(19 އޮކްޓޯބަރގެ އަދަދާ ގުޅޭ)

އަޝްރަފް ކިތަންމެ ކަންބޮޑު ވީ ނަމަވެސް ނިހާގެ އެވާހަކަތައް ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާއަށް އެދަރިފުޅު ނުލިބުނު ނަމަވެސް އޭނާގެ ދުޢާ އަކީ އެ ދަރިފުޅު ހެޔޮ ހާލުގައި ލެހެއްޓެވުމެވެ.

ޖެހިގެން އައި ދެ ދުވަހަކީ އުނދަގޫ ދެ ދުވަހެވެ. އާޒިމާ ފަރީޝާ ކުރެން މީހެއްގެ ޚަބަރެއް ނުވެއެވެ. އެހެން ނަމަވެސް ކޮންމެ ވެސް ވަރަކަށް އަޝްރަފްގެ ހިތް ހަމަ ޖެހުނެވެ. ބޭބީ ބަލި ނަމަ، ނޫނީ ކަމެއް ގޯސް ވާނަމަ އާޒިމް ވެސް ފަރީޝާ ވެސް އަޝްރަފަށް އަންގާނެ އެވެ. އެއީ އަޝްރަފް ޤަބޫލު ކުރި ގޮތެވެ. އެހެން ނަމަވެސް އެވަރުން ނިހާ ހިތްހަމަ ޖައްސާލާނެ ގޮތެއް ނުވި އެވެ.

ފަރީޝާ އަށް ރަށަށް އާދެވުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނު ނަމަވެސް ކޮންމެވެސް ނޭގޭ ހާސްކަމެއް ހިތުގައި ބޮޑުވަމުން ދާކަން ފަރީޝާއަށް ފާހަގަ ކުރެވުނެވެ. އެއީ އަޝްރަފް ދޫކޮށްލާފައި އަންނަން ޖެހުމުން ވާގޮތެއްހެން ހީވި ހިނދު ފަރީޝާ އޭނާގެ ހިތަށް ވިސްނަ ދޭން މަސައްކަތް ކުރި އެވެ. އަޝްރަފަކީ އެއް އިރެއްގައި ވެސް އޭނާ ދެކެ ލޯބިވި މީހެއް ނޫނެވެ. މިހުރިހާ ދުވަހު އޭނާ ކެތްކޮށްގެން ހުރީ އަޝްރަފް ދެކެ އޭނާ ވީ ލޯތްބަށް ޓަކައެވެ. އެހެން ނަމަވެސް ދަރިފުޅަށް ޓަކައި އޭނާ އެ ލޯބި ގުރުބާން ކުރީ އެވެ. މިހާރު ފަރީޝާ ދިރިއުޅޭނެ ސަބަބެއް އެބައޮތެވެ. ދިރި އުޅޭނެ ބޭނުމެއް އެބަ އޮތެވެ. ދިރިއުޅުމުގައި އުއްމީދެއް އެބައޮތެވެ. 

ފަރީޝާއަކީ ދަރިއަކު ބަލަން ވަރަށް އާ މީހެކެވެ. އޭނާގެ ކުރިމަތީގައި މީހަކު ދުވަހަކު ވެސް ދަރިއަކު ބޮޑު ކޮށްފައި ނުވެއެވެ. އެހެން ކަމުން ކަން ކުރަން ވާ ގޮތެއް އޭނާ އަކަށް ނޭގެ އެވެ. އެހެން ނަމަވެސް އޭނާގެ އަޒުމް ވަރަށް ވަރުގަދަ އެވެ. މަޔަކަށް ދެވޭނެ އެންމެ ރަނގަޅު ތަރުބިއްޔަތެއް އޭނާ އެދަރިފުޅަށް ދޭނެ އެވެ.

ނިހާގެ ޝަކުވާ ތައް ދިއައީ ބޮޑުވަމުން ނެވެ. އެ ދަރިފުޅު ގޮވައިގެން ފަރީޝާ ދިއައީއްސުރެ ނިހާ އުޅެނީ ނުކައި، ނުބޮއި، ނުނިދައެވެ. ދަރިފުޅުގެ ސިއްހީ ހާލަތު މާރަނގަޅު ނޫން ކަމަށް ނިހާ އެބުނާ ވާހަކަ މިހާރު އަޝްރަފް ގަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް ނިހާ އުޅޭ ގޮތުން އަޝްރަފް ބިރުގަންނަ ގޮތް ވެސް ވެއެވެ. ކިތަންމެ ވަރަކަށް ފޯނުން ގުޅަން އުޅުނަސް އާޒިމް މެން މީހަކާ ވެސް ގުޅޭ ގޮތެއް ނުވެ އެވެ. ހަމަ އެކަނި ބޭބީގެ ހާލު އެނގުނަސް ރަނގަޅެވެ. އެންމެ ފަހުން ނިހާ ބޭނުންވީ ބޭބީގެ ހާލު ބަލާލަން އަޝްރަފް އެ ރަށަށް ދާށެވެ. 

ނިހާ އެވަރަށް އެކަމާއިގެން އުޅޭތީ ވެސް އަޝްރަފް ކަންބޮޑު ވިއެވެ. ދަރިފުޅާ އަޝްރަފާ އޮތް ގުޅުން އިނގޭނަމަ ނިހާއަށް ވާނީ ކިހިނެއް ހެއްޔެވެ! ފަރީޝާއާ އަޝްރަފާ އޮތީ ކޮން ގުޅުމެއްކަން އިނގޭ ނަމަ އަޝްރަފް އެތަނަށް ފޮނުވަން ނިހާ ބޭނުން ވާނެ ހެއްޔެވެ!

ރެއާ ދުވާލުގެ ގިނަ ވަގުތު ފަރީޝާ ހޭދަ ކުރަމުން ދިއައީ ބޭބީ އާއި އެކުގަ އެވެ. އަދި ދަރިފުޅު ގެންގުޅޭކަށް މާ އުނދަގުލެއްވެސް ނޫނެވެ. ގިނަ ވަގުތު އޮންނަނީ ނިދާފަ އެވެ. ބޭބީ ރޯލާ އަޑުވެސް ނީވެ އެވެ. އަބަދުވެސް ފަރީޝާ އިންނަނީ ބޭބީގެ ޚިދުމަތުގައެވެ. ހޭލާނެ ގަޑިއަކަށް އިންތިޒާރު ކުރާށެވެ. ބޭބީ ކުޑަކަމުން ގާތުން ރަނގަޅަށް ބޯލެވެނީ ވެސް އިރުގަނޑަކު މަސައްކަތް ކޮށްގެންނެވެ. ދެފަހަރަކު ދަމާލާ އިރަށް ވަރުބަލިވެ ނޭވާ ކުރުވާ ގޮތް ވެގެން ނިދެއެވެ. އަނެއްކާވެސް އެއްޗެއް ބޯލަން ބޭނުން ވާނެ ގަޑިއަކަށް އިންތިޒާރު ކޮށްކޮށް އެ ލޯބި މޫނު ކޮޅަށް ބަލަން ފަރީޝާ ކިތަން މެ އިރަކުވެސް ފޫހިކަމެއް ނެތި އިނދެ ދާނެ އެވެ. 

މިދުވަސްކޮޅު އާޒިމް ގިނައިން އިންނަނީ ރަށުގައި އުޅޭ ރަހުމަތްތެރި އެއް ކަމަށް ވާ ޝިހާމްގެ ގެސްޓް ފިހާރައި ގައެވެ. ދުވަސް ކޮޅަކީ މަސްވެރިކަން މާ ރަނގަޅު ދުވަސް ކޮޅަކަށް ނުވާއިރު އެ ފިހާރައި ގައި ދުވަހު މުސާރައަށް މަސައްކަތް ކޮށްލީމައި ފޫހި ފިލައެވެ. އަދި ގޭތޭރޭގެ ޚަރަދު ޗަލުވާލެވޭ ވަރުގެ އެއްޗެއް ލިބެއެވެ. 

އާޒިމް ފިހާރައިގައި މަޑުކޮށްލާ ދުވަސް ދުވަހު ފިހާރައިގެ ވިޔަފާރި ވަރަށް ރަނގަޅެވެ. އެއީ އާޒިމަށް އިނގިރޭސި އެނގިފައި މާރކެޓިންގް ހުނަރު ރަނގަޅު ކަމުން ކަމުގައި ޝިހާމް ބުނެ އެވެ. ރަށު މީހަކު ވާހަކައެއްގެ ތެރެއިން ވެސް އާޒިމް ގާތުގައި ފަރީޝާގެ ވާހަކަ އަހާލާ ފަހަރަކު އާޒިމް ހުންނަނީ ބިރުންނެވެ. ޙަޤީޤަތަށް ބުނަން ޖެހިދާނެތީ އެވެ. ރަށު މީހުން ގަބޫލު ކުރާ ގޮތުގައި އާޒިމަކީ ފަރީޝާގެ ފިރިމީހާ އެވެ. އާޒިމް ވެސް ބޭނުން ވަނީ އެމީހުންނަށް އޮޅިފައި އެތިބަ ގޮތަށް ތިބޭށެވެ. ކަން ނުވި ތާނގައި ނަން ވިއަސް ހެޔޮތާއެވެ. ފަރީޝާގެ ފިރިމީހާ ކަމަށް އިޢުތިރާފް ވާން ނުޖެހުނަސް ފިރިމީހާ ކަމަށް ހެދިގެން އުޅެލެވުނަސް އެއީ އާޒިމަށް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ.

ބޭބީ އެނދުގައި ބާއްވާފައި ތެދުވި ވަގުތު ކުޑަ ދޮރުގެ އަނެއް ފަރާތުން މީހެއްގެ ހިޔަނި ފެނުނުހެން ހީވެގެން ފަރީޝާ ބަލާލި އެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ކުޑަދޮރުގެ އަނެއް ފަރާތުން ފެންޑާގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މީހާގެ ހިޔަނި ދޮރަށް އެޅިފައި ވާއިރު އެއީ ކާކުކަން ދެނެގަންނާކަށް ފަރީޝާ އިރުކޮޅެއްވެސް ނުނެގި އެވެ. ފަރީޝާގެ މޭގެ ތެރެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. އެ ސޫރަ ދުށުމަށް އެދި އޭނާ ކިހާ ދުވަހަކު އިންތިޒާރު ކުރި ހެއްޔެވެ! އެހިޔަނި ނަމަވެސް ދުށުމަށް އެދި އޭނާ އެތައް ދުވަހެއް ވަންދެން ދުޢާ ކުރި އެވެ. އެހެން ނަމަވެސް މިއަދު އޭނާ އެ ސޫރަ ދެކޭކަށް ބޭނުމެއް ނުވި އެވެ. އަޝްރަފް އެ ދަންވަރު އެތަނުން ފެނުނީމައި ފަރީޝާ ބިރުގަތެވެ. ތަޅުލާފައި ހުރި ދޮރު، ހުޅުވާނުލާ މަޑުކުރަން އޭނާ ބޭނުން ވިއެވެ. 

އެދިމާއަށް ބަލަމުން މަޑުމަޑުން އެނދުގައި އިށީން އިރު ފަރީޝާގެ އަތްފައި ވަނީ ފިނި ވެފައެވެ. މީގެ ކުރީން ފަރީޝާ ދެކެމުން އައީ އަޝްރަފަކީ އޭނާގެ ދިރިހުރުން ކަމުގަ އެވެ. އަޝްރަފް އޭނާއާ ދޭތެރޭގައި ކަންތައް ކުރި ކޮންމެ ގޮތަކަށް އޭނާ ޝަކުވާއެއް ނެތި ކެތް ކުރަމުން ދިއައީ އަޝްރަފް ދެކެ ވީ ލޯތްބެއްގެ ބޮޑު ކަމުންނެވެ. އަދި ދުވަހަކު ވެސް އަޝްރަފާ ވަކިވާން ނޭދޭތީ އެވެ. ހަޔާތުގައި ކިތަންމެ ހިތްދަތިވެ، އެކަނިވާން ޖެހުނު ދަޑިވަޅު ތަކެއް އައި ނަމަވެސް ހިތް ބަރު ކަމެއް ނެތި އަޝްރަފްގެ މަޖުބޫރީ ހާލާތު އޭނާ ޤަބޫލު ކުރަމުން ދިއައެވެ. އަބަދުވެސް އަޝްރަފަކީ މާތް އިންސާނެއް ކަމަށް އޭނާ ޤަބޫލު ކުރިއެވެ. އެހެން ނަމަވެސް ދަރިފުޅު އަތުލަން އަޝްރަފް ވާހަކަ ދެއްކި ދުވަހުން ފެށިގެން ފަރީޝާގެ ހިތް އަޝްރަފްގެ މައްޗަށް ވަނީ ކިލަނބު ވެފައެވެ. މިހާރު އެހިތް އަޝްރަފް ދެކެނީ އަނިޔާވެރިއެއްގެ ގޮތުގަ އެވެ. އަމިއްލަ އެދުން ބޮޑު ރަހުމް ކުޑަ މީހެއްގެ ގޮތުގަ އެވެ. 

އަޝްރަފް ދޮރުގައި ހިފާލި ކަން އެނގުމުން ފަރީޝާގެ ހިތުގެ ތެޅުން އިތުރުވެގެން ދިއަ އެވެ. ދެން ޖެހޭނީ ދޮރު ހުޅުވާށެވެ. އެގޮތަށް ދެފަހަރަކު ދޮރުގައި ހިފާލަނިކޮށް ބޭބީ ހޭލަފާނެ އެވެ. އޭރުން ބޭބީ ރޯން ފަށާފާނެ އެވެ.

ފަރީޝާ ބިސްމި ކިޔާލަމުން ދޮރު ހުޅުވާލި އެވެ. އެހެން ނަމަވެސް އޭނާ އަޝްރަފް ކޮޓަރިއަށް ވަންނާކަށް ފުރުސަތެއް ނުދެއެވެ. ދޮރު ހުޅުވާލުމާއި އެކު ފަރީޝާ ނުކުތީ ބޭރަށެވެ.

"ކިހިނެއްވީ؟"
ފުރަތަމަ ވެސް ފަރީޝާ އެހީ އެހެންނެވެ. އަޝްރަފު އެއްޗެއް އަހަން ހުޅުވާލި އަނގަ ލައްޕާލެވުނެވެ. ފަރީޝާގެ މޫނަށް އަޝްރަފް ޙައިރާން ކަމާއި އެކު ބަލާލި އެވެ. ފަރީޝާގެ އެ ދޮލޮލުން މިހާރު އޭނާއަށް ފެންނަނީ ކުރީން އެ ދެލޮލުން ފެނުނު އަސަރު ތަކެއް ނޫނެވެ. 

"ބޭބީ ބަލާލަން!"
އަޝްރަފްގެ ޖުމުލަ ވަރަށް ކުރެވެ.
"ނިދާފަ..!"
ފަރީޝާގެ ޖަވާބު އެއަށް ވުރެވެސް ކުރެވެ. ފަރީޝާ އަޝްރަފް ކޮޓަރިއަށް ވައްދާކަށް ބޭނުމެއް ނޫނެވެ.

"އަޝްރަފް ބުނީމެއްނު ބޭނުން ވެގެން ހޯދި ކުއްޖެއް ނޫން ވީމަ ދުރަށް ދާކަށް އެހާ އުނދަގުލެއް ނުވާނެއޭ... ދެން ކީއްވެ އެހާ ދުރުން އަޝްރަފް މިތަނަށް ތިއައީ!"
ފަރީޝާގެ އަޑު މަޑު ނަމަވެސް އެ ޖުމްލައިގެ ބަރުދަން ބޮޑެވެ. ޖަވާބު ގައި ބުނާނެ އެއްޗެއް އަޝްރަފަށް ނުވިސްނުނީ ފަރީޝާގެ ފަރާތުން އެފަދަ ކަމަކަށް އަޝްރަފަށް އުއްމީދުވެސް ކުރެވިފައި ނުވާތީ އެވެ. 

"ފަރީޝާ!"
މާގިނަ ވާހަކަ ތަކެއް ފަރީޝާއާ ދެއްކެން ނެތްކަން އަޝްރަފަށް އިޙުސާސް ކުރެވުމުން އެތަނަށް އައި ސަބަބު އަވަހަށް ބުނެލަން އަޝްރަފް ނިންމި އެވެ.

"އަހަންނަށް ހީވަނީ... ބޭބީ ޑޮކްޓަރަކަށް ދައްކަން ވީހެން... ބޭބީ ބަލިހެން ހީވަނީ...!"
އަޝްރަފްގެ އަޑު އިވުމާއިއެކު ފަރީޝާގެ ލޯ ކަރުނުން ފުރިގެން ދިޔައެވެ. އެއީ އޭނާ އަޑު އަހަން ބޭނުން ވާހަކައެއް ނޫނެވެ. އަޝްރަފް ބޭބީ އަތުލަން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަ ފާނެއެވެ.

"އަހަންނަށް ކަމެއް ކޮށްދީފާނަން؟"
ފަރީޝާގެ ކަރުނުން ފުރިފައިވާ ދެލޮލުން އަޝްރަފްވެސް މިހާރު ރަނަގަޅަށް ފެންނަ ވަރެއް ނޫނެވެ.

"ދެން އަހަރެންގެ ދިރިއުޅުމުން ދުރަށްދޭ! އަހަރެން ވަރިކުރޭ!"
ފަރީޝާގެ ދުލުން ދުވަހަކުވެސް އިވިދާނެ ކަމަށް ޤަބޫލު ނުކުރާ ފަދަ ވާހަކައެއް ކުއްލި އަކަށް އިވިގެން ދިއަ ހިނދު އަޝްރަފްގެ ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވި އެވެ. ދެބުމަ ގާތް ކޮށްލެވުނު ހިނދު ނިއްކުރިއަށް އެތައް ސަތޭކަ ރުލެއް އަރައިގެން ދިއަ ގޮތަށް ހުއްޓިފައި އަޝްރަފަށް ހުރެވުނީ އެވެ.

ފަރީޝާ އޭނާގެ ލޮލުން އޮހޮރިގެން ކަރުނަ ތިކިތައް އޭނާގެ ޝަހާދަތް އިނގިލިން ބުރުއްސާލަމުން ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ.

ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނޭގި އިރުކޮޅަކު ހުރެފައި އަޝްރަފް އެނބުރިލި އިރު ޖެހިގެން ހުރި ކޮޓަރީގެ ދޮރުމަތީގައި އާޒިމް ހުރިތަން ފެނުމުން އިތުރަށް ލަދުގަތެވެ. އާޒިމް ވެސް ހުރީ އެދަނޑި ވަޅުގައި އަޝްރަފާ ކުރިމަތިލާން ބޭނުން ނުވެފަ އެވެ. އަޝްރަފް ލަދުގަންނާނެ ވަރު އޭނާއަށް އިޙުސާސް ކުރެވުނެވެ. އެހެން ނަމަވެސް އެ ދަންވަރުގައި އާޒިމް އަޝްރަފަށް ފިލައިފިއްޔާ މިރޭ އަޝްރަފަށް ނިދޭނެ ގޮތެއް ނެތްކަން އާޒިމަށް ވިސްނުނެވެ. 

އާޒިމް އައިސް އަޝްރަފް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީން ނަމުން އަޝްރަފާ ގާތަށް ގޮނޑިއެއް ދަމާލި އެވެ. އަޝްރަފް ވެސް ދެކޮޅު ނަހަދާ އެ ގޮނޑިގައި އިށީދެލި އެވެ. ފަރީޝާ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އެހާ ދުރު ދަތުރެއް ކޮށްފައި އައިސް ދަރިފުޅު ދެކިނުލާ ދާކަށް އޭނާ ބޭނުމެއް ނޫނެވެ. 

އިރު ގަނޑެއް ވަންދެން އެކަކުވެސް އަނގައިން ނުބުނެ އިނދެފައި ވާހަކަ ފެށީ އަޝްރަފެވެ.

"އަންގާނުލާ ފަރީޝާ ގޮވައިގެން ރަށަށް އައުން އެއީ އާޒިމް ކުރި ވަރަށް ގޯސް ކަމެއް!"
އަޝްރަފް ހުރީ އާޒިމާ ދިމާއަށް އެހެން ބުނެލާނެ ފުރުސަތަކަށް ބޭނުންވެފަ އެވެ. 

"އަޝްރަފް ވެސް ފަރީޝާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫންދޯ!" 
އާޒިމްގެ އަޑު އިވުމުން އަޝްރަފް ގެ މޫނު މަތިން ނުރުހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. އާޒިމަކީ އަޝްރަފްގެ ރަހުމަތްތެރިޔާ އެވެ. އާޒިމް ފަރީޝާއަށް ކަމެއް ކޮށްދިނިއްޔާ ކޮށްދީފައި އޮންނާނީ އަޝްރަފަށް ޓަކައެވެ. އަޝްރަފް އެބަސްތައް ދުލަށް ނުގެނައި ނަމަވެސް އަޝްރަފް އެވަގުތު ހިތަށް އަރާނެ އެއްޗެއް އާޒިމަށް އިނގެއެވެ.

"އަޝްރަފްގެ އަނބިމީހާއަށް ވިއަސް އެއީ ވެސް އިންސާނެއް... އޭނަ މިތަނުގަ އުފުލި ބުރަޔާ އުޅުނު ހާލު އެންމެ ރަނގަޅަށް އިނގޭނީ އަހަރެންނަށް... އަޝްރަފްގެ ހިތުގަ ހަމްދަރްދީގެ ކަންފުޅެއް ނެތަސް އެންމެނަކަށް އެހެނެއް ނުވާނެ!"

އާޒިމް ވާހަކަ ދެއްކި ގޮތުން އަޝްރަފް އެވާހަކަ އިތުރަށް ކުރިއަށް ގެންދާކަށް ބޭނުމެއް ނުވި އެވެ. ފަރީޝާއަށް އާޒިމް ކުލުނު ޖެހިފައި ހުރީ މާވަރަކަށެވެ. އަޝްރަފްގެ ހިތުގައި ފުރަތަމަ ފަހަރަށް ހަސަދައިގެ އޮއިވަރެއް ދަތުރު ކޮށްލި އެވެ. ފަރީޝާއަށް އެއައި ބަދަލަކީ އާޒިމްގެ ބާރުގައި އައިސްގެން އުޅޭ ބަދަލެއްހެން އަޝްރަފަށް ހީވި އެވެ. އެވަގުތު އަޝްރަފްގެ ޚިޔާލު ބަދަލު ވެއްޖެ އެވެ.

"އަހަރެން ބޭނުމެއް ނޫން ފަރީޝާ ވަރި ކުރާކަށް!"
އަޝްރަފް އެހެން ބުނީ އާޒިމަށް ޖެއްސުމަށެވެ. އެހެން ނަމަވެސް އެކަން އާޒިމަށް އިޙުސާސް ވި ހެނެއް ހިއެއް ނުވެއެވެ. 

"މިހުރިހާ ދުވަހު އުޅުނީ އޭނަގެ ކައިރިން ސަލާމަތް ނުވެގެނެއްނުން...! މިހާރު ކިހިނެއްވީ؟"
"އޭރާ މިހާރާ ތަފާތެއްނުން؟"
އަޝްރަފް އިނީ އާޒިމްގެ މޫނަށް ބަލާށެވެ. އާޒިމްގެ މޫނަށް އަންނަ ބަދަލު އޭނާ ދެނެގަންނަން ބޭނުން ވިއެވެ. އާޒިމް ވާހަކަ ދެއްކީ އެއްވެސް ނުބައި ވިސްނުމެއް އޮވެގެން ނޫން ކަމުން އާޒިމްގެ މޫނު މަތީން އެއްވެސް އެއްޗެއް އަޝްރަފަށް ސާބިތު ވާވަރެއް ނުވި އެވެ.

"އެކަމަކު މިގޮތަށް މިކަން ދެމިގެން ދާން ވެއްޖެއްޔާ އެވާނީ ފަރީޝާއަށް ލިބޭ ވަރަށް ބޮޑު އަނިޔާ އަކަށް! އެހެން ވީމަ ދެން މަށަށް ފެންނަނީ މިކަން ނިހާއަށް ވެސް އަންގާލަން...!"
ނިހާއަށް އަންގާ ވާހަކަ ބުނުމާއި އެކު އަޝްރަފްގެ މޫނުމަތީގެ ކުލަ ބަދަލުވެ ނިއްކުރި މަތީން ދާ ތިކިތައް ފާޅުވެގެން ދިއައެވެ. އެކަން ކުރާހާ ހިތްވަރެއް އަޝްރަފްގެ ނުހުންނާނެކަން އާޒިމަށް އޭރުވެސް އެނގުނެވެ. 

"އަހަރެން މި ރަށަށް އައި ލޯންޗު ދެގަޑި އިރު ފަހުން ނައްޓާލާނެ، އޭގެން އަހަރެން މާލެ ދާން ބޭނުން. އޭގެ ކުރީން އަހަންނަށް އަހަރެންގެ ދަރިފުޅު ފެނިދާނެތަ؟"
އަޝްރަފް އާޒިމް ގާތުގައު އެހި އެވެ. އާޒިމް ތެވެގެން ގޮސް ފަރީޝާގެ ކޮޓަރީގެ ދޮރު ހުޅުވާލުމުން އާޒިމްގެ ފަހަތުން އަޝްރަފް އައިސް ކޮޓަރިއަށް ވަންތަން ފެނުނެވެ. އެނދުގައި އޮތް ފަރީޝާ އަނެއް ފަރާތަށް އެނބުރި އަޝްރަފަށް ފުރަގަސްދިނެވެ. އާޒިމާ އެކުގައި އަޝްރަފް އައިސް ބޭބީ ދެކިލުމަކުން ފަރީޝާގެ މައްސަލައެއް ނެތެވެ.

ފަރީޝާގެ މަގަތުގައި ރީތިކޮށް ނިދާލާފައި އޮތް ދަރިފުޅު ފެނުމުން އަޝްރަފްގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. މަޑުމަޑުން ގުދުވެލާ އެ ތުއްތު ކޯކޮޅުގައި އަޝްރަފް ތުންފަތް ޖައްސާލި ވަގުތު ބައްޕަގެ އިޙުސާސުން ބޭބީގެ ލޯހުޅުވާލިތަން ފެނުނެވެ. އަޝްރަފް ބޭބީއާ ދިމާއަށް ހިނިތުން ވެލިއެވެ. ދަރިފުޅަށް ނުފެނުނަސް އަދި ނޭގުނަސް އެއީ ލޯބިން ފުރިގެންވާ ހިނިތުން ވުމެކެވެ. އަޝްރަފް ބޭބީ އަށް ރަނގަޅަށް ބަލާލި އެވެ. ފެންނަ ފެނުމުން ނިހާ ބުނި ކަހަލަ އެއްވެސް ނިޝާނެއް ނެތެވެ. އެހެން ކަމުން ދެން އެވާހަކަ ދައްކަން އުޅޭކަށް އަޝްރަފަކަށް ނުކެރުނެވެ. ކުރީން ވެސް އެވާހަކަ ބުނުމުން ފަރީޝާ އޮތީ ރުޅިއައިސްފަ އެވެ. އަނެއް ފަރާތަށް އެނބުރި އޮތް ފަރީޝާއަށް އަޝްރަފް ބަލާލި އެވެ.

"ފަރީޝާ!"
އަޝްރަފް ގެ އަޑު އިވުމުން ފަރީޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކިތަންމެ ނޫން ކަމަށް ހަދައިގެން އޮތް ނަމަވެސް ފަރީޝާ އަދިވެސް އެ އިންތިޒާރު ކުރަނީ އަޝްރަފްގެ އިޝާރާތަކަށެވެ. އަޝްރަފް ކިތަންމެ ގޯހަސް ކިތަންމެ ރަހުމް ކުޑައަސް އަޝްރަފް ނޫން މީހަކަށް ދުވަހަކުވެސް ފަރީޝާގެ ހިތުގެ މައްޗަކަށް ބާރެއް ނުފޯރުވޭނެ އެވެ. އަޝްރަފަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. އަދި އެއީ އަބަދުގެވެސް ލޯތްބެވެ.

"އަހަރެން މިދަނީ މާލެ ދާން!"
އަޝްރަފް އެހާ އަވަހަށް މާލެ ދާ ވާހަކަ ބުނުމުން ފަރީޝާ ދެރަވި އެވެ. ދެންމެގައި ފަރީޝާއަށް މާ ބޮޑަށް ރުޅި އާދެވުނީ ކަންނޭގެ އެވެ. އެހާ ދެރަވެ ކުޑަވެފައި އަޝްރަފް ދުވަހަކުވެސް ވާހަކަ ދެއްކި އަޑެއް ފަރީޝާ ނާހައެވެ. އެނބުރި އަޝްރަފަށް ބަލާލަން ބޭނުން ވިއަސް އަދި އިރު ކޮޅަކު އެގޮތުގައި މަޑުކޮށްލަން ފަރީޝާ ނިންމި އެވެ. ދުރުގައި މަޑުކޮށްލައިގެން އާޒިމް ވެސް ހުއްޓެވެ. ފަރީޝާ އަޝްރަފާ ވާހަކަ ދައްކަން ނުފަށަނިސް ކޮޓަރީން ނުކުންނާކަށް އާޒިމް މިރޭ ބޭނުމެއް ނޫނެވެ.

އަޝްރަފް ފަރީޝާގެ ބަހަކަށް އިރުކޮޅަކު އިންތިޒާރު ކުރި އެވެ. އެއްވެސް އެއްޗެއް ފަރީޝާ ނުބުނުމުން އަނެއްކާވެސް އަޝްރަފް ވާހަކަ ފެށި އެވެ.

"އޭގެ ކުރީން ފަރީޝާއަށް ކަމެއް ކޮށްދޭން ބޭނުން...!"
އަޝްރަފް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ފަރީޝާ ހިތްހަމަ ޖައްސާލައިގެން އޮތެވެ. ދަރިޔަކު ލިބުނީމައި އަޝްރަފަށް ދެން ޖެހޭނީ ފަރީޝާ އެދުނު ކޮންމެ ކަމެއް ކޮށްދޭށެވެ. ކުރީން އެހެދިހެން ދެނެއް ނެހެދޭނެ އެވެ. ދަރިފުޅު ބޭނުމިއްޔާ ޖެހޭނީ ފަރީޝާ ގާތަށް ގިނަ ގިނައިން އަންނާށެވެ. ދަރިފުޅުގެ މަންމައަށް ލޯބިވެސް ދޭށެވެ. 

މިއަދު އަޝްރަފްގެ އެ ހަމަހިމޭންކަން ފަރީޝާއަށް އެކަން ހާމަ ކޮށްދެމުން އެބަ ދެއެވެ. އަޝްރަފް އެހާ ކުޑަވެފައި ވަނިކޮށް އާޒިމަށް ވެސް ދުވަހަކު ވެސް ފެނިފައި ނުވެއެވެ. ފަރީޝާ މިއަދު އަޝްރަފްގެ މައްޗަށް ގަދަވެ އެންމެ ބަހެއް ބުނާ އިރަށް އަޝްރަފް ފަރީޝާގެ ދަށު ވެއްޖެހެން ހީވެ އެވެ. އެ މަންޒަރު ބަލަން ހުރި އާޒިމަށް ވެސް މިއަދު އެކަން އެބަ ފެނެ އެވެ. ފަރީޝާ ވަރަށް ހިތްވަރު ގަދަ އެވެ. އޭނާ ހަމަ އަޝްރަފާ ދިމާއަށް ބަލާވެސް ނުލާ އޮތީ އެވެ. އިތުރު އެއްޗެއް ބުނުމުގެ ކުރީން އަޝްރަފް ދެފަހަރަކު ހިން ދިރުވާލިތަން އާޒިމަށް ފެނުނެވެ. މިރޭ އަޝްރަފް ކޮންމެ ވާހަކައެއް ވެސް އެބުނަނީ އެހާ އުނދަގުލުން ނެވެ.

"ފަރީޝާ އެދުނުހެން... މިރޭން ފެށިގެން ފަރީޝާތީ.. އަހަރެންގެ އަންބެއް ނޫން...!"
ހީވެސް ނުކޮށް ހުއްޓާ އެއިވުނު އަޑާއެކު ފަރީޝާގެ ހަށިގަޑަށް ވަރުގަދަ ޒަލްޒަލާއެއް ލައިގެން ކަހަލަ އެވެ. ހަށިގަނޑުގެ އެކިއެކި ގުނަވަންތައް އެކި ދިމަދިމާއިން ފަޅަފަޅައި ގެންގޮސް ބުރަބުރައިގެން ދިއަ ކަހަލަ އިޙުސާސެއް އޭނާއަށް ކުރެވިގެން ދިޔައެވެ. 
(ނުނިމޭ)

ކޮމެންޓް 0