(01 ނޮވެމްބަރގެ އަދަދާ ގުޅޭ)

" ތެދަށް ބުނާތި....! ތީ އަހަރެން އަބަދުވެސް އެއްބަނޑު އެއްބަފާ ބޭބޭ އެއްގެ ގޮތުގަ ދެކޭ މީހެއް.... އަހަންނަށް ދޮގު ނަހަދާނެ ކަމަށް އުއްމީދު ކުރަން....!" 
އާޒިމް ނިހާއަށް ބަލާލި އިރު އޭނާގެ ހިތުގެ ތެޅުން އަވަސްވެ ނިއްކުރި މަތީން ދާތިކިތައް ފާޅުވާން ހުއްޓެވެ. އޭނާއަށް ނިހާއާ އެކުގައި އެދަތުރުގައި ބައިވެރި ވެވުނު މޮޔަ ހިތަށް އެރި އެވެ. ނިހާގެ އެ ސުވާލުގެ ޖަވާބު ޙަޤީޤަތަށް ނުބުނެ ރެކެވޭނެ އެއްވެސް ގޮތެއް ނެތުނީ އެވެ!

އާޒިމްގެ މޫނު މަތީން ފާޅުވެގެން ދިއަ ނުތަނަވަސްކަން ނިހާއަށް ފާހަގަ ކުރެވެނު ހިނދު އިތުރަށް އޮޅުން ފިލުވުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ބޮޑުވެގެން ދިއަ އެވެ.
"އާޒިމާ ފަރީޝާއާ ދޭތެރޭ އެއްވެސް ގުޅުމެއް އެބޮތް؟"
ނިހާ ކުރި ސުވާލަކީ އާޒިމް ހީކުރި ކަހަލަ ސުވާލެއް ނޫނެވެ. އެހެން ނަމަވެސް ހިތަހަމަ ޖައްސާލެވޭ ވަރެއް އަދި ނުވެ އެވެ.
"ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް ނެތް!"
ބޯ ހޫރާލަމުން އާޒިމް ބުންޏެވެ. ނިހާ އާޒިމްގެ މޫނަށް ބަލަން އިނެވެ. އޭނާއަށް އާޒިމްގެ މޫނު މަތީން ފެންނަ އަސަރުތައް ތަރުޖަމާ ކުރާކަށް މާ އުނދަގުލެއް ނުވި އެވެ.
"ވަރަށް ލޯބިވޭ ދޯ ފަރީޝާދެކެ!"
ކުއްލިއަކަށް ނިހާ އެހެން އަހާލުމުން އާޒިމްގެ މޫނުމަތި ރަތް ވެގެން ދިއަ އެވެ. ހިސާބަކަށް ލަދުވެސް ގަނެއްޖެއެވެ. ކުޑަ ހިނިތުން ވުމަކާއި އެކު އާޒިމް ދުރު ބަލާލި އެވެ.

"ނުބުންޏަސް އިނގޭ...!"
ނިހާވެސް ހިނިތުނެ ވެލި އެވެ. ދެން އަނެއްކާވެސް ނިހާ ސީރިއަސް ވެލައިފި އެވެ.
"ފަރީޝާ އާޒިމް ދެކެ ލޯބިވޭތަ؟"
ނިހާގެ އެސުވާލުގެ އަޑުއިވިފައި އާޒިމްގެ މޫނު މަތި މިލައިގެން ދިޔަތަން ފެނުނެވެ.
" ހިއެއް ނުވޭ!"
ދުރުބަލަން އިނދެ މަޑުމަޑުން އާޒިމް ބުންޏެވެ. އޭނާ ނިހާއަށް އޮޅުވާލާކަށް ބޭނުމެއް ނޫނެވެ. ނިހާ އިރުކޮޅަކު ވިސްނަން އިނެވެ. ފަރީޝާއަށް ވާނީވެސް އެހެންނެވެ. ދިރިއުޅުމުގައި ދިމާވި ކަންތައްތަކުގެ ސަބަބުން އެއްވެސް ފިރިހެނަކާ ގާތްވާން އޭނާއަށް އުނދަގޫވާނެ އެވެ. އެހެން ނަމަވެސް ފަރީޝާ ވެސް މާ ލަސްނުކޮށް ރަނގަޅު ދިރިއުޅުމެއް ފަށަން ވާނެ އެވެ. 

"ފަރީޝާޔާ އިންނަން ބޭނުންތަ؟"
އަނެއް ކާވެސް ނިހާ އެހި އެވެ. ނިހާއަށް ވެސް ޔަގީންވިހެން، ފަރީޝާ މިހާރު އާޒިމް ދެކެ ލޯބި ނުވިއަސް ކައިވެނި ކުރެވިއްޖެނަމަ މަޑުމަޑުން ފަރީޝާވެސް އާޒިމްދެކެ ލޯބިވާނެ ކަމުގެ ޔަގީންކަން އާޒިމަށް އެބައޮތެވެ.
އާޒިމް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ. ނިހާގެ އެހީގައި އޭނާއަށް އެކަން ކާމިޔާބު ކުރެވިދާނެހެން ހީވި އެވެ. ކައިވެންޏަށް ފަހުގައި އާޒިމުގެ ލޯތްބާ އޯގާތެރި ކަމުގެ އެހީގައި ފަރީޝާއަށް އަޝްރަފް ހަނދާން ނައްތާލެވިދާނެ އެވެ. 

"އިރާދަކުރެއްވިއްޔާ އަދި ތިކަން ކާމިޔާބު ވާނެ...!"
ނިހާ ފުން ވިސްނުމަކަށް ގެއްލިފައި އިނދެ ބުނެލި އެވެ. އާޒިމް އިނީ އިތުރަށް އެވާހަކަ ދައްކަން ބޭނުން ވެފަ އެވެ. އެހެން ނަމަވެސް މި ދަޑިވަޅަކީ އެފަދަ ވާހަކައެއް ދައްކަން މާ ރަނގަޅު ދަޑިވަޅެއް ނޫންކަން އާޒިމަށްވެސް ވިސްނުނެވެ. 
"އަހަރެން ބޭނުމެއް ނޫން އަދި މިވާހަކަ އެހެން މީހަކަށް އިނގޭކަށް! އަޝްރަފަށް ވެސް!"
އާޒިމް ބުނެލި އެވެ. އެއްބަސް ވުމުގެ ގޮތުން ނިހާ ބޯ ޖަހާލި އެވެ. 

އިންޑިއާގައި ނިހާއާ އާޒިމްވެސް ތިބީ ނިޔާޒުމެންގެ ގޭގައެވެ. ދެ ކޮޓަރި ކުއްޔަށް ނެގުމަށް ފަހު ދެފިރިހެންނުންނަށް ކޮޓަރިއެއް ދެ އަންހެނުންނަށް ކޮޓަރިއެއް ހަމަޖެއްސީ އެވެ. އަންނަ ބުރާސްފަތި ދުވަހަކީ ބޭބީގެ އޮޕަރޭޝަން ކުރާ ދުވަހެވެ. ބޭބީގެ އޮޕަރޭޝަން ކުރާ ދުވަސް ގާތްވީވީހެން ފަރީޝާގެ ހިތުގައި ބިރުވެރި ކަން އިތުރު ވަމުން ދިޔަ އެވެ. އެކަމުގެ ބޮޑުކަން ޑޮކްޓަރ އެތައް ފަހަރެއްގެ މަތީން ފަރީޝާއަށާ އަޝްރަފަށް ވަނީ ކިއައިދީފަ އެވެ. ހުރިހާ ގޮތަކަށް ތައްޔާރު ވެގެން ތިބުމަށް ޑޮކްޓަރ ނަސޭހަތްތެރި ވެފައި ވާތީ ފަރީޝާ މާ ބޮޑަށް ބިރު ގަންނަނީ އެވެ. ފަރީޝާގެ ދެލޮލުން ކަރުނަ ނުހިކެ އެވެ. އަޝްރަފާ ނިހާއަށް ކިތަންމެ އަސަރު ކުރި ނަމަވެސް އެމީހުން އެކަން ފަރީޝާއަށް އަންގާކަށް ބޭނުމެއް ނޫނެވެ. ނިހާ ފަރީޝާއަށް ހިތްވަރު ދެމުން ދިޔައެވެ. 

ބޭބީ ހޮސްޕިޓަލް ގައި އެޑްމިޓް ކުރީއްސުރެ އަޝްރަފް ވެސް ގެއަކަށް ނުދެއެވެ. އޭނާގެ ހާސްކަން ފޮރުވަން މަސައްކަތް ކުރި ނަމަވެސް އެކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވެމުން ދިއައީ ފަރީޝާ އަށެވެ. އަޝްރަފްވެސް އެދަރިފުޅު ދެކެ ލޯބިވާ މިންވަރު މިއަދު ފަރީޝާއަށް އިޙުސާސް ކުރެވިއްޖެ އެވެ. 

ބޭބީއާ އެކުގައި އަމާން ވަގުތު ކޮޅެއް ލިބޭއިރަށް އަޝްރަފް ބޭބީގެ ގައިގެ އެތަން މިތަނުގައި ފިރުމާ ހަދަ އެވެ. ކިތަންމެ ސިއްރު ކުރަން މަސައްކަތް ކުރި ނަމަވެސް މިދިއަ މަދު ދުވަސް ތަކުގެ ތެރޭގައި އެދެލޮލުން ކަރުނަ އޮހޮރުނު ތަން އެތައް ފަހަރަކު ފަރީޝާއަށް ވެސް ވަނީ ފެނިފަ އެވެ.

ރޭގެ އިރާކޮޅުގެ ވަގުތެވެ. މާދަމާއަކީ ބޭބީގެ އޮޕަރޭޝަން ކުރެވޭ ދުވަހެވެ. ފަރީޝާ ހޮސްޕިޓަލްގެ ކޮޓަރީގައި ބައިންދާފައި ނިހާއާ އާޒިމް ދިއައީ ކާއެއްޗެއް ގަންނާށެވެ. އަޝްރަފް ނަމާދުން ފައިބައިގެން އައިސް ކޮޓަރިއަށް ވަންވަގުތު ފެނުނު މަންޒަރަކުން ހިތް ފަޅައިގެން ނުދިއައީ ކިރިޔާ އެވެ. ދަރިފުޅު މެޔާލާ ބޮނޑިކޮށްލައިގެން އިނދެ ފަރީޝާ ގިސްލަ ގިސްލާފައި ރޮމުން ބޭބީގެ ކަންފަތް ދޮށުގައި ވާހަކައެއް ދައްކަނީ އެވެ. ދުރުގައި މަޑުކޮށްލައިގެން ހުރި އަޝްރަފަށް ފަރީޝާގެ ރިހުމުން ފުރިފައިވާ އަޑުއިވެމުން ދިޔަ އެވެ.

"މަންމަގެ ދޮންކަނބުލޯ... މަންމަ ވަރަށް ލޯބިވޭ އިނގޭ ދޫނި ދެކެ... މި ދުނިޔޭގަ މަންމަގެ ނެތޭ އެކަކުވެސް... ދޫނި މަންމަ ދޫކޮށްލާފަ ނުދައްޗޭ އިނގޭ... އޭރުން މަންމަ ރޮއި ރޮއި މޮޔަވެދާނެ... ހިތްދަތި ވެގެން މަރުވެދާނެ... މަންމަ އަށް އިނގޭ ދަރިފުޅު ކުރިމަތިލާން ތިއުޅެނީ ބޮޑު ކަމަކާކަން... މަންމައަށްޓަކާ ދަރިފުޅު ހިތްވަރު ގަދަ ކުރައްޗޭ.... މަންމައަށްޓަކާ ދަރިފުޅު އެނބުރި އަންނައްޗޭ... ޔާ ﷲ މިއަޅާގެ މިދަރިފުޅަށް ރަޙުމަތް ލައްވާ މިއަޅާގެ ދުޢާ އިޖާބަ ކުރައްވާނދޭ...!"

އަޝްރަފަކަށް ދުރުގައި ކެތެއް ނުކުރެވުނެވެ. އޭނާ ބާރަށް އައިސް ފަރީޝާގެ ފުރަގަހުން ބޭބީއާ އެކު ފަރީޝާގެ ގައިގައި ބައްދާލި އެވެ. ފަރީޝާ އަށް ލިބުނު ސިހުމުގައި ބާރަށް ރޮއިގަނެވުނެވެ. އަޝްރަފް ފަރީޝާގެ ގައިގައި މޫނު ޖައްސަމުން ލޯ މަރާ ބާރުކޮށްލި އެވެ. ކެތްނުވާ ވަރަށް އޭނާއަށްވެސް ވަނީ އަސަރު ކޮށްފައެވެ. ފަރީޝާ ވެސް ފުރަތަމަ ފަހަރަށް އަޑުވީއްލާ ރޮއެލިއެވެ. އޭނާގެ ހިތް ފުރިގެން ބަނޑުން ދިޔަ ރިހުންތައް ކަރުނަ ތިކިތަކެއްގެ ސިފައިގައި ބޭބީގެ ކޯތާފަތް ތެންމަމުން ދިޔައިރު އަޝްރަފްގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތިކިތަކުން ފަރީޝާގެ ކޮނޑުމަތި ތެންމަމުން ގެންދިޔަ އެވެ. އަސަރުގަދަ ވަގުތު ކޮޅެކެވެ. އެތައް ދުވަހަކަށް ފަހު ދެ ހަށިގަނޑު ބީހިލާނެ ފުރުސަތު ލިބުމުންވެސް އެފަދަ އެއްވެސް އިޙުސާސެއް މިއަދަކު ނެތެވެ. އެއަށް ވުރެ ފުން އަސަރެއް ވަނީ ހަށިގަނޑުގެ އެތެރެއަށް ކުރުވާފަ އެވެ. ހާމަ ކުރަން ބޭނުން ނުވި އަސަރު ތައް ބޭރުކޮށްލާނެ ފުރުސަތު އަޝްރަފަށްވެސް ލިބުނު ވަގުތު ކޮޅެކެވެ. ބޭބީގެ ތުނިތުނި އިސްތަށި ކޮޅުގައި ފިރުމާލަމުން އަޝްރަފް އެ ދަރިފުޅަށް ބަލާލިއެވެ. އޭރުވެސް ހިތާހިތުން އޭނާ މަތިވެރި މާތް ﷲއަށް ދުޢާ ކުރަމުން ދިޔަ އެވެ. 

ކާ އެއްޗެހި ހިފައިގެން އައިސް ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރަކުން އާޒިމަށް ހުއްޓެވުނެވެ. އޭނާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ދަތުރު ކޮށްލި ނަމަވެސް އެ ވަގުތުގެ ހިތާމަވެރިކަން ބޮޑުވެފައި ވާވަރު ފެނިފައި އޭނާ މަޑުކޮށްލި އެވެ. އިރުކޮޅެއް ވަންދެން ދޮރުމަތީގައި ހުރުމަށް ފަހު އާޒިމް، އޭނާގެ އަތުގައިވާ ކޮތަޅު ތަޅުވާލި އެވެ. އެއަޑަށް އަޝްރަފް ބަލާލި އެވެ. ދެން އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލައިގެން ހުއްޓުނެވެ. ހަމަ އެ ސުކުންތުގެ ތެރޭގައި ނިހާއަށް އާދެވިއްޖެ އެވެ. 

ކޮޓަރިތެރެއަށް ވެރިވެފައިވާ ހަމަ ހިމޭންކަން ނިހާއަށް ފާހަގަ ކުރެވުނެވެ. އޭނާ އަވަސް އަވަހަށް އައިސް ފަރީޝާގެ ކައިރިއަށް ހުއްޓުނެވެ. 

" ނިހާ!"
ފަރީޝާ ގެ ދުޅަވެ ރަތްވެފައިވާ ދެލޯ ނިހާއާ އަމާޒު ކޮށްލިއެވެ. 
" މާތް ﷲ ގެ ރަޙުމަތުން އަހަރެންގެ މި ދަރިފުޅު މިކަމުން ސަލާމަތްވެ ހެޔޮ ހާލުގައި ލަހައްޓަވައިފިއްޔާ.... އަހަރެން މި ދަރިފުޅު ތި ދެމަފިރިންނަށް ދޭނަން.... މީ އަހަރެން ވާ ވައުދެއް!"

އެއަޑު އިވިފައި އަޝްރަފްގެ ގައިން ހީބިހި ނަގައިގެން ދިއައެވެ. އެއީ ގޮތް ހުސްވެފައިވާ މަޔަކު ﷲ ގެ ރަޙުމަތަށް އެދި ބުނި ވޭނީ ބަސްތަކެކެވެ. ނިހާ ބާރަށް ރޮއިގަންނަމުން ފަރީޝާގެ ގައިގައި ބައްދައިގަތެވެ. ނިއްކުރީގައި ހިފަހައްޓާލަމުން އާޒިމަށް ވެސް ލޯމަރާލެވުނެވެ. މައިމީހާ ދަރިފުޅުދެކެ ލޯބިވާވަރު ނިކަން ދެކިބަލާށެވެ! 

ނިހާއާ ފަރީޝާ ބޭބީގެ ގައިގައި ބައްދަމުން އެތައް އިރެއް ވަންދެން ރުޔެވެ. އެ މީހުންނަށް ފުރަގަސްދީގެން ބޭރު ބަލާކަމަށް ހަދައިގެން އޮތް އަޝްރަފްގެ ލޮލުން ކަރުނަ އޮހޮރުނު ވަރެއް ދެނެ ވޮޑިގެން ވާނީ މާތް ﷲ އެވެ.

އެރޭ އެކަކުވެސް ނުނިދަ އެވެ. ހޮސްޕިޓަލްގެ ތެރޭގައި އެނބުރި އެނބުރި ރޭ ހޭދަވެގެން ދިޔައިރު އެކަކުވެސް މީހަކާ އަނގައިން ބުނެލާ އަޑުވެސް ނީވެ އެވެ. ބޭބީ ތިއޭޓަރ އަށް ވެއްދި ވަގުތު ފަރީޝާގެ އަތް ތިލައިގައި އަޝްރަފް ހިފާލިތަން ނިހާއަށް ފެނުނެވެ. މިކަމުގެ ސަބަބުން އަޝްރަފަށް ވެސް ކެތް ނުވާވަރަށް ވަނީ އަސަރު ކޮށްފަ އެވެ. ބޭރުގައި މީހުން މަޑުކުރަން ކަނޑައަޅާފައިވާ ހިސާބުގައި ފަރީޝާގެ ގައިގައި ފިރުމާލަ ފިރުމާލާ ނިހާ އިނެވެ. އުނދަގޫ ދިގު ހަތަރު ގަޑިއިރަށް ފަހު ޑޮކްޓަރ ތިއޭޓަރ އިން ނުކުތްތަން ފެނުމާއި އެކު އަޝްރަފާ އާޒިމް އެދިމާއަށް ދުއްވައި ގަތެވެ. ނިހާ ވެސް ކޮޅަށް ތެދުވި އެވެ. ފަރީޝާ އިނީ ދެފައިކޮޅުގައި އެއްވެސް ވަރެއް ނެތިފަ އެވެ. ތެދުވާނެހާ ހިތްވަރެއްވެސް ނެތިފަ އެވެ. ޑޮކްޓަރ އަޝްރަފާ ވާހަކަ ތަކެއް ދެއްކި ވަގުތު، ދުރުގައި ނޭވާ ހިފަހައްޓާލައިގެން އަޝްރަފްގެ މޫނަށް ބަލަން ފަރީޝާއާ ނިހާ ތިއްބެވެ. އަޝްރަފްގެ މޫނުމަތި އުޖާލާވެގެން ދިއުމާއެކު ފެނުނީ އާޒިމް އަޝްރަފްގެ ގައިގައި ބައްދާލި ތަނެވެ. އާޒިމްގެ އެ ހަރަކާތުން ޑޮކްޓަރ ދިނީ އުފާވެރި ޚަބަރެއްކަން އެނގުނެވެ. އަޝްރަފާ އާޒިމް އައިސް ފަރީޝާއަށް އެޚަބަރު ދިނެވެ. 

އޮޕަރޭޝަން ކާމިޔާބެވެ. ދަރިފުޅުވެސް ރަނގަޅެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އައިސީޔޫ އަށް ގެންދާނެ އެވެ. 

ހަތަރު މީހުން ނަށްވެސް ހަމަ ނޭވާއެއް ލެވުނީ ދެތިން ދުވަސް ފަހުންނެވެ. ޑޮކްޓަރ މުޅީން ޔަގީންކަން ދިނުމުންނެވެ. ފަނަރަ ވަރަކަށް ދުވަހު ހޮސްޕިޓަލްގައި މަޑުކުރަން ޖެހުނެވެ. ޑޮކްޓަރ ބުނީ ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެއްޔާ ދެން އޮޕަރޭޝަނެއް ކުރަން ޖެހޭނީ ހަތް އަހަރުގެ ކުރީންނެވެ. އެހެން ނަމަވެސް ދެ އަހަރު ވަންދެން ކޮންމެ ހަމަހަކުން ދައްކަން ބުންޏެވެ. އަދި ދެ އަހަރު ފަހުގައި ވެސް އަހަރަކު އެއްފަހަރު ދެއްކުން ބުއްދިވެރި ކަމުގައި ބުންޏެވެ. ޑޮކްޓަރ ބުނި މުއްދަތު ހަމަ ވަންދެން ހޮސްޕިޓަލް ގައި ތިބުމަށް ފަހު މާލެ އަންނަން ނިންމި އެވެ. އޮފަރޭޝަނަށް ހަހާސް ޑޮލަރު ޚަރަދު ވީއިރު ގިނަ ދުވަސްތަކަކު އެތަނުގައި ތިބެންވެސް ބޮޑު އެއްޗެއް ޚަރަދު ވިއެވެ. މިއަދު ދަރިފުޅުގެ ފުރާނަ ސަލާމަތް ވެފައިވަނީ ނިހާގެ ސަބަބުން ކަން ފަރީޝާ ހިނދު ކޮޅަކަށް ވެސް ހަނދާން ނުނެތެ އެވެ. 

މާލެ ދާން ފުރާ ވަގުތު ކައިރިވަނީ އެވެ. ކުރިއަށް އޮތް ގަޑިއެއް ހާއިރުގެ ތެރޭގައި ދަތުރަށް ފަށަން ޖެހޭނެ އެވެ. މާލެ ދިއުމަށް ފަހު ފަރީޝާ ދާނީ ރަށަށެވެ. އަދި އަޝްރަފާ ނިހާވެސް ދެން ދާނީ އެމީހުންގެ ރަށަށެވެ. އަޝްރަފްގެ ކިއެވުންވެސް މިހާރު އެވަނީ ނިމިފަ އެވެ. ނިހާ އެދިގެން ނިހާގެ ނިހާގެ ވަޒީފާވެސް ރަށަށް ބަދަލު ކޮށްފި އެވެ. ރާއްޖެ ދިއުމަށް ފަހުގައިވެސް ބޭބީއަށް ގަވާއިދުން ފަރުވާ ދޭން ޖެހެ އެވެ. ކޮންމެ ހަމަހަކުން އިންޑިއާއަށް އައިސް ދަރިފުޅު ޑޮކްޓަރ އަށް ދައްކަން ވެސް ޖެހެ އެވެ. އެކަމާ ފަރީޝާ ވަރަށް ވިސްނަ އެވެ. ފަރީޝާ އިނީ އެނދުގައި އޮތް ކުޑަކުޑަ ދަރިފުޅަށް ބަލާށެވެ. އެއީ މާތް ﷲ އޭނާއަށް ދެއްވި އެންމެ ބޮޑު ނިއުމަތެވެ. މިހާތަނަށް އޭނާގެ ދިރިއުޅުމުގައި އުފާވެރި ކަމުގެ އިޙުސާސެއް ގެނެސްދިން ހަމަ އެކަނި ސަބަބެވެ. އެދަރިފުޅާ ދިމާއަށް ބަލާލެވޭ ކޮންމެ ފަހަރަކު މަތިވެރި މާތް ﷲ ގެ ކިބަފުޅަށް ޝުކުރު އަދާ ކޮށްލެވެ އެވެ. މިވަގުތަކީ ފަރީޝާއަށް ވަރަށް އަގުހުރި ވަގުތު ތެކެވެ. 

ފަރީޝާގެ ދެލޯ ފުރިގެން ބަންޑުން ވި ކަރުނަ ތިކިތައް ކޯތާފަތް މަތީން ތިރިއަށް ފައިބަމުން ދިޔަ އެވެ. އެފަދަ ލޯބިވާ އޭނާގެ ދަރިފުޅާ ވަކިވާން ޖެހޭ ވަގުތު އައިސް ޖެހިއްޖެ އެވެ. އޭނާއަކީ ހިތާމަ ވެރި ހާލަތް ތަކުގައި ރަޙުމަތަށް އެދި ބުނެވޭ ބަސްތަކާ ވަޢުދުތައް ހަނދާން ނައްތާލާނެ މީހެއް ނޫނެވެ. މިދުނިޔޭގައި އޭނާއަށް އެންމެ މުހިންމުވީ ދަރިފުޅުގެ ފުރާނަ އެވެ. އެކަން ﷲ އޭނާއަށް ފުއްދަވައި ދެއްވައިފި އެވެ. ފަރީޝާ ދަރިފުޅު ނަގާ އޭނާގެ މެޔާލާ ބޮނޑިކޮށްލި އެވެ. ދެމަހުގެ ކުޑަކުޑަ ދަރިފުޅު އޮތީ މަންމަގެ މޫނަށް ކަޅި ހުއްޓާލައިގެން ނެވެ. އެ ދެލޮލުން ގިނަ ވާހަކަ ތަކެއް ބުނަމުން ދާ ކަހަލަ އެވެ. ފަރީޝާ ވެސް އެ ހުދު ދެލޮލަށް ބަލަން އިނދެ ބުނެލަން ބޭނުން ބަސްތަކެއް އެބައޮތެވެ. 

" ދަރިފުޅާ... އަބަދުވެސް ހަނދާން ކުރައްޗޭ... މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވާކަން!...ކިތަންމެ ދުރުގަ ހުއްޓަސް މަންމަ ދަރިފުޅު ދެކެ އަބަދުވެސް ހަމަ މިވަރަށް ލޯބިވާނެ އިނގޭ....!"

އެވަގުތު ބޭބީ ބާރަށް ރޯން ފަށައިފި އެވެ. ހީވީ މަންމަ އެބުނަން އުޅޭ އެއްޗެއް އެ ތުއްތު ދަރިފުޅަށް އެނގުނު ހެންނެވެ. ފަރީޝާ އެދަރިފުޅު ގައިގައި ބައްދާލައިގެން ދެކޮޅަށް ހިނގާލި އެވެ. ކިތަންމެ ގިނަ ވާހަކަ ތަކެއް ދަރިފުޅަށް އަޑު އިއްވާލަން ބޭނުން ނަމަވެސް އޭނާ އިތުރަކަށް ބަހެއް ނުބުނެ އެވެ. ކިޔާ އެއްޗެއް ނޭގުނު ނަމަވެސް މަންމަގެ އެރިހުން ތަކުގެ އަސަރު ބޭބީއަށް ކުރަނީހެން ހީވުމުން ނެވެ. ދަރިފުޅުގެ ހަށިގަޑުގެ އެކި ހިސާބު ތަކުގައި އޭނާ އަސަރާއި އެކު ބޮސް ދިނެވެ. އެދަރިފުޅާއި ވަކީން އޭނާއަށް ދިރިއުޅެވިދާނެ ބާއޭ ހިތަށް އަރާ ހާލުގަ އެވެ. 

އަޝްރަފާ ނިހާ، އަޝްރަފް ހުންނަ ކޮޓަރީގައި ފޮށިތައްޔާރު ކުރަން އުޅެނިކޮށް ދޮރުގައި މީހަކު ޖަހާލިއެވެ. ދޮރު ހުޅުވާލި އިރު ފަރީޝާ ބޭބީ ގޮވައިގެން ދޮރުމަތީގައި ހުއްޓެވެ. ހިނިތުން ވުމަކާއި އެކު ނިހާ ފަރީޝާ އެތެރެއަށް ވަންނަން ތަން ދެއްކި އެވެ. އެއީ ފަރީޝާ އެގޭގެ އެ ކޮޓަރިއަށް ވަންނަ ފުރަތަމަ ފަހަރެވެ. 

ފަރީޝާ އައިސް ނިހާގެ ކައިރިއަށް ހުއްޓުނެވެ. މި ވަގުތު އޭނާ އަކަށް ވާހަކަ ދައްކާކަށް މާ ފަސޭހަ އެއްވެސް ނޫނެވެ. އެހެން ނަމަވެސް އެއީ އޭނާ ކުރަން ޖެހޭ ކަމެކެވެ.

" ނިހާ...! މާލެ ދިއުމަށް ފަހު އަހަރުމެން ދެމީހުން ދިރިއުޅޭނީ ދެރަށެއްގަ.... މުޅީން ވަކިވާނެ....!"
އެކަމާ ނިހާވެސް ހުރީ ވަރަށް ދެރަވެފަ އެވެ. އެންމެ ހިނދު ކޮޅަކަށް ވެސް ބޭބީއާ ދުރަށް ދާކަށް ނިހާ ބޭނުމެއް ނޫނެވެ. ނިހާގެ މޫނު މަތީން ފާޅުވެގެން ދިޔަ ހިތާމަ ވެރި ކުލަވަރު އަޝްރަފަށް ވެސް ފާހަގަ ކުރެވުނެވެ.
"ކޮންމެ ގޮތެއްވިއަސް އަހަރެންނަކަށް މިދަރިފުޅު ނިހާއާ ވަކި ކުރެވޭކަށް ނެތް.... ދަރިފުޅުގެ ފުރާނައަކީ ނިހާގެ ޙައްޤެއް!"
ނުރޯން މަސައްކަތް ކުރަމުން ފަރީޝާ ތުންފަތުގައި ދަތް އަޅާލި އެވެ. ދުރުގައި މި މަންޒަރު ބަލަން ހުރި އަޝްރަފްގެ ހިތުގައި ވެސް ގަދައަށް ރިހެން ފަށައިފި އެވެ. 

"އެހެން ނޫނަސް އަހަރެން ވަނީ އަހަރެންގެ އަމިއްލަ ނަފްސަށް ވަޢުދެއް ވެފަ.... އަހަރެން އެކަން ހަނދާން ކުރަންޖެހޭނެ.... އެހެންވީމަ.... އަހަރެން މިއައީ އަހަރެން ބުނި ގޮތަށް... މިދަރިފުޅު ނިހާއަށް ދޭން...!"
އެހާ ހިސާބަށް ބުނެވުނީ ކިރިޔާ އެވެ. އޭނާއަށް ބާރަށް ރޮއިގަނެވިއްޖެ އެވެ. އަޝްރަފްގެ ލޮލު ތެރޭގައި ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ކަރުނަ ތިކިތައް އެ މަޤާމު ދޫކޮށް އޮހިގެން ހިނދު އަޝްރަފް އަވަސް އަވަހަށް މޫނު އަނބުރާލި އެވެ. ބުނާނެ އެއްޗެއް ނޭގި ފަރީޝާއަށް ބަލަން ހުރި ނިހާގެ ލޮލުންވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރި ގަތެވެ. އިރުގަނޑެއް ވަންދެން ކަޅި ޖަހާނުލާ ފަރީޝާއަށް ބަލަން ހުރެފައި އެންމެ ފަހުން ނިހާ ފަރީޝާއާ ދިމާއަށް ދެއަތް ދިއްކޮށްލި އެވެ. 

ފަރީޝާ އުއްމީދު ކޮށްގެން ހުރީ ނިހާ އެދަރިފުޅު ފަރީޝާއަށް ދޭނެ ކަމަށެވެ. އެހެން ނަމަވެސް ނިހާގެ އެ ދެއަތުގެ ތެރެއަށް ފަރީޝާގެ ފުރާނަ ލާ ދިނުން ނޫން ގޮތެއް މިއަދަކު ފަރީޝާއަކަށް ނެތެވެ. 

ފަރީޝާ އެންމެ ފަހު ފަހަރަށް ދަރިފުޅު އޭނާގެ މެއާލާ ބޮނޑި ކޮށްލަމުން ލޯމަރާލި އެވެ. 
އަޝްރަފް އެނބުރި އެދިމާއަށް ބަލާލުމާއި އެކު އަނެއްކާވެސް އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ. އެ މަންޒަރު ދެކޭކަށް އޭނާ އަކަށް ކުޅަދާނައެއް ނުވި އެވެ. ނިހާ ފަރީޝާއާ ދިމާއަށް އަތް ދިއްކޮށްލައިގެން ހުރިއިރު އޭނާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިއަ އެވެ. އެވަގުތު ނިހާއަށް ކުރެވެމުން ދިއައީ ކޮންކަހަލަ އިޙުސާސެއް ކަމެއް ޚުދު އޭނާއަށް ވެސް ބުނެދޭކަށް ނޭގެ އެވެ. ނޭވާ ހަށިގަނޑުގައި ތާށި ވާހެން ހީވާން ފެށުމުން ފަރީޝާ ގަދަކަމުން ފުން ނޭވާއެއް ބޭރު ކޮށްލިއެވެ. ދެން އޭނާ އޭނާގެ ދިރިހުރުމުގެ ހަމަ އެކަނި އުއްމީދު ކަމުގައިވާ އެކުޑަ ކުޑަ ދަރިފުޅު ނިހާގެ އަތުގެ ތެރޭގައި ބާއްވާލި އެވެ. އެވަގުތު ކުރެވުނު ހިތްދަތި އަސަރުގައި ފަރީޝާގެ މޫނު މައްޗަށްވެސް އަނދިރިވެގެން ދިއައެވެ. އެހެން ނަމަވެސް އޭނާ ހިތްވަރު ކުރަން ބޭނުމެވެ. އެއީ އެ ދަރިފުޅުގެ ޙައްޤުގައި އޭނާ ވާ ޤުރުބާނީ އެކެވެ. 

ނިހާގެ އަތުގެ ތެރޭގައި ބޭބީ ބާއްވާލުމާއި އެކު އެ ދަރިފުޅު މޭގައި ޖައްސާ ބާރުކޮށްލަމުން ނިހާއަށް ލޯމަރާލެވުނެވެ. 
އެވަގުތު މައިވަންތަ ކަމުގެ އިޙުސާސުން އޭނާގެ ހިތް ފުރިގެން ދިއައެވެ. އެއީ ކިހާ ވަރުގަދަ އިޙުސާސެއް ހެއްޔެވެ! 

" ދަރިފުޅާ!"
ނިހާގެ ދުލުން އެ ލަފްޒް ބޭރުވެގެން ދިޔަ ހިނދު ފަރީޝާގެ ރިހެމުންދާ ހިތް ކުދިކުދި ވެގެން ދިޔަ ކަހަލަ އެވެ.
މިއަދަށް ފަހު އޭނާއާ އެދަރިފުޅާ އޮތް ހުރިހާ ގުޅުމެއް ކެނޑިގެން ދިއައީއެވެ. އެދަރިފުޅު ގެ ދިރި އުޅުމުން އޭނާގެ ނަންވެސް ފޮހެވިގެން ދާނެ އެވެ. ފަރީޝާއަކީ ދުވަހެއްގަވެސް އެދަރިފުޅާ ގުޅުމެއް އޮތް މީހެއް ކަމެއް، ދެން އެދަރިފުޅަކަށް ނޭގޭނެ އެވެ. 
ނިހާ އެދަރިފުޅުގެ މޫނުގެ އެތަން މިތަނުގައި ބޮސް ދިނެވެ. އޭނާއަށް އެ ލިބުނީ ދުވަހަކުވެސް ލިބިދާނެ ކަމަށް އުއްމީދުވެސް ކޮށްފައި ނުވާފަދަ އަގުހުރި ހަދިޔާ އެކެވެ. އެހުރިހާ ގޮތެއް ހެދި އިރުވެސް އެދަރިފުޅު ކުކުރާވެސް ނުލާ ނިހާއާ ދިމާއަށް ބަލަން އޮތެވެ. ހީވަނީ އެ ކުޑަކުޑަ ދަރިފުޅަށް ނިހާ ފެންނަ ހެންނެވެ. އެ ތުއްތު ދެލޮލުން ނިހާ ގާތުގައި ބޮޑު ވާހަކައެއް ބުނަން މަސައްކަތް ކުރާ ކަހަލަ އެވެ. ނުވަމަހާ ނުވަ ދުވަހުގެ ބުރައަށް ފަހުގައިވެސް އެ ދަރިފުޅަށްޓަކައި އިންތިހާ ވޭން އުފުލި ލޯބިވާ މަންމައާ ވަކި ނުކުރުމަށް އެދި އެދޮލުން އާދޭސް ކުރަމުން ދާ ކަހަލައެވެ!
(ނުނިމޭ)

ކޮމެންޓް 0