(11 ނޮވެމްބަރގެ އަދަދާ ގުޅޭ)

އަޝްރަފް ގޮސް އޮފީހަށް ވަންތަނާ ފޯނެއް ވެގެން ބަލާލި އިރު އެއީ އާޒިމެވެ. އަޝްރަފް ފޯނު ނުނަގަން ވެސް ހިތަށް އެރި އެވެ. ފަރީޝާއާ އާޒިމްގެ ކައިވެނީގެ ވާހަކަ އަޑު އަހާކަށް އަޝްރަފް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އާޒިމް ބުނާ އެއްޗެއް އަޑުއަހާ ނުލާ ވެސް ކެތެއް ނުވި އެވެ. ފޯނު ނެގުމުން އާޒިމް އެހީ މުޅީން އެހެން ވާހަކަ އެކެވެ. 

" ބޭބީ ރަޖިސްޓްރީ ކުރެވޭނީ ނަމެއް ކިޔައިގެންނުން...! ކޮން ނަމެއް ކިޔާނީ!"
އާޒިމް އަހާލި އެވެ. އަޝްރަފް ހިސާބަކަށް މަޑުޖެހިލި އެވެ. އެއީ ތެދެކެވެ. އަޝްރަފް އެކަން ވެސް ހަނދާން ނެތެވެ. އެކަމާ ވެސް އެއުޅެނީ އާޒިމެވެ. އެހެން ނަމަވެސް އަޝްރަފް މަސައްކަތް ކުރީ އެއީ އޭނާގެ އަތް ދަށުން ގޮސްފައިވާ ކަމެއް ކަމަށް ނަހަދާށެވެ.
" އަދި ލަހެއް ނުވޭނުން ތިކަމަކަށް....! އައިޝަތު ކުރިއަށް ލާފަ ދެން ކިޔާނެ ރީތި ނަމަކާ ދޭރެތޭ އެބަ ވިސްނަމޭ...!"

އަޝްރަފް އެހެން ބުނި ގޮތުން އަޝްރަފް ހުރީ މާ ހިތްހަމަ ޖެހިފައި ނޫންކަން އާޒިމަށް އެނގުނެވެ. އާޒިމް އެއްޗެއް ނުބުނެ ފޯނު ބޭއްވީ އެވެ. ފަރީޝާ ވެސް އެކަމާ މާ ބޮޑު ޝަކުވާ އެއް ނުކުރެ އެވެ. އަޝްރަފްގެ ދަރިޔަކަށް އަޝްރަފް ކިޔާނެ ނަމެއް ކިއުމުގެ ފުރުސަތު ދޭން ވާނެ އެވެ. 

ދަރިފުޅު ލިބުނީއްސުރެ އަޝްރަފަށް ކަމަކާ ދޭތެރޭ ރަނގަޅަށް ވިސްނާލެވޭ ވަރެއް ނުވެ އެވެ. ފަހަރަކު ކަމެއް އެބަ ޖެހެ އެވެ. ބޭބީގެ ބަލީގެ ކަންތަކުން ހިންދެމި ލެވުނު އިރު އަނެއް ކަންތައްގަނޑު މިއޮތީ އައިސް ލައިގަނެފަ އެވެ. އާޒިމާ ފަރީޝާ ދުރު ކުރުވާނެ ގޮތަކާއި ދޭތެރޭގައި ވިސްނުން ނޫން ކަމެއް މިހާރު އޭނާ އަކަށް ނުކުރެވެ އެވެ.

އެހެން ނަމަވެސް އެކަން ވީ ބޭކާރު ކަމަކަށެވެ. އަޝްރަފް ބަލަބަލާ ހުއްޓާ އާޒިމާ ފަރީޝާގެ ކައިވެނީގެ ތާރީޚު ކަނޑަ އެޅިއްޖެ އެވެ. އަންނަ މަހުގެ ހަތަކަށެވެ. އެ ތާރީޚަކީ ފަރީޝާގެ އިއްދަ ހަމަވާތާ ތިން ވަނަ ދުވަހެވެ. ފަރީޝާއަށް އެންމެ އަވަހަކަށް އެހެން މީހަކާ އިނދެވޭނީ ވެސް އެހާ އަވަހަކަށެވެ. ނިހާ އެ ވާހަކަ އަޝްރަފް ގާތުގައި ދައްކާ ކޮންމެ ފަހަރަކު ނޭގޭ ކަމަށް ހަދައިގެން އަޝްރަފް އޮޅުން ފިލުވަން ބޭނުން ހުރިހާ އެއްޗެއް އޮޅުން ފިލުވާލަ އެވެ. ނިހާ ބުނި ގޮތުގައި ކައިވެނީގެ ތާރީޚު ވީހާވެސް އަވަސް ކުރަން ފަރީޝާ ބޭނުން ވިއެވެ. އެހެން ނަމަވެސް ކޮންމެސް ސަބަބަކާ ހެދި މިހާރު ކަނޑައެޅުނު ތާރީޚަށް ވުރެ އަވަސް ކުރެވެން ނެތް ކަމަށް އާޒިމް ބުނާތީ އެ ތާރީޚަށް ހެދީ އެވެ. ނިހާގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އާޒިމްގެ ގޭގައި ފަރީޝާއަށް މިހާރު ކޮޓަރިއެއްވެސް ވަނީ ހުސްކޮށްފަ އެވެ. އާޒިމް ބޭނުން ވަނީ ކައިވެންޏަށް ފަހު ފަރީޝާ އާޒިމް ގެ ގެއަށް ދާށެވެ. އެކަން މާ ކުރީންވެސް އަޝްރަފަށް އިނގެ އެވެ. އާޒިމަށް ވާނަމަ ފަރީޝާ އަޝްރަފަށް ފެންނަ ހިސާބަށް އަޔަވެސް ނުދޭނެ އެވެ. ނިހާ އެވާހަކަ ބުނުމުން އަޝްރަފް އެކަމާ ކަން ބޮޑުވިކަން ނިހާއަށް އެނގުނެވެ.

" އެމީހުން އެގެއަށް ބަދަލު ވިއަސް ހާސް ވާކަށް ނުޖެހޭނެއޭ... އަހަރެން ބުނިން، އަހަރުމެން ބޭނުން އިރަކު ބޭބީ މިގެއަށް ގެނެވެން ވާނޭ...!"
ނިހާ ހީކުރީ އަޝްރަފް ކަންބޮޑުވީ އެކަމާ ހެދި ކަމަށެވެ.
އާޒިމާ ފަރީޝާގެ ކައިވެނި ގާތް ވީވީހެން ފަރީޝާގެ ހިތް ވެސް ނުތަނަވަސް ވަމުން ދިއަ އެވެ. އާޒިމަށް ހީވެފައި އޮންނާނީ އެކައިވެންޏާ ފަރީޝާ ރުހުނީ ނިހާގެ އެދުމަށް ކަމަށެވެ. އެވެސް އެއް ސަބަބެވެ. އެހެން ނަމަވެސް އެންމެ ބޮޑު ސަބަބަކީ އަޝްރަފް ނުރުހޭ ކަމެއް ކުރުމެވެ. އަޝްރަފްގެ އެ ހަސަދަވެރިކަން ބޮޑު ކުރުމެވެ. އޭގެ އިތުރުން ފަރީޝާވެސް މިހާރު ވަނީ ކޮންމެސް މީހެއްގެ އެހީތެރި ކަމަށް ބޭނުން ވެފަ އެވެ. އަބަދަކު އަޝްރަފްގެ ދަށު ވެގެނެއް ނޫޅެވޭނެ އެވެ. ފަރީޝާ އާޒިމާ ކައިވެނި ކުރިއަސް އެއީ ހަމަ އެކަނި އުޅެން ފަސޭހައަކަށް ކުރެވޭ ކައިވެންޏެކެވެ. އޭނާ ދުވަހަކުވެސް އަޝްރަފް ނޫން އެހެން މީހަކު ދެކެ ލޯތްބެއް ނުވާނެ އެވެ. އަޝްރަފްގެ ލޯތްބަކީ ދެން ދުވަހަކުވެސް އޭނާއަށް ލިބޭނެ އެއްޗެއް ނޫނެވެ. އަދި ދެން އެލޯބި ހޯދަން ވެސް އޭނާ މަސައްކަތެއް ނުކުރާނެ އެވެ. ވީއިރު ބޭކާރު ގޮތުގައި ދިރިއުޅުމުގެ ދުވަސް ތަކެއް ދުއްވާލުމަކީ މާނައެއް ނެތް ކަމެކެވެ. ކޮންމެ ގޮތެއް ވިއަސް ކޮންމެސް އެހެން މީހަކާ އިންނަން އެބަ ޖެހެ އެވެ. ނިހާ އެދޭ ގޮތަށް އެކަން ކޮށްދެވިއްޖެއްޔާ ފަރީޝާވެސް ހިތްހަމަ ޖެހޭނެ އެވެ. އެހެން ނޫނަސް އާޒިމަކީ އޭނާއަށް އެންމެ ހެޔޮ އެދުނު އިންސާނާ އެވެ. އޭނާގެ އެންމެ ދަތި އުނދަގޫ ދުވަސްތަކުގެ އެހީތެރިޔާ އެވެ. އާޒިމް އޭނާއަށް ނުޖެހުނު ކުލުނެއް ޖެހޭނެ އެހެން އިންސާނަކު މިދުނިޔެ އަކު ނުހުންނާނެ އެވެ.

ފަރީޝާއާ ދިމާއަށް އެއްޗެއް ބުނެލާނެ ފުރުސަތަކަށް ބަލަބަލާ ހުއްޓާ އަޝްރަފަށް އެފުރުސަތު ލިބުނީ ހަފްތާއެއްގެ ފަހުންނެވެ. ފަރީޝާ ބަދިގޭގައި އުޅެނިކޮށް އަޝްރަފް އައިސް ފަހަތަށް ހުއްޓުނުކަން އެނގުނެވެ. ފަރީޝާ ސަމާލު ކަމެއް ނުދޭ ކަމަށް ހަދައިގެން މަސައްކަތުގައި އުޅެމުން ދިއަ އެވެ.

" އަހަރެން ބުނިން ދޯ އާޒިމް ނޫން އެހެން މީހަކާ އިންނާށޭ!"
އަޝްރަފް އެހެން ބުނުމުންވެސް އަޑު އިވޭ ކަމަށް ނަހަދާ ފަރީޝާ މަސައްކަތާއިގެން ކުރިއަށް ދިއަ އެވެ. އަޝްރަފް ވަރަށް ހިތްހަމަ ނުޖެހުނެވެ. ފަހަކަށް އައިސް ފަރީޝާ މާ ގަދަވެގެން އުޅޭތީ އަޝްރަފް ވަރަށް ރުޅިއާދެ އެވެ. ފަރީޝާ އެއްޗެއް ބަލާ ފަހަތަށް ޖެހިލި ވަގުތު އަޝްރަފް ކުރިއަށް ޖެހިލާ ފަރީޝާގެ އަތުގެ މުލައްދަޑީގައި ބާރަށް ހިފާ އަޝްރަފާ ދިމާއަށް އަނބުރާލި އެވެ. އަޝްރަފް ދަމައިގަތްލެއް ބާރު ކަމުން ފަރީޝާ އެނބުރުނު ވަގުތު އަޝްރަފްގެ މޫނުގައި ފަރީޝާގެ މޫނު ނުޖެހުނީ ކިރިޔާ އެވެ. ކުއްލިއަކަށް އަޝްރަފް އެހެދި ގޮތަކުން ފަރީޝާ އަށް ވެސް ލިބުނީ ސިހުމެކެވެ.

އެއްޗެއް ބުނަން އަނގަ ހުޅުވާލި ގޮތަށް ހިމޭން ވެފައި ފަރީޝާގެ ދެލޮލަށް ބަލަން އަޝްރަފަށް ވެސް ހުރެވުނީ އެވެ. އެހާ ގާތުން އަޝްރަފް ފެނުމުން ފަރީޝާއަށްވެސް ވީ އެކަހަލަ ގޮތެކެވެ. ފަރީޝާގެ ނޭވާ އަވަސްވަމުން ދިއައީ ސިހުނު ވަރުން އެކަންޏެއް ނޫނެވެ. މަޑުމަޑުން އޭނާގެ އަތްފައި ފިނިވަމުން ދާކަން އިޙުސާސް ކުރެވުނެވެ. އަޝްރަފްގެ އެ ތޫނު ދެލޮލުން ފަރީޝާއަށް މާނަފުން ވާހަކަ ތަކެއް އަންގަމުން ދިއަކަން ކަށަވަރެވެ. އެއީ މީގެ ކުރީން ދުވަހަކުވެސް އެދެލޮލުން ފެނިފައިވާ އަސަރު ތަކަށް ވުރެ ފުން އަސަރު ތަކެކެވެ. އަޝްރަފް ފަރީޝާއަށް އެދެމުންދާ މިންވަރު އެ ދެލޮލުން ހާމަ ވަމުން ދިއަ އެވެ. އެ ބެލުމުގައި ވަނީ ދަހިވެތި ކަމެވެ. 

އެދެމެދުގައި ވަނީ ދެތިން އިންޗީގެ ދުރުމިނެވެ. އަޝްރަފްގެ އެ ތޫނު ދެލޮލުގެ ތެރެއަށް ގެބިގެންދާން ފަރީޝާ ބޭނުން ވިއެވެ. ހިނދު ކޮޅަކަށް ނަމަވެސް އަޝްރަފްގެ ބާރުގަދަ ދެއަތުގެ ހިމާޔަތް ލިބިއްޖެ ނަމަ ފަރީޝާގެ ރިހެމުންދާ ހިތަށް ޝިފާއެއް ލިބޭނެ އެވެ. މަޑުމަޑުން އަޝްރަފް ފަރީޝާއާ ގާތަށް ޖެހިލި އެވެ. ފަރީޝާގެ ނޭވާގެ މީރުވަސް ދުވާހާ ގާތަށެވެ. އަޝްރަފް އޭނާގެ މޫނު ފަރީޝާއާ ދިމާއަށް ގުދުކޮށްލީ ފަރީޝާ އިޖާބަދޭނެ ކަމުގެ ޔަގީން ކަމާއިއެކުގަ އެވެ. އެހެންނަމަވެސް އެވަގުތު ފަރީޝާ އަޝްރަފްގެ މޭގައި އަޅާ ކޮއްޕާލި އެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އަވަސް ނޭވާތަކެއް ބޭރަށް ދޫކުރަމުން ފަރީޝާ އަޝްރަފާ ދުރަށް ގޮސް ފުރަގަސް ދީގެން ހުއްޓުނެވެ.

" ހަމަ ހަގީގަތުގަވެސް ތީ ބޭވަފާ ތެރިއެއް...! އަހަރެން ރޮއި އާދޭސް ކުރި ދުވަހު ވަރަށް ދެރަވެ ދެރަވެފަ ކީންދޯ...އަހަރެންގެ އަންހެނުންނަށް ދައްކާނީ ކޮން މޫނެއްހޭ....! އަހަރެން ލޯބިވަނީ ނިހާ ދެކެއޭ....ލަދެއް ނުގަނޭތަ!"
ފަރީޝާގެ އަޑުގައި ވަނީ ރުޅިވެރި ކަމެވެ. އެއަޑު އިވިފައި އަޝްރަފަށް އިސްޖެހުނެވެ. ދުވަހަކުވެސް ފަރީޝާއަށް އެފަދަ އެއްޗެއް ބުނަން ކެރިދާނެ ކަމަކަށް އަޝްރަފް ހީވެސް ނުކުރެ އެވެ.

" އަހަރެން އަޝްރަފްގެ މީހެއްގެ ގޮތުގަ އިނދެ އަޝްރަފަށް ބޭނުންވި ދުވަހު، އަހަރެން މީ އިންސާނަކަށްވެސް ނަހަދާފަ، މިއަދު އެހެން މީހަކަށް އަހަރެން މުހިންމު ވެއްޖެހެން ހީވީމަ...ކޮން ފާޑަކަށް ތިއުޅެނީ...!"
ފަރީޝާގެ އެވާހަކަ ތަކުގެ ސަބަބުން އަޝްރަފް ލަދުގަނެއްޖެ އެވެ. ދެންމެގައި އެ އުޅެވުނު ގޮތާއި ދޭތެރޭ ލަދުވެތިވެ އެތަނަށް އާދެވުނު މޮޔަވެސް ހިތަށް އަރައިފި އެވެ. 

" އަހަރެން އިންނާނެ މީހަކު އިނގޭނީ އަޝްރަފަކަށް ނޫން.... އަހަރެން އިންނަން ބޭނުން މީހަކާ އަހަރެން އިންނާނީ!"
ފަރީޝާ އެހެން ބުނުމުން އަޝްރަފް ހިތްހަމަ ނުޖެހުނެވެ.
" މައްސަލައެއްނެތް... ދަރިފުޅު ބާއްވާފަ ދާތި!"
ނުރުހިފައި ހުރެ އަޝްރަފް މަޑުމަޑުން ބުންޏެވެ. 

ފަރީޝާ އަޝްރަފާ ދިމާއަށް އެނބުރިލީ ޙައިރާން ކަމާއި އެކުގަ އެވެ. އަޝްރަފަކީ އޭނާ ހީކުރި ކަހަލަ މީހަކަށް ނުވި އެވެ. ހުރިހާ ގޮތަކުންވެސް ފަރީޝާ އުއްމީދު ކުރި ގޮތާ އަޝްރަފް ތަފާތެވެ. މިއަދު އަޝްރަފް ދަރިފުޅު އަތުލަން އެއުޅެނީ ފަރީޝާއަށް ޖެއްސުމަށެވެ.

" އެންމެ ރަނގަޅު!"
ފަރީޝާ އަޝްރަފާ ހަތަރުކަޅި ހަމަކޮށްލި އެވެ.
" ބާއްވާފަދާނީ....!"
އެހާ ފަސޭހައިން ފަރީޝާ އެއްބަސް ވީތީ އަޝްރަފް ޙައިރާން ވިއެވެ. ދަރިފުޅު ދޫކޮށްލާފަވެސް އާޒިމް ކައިރިއަށް ފަރީޝާ ދާން ބޭނުންވާހާ އާޒިމް މުހިންމު ވީތީ އަޝްރަފް އިތުރަށް ރުޅިގަދަވި އެވެ. އަޝްރަފް އެއްޗެއް ނުބުނެ ދާން ހިނގައިގަތެވެ. އެހެން ނަމަވެސް ފަރީޝާގެ އަޑުއިވުމުން ހުއްޓެވިއްޖެ އެވެ.

" ދަމުން ނިހާ ކައިރީގަ ބުނާނަން.... އަޝްރަފްގެ ދަރިއެއްވީމަ ބާއްވާފައޭ މި ދަނީ...!"
އަޝްރަފް އެނބުރި ފަރީޝާގެ މޫނަށް ބަލާލިއިރު އޭނާގެ ދެލޯ އަނގުރު ކޮޅެއް ފަދަ އެވެ. ފަރީޝާވެސް ރުޅި އައިސްފައި ހުރި ވަރު ކުޑައެއް ނޫނެވެ. ގަދަ ރުޅީގެ ސަބަބުން މޫނުމަތި ރަތްވެ، ހިސާބަކަށް ތުރުތުރު އަޅަމުން ދިއަ ނަމަވެސް ފަރީޝާގެ ތުންފަތް މަތީގައި ވަނީ ހިނިތުން ވުމެއްގެ އަސަރެވެ.

" އެގޮތް އެންމެ ރަނގަޅެއްނުން؟"
އެ ވިހަ ހިނިތުން ވުމުގެ ސަބަބުން އަޝްރަފްގެ އެތެރެ ހަށި އަނދައިގަތެވެ. އެހެން ނަމަވެސް އޭނާ އަކަށް ބުނެވޭނެ އެއްވެސް އެއްޗެއް ނެތެވެ. ބާރަށް ހިނގާފައި އޭނާ އެތަނުން ނުކުމެގެން ދިއައީ އެވެ. 

ފަރީޝާއާ އާޒިމްގެ ކައިވެނީގެ ދުވަސް އައިސް ޖެހިއްޖެ އެވެ. ފަރީޝާ ކަންތައް ކުރީ އަޝްރަފަށް އެންމެ އުނދަގޫވާ ގޮތަށެވެ. ކައިވެނި ކުރަން ނިންމީވެސް ނިހާގެ ގޭގަ އެވެ. ކައިވެނީގެ މަޖިލީހުގައިވެސް އަޝްރަފަށް އިންނަން ޖެހުނެވެ. އަޝްރަފަށް ވެފައިވާ މަޖުބޫރާ ދޭތެރޭގައި އާޒިމްވެސް ދެރަވި އެވެ. އެހެން ނަމަވެސް ހިތުގެ އަޑިން ހިނިތުން ވެލެވެއެވެ. އަޝްރަފް މިއަދު ކުރިމަތިލާން ޖެހިފައި އެވަނީ އޭނާ ނިހާ އަށާއި ފަރީޝާއަށް ވި ބޭވަފާތެރި ކަމުގެ ބަދަލެވެ. ކައިވެނީގެ މަޖިލިސް ނިމުމުން ފަރީޝާއާ ބޭބީ ގޮވައިގެން އާޒިމްމެންގެ ގެއަށް ދާންވެސް، އަޝްރަފަށް ޖެހުނެވެ. ހުރިހާ ކަމެއްގައި ނިހާއާ އެކު އަޝްރަފް ބައިވެރި ވާން ޖެހުނެވެ. ކިތަންމެ އުނދަގޫވިއަސް، ލަދުގަތަސް، އަދި ނުގަބޫލު ވިއަސް ގަދަ ހެދޭކަށް ވެސް ނެތެވެ. އެންމެ ލަދު ގަންނަނީ އާޒިމްގެ ކުރިމަތީގައި ކުޑަވާން ޖެހުނީ ތީއެވެ. ހިތާހިތުން އާޒިމް ކުރާނެ މަލާމާތް ހިތަށް އަރާތީ އެވެ. 

ފަރީޝާއާ ދަރިފުޅު އާޒިމްގެ ގެއަށް ލާފައި އައި ގޮތަށް އަޝްރަފް އޮށޯތީ ނިދާށެވެ. ނިހާ ހީކުރީ ބޭބީ ގެންދިއައީމައި އަޝްރަފް މާ ބޮޑަށް ދެރަވީ ކަމަށެވެ. އެހެން ނަމަވެސް ލޯމަރާ ލައިގެން އޮތް އަޝްރަފްގެ ސިކުނޑީގައި ވަނީ މުޅީން އެހެން ޚިޔާލު ތަކެކެވެ. މިހާރު ފަރީޝާ ކުރާނީ ކީއްބާއެވެ! ކޮޓަރިތެރޭގައި އެދެމީހުން މިވަގުތު އުޅޭނީ ކޮން ކަމަކާއިގެން ބާއެވެ! އާޒިމަށް ފަރީޝާ ފެންނަ ވަގުތު މޮޔަވާނެ އެވެ! ފަރީޝާއަށް އާޒިމް ކަމުދާނެ ބާއެވެ! މިއީ އަޝްރަފްގެ ސިކުނޑީގައި ގިނަވަމުން ދިއަ ސުވާލުތަކުން ބައެކެވެ.

ފަރީޝާއާ އާޒިމާ ދޭތެރޭގައި މިވަގުތު ކަންތައް ހިނގަމުން ދިއައީ އަޝްރަފް ސިފަ ކުރި ގޮތަކަށް ނޫނެވެ. އާޒިމް ފަރީޝާ ދެކެ ކިތަންމެ ލޯބިވި ނަމަވެސް ފަރީޝާ އާޒިމާ ކައިވެނި ކުރީ މާ ބޮޑު ލޯތްބެއް ވެގެން ނޫންކަން އާޒިމަށް އިނގެއެވެ. އެހެން ކަމުން އާޒިމް ނިންމާފައި އޮތީ ފަރީޝާ އަށް ވަގުތު ދޭށެވެ. އެއްވެސް ކަމެއް ފަރީޝާއަށް މަޖުބޫރު ވާކަށް އާޒިމް ބޭނުމެއް ނޫނެވެ. ފަރީޝާ އަކީ އާޒިމްގެ ދިރި އުޅުމުގެ ބާކީ ބައި އެމީހަކާއި އެކުގައި ހޭދަ ކުރަން ނިންމާފައި ވާ މީހާ އެވެ. އެހެން ކަމުން ފަރީޝާގެ ކޮންމެ އިޙުސާސަކަށް، ކޮންމެ އެދުމަކަށް އާޒިމް ޤަދަރު ކުރާނެ އެވެ. 

އާޒިމާ ފަރީޝާ އެނދުގައި އޮށޯވެލައިގެން ތިއްބެވެ. ދެމީހުންގެ މެދުގައި ލޯބިލޯބި ދަރިފުޅު ބާއްވާލައިގެން ތިބިއިރު ހީވަނީ އެ ދެމަފިރީން ގެ ކައިވެންޏަށް ޒަމާންގަނޑެއް ވެފައި ވާހެންނެވެ. އާޒިމް އޭނާގެ މާޒީގެ ވާހަކަތައް ކިއައި ދެމުން ދިއަ އެވެ. އެކި އަންހެން ކުދީންނަށް އޭނާ ކުރި ގޯނާއާ ކޮށްފައިވާ ލާނަތް ކަންތަކުގެ ވާހަކަތައް ކިޔާދެމުން ދިއައިރު ފަރީޝާ އޮތީ ހީހީ ބަލި ވެފަ އެވެ. އާޒިމްގެ ވާހަކަ ތައް އަޑުއަހަން އޮއްވާ އިރުއެރި އިރުވެސް ނޭގުނެވެ. 

އިރު އަރަންދެން އެނދުގައި ފުރޮޅިފައި ފަތިސް ވުމުން އަޝްރަފް ތެދުވި އިރުވެސް އޭނާގެ ސިކުނޑީގައި ވަނީ ހަމަ އެ ޚިޔާލެވެ. ރެއަކީ ފަރީޝާއަށް ތާރީޚީ ރެއަކަށް ވާނެ އެވެ. ފަރީޝާދެކެ ލޯބިވާ މީހެއްގެ ފަރާތުން ލޯބި ލިބޭ އިރު އަޝްރަފާ އެކުގައި ހޭދަވި ރެއަށް ވުރެ ފަރީޝާއަށް ހިތްހަމަ ޖެހުން ލިބޭނެ އެވެ. އެހެން ނޫނަސް ހުރިހާ ގޮތަކުން އަޝްރަފަށް ވުރެ ކަމުދާ މީހަކަށް ވާން އާޒިމް މަސައްކަތް ކުރާނެ އެވެ. އަދިވެސް އަޝްރަފްގެ ހިތް މައިތިރި ވާ ގޮތެއް ނުވެ އެވެ. ހަސަދައިގެ އަލިފާންގަނޑު ރޯވެފައި ވަނީ މާ ގަދަ އަކަށެވެ. ވާނީވެސް އެހެންނެވެ. މި ހުރިހާ ދުވަހު ފަރީޝާ އައީ އަޝްރަފް ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ދަޢުވާ ކުރަމުންނެވެ. ކުއްލިއަކަށް އެހެން މީހަކާ ކައިވެނި ކުރަން ފަރީޝާއަށް ރުހެވުނީ އެވާހަކަ ތަކުގެ އެއްވެސް ޙަޤީޤަތެއް ނެތީމަ އެވެ. މިހާރު އަޝްރަފަށްވެސް ޤަބޫލު ކުރެވޭ ގޮތުގައި ފަރީޝާއާ އާޒިމްގެ އެގުޅުމަކީ މާ ކުރީއްސުރެ އޮތް ގުޅުމެކެވެ. އެކަން އެމީހުން އަޝްރަފަށް ސިއްރު ކުރީ އެވެ. މިވަގުތު ފަރީޝާއާ ދިމާއަށް ހަމައެކަނި އެހެން ބުނެލެވުނަސް އަޝްރަފްގެ ހިތްހަމަ ޖެހޭނެ އެވެ. 

އަޝްރަފް ފަރީޝާގެ ފޯނަށް ގުޅާލި އެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ފަރީޝާއަށް ގުޅާނުލާ އޭނާގެ ހިތްހަމަ ޖެހޭ ގޮތެއް ނުވި އެވެ. ފޯނު ރިންގްވާތާ އިރުކޮޅެއްގެ ފަހުން ފޯނު ނެގީ އާޒިމެވެ. އަޝްރަފް ބުނާނެ އެއްޗެއް ނޭގިފައި ކުޑަކޮށް އާގަންނަ ގޮތްވެސް ވިއެވެ.

" މީ... ބޭބީއަށް ކިއާނެ ނަމެއް ހޯދައިފިން...!"
އަޝްރަފް ބުނެލި އެވެ. ކުއްލިއަކަށް އެހެން ވާހަކައެއް އަޝްރަފްގެ ހަނދާނަށް އައިކަން ނަސީބެވެ.
" ކިޔާނީ އައިޝަތު އިޝާ...! އިޝާ ކިޔާ!"
" އަނ ރަނގަޅު!"
އެހެން ބުނުމާއި އެކު އާޒިމް ފޯނު ކަނޑާލައިފި އެވެ. 

" އިޝާ! އިޝާ!"
ޑޮކްޓަރ އިޝާ އޭނާގެ ނަން ތަކުރާރު ކޮށްލި އެވެ. އެ ޑައިރީގައި އެބުނާ ކުޑަ ދަރިފުޅަކީ އޭނާ އެވެ. އެކަން އޭނާއަށް ޔަޤީން ވެއްޖެ އެވެ. އެހެން ނަމަވެސް ދަރިއެއްގެ ދިރިއުޅުމުގެ އެންމެ މުހިންމު ޙަޤީޤަތް މިހާރު އޭނާއަށް އެވަނީ އޮޅިފަ އެވެ. މިހުރިހާ ދުވަހު އޭނާ ބައްޕައެއްގެ ސިފައިގައި ދެކެމުން އައި އިންސާނާ އަކީ އޭނާ އަށް ބީރައްޓެއްސެކެވެ. އަދި އެންމެ ހިތި ޙަޤީޤަތަކީ އެއީ އެއްވެސް ނޫނެވެ. ޙަޤީޤަތުގައި "ބައްޕަ" މި ލަފްޒު ވެސް އެއީ އޭނާގެ ދިރި އުޅުމުގައި ވާއެއްޗެއް ނޫނެވެ. އިޝާ ލޯ މަރާލުމާއި އެކު އޭނާގެ ދެލޮލުން ކަރުނަ އޮހިގަތެވެ. އޭނާ ޤަބޫލު ކުރި ގޮތުގައި އޭނާއަކީ ވަރަށް ތޯހިރު ޤަދަރު ވެރި އަންހެނެކެވެ! އެހެން ނަމަވެސް މިއަދު އޭނާގެ ކުރިމަތީގައި އޭނާގެ އަމިއްލަ ނަފްސްގެ ވެސް އަގު ވެއްޓިއްޖެ އެވެ. އޭނާއަކީ ބައްޕަ ނެތި އުފަން ވެފައިވާ ކުއްޖެއް ކަމަށް ޤަބޫލު ކުރާކަށް އަދިވެސް އޭނާ ބޭނުމެއް ނޫނެވެ. 

ސިހިގެން ދިއައީ ގޭގެ ބެލް ޖަހާލި އަޑަށެވެ. މިވަގުތު ގެއަށް އެއައި މެހުމާނަކީ ކާކުތޯ ބަލާލުމުގެ ޝައުގުވެރިކަން އިޝާގެ ހިތުގައި ބޮޑުވެގެން ދިޔައީ ކީއްވެ ކަމެއް ޚުދު އިޝާ އަކަށް ވެސް ނޭގުނެވެ. ސިޓިންރޫމްގެ ތެރެއަށް ހުރި ބެލްކަނީ އަށް ނުކުމެ ތިރި ބަލާލި ވަގުތު ގޭގެ ދޮރު ހުލުވާލާފައި އެތެރެއަށް ފިޔަވަޅު އަޅާލި މީހާ ފެނުމުން އިޝާއަށް ބެލްކަނީގެ ދަގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. 
(ނުނިމޭ)

ކޮމެންޓް 0