(26 ޖުލައިގެ އަދަދާ ގުޅޭ)

އެތަނުގައި އަމީޒާ ހުރިތަން ފެނުމުން އާޒިމަށް މަޑުމަޑުން ތެދުވެވިއްޖެއެވެ. އެއީ އޭނާއަށް ހީވާ ގޮތެއް ނޫނެވެ. އަމީޒާ އެހެރީ އޭނާގެ ކުރިމަތީގައެވެ. ފާހާނާގެ ދޮރުމަތީގައެވެ. އެހެންވިއްޔާ ދެން އެނދުގައި އެއޮތީ ކާކު ހެއްޔެވެ؟

ހިނދު ކޮޅެއްގެ ތެރޭގައި ސިކުނޑިއަށް ވެރިވެގެން ދިޔަ އަދަދު ނުކުރެވޭ ފަދަ ގިނަ ސުވާލު ތަކެއްގެ ސަބަބުން އެއްޗެއް ނުބުނެވިފައި އާޒިމް ހުއްޓެވެ. އަމީޒާވެސް ހަމަ އެހުރި ގޮތަށް އާޒިމަށް ބަލަން ހުރީއެވެ. އޭނާގެ މޫނުމަތީން ފާޅުވަމުން ދަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.

"އަމީ!"
އެނދުގައި އޮތް މީހާގެ އަޑުއިވުމުން އާޒިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެއީ ބޮޑު ފިރިހެނެއްގެ އަޑެވެ. އެވަގުތު އާޒިމްގެ ޝައްކާ ވަހުމުން ފުރިފައިވާ ހިތް މޭގެ ތެރޭގައި ފިތިބާރުވި ކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އެނބުރި އެމީހާއާ ދިމާއަށް ބަލައިލަން ވެސް ނުކެރިފައި ދެލޯ ބޮޑުކޮށްގެން އަމީޒާ އަށް ބަލަން އޭނާއަށް ހުރެވުނީ އެވެ. އަމީޒާ ވެސް ހަމަ އެހުރި ފިޔަވަޅު މަތީ ހިރިލަން ވެސް ނޭނގިފައި ހުރީއެވެ.

އެމީހާއަށް އާޒިމް ފެނިދާނެތީ ވެސް އާޒިމަށް އުނދަގޫވިއެވެ. އަނެއްކާ އަނެކަކުގެ ކުރިމަތީގައި ބޭޒާރުވެ ނިކަމެތިވާން ޖެހެނީއެވެ.
"ދެން އަވަސް ކޮށްބަލަ ކޮއްކޯ....!"

އެމީހާގެ އަޑު އިވިފައި އާޒިމުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާގެ ހިތުގެތެރޭގައި ތަފާތު އިތުރު ސުވާލު ތަކެއް ގިނަވެގެން ދިޔައެވެ. އަމީޒާ ހިފަހައްޓާލައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލުމަށް ފަހު ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއްގެ އަސަރު ވެރިކުރުވިއެވެ. އަދިވެސް އާޒިމް ހުރީ އޮޅުން އަރައިފައެވެ. ވާނުވާ އެއް ނޭނގިފައެވެ. އަމީޒާއަކީ ށ އަތޮޅު ކުއްޖެކެވެ. އެރަށުގައި ވަޒީފާ އަދާ ކުރާތާ 8 އަހަރުވީއިރު ވެސް އޭނާގެ ބޭބެއެއް އެރަށަށް އައިސް އުޅޭ ވާހަކައެއް އާޒިމް އަޑުއަހާފައެއް ނުވެއެވެ. 

އާޒިމް އެނބުރި އެމީހާއަށް ބަލައިލި އެވެ. އޭރު އޭނާ ގައިމަތީގައި އަޅައިފައިވާ ރަޖާގަނޑު އެއްފަރާތް ކޮށްލަމުން އެދިމާއަށް އެނބުރެނީއެވެ. ނިދިއައިސްފައިވާ ވަރުން އޭނާ އަދިވެސް އޮތީ ލޯމަރައިގެންނެވެ.

އާޒިމް ވަރަށް ފުންކޮށް އެމީހާއަށް ބަލައިލިއެވެ. އެއީ ކަޅު ވަށް މޫނެކެވެ. ކޯމަތީގައި ހުރި އަޑިގަނޑުތަކާ ލޯކައިރީގައި ހުރި ކުދި ރޫ ތަކުގެ އިތުރުން ތުނިކޮށް ކޮށާލެވިފައިވާ އޭނާގެ ތުބުނޅީގެ އެކި ހިސާބުތަކުން ވިދަމުން ދިއަ ހުދު އިސްތަށިތައް އޭނާއަކީ ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ މީހެއްކަން ސާބިތު ކޮށްދެއެވެ.

އެއީ އާޒިމް ދަންނަ މޫނެއް ނޫނެވެ. ރަށުތެރޭން ދުވަހަކު ވެސް އޭނާ ފެނުނު ހަނދާނެއް ނުވެއެވެ. އަދި އޭނާ އެއްވެސް ވަރަކަށް އަމީޒާއާ ވައްތަރެއް ވެސް ނޫނެވެ.

އާޒިމް މާ ވަރަކަށް އެމީހާއަށް އެބަލަނީ ކީއްވެގެންކަން އަމީޒާއަށް އެނގުނެވެ. އަމީޒާ ގޮސް އެނދު ކައިރިއަށް ހުއްޓި އޭނާއަށް ގޮވާލިއެވެ.

"ދޮންބޭ....!"
އަމީޒާ ގޮވާލުމުން އޭނާ ލޯހުޅުވައި އަމީޒާއަށް ބަލައިލިއެވެ. އެވަގުތު އަމީޒާގެ ފަހަތުގައި ހުރި އާޒިމް އޭނާއަށް ފެނުނެވެ. 
އާޒިމް ފެނުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ.
"އަހަނ.... ތީ އާޒިމްތަ؟....!"
އޭނާ ހިނިތުން ވެލަމުން އާޒިމާ ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. އާޒިމް ފިނި ނޭވާއެއް ބޭރަށް ދޫކޮށްލަމުން ކުރިއަށް ޖެހިލައި އޭނާގެ އަތުގައި ހިފައިލިއެވެ.

"އަހަންނަށް ކިޔަނީ ޒުބޭރު....! އަމީ އަކީ އަހަރެންނަށް ބޮޑުބޭބެ ކިޔާ ކުއްޖެއް...."
ޒުބޭރު ތެދުވެ އިރުކޮޅެއް ވަންދެން އާޒިމާ ވާހަކަ ދައްކަން އިނެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ ރަށާ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. ދޭތެރެއަކުން އޭނާ އެރަށަށް، ކޮއްކޮ ކައިރިއަށް އައިސް ހަދައެވެ. 
އެ ލިބުނު މައުލޫމާތުން އާޒިމްގެ ހިތަށް ހިސާބެއްގެ ފިނިކަމެއް ލިބުނު ނަމަވެސް އަދިވެސް އޭނާގެ ހިތުގައި ވަނީ ސުވާލު ތަކެއް އުފެދިފައެވެ.

ޒުބޭރު ފާހާނާ ކޮށްލައި ހަދައިގެން ދަމުން ދިއައީ ޑްރެސިންގް ޓޭބަލް މަތީގައި އެއްހާސް ރުފިޔާ ބާއްވާފައެވެ. އެއީ ކީއްކުރާ ފައިސާއެއްތޯ ސުވާލު ކުރުމުން އަމީޒާ ބުނީ އެއީ ޒުބޭރުބޭގެ އަންހެނުން އަމީއަށް ފޮނުވި ފައިސާކޮޅެއް ކަމަށެވެ. އަމީ ދެކެ އެހާ ލޯބިވާ ބަޔަކު އަމީގެ އާއިލާގައި ތިބި ވާހަކަ އަމީ ކުރީން ނުބުނީ ކީއްވެބާއެވެ!

އޭނާ އަމީޒާއާ އަދިވެސް ސުވާލު ކުރަން ބޭނުމެވެ. އެކަމަކު މާގިނަ ސުވާލު ކޮށްފިނަމަ އާޒިމް ޝައްކު ކުރާހެން އަމީޒާއަށް ހީވެދާނެއެވެ. އެވާނީ ވަރަށް ހަޑި ކަމަކަށެވެ. އަމީޒާއޭ ކިޔައިގެން ދުވަހަކުވެސް އެފަދަ އަޑެއް އަރާފައެއް ނުވެއެވެ. އެފަދަ ކަމެއް ހިނގާނަމަ ސިއްރެއް ނުވާނެއެވެ. ކަމަކާނުލައި އަމީޒާއަށް އެވަރަށް ޝައްކު ކުރަން ހެޔޮނުވާނެއެވެ. 

އާޒިމް އިތުރު ސުވާލެއް އަމީ އަކާ ނުކުރެއެވެ. އަދި އޭނާ ދައްކަން އައި އެއްވެސް ވާހަކައެއް ވެސް އަމީ ގާތު މިވަގުތު ދައްކާ ހިތެއް ނެތެވެ. އެހެން ކަމުން ރަޒީގެ ބައްޕަ ނިޔާވި ވާހަކަ ބުނެލާފައި އާޒިމް އެގޭން ނިކުތީއެވެ.

ކަށުނަމާދަށް ތައްޔާރުވުމުގެ ގޮތުން އާޒިމް ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ. ގަމީހުގެ ގޮށްތައް އަޅުވަމުން ދިއައިރު ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނު ދިއްލޭތަން އޭނާއަށް ފެނުނެވެ. އެވާނީ އަޝްރަފް އޭނާ ހޯދަނީ ކަމަށެވެ. އާޒިމް އަވަސް އަވަހަށް ފުނާއަޅައިލައިގެން ފޯނު ނަގައި ޖީބަށް ލައިގެން ހިނގައިގަތެވެ. ވަކި ހިސާބަކަށް ދިޔަތަނާ އަނެއްކާ ވެސް ފޯނު ވައިބްރޭޓްވާން ފަށައިފިއެވެ. 

އާޒިމް ޖީބުން ފޯނުނެގިތަނާ އެކޯލް މިސް ވެއްޖެއެވެ. ފޯނުގެ ސްކްރީން ފެނުމުން އެއީ އާޒިމްގެ ފޯނު ނޫންކަން އާޒިމަށް އެނގުނެވެ. ދެންމެ އަމީޒާގެ ގޭން އަންނަމުން އޭނާއަށް އެއާދެވުނީ އަމީޒާގެ ފޯނު ހިފައިގެންނެވެ. ދެމީހުން ވެސް ގެންގުޅެނީ އެއްވައްތަރުގެ ދެފޯނެވެ. 

ފޯނުގެ ސްކްރީނުން ދެ މިސް ކޯލާ މެސެޖެއް އައިސްފައި ވާތަން ފެނުމުން އެ ބަލައިލުމުގެ ޝައުގުވެރިކަން އާޒިމްގެ ހިތުގައި ބޮޑުވެގެން ދިޔައެވެ. އާޒިމް މަޑުމަޑުން ފޯނުގެ ފިއްތަކަށް ފިތާލިއެވެ. އަމީޒާއަށް އެގުޅަނީ ކާކުތޯ ބަލައިލުމަށެވެ. 
އެއީ "އެޑަމް" ގެ ދެ ކޯލެވެ. ކޮން އެޑަމް އެއް ބާއެވެ! ކުޑަކޮށް ހަނދާންކޮށްލަން އުޅެގެން ވެސް އެޑަމް ކިޔާ މީހަކު ހަނދާނަށް އަންނަ ގޮތެއް ނުވިއެވެ.

ދެން އާޒިމް އެ މެސެޖް ކިޔާލަން ހިތަން އެރިއެވެ. އެއީ އެޑަމްގެ މެސެޖެކެވެ.
" ޝިޓް! ނަސީބެއްނު އާޒިމަށް ތަންކޮޅެއް ކުރީން ނާދެވުނުކަން....! ކިރިޔާނު ފަޅާނޭރީ....! އަވަހަށް އޭނަ އަތުން ކޮޓަރީ ތަޅުދަނޑި އަތުލާ.....ލަވް ދޮންބެ.... ހިހިހި"

އާޒިމްގެ ވަށައިގެން ދުނިޔެ އެނބުރިގަތް ކަހަލައެވެ. އޭނާގެ ދެފައި ވެސް ތުރުތުރު އަޅައިގަތެވެ. ކައިރީގައި ހުރި ފާރުބުރީގައި އޭނާ ހިފަހައްޓާލީ ގައިން ވަރު ދޫވާހެން ހީވުމުންނެވެ. އާޒިމަށް ހީވީ އޭނާގެ ބުރަކަށްޓަށް މީހަކު ތޫނު ހަންޖަރެއް ކޮށްޕާލި ހެންނެވެ.
ތަންކޮޅެއް ކުރީއްސުރެ އޭނާ އެއަންނަނީ އަމީޒާއާ ދޭތެރޭ ފާޑުފާޑުގެ އެއްޗެހި ހިތަށް އަރަމުންނެވެ. އެހެން ނަމަވެސް އެކަން އޭނާއަށް ގަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ!. އަމީޒާ އޭނާއަށް ދައްކައިފައި ވަނީ މުޅީން އެހެން ސޫރައެކެވެ. ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އަމީޒާ އޭނާއަށް ލޯބި ދީފައިވާ ފެންވަރަށް އެހެން އެއްވެސް އަންހެނަކު އޭނާއަށް ލޯބިވެސް ދީފައި ނުވެއެވެ. އަމީޒާއާ އެކުގައި ހަޔާތެއް ފަށަން އޭނާ ނިންމީ އެހެންވެ އެވެ. އޭނާ އަށް ޓަކައި އާޒިމް ނުކުރަނީ ކީއްހެއްޔެވެ!. އާޒިމަށް ލިބޭ މުސާރައިގެ ބޮޑުބައި ހޭދަ ކުރަމުން އައީ އަމީ ހިތްހަމަ ޖެއްސުމަށެވެ. އެންމެ ފަހުން ގޮސް އޭނާ ރަޒީނާ ވަރި ކޮށްލަން ޖެހުނީ ވެސް ހަމަ އަމީގެ ސަބަބުންނެވެ. 

އަމީޒާ އަކީ ހާދަހާ މޮޅު މީހެކެވެ. މިހުރިހާ ދުވަހު އާޒިމަށް އޭނާ ތަނެއް ދޮރެއް ވެސް އަންގައި ނުލައެވެ. މިއަދު އެމަންޒަރު ސީދާ ލޮލަށް ފެނުނު ވަގުތުވެސް އެމީހުން އެކުޅެލި ޑްރާމާ މޮޅުކަން ދެކިބަލާށެވެ. "ކޮއްކޮ އާ ދޮންބެ" ގެ ވާހަކަ އަކީ އެމީހުން ވަގުތުން އުފަން ކޮށްލި ވާހަކަ އެކެވެ. އާޒިމް ހުރީ އެމީހުންގެ ވާހަކަ ގަބޫލުވެސް ކޮށްގެންނެވެ. ހާދަހާވާ މޮޅެވެ.

އާޒިމްގެ ލޭ ހޫނުވާން ފަށައިފިއެވެ. އެއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ!. އޭނާ އެގޮތަށް ހައްދައިގެން ކިތަށް ފިރިހެނުންގެ ފައިދާނަގާނެ ބާއެވެ. އާޒިމްގެ ނޭވާ އަވަސް ވާން ފަށައިފިއެވެ. ހަށިގަނޑުގެ ލޭ ދައުރުވުން އަވަސްވާން ފަށައިފިއެވެ. ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ މޭ ފޫއަޅާފައި ނިކުންނަން އުޅޭހެންނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލުން ބޭރުވާން އުޅޭކަން އޭނާއަށް އެނގުނެވެ. އާޒިމަށް ދުއްވައި ގަނެވުނީ އަމީޒާގެ ގެއާ ދިމާއަށެވެ. ވަރަށް ބާރަށެވެ. އަމީޒާ ހެދިހާ އެއްޗެއް ހެދިގެން ހުންނާކަށް ދެން އޭނާ ބޭނުމެއް ނޫނެވެ. 
އަމީޒާއާ އާޒިމް ދިމާވީ މަގުމަތީންނެވެ. އަމީޒާ ހުރީ ފެންވަރައިލައިގެން ނިކުމެ ބޭރު ދޮރު ކައިރީ ބަޔަކާ ވާހަކަ ދައްކާށެވެ. ވަރަށް ހިނިއައިސްފައެވެ.

އާޒިމް ދުވެފައި އައި ގޮތުން އަމީޒާގެ ހިތް ތެޅިލިއެވެ. ކޮންމެވެސް ގޯހެއް ވެއްޖެ ހެން އޭނާއަށް ހީވިއެވެ. އާޒިމް އައިސް އަމީޒާގެ ކައިރިއަށް ހުއްޓުނު އިރު އޭނާއަށް ހުރީ ރަނގަޅަށް މާނޭވާ ލެވިފައެވެ. އާޒިމްގެ އަނގުރު އަލިފާން ކޮޅެއް ފަދަ ދެލޯ ފެނިފައި އަމީޒާވެސް ބިރުގަތެވެ. މާގިނަ ވަގުތެއް އާޒިމް އަމީޒާ އަކަށް ނުދެއެވެ. އޭނާ އަތްދަމާ ބަހައްޓާފައި އަމީޒާގެ މޫނު މަތީގައި ބާރު އެތިފަހަރެއް އަޅާލައިފިއެވެ.

ވީތަދުން އަމީޒާ ހަޅޭއްލަވައިގަން އަޑަށް ދުރުގައި ތިބި މީހުން ވެސް ދުވެފައި އެދިމާއަށް އަންނަން ފަށައިފިއެވެ.
އާޒިމްއާ ދިމާއަށް ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލި އަމީޒާގެ އަނގަ ބަންދުވީ އާޒިމް ގެ އަޑު އިވުމުންނެވެ.

"ރަންޑީ!"
ދަތްކުނޑި ވިކައިގެން ހުރި އާޒިމްގެ އަނގައިން އެބޭރުވި ލަފްޒުގެ އަޑު އިވުމުން ވެގެން އުޅޭ ގޮތް ކޮންމެސް ވަރަކަށް އެތަނުގައި ތިބި މީހުނަށް ވިސްނުނެވެ. އަމީޒާގެ ދިފާއުގައި އެތަނަށް އައި މީހުން ވެސް އިތުރަށް ކަމެއް ނުކޮށް މަޑުކޮށްލިއެވެ.

"މިއޮތީ ކަލޭގެ ހަޑި މުޑުދާރު ފޯނު!"
އެހެން ބުނުމާއެކު ފޯނުގަނޑު ބިންމައްޗަށް ޖަހައިފިއެވެ. އޭގެ އެކި ބައިބައި ފަޅައިގެން ގޮސް ބުރަބުރައިގެން ދިއައެވެ. 
ވެގެން އުޅޭ ގޮތް އަމީޒާއަށް އެނގުނީ ދެނެވެ. އޭނަގެ އެ ސިއްރު ކުރެވިފައިވާ ހަގީގަތްތައް އާޒިމް އިތުރަށް ބޭޒާރު ކޮށްފާނެތީ އޭނާ މިހާރު ހުރީ ބިރުންނެވެ.

ގަދަ ރުޅީގެ ސަބަބުން ކޮންޓުރޯލުން ނައްޓާފައިވާ އާޒިމް އޭނާގެ އަމިއްލަ ނަފުސް މައިތިރި ކުރަން މަސައްކަތް ކުރިއެވެ. އޭނާ އެކުރާ ކޮންމެ ކަމަކުން ޚުދު އޭނާވެސް އެދަނީ ބޭޒާރު ވަމުންނެވެ. 

އާޒިމް ކުރިއަށް ޖެހިލައި އަމީޒާ ގެ އަތުން އޭނާގެ ފޯނު ޖަހައިގަތެވެ. ދެން އިތުރު އެއްޗެއް ނުބުނެ ދާން ހިނގައިގަތީއެވެ. 
އެހާ ހިސާބުން އޭނާގެ ދިރިއުޅުމުގެ އެ ބާބު ނިމުނީއެވެ. ދެން ދުވަހަކުވެސް އޭނާ އަންހެނަކަށް އިތުބާރެއް އިހުތިރާމެއް ވެސް ނުކުރާނެއެވެ. އަންހެނުންނަކީ ލޯތްބާ ގަދަރު ދޭން ހެޔޮވާވަރުގެ ބައެއް ނޫނެވެ. މިފަހަރު އޭނާއަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެއެވެ. ދެން އަލަކުން އޭނާއަކަށް އެ ލަނޑެއް ދުވަހަކުވެސް ނުލިބޭނެއެވެ. މިފަހަރު އޭނާ ހަމަ ރަނގަޅަށް ވެސް ހޭއަރައިފިއެވެ.


އޭގެ ދެދުވަސް ފަހެވެ. ކޮންމެވެސް ލިޔުމެއްގެ ފޮޓޯކޮޕީ ނަގާފައިވާ ގަނޑަކަށް ބަލަން، ހަދާނެގޮތް ހުސްވެފައި އަޝްރަފް އިނެވެ. އޭނާ އެ އިންނަނީ ނިހާގެ އިންތިޒާރު ގައެވެ. ނިހާ ގާތުގައި އެވާހަކަ ދައްކާނެ ގޮތެއް ވެސް އޭނާއަކަށް ނޭގެއެވެ. ނިހާއާ އޭނާގެ ކައިވެނި އުޖާލާ ކުރުމަށްޓަކައި އެތައް އަހަރެއް ވަންދެން އޭނާ ކުރި ބުރަ މަސައްކަތާ ކުރަމުން އައި އުއްމީދުތައް ފެނަށް ވެގެން ދިޔައީއެވެ. 
ރަށު މަދަރުސާގެ ޓީޗަރެއްގެ ވަޒީފާ އަދާ ކޮށްގެން އަޝްރަފަށް ލިބުނު މުސާރައާ ކުދި ކުދި ވިޔަފާރި ކޮށްގެން ލިބުނު ހުރިހާ ފައިސާއެއް އޭނާ އައީ ބައްޕަގެ އެކައުންޓަށް ޖަމާ ކުރަމުންނެވެ. އެހެން ނަމަވެސް މިއަދު އެ އެކައުންޓުން ފައިސާ ނަގަން އަޝްރަފް ދިޔުމުން އެނގުނީ އެ އެކައުންޓުގައި މިހާރު އެއްވެސް ފައިސާއެއް ނެތް ކަމެވެ.

އެކަމާ ސުވާލު ކުރަން ދޮންމަންމަގެ ކައިރިއަށް ދިޔުމުން ދޮންމަންމަ ދިން ލިޔުން އޭނާގެ އަތުގައި އެއޮތީއެވެ. އެއީ ބައްޕަގެ ނަމުގައިވާ ހުރިހާއެއްޗެއް އެމީހުން ގެ ނަމަށް ބަދަލު ކޮށްފައިވާ ކަމުގެ ލިއުމެވެ. 

އެ ލިޔުން ބަލައިލުމަށް ފަހު ނިހާ ވެސް އިރުކޮޅަކު ހިމޭނުން އިނެވެ. މިއަދު އަޝްރަފް ދެރަވާނެ ވަރު އޭނާއަށް އިނގެއެވެ.
"އަހަންނަކަށް ހިއެއް ނުވޭ.... ދެން އަވަހަށް އަހަންނަށް ނިހާއާ ކައިވެނި ކުރެވޭނެ ހެނެއް...."

ނިހާގެ އަތްތިލައިގައި ހިފަހައްޓާލައިގެން ދުރުބަލަން އިނދެ އަޝްރަފް މަޑުމަޑުން ބުންޏެވެ.
"މިހާރު އަހަރެންގެ އަތުގަ އެއްވެސް އެއްޗެއް ނެތް.... އުޅޭނެ ތަނެއްވެސް ނެތް.....
އަހަންނަށް އިނގޭ އެ ތަކެތި ހޯދަން މަސައްކަތް ކުރިއަސް ވާނެ އެއްވެސް ފައިދާއެއް ވެސް ނޯންނާނެކަން....އެހެންވީމަ ދެން ރަނގަޅުވާނީ އެކަމާ ނޫޅުނިއްޔާ...."

މިދުނިޔޭގައި އަޝްރަފްގެ އާއިލާ މީހަކަށް ވެސް ހުރިމީހަކީ ހަމަ އެކަނި އޭނަގެ އެއްބަފާ ކޮއްކޮ ރަޒީނާއެވެ. ކޮއްކޮއާ ދޮންމަންމަ އަކީ ވަރަށް އާދަޔާ ހިލާފް ދެ އިންސާނުން ކަން އޭނާއަށް އިނގެއެވެ. އެމީހުން އެއްވެސް ކަމެއް ކުރަން ފަސް ނުޖެހޭނެކަން ވެސް އޭނާއަށް އިނގެއެވެ. އެހެން ނަމަވެސް އެމީހުން ކުރާ ކަންތައްތަކުން އަދިވެސް އަޝްރަފަށް އަސަރު ކުރެއެވެ. އެއީ އަޝްރަފް އަދިވެސް އެމީހުން ދެކެ ލޯބިވާތީއެވެ.

"އެމީހުން ބޭނުންވާނީ ވެސް ތިގޮތް..... އަހަރުމެންގެ ކައިވެނި ލަސްކޮށްލަން...."
ނިހާ އެބުނީ ވަރަށް ބޮޑު ތެދެކެވެ.
"އަހަރެން ބޭނުމެއް ނޫން އެހެން ވާކަށް.... އަހަރެންގެ ބައްޕަގެ ކުޑަ ބިންކޮޅުގަ ތަންކޮޅެއް ހަދައިގެން އެތަނަށް ދަމާ....!"
ނިހާ ހިޔާލެއް ދިނެވެ. އެކަމަކު އެއީ ވާނެ ކަމެއް ނޫނެވެ. ތަންކޮޅެއް ހެދޭނީ އަތުގައި ކޮންމެސް ވަރެއް ހުރެގެންނެވެ. 
" އަހަރެންގެ އަތުގަ އެބަހުރި ފައިސާ ކޮޅެއް.....! "
ނިހާ ހިނިތުން ވެލަމުން އަޝްރަފްގެ ދަތްދޮޅީގައި ހިފައި އޭނާއާ ދިމާއަށް އަނބުރާލިއެވެ.

ނިހާ އަތުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރިކަން އަޝްރަފަށް އިނގެއެވެ. އެއީ އޭނާ ހައްޖަށް ދިޔުމަށް ނިޔަތް ގަނެގެން، އެއްކުރަމުން އައި ފައިސާއެވެ. 
"އެ ފައިސާ އިހަށް މި ކަމަށް ބޭނުން ކުރާނީ.... ފަހުން ދެމީހުންވެގެން އަނެއްކާ ފައިސާ އެއްކުރާނީ...! 
މިހާރު އަހަރެން އެންމެ ބޮޑަށް ބޭނުން ވަނީ ކައިވެނި ކުރަން...."

ނިހާ ހިފަހައްޓާލައިގެން އިން އަޝްރަފްގެ އަތްތިލަ ނިހާގެ ކޯތާފަތުގައި ޖައްސާލަމުން ނިހާ ބުންޏެވެ. 
އަޝްރަފް ވެސް ބޭނުން ވަނީ އެގޮތެވެ. ނިހާއާ އެކުގައި ކުޑަ ވަގުތު ކޮޅެއް ނަމަވެސް ހޭދަކޮށްލުމަށް އެދިއެދި ތިބި ޒުވާނުން ގިނައެވެ. ވީއިރު ނިހާއާ އެކުގައި މުޅި ހަޔާތް ވޭތުކުރުމުގެ ފުރުސަތު ލިބުމުން އެކަން އަވަސް ކުރަން ބޭނުން ނުވާނީ މޮޔައެކެވެ.

އާޒިމް އާއި އަޝްރަފް ދިމާވީ މަދަރުސާގެ ގޯތިތެރޭންނެވެ. ކޮއްކޮ ވަރިކޮށްފަ ދިޔަފަހުން އާޒިމް ލޮލަށް ވެސް ނުފެންނާތީ އަޝްރަފް ޝަކުވާ ކުރިއެވެ. އަމީޒާ އާ އާޒިމްގެ ވާހަކަ ރަށުތެރޭގައި ދައްކާ އަޑު ތުންތުން މަތީން އަޝްރަފަށް ވެސް އޮތީ އިވިފައެވެ. އަޝްރަފް އެހުންނަނީ އެވާހަކަ އަހާލަން ވެސް ބޭނުންވެފައެވެ.

" އަހަރެން މިއައީ އިސްތިއުފާ ސިޓީލާފަ...! "
އަޝްރަފް ސުވާލެއް ކުރުމުގެ ކުރީން އާޒިމް ބުންޏެވެ. އަޝްރަފް ހައިރާން ވިއެވެ. ރަށު މަދަރުސާގެ ޓީޗަރަކަށް އާޒިމް ވެސް އުޅޭތާ މިހާރު ހައެއްކަ އަހަރު ވަނީއެވެ.
"އެ ކިހިނެއްވީ....!"
ގަބޫލު ނުކުރެވިފައި އަޝްރަފް އެހިއެވެ.
" އަހަރެން މާލެ ބަދަލު ވަނީ.... މިތާ އުޅޭހިތެއް ނެތް ދެން...."
އާޒިމް މާ ގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
"ކޮންބައެއް ދަނީ....؟"
އަޝްރަފް އެއުޅެނީ އަމީޒާގެ ވާހަކަ ދައްކާ ހިތުން ކަން އާޒިމަށް އެނގުނެވެ. އެހެން ނަމަވެސް އާޒިމް ދެން އޭނަގެ ވާހަކައެއް ދުވަހަކުވެސް ނުދައްކާނެއެވެ. 
"އަހަންނާ.... އަހަރެންގެ...... "
އެހެން ބުނަމުން އާޒިމް އޭނާގެ އަތުގައި އޮތް ބޯ ފޮތެއް ދައްކައިލިއެވެ. 
"ދަނީ !"

އާޒިމް އެހެން ބުނެފައި ދާން ހިނގައި ގަތީއެވެ. އޭނާގެ އެކަނިވެރިކަމުގެ ބައިވެރިޔާ ހިފައިގެނެވެ. 
އާޒިމް އަކީ ލިޔުންތެރިކަމަށް ލޯބިކުރާ މީހެކެވެ. އޭނާގެ ހަޔާތުން މާޒީވާ ކޮންމެ ދުވަހެއް އޭނާ އެދަނީ އެ ފޮތުގައި ގައިދު ކުރަމުންނެވެ. ފޮހެވިގެން ނުދާނޭ ފަދަ ގޮތަކަށެވެ. އާޒިމް ގަބޫލު ކުރާ ގޮތުގައި ކޮންމެ އިންސާނެއްގެ ދިރިއުޅުމަކީވެސް ފިލާވަޅެކެވެ. ވިސްނާ ފިކުރު ކޮށްލައިފިނަމަ އޭގެން އިބުރަތް ތަކެއް ހާސިލް ކުރެވިދާނެ އެއްޗެކެވެ. އޭނާގެ ދިރިއުޅުމަކީ ވެސް އެފަދަ އެއްޗެކެވެ. ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބަޔަކު އޭނަގެ އެ ޑައިރީންވެސް އިބުރަތް ތަކެއް ހާސިލް ކުރާނެކަން ކަށަވަރެވެ.

ކޮމެންޓް 0