(12 އޯގަސްޓްގެ އަދަދާ ގުޅޭ)

" އަހަރެން ބޭނުން ވަނީ.. ފަރީޝާ އާޒިމްއާ ކައިވެނި ކުރަން..!"
އަޝްރަފްގެ އަޑުއިވިފައި ފަރީޝާގެ ކަރުނުން ބަރުވެފައިވާ ދެލޯ ބޮޑުވެގެން ދިއައެވެ. އަޝްރަފް އެފަދަ ޙިޔާލެއް ކޮށްފާނެ ކަމަކަށް ފަރީޝާ ހިއެއްވެސް ނުކުރެއެވެ.

އަޝްރަފްގެ އެ ޖުމުލައިގެ އަޑު އިވުމުން ސިހުމެއް ލިބުނީ ހަމަ އެކަނި ފަރީޝާ އަކަށް ނޫނެވެ. ކޮޓަރިއަށް ވަންނަން އައި އާޒިމްގެ ފިޔަވަޅުތައް ހުރި ދިމާލުގައި ހަރުލައިފި އެވެ. ގުޑިލަން ނޭގިފައި އޭނައަށް އިރުކޮޅަކު ހުރެވުނީ އެއިވުނު ޖުމްލައަކީ ހަގީގަތެއް ކަމަށް ގަބޫލު ނުކުރެވިފައެވެ. އާޒިމްގެ މެއަށް ފިނިވެގެން ދިއައެވެ. އޭނާގެ ހިތުގެ އަޑު އަޝްރަފަށް އިވުނީ ކިހިނެއް ހެއްޔެވެ! އާޒިމްގެ ގައިން ހީބިހި ނަގައިގެން ދިއައެވެ. އޭނާގެ ދެ ކޯތާފަތަށް ރަތްކުލަ އަރައިގެން ދިއަހެން ހީވިއެވެ. ފިރިހެނުންވެސް ރަކިވޭ ހެއްޔެވެ! އެއީ އޭނާއަށް މުޅީން އާ އިޙުސާސެކެވެ.

އާޒިމް ތެޅިގަނެފައި އައިކޮޅަށް ދުއްވައިގަތެވެ. ފަރީޝާގެ ލޯބި އޭނާއަށް ހައްގުވާ ފެންވަރުގެ މީހަކަށް ވާން އޭނާ ބޭނުމެވެ.

އަޝްރަފް އިރުކޮޅަކު މަޑުކޮށްލައިގެން ހުރީ ފަރީޝާގެ ޖަވާބެއް ލިބޭތޯއެވެ. ފަރިޝާ އެއްޗެއް ބުނާ އަޑު ނީވުމުން އަޝްރަފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އެކަނި އުޅޭކަށް ފަރިޝާއަކަށް ފަސޭހައެއް ނުވާނެ ފަރީޝާ..! ފަރީޝާ ބަލަހައްޓާނެ ރަނގަޅު މީހަކު ބޭނުންވާނެ!"
އަނެއްކާވެސް އިރުކޮޅަކު މަޑުކޮށްލައިގެން އަޝްރަފް ހުއްޓެވެ. ފަރީޝާ ޖަވާބެއް ނުދިނުމުން އަޝްރަފް ފަރީޝާއަށް ބަލައިލި އެވެ. އިސްޖހައިގެން ފަރީޝާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.
"އަހަރެން އާޒިމާ ވެސް މި ވާހަކަ ދައްކާލާނަން އިނގޭ!"
ފަރީޝާގެ ޖަވާބަކަށް އިތުރަށް އިންތިޒާރު ކުރުމަކާ ނުލާ އެގޮތަށް އަޝްރަފް ނިންމާލައިފި އެވެ. 

އަޝްރަފް ގޮސް ފާޚާނާއަށް ވަދެ ތައްޔާރު ވެލައިގެން އައިސް، ތަޅުގަނޑު މަތީގައި އޮތް ގޮދަޑީގައި އޮށޯވެ ނިދިއިރުވެސް ފަރީޝާ ހަމަ އެއިން ގޮތަށް އިނީއެވެ. 

އާޒިމް ގޮސް ރައުއްޓޭގެ ކޮޓަރިއަށް ވަދެ ކޮޓަރީގައި ހުރި އަލަމާރި ހާވަން ފަށައިފި އެވެ. އޭނާ ބޭނުން ވަނީ ރައުއްޓޭގެ އެއްޗެހީގެ ތެރެއިން އޭނަގެ އެއްޗެހި ވަކިކުރާށެވެ. އެ ދިރިއުޅުން ދެން ދޫކޮށްލާށެވެ. މިފަހަރު ރަނގަޅު ފިރިއަކަށް ވާން އޭނާ ބޭނުމެވެ.

"އޭ.. އޭ.. މާ އަވަސް އަރުވާލާފަ ކީއްތިކުރަނީ؟"
ރައުއްޓޭ އައިސް ކޮޓަރިއަށް ވަންކަން އެގުމުން އާޒިމަށް އުނދަގޫވިއެވެ.
"މިއުޅެނީ މިތަނުން މަގޭ އެއްޗެހި ގެންދަން... މަ ދެން އިޞްލާހުވީ އިނގޭ!"
އާޒިމް އެހެން ބުނުމުން ރައުއްޓޭ ހިނިގަނޑެއް ޖަހާލިއެވެ. އަދިވެސް އާޒިމްގެ ސިނކުޑި ޅަ ކަމުންނެވެ.
"އެހާ ފަސޭހައިން އިޞްލާހު ވެވޭތަ! ލާރިކޮޅެއްދޭން މީހަކު ބުނީތަ؟"
"ނޫން.. ރީތި އަންބަކު ލިބެން އުޅެނީ!"

އާޒިމް އެހެން ބުނުމުން ރައުއްޓޭއަށް ވިސްނިއްޖެއެވެ. އެދައްކަނީ އެ ކޮޓަރިއަށް ލައްގައިގެން އުޅޭ ޙޫރުޕަރީގެ ވާހަކަ އެވެ. ފަހަކަށް އައިސް އާޒިމް އެ ކުއްޖާގެ ވާހަކަ މާވަރަކަށް ދައްކާތީ ރައުއްޓޭ ހުންނަނީ ބޮލަށް އުނދަގޫވެފައެވެ. އާޒިމް އެހާ ކުއްލި ގޮތަކަށް ރައުއްޓޭ ދޫކޮށްލާތީ ރައުއްޓޭ ހިތްހަމަނުޖެހުނެވެ. އާޒިމް ހިނގައްޖެއްޔާ އެމީހުންގެ ވިޔަފާރި ޑީލްތައް ފަނި ވާނެއެވެ. އަދި އާޒިމް އެ ބުނާހެން އިޞްލާހު ވެއްޖެއްޔާ ރައުއްޓޭގެ ދުވަސްދާނެއެވެ.

އެ ކޮޓަރިއަށް އާޒިމް ގެންގޮސްފައި ހުރި އޭނާގެ އަންނައުނުތައް ދަބަސްގަނޑަކަށް އަޅަމުން ދަނިކޮށް، އާޒިމްގެ ލޮލުގައި އަޅައިގަތީ އޭނާ ލާން ގެންގުޅުނު ކަޅާ ނޫ ކުލައިގެ ބޮޑު ގޮޅިޖެހި ގަމީހެވެ. އެގަމީސް ފެނުމުން އޭނާގެ ހަނދާނަށް ކޮންމެސް އެއްޗެއް އަންނަން އުޅުނެވެ. އެގަމީސް އޭނާ އެންމެ ފަހުން ލީ ކޮން އިރަކު ހެއްޔެވެ؟ އެގަމީހުގެ ޖީބު ވަނީ ދަމައިގެންފައެވެ. އެއީ ކޮން އިރަކު އޭނާ ކުރިކަމެއް ކަމެއް ހަނދާނަކަށް ނައެވެ. އާޒިމް ގަމީހުގެ ވީދިފައިވާ ތަން ރައުއްޓޭއަށް ދައްކާލަމުން ނުވިސްނުނޭ ބުނާ ފަދަ ގޮތަކަށް ކޮނޑު އަރުވާލިއެވެ. ރައުއްޓޭ ޖަހާލީ ހިނިގަނޑެކެވެ. އޭނާ އިނީ އެކަމަށް ސަމާލުކަން ދެވޭ ވަރަށްވުރެ ބޮޑު ފިކުރެއްގައެވެ. 

ހުރިހާ އެއްޗެއް ހަމަކޮށްލައިގެން ނުކުތުމުގެ ކުރީން އާޒިމް ފާޚާނާ ކޮށްލަން ބޭނުން ވިއެވެ. ފާޚާނާގަވެސް މާ ގިނަ ވަގުތު ހޭދަވިޔަކަ ނުދެއެވެ. އާޒިމް ބޭނުންވީ ވަރަށް އަވަސް ކޮށްލައިގެން އޭނާގެ ކޮޓަރިއަށް ދާށެވެ. އަޝްރަފް އޭނާ ގާތުގައި ފަރީޝާގެ ވާހަކަ ދައްކާނެކަން އިނގޭތީއެވެ.

ގޯތިތެރެއަށް ވެރިވެފައިވާ އަނދިރި ކަމުގެ ތެރޭގައި، ޖޯލިފަތީގައި ފަރިޝާ ލޯ މަރާލައިގެން އޮތެވެ. އޭނާ އަދި ނިންޖެއް ނާދެއެވެ. މިރޭ އަޝްރަފަށްވެސް އެހެން ރޭރެއަށް ވުރެ އަވަހަށް ނިދިއްޖެއެވެ. އަޝްރަފް ބޭނުން ވާހަކަ ދައްކާފައި ނިދާލިއިރު ފަރީޝާގެ ހިތަށް ވާނެވަރު އޭނާއަށް އިޙުސާސް ނުކުރެވުނެވެ. 

އާޒިމް އައިސް ގޭގެ ދޮރުން ވަންތަނާ ޖޯލިފަތީގައި އޮތް ފަރީޝާ ފެނުމުން އާޒިމަށް އިސް ޖަހާލެވުނީ ލަދުންނެވެ. އިޝްގީ ލޯތްބަށް ބާ ވެފަވާ އާޒިމްގެ އެހިތުގައި މިރޭ ފަރިޝާ ފެނުމުން އާ ވިންދެއް ޖަހާލައިފި އެވެ. އޭނާ ފަރީޝާއަށް ބަލާވެސް ނުލާ ގޮސް ކޮޓަރިއަށް ވަންއިރު އަޝްރަފް ނިދާފައި އޮތްތަން ފެނުމުން ދެރަވިއެވެ. އުއްމީދު ކޮށްގެން ހުރީ އެވާހަކަ އަވަހަށް އަޑުއަހާލާށެވެ. ފަރީޝާ އެއްބަސްވިތޯ ބަލާލާށެވެ. 

އާޒިމް ފޫހިވެފައި ހުރެ ދަބަހުގަ ހުރި ސާމާނުތައް ނަގާ އޭނަގެ ވަތްގަނޑަށް އަޅާފައި ދޮރު ތަޅުލިއެވެ. 

"އާޒިމް!"
އަޝްރަފް އޮތީ ނިދާފައެއް ނޫނެވެ. ނަސީބެކެވެ. އާޒިމްގެ ހިތް އުފަލުން ތޮޅިލިއެވެ.
"ހިނގާ ވާހަކަ ދައްކާލަން!"
އަޝްރަފް ތެދުވެ އިށީންނަމުން ފަރީޝާ ކޮބައިތޯ ބަލައިލި އެވެ. ފާޚާނާ ދޮރު ހުރީ ހުޅުވާފައެވެ. އެހެންކަމުން ފަރީޝާ އިންނާނީ ބޭރުގައިކަން އެނގުނެވެ. ވާހަކަ ދައްކާލަން ފަސޭހަ ދަޑިވަޅެކެވެ. 

"އާޒިމް މިހާރު ތި އުޅޭގޮތް މަށަކަށް ކަމަކު ނުދޭ..! ތި އުޅުން ދޫކޮށްލާ!"
ވަރަށް ހިނިއައިސްފައި އިން އާޒިމްގެ މޫނުމަތި އޮއްސިގެން ދިއައެވެ. އަޝްރަފް އެފެށީ ކޮން ވާހަކައެއް ހެއްޔެވެ؟ 
ކުއްލި އަކަށް އާޒިމްގެ ނިއްކުރިމަތީން ދާތިކިތައް ފާޅުވެގެން ދިއައީ ބިރު ގެންވަރުންނެވެ. 
"މިހާރު ތިހިން އުޅެވިއްޖެދޯ އާޒިމް! ދެން ސީރިއަސްވޭ.. މީހަކާ އިންނަން އުޅޭ!"
އާޒިމް ފުން ނޭވާއެއް ބޭރަށް ދޫކޮށްލިއެވެ. ސަލާމަތްވީ ހަމަ ކިރިޔާއެވެ. 
"މަށާ އިންނަ ހިތަކުން މީހަކު ނޫޅެ" 

އާޒިމް ބޭނުންވީ އަޝްރަފް ލައްވާ އެވާހަކަ ދައްކުވާށެވެ. އަޝްރަފް އެއްޗެއް ބުނަން އަނގަ ހުޅުވާލި ތަނާ ފެނުނީ ފުލުހުންގެ ބަޔަކު އައިސް ކޮޓަރީ ދޮރުމައްޗަށް ހުއްޓުން ތަނެވެ. އެމީހުން ފެންނަ އިރަށް އާޒިމް ތެޅިގަނެފައި ފުންމައިގެން ތެދުވިއެވެ.

ފުލުހުންގެ ތިން މީހުންގެ ފަހަތުގައި ޙައިރާންވެ، ބިރުގެންފައި ފަރިޝާ ހުއްޓެވެ. ފަރިޝާ އެންމެ ބިރުގަތީ އެ ކޮޓަރީގައި އޭނާ ނިދާކަން އެނގިގެން ބަޔަކު ރިޕޯޓް ކުރީ ކަމަށް ހީކޮށެވެ. 

އާޒިމް އަށް ވީގޮތް ފެނުމުން އަޝްރަފްގެ ހިތް އަވަސްވިއެވެ. އަޝްރަފް ވެސް މަޑުމަޑުން ތެދުވިއެވެ.

"އާޒިމް؟"
އެތަނުން ފުލުހަކު ހަރުއަޑުން އަހާލި އެވެ. އެކަކުވެސް ޖަވާބު ދޭކަށް ނުޖެހުނެވެ. އެމީހުން އާޒިމް ދެނެގެންފިއެވެ. އާޒިމް ވެސް ގަދަހަދާކަށް ނޫޅެއެވެ. އަވަސް އަވަހަށް ކޮޓަރީން ނުކުމެ ގޭގެ ބޭރު ދޮރުމަތީގައި އޭނާއަށް މަޑުކޮށްލެވުނީ ފައިވާނަށްވެސް ނާރައެވެ. އާޒިމް އެމީހުންނާ ވާހަކަ ތަކެއް ދައްކާތަން ބަލަން ކޮޓަރީ ދޮރުމަތީގައި އަޝްރަފާ ފަރީޝާ ތިއްބެވެ. 

ކުޑައިރުކޮޅެއްގެ ފަހުން އާޒިމް އައިސް ފައިވާނަށް އަރަން އަޝްރަފް ކައިރިއަށް ހުއްޓުނު އިރު އޭނާގެ ނޭވާ އަވަސްވެ، ހާސްވެފައި ވާކަން އަޝްރަފަށް ފާހަގަ ކުރެވުނެވެ.

"އެބަ އަންނަން.. މީ ރައުއްޓޭ ކަންތަކޭ!"
އެހެން ބުނެފައި އާޒިމް ހިނގައިގަތީ އަޝްރަފުމެންނާ ދިމާއަށް ބަލައިވެސްނުލައެވެ. ކޮންފަދަ ރައުއްޓޭ އެއްހެއްޔެވެ! އަޝްރަފަކަށް ނޭގުނެވެ. އާޒިމް އެ ތާށިވީ ކޮންކަހަލަ ކަމެއްގައި ކަމެއްވެސް އަޝްރަފަކަށް ނޭގެއެވެ.

އެރޭ އަޝްރަފަށް ނިދުނީ އިރު އަރަން އުޅެނި ކޮންނެވެ. އޭރުވެސް އާޒިމް ނާދެއެވެ. އާޒިމް އަވަހަށް ދޫކޮށް ނުލައިފިނަމަ ދެން ވާނީ މާ އުނދަގޫ ގޮތެކެވެ. ފަރިޝާ އެކޮޓަރިއަށް ގެނައި ފަހުން ކޮންމެ ރެއަކުވެސް ނިދަން އަންނަން އަޝްރަފް އޮންނަނީ އާޒިމަށް އަންގާފައެވެ. ފަރީޝާއާ އެއްކޮޓަރީގައި އެކަނި ނިދަން ޖެހިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ!

ރަޒީނާ ގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ހަމަ އެކަނި އުފަލަކުން ނޫނެވެ. ބިރުންވެސް މެއެވެ. އޭނާ އެ ކުރަން އުޅޭ ކަންތައް މީހަކަށް އެނގިދާނެތީއެވެ. އެހެން ވިއަސް މިފަހަރު އޭނާ އެކަން ނުކޮށް ދޫކޮށެއް ނުލާނެއެވެ. ނިހާ އޭނާއާ ޒުވާބު ކުރީއްސުރެ އޭނާ އެހުންނަނީ ނިހާއަށް ވަރުގަދަ ލަޑެއް ދޭނެ ގޮތަކާ ދޭތެރޭ ވިސްނަ ވިސްނައެވެ. އެދުވަހު ރަޒީނާ ނިހާމެން ގޭން ނުކުތީއްސުރެ އޭނާ އަކަށް އަދި ހަމަ ނޭވާވެސް ނުލެވެއެވެ. ނަފްރަތުގެ އަލިފާނުން އޭނާގެ މޭ އަނދަމުން ދަނީއެވެ. އަވަހަށް އެކަމަށް ހައްލެއް ނުހޯދިއްޖެނަމަ އެ ހޫނުން އޭނާ އަނދާ ހުލިވެދާނެއެވެ. މިދިއަ ދުވަސްތަކުގައި އޭނާ ނިހާއަށް ހަދާލާނެ ގޮތަކާ ދޭތެރޭ ވިސްނީއެވެ. ދެން އެކަން ކުރެވޭނެ ގޮތެއް ވޭތޯ ބެލީއެވެ. އެކަމަށް އޭނާއަށް މަގު ފަހިވީ އަދިކިރިޔާއެވެ. އޭނާގެ މަޤްޞަދު ޙާޞިލް ވާގޮތް ވަނީ އެވެ.

ރަޒީނާ ކުރަން އެއުޅޭ ކަންތައް އެއްވެސް މީހަކަށް އެނގިގެން ނުވާނެއެވެ. އޭނާގެ މަންމައަށް އެނގުނަސް ކަމަކު ނުދާނެއެވެ. އެހެން ކަމުން ރަޒީނާ މަޑުކުރީ އޭނާގެ މަންމައަށް ރަނގަޅަށް ނިދެން ދެނެވެ. 

ގޭން ނުކުމެވުނު އިރު ރޭގަނޑު ބާރަވެސް ޖަހައިފި އެވެ. ރަޒީނާ، ސައްތާރުގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭނާ ހިނގަމުން ދިއައީ ވަރަށް ބާރަށެވެ. ބިރުގެންފައި ހުރި ވަރުންނެވެ. ރޭގަނޑުގެ އެގަޑީގައި އެކަނި މަގުމައްޗަށް ނުކުންނަން އޭނާ އަބަދުވެސް ބިރުގަނެއެވެ. އެހެން ވިއަސް މިރޭ އެ ކުރަން އުޅޭ ކަންތަކަކީ އޭނާ ކޮންމެހެން ނުކޮށް ނުވާނެ ކަމެކެވެ. 

އެގަޑީގައި ރަޒީނާ މަގުމަތީން މީހަކަށް ފެނިއްޖެއްޔާ ޝައްކު ކުރާނެއެވެ. އެހެން ވީމައި އޭނާ ހިނގަން ޖެހުނީވެސް ވަލުފަރާތު މަގުންނެވެ. އެއީ ދުވާލުވެސް މީހުން ހިނގާނޫޅޭ މަގެކެވެ. ޒަމާނުއްސުރެ "ނުރައްކާ" ގެ ނަމުން ނަން ދެވިފައިވާ މަގެކެވެ. 

މުޅި ހިސާބުގަޑަށް ވެރިވެފައި ވަނީ ކަނު އަނދިރި ކަމެވެ. އަތުގައި އޮތް ފޯނުން އަލިކޮށްގެން ހިނގަން ޖެހުމުން އޭނާ ބޭނުން ވާހާ ބާރަށް ހިނގޭ ގޮތެއް ނުވެއެވެ. ބިންމަތީ ގައި ދެމިފައިވާ އެކިވަރުގެ މޫތަކުގައި އަޅައިގަންނަ ވަރުން އަނގަވަތަށް ވެއްޓި ދާނެހެން ހީވާ ފަހަރު ވެސް އާދެއެވެ. އޭނާގެ ހިތުގެ އަޑު ހިނދުކޮޅަކަށް ވުރެ ހިނދު ކޮޅެއް ގަދަވަމުން ދިއަ އެވެ. އެވަރުންވެސް އޭނާ އެނބުރި ދާކަށް ބޭނުމެއް ނޫނެވެ. ނިހާއަށް ވަރުގަދަ ލޮޓިއެއް ދީފައި ނޫނީ އޭނާ ހުއްޓައެއް ނުލާނެ އެވެ. 

ކުއްލިއަކަށް ޖެހުނު ބާރު ވައިރޯޅި އަކާއެކު އިންސާނެއްގެ ހަޅޭކުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނުހެން ހީވި އެވެ. ރަޒީނާ ދިއައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދެކޮޅަށް ކަޅި ހިންގާލި ނަމަވެސް ފަހަތް ބަލާލާކަށް ނުކެރުނެވެ. ދެ ގުނައަށް ހިނގުން ބާރު ކޮށްލެވިއްޖެ އެވެ. އެހެންނަމަވެސް ހިނގާލެވުނީ ކުޑަ ތަންކޮޅަކަށެވެ. ހަމަ ކުއްލިއަކަށް އެޖެހުނު ބާރު ވައިރޯޅީގެ ސަބަބުން އޭނާ ވިއްސައިގެން ނުދިއައީ ކިރިޔާއެވެ. އަނެއްކާވެސް އެ ނާމާން އަޑު އޭނާއަށް އިވިގެން ދިއައެވެ. މިފަހަރު ދާދި ގާތުންނެވެ. އޭނާ ގެންބިރެއްގެ ސަބަބުން ދެފަޔަށް ބާރުލާ ދުއްވައިގަންނަން އުޅުނެވެ. އެހެން ނަމަވެސް ހުއްޓެވިއްޖެ އެވެ. ހީވީ ދެފައިގައި ކަސްތަޅު އެޅުހެންނެވެ. ކުރިމަތިން އެފެނުނު މަންޒަރެއްގެ ސަބަބުން އޭނާގެ ހެއަށްވެސް ގޮތް ވިއެވެ.
(ނުނިމޭ)

ކޮމެންޓް 0