(23 އޯގަސްޓްގެ އަދަދާ ގުޅޭ)
ރަޒީނާއަށް ހޭލެވުނީ ކުޑަ ދޮރުގެ ފޮތިގަނޑު ދަމާލި އަޑަށެވެ.
ލޯ ހުޅުވާލައިގެން އޭނާ މަޑުމަޑުން އޮތީ އޭނާއަށް ހީވި ގޮތް ކަމަށް ހިތައެވެ. ރަޒީނާ ނިދާފައި އޮއްވާ އޭނާގެ ކޮޓަރިއަށް ވަންނަން ކެރޭނެ މީހަކު ނޫޅޭނެ އެވެ. އެހެން ނޫނަސް ދޮރު ހުންނާނީ ވެސް ތަޅުލާފައެވެ. އެހެން ނަމަވެސް އެއީ އޭނާއަށް ހީވި ގޮތެއް ނޫނެވެ. ބިއްލޫރި ކުޑަދޮރުތަކުން ކޮޓަރި ތެރެއަށް ކުރިން ވަންނަމުން ދިއަ އަލިކަމެއް މިހާރަކު ކޮޓަރި ތެރެއަކު ނެތެވެ. ކޮޓަރި ތެރެއަށް ވެރިވެފައި ވަނީ އަނދިރި ކަމެވެ. ރަޒީނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިއައެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ކޮންމެވެސް މީހަކު ދޮރު ފޮތިގަނޑު ދަމާލައިފި އެވެ. ރަޒީނާ ހިމޭނުން އޮތީ އިތުރު އަޑަކަށް ސަމާލު ވެގެންނެވެ. މަޑުމަޑުން އޭނާގެ އެނދު ތެޅިލިހެން އޭނާއަށް ހީވިއެވެ. ރަޒީނާ ދެލޯ ބޮޑުކޮށްލިއެވެ. އަވަސް އަވަހަށް ދެފަރާތަށް ކަޅި ހިންގާލިއެވެ. އަނެއްކާވެސް އޭނާގެ އެނދު ތެޅިލިއެވެ. މި ފަހަރު ތަންކޮޅެއް ބާރަށެވެ. ހަޅޭއްލަވައި ގަތުމާއެކު ރަޒީނާ ފުންމައިގެން ތެދުވެ އަވަސް އަވަހަށް އެނދު ކައިރީގައި ހުރި ސުވިޗް ޖައްސާލިއެވެ. ކޮޓަރިތެރެ އަލިވެގެން ދިއައެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.
މާނޭވާ ލެވިފައި ރަޒީނާ އިރުކޮޅަކު އިނެވެ. ކުޑަދޮރުގެ ފޮތި ގަނޑު ހުރީ ދަމާލާފަ އެވެ. އޭނާ އަބަދުވެސް ނިދަނީ ފޮތިގަނޑު ކަހާލައިގެންނެވެ. ރޭގައި ނިދިއައިސްފަ ހުރި ވަރުން އޭނާ ހަނދާން ނެތުނީ ކަމަށް ވެދާނެ ބާއެވެ! އެކަމަކު އޭނާގެ އެނދުވެސް ތެޅުނެވެ. އޭނާ އަށް ހަމަ ޔަގީނެވެ. މިހާރު ވެސް އެބަ އެނދު ތެޅެއެވެ. ނޫނެކެވެ. ހިތް ތެޅޭލެއް ބާރު ކަމުން އެހެން ހީވަނީ އެވެ. ގަބޫލު ކުރާނެ އެއްޗެއް ރަޒީނާ އަކަށް ނޭގުނެވެ. ނިހާގެ ކަންތައްގަނޑު ގައި އުޅެން ހަދައިގެން މާ ބޮޑަށް އެކަމާ ވިސްނެނީހެން ހީވެއެވެ. އެކަމަކު އެކަމާ ރަޒީނާ އެވަރަށް ބިރުގަންނަން ޖެހޭ ސަބަބެއް ނެތެވެ. އެކަމުގެ ބިރުވެރި ކަމާ ކުރިމަތިލާން ޖެހޭނީ ނިހާ އެވެ. އެހެން ހިތަށް އެރުމާއި އެކު ރަޒީނާގެ ތުންފަތް މައްޗަށް ވިހަ ހިނިތުން ވުމެއްގެ އަސަރު ވެރިވެގެން ދިއައެވެ. އޭނާގެ ސިކުނޑި އަށް ވަރަށް އަރާމު ވެއްޖެއެވެ. މަޑުމަޑުން އެނދުގައި އޮށޯވެލަމުން މިރޭ ނިހާ އުޅޭނެ ހާލާ ދޭތެރޭ ވިސްނައިލެވުނެވެ.
އެ ޚިޔާލު ތަކުގެ އުފާވެރި އިޙުސާސްގައި އޮވެ އޭނާއަށް ނިދުނު އިރު ކޮޓަރީގެ ބޮކި ނިއްވާނުލާ ހުރުމުން ރަޒީނާގެ އެ ހަރު ހިތަށް ބިރުވެރިކަން ވަދެފައިވާ މިންވަރު ދޭހަކޮށްދެ އެވެ.
މިރޭ ނިހާއަށް އޮފީހުން ގެއަށް އާދެވުނީ ވަރަށް ދަންވި ފަހުންނެވެ. އަހަރު ނިމުމުގެ ކުރީން ކޮންމެހެން ނިންމަންޖެހޭ މަސައްކަތް ތަކެއް ނުނިމި ތޮއްޖެހިފައި ހުރިކަން އެއީ އޭނާގެ ނަސީބެވެ. ރެއާ ދުވާލުގެ ގިނަ ވަގުތު ނިހާ ހޭދަ ކުރަނީ އޮފީހުގެ މަސައްކަތުގައެވެ. ފިރިމީހާ މާލޭގައި ބަހައްޓައިގެން ކިޔަވާދިނުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. އިތުރު ގަޑީގައި ލިބޭ ފައިސާ ކޮޅުވެސް މިހާރު ވަރަށް މުހިންމެވެ. މިހާރު އަޝްރަފާ ދުރުގައި ހުންނަތާ މާގިނަ ދުވަސް ވެސް ވެއްޖެއެވެ. އެހާ ގިނަ ދުވަހު ނިހާއާ ދުރުގައި ހުންނަން ވެއްޖެނަމަ އަޝްރަފަށް ކެތް ނުކުރެވިގެން ކޯސް ފުރިހަމަ ނުކޮށް މާލެ އަންނަން އުޅެދާނެއެވެ. ނިހާ ފޯނުން ގުޅާލާ ކޮންމެ ފަހަރަކު އަޝްރަފް ދައްކަނީ އެކަހަލަ ވާހަކައެކެވެ. އަވަހަށް މާލޭން ސަލާމަތް ވެގެން ރަށަށް އަންނަން ބޭނުންވާ ވާހަކައެވެ. މާލެ ނުދެވުނު ނަމަ މާ ރަނގަޅު ވީހޭ ހިތަށް އަރާ ވާހަކަ އެވެ. އެފަދަ ކޮންމެ ވަގުތެއްގައި ނިހާ އަޝްރަފަށް ނަސޭހަތް ދެއެވެ. ދެ މީހުންގެ މުސްތަޤްބަލަށްޓަކައި ވަޒީފާގެ ތަރައްޤީ އަކީ މުހިއްމު އެއްޗެއް ކަން ވިސްނަދެއެވެ. އެހެން ނަމަވެސް އަޝްރަފްގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ނިހާ އަށެވެ. އަޝްރަފް ނިހާއަށް ބޭނުން ވާނެ ވަރު ނިހާއަށް އިޙުސާސް ކުރެވެއެވެ. އެހެން ވީމައި ނިހާ ނިންމައިގެން އެހެރީ އަޝްރަފަށް ރަނގަޅު ސަޕްރައިސް އެއްދޭށެވެ. އަޝްރަފް އުފަލުން މޮޔަވާވަރުގެ ސަޕްރައިސް އެކެވެ.
ފަތިސް ވުމާއި ގާތްވެއްޖެއެވެ. އަދިވެސް އަޝްރަފާ ފަރީޝާ ހަމަ އެތިބި ގޮތަށް ތިބީއެވެ. އެހާ ގިނަ އިރު ވަންދެން ރުއި އިރުވެސް ފަރީޝާގެ ލޮލުން ކަރުނަ ހުސްވާ ގޮތެއް ނުވިއެވެ. އޭނާގެ އެކަނިވެރި ހަޔާތުގެ މާޒީ ހަނދާން ވަމުން ދަނީއެވެ. އަންނަން އޮތް އެކަނި ވެރި ދުވަސްތަކާ ދޭތެރޭ ކަންބޮޑު ވަނީ އެވެ. ވެދާނެ ބަދުނާމަކާ ދޭތެރޭ ފިކުރު ބޮޑުވެފައި ހަމަ ރޮވެނީ އެވެ. އޭނާގެ ބޯ ހީވަނީ ފަޅައިގެން ހިނގައި ދާނެހެންނެވެ. ހިތުގައި ބޮޑުވެފައި ވާ ހިތާމަތައް ބޭރު ކުރެވޭނެ ގޮތެއް ނެތި ގިނަ ދުވަސް ތަކެއް ވީމައިވެސް ވާނީ އެހެންނެވެ.
"އަޝްރަފް!"
ފަރީޝާ ވާހަކަ ދައްކާލަން ބޭނުން ވިއެވެ. އަޝްރަފް ހިސާބަކަށް ސިހިފައި ބަލާލިއެވެ. ފަރީޝާގެ ދުލުން އަޝްރަފްގެ ނަން ކިޔާލާ އަޑު އެއިވުނީ އަލަށެވެ. އެ ހިތްދަތި ދަޑިވަޅު ގައިވެސް އަޝްރަފްގެ ހިތުގެ ވިންދުތަކަށް އެނގުން ވެއްޖެއެވެ.
"ކިހިނެއް ހަދާނީ..!"
އުނދަގުލުން ފަރީޝާ އަހާލިއެވެ. ފަރީޝާގެ ރީތި ދެ ތުންފަތުގައި މަޑު ތުރުތުރުލުމެއް ވާކަން އަޝްރަފަށް ފާހަގަ ކުރެވުނެވެ. އަޝްރަފް ވެސް މިވަގުތު ކޮންމެސް މީހަކާ ވާހަކަ ދައްކާލަން ބޭނުމެވެ. އެހެން ނަމަވެސް ބުނާނެ އެއްޗެއް ނޭގެއެވެ. ފަރީޝާގެ ސުވާލުގެ ޖަވާބުގައި އަޝްރަފް ކޮނޑު އަރުވާލަމުން ބޯހޫރާލިއެވެ. ނޭގެއޭ ބުނާފަދަ ގޮތަކަށެވެ.
"ކޮން އަދަބެއް ލިބޭނީ؟"
ބިރުގެންފައިވާ ކުޑަކުއްޖެއް ހެން ފަރީޝާ އަހާލި އެވެ. އަޝްރަފްގެ ހިތުގައި އިތުރަށް ރިއްސާލިއެވެ. ފަރީޝާ ކައިރީ ބުނާނީ ވެސް ކީކޭ ހެއްޔެވެ!
"ބަންދު ކުރާނެތަ؟ ރަށަށް ފޮނުވާލާނީ..؟ ތަޅާނެތަ؟"
ލަސްލަހުން ހުއްޓަމުން ގިސްލުމުގެ ތެރޭން އޭނާ އަނެއްކާވެސް އަހާލި އެވެ. އަޝްރަފަށް ހަމަ ބަލަހައްޓައިގެން އިނދެވުނީ އެވެ.
"ރަށަށް ފޮނުވާލައިފިއްޔާ... އެހީ ވާނެ މީހަކުވެސް ނުހުންނާނެ!"
އެހެން ބުނަމުން ތުންފަތަށް އެ ހަދާލި ގޮތަކުން ފަރީޝާއަށް ކޮށްފައިވާ ފުން އަސަރު ހާމަވެގެން ދިއައެވެ. އަޝްރަފްގެ ހިތުގައިވެސް ގަދައަށް ރިއްސަން ފަށައިފި އެވެ. އަޝްރަފް އަވަސް އަވަހަށް އިސް ޖަހާލި އެވެ. ފަރީޝާއަށް އޭނާ އެހީވެދޭނީ ކިހިނެއް ހެއްޔެވެ!
"އަހަރެންގެ އުމުރުން ފަނަރަ ދުވަސް ވީތަނާ މަންމަ ނިޔާވީ، ތިން އަހަރުގަ ބައްޕަ ނިޔާވީ، ކާފަ އެކަނި އާއިލާ މީހަކަށް ހުރީ.. ކާފަ ވެސް ނިޔާވީ. ދެން ނެތް އެކަކުވެސް.."
އެހެން ބުނުމާއި އެކު ފަރީޝާއަށް ރަނގަޅަށް ރޮވިއްޖެއެވެ. މި މަންޒަރު ދެކެން އަޝްރަފަށް ކެތްވަނީއެއް ނޫނެވެ. އެފަދަ ނިކަމެތި ކުއްޖަކަށް އެހާ ބޮޑު ދެރައެއް ލިބޭތަން ދެކެން އޭނާއަށް ކެތްވާނީ ކިހިނެއް ހެއްޔެވެ؟
"ރަށު ހުރިހާ އަންހެން ކުދީންވެސް އަހަރެން ބާކީ ކޮށްލާފަ ހުންނާނީ.. ފިރިހެން ކުދިން އަބަދު ހަޑިއެއްޗެހި ކިޔާ.. ބޮޑެތި މީހުން އަބަދުވެސް އަހަންނާ ދިމާއަށް ވަރަށް އެއްޗެހި ކިޔާ.. ދެން އަދި މާ އެއްޗެހި ކިޔާނެ"
ރޮމުން ރޮމުން ފަރީޝާ ވާހަކަ ދައްކަމުން ގޮސް އޯކާ ދެމިގަތެވެ. ދުވެފައި ގޮސް އޭނާއަށް ފާޚާނާއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ހޮޑުލެވިއްޖެއެވެ. ވާނީވެސް އެހެންނެވެ. އެހާވަރަށް އޭނާއަށް ރޮވިއްޖެއެވެ. ފާޚާނާގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި އަޝްރަފަކަށް ހަމަ ހަދާނެ ގޮތެއް ނޭގެއެވެ. އޭނާ އަކީ މީހެއްގެ ފިރިއަކަށް ނުވިނަމައޭވެސް ކިތަންމެ ފަހަރަކު ހިތަށް އަރައިފި އެވެ.
ފަރީޝާ ފާޚާނާއިން ނުކުތް އިރު ދެލޯ ހީވަނީ އަނގުރު ކޮޅެއް ހެންނެވެ. މޫނުމަތީން ފެންނަމުން ދިޔަ ހާސްކަން އިހުނަށް ވުރެވެސް އެތައް ގުނައެއް އިތުރު ވެފައި ވާހެން ހީވެއެވެ. އަޝްރަފާ ހަތަރު ކަޅި ހަމަވި ވަގުތު އެ ދެލޮލުގައިވާ ރިހުންތައް އަޝްރަފްގެ ހިތް ފެންފޮދަކަށް ހަދާލައިފިއެވެ. ކުރިއަށް ޖެހިލައި ފަރީޝާގެ ހަށިގަނޑުގައި އަޝްރަފަށް ހިފަހައްޓާލެވުނީ ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ރޮއިގަންނަމުން އަޝްރަފްގެ ގައިގައި ފަރީޝާއަށް ބާރަށް ބައްދާލެވުނެވެ.
"ޕްލީސް!"
މައުނައިން ފުރިފައިވާ ކުރު ޖުމުލަ އެކެވެ. އެ އަޑު އިވުމުން އަޝްރަފް ތުރުތުރު އަޅައިގެން ދިއައެވެ.
"ޕްލީސް އަޝްރަފް!"
ރޮމުން ގިސްލަމުން އަޝްރަފްގެ މޭގައި މޫނު ޖައްސާ ބާރު ކޮށްލަމުން ފަރީޝާ އާދޭހާ އެކު ބުނަމުން ދިއައެވެ. ގޮތް ހުސްވެފައިވާ ކުޑަކުއްޖަކު ހިމާޔަތަށް އެދި އާދޭސް ކުރާފަދައިން ފަރީޝާ އާދޭސް ކުރަމުން ދިއައެވެ. އޭނާ އަޝްރަފްގެ ގައިގައި ހިފަހައްޓާލާފައި ވާލެއް ބާރު ކަމުން ހީވަނީ އަޝްރަފްގެ މޭގެ ތެރެއަށް ވަންނަން މަސައްކަތް ކުރާހެންނެވެ. ފަރީޝާގެ އެހަރަކާތުން އަޝްރަފަށް އަސަރު ކުރިވަރު އަޝްރަފަށް އިޙުސާސް ކުރެވުނީ އަޝްރަފްގެ ލޮލުން އޮހޮރިގެން ކަރުނަތައް ކޯތާފަތުގައި ބީހެން ފެށުމުން ނެވެ. އޭނާގެ އަރު ބެދިއްޖެއެވެ. ހިންދިރުވާލަން ދަތިވެއްޖެއެވެ. އެ މަޢުސޫމް ކުޑަކުޑަ ކުއްޖާއަށް އެހެން ހަދަން ހެޔޮނުވާނެ އެވެ!
"ނުރޮއި.. ފަރީޝާ!"
ލޯ މަރާ ބާރުކޮށްލަމުން އަޝްރަފް ބުނެލި އެވެ.
"އަހަރެން ފަރީޝާ އެކަނި ވިޔަކަ ނުދޭނަން، ބަދުނާމް ވިޔަކަ ނުދޭނަން..!"
އެ ނޫން ގޮތެއް އަޝްރަފަކަށް ނެތެވެ. މިއަދު ފަރީޝާ މި ދުނިޔެއަށް ގިނަ ކޮށްލައިފިނަމަ މުޅި ދުނިޔެވެސް އަޝްރަފަށް ލަޢުނަތް ދޭނެއެވެ.
"އަހަރެން ފަރީޝާއާ އިންނާނަން!"
މިފަހަރު އަޝްރަފް ފަރީޝާ އޭނާގެ އަތުގެ ތެރޭގައި މެއާލާ ބޮނޑި ކޮށްލީ ގަޞްދުގައެވެ.
މާލޭ ޖަލުގެ ތަޙުޤީޤު ގޮޅީގެ ތަޅުންގަނޑުގެ މަތީގައި ކުނާ އަޅައިލައިގެން އޮށޯވެ ލޯ މަރާލައިގެން އާޒިމް އޮތް އިރު އާޒިމްގެ ނިއްކުރި މަތީން ފާޅުވަމުން ދިއަ ދާ ތިކިތަކާ މޫނު މަތީގެ ކުލަވަރު އޭނާ ކުރަމުންދާ ހިތާމަ ހާމަ ކޮށްދެމުން ދިއައެވެ. އޭނާ ވިސްނަމުން ދަނީ އޭނާގެ ދިރިއުޅުމާއި ދޭތެރޭގަ އެވެ. ފަހަކަށް އައިސް އޭނާ ދިރިއުޅެމުން އައީ އެންމެ ރަނގަޅަކަށް ނޫނެވެ. އެކަން އޭނާ ގަބޫލު ކުރެއެވެ. އެހެން ނަމަވެސް މިއަދު އޭނާއަށް އެތަނުގައި އޮންނަން ޖެހިގެން ނުވާނެ އެވެ. އާޒިމް، ރައުއްޓޭގެ ގެއިން ނިކުމެގެން އައީ އޭނާގެ އެ ހުތުރު މާޒީއަށް އަލްވަދާޢު ކިއަން ނިޔަތް ގަނެގެން ނެވެ. ފަރީޝާއާ އެކީ ރީތި ދިރިއުޅުމެއް އުޅެން އަޒުމު ކަނޑައަޅައިގެން ނެވެ. އެކަމަކު އެފަދަ ކަމެއްގައި އޭނާ ބެދުނީމައި ދެން ކަންތައް ވާނެ ގޮތެއް ނޭގެ އެވެ. އަޝްރަފާ ފަރީޝާއަށް ހީވެފައިވެސް ނެތް ފަދަ މީހަކަށް އޭނާ ވެއްޖެ އެވެ. ދެން ފަރީޝާ އޭނާއާ ކައިވެނި ކުރަން ގަބޫލު ވާނެ ބާއެވެ! އަދިވެސް އާޒިމް އުއްމީދު ކަނޑައެއް ނުލައެވެ. ވަރަށް އަވަހަށް އޭނާ އެތަނުން ސަލާމަތް ވާނެއެވެ. އޭރުން އާޒިމް ގޮސް ފަރީޝާއަށް ހުރިހާ ވާހަކައެއް ކިއައިދޭނެ އެވެ. ދެން ދުވަހަކުވެސް އެފަދަ ކަމެއްގެ ތެރެއަށް ނުވަންނަން ފަރީޝާގެ ގާތުގައި ވަޢުދު ވާނެއެވެ. އޭރުން ފަރީޝާ ގަބޫލު ކުރާނެ އެވެ. އާޒިމްގެ އުއްމީދަކީ އަވަހަށް އެ މައްސަލަ ނިމި އޭނާ ސަލާމަތް ވެގެން ފަރީޝާ ކައިރިއަށް ދިއުމެވެ. ދުޢާ އަކީ އަޝްރަފް ފަރީޝާގެ ކިބައިން ސަލާމަތް ވާންވެގެން ފަރީޝާ އެހެން މީހަކާ ކައިވެނި ކުރުވުމުގެ ކުރީން ފަރީޝާ ކައިރިއަށް ދިއުމުގެ ފުރުސަތު އޭނާއަށް ލިބުމެވެ.
އަޝްރަފާ ފަރިޝާއަށް ނިދަން އޮށޯވެވުނީ ފަތިސް ވީފަހުންނެވެ. ރޭ ހަތަރުދަމު ހޭލާ އުޅެން ޖެހުމުންވެސް އަޝްރަފްގެ ލޮލަކަށް ނިންޖެއް ނައެވެ. އޭނާ ތަންމަތީގައި ފުރޮޅިލަ ފުރޮޅިލާ އޮތީއެވެ. ވިސްނެނީއެވެ. ނިހާއާ ދޭތެރޭ ހިތުގައި އުފެދިފައިވާ ހަމްދަރްދީ ބޮޑު ވަނީއެވެ. އަދިވެސް އޭނާ އެވިސްނަނީ އެކަމުން ސަލާމަތް ވާނެ ގޮތަކާ ދޭތެރޭގައެވެ. ފަރީޝާ ގާތުގައި ކައިވެނި ކުރާނަމޭ ބުނެވިއްޖެއެވެ. ފަރީޝާ އެ ނިދާލީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް އަދިވެސް އެހެން ގޮތެއް ވާނެ ނަމައޭ އަޝްރަފްގެ ހިތަށް އަރަނީއެވެ. ފަރީޝާ ކަހަލަ ރީތި އަންހެން ކުއްޖަކު ލިބޭނީ ނަސީބު ވެރިއަކަށެވެ. އެކަން އަޝްރަފްވެސް ގަބޫލު ކުރެއެވެ. ފަރީޝާގެ މައްޗަށް އަޝްރަފްގެ ހިތް ދޫވެގެން ހިނގައްޖެހެން ހީވި ފަހަރުވެސް އައެވެ. އެހެން ނަމަވެސް އެއީ ލޯތްބެއް ނޫނެވެ. އެއީ ހަށިގަނޑުގައިވާ ފިރިހެންވަންތަ ހިއްސުތައް ކުރާ ގޯނާއެވެ. އެކަން މިހާރު އޭނާއަށް ޔަގީން ވެއްޖެއެވެ. ކައިވެނި ކުރާނެ ފުރުސަތު ލިބުމުންވެސް އަޝްރަފް އެކަން ބޭނުމެއް ނޫނެވެ. ކައިވެނީގެ ފުރަތަމަ ރެއަށް އަޝްރަފް އިންތިޒާރެއް ނުކުރެ އެވެ. އަޝްރަފް އެއަށް ވުރެ މާބޮޑަށް ދެރަވެއެވެ. ނިހާއަށް ޓަކައެވެ. އަޝްރަފް އަށްޓަކައި ނިހާ ވަމުން އެދަނީ ކިހާ މަތިވެރި ގުރުބާނީއެއް ހެއްޔެވެ! އޭގެ އަގު އަޝްރަފް އެ އަދާ ކުރަނީ ކިހިނެއް ހެއްޔެވެ!
އަޝްރަފް އަކަށް ނޯވެވުނެވެ. މާ ބޮޑަށް ހޫނުވާން ވެސް ފަށައިފި އެވެ. ބޭނުން ވަނީ އެތަނުން ތެދުވެގެން ދާށެވެ. ފިލާ ރައްކާވާށެވެ. އެހެން ނަމަވެސް... އަޝްރަފަށް ބަލާލެވުނީ އެނދުގައި ލޯބިކޮށް ނިދާލާފައި އޮތް އެ މައުސޫމް ސޫރައަށެވެ. ރަޖާ ގަނޑުގެ ތެރެއަށް ބޮނޑިވެލައިގެން އޮތް އިރު ހީވަނީ މައިމީހާގެ އަތުތެރޭގައި ނިދާލަން ބޭނުންވެފަވާ ކުޑަކުޑަ "ބޭބީ" އެއް ހެންނެވެ. ހިމާޔަތަކަށް އެދި އާދޭސް ކުރަމުންދާ ނިކަމެއްޗެކެވެ. ލޯތްބާ އޯގާތެރިކަމަށް ފެން ބޮވައި ގެންފައިވާ ކުށެއްނެތް އިންސާނެކެވެ.
ތަފާތު ހިޔާލު ތަކުގައި ހުރެ އަޝްރަފް ގޮސް ފަރީޝާގެ އެނދު ކައިރީގައި ހުރި ސަރަންފީ ގޮނޑީގައި އިށީންދެލިއެވެ. އެ ރީތި މޫނުމަތި ވަނީ މިލާފައެވެ. ދެލޯ ވަނީ ދުޅަވެ އަރާފައެވެ. އަދިވެސް އެ ދިގު އެސްފިޔަތަކުގައި ވަނީ ކަރުނައިގެ ތެއްކަމެވެ. އެ ރީތި ދެ ތުންފަތްކޮޅު ހިވަނީ ރަތް ލޭ ކޮޅެއް ހެންނެވެ. އެހާ ވަރަށް ނޭފަތުގައި އަތް ކޭއްތުމުގެ ސަބަބުން ނޭފަތުގެ ކުރިވެސް ވަނީ އެހާ ރަތްވެފަ އެވެ.
ދެފަހަރަކު ގުޑިލުމަށް ފަހު ފަރީޝާ ލޯ ހުޅުވާލައިފި އެވެ. ލޯ ހުޅުވާލުމާއެކު އޭނާ ފުންމައިގެން ތެދުވެ އެނދުގައި އިށީނދެލަމުން ބޯއަޅައިގެން އޮތް ބާލީސް ދަށުން ކުޑަ ޖެކެޓް ކޮޅެއް ނަގާ އޭގެތެރެއަށް ދެއަތް މަހާލީ ހަށިގަނޑު އިތުރަށް ނިވާކޮށްލުމުގެ ގޮތުންނެވެ.
އަޝްރަފްގެ ތުންފަތް މައްޗަށް ހިނިތުން ވުމެއްގެ އަސަރު ވެރިވެގެން ދިއައީ ހިތަށް ވަތް އެއްޗަކުންނެވެ. އެ ޖެކެޓް ކޮޅަކީ ބޯލާ ބާލީސް ދަށުގައި ގެންގުޅޭ އެއްޗަކަށް ވީއިރު ރޭގައި ފުލުހުންގެ މީހުން އެވަރަށް ބަލާލިއިރު އެޖެކެޓު ކޮޅުން ހަށިގަނޑު ނިވާ ކޮށްލަންވެސް ފަރީޝާ ހަނދާން ނުވީތާއެވެ. އަޝްރަފްގެ މޫނު މަތީން އެފެނުނު ހިނިތުންވުމުގެ އަސަރުގައި ފަރީޝާއަށް އިސްޖަހާލެވުނެވެ. އޭނާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިއައީ ލަދުންނެވެ.
ކުއްލިއަކަށް ދޮރުގައި މީހަކު ބާރަށް ތަޅައިގެން އަޑު އިވިގެން ދިއައެވެ. ދެމީހުން ވެސް ސިހުނެވެ. އަޝްރަފް އެ ދިމާއަށް ބަލާލީ އާދައިގެ ގޮތަކަށެވެ. ކިތަންމެ ބާރަށް ދޮރުގައި ތެޅިއަސް ދެން އޭނާއަށް ވަރިހަމަ އެވެ. އަވަހަށް ގޮސް ދޮރު ހުޅުވުމުގެ ބޭނުމެއް މިހާރަކު ނެތެވެ. ވާނެ އެއްޗެއް ވެ ނިމިއްޖެއެވެ.
އަނެއްކާވެސް ދޮރުގައި ޖަހާލުމުން ތެދުވެގެން ގޮސް ދޮރު ހުޅުވާލީ ފަރީޝާ އެވެ.
(ނުނިމޭ)