(02 ޑިސެމްބަރގެ އަދަދާ ގުޅޭ)
ފަރީޝާ އެގޭން ނުކުމެގެން ދާނީ އަޝްރަފްގެ ކައިރިއަށް ހެން އާޒިމަށް ހީވި އެވެ. ކުރެވުނު ބޮޑު ކުށުގެ އާހިރު ނިމުން ހިތި ވާނެކަން އަބަދުވެސް އާޒިމަށް އިނގެ އެވެ. އެހެނަސް މިހާ ހިތި ވާނެކަމެއް ނޭގެ އެވެ.
އާޒިމް އިސް ޖެހިފައި އިރުގަނޑަކު އިނެވެ. ދެން ކަންތައް ކުރަން ވީ ގޮތް އޭނާއަކަށް ނުވިސްނުނެވެ. ފަރީޝާ ގާތުގައި ހުރިހާ ވާހަކައެއް ކިޔައި ދިނުމަށް ފަހު މަޢާފަށް އެދެން ބޭނުމެވެ. ފަރީޝާއާ ނުލާ އޭނާއަކަށް ދިރިއެއް ނޫޅެވޭނެ އެވެ.
އާޒިމް ހިތްވަރު ކޮށްލާފައި ފަރީޝާގެ ފޯނަށް ގުޅާލި އެވެ. ފޯނު ރިންގްވާން ފެށީ ކޮޓަރީގެ ތެރެއިންނެވެ. ފަރީޝާ ދިޔައީ ފޯނުވެސް ބާއްވާފަ އެވެ. ދެން އޭނާއާ ގުޅޭނެ ގޮތެއް ވެސް ނޯންނާނެ އެވެ. އޭނާ ދާނީ ކޮންތާކަށް ހެއްޔެވެ؟ އަޝްރަފް މާލޭގައި އުޅޭނަމަ ހުންނާނެ ތަނެއް އާޒިމަށް އެނގެއެވެ. ވިސްނާލުމަށް ފަހު އާޒިމް ފޯނު ނެގި އެވެ. ގޭގައި މަޑުކޮށްލާނެ މީހަކު ވެއްޖެއްޔާ އޭނާއަށް ފަރީޝާ ހޯދަން ނުކުމެވި ދާނެއެވެ.
ދޮރުގައި މީހަކު ބާރަށް ޖަހާލުމުން އަޝްރަފަށް ހޭލެވިއްޖެ އެވެ. ބޮލުގައި ރިއްސާ ވަރުން ދުވާލުގެ އެ ގަޑީގައިވެސް އޭނާއަށް ނިދުނީ އެވެ. އަޝްރަފް ކަންނެތް ގޮތަކަށް ގޮސް ދޮރު ހުޅުވާލި އެވެ. ދޮރުމަތީގައި ހުރި ފަރީޝާ ފެނުމުން އަޝްރަފަށް ލިބުނީ ސިހުމެކެވެ. ބައްދަލު ކުރަން ބޭނުން ނޫން ކަމަށް އޭނާ ފަރީޝާ ގާތުގައި ބުނީ ކުޑަ އިރުކޮޅެއްގެ ކުރީންނެވެ. އަޝްރަފްގެ އިޒުނަ އަކަށް މަޑުވެސް ކޮށްނުލާ ފަރީޝާ ކޮޓަރީގެ ތެރެއަށް ދެމިގަތެވެ. އަޝްރަފްގެ ހިތް ބާރަށް ތެޅިގަތެވެ. ފަރީޝާއާ އެކު އެކަހެރި ގޮތަކަށް ބައްދަލު ކުރުމަކީ މިހާރު ވަރަށް ނުރައްކާތެރި ކަމެކެވެ. އަމުދުން މި ދަޑިވަޅަކީ ދެމީހުންމެ ތަފާތު އިޙުސާސް ތަކަކާއި ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެކެވެ. ޖަޒުބާތުގައި ޖެހި ނުބައެއް ހެދިދާނެތީވެސް ބިރުގަންނަން ޖެހެ އެވެ. އަމިއްލަ ނަފްސަށް ވެސް މާ ބޮޑު އިތުބާރެއް ނެތެވެ. އެހެން ނޫނަސް އެ ކޮޓަރި ތެރޭގައި އަޝްރަފާ ފަރީޝާ ވަނީ ކުރީން ވެސް ބޮނޑިއެއް ބޮއިފަ އެވެ. މިފަހަރު އެފަދަ ލަޑެއް ލިބިއްޖެއްޔާ ސަލާމަތް ނުވާނެ އެވެ. ފަރީޝާ އަކީ ވެސް މިހާރު މީހެއްގެ އަންބެކެވެ. އެހެން ކަމުން ތުހުމަތެއްގައި ބެދިއްޖެއްޔާ ދެން ކުރާ ހުކްމް ވަރަށް ބޮޑުވާނެ އެވެ. އަޝްރަފް ބިރުން ހުރެ ދޮރު ލައްޕާލި އެވެ.
ގޮނޑީގައި އިސް ޖަހާލައިގެން އިނދެ ފަރީޝާ ވަރަށް ރުޔެވެ. އެނދުގައި އިށީންދެ އަޝްރަފް ހިމޭނުން އިނެވެ. ފަރީޝާއާ ދޭތެރޭގައި ހަމްދަރްދީ ވި ނަމަވެސް އެކަން ފާޅު ކުރާކަށް އަޝްރަފް ބޭނުމެއް ނުވި އެވެ. އެކަމުގެ ސަބަބުން ވެސް ފަރީޝާއާ ގާތް ވެދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި ވަނީ ބޮޑުވެފަ އެވެ. ފަރީޝާ އާޒިމާ ކައިވެނި ކުރީއްސުރެ އަޝްރަފްގެ ހިތުގައި ފަރީޝާގެ މައްޗަށް އާދަޔާ ޚިލާފް ޝައުގުވެރި ކަމެއް ވަނީ އުފެދިފަ އެވެ. ފަރީޝާގެ ޒުވާން ކަމުން ފުރިފައި ވާ އެރީތި ހަށިގަނޑަށް މިހާރު އައިސްފައި އެވާ ފުރިހަމަ ބަދަލު އަޝްރަފްގެ ޚިޔާލީ ލޮލުން އެތައް ފަހަރަކު ވަނީ ދެކިފަ އެވެ. އެ ޒުވާން ކަމުގެ މަސްތުގައި ޖެހިލަން ހިތް އެދެމުން ދާތާ ކިތަންމެ ދުވަހެކެވެ. އެހެނަސް ދެން އަލުން އެ ހާޖާނު ގަނޑުގެ ތެރެއަށް ވަންނާކަށް އަޝްރަފް މިހާރު ބޭނުމެއް ނޫނެވެ. ހިތް ކިތަންމެ ބޭނުން ވިއަސް އަދި ކިތަންމެ ދަހި ވިއަސް ދެން އޭނާ ކެތްތެރި ވާނެ އެވެ.
" އަހަރެން ހީކުރީ.... އެކަން ކުރީ އަޝްރަފް ކަމަށް... އެހެންވެ އެވާހަކަ ނުދެއްކީވެސް... އަހަރެން ގަސްދުގަ އަޝްރަފަށް އޮޅުވާލީއެއް ނޫން....!"
އެންމެ ފަހުން ފަރީޝާއަށް ވާހަކަ ދެއްކޭ ވަރު ވެއްޖެ އެވެ. ފަރީޝާ އެބުނި ވާހަކަ އާޒިމް ވަނީ އަޝްރަފް ގާތުގައި ބުނެފަ އެވެ. އަޝްރަފް އެންމެ ދެރަވީ އެވަރުގެ ނުބައިކަމެއް އަޝްރަފް ކުރިކަމަށް ފަރީޝާ ޤަބޫލު ކުރީތީ އެވެ. އެހެން ބުނަންވެސް ބޭނުން ނުވެފައި އަޝްރަފް ހިމޭނުން އިނެވެ.
" އަހަރެން ހީކުރީ އާޒިމަކީ ވަރަށް ރަނގަޅު މީހެއް ކަމަށް... އަހަރެން އާޒިމާ އިނީވެސް އެހެންވެ...!"
ފަރީޝާ އޭނާގެ ހިތުގައިވާ ރިހުންތައް ބޭރު ކުރަމުން ދިޔަ އެވެ.
" އަހަރެން އާޒިމް ދެކެ ލޯތްބެއް ނުވޭ.... އަހަރެން އަބަދުވެސް ލޯބިވީ އަޝްރަފް ދެކެ!"
އެހެން ބުނަމުން ފަރީޝާ އަޝްރަފާ ހަތަރު ކަޅި ހަމަކޮށްލި އެވެ. އަޝްރަފް މޫނު އަނބުރާލަމުން ދުރު ބަލާލި އެވެ. މިވަގުތު ލޯބީގެ ވާހަކަ ދައްކާކަށް ނުވާނެ އެވެ. އަޝްރަފް އޭނާ އެންމެ ހިތުގައި ޖެހުނު ވާހަކަ ބުނެލަން މަސައްކަތް ކުރި އެވެ.
" އަހަރެން އެންމެ ދެރަވީ....!"
އެހާ ހިސާބަށް ބުނެފައި އަޝްރަފް ހުއްޓާލި އެވެ. އެވާހަކަ ދައްކާކަށް އޭނާ އަކަށް އެހާ ފަސޭހައެއް ނޫނެވެ. އިޝާއަކީ އޭނާގެ ދަރިއެއް ނޫންކަން އެނގުނީއްސުރެ އޭނާ ވަނީ ނަފްސާނީ ގޮތުން ބަލިކަށިވެފަ އެވެ. އެވާހަކަ ދައްކަން އުޅެފިއްޔާ އޭނާއަށް ރޮވި ދާނެ އެވެ. އިޝާއަކީ އޭނާގެ ދަރިއެއް ނޫންކަން އެނގުނު ފަހުން ދުވަސް ކޮޅެއް ފާއިތު ވެގެން ދިޔަ ނަމަވެސް އަދިވެސް އެ ހިތާމައިން އޭނާއަށް ނުނިކުމެވެ އެވެ. އެކަނި ވާ ކޮންމެ ވަގުތަކު ދެރަވަނީ އެވެ. ދެން ދުވަހަކުވެސް ދަރިއަކު ނުލިބޭނޭ ހިތަށް އަރާ ކޮންމެ ފަހަރަކު ހިތްދަތި ވަނީ އިންތިހާ އަށެވެ. އިޝާއާ އެކުގައި އެކުރެވުނު ބަފައެއްގެ ފޮނި އިޙުސާސްތައް ހިތަށް ވަނުމުން އަމިއްލަ ނަފްސާ ދޭތެރޭ ހަމްދަރްދީވެވެ އެވެ.
އަޝްރަފް އެ ބުނަން އުޅޭ އެއްޗެއް ފަރީޝާއަށް އިނގެއެވެ. ފަރިޝާ އިނީ އަޝްރަފާ ދިމާއަށް ބަލާށެވެ.
އިރުކޮޅަކު އިސް ޖަހައިގެން އިނދެފައި އަޝްރަފް އިސް އުފުލާ ފަރީޝާއަށް ބަލާލި އެވެ.
" ހަމަ ޔަގީންތަ އިޝާއަކީ އަހަރެންގެ ދަރިއެއް ނޫންކަން!"
އަޝްރަފްގެ އަޑުގައިވާ ތުރުތުރުލުމާއި އޭނާގެ މޫނު މަތީން ފެނުނު އަސަރުތަކުގެ ސަބަބުން ފަރީޝާގެ ހިތަށް ވަރަށް ތަދުވި އެވެ. އަދިވެސް އަޝްރަފް އެއުޅެނީ އެވާހަކަ ޤަބޫލު ކުރަން ބޭނުން ނުވެގެންނެވެ.
ފަރީޝާ އެއްޗެއް ނުބުނެ އަޝްރަފަށް ބަލަން އިނީ އެވެ. އޭރު ފަރީޝާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިއަ އެވެ.
" އަހަރެންގެ ހުރިހާ އެއްޗެއް އާޒިމް އަތުލައިފި.... އަހަރެންގެ ދަރިފުޅުވެސް....!"
އަޝްރަފްގެ ލޮލުން ކަރުނަ އޮހި ގަތެވެ. ފަރީޝާ އަކަށް ކެތެއް ނުވި އެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެނދުގައި އިށީނދެ އިން އަޝްރަފްގެ އުނގުގެ ތެރެއަށް ވަދެގަތެވެ. އޭނާ ތަޅުން މަތީގައި ދެކަކޫ ޖަހާލަމުން އަޝްރަފްގެ ގައިގައި ބާރަށް ބައްދައިގަތެވެ. އަޝްރަފް ފަރީޝާގެ ބޮލުގައި އޭނާގެ ކޯތާފަތް ޖައްސާލަމުން ގިސްލާ ރޯލި އެވެ. އެ ރިހުން ތައް އޭނާ ބޭރު ކުރަން ބޭނުން ވެގެން އުޅޭތާ ކިތަންމެ ދުވަހެކެވެ.
ކުއްލި އަކަށް ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ސިހިފައި އަޝްރަފާ ފަރީޝާއަށް ދުރަށް ޖެހިލެވުނެވެ. ދޮރުމަތީގައި ދެލޯބޮޑުވެ ކަޅި ހުއްޓިފައި ހުރީ ނިހާ އެވެ. ނިހާ ފެނުމުން އަޝްރަފަށް ލިބުނީ ޝޮކެކެވެ. ޤަބޫލުވެސް ނުކުރެވުނެވެ. ހީވީ ނިދީގައި ބިރުވެރި ހުވަފެނެއް ފެނުނު ހެންނެވެ. އަންގާވެސް ނުލާ ނިހާ މާލެ އައީ ހެއްޔެވެ! މަޑުމަޑުން އަޝްރަފް ތެދުވެލި އެވެ. ފަރީޝާ ވެސް ހުރީ ޙައިރާން ކަމާއެކު ނިހާއަށް ބަލާށެވެ. އޭރު އޭނާގެ ހިތް މޭ ފޫ އަޅާފައި ބޭރަށް ނުކުންނަން އުޅޭހާ ބާރަށް ތެޅެއެވެ.
ގުޑިލަން ވެސް ނޭގިފައި ނިހާއަށް އެތަނުގައި ހުރެވުނީ އެވެ. އޭނާގެ ލޮލަށް އެފެންނަ މަންޒަރު ޤަބޫލު ކުރަންވެސް ދައްޗެވެ. ހިތާ ސިކުނޑި އެއްފަހަރާ ފެއިލް ވެއްޖެހެން ހީވި އެވެ. އޭނާ މާލެ އައީ ރަޒީނާ ދެއްކި ވާހަކަ ތަކުން ބޮލަށް ތުރާ ވީ ވަރުން އެވާހަކަ އަޝްރަފާ ދައްކާށެވެ. އެވާހަކައިގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޮވެދާނެހެން އޭނާއަށް ހީވި ނަމަވެސް މިވަރުގެ ޙަޤީޤަތަކާ ކުރިމަތި ލާން ޖެހިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ފަރީޝާ އަކީ އާޒިމްގެ އަންހެނުންނެވެ. ފަރީޝާއާ އާޒިމްގެ ކައިވެނި ކުރުވީ ނިހާ އެވެ. އެހެން ވީއިރު މިވަގުތު އަޝްރަފްގެ ކޮޓަރީގައި ފަރީޝާ އުޅެންވީ ކީއްވެ ހެއްޔެވެ! ރަޒީނާ އެދެއްކީ ހުސް ތެދު ވާހަކަ ހެއްޔެވެ! އަޝްރަފް މާލެ އައީ ފަރީޝާގެ ފަހަތުން ހެއްޔެވެ! އަޝްރަފާ ފަރީޝާއާ ހަމަ ގުޅުން އޮތީ ހެއްޔެވެ! ސިކުނޑިއަށް ގިނަވެގެން ދިޔަ ސުވާލު ތަކުގެ ސަބަބުން ގުޑިލަން ނޭގިފައި އަޝްރަފާ ދިމާއަށް ކަޅި ހުއްޓިފައި ނިހާއަށް ހުރެވުނީ އެވެ.
ހަރަކާތެއް ކޮށްލަންވެސް ނޭގިފައި އަޝްރަފަށް ވެސް ހުރެވުނީ އެވެ. ދައްކާނެ ވާހަކައެއް ވެސް ސިކުނޑި އަކަށް ނައެވެ. ކުއްލި އަކަށް ފެނުނީ އާޒިމް އައިސް ނިހާގެ ފަހަތަށް ހުއްޓުނު ތަނެވެ. އަޝްރަފްގެ ހާސްކަން އެތަށް ގުނައެއް އިތުރު ވިއެވެ. ކަންތައްތައް ގޯހުން ގޯހަށް ދިއައީ އެވެ. ދޮގެއް ހެދެންވެސް ދެން ނޯންނާނެ އެވެ. ފަރީޝާއާ އަޝްރަފް ވެސް ގޮތް ހުސްވެއްޖެ އެވެ.
ކޮޓަރި ތެރޭގެ މާހައުލާއި، ނިހާ ފެނުމުން ވެގެން އުޅޭ ގޮތް އާޒިމަށް ވިސްނުނެވެ. އާޒިމް އެންމެ ކަންބޮޑުވީ ނިހާ އަށް ވާނެ ގޮތް ވިސްނާފަ އެވެ. ނިހާ ހިތް ދަތި ވާކަހަލަ އެއްވެސް ކަމެއް ވާކަށް އާޒިމް ބޭނުމެއް ނޫނެވެ. ނިހާ އަކީ އޭނާގެ ދަރިފުޅު ގެ ދިރިހުރުމުގެ އަސްލެވެ. އެހެން ކަމުން ނިހާއަށްޓަކައި އަޝްރަފާ ފަރީޝާ ސަލާމަތް ކުރެވޭތޯ ބަލަން އާޒިމް މަސައްކަތް ފެށިއެވެ.
" ފަރީޝާ...!"
އާޒިމްގެ އަޑު އިވިގެން ނިހާ އެނބުރި ބަލާލި އެވެ. އާޒިމް ފެނުމުން ނިހާގެ ޙައިރާންކަން އިތުރު ވިއެވެ.
އާޒިމް ކޮޓަރީގެ ތެރެއަށް ހިނގައިގަތެވެ. ވާނުވާ ނޭގިފައި ނިހާ ހުއްޓެވެ.
" ފަރީޝާ ޕްލީސް.... އަހަންނަށް މާފް ކުރޭ.... ސޮރީ....!"
ފަރީޝާ އަޝްރަފްގެ ގާތަށް އައީތީ އާޒިމް ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް އާޒިމް ހިތުގެ އަޑިން ފަރީޝާ ގާތުގައި މަޢާފަށް އެދުނެވެ. އަޝްރަފްގެ ހިތް ހިސާބަކަށް ހަމަ ޖެހޭ ގޮތް ވި އެވެ. އެ މަންޒަރު މުޅީން އެހެން ގޮތަކަށް ބަދަލު ވެދާނެ ކަމުގެ އުއްމީދު ބޮޑުވެގެން ދިއަ އެވެ. ފަރީޝާ އިސް ޖަހާލި އެވެ. މި ދަޑިވަޅުގައި އާޒިމް މަޢާފަށް އެދި، އެހެން ދިމާއަކަށް ސަމާލުކަން އަނބުރާލަން އެއުޅޭ ސަބަބު ފަރީޝާއަށް ވިސްނުނެވެ. އެކަމަށްޓަކައި އޭނާވެސް އާޒިމަށް ޝުކުރުވެރިވި އެވެ.
" ކޮންމެ އިންސާނަކީ ވެސް ކުށް ކުރެވޭނެ މީހެއް... އަހަރެން އަހަރެންގެ ކުށަށް ތައުބާ ވެއްޖައީން... އަހަރެން ބޭނުންވަނީ ފަރީޝާއާ އެކީ ރީތި ދިރިއުޅުމެއް އުޅެން.... އަހަރެން ފަރީޝާ ދެކެ ވަރަށް ލޯބިވޭ!"
އާޒިމް ފަރީޝާގެ އަތްތިލައިގައި ހިފަހައްޓާލަމުން ފަރީޝާއާ ހަތަރު ކަޅި ހަމަކޮށްލި އެވެ. އެއީ އާޒިމް ހަމަ ޙަޤީޤަތުގައި ވެސް ފަރީޝާ ގާތުގައި ބުނަން ބޭނުން ވާހަކަ ތަކެވެ.
އާޒިމާ ފަރީޝާގެ އެ މަންޒަރު ފެނުމުން ނިހާގެ ހަށިގަނޑަށް އަރާފައިވާ ވަރުގަނޑު ހިސާބަކަށް މައިތިރިވެ ހިތަށް ކުޑަ ހަމަ ޖެހުމެއް ލިބޭ ގޮތްވި އެވެ. އެހެން ނަމަވެސް އެވަރުން ހިތްހަމަ ޖައްސާލާކަށް މިފަހަރު ނިހާ ބޭނުމެއް ނޫނެވެ. މިހާރު އޭނާގެ ހިތުގައިވެސް ވަނީ ކޮންމެހެން ޖަވާބު ހޯދަން ޖެހޭ ފަދަ ސުވާލު ތަކެއް އުފެދިފަ އެވެ. އެ ސުވާލު ތަކުގެ ޖަވާބު މިހާރު ނުހޯދައިފިއްޔާ އަބަދުވެސް އޭނާ ހުންނާނީ ޝައްކެއްގެ ތެރޭގަ އެވެ.
މަޑުމަޑުން ނިހާ ކޮޓަރީގެ ތެރެއަށް ހިނގައިގަތެވެ. އަޝްރަފް ހަމަ އެހުރި ތާނގައި ހުރީ އެވެ. އަޝްރަފްގެ އެ ހަމަ ހިމޭން ކަން ނިހާގެ ހިތަށް އިތުރަށް އުނދަގޫ ކުރުވަމުން ދިޔަ އެވެ.
އާޒިމް ފަރީޝާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތުމުން ފަރީޝާ ވެސް ބަހެއް ނުބުނެ އާޒިމާއި އެކު ދާން ހިނގައި ގަތެވެ. ޙަޤީޤަތުގައި މިވަގުތު އެމީހުން ބޭނުން ވަނީ އަވަހަށް އެތަނުން ދާށެވެ. އިތުރު ވާހަކަ ތަކެއް ދައްކަން ހަދައިގެން ނުބައި އެއްޗެއް ބުނެވިދާނެ އެވެ. ނިހާ އަދިވެސް އެހެރީ ޝައްކެއްގެ ތެރޭގައިކަން އާޒިމަށް ވެސް އެނގުނެވެ.
އާޒިމް ފަރީޝާ ގޮވައިގެންގޮސް ކޮޓަރީން ނުކުމެ ދޮރު ލައްޕާލަން ހިފާލި ތަނާ ނިހާގެ އަޑު އާޒިމްގެ ކަންފަތުގައި ޖެހުނެވެ.
" އާޒިމް!"
ނިހާ އާޒިމަށް ގޮވާލި ގޮތުންވެސް އާޒިމް ބިރު ގަތެވެ. ފަރީޝާގެ އިތުރުން އަޝްރަފަށް ވެސް ވީ އެހެންނެވެ.
"އިހަށް މަޑުކޮށްބަލަ... އަހަރެންވެސް އެއްޗެއް އަހާލަން ބޭނުން...!"
އާޒިމާ ފަރީޝާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ނިހާ ގޮސް އަޝްރަފްގެ ކުރިމައްޗަށް ހުއްޓުނެވެ.
" އަހަރެން ސުވާލު ކުރަން ބޭނުން ވަނީ އަޝްރަފާ...!"
އަޝްރަފް ހީވަނީ ބިރުން ހަލާކު ވެދާނެ ހެންނެވެ. އެކަން ފޮރުވުމަށްޓަކައި އޭނާ އިންތިހާއަށް މަސައްކަތް ކުރަމުން ދިޔަ އެވެ.
" ހަމަ އެންމެ ސުވާލެއް...! މި ސުވާލުގެ ޖަވާބު އިނގޭނެ ތި އެންމެނަށް!"
އާޒިމާ ދިމާއަށް ކަޅިއެއް އެއްލަމުން ނިހާ ބުންޏެވެ. އާޒިމްގެ މޭގަނޑުވެސް ހީވަނީ އަނގައަށް އައިސްދާނެ ހެންނެވެ. ނިހާ ވެސް ހުރީ ނޭވާ އަވަސްވެ ހާސްވެފަ އެވެ. އެ ސުވާލުގައި ޙަޤީޤަތެއް ނުވާނަމަ ވަރަށް ދަށު ދަރަޖައިގެ ސުވާލަކަށް ވާނެ އެވެ. ޙަޤީޤަތެއް އޮވެއްޖެ ނަމަ ދެން ވާނެ ގޮތެއް އޭނާއަށް ވެސް ނޭގެ އެވެ. ބިރުގަންނަނީ ޙަޤީޤަތެއް އޮވެދާނެތީ އެވެ. ނިހާގެ އެ ސުވާލު އަޑުއަހަން އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާ ލައިގެންނެވެ.
" އަޝްރަފާ ފަރީޝާއާ އޮތީ.... ކޮން ގުޅުމެއް!"
ނިހާއަށް އެހެން ބުނެވުނީ އުނދަގުލުންނެވެ. އެވަގުތު އޭނާގެ ކަރު ތެރޭގައި އެއްޗެއް ތާށި ވިހެން ހީވި އެވެ. ދެލޯ ބޮޑުވެފައި އަޝްރަފަށް ހުރެވުނީ އެވެ. ނިހާގެ މޫނަށް ބަލާށެވެ. ނިހާއާ ހަތަރު ކަޅި ހަމަކޮށްގެން ހުރެ ދޮގެއް ހެދުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ!
ކުއްލިއަކަށް އިވުނީ އާޒިމް ބާރު ހިނިގަނޑެއް ޖަހާލި އަޑެވެ.
" ކަމްއޯން...ނިހާ....! ފަރީޝާއަކީ އަހަރެންގެ އަންހެނުންނޭ....!"
" ޝޫޝް!"
ފަރީޝާ އޭނާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އާޒިމަށް ހިމޭން ވުމަށް އިޝާރާތް ކުރި އެވެ. އޭރުވެސް ނިހާ ހުރީ އަޝްރަފަށް ބަލާށެވެ. އަޝްރަފް ގެ ދެލޮލުން އޭނާއަށް ފެންނަމުން ދިޔައީ އެހެން ޙަޤީޤަތެކެވެ. އާޒިމް ކިތަންމެ ވަރަކަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އަޝްރަފަކަށް އެކަމެއް ނުކުރެވުނެވެ. އަޝްރަފްގެ ދެލޮލަށް ފަރުވާތެރި ކަމާއެކު ބަލަން ހުރި ނިހާގެ މޫނު މަތީގެ ކުލަ ބަދަލު ވަމުން ދިޔަތަން އާޒިމަށާ ފަރީޝާއަށް ވެސް ފެނުނެވެ. އަޝްރަފާ ނިހާ ބަހެއް ނުބުނެ އެކަކު އަނެކަކަށް ބަލަން ހުރި ނަމަވެސް އެދެލޮލުން މުއާމަލާތް ކުރަމުން ދިޔަ އެވެ. އަޝްރަފްގެ ފޮރުވިފައިވާ ހުރިހާ ޙަޤީޤަތެއް އެއްފަހަރުން ބޭޒާރު ވެއްޖެ ކަހަލަ އެވެ. މަޑުމަޑުން ނިހާގެ ނޭވާ އަވަސް ވާން ފަށައިފި އެވެ. ހަށިގަނޑުގެ ތުރުތުރު އެޅުން ބޮޑުވާން ފަށައިފި އެވެ. ދެލޮލުގެ ތެރެއަށް ގިނަވެގެން ދިޔަ ކަރުނަ ތިކިތައް ކޯތާފަތް މައްޗަށް އޮހެން ފަށައިފި އެވެ. ގައިގެ ވަރު ދޫވެ ކޮޅަށް ހުންނަން ދަތިވާން ފަށައިފި އެވެ.
ރަޒީނާ އެދެއްކީ ތެދު ވާހަކަ އެއްތާ އެވެ! އެވަރުގެ ބޮޑު އޮޅުވާލުމެއް... އެވަރުގެ ބޮޑު މަކަރެއް އަޝްރަފް ހަދާފާނެ ހެއްޔެވެ! އަޝްރަފާ، އާޒިމާ ފަރީޝާ ރާވައިގެން ނިހާއަށް ހަމަ އެހެން ހަދާލީ ހެއްޔެވެ! އެއީ ނިހާ އަކީ ދަރިއަކު ނުލިބޭ މީހަކަށް ވީތީ ލިބުނު ޝަޒާ ހެއްޔެވެ! އިޝާއަކީ އަޝްރަފްގެ ދަރިއެއް ހެއްޔެވެ!
މަޑުމަޑުން ނިހާ އޭނާގެ ތުރުތުރު އަޅަމުންދާ އަތްތިލަ އުފުލާލި އެވެ.
" ހަމަ އެންމެ ސުވާލެއް...!"
ނިހާ ޝަހާދަތް އިނގިލި ތެދުކޮށްލަމުން އެއްޗެއް އަހަން މަސައްކަތް ކުރި އެވެ. އަދިވެސް އޭނާ އަޝްރަފްގެ އަނގައިން ޖަވާބަކަށް އެދޭ ސުވާލެއް އެބަ އޮތެވެ.
" އަޝްރަފް ފަރީޝާއާ ކައިވެނި ކުރީންތަ...!"
" ނިހާ!"
އަޝްރަފަށް ބާރަށް ރޮއި ގަނެވުނެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ! ހުރިހާ ކަމެއް ނިހާއަށް ފަޅާއެރީ އެވެ.
" ޖަވާބު...؟"
އާދަޔާ ހިލާފަށް ބާރަށް ނޭވާ ލަމުން ދިޔަ ނިހާ އޭނާގެ ހިތާ ދިމާއިން މޭގައި އަތް އަޅާލަމުން އެހި އެވެ. އެމަންޒަރު ދެކެން ހިތް ކުދިކުދި ވާވަރު ވެފައި ތިބި ފަރީޝާއާ އާޒިމަށް ވެސް ކުރިއަށް ޖެހިލެވުނެވެ. މިވަގުތު ނިހާއަށް ވަނީ އެހީތެރިކަން ބޭނުން ވެފަ އެވެ.
" ނިހާ...ޕްލީސް...އެއީ....!"
އަޝްރަފް ކުރިއަށް ޖެހިލާ ނިހާގެ ގައިގައި އަތް ޖައްސާލަން މަސައްކަތް ކުރި އެވެ. އެހާލުގައިވެސް ނިހާ ދުރަށް ޖެހިލަން މަސައްކަތް ކުރި އެވެ.
" ޖަވާބު....؟"
ކެތް ނުވެގެން ދިޔަ ވަގުތުގައިވެސް އޭނާ ބޭނުން ވީ ހަމަ އެކަނި ޖަވާބެވެ. އެ ސުވާލުގެ ޖަވާބެވެ.
އަޝްރަފަކަށް ހެދޭނެ އެހެން ގޮތެއް ނެތެވެ. އޭނާ އަށް ޖެހުނީ ތެދަށް ބުނާށެވެ. އަޝްރަފް ބޯ ޖަހާލި އެވެ.
" އާނ!"
އަޝްރަފް ރޮއިގަންނަމުން ބުންޏެވެ. އެއަޑު އިވިފައި ތުރުތުރު ލަމުން ދިޔަ ނިހާގެ ހަށިގަނޑަށް އައީ ހުއްޓުމެކެވެ. ދެންމެގައި އޭނާ ބާރަށް ލަމުން ދިޔަ ނޭވާގެ އަޑުވެސް ކުއްލިއަކަށް ކެނޑިގެން ހިނގައްޖެ އެވެ. އަޝްރަފާ ދިމާއަށް ކަޅި ހުއްޓިފައި ހިނދުކޮޅަކު ހުރުމަށް ފަހު ހަށިގަނޑުގެ ބާރު ދޫވެގެން ނިހާ ބިންމައްޗަށް ތިރިވެއްޖެ އެވެ.
އިޝާގެ ލޮލުން އޮހޮރުނު ކަރުނަ ތިކިތަކުގެ ނިޝާން އޭނާ ކިޔަން އިން ސަފްހާގެ އެތަން މިތަނުގައި ހުއްޓެވެ. އެނާގެ ދިރިއުޅުމުގެ އެ ބޮޑު ޙަޤީޤަތް އޭނާއަށް ހާމަވެގެން ދިޔައީ އެވެ. ހިތާމަވެރި ފިލްމެއްގެ ސިފައިގަ އެވެ. އޭނާގެ ދިރިއުޅުމަށް ވެސް ހިތްދަތި ކަން ގެނުވަމުންނެވެ. އިޝާ ދެލޯ ފޮހެލުމަށް ފަހު ފުންނޭވާއެއް ލި އެވެ. ދެން އަނެއްކާވެސް އެ ފޮތުގައި ކިޔާނުލެވި އޮތް ބާކީ މަދު ޖުމުލަތަކަށް ބަލާލި އެވެ. އެއީ ކުރީގެ ހާދިސާތަކާ މުޅީން ވަކީން ނޯޓް: ޖަހާ ލިއެފައިވާ ބައެކެވެ.
ނިހާ ހޭނެތުނު ގޮތަށް ހޭނާރާ ތިން މަސް ދުވަހު އޮތުމަށް ފަހު ހޭ އެރިއިރު އޭނާ ވަނީ ބަލި މީހަކަށް ވެފަ އެވެ. އެއްވެސް ހަރަކާތެއް ނުކުރެވޭ އިޙުސާސެއް ވެސް ނުކުރެވޭ ފަދަ ބަލި މީހެކެވެ. އެންމެ ދެރައީ ނިހާއަށް ބައެއް ޙަޤީޤަތް އެނގިފައި އަނެއްބައި ޙަޤީޤަތް ނޭގުނު ކަމެވެ. ނިހާ އަށް ޤަބޫލު ކުރެވުނު ގޮތުގައި އަޝްރަފް ފަރީޝާއާ ކައިވެނި ކޮށްފައި ވަނީ ނިހާއަށް ދަރިއަކު ނުލިބޭތީ އެވެ. އޭނާއަށް ޔަޤީންވެފައިވާ ގޮތުގައި އިޝާއަކީ އަޝްރަފްގެ ދަރި އެކެވެ. އެދުވަހުން ފެށިގެން އަޝްރަފްގެ ދިރިހުރުމުގެ ހަމަ އެކަނި މަޤްޞަދަކީ ނިހާއަށް ޚިދުމަތް ކުރުމެވެ. އުއްމީދަކީ ކޮންމެވެސް ދުވަހަކުން ނިހާ މި ވާހަކައިގެ ހުރިހާ ޙަޤީޤަތެއް އަޑު އަހާލުމެވެ. އަދި ހެޔޮހިތުން އަޝްރަފަށް މަޢާފް ކުރުމެވެ.
މިއީ ވަފާތެރި، ކެތްތެރި މާތް އަންހެނެއްގެ ވާހަކައެވެ. އަނބިމީހާ ދެކެ ޙަޤީޤީ ލޯބިވި ފިރިއެއްގެ ވާހަކަ އެވެ. ކުށަށް ތައުބާވާން މަސައްކަތް ކުރަމުން ދިޔަ ބަފައެއްގެ ވާހަކަ އެވެ. ދަރިފުޅު ދެކެ ލޯބިވާ ކެތްތެރި މައެއްގެ ވާހަކަ އެވެ. މަރާ ހަނގުރާމަ ކުރި ދަރިއެއްގެ ވާހަކަ އެވެ. އިޝާގެ ވާހަކަ އެވެ!
އަހަރުމެންގެ ދިރިއުޅުމުގެ ޙަޤީޤަތްތައް އެތަން މިތަނުން އެއްކޮށް ކުޑަ ވާހަކައެއްގެ ސިފައިގައި ރައްކާކޮށްފައި މިވަނީ ކޮންމެވެސް ދުވަހަކުން މިވާހަކައިން ދިރިތިބީންނަށް އިބުރަތެއް ލިބިދާނެ ކަމަށެވެ. މި ޙަޤީޤަތްތައް އެނގުމަށް ފަހު ދަރިފުޅުގެ ހިތުގައި އަހަރުމެންގެ މައްޗަށް ނަފްރަތު އުފެދިދާނެ ކަމަށް ބިރު ހީވެ މި ޙަޤީޤަތް އުމުރަށް ދަރިފުޅަށް ރައްކާކުރުމަކީ އިންސާފަކަށް ނުވާނެ އެވެ. އުއްމީދަކީ ދަރިފުޅު، އިޝާގެ ހިތުގައި މަންމަ އަށާއި ބައްޕައަށް ދެވިފައިވާ ލޯބި އަބަދަށް ދެމިގެން ދިއުމެވެ. އަދި ދަރިފުޅަށްޓަކައި އެތައް ޤުރުބާނީއެއް ވި އެ ދެމަފިރީންނަށް ހިތް ހެޔޮކޮށް ހެޔޮ ދުޢާ ކުރުމެވެ.
ފޮތް ލައްޕާލުމަށް ފަހު އިޝާ ގޮނޑީގައި ލެނގިލަމުން ލޯ މަރާލި އެވެ. އެ ފޮތުން އެ ލިބުނު މައުލޫމާތަކި ތާ އަބަދަށް އޭނާގެ ސިކުނޑީގައި ހަރުލާނެ އެއްޗެކެވެ. ދެން އޭނާއަށް ބައްޕައާ ހަތަރު ކަޅި ހަމަކޮށްލަން ވެސް ނުކެރޭނެ އެވެ. ބައްޕާއޭ ކިޔާފައި ގޮވާލަން ވެސް ޖެހިލުން ވާނެ އެވެ. ހަޔާތުން ސާޅީހަކަށް އަހަރު ވޭތުވެގެން ދިޔަ ފަހުން ދިރި އުޅުމުގެ މި ޙަޤީޤަތް އޭނާއަށް އެނގުމަށް ވުރެ ނޭގުނު ނަމަ މާރަނގަޅު ވީހޭ ހިތަށް އަރަމުން ދިއަ އެވެ.
ކުއްލި އަކަށް ފޯނު ރިންގް ވާން ފެށުމުން އިޝާ ސިހުނެވެ. އެއީ ބައްޕަ އާޒިމްގެ ކޯލެކެވެ. މިވަގުތު ބައްޕައާ ވާހަކަ ދައްކާހާ ހިތްވަރެއް ނެތެވެ. އިޝާ ފޯނަށް ޖަވާބު ނުދިނުމުން ދެން އައީ މެސެޖެކެވެ. މަންމަގެ މެސެޖެކެވެ. އިޝާ ކިޔާލި އެވެ.
" ނިހާގެ މޫނު ދެކިލަން އާދޭ...!"
އިޝާއަށް ފުންމައިގެން ތެދުވެވުނެވެ. ފޯނަށް ރަނގަޅަށް ބަލާލިއިރު ދިހަ ވަރަކަށް ކޯލު މިސްވެފައި އިނެވެ.
އިޝާއަށް ހޮސްޕިޓަލަށް ދެވުނު އިރު އައިސީ ޔޫ ގެ ދޮރު މަތީގައި ބައްޕަ އާޒިމް ހުއްޓެވެ. ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި މަންމަ އިނެވެ. އިސް ޖަހައިގެން އިނދެ މަންމަ ރޮނީ އެވެ. އިޝާ ގޮސް މަންމަގެ ކައިރީގައި އިށީނެވެ. ނިހާ އާ މަންމަމެންނާ މާ ބޮޑު ގުޅުމެއް ނެތި އެތައް އަހަރުތަކެއް ވުމަށް ފަހު ވަކިވެގެން ދިއުމުންވެސް މަންމަ ހާދަ ބޮޑަކަށް ދެރަވެއްޖެ އެވެ.
" ކޮބާ... ނިހާގެ ފިރިމީހާ!"
އިރުކޮޅަކު އިނދެފައި އިޝާ މަޑުމަޑުން އަހާލި އެވެ.
" ހިނަވަން ވައްދައިފި!"
އިޝާއަށް ވިސްނުނީ ދެނެވެ. މަންމަ އެ ވަރަށް އެރޯ ސަބަބަކީ އެއީ އެވެ. އެހާ ދުވަސް ފާއިތު ވެގެން ދިޔަ އިރުވެސް މަންމަ ގެ ހިތުގައިވާ އެ ލޯތްބަށް އުނިކަމެއް ނާދެ އެވެ.
" ނިހާ މިދުނިޔެ ދޫކުރިތާ ގަޑިއެއްގެ އިރު ފަހުން އަޝްރަފް...ވެސް....!"
މަންމަ އެހެން ބުނުމުން އިޝާ ވިސްނާލި އެވެ. އެއީ ވެސް އަޖައިބެއް ކަހަލަ ވަރުގަދަ ލޯތްބެކެވެ. އަނބިމީހާ އެހާ ދުވަހު ބަލިވެ އުޅެފައި ވަކިވެގެން ދިއުމުންވެސް ކުރި އަސަރުގައި ކެތްނުވެގެން އޭނާ މި ދުނިޔެ ދޫކޮށް ދިޔައީ އެވެ. އިޝާއަށް ވިސްނުނު އެކައްޗެއް އެބަ އޮތެވެ. ކިތަންމެ ލޯބިވާ އަންބަކު ހުރި ނަމަވެސް ކުށެއް ކުރެވިދާނެ އެވެ. އަޝްރަފްގެ އުމުރުގެ ބޮޑުބައި އެހޭދަވީ އެކުށަށް ތަޢުބާވުމުގަ އެވެ. ހާދަހާ ދެރައެވެ!
( ނިމުނީ )