދާ ރަސްމީ ގޮދަޑީގަ އެވެ. ދެމީހުންގެ ދޭތެރޭގައި ކަމެއް ހިނގިހެންވެސް އަޝްރަފަކަށް ހިއެއް ނުވެ އެވެ. ތަންމަތީގައި ފުރޮޅިލަ ފުރޮޅިލާ އިރުއަރަންދެން އޮވެފައި ފަރީޝާ ތެދުވެ އަޝްރަފަށް ސައި ތައްޔާރު ކުރި އެވެ. އަޝްރަފް ކޮންމެ ގޮތަކަށް ކަންކުރިއަސް އަންބެއްގެ ވާޖިބު އޭނާ ފުރިހަމައަށް އަދާ ކުރާނެއެވެ. މޭޒު ކައިރީ ކޮޅަށް ހުރެ އެއް ނޭވާއިން ސައި ތަށި ބޯލައިގެން އަޝްރަފް ދިއައީ ބޭރަށެވެ. ގެއަށް އައީ އިރު އޮއްސުނު ފަހުން ނެވެ. ގެއަށް އައުމަށް ފަހުވެސް އޮތީ ކޮޓަރިއަށް ނުވަދެ ބޭރު ޖޯލީގަ އެވެ. އަޝްރަފް ގެ މޫނު މަތި ފަރީޝާއަށް މިއަދު ފެނުނީ މަދު ފަހަރަކު އެވެ. ފެނުނު ކޮންމެ ފަހަރަކުވެސް އަޝްރަފް ކުރަމުންދާ ބޮޑު ހިތާމަ އެ މޫނު މަތީން ފަރީޝާއަށް ސާފުކޮށް ފެނުނެވެ. އަނެއް ދުވަސް ވެސް ދިއައީ އެފަދަ ގޮތަކަށެވެ. އަޝްރަފާ ފަރީޝާއާ އެއްވެސް ވާހަކައެއް ނުދެއްކެ އެވެ. އިރުއޮއްސުމުން ފަރީޝާ ގޮތެއް ނިންމައިފި އެވެ. އުމުރު ދުވަހު އޭނާ އަކަށް އެ ގޮތަކަށް ނޫޅެވޭނެ އެވެ. ކޮންމެވެސް އެއްގޮތަކަށް ނިންމަން އެބަޖެހެއެވެ. ބިރާ ލަދު ކަނޑާލާފައި ފަރީޝާ ގޮސް އަޝްރަފާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. 

"އިނގޭ ވަރަށް ކަންބޮޑުވެފަ ކަން ތި އޮންނަނީ.. އަޝްރަފް ބޭނުން ގޮތެއް ބުނޭ.. އަހަރެން ބަލާނަން ކެތް ކުރެވޭތޯ!"
ފަރީޝާގެ އަޑު އިވިފައި އަޝްރަފްގެ ހިތުގެ ރިހުން އިތުރު ވެގެން ދިއައެވެ. މޫނު އަނބުރާލައިގެން އޭނާ އޮތީ ފަރީޝާއާ ހަތަރު ކަޅި ހަމަކޮށްލަން ކުޅަދާނަ ނުވީތީ އެވެ. އެހެން ވިއަސް މިއަދު އޭނާ އެވާހަކަތައް ފަރީޝާއާ ދައްކަން ބޭނުމެވެ.

"އަހަރެންނަށް ކުރެވުނު ކުށް އިޙުސާސް ކުރެވޭ ވަރުން ދިރި ހުންނަން ދަތި ވެއްޖެ، ފަރީޝާ!"
އަޝްރަފް ތުންފަތުގައި ދަތް އަޅާލިއެވެ. އަޝްރަފަށް ކޮށްފައިވާ އަސަރު ފެނުމުން ފަރީޝާ އޭނާގެ އަމިއްލަ ނަފްސުގެ މަތީން ހަނދާން ނެތިއްޖެ އެވެ.
"ދެން ކިހިނެއް ހަދާނީ.. އަޝްރަފް ބޭނުން ގޮތެއް ބުނެބަލަ!"
ކިތަންމެ ހިތުގައި ޖެހުނަސް، އަޝްރަފަށް ވުރެ ފަރީޝާ ހިތްވަރު ގަދަވާން މަޖުބޫރު ވެއްޖެ އެވެ.

"އަހަރެން ބޭނުން ވަނީ ރަށަށް ދާން..! ދެން މިތާގަ އަހަންނަކަށް ކެތެއް ނުވާނެ!"
ހިތުގައި ވާއެއްޗެއް ސީދަލަށް ބުނަން އަޝްރަފް ބޭނުންވި އެވެ. އެ ވާހަކަ ތައް ބޭރު ނުވެ ލަސްވާން ވެއްޖެއްޔާ އޭނާ މޮޔަވެދާނެ އެވެ. ފަރީޝާ އިރުކޮޅަކު ވިސްނަން އިނެވެ. އޮބި ނޯންނަ ވަރަށް ހިތުގެ ރިހުން ބޮޑުވެ ބޮލުގާ ޖަހަމުން ދާ ވިންދު ބާރުވެ، އަރު ބެދިގެން ދާކަން އޭނާއަށް އިޙުސާސް ކުރެވުނަސް މިއަދު އޭނާ ހިތްވަރު ކުރެވޭތޯ ބަލާނެއެވެ.

"އަހަންނަށް ހެޔޮ އަޝްރަފް ހިތްހަމަ ޖެހޭ ކޮންމެ ގޮތަކަށް ކަންކުރިއަސް ، އެއްވެސް ޝަކުވާއެއް ނެތް.. އެންމެ ކަމެއް ބޭނުމީ.. އަހަރެން ވަރި ނުކުރައްޗޭ އަޝްރަފް!.. ޕްލީސް!"

ފަރީޝާގެ ލޮލުން ކަރުނަތައް އޮހޮރި ގަތީ އިޒުނައަކާ ނުލައެވެ. އަޝްރަފް މަޑުމަޑުން ފަރީޝާގެ އަތް ތިލައިގައި ހިފަހައްޓާލި އެވެ. ފަރީޝާއާ ދިމާއަށް ނުބަލާ އޮތަސް އޭނާއަށް ކުރަމުންދާ އަސަރު އަޝްރަފަށް ރަނގަޅަށް އިޙުސާސް ކުރެވެއެވެ. 

"އަހަރެން ގެންގޮސް ރަށަށް ލާފަ އަޝްރަފް ރަށަށް ދާން ވީނުން.. އޭރުން ރަށު މީހުންނަށް ވެސް އިނގޭނެ އަހަރެންނަކީ މިހާރު މީހެއްގެ އަންބެއްކަން.. އެންމެ ކުޑަވެގެން އެލަގަބު އަހަންނަށް ލިބޭނެ.. އަހަރެން ހުރެދާނަން ކިތަންމެ ދުވަހެއް ވިއަސް އަޝްރަފް އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްކޮށް! ޝަކުވާއެއް ނުކުރާނަން!"

ގޮތް ހުސްވެފައިވާ މި އަންހެން ކުއްޖާއާ ދޭތެރޭ އަޝްރަފްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އެހެން ނަމަވެސް މިހާރުވެސް އޭނާގެ ދިރިއުޅުން އެހާ ހިސާބަށް ގޮސްފައި އެވަނީ އެ ހަމްދަރުދީގެ ސަބަބުންނެވެ. ދެން އެފަދަ ޖަޒުބާތެއްގައި އޭނާ ބެހުނަ ދީގެން ވާކަށް ނެތެވެ. ފަރީޝާ އެބުނި އެއްޗަކާ ދޭތެރޭ އަޝްރަފް ވިސްނިއެވެ. އަޝްރަފް މިހާރު ބޭނުން ވަނީ ރަށަށް ދާށެވެ. އިތުރަށް ކިޔަވާކަށް ވެސް ދެން ބޭނުމެއް ނޫނެވެ. ދިރިއުޅުމުގެ ގޮށް މުޅީން މޮހިގެން ގޮސް އެކީ ވަކި ނުވަނީސް އެއަށް އަވަހަށް ގޮތެއް ނުނިންމައިފި ނަމަ އުމުރަށް ހިތާމަ ކުރަންޖެހިދާނެ އެވެ. 

ފަރީޝާ ބޭނުންވާ ގޮތަށް އިހަށް އޭނާގެ އަންބެއްގެ ގޮތުގައި ބައިންދާފައި ފަރީޝާ ރަށަށް ގެންދާނީ އެވެ. އަޝްރަފާ ވަކީން ދުވަސް ކޮޅެއް ވުމުން ފަރީޝާއަށް ވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ވިސްނި އެ ކައިވެނި ރޫޅާލާން ފަސޭހަ ވާނެ އެވެ. އަޝްރަފް ނިންމީ ފަރީޝާއާ އެކުގައި ފަރީޝާގެ ރަށުގައި ފަސް ވަރަކަށް ދުވަހު މަޑު ކުރުމަށް ފަހު އަޝްރަފްގެ ރަށަށް ދާށެވެ. އަތޮޅުގެ އެންމެ ދުރު ރަށް ކަމުގައި ވިއަސް އެއް އަތޮޅުގެ ދެރަށަށް ވާތީ އެއީ މާ އުނދަގޫ ކަމެއް ނޫނެވެ.

އަޝްރަފް އާޒިމަށް އެވާހަކަ ކިޔައި ދިނެވެ. އާޒިމް ބުނާނެ އެއްޗެއް ނެތެވެ. މީހަކަށް އަމިއްލަ އެދުން ބޮޑު ވެވޭނީ އެހާކަށް ވަރަށެވެ. އާޒިމް ގެ ހިތާހިތުން އަޝްރަފަށް ނަފްރަތު ކުރިއެވެ. އެހެން ނަމަވެސް އެއްޗެއް ބުނުމުގެ ހައްޤެއް އޭނާއަކަށް ނެތެވެ. ފަރީޝާ ވެސް އަޝްރަފް ދެކެ ލޯބި ވަނީ އިންތިހާއަށް ވިއްޔާއެވެ. 

ރަށަށް ދާން ނިންމީއްސުރެ ފަރީޝާގެ ލޮލުން ކަރުނަ ނުހިކެ އެވެ. އެހެން ނަމަވެސް އޭނާ ހިތްހަމަ ޖައްސާލި އެވެ. މިފަހަރު އޭނާ ރަށަށް އަރާނީ ފިރިމީހާއާ އެކުގަ އެވެ. އަޝްރަފް ކަހަލަ ރީތި މާތް ފިރިއަކު ލިބުނުކަން ރަށުމީހުން ނަށް އެނގުނަސް އެއީ އޭނާއަށް ލިބޭ ފަޚުރެކެވެ. ރަށުގައި އަޝްރަފް މަޑުކޮށްލާ ފަސް ދުވަހުގެ ތެރޭގައި އަޝްރަފް އޭނާގެ ހިތް ފުރެންދެން ލޯބި ދޭނެކަން ކަށަވަރެވެ. އެ ލޯބީގެ އެހީގައި އޭނާ މުޅި އުމުރުވެސް ހޭދަކޮށްލާނެ އެވެ. 

ރަށަށް ފުރަން ތައްޔާރު ވިއިރު އާޒިމްވެސް އެގެއަށް އަތުވެއްޖެ އެވެ. އަޝްރަފް ކިޔެވުން ހުއްޓާލާފައި ދާތީ ވެސް މިހާރު އާޒިމް ދޭނެ ނަސޭހަތެއް ނެތެވެ. ދެން އާޒިމަށް ވެސް ރަނގަޅީ އަޝްރަފް އަވަހަށް އެތަނުން ދިއައީ އާއެވެ. އަޝްރަފާ ފަރީޝާ އަށް އެކޮޓަރި ދީގެން ހުންނާކަށް އޭނާވެސް ބޭނުމެއް ނޫނެވެ. 

އަޝްރަފް މެން ފުރުވަން އާޒިމް ވެސް ދިއައެވެ. ފަރީޝާ ދޯންޏަށް އެރުވުމަށް ފަހު އާޒިމް ދޯނީގައި ހުރެގެން އަޝްރަފް ދިއްކުރާ ފޮށިތަކުގައި ހިފަމުން ދިއައެވެ. ދެ ކަރުދާސް ފޮށިގަނޑު ދޯންޏަށް ލުމަށް ފަހު އަޝްރަފް ފަރީޝާގެ ދަބަސް އާޒިމްގެ އަތަށް ދިއްކޮށްލި އެވެ. ދެން އަޝްރަފް ތިރިވެލީ އަޝްރަފްގެ ފޮށި ނަގާށެވެ. އެވަގުތު އޭނާގެ ނަޒަރު ސީދާ ވެގެން ދިއައީ ދެންމެގައި ލެފި ދޯނިން އެއްގަމަށް ފޭބި އެރީތި ޒުވާނާ އަށެވެ. ފުރަގަހަށް އެނބުރި ހުރި ނަމަވެސް އެ ސޫރަ އަކީ އޭނާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. އެ ހަށިގަނޑުގެ ކޮންމެ ތަންކޮޅެއް އޭނާއަށް ވަނީ ދަސްވެ ބާވެފައެވެ. އެ ޒުވާނާ އަޝްރަފާ ދިމާއަށް އެނބުރިލި ވަގުތު އަޝްރަފްގެ ހަށިގަޑަށް އައި ލޮޅުމާއެކު ތެޅިގަނެވުނު ވަރުން އަތުގައި އޮތް ދަބަސް އަތުން ދުވެގެން ފަޅުތެރެއަށް ނުވެއްޓުނީ ހަމަ ކިރިޔާ އެވެ! 
(ނުނިމޭ)

ކޮމެންޓް 0