(20 ސެޕްޓެމްބަރގެ އަދަދާ ގުޅޭ)
ފަރީޝާ އެ ރިޕޯޓް ހުޅުވާ ބަލާލި އެވެ. އެއާއި އެކު އޭނާ ބިރުން ތުރު އަޅައިގަތެވެ. ފަރީޝާއާ ދިމާއަށް ހިނގާފައި އައި އަޝްރަފް އާޒިމަށް ފެނުނެވެ. އަޝްރަފަށް އެއާދެވުނީ ރަނގަޅު ވަގުތެއްގަ އެވެ. ފަރީޝާގެ އަތުން އަޝްރަފް އެ ރިޕޯޓް އަތުލީ އެއްވެސް ހާސްކަމެއް ނެތި އެވެ. ރިޕޯޓް ފެނުމާއެކު އޭނާއަށް ލިބުނީ ސިހުމެކެވެ. ފަރީޝާ ބަނޑުބޮޑު ވީއެވެ. ގަބޫލު ކުރަން ދަތި ވެފައި އޭނާއަށް ހުރެވުނެވެ. އެހާ އަވަހަށް އެހާ ފަސޭހައިން އެކަން ވެދާނެ ކަމަށް ގަބޫލު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާއާ ނިހާ ދަރިއަކު ހޯދަން މަސައްކަތް ކޮށްކޮށް މިހާރު މާޔޫސް ވާ ހިސާބަށް ވަނީ ގޮސްފަ އެވެ. އަޝްރަފްގެ ނިއްކުރިމަތީން ދާ ތިކިތައް ފާޅުވާން ފަށައިފި އެވެ. އޭނާގެ މޫނު މަތީން ފެންނާނެ އަސަރު ތަކަކަށް ބަލަން ފަރީޝާ ހުއްޓެވެ. އަޝްރަފް ކައިރީގައި ހުރި ގޮނޑީގައި އިށީނދެލި އެވެ.
މިވަގުތު އޭނާއަށް ކުރެވެމުން ދިއައީ ކޮންކަހަލަ އިޙުސާސެއް ކަމެއް ބުނެދެން އޭނާއަށް ވެސް ނޭގެ އެވެ. ދަރިއަކު ކިތަންމެ ހާވެސް ބޭނުމެވެ. އެހެން ނަމަވެސް ފަރީޝާ އަކަށް ނޫނެވެ. މީގެ ކުޑައިރުކޮޅެއްގެ ކުރީން އޭނާ އުއްމީދު ކުރަމުން އައީ ކުރިއަށް އޮތް ދެ ގަޑިއެއް ހާއިރުގެ ތެރޭގައި އޭނާގެ ހުރިހާ ހާސް ކަމެއް ފިލައިގެން ގޮސް އަނެއްކާވެސް އޭނާ ކުރީގައި އުޅުނު އުފާވެރި ދިރިއުޅުމަށް ރުޖޫއަ ވެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ތަޤުދީރުގައި ވަނީ އެގޮތެއް ނޫނެވެ.
އާޒިމް އެތެރެއަށް ވަދެ އަޝްރަފްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެލިއެވެ. އަޝްރަފް ކޮންމެސް ގޮތެއް ނިންމަން އާޒިމް މިއަދު ބޭނުމެވެ. އަޝްރަފްގެ މަސައްކަތަކާ ހަވާލުވެގެން ހުންނާކަށް ދެން އޭނާ ބޭނުމެއް ނޫނެވެ.
"ކިހިނެއް ހަދާނީ!"
އެ ހަމަހިމޭންކަން ފޫދުއްވާލި އާޒިމެވެ. އާޒިމް އިނީ އުފަލަކުން ނޫނެވެ. އޭނާއަށް އޮތް ކުޑަކުޑަ އުންމީދުވެސް މުޅީން ނެތިގެން ހިނގައްޖެ އެވެ. ފަރީޝާ ދެކެ ކިތަންމެ ލޯބި ވިއަސް ދެން އޭނާ ބޭނުން ވަނީ ފަރީޝާއާ ދުރަށް ދާށެވެ. ބޭކާރު ގޮތެއްގައި ދުވަސްތައް ވޭތު ކުރާކަށް އޭނާ ބޭނުމެއް ނެތެވެ.
"ކިހިނެއް ހެދޭނީ؟"
އަޝްރަފް އިސް އުފުލާ އާޒިމަށް ބަލާލި އެވެ. ފަރީޝާ ހުރީ އަޝްރަފް ބުނާއެއްޗެއް އަޑު އަހާށެވެ. ނޭގޭ ބިރެއްގެ ސަބަބުން އޭނާގެ ހިތް ބާރަށް ތެޅެމުން ދިއަ އެވެ.
"ބޭނުން ނެތިއްޔާ ސަލާމަތް ވެވިދާނެ!"
ފަސޭހަ ކަމާއެކު އާޒިމް ބުނެލި އެވެ. އަޝްރަފް ފަރީޝާއަށް ބަލާލި އެވެ. ފަރީޝާގެ މަޢުޞޫމް މޫނުމައްޗަށް ވެރިވެގެން ދިއަ ކުލަވަރު އަޝްރަފަށް ފާހަގަ ކުރެވުނެވެ. އަޝްރަފް ފުން ނޭވާއެއް ދޫކޮށްލިއެވެ. ހަދާނެ ގޮތެއް އޭނާ އަކަށް ނޭގެ އެވެ. މިއަދު އެ ރިޕޯޓަކީ ނިހާގެ ރިޕޯޓެއް ނަމަ އަޝްރަފް ވަރުގެ ނަސީބު ވެރިއަކު ދުނިޔޭގައި ނެތް ކަމަށް އަޝްރަފް ގަބޫލު ކުރާނެ އެވެ.
" ގޮތެއް ނިންމާނީ ފަރީޝާ"
އަޝްރަފް ފަރީޝާއާ ހަތަރު ކަޅި ހަމަ ކޮށްލަމުން ބުންޏެވެ. ފަރީޝާ އިސް ޖަހާލި އެވެ. ބުނާނެ އެއްޗެއް އޭނާ އަކަށް ނޭގެއެވެ. އޭނާގެ ދިރިއުޅުމަކީ އޭނާއަށް ބާރު ފޯރުވޭ އެއްޗެއް ނޫނެވެ. ހަގީގަތުގައި އެބުރަ އަޝްރަފަށް ޖައްސާކަށް ނުވެސް ވާނެއެވެ.
އެހެން ނަމަވެސް މާތް ﷲ ނުރުއްސަވާ ކަމެއް ކުރަން އޭނާ ބިރު ގަނެއެވެ. ކިތަންމެ ބިރުގަތަސް މީހެއްގެ އެހީއާ ނުލާ އޭނާއަށް ދަރިއަކު ބެލުމަކީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.
"ބޮޑު ފާފައެއް!"
ފަރީޝާއަށް ބުނެވުނީ އެހެންނެވެ. އޭނާ ހީކުރީ އަޝްރަފް ރުޅިއަންނާނެ ކަމަށެވެ. އެހެން ނަމަވެސް ފަރީޝާއާ އެއްބަސް ވުމުގެ ގޮތުން އަޝްރަފް ބޯ ޖަހާލި އެވެ.
"އެކަމަކު ފަރީޝާ ވާން ޖެހޭ ގުރުބާނީ ވަރަށް ބޮޑު، އެކަނިމާ އެކަނި ދަރިއަކު ބެލުމަކީ ބޮޑު ކަމެއް. އަހަރެން ނަށް މާ ބޮޑު އެހީއެއް ވެވޭނެ ހެން ހިއެއް ނުވޭ!"
ފަރީޝާގެ ހިތަށް ކިތަންމެ ތަދު ވިއަސް ތެދު ތެދަށް ވާހަކަ ދެއްކުމަކީ އަޝްރަފްގެ ހުންނަ ރަނގަޅު ސިފައެއްކަން ފަރީޝާ ގަބޫލު ކުރެއެވެ.
އަޝްރަފް މާ ގިނަ ވާހަކައެއް ފަރީޝާއަކާ ނުދައްކަ އެވެ. އޭނާ އާޒިމް ގޮވައިގެން ނުކުތީ ބޭރަށެވެ. އާޒިމް ގާތުގައި އަޝްރަފް އެދުނީ އާޒިމަށް ވާނަމަ އެރަށުގައި ވީހާވެސް ގިނަ ދުވަހު މަޑުކޮށް ދިނުމަށެވެ. ރަށު މަދަރުސާއިން ޓީޗަރެއްގެ މަޤާމުވެސް އާޒިމަށް ހޯދާދޭން މަސައްކަތް ކުރެވިދާނެ ކަމަށް އަޝްރަފް ބުންޏެވެ. އެހެންނަމަވެސް މިހާރު އާޒިމް އެ ރަށުގައި ހުންނަ ހިތެއް ނެތެވެ. އަޝްރަފް ފަރީޝާ ދޫކޮށްލާފައި ނިހާއާ އެކުގައި ދިއުމުން ފަރީޝާއާ އެކުގައި އެރަށަށް އާޒިމް އައީ އަޝްރަފަށް ޓަކާ ކަމަށް ހީވަންޏާ އަޝްރަފަށް އެހެރީ ވަރަށް ބޮޑަށް އޮޅިފަ އެވެ. އަޝްރަފް ކަހަލަ އަމިއްލަ އެދުން ބޮޑު މީހަކަށްޓަކައި އޭނާ އެއްވެސް ކަމެއް ކޮށްދޭ ހިތެއް ނެތެވެ. އާޒިމް އަޝްރަފަކަށް ޖަވާބެއް ނުދެ އެވެ. އޭނާގެ ދިރި އުޅުމާއި ދޭތެރޭގައި ނިންމާނެ ގޮތެއް އިނގޭނީ އޭނާ އަށެވެ.
އާޒިމާއި އެކުގައި އަޝްރަފް ބޭރަށް ނުކުތުމުން މޫނު ދޮވެލާ ރީތި ވެލައިގެން އަޝްރަފް ގެ އިންތިޒާރުގައި ފަރީޝާ އިނެވެ. މާގިނައިން ފަރީޝާއާ ބައްދަލު ކުރަން އެރަށަށް ނާދެވުނަސް ފަރީޝާގެ ޝަކުވާއެއް ނެތް ކަމަށް ބުނެ އަޝްރަފްގެ ހިތް ހަމަޖައްސާދޭން ފަރީޝާ ބޭނުން ވިއެވެ. ފަރީޝާ އަޝްރަފްގެ ކައިރިން އެދޭ އޮތީ އެންމެ އެދުމެކެވެ. އަންބެއްގެ ގޮތުގައި އޭނާ އިނަ ދިނުމެވެ.
އިރު އޮއްސި އަނދިރި ވި އިރުވެސް އަޝްރަފާ އާޒިމް ކުރެ އެކަކުވެސް ގެއަށް ނާދެ އެވެ. އެންމެ ފަހުން ލަސްވެގެން ފަރީޝާ ގުޅާލީ އާޒިމަށެވެ. އަޝްރަފާ ގުޅާލާކަށް ނުކެރުނެވެ. އާޒިމް ބުނީ މެންދުރެއް ހާއިރު ރަށަށް ކައިރި ކުރި ލޯންޗެއްގައި އަޝްރަފް ފުރައިގެން މާލެ ދިއަ ވާހަކަ އެވެ.
ފަރީޝާ އެނދުމައްޗަށް ވެއްޓި އޮވެ އެތަށް އިރެއް ވަންދެން ރުޔެވެ. ހިތާމަ ކޮށްކޮށްވެސް އެހިތް އާދަވާ ގޮތެއް ނުވި އެވެ.
އިޝާ ނަމާދުން ފައިބައިގެން އާޒިމް ގެއަށް އައި އިރުވެސް ފަރީޝާ އޮތީ އެނދުގައި އޮށޯވެ އެވެ. އަޝްރަފް މިއަދުވެސް ކަންތައް އެކުރި ގޮތުން ފަރީޝާ ހިތުގައި ޖެހޭނެ ވަރު އާޒިމަށް އެނގުނެވެ. އަޝްރަފްގެ ކަމަކީ ފަރީޝާއަށް ފަރީޝާގެ ނިކަމެތި ކަން އިޙުސާސް ކޮށްދިނުމެވެ. އާޒިމް އަޝްރަފް ދެކެ އެންމެ ރުޅި އަންނަނީ އެ ސަބަބަށް ޓަކައެވެ. މަޖުބޫރު ވެފައިވާ އަންހެނެއްގެ ހިތުގައި ޖައްސައިގެން އޭނާއަށް ވަނީ ކޮން ފައިދާއެއް ހެއްޔެވެ!
ފަރީޝާއާ ދޭތެރޭ ކަންތައް ވަމުން ދާ ގޮތާ ދޭތެރޭގައި އަޝްރަފް ވެސް ހިތާމަ ކުރެއެވެ. އެހެން ނަމަވެސް އޭނާ އަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ! އޭނާގެ އިޚުތިއާރުގައި އެއްވެސް ކަމެއް ނެތެވެ. ޚުދު އޭނާއަކީ ވެސް މަޖުބޫރު ވެފައިވާ އިންސާނެކެވެ. ކޮންމެ ގޮތެއް ވިއަސް ކުށެއްނެތް ނިހާ ގެ ދިރި އުޅުން ހަލާކު ކޮށްލާކަށް އޭނާއަކަށް ކުޅަދާނައެއް ނުވާނެ އެވެ. އެހެން އަންހެނަކަށް އަޝްރަފް ގެ ދަރިއަކު ލިބޭކަން އިނގޭ ދުވަހަކުން ނިހާއަށް ވާނެ ގޮތަކާއި ދޭތެރޭ އަޝްރަފް އިންތިހާ އަށް ބިރުގަނެ އެވެ.
ރަޒީނާއަށް އަންނަމުންދާ ބަދަލު ހަސީނާއަށް ގާތުން ފެންނަމުން ދިއަ ނަމަވެސް ރަޒީނާ ގާތުގައި އެވާހަކަ ދައްކާކަށް ހަސީނާ އަކަށް ނުކެރެ އެވެ. ފަހަކަށް އައިސް ރަޒީނާ ހުންނަނީ ވަރަށް މަޑުން ނެވެ. ގިނަ ވަގުތު އޮންނަނީ ކޮޓަރި އަނދިރި ކޮށްގެން އެނދުގައި އޮށޯވެ އެވެ. ރޭގަނޑުގެ ގަޑީގައި ގޭތެރޭން ރަޒީނާ ގެ ހަޅޭކުގެ އަޑު އިވެ އެވެ. ރޮއި ހޭރޭ އަޑު އިވެ އެވެ. ލަދުން ބޯ ފަޅައިގެން ދާ ކަހަލަ އަޑުއަޑު އިވޭ ވަގުތުވެސް ދެއެވެ. ރަޒީނާގެ ގައިގެ ތަންތަން ގަނޑު ރަތްވެފައި ހުންނަ ތަން ފެންނަނީ މަދެއް ކޮށް ނޫނެވެ. ހަސީނާ ހުރީ ހަދާނެ ގޮތް ހުސްވެފަ އެވެ. ސިއްރުން، ގޭން ނުކުމެގެން ދާން ދެފަހަރަކު މަސައްކަތް ކޮށްފި އެވެ. އެހެން ނަމަވެސް އެކަން ވާގޮތެއް ނުވި އެވެ. ރަޒީނާއަށް ސިއްރުން އެއްކަމެއްވެސް މިހާރު ނުކުރެވެ އެވެ.
ރަޒީނާ ސިޓިންގް ރޫމްގައި އިންތަން ފެނިގެން ހަސީނާ ރަޒީނާ ކައިރިއަށް ހުއްޓުނީ ވާހަކަ ދައްކާލަން ކަމަށެވެ. މިއަދު ރަޒީނާ ފެންނަނީ ތަންކޮޅެއް އާދައިގެ ގޮތަކަށެވެ. ހަސީނާ ބޭނުން ވަނީ ރަޒީނާއާ ވާހަކަ ދައްކައިގެން ސައްތާރުބޭ ކައިރި އަށް ގޮސް ކޮންމެ ވެސް އެހެން ގޮތެއް ވޭތޯ ބަލާށެވެ.
"ކައިފިންތަ؟"
ހަސީނާ ދުރުދުރުން ވާހަކަ ފެށި އެވެ. ރަޒީނާ ބޯ ޖަހާލި އެވެ. އޭނާ އިނީ ޓީވީއަށް ގެއްލިފަ އެވެ. ބައެއް ފަހަރު އާންމު އިންސާނުން އުޅޭ ގޮތަށް ރަޒީނާ އުޅުނު ކަމުގައި ވިއަސް މިހާރު އެ މަންޒަރު ފެންނަނީ މަދު ފަހަރަކު އެވެ. މިއީ އޭނާ އެ ޖިންނީގެ ކިބައިން ސަލާމަތް ވެފަވާ ވަގުތެއްހެން ހީވެ އެވެ. މިކަހަލަ ދަޑިވަޅަކަށް ބަލަބަލާ ހުރި ހަސީނާ ފުރުސަތުގެ ބޭނުން ހިފަން މަސައްކަތް ކުރިއެވެ.
"މަންމަ ބުނީ ހިނގާބަލާށޭ..."
ވަރަށް އޮގާތެރި ރާގަކަށް އެހެން ބުނަމުން ހަސީނާ ރަޒީނާގެ ކައިރީގައި އިށީންނަން އުޅެނިކޮށް އަވަސް އަވަހަށް ރަޒީނާ އަތް އުފުލާލި އެވެ.
"ތިތާ ނީށީން ނައްޗޭ!"
އަވަހަށް ބުނަން ހަދައިގެން ރަޒީނާއަށް ބުނެވުނީ ވެސް ތަންކޮޅެއް ބާރަށެވެ.
"ކިހިނެއްވީ؟"
ހިސާބަކަށް ހައިރާންވެފައި ހަސީނާ އެހި އެވެ.
"ތިތާ އެބައިން މީހަކު!"
ހަސީނާ ރޫރު އަޅައިގެން ދިއައެވެ. ބިރުން ދެލޯ ބޮޑުވެފައި އޭނާއަށް ހުރެވުނީ އެވެ.
"ހުނ..ކިޔާބަލަ..!"
ރަޒީނާއަށް މާ ބޮޑު ކަމެއްހެނެއް ހިއެއް ނުވެ އެވެ. އޭނާ މަންމަ ދައްކާ ވާހަކަ އަޑުއަހާލަން އުޅުނެވެ.
"މަ...މަ ބުނީ...ނުބުނަން.. އެއްޗެކޭ!"
ހަސީނާ އެހެން ބުނިތަނާ ރަޒީނާ ފުންމައިގެން ތެދުވީ ވަރަށް ބާރަށެވެ. އެތެދުވި ގޮތަށް ތެދުވެ އޭނާ ހިފީ ހަސީނާގެ ކަރުގަ އެވެ. ލިބުނު ސިހުމާ ވީ ތަދުން ހަސީނާއަށް ލޯމަރާލެވުނެވެ.
"ކަލޭ ހީކުރީ ކަލޭ ތި ކުރަން އުޅޭ ކަމެއް މަށަށް ނޭގޭނެ ކަމަށްތަ؟"
ރަޒީނާގެ އަޑާ އެކުވެފައިވާ ބިރުވެރި ފިރިހެން އަޑެއް އިވިގެން ދިއަ ވަގުތު ހަސީނާއަށް ލޯ ހުޅުވާލެވުނެވެ. އެވަގުތު ރަޒީނާގެ މޫނުމަތި ބޮޑުވެ، ފުފިއަރަމުން ނުބައި ސިފައަކަށް ބަދަލުވަމުން ދިއައިރު ރަޒީނާގެ ދެލޯ ބޮޑުވި ވަރުން ހީވީ ބޭރަށް ނުކުންނަން އުޅުނު ހެންނެވެ. ދެތުންފަތް ބޭރަށް ފުރޮޅި، ނޭފަތް ފުޅާވެ، މީހާ ފިރިހެން ސިފައަކަށް ބަދަލުވިއިރު މުޅި މޫނު ވަނީ ކަޅު އިސްތަށި ފާޑުގެ ކެހެރި ތަކަކުން ފުރިފަ އެވެ. އެއީ އިންސާނީ ސިފައެއް ނޫނެވެ. ޖަނަވާރުންގެ ތެރެއިންވެސް އެވަރުގެ ހުތުރު، ބިރުވެރި ސިފައެއް އޭނާއަށް ފެނިފައި ނުވެ އެވެ. ހަސީނާ އިންތިހާއަށް ބިރުގަނެ ނޭވާލާން ދަތިވި އިރުވެސް އެ މޫނުމަތިން ނަޒަރު ވަކިކޮށް ނުލެވުނެވެ.
"ރަޒީނާގެ ބޮލަށް އެރިގެން އޭނަ މަށާ ވަކި ކުރެވިދާނެ ކަމަށް ތަ ހީކުރި..! ކަލޭ ހިތުހުރިހާ ގޮތެއް ހެދޭނީ އިންސާނުންނަށް. އަހަރުމެންނަކަށް ނެހެދޭނެ.. ރަޒީނާ އަހަންނަކާ ވަތްކެއްވެސް ނުކުރެވޭނެ، އެއީ އަހަރެންގެ އަނބިމީހާ!"
އެހެން ބުނެފައި އޭނާ ހަސީނާގެ ގައިން އަތް ދޫކޮށްލުމާއި އެކު ހަސީނާ ބިންމައްޗަށް ގުޅައަކަށް ޖެހިއްޖެ އެވެ. ހަސީނާ ހަމައަށް ނޭވާލައިގެން ބަލާލިއިރު ރަޒީނާވެސް ފެންނާކަށް ނެތެވެ.
ހަސީނާއަށް ރަނގަޅަށް ބިރުގަންނަން އެނގުނީ ދެނެވެ. އޭތީގެ ސިފަ ހަނދާން ވުމުން ތުރުތުރު އެޅުން ގަދަވި އެވެ. އޭތި އެބުނި އެއްޗަކަށް ވިސްނާލުމުން ބިރުގަތީ މާބޮޑަށެވެ. ގޭން ނުކުމެގެން ދާން ހިތަށް ވަތް ނަމަވެސް އެކަން ކުރަން އުޅޭކަށް ވެސް ނުކެރުނެވެ. އެއާއެކު ހިތަށް ރަހުމް ވަނެވެ. ރަޒީނާއަށް އެހީތެރި ވާން ބޭނުން ވިއެވެ. އެ ސިފަ ހުތުރު ޖިންނިއާ ރަޒީނާ ކައިވެނި ކުރީ ކޮން އިރަކު ހެއްޔެވެ؟ ރަޒީނާއަށް ހަމަ އޭތި ކަމުދިޔައީ ހެއްޔެވެ! ރަޒީނާ ރެއާ ދުވާލު އެ ހޭދަ ކުރަނީ އެވަރުގެ އެއްޗަކާއި އެކުގައި ހެއްޔެވެ! އަޅެ ތަންކޮޅެއް ސިފަ ރީތިވި ނަމަވެސް ކިހާ ހެޔޮ ހެއްޔެވެ! ސުބުހާނައްﷲ އެވެ!
ފަރީޝާ ނަމާދުން ފައިބަންދެން އާޒިމް ބޭރުގައި މަޑުކޮށްލައިގެން އިނީ ވާހަކައެއް ބުނެލަން ބޭނުން ވެގެން ނެވެ. އިރު ގަނޑެއް ފަހުން ބަލާލިއިރުވެސް އޭނާ ދުޢާ ކޮށް ނުނިމެއެވެ. އާޒިމް ހިތް ލޯބިން ފުރުނެވެ. އެވަރުގެ އަންބަކަށް އެހެން ހަދާލަން އަޝްރަފަށް ކެރުނީތީ އޭނާ ދެރަވި އެވެ. އެވަގުތު އާޒިމް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރިއެވެ. އަޝްރަފް ބުނިހެން ހުރިހާވެސް މައްސަލައަކީ އޭނާ އެވެ. އާޒިމްގެ އުޅުން ރަނގަޅު ނަމަ މިއަދު ފަރީޝާ އިންނާނީ އޭނާގެ އަންބެއްގެ ގޮތުގައެވެ. އަޝްރަފް ދެއްކި ވާހަކަ މިހާރު އާޒިމް ޖެހޭނި ގަބޫލު ކުރާށެވެ. އަޝްރަފް ފަރީޝާއާ ކައިވެނި ކޮށްފައި އެވަނީ މަޖުބޫރުން ނެވެ. އަދި އޭނާ ފަރީޝާއާ ގާތްކަން ބާއްވާފައި ވެސް ވާނީ މަޖުބޫރުން ނެވެ. އަނބިމީހާގެ ހައްގަށް ޓަކައެވެ. އަޝްރަފް އެހާވަރަށް ފަރީޝާގެ ބޭނުން ހިފާލަން އުޅުނު ނަމަ މިއަދުވެސް އޭނާއަށް އެފުރުސަތުގެ ބޭނުން ހިފުނީހެވެ. އެހެން ނަމަވެސް އޭނާ ނިހާދެކެ ވާ ލޯބީގެ ވާހަކަ ދައްކަމުން އެތަނުން ސަލާމަތް ވެގެން އެދިޔައީ ފަރީޝާއަށް އަންގާވެސް ނުލައެވެ.
ނަމާދަށް އިންދާ ދެފަހަރަކު މީހަކު ދޮރު ހުޅުވާލިކަން ފަރީޝާއަށް އެނގުނެވެ. އަޅުކަން ނިމިގެން ބަލާލިއިރު އާޒިމް ބޭރުގައި އިންތަން ފެނުނެވެ. އާޒިމް ފަރީޝާ ގާތުގައި ބުނީ އޭނާއަށް ދެން އިތުރަށް އެތަނުގައި މަޑު ކުރެވެން ނެތް ވާހަކަ އެވެ. އޭނާ ވެސް ދެން ވަގުތު ބޭކާރު ނުކޮށް ދިރި އުޅުމެއް ފަށަން ބޭނުންވާ ވާހަކަ އެވެ. ފަރީޝާ އިސް ޖަހާލައިގެން އެއްޗެއް ނުބުނެ ހުރީ ހިތުގައި ޖެހިފަ އެވެ. އާޒިމް ދިއުމުން އޭނާއަށް އެހީތެރިވާނެ މީހަކުވެސް ނުހުންނާނެ އެވެ. ރަށު މީހުން ސުވާލު ކުރުމުން ދައްކާނެ ވާހަކައެއްވެސް ނޯންނާނެ އެވެ. މިހާރު އާޒިމް އެރަށުގައި އުޅޭތީ ރަށު މީހުންނަށް ހީވެފައި އޮންނަ އެއްޗަކުން އިތުރަށް ސުވާލު ކުރާކަށް ނޫޅެ އެވެ. ޒުމްރާ މެން ގާތުގައި ފަރީޝާ ވަނީ ބަނޑު ބޮޑު ވާހަކަވެސް ބުނެފަ އެވެ. އެމީހުން އާޒިމަށް މަރުހަބާ ވެސް ކިއެވެ. އާޒިމް އެއްޗެއް ނުބުނެ މަޑުކޮށްލައިގެން އެހުންނަނީ ފަރީޝާއަށް ޓަކައި ކަމެއް އަޝްރަފަށް ޓަކައި ކަމެއް ނޭގެ އެވެ.
އާޒިމް އަތަށް އަޝްރަފް ދިން ފައިސާކޮޅު ފަރީޝާގެ އަތަށް ދިނުމުން ފަރީޝާއަށް ރޮވުނެވެ. އެންމެ އެއްޗެއް ބުނެލަން އޭނާ ބޭނުން ވިއެވެ.
"މިއަދު އަހަރެން ނަށް ބޭނުން ވަނީ ފައިސާއެއް ނޫން..އެހީތެރިކަން!"
ފަރީޝާގެ ރަތްވެފައިވާ މުނާއި، ކުރެހިފައިވާ އަޑު އާޒިމްގެ ހިތް ޒަހަމް ކޮށްލައިފި އެވެ. އަދިވެސް އާޒިމް ފަރިޝާދެކެ ވަނީ ހާދަހާ ލޯތްބެކެވެ. ފަރީޝާ ދޫކޮށްލާފައި އާޒިމް މާލެ ގޮސް ކުރާނީ ކީއް ހެއްޔެވެ! އޭނާއަށް ދުވަހަކުވެސް އެހެން މީހަކު ދެކެ ލޯބި ވެވިދާނެ ހެއްޔެވެ! އޭނާގެ ހިތުގައި ވެސް ސުވާލު އުފެދުނެވެ.
ހަސީނާ ސައްތާރުބޭގެ ގެއަށް ދިއައީ ފިލަފިލައިގެން ނެވެ. ފިލަން މަސައްކަތް ކުރިއަސް ފިލޭނެ ކަމުގެ ޔަގީން ކަމެއް ނުވެސް ނެތެވެ. އެހެން ނަމަވެސް އޭނާގެ ދަރިފުޅު، އެ ހުތުރު ޖިންނީގެ ކިބައިން ސަލާމަތް ކުރަން މަސައްކަތް ނުކޮށް ހުރެވޭނީ ކިހިނެއް ހެއްޔެވެ!
ކުރީ ދުވަހު ސައްތާރުބޭ ގާތުގައި ހަސީނާ ބޮޑަށް އެދުނީ ހަސީނާ ސަލާމަތް ވާކަހަލަ އެއްޗެއް ހަދާ ދިނުމަށެވެ. މިއަދު ސައްތާރުބޭ ގާތުގައި އާދޭސް ކޮށްފައި ހަސީނާ އެދުނީ ރަޒީނާ އެކަމުން ސަލާމަތް ކޮށްދޭށެވެ. ސައްތާރުބޭ ވަރަށް ވިސްނާފައި ބުނީ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެކަން ކުރަން ހަދައިގެން ރަޒީނާއަށް ވެސް ލަޑެއް ލިބިދާނެ ކަމަށެވެ.
"މިހާރު ޖިންނި އެއުޅެނީ ރަޒީނާ ދެކެ ވަރަށް ލޯބިން. އެއާ ކުޅެން ހަދައިގެން އޭތި ނުލަފާ ވެދާނެ!"
ތަޖުރިބާކާރު ސައްތާރުބޭ ބުންޏެވެ. ހަސީނާ ބިރުގަތެވެ. ޖިންނި ނުބައި ވެއްޖެއްޔާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އޭނާއަށް އެނގުނެވެ. އަދިވެސް އޭތީގެ ވަކިދިގު އިނގިލި ތަކުގެ ނިޝާން އޭނާގެ ކަރުގައި އެބަހުއްޓެވެ. އެހެން ވިއަސް ކޮންމެސް ކަމެއް ކުރެވޭތޯ ބަލަން ހަސީނާ ބޭނުން ވިއެވެ.
ދޮވެފައި ހުރިއެއްޗެހި ހިއްކަން އަޅަން ފަރީޝާ ގޯތި ތެރޭގައި ހުއްޓާ ބޭރު ދޮރުގައި މީހަކު ޖަހާލި އަޑު އިވުނެވެ. އާންމުކޮށް ބޭރު ދޮރުގައި މީހުން ޓަކި ޖަހައެއް ނޫޅެ އެވެ. ފަރީޝާ އަތުގައި އޮތް ބެޑުޝީޓް ތައްޓަށް ވައްޓާލާފައި ދޮރާ ދިމާއަށް ހިނގައި ގަތީ ކޮންމެވެސް ބީރައްޓެއްސަކު އަތުވެއްޖެކަން ޔަގީން ވެގެން ނެވެ. ދޮރާ ހިސާބަށް ދިއުމުގެ ކުރީން ބޭރުގައި ހުރި މީހަކު މަޑުމަޑުން ދޮރުހުޅުވާލި އެވެ. އެއާއެކު ފަރީޝާއަށް ހުއްޓެވިއްޖެ އެވެ. ދޮރުމަތީގައި ހުރީ އިގުބާލެވެ!
ފަރީޝާގެ ފައިން ފެށިގެން މައްޗަށް އަރައިގެން ހޫނަކާއި އެކު މޫނު ރަތްވެގެން ދިއަ އެވެ. ނަފްރަތުން ފުރިގެންވާ ނަޒަރަކުން އިގުބާލާ ދިމާއަށް ބަލާލިއިރު ފަރީޝާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިއަ އެވެ.
"އަހަރެން ބަނޑުބޮޑު!"
ދަތްކުނޑިވިކާލަމުން ފަރީޝާ ބުންޏެވެ.
(ނުނިމޭ)