(02 އޯގަސްޓްގެ އަދަދާ ގުޅޭ)

"އާޒިމް ތެދުވެބަލަ އަހަރެން ދޯންޏާ ހިސާބަށް....."
އެހެން ބުނެފައި އަޝްރަފަށް އެއްޗެއް ހީވެގެން ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޮލުގެ ކަޅި ހުއްޓިގެން ދިއައެވެ.
ޑަބިޔާ ބަހައްޓާފައި ތެދުވަން ހިފާލި ގޮތަށް ހިންދެމިލަންވެސް ނޭގި، އާގަމަ ވެފައި އަޝްރަފަށް އޮވެވުނީ އަޖައިބެއް ފަދަ އެ ސޫރަ ފެނިފައެވެ. 

"ސުބުޙާނައްﷲ!" އޭ އޭނާއަށް ބުނެވުނީ ބޭއިޚުތިއާރުގައެވެ. 
މީ ދުނިޔެ މަތީގެ ކަމެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ! 
ކޮޓަރިއަށް މީހަކު ވަންއަޑު އިވިގެން އެނބުރި ބަލައިލި ގޮތަށް ފަރީޝާ ވެސް އަޝްރަފަށް ބަލަން ހުރީއެވެ. އަޝްރަފަށް ވީގޮތް ފެނިފައި ފަރީޝާ ހައިރާނެއް ނުވެއެވެ. އެއީ އޭނާއަށް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. 
ފުރަތަމަ ފަހަރަށް ފަރީޝާ ފެންނަ ކޮންމެ ފިރިހެނަކަށް ވެސް ވަނީ ހަމަ އެފަދަ ގޮތެކެވެ.

ކަޅުކުލަ ގަދަ ފަން އިސްތަށިގަޑުގެ ތެރޭން އެ ދޮން މޫނު ފެންނަ އިރު ސާދަ ވިލޭރޭގެ ފުރިހަމަ ހަނދެއް ފަދައޭ ބުނެލިއަސް އެވެސް ވާނީ ފަރީޝާއަށް ކުރެވޭ ބޭއިންސާފަކަށެވެ. އެ މޫނުމަތި އެއަށް ވުރެވެސް ސާފު ވެފައި އަލިގަދަހެން ހީވެއެވެ. ހަމަ ގައިމުވެސް އެ ދެލޮލުގެ ތޫނު އަސަރުން އޭނާއާ ހަތަރު ކަޅި ހަމަކޮށްލި ކޮންމެ ފިރިހެނެއްގެ ހިތް ވިރުވާލައެވެ. އަޝްރަފަށް ވެސް އެވީ އެފަދަ ގޮތެކެވެ.

އަޝްރަފަށް އެހެން ދިމާއަކަށް ކަޅި ހިންގައިލެވޭވަރު ވީ އިރުކޮޅެއް ފަހުންނެވެ. އޭނާއަށް ވިސްނުނީ ދެނެވެ. އޭނާއަށް އެ ވަދެވުނީ އެހެން ކޮޓަރި އަކަށެވެ.

" މާފް....! "
މަޑުމަޑުން އެހެން ބުނެލާފައި ޑަބިޔާ ހިފައިގެން އެތަނުން ދާން އަޝްރަފް އަވަސް ވެގަތެވެ.
ކޮޓަރީގެ ދޮރާދިމާއަށް އެނބުރުނު އިރު ދޮރުމަތީގައި އާޒިމް ހުރިތަން ފެނުނެވެ. އޭނާ ހިނިއައިސްފައި ހުރި ވަރުން އަޝްރަފް އިތުރަށް ލަދުގަތެވެ. އަވަސް އަވަހަށް އަޝްރަފް އެކޮޓަރީން ނިކުމެގެން ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެއްޖެއެވެ.

"ތީ އަހަރެންވެސް ކޮށް އުޅޭ ކަމެކޭ......"
އާޒިމް އަޝްރަފްގެ ފަހަތުން ކޮޓަރިއަށް ވަންނަމުން ބުންޏެވެ.
" ކޮބާ...؟"
އަޝްރަފް ހުރީ ލަދުން ބޯވެސް އަނބުރައިގެންފައެވެ. 
" ނޭނގޭ ކަމަށް ހަދާފަ ރީތި އަންހެން ކުދިންގެ ކޮޓަރިއަށް ވަނުން......"
އާޒިމް އަޝްރަފާ ދިމާކޮށްލިއެވެ.
އޭ... އަހަރެން ގަސްތުގައެއް ނޫން......މިތާގަ އެއްފާޑަކަށް ކޮޓަރިތައް ހުންނާތީ ނޭނގުނީ......"
އަޝްރަފް ޑަބިޔާ ހިފައިގެން ތެދުވަމުން ބުންޏެވެ.

އުމުރުން ދުވަސްވެފައިވާ ބަލި ކާފަގެ އެނދުގެ މަގަތުން އިށީނދެ އިންއިރު ފަރީޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މުޅީން ތަފާތު އެހެން ހިޔާލު ތަކެކެވެ. އޭނާ މަރާލައިގެން އިން ދެލޮލުގެ ކުރިމަތީގައި ސްލޯމޯޝަން އިން ތަކުރާރު ވަމުން ދިޔައީ ދެންމެ ހިނގައިދިޔަ ހާދިސާއެވެ. މިހާރުވެސް ފެންނަމުން އެދަނީ ޑަބިޔާ ބަހައްޓާފައި އެޒުވާނާ އެނބުރި ފަރީޝާއަށް ބަލައިލި ތަނެވެ. އެވަގުތު އޭނާގެ މުށިކުލައިގެ ބޮޑު ދެލޯ ދިއްލިގެން ދިޔަތަނެވެ. އެ ފިރިހެން ވަންތަ ބޯ ބުމަޔާ ނިއްކުރި މައްޗަށް ރޫ ގިނަވެގެން ދިޔަތަނެވެ. ފަރިޝާއާ ހަތަރުކަޅި ހަމަވި ވަގުތު އެ ރީތި ދެ ތުންފަތް މަޑުމަޑުން ހުޅުވުނުތަނެވެ.

ފަރިޝާ އޭނާގެ ނިއްކުރީގައި ދެފަހަރަކު ޖަހައިލިއެވެ. ތަކުރާރުކޮށް އޭނާއަށް އެ މަންޒަރު އެފެންނަނީ ކީއްވެ ހެއްޔެވެ!. ކުރީން ނުވާ ގޮތެއް މިއަދު އޭނާއަށް އެވަނީ ކީއްވެ ހެއްޔެވެ!. 

" އާޒިމް ދެން އާދެބަލަ މި ޑަބިޔާ ދޯންޏަށް ލާން ދާން....! "
އެއިވުނީ އޭނާގެ އަޑެވެ. އެޒުވާނާ ދޮރުން ބޭރުގައި އެބަހުއްޓެވެ. ފަރީޝާގެ ހިތް ކުޑަ ލަތްކެއް ޖަހާލައިފިއެވެ. އޭނާއަށް ތެދުވެވިއްޖެއެވެ. ބޭއިޚުތިއާރުގައި އޭނާގެ ފިޔަވަޅުތައް ދޮރާ ދިމާއަށް އުފުލެން ފަށައިފިއެވެ. 
ދޮރާ ހިސާބަށް ދެވުނު އިރު ފަރީޝާގެ ހަތަރެސްފައި ވަނީ ރަނގަޅަށް ފިނިވެފައެވެ. އެއީ ބިރަކުންނޫނެވެ. ކޮންމެވެސް އެހެން ގޮތެއް އޭނާއަށް ވަނީއެވެ. 

މަޑުމަޑުން ދޮރުކަނީގައި ހިފަހައްޓާލުމަށް ފަހު އޭނާ ބޭރު ބަލައިލިއެވެ.
ޖެހިގެން ހުރި ކޮޓަރީގެ ދޮރުމަތީގައި އެޒުވާނާ ހުއްޓެވެ. އޭނާ ހުރީ އެ ޑަބިޔާ އޭނާގެ ދެ އަތުގެ ތެރެއަށްލައި ދެއަތުން ޑަބިޔަލުގައި ރީތިކޮށް ބައްދާލައިގެންނެވެ. ހީވަނީ އަތުގެ ތެރޭގައި އަންހެން ކުއްޖަކު ބޮނޑިކޮށްލައިގެން ހުރިހެންނެވެ. 
ހާމަ ވަމުން ދިޔަ އަޝްރަފްގެ ފިރިހެންވަންތަކަން ފަރީޝާގެ ހިތުގައި އާ ރާގެއް ކުޅެން ފަށައިފިއެވެ. އޭނާގެ ސިކުނޑި މުޅީން އެހެން ދުނިޔެއަކަށް އޭނާ ގެންގޮސްފިއެވެ. އެވަރުގަދަ އަތުގެ ތެރޭގައި ބޮނޑިވެލާނެ ފުރުސަތު އޭނާއަށް ލިބިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ! އެ ތަނަވަސް މޭމަތީގައި މޫނު ޖައްސާލަން ލިބޭ ވަގުތަކުން އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ!.

އެފަދަ ހުވަފެނީ ހިޔާލު ތަކެއްގައި ހުއްޓާ ފެނުނީ އެޒުވާނާ އޭނާއާ ދިމާއަށް އެނބުރިލިތަނެވެ. ފަރީޝާއަށް ތެޅިގަނެވުނެވެ. ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރިހެންނެވެ. ކުއްލިއަކަށް ދޮރުން އެތެރެއަށް ދެމިގަންނަން އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ނުކެރުނެވެ. 
ފަރިޝާއާ އަޝްރަފްގެ ހަތަރުކަޅި ހަމަވި ވަގުތު ފަރީޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ފިނިފިފނި ދެއަތްތިލަ ގަނޑުކޮށްލައިފި ކަހަލައެވެ. 
އަޝްރަފަށް ވެސް ކޮންމެވެސް އާދަޔާ ހިލާފް ގޮތެއް ވެއްޖެކަން ޔަގީނެވެ. އަނެއްކާވެސް އޭނާއަށް ހަމަ ފަރީޝާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. 
އެކުއްޖާ ސިއްރު ސިއްރުން އޭނާއަށް ބަލާތަން ފެނުމުން އޭނާގެ ހިތަށް ފިނިކަމެއް އިހުސާސް ކުރެވުނީ ކީއްވެހެއްޔެވެ؟ އޭނާގެ އެބަލައިލުމުގައި އެތައް ސިއްރު ތަކެއް ވާހެން އަޝްރަފަށް ހީވިއެވެ. އެ ދެލޮލުން އެތައް ވާހަކަ ތަކެއް އަންގަމުން ދާހެން ހީވިއެވެ. 

"ސާބަހޭ އަޝްރަފް...!"
އެތެރޭން ބޭރަށް ނުކުންނަމުން އާޒިމް ބުނިއަޑު އިވުމުން އަޝްރަފާ ފަރީޝާ ވެސް ސިހުނެވެ. ފަރީޝާ އަވަސް އަވަހަސް އެތެރެއަށް ދެމިގަތެވެ. އާޒިމަށް އެނގިދާނެތީ އޭނާ ކަންބޮޑު ވިއެވެ. އެތެރޭ ފާރުގައި ލެގިލައިގެން ފަރީޝާ ހުރީ އެމީހުން ދައްކާ ވާހަކައަށް ސަމާލު ވެގެންނެވެ.

"ތިހާވަރަށް ޑަބިޔާގަ ބައްދައިގެން ކީއްތަ ތިކުރަނީ....ތީ ނިހާއެއް ނޫނޭ...!"
އެއަޑު އިވިފައި ފަރީޝާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ވިކައިގެން ހެންނެވެ. 

"ނިހާ!" އޭނާ ހިތާ ހިތުން ކިޔާލިއެވެ. ނިހާއަކީ ކާކުބާއެވެ! އޭނާގެ ލޯބިވެރިޔާބާއެވެ! ނޫނީ.... އަންހެނުން ބާއެވެ!
ފަރީޝާ ބޯ ހޫރާލިއެވެ. އަޝްރަފް އަދި މީހަކާ ނީންނާނެއެވެ. އޭނާއާ އެކަށީގެންވާ ވަރުގެ ރީތި އަންހެން ކުދީން ވަރަށް މަދުވާނެއެވެ. ފަރީޝާ ގަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ.

ރޭގަނޑުގެ ގަޑިއެވެ. އާޒިމް އޮތީ ގަދަ ގުގުރީގައެވެ. އަޝްރަފަށް އަދިވެސް ނިދޭ ގޮތެއް ނުވެއެވެ. ކުރީ ރޭ ތަކުގައި އޭނާއަށް ނުނިދިފައި އޮތީ ނިހާ ހަނދާންވާ ވަރުންނެވެ. މިރޭ އޭނާގެ ހިޔާލުގައި ވަނީ އެހެން ކަމެކެވެ.

އޭނާ އެވިސްނަނީ އޭނާގެ އަމިއްލަ ނަފްސާ ދޭތެރޭގައެވެ. މީގެ ކުރީން އަންހެން ކުއްޖަކު ފެނިގެން ދުވަހަކުވެސް އޭނާ ހުއްޓުމެއް ނާރައެވެ. ނިހާ ނޫން ކުއްޖަކު ފެނިގެން ކުރީން ދުވަހަކުވެސް އޭނާއަކަށް ގޮތެއް ނުވެއެވެ. އެހެން ނަމަވެސް މިއަދު އޭނާއަށް ގުޑުމެއް އަރައިފިއެވެ. ޖާދޫއެއް ފަދަ އެރީތި އަންހެން ކުއްޖާ އޭނާގެ ސިކުނޑިން ވަގުތު ކޮޅެއް ހޯދައިފިއެވެ. ގަބޫލު ކުރަން ބޭނުން ނޫނަސް ހަގީގަތް ވާނީ ހަގީގަތަށެވެ. އެވަރުގެ ރީތި އަންހެން ސޫރައެއް އޭނާއަށް މި ބިންމަތިން ފެނިފައެއް ނުވެއެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އޭނާ އަޝްރަފްގެ ޝައުގުވެރިކަން ދަމައިގެން ސަބަބަކީ އެއީއެވެ. އެހެން އެއްވެސް ސަބަބެއް ނޫނެވެ. އަޝްރަފަށް އޭނާ ރީއްޗެވެ، އެހެން ނަމަވެސް ހުރިހާ ގޮތަކަށް ބަލައިފި ނަމަ ނިހާއާ އަޅާ ކިޔާލެވޭ ވަރެއް ނޫނެވެ. އޭނާގެ އެ ޅަ ހަރަކާތްތަކާ ސިއްރު ބަލާލުމުން އަޝްރަފަށް ކޮންމެވެސް އިހުސާސެއް ކުރެވުނެވެ. އެއީ ތެދެކެވެ. އެހެން ނަމަވެސް އެއްވެސް އެހެން މީހެއްގެ ސަބަބުން އަޝްރަފްގެ ހިތަކަށް ލޮޅުމެއް ނާރާނެއެވެ. އޭނާގެ ހިތުގައި އަބަދުވެސް ރަނިކަން ކުރާނީ ނިހާއެވެ. އޭނާއަށްޓަކައި ފެށުނީއްސުރެ ގުރުބާން ވަމުން އަންނަ އޭނާގެ ލޯބިލޯބި ނިހާއެވެ. ދޮންމަންމަގެ ތުރާ ތަކުން ހިތްދަތިވެ އެކަނިވެރި ވީ ދުވަހު އޭނާގެ ހިތާމަތަކުގައި ބައިވެރިވި މީހަކީ ހަމަ އެކަނި ނިހާއެވެ. އެއީ އޭނާގެ ތުއްތު އިރުގެ އެކުވެރިޔާއެވެ. ހިތާމަތަކުގެ ބައިވެރިޔާއެވެ. ދެދުނިޔޭގެ ލޯބިވެރިޔާއެވެ. އަޝްރަފް އަމިއްލަ ހިތަށް ވިސްނައިދެމުން ލޯ މަރައިލިއެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. އޭނާ ހިތާހިތުން ކިޔައިލިއެވެ.

އަޝްރަފްގެ ކޯހުގެ ކިޔެވުން ފެށިއްޖެއެވެ. ދުވާލުގެ ގިނަވަގުތު އޭނާ އުޅެން ޖެހެނީ އެތަނުގައެވެ. އެއީވެސް ނަސީބެކެވެ. އެހެން ނޫންނަމަ އޭނާ ފޫހިވާނެއެވެ. ބޭކާރު ކަންތައްތަކާ ދޭތެރޭގައި ވިސްނަން ފެށޭނެއެވެ. 
މިހާރުވެސް ކަންތައްތައް ވަމުން ދަނީ އޭނާ އެންމެ ބޭނުން ގޮތަކަށް ނޫނެވެ. ކިތަންމެ އަވަހަކަށް ގެއަށް ވަދެވުނަސް އޭނާ އެ މަންޖެ މަތީން ހަނދާންވެއެވެ. އެކޮޓަރި ހުރަސް ކުރާ ކޮންމެ ފަހަރަކު އެ ކޮޓަރީ ދޮރުމައްޗަށް ހުއްޓިލެވެއެވެ. ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގައިލެވެއެވެ. ކިތަންމެ ވަރަކަށް އެކަން ވިޔަ ނުދޭން މަސައްކަތް ކުރިއަސް އެހާހިސާބަށް އެރުމާއެކު ހަނދާން ނެތެނީއެވެ. ހުއްޓިލެވެނީއެވެ. ހޯދައިލެވެނީއެވެ. ބޭއިޚުތިއާރުގައެވެ. އެއީ ބައްޔެކެވެ. އާންމުކޮށް ގިނަ ފިރިހެނުންނަށް ޖެހެނީ އެބައްޔެވެ. އެއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްހެން ހީވެއެވެ. އާޒިމްއާ އެއްކޮޓަރީގައި ދެދުވަހަކު ނިދާލާ އިރަށް އޭނާގެ ގަޔަށް ވެސް އެބަލި އެރީއެވެ.

މިހާރު އަޝްރަފަށް އެ ކުއްޖާ ނުފެންނަތާ ދެ ދުވަސް ވެއްޖެއެވެ. އެ ކޮޓަރި ހުންނަނީ ލައްޕާފައެވެ. ހީވާގޮތުން އެމީހުން ކުއްޔަށް ހިފާފަ ހުރި ކޮޓަރި ދޫކޮށްލާފަ ރަށަށް ދިޔައީއެވެ. އަޝްރަފް އެހުންނަނީ ސުވާލު އުފެދިފައެވެ. އާޒިމް ކައިރީގައި އެވާހަކަ އަހާލަން ބޭނުން ވެފައެވެ. އެހެން ނަމަވެސް އާޒިމް އެއްޗެއް ހިތަށް އަރާފާނެތީ ނުކެރިފައެވެ. އެހެން ނޫނަސް އެވީ ރަނގަޅަށެވެ. އާޒިމްގެ ގައިން އެރި ވައިރަސް ރަނގަޅަށް ހަށިގަޑުގެ ތެރެއަށް ނުފެތުރެނީސް އޭގެން އަޝްރަފް ސަލާމަތްވީއެވެ. އެއީ ނަސީބެކެވެ.

މިރޭ އަޝްރަފަށް ތަންކޮޅެއް ފަސޭހައިން ނިދާލެވިއްޖެއެވެ. ކްލާހުން އައިސް ނިހާއާ ގަޑިއެއް ހާއިރު ވާހަކަ ދައްކާލެވުނީމަ ހިތްހަމަ ޖެހުނު ވަރުން މާ ގަދައަކަށް ނިދި އައީއެވެ. އަޝްރަފަށް ހޭލެވުނީ ރޭގަނޑު އެކެއް ޖަހަން އުޅެނިކޮށެވެ. އޭރު އާޒިމް އައިސް އޮށޯންނަނީއެވެ.

"އަދި ކިރިޔާ ތިއައީ....! ކޮންމެ ރެއަކު އެހާ ދަންވަންދެން ކޮންތާކު ތި އުޅެނީ....؟"
އަޝްރަފް މޯޅިއަކަށް ދެމިލަމުން އެހިއެވެ.
"މިރޭ މިއުޅެނީ ގައުމީ ޚިދުމަތުގަ.....! "

އާޒިމް ތަޅުންގަނޑު މައްޗަށް އޭނާ ނިދާ ގޮދަޑި ވައްޓާލަމުން ބުންޏެވެ. 
"އަހަރެން ބައެއް ފަހަރު ހިލޭ ސާބަހަށް ވެސް ކަންތައް ކޮށްދީ އުޅެމޭ..... އެހެން އުޅެގެންނު ސަޅި ކަންތައްތައް ލައްވާލާނީ ވެސް....!"
އާޒިމް ހިނިގަނޑެއް ޖަހާލަމުން ގޮދަޑީގައި އޮށޯވެލިއެވެ.
"މަށަށް އިނގޭ ކަލޭ ގައުމީ ޚިދުމަތޭ ބުންޏަސް އަމިއްލަ އެދުމެއްނެތި ކަމެއް ނުކުރާނެކަން.....އަމިއްލަ ޕްރޮމޯޝަނެއް ޖައްސައިގެން ދޯ ތިއުޅެނީ....."

"އަޝްރަފް ބޯ ރަނގަޅު....! " އާޒިމް ހިނިގަނޑެއް ޖަހައިލިއެވެ.
"ކޮން ކަމެއް ހާސިލް ކުރަން އަމިއްލައަށް ތި އިޝްތިހާރުވަނީ.....! " އަޝްރަފް އާފުރިލިއެވެ.

"މަމީ ވަރަށް މާތް މީހެކޭ.... މިއައީ ހޮސްޕިޓަލްގަ އޮތް ބަލި މީހެއްގެ ކައިރީ މަޑުކޮށްލަދީފަ...!"
އާޒިމް އެހެން ބުނި ނަމަވެސް އޭގެ ފަހަތުގަ ކޮންމެވެސް އެހެން ކަމެއް އޮންނާނެކަން އަޝްރަފަށް އެނގުނެވެ.

"އިނގޭތަ.... އެ ކޮޓަރީގަ އެއުޅެނީނު މަންޖެއެއް.... އެ މަންޖެ ރުއްސަން އުޅެ އުޅެފަ މިއައީ....!"
އާޒިމްގެ އަޑުއިވިފައި އެއްފަހަރުން އަޝްރަފްގެ ނިދި ފިލައިފިއެވެ.
"އޭނަ ބަލިވީތަ....!" މާބޮޑު ޝައުގުވެރިކަމެއް ނެތްގޮތް ދައްކަމުން އަޝްރަފް އެހިއެވެ.

"ނޫނޭ.... ދެދުވަސް ވެއްޖެ އޭނަގެ ކާފަ ހޮސްޕިޓަލްގަ އެޑްމިޓް ކޮށްފަ އޮންނަތާ.... މާދަން ހެނދުނު ދޫކޮށްލާނެ.....އެހެންވެ ފަރީޝާ ނުފެންނަނީ މި ދެދުވަހު....!"

އަޝްރަފް އެއްޗެއް ނުބުނެއެވެ. އޭނާއަށް ބުނެވޭ އެއްޗަކުން އާޒިމްއަށް ނުބައި އެއްޗެއް ހީވެދާނެއެވެ. އާޒިމް މިހާރުވެސް އެހެރީ ފަރީޝާއަށް ފާރަލައިގެންނެވެ. އޭނަގެ ކުރިމަތީގައި މެޑެލިޖަހަން ކުރާހާ މަސައްކަތް ދެކިބަލާށެވެ.
އެރޭ އަޝްރަފަށް ނިދުނީ އިރުގަނޑެއް ފަހުންނެވެ. ގިނައިރު ތަކެއް ވަންދެން ފުރޮޅިލަ ފުރޮޅިލާ އޮވެވުނީ އާޒިމްއާ ދޭތެރޭ ހިތްހަމަ ނުޖެހުނު ވަރުންނެވެ.

އަނެއް ދުވަހުގެ ހެދުނު ތެދުވެގެން އަޝްރަފް ދިޔައީ ކުލާހަށެވެ. ކުލާހުގައި އިން އިރު އޭނާއަށް އިނދެވުނީ ބްރޭކް ގަޑިއަށް އިންތިޒާރު ކޮށްކޮށެވެ. މިއަދު މާ ބޮޑަށް ގެއަށް ދާހިތްވަނީ ކީއްވެކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. 
އެ ކޮޓަރީ ދޮރު ހުރަސް ކުރިއިރު އެ ކޮޓަރި ހުރީ ލައްޕާފައެވެ. ދޮރުމަތީގައި ފައިވާން ހުރިތޯ ވެސް ބަލައިލެވުނެވެ. ކުރީންހުރި ފައިވާނުގެ އިތުރަށް ފައިވާނެއް ހުރިހެނެއް ހިއެއް ނުވެއެވެ.

ގަމީސް ބޭލުމަށް ފަހު އަޝްރަފް އޭނާގެ އެނދުގައި އުއްޑުން އޮށޯވެލިއެވެ. އޭނާ އޮތީ ވަރަށް ފޫހިވެފައެވެ. 
މިއަދު މިގަޑީގައި ގެއަށް އެއާދެވުނީ ބޭކާރު ކަމަކުއެވެ. ކްލާސް ކުއްޖަކު ސަޔަށް ދާން ހިނގާށޭ ބުނީމަވެސް ނުގޮސް އޭނާ އެއައީ ކީއްވެ ހެއްޔެވެ!. ވަރަށް ބަނޑުހައިވެސް ވެއްޖެއެވެ. ދެން ޖެހޭނީ ހޮޓަލަކަށް ވަދެ އެކަނި އިނދެ ކާށެވެ. އާޒިމް ވެސް ގުޅާގުޅާ ފޯނެއް ނުނަގައެވެ.

ހުޅުވާލާފައި ހުރި ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް އަޝްރަފް ބޯ ހިއްލާ ބަލައިލިއެވެ. އެއާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ކޮޓަރީގެ ދޮރުމަތީގައި އެހެރީ އޭނާ އިންތިޒާރު ކުރަމުންދާ ޒުވާނާއެވެ. އަޝްރަފަށް ހީވީ ހުވަފެނެއް ފެނުނު ހެންނެވެ. މިފަހަރުވެސް ހަމަ ބަލަހައްޓައިގެން ހުރެވުނީއެވެ. އަނެއްކާވެސް ހަމަ ހުއްޓުން އެރީއެވެ.

ބޭރުން ޖެހެމުން ދިޔަ ވައިރޯޅީގެ އެހީގައި އޭނާގެ ކަޅުކުލަގަދަ ފަން އިސްތަށި ކޮޅުތައް އެ ދޮން މޫނުގެ އެތަން މިތަނުގައި ބީހެމުން ދިޔައިރު އެ ރީތި ތުންފަތް މަތީން ފެންނަމުން ދިޔައީ ރަކި ހިނިތުންވުމެކެވެ. ގަދަ ފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމެއްގައި ހުރިއިރު ހީވަނީ ދެންމެ ފޮޅިފައި އިން އަސުރު މަލެއްހެންނެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަޝްރަފަށް އެވަނީ ކިހިނެއް ހެއްޔެވެ!. 

ފަރީޝާ ވެސް ހުރީ އެފަދަ ގޮތެއް ވެފައެވެ. އެފަދަ ގޮތަކަށް އަޝްރަފް ފެނުމުން އޭނާގެ ހަށިގަޑުގެ ތެރޭގައި ހަނގުރާމައެއް ފެށުނު ކަހަލައެވެ. ހަށިގަޑުގެ ލޭ ހިނގުން އަވަސްވެ ހިތުގެ ތެޅުން އޮބި ނޯންނަވަރު ވެއްޖެއެވެ. އަޝްރަފް ގެ ހަށިގަނޑު އޭނާގެ ހިޔާލީ ތަސައްވުރަށް ވުރެވެސް ފުރިހަމައެވެ.

ކުއްލިއަކަށް އަޝްރަފް ގުދުވެލާފައި އެނދުމަތީން ގަމީސް ނަގާ އަވަސް އަވަހަށް އޭނާގެ ކޮނޑުމަތީން ވައްޓާލިއެވެ. ފަރީޝާ އިތުރަށް ލަދުގަތެވެ. އޭނާއަށް މާ ބޮޑަށް ބެލުނީއެވެ.

ފަރީޝާ އިސްޖަހާލިއެވެ. އޭނާ ދެފަހަރަކު ހިންދިރުވާލިއެވެ. އެއްޗެއް ބުނަން ބޭނުންވިއެވެ. އެހެން ނަމަވެސް ޖެހިލުން ވިއެވެ. މިވަގުތު އޭނާގެ އަޑު ބޭރުވާނެ ކަމުގެ ޔަގީން ކަމެއްވެސް ނެތީމައެވެ.

"އާޒިމް....؟"
ފަރިޝާގެ މިއުޒިކީ އަޑު އަޝްރަފްގެ ކަންފަތުގައި ޖެހުނެވެ. 
"ނެތް...."

އަޝްރަފަށް ވެސް އަނގައިން ބުނާކަށް ފަސޭހައެއް ނުވިއެވެ. 
ފަރީޝާ އިސް އުފުލާލަމުން އަޝްރަފަށް ބަލައިލިއެވެ. އަޝްރަފްއާ ހަތަރުކަޅި ހަމަ ވުމުގެ ކުރިން އޭނާ މޫނު އަނބުރާލިއެވެ. އެވަގުތު އޭނާގެ އެ ރީތި ތުންފަތަށް ހަދާލި ގޮތަކުން އަޝްރަފްގެ ހިތް ފުރިގެން ބަންޑުން ދިޔައެވެ. އެއްމިޔަ ކަނުން އެހީލި ހީލުން އަޝްރަފްގެ ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅެލައިފިއެވެ. 

(ނުނިމޭ)

ކޮމެންޓް 0