(06 ސެޕްޓެމްބަރގެ އަދަދާ ގުޅޭ)
އެއަޑު އިވިފައި ރަޒީނާގެ މޫނު މަތީގައި ހީވީ ބާރު އެތިފަހަރެއް ޖަހާލެވުނު ހެންނެވެ. އޭނާގެ ވަށައިގެން ދުނިޔެ އެނބުރި ގަތީ ބާރު ސްޕީޑެއްގަ އެވެ! އިށީންދެ އިން ގޮނޑިއާ އެކު މީހާ ތުރުތުރު އަޅައިގެން ދިއައެވެ. ސައްތާރު ބޭވެސް ހުއްޓުން އަރާފައި އިނީ އަނގަ ހުޅުވިފަ އެވެ.
ފަޔާޒު އެބުނީ ކީކޭ ހެއްޔެވެ!
" ކޮން ގެއެއްގަ އޭތި ވަޅުލީ؟"
ރަޒީނާ މޫނު ރަތްކޮށްލައިގެން އިނދެ އަހާލިއެވެ.
" އަޝްރަފް މެންގޭގަ!.. ރަޒީނާ ދައްތަވެސް އުޅެނީ އެގޭގައެއް ނުން..!"
ފަހުރުވެރި ހިނިތުން ވުމަކާއިއެކު ފަޔާޒު ބުނެލިއެވެ.
" ދެން ކިހިނެއް ހަދާނީ!" ރަޒީނާ ރޮއިގަންނަމުން ސައްތާރުބޭއާ ސުވާލު ކުރިއެވެ.
ކޮންމެސް ކަމެއް ގޯސް ވެއްޖެ ކަން ޔަގީން ވުމުން ފަޔާޒު އަވަހަށް އެތަނުން ދުވެ ފިލައިފިއެވެ. ސައްތާރުބޭ ބުނި ގޮތުން ވިއްޔާ ފަޔާޒު އޭތި ވަޅުލީ އެއްދުވަހެއްގެ އިރާކޮޅުގެ ވަގުތެއްގަ އެވެ. ގޭގެ އޮޅި ދަށުގައި އޭތި ވަޅުލުމަށް ފަހު އެންމެ ފުރަތަމަ އެއޮޅި ގިރާ ކުރެވިފައި އެވަނީ ރަޒީނާ އަށެވެ. ސައްތާރުބޭމެން ގެއަށް ވަލު ފަރާތު މަގުން އައިއިރު ރަޒީނާ އަށް ބިރުވެރި މީހެއް ފެނިފައި އެވަނީ އެރެއެވެ. ސައްތާރުބޭ ބުނީ ހަދާފައިވާ އެތި އެ ވަޅުލި ތަނުން ނަގަން މަސައްކަތް ކުރިއަސް ދެން އޭތި އެކީގައި ނުނެގޭނެ ކަމަށެވެ. އަދި ދެން އެކަމުން ސަލާމަތް ވުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމުގައި ސައްތާރުބޭ ބުންޏެވެ. ރަޒީނާ ބިރުން ތެޅި ފޮޅޭ ވަރުން ހީވަނީ އެކަން ރަނގަޅަށް ލައި ނުގަންނަނިސް އޭނާ މޮޔަވެއްޖެ ހެންނެވެ. ރަޒީނާގެ ގައިގައި ތަވީދެއް އެޅުވުމަށް ފަހު އޭނާގެ ހަށިގަނޑުން އޭތި ވަކި ނުކުރުމަ ސައްތާރުބޭ ބުންޏެވެ.
މަޖުބޫރު ވެގެން މަންމަ ގާތުގައި އެވާހަކަ ތައް ތެދުތެދަށް ރަޒީނާ ކިޔައި ދިނެވެ. ހަސީނާ ބޮޑަށް ބިރުގަތީ ދަރިފުޅާއި ދޭތެރޭގައި ވިސްނާފައެއް ނޫނެވެ. ހަސީނާއަށް ކަމެއް ދިމާވެ ދާނެތީ އެވެ. އެގެ ދޫކޮށްލާފައި ހަސީނާގެ ދައްތަގެ ގެއަށް ބަދަލުވާން ހަސީނާ ނިންމުމުން ރަޒީނާ ރޮއި އާދޭސް ކޮށްގެން މަންމަ އެގޭގައި މަޑުކުރި ނަމަވެސް ކޮންމެ ވަގުތެއްގައިވެސް މަންމަ އޭނާ ދޫކޮށްލާފައި ހިނގާދާނެކަން ރަޒީނާއަށް އެނގެ އެވެ.
ކައިވެނީގެ ވަގުތު ކުޑަތަން ވަނީ އެވެ. ދެން އޮތީ އެންމެ ފަސް ގަޑިއިރެވެ. އަދިވެސް ދުޢާއަކީ ކޮންމެވެސް އެހެން ގޮތަކުން އެކަމުން ސަލާމަތް ވެވޭނެ މަގެއް ފެނުމެވެ. ފަރީޝާ ވެސް އެކަމާ އުފާވުމުގެ ބަދަލުގައި މިހާރު ބިރުގަނެއެވެ. ކައިވެނި ކުރި ނަމަވެސް އޭނާ ދެކެ އަޝްރަފް ލޯބި ނުވާނެކަން އޭނާއަށް އެނގެ އެވެ.
ނުވައެއް ޖަހަން ދިހަ މިނެޓަށް ވަންދެން އަޝްރަފް އުއްމީދު ކަނޑާނުލާ މަޑުކުރި އެވެ. އެހެން ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިވަނި ކޮށްދޭ މީހުން އެގެއަށް އަންނާނެ އެވެ. އަޝްރަފް ނިހާއަށް ގުޅާލަން ހިތަން އެރީ ކީއްވެ ކަމެއް ނޭގެ އެވެ.
އަޝްރަފް ގެ ހާލު ރަނގަޅު ކަމަށް ބުނަމުން ނިހާގެ ހިތް ހަމަޖައްސާދެން އުޅުނު ނަމަވެސް އެ ފަސް މިނެޓްގެ ތެރޭގައި ތަކުރާރުކޮށް އެތައް ފަހަރަކު ނިހާދެކެ ލޯބިވާ ވާހަކަ ބުނަން ފެށުމުން އާދަޔާ ޚިލާފު ގޮތެއް ނިހާއަށް އިޙުސާސް ކުރެވުނެވެ. ވާހަކަ ދައްކަ ދައްކާ ހުރެފައި އަވަސް ކޮށްލާފައި ފޯނު ބޭއްވުމުން ނިހާގެ ހާސްކަން އިތުރު ވިއެވެ. ދެން ގުޅި އިރު ފޯނު ނިއްވާލާފައި އޮތުމުން އިތުރަށް ބިރުގަތެވެ.
ޤާޒީއާ ބައިވެރިން މޭޒު ދޮށުގައި އިށީނުމުން އަޝްރަފަށް ވެސް ކައިވެނީގެ މަޖްލިސް ގައި ބައިވެރިވާން މަޖުބޫރު ވެއްޖެއެވެ. ފަރީޝާވެސް އަޝްރަފާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ތަޤުދީރުގައި ރޭވިފައިވާ ގޮތް ނޫން ގޮތަކަށް އެއް ކަމެއްވެސް ނުހިނގާނެ އެވެ. ފަރީޝާއާ އަޝްރަފްގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ މަޖުލިސް ނިމިގެން މެހުމާނުން ނުކުތް އިރު އެމީހުންގެ ފަހަތުން ނުކުތް ގޮތަށް އަޝްރަފް ވެސް ދިއައީ ބޭރަށެވެ. އޭނާ ފަރީޝާއާ ކައިވެނި ކުރި ނަމަވެސް ފަރީޝާ އާއި އެއްވެސް ގާތް ކަމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ހަށިގަޑަކީ އަދިވެސް ނިހާގެ އަމާނާތެކެވެ.
ރަޒީނާއަށް ހޭލެވުނީ މޫނުމަތީން ދިލަ ނަގައި ގަނެގެން ނެވެ. އަވަސް އަވަހަށް ބޮކީގެ އަލި ގަދަކޮށްލަމުން އޭނާ ތެދުވެ އެދުގައި އިށީނެވެ. ގައިގެ އެތަން މިތަނުން ދިލަ ނަގަން ފަށައިފި އެވެ. ކެތް ނުވާ ވަރަށެވެ. އެހެން އެވަނީ ކީއްވެ ހެއްޔެވެ؟ އޭނާ އުނަގަނޑުގައި އަތް ކާއްތާލިއެވެ. ސައްތާރުބޭ ބުނީ ތަވީދު އޮއްވާ އޭތީގެ އުނދަގުލެއް ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެވާ އުނދަގުލަކީ ޖިންނީގެ ކަމެއްކަން އޭނާއަށް އެނގެއެވެ. ރަޒީނާ ގައިކަހަމުން ކޮޓަރި ތެރޭގައި އެނބުރެން ފަށައިފި އެވެ. މަންމައަށް ގޮވާކަށް ނުކެރުނެވެ. މަންމައަށް އެތަން ފެނިއްޖެއްޔާ ބިރުން އޭނާ ދުކޮށްލާފައި ހިނގައި ދާނެ އެވެ. އެ ތަވީދު އެޅުމަކުން ވާ ފައިދާއެއް ނެތެވެ. އިތުރަށް ގޯސް ވެގެން އެއުޅެނީ ތަވީދުގެ ސަބަބުން ކަމަށް އޭނާގެ ހިތް ބުނަން ފަށައިފި އެވެ. އެންމެ ފަހުން ރަޒީނާ ތަވީދު ނަގާ މޭޒުމަތީގައި ބާއްވައިފި އެވެ.
ކުއްލިއަކަށް އޭނާގެ ބޮލަށް އެބުރުން އަރާ ގޮތް ވެއްޖެ އެވެ. ވާނުވާ ނޭގި ދެބަންދިހާރު ވާގޮތް ވާން ފެށުމުން އަވަސް އަވަހަށް އޭނާ އެނދުގައި އޮށޯތެވެ. އެވަގުތު އޭނާގެ ކަރަށް ވާންވާން ފަށައިފި އެވެ. ދެ ލޯ ބޮޑުވެ އަނގަ ހުޅުވުނު ވަގުތު އޭނާގެ ނޯށުން އެތެރެއަށް އެއްޗެއް ދެމިގެން ހެން ހީވި އެވެ. ކަރުތެރޭން ދިލަ ނަގައިގެން ގޮތަށް އެ ދިލަ މޭގެތެރޭން ލާފައި ބަނޑުގެ ތެރެއަށް ފެތުރިގެން ދިއަ އެވެ. ވަރުގަދަ ލޮޅުމެއް ހަށިގަނޑަށް އައުމަށް ފަހު ކުއްލިއަކަށް އެ ހުރިހާ އުދަގުލެއް ކެނޑިގެން ހިނގައްޖެ އެވެ. ރަޒީނާ ލޯ ހުޅުވާލުމަށް ފަހު ޙައިރާންވެ ދެލޯ ބޮޑުވެފައި އިރުކޮޅަކު އޮތެވެ. ދެންމެގައި އެވީ އެއްވެސް ކަމެއްގެ އަސަރެއް މިހާރަކު ނެތެވެ. އެއްވެސް ތާކަށް ތަދެއްވެސް ނުވެއެވެ. އެއްވެސް ތާކުން ދިލައެއްވެސް ނުނަގަ އެވެ.
ދެންމެގައި ހިނގި ކަންތައްތައް ރަނގަޅަށް ހަނދާންވީ ކުޑަކޮށް ހަނދާން ކޮށްލައިގެންނެވެ. އޭނާ ތެދުވެގެން ގޮސް މޭޒުމަތި ބަލާލި އެވެ. ތަވީދު ބޭއްވި ތާނގައި އޮތެވެ. އެވީ އުނދަގުލަކީ އެތަވީދުގެ ސަބަބުން ވީ އުނދަގުލެއްހެން އޭނާއަށް ހީވިއެވެ. ދެން އެ ތަވީދު އަޅަން ކެރޭނީ ސައްތާރުބޭ ކައިރީގައި އަހާފަ އެވެ.
އިރާކޮޅު ގޭން ނުކުތް ގޮތަށް ބޭރުގައި އުޅެއުޅެފައި އަޝްރަފް ކޮޓަރިއަށް އައިއިރު ދަންވަރު ގަޑިން ތިންގަޑި ބައިވެ ބޮޑުވެއްޖެ އެވެ. އެހާއިރު ވަންދެން އަޝްރަފް އިނީ މިސްކިތުގަ އެވެ. ހިތަށް ހަމަ ޖެހުމެއް ދެއްވުމަށް އެދި އޭނާ ދުޢާ ކުރީއެވެ. ބޯހާސްވެގެން ގޮސް ސިކުނޑި ފަޅައިގެން ދާވަރު ވެއްޖެ އެވެ. އޭނާ ގެއަށް އައީ ރަނގަޅު ވިސްނުމެއް ސިނކުޑިއަށް ވިސްނުމުން ނެވެ. މާދަމާރޭ ފުލުސް އޮފީހަށް ދިއުމަށް ފަހު އެ ކައިވެނީގެ ބޭނުން ކެނޑުނީ އެވެ. ދެން އޭނާއަށް އެކަމުން ނުކުމެވި ދާނެ އެވެ. އޭނާއާ ފަރީޝާއާ ދޭތެރޭ ގާތް ކަމެއް ނުހިނގާ ކަމަށް ވަންޏާ އާޒިމް ހަމަ އައިހާ އަވަހަކަށް އާޒިމާ ފަރީޝާގެ ކައިވެނި ކޮށްދެވޭނެ އެވެ. އެއީ ރަނގަޅު ގޮތެކެވެ.
ފަރީޝާ އިއްދައިގަ ވެސް އިންނާކަށް ނުޖެހޭނެ އެވެ.
އަޝްރަފް ގެއަށް އައި އިރު ވެސް ފަރީޝާ ނިދާކަށް ނޫޅެ އެވެ. ކައިވެނީގެ މަޖުލީހަށް ތައްޔާރު ވީ ގޮތަށް އެހާ ނަލަވެލައިގެން އަދިވެސް އޭނާ އެއިނީ އަލަތު ފިރިމީހާގެ އިންތިޒާރުގަ އެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިއަޔަސް މިރެއަކީ އޭނާއަށްޓަކައި ހާއްސަ ރެއެކެވެ.
އަޝްރަފަށް ފަރީޝާ ފެނުމުން އުނދަގޫ ވިއެވެ. އޭނާ ގެއަށް އެއައީވެސް ފަރީޝާއަށް ނިދޭހާ އިރު ކޮށްފަ އެވެ. އަޝްރަފް އައިސް ކުޑަ ދޮރު ކައިރިއަށް ހުއްޓުނެވެ. ފަރީޝާއާ އަނގައިން ބުނެނުލާ އޮށޯންނާކަށް އޭނާ އަކަށް ނުކެރުނެވެ.
"ފަރީޝާ، ގަބޫލު ކުރާތި އިނގޭ އަހަރުމެން ދެ މީހުންވެސް މި ކައިވެނި ކުރީ މަޖުބޫރު ހާލަތަކަށް އައިސް ގެންކަން.. އަހަރެން ކުށްވެރި ނުކުރައްޗޭ އިނގޭ..!"
އަޝްރަފް ބުނި އެއްޗެއް ފަރީޝާއަށް ވިސްނިއްޖެ އެވެ. އޭނާ އިސް ޖަހާލީ އަމިއްލަ ނިކަމެތި ކަން އިޙުސާސް ވުމުންނެވެ.
"ނުކުރާނަން.. އަހަންނާ އިނީތީ ޝުކުރިއްޔާ!"
ފަރީޝާ އިސް ނެގީ ހިނިތުން ވުމަކާއި އެކުގަ އެވެ. ފަރީޝާގެ މޫނަށް ބަލާލެވުނު ވަގުތު އެރީތި ހިނިތުން ވުމުގައި ފޮރުވިފައިވާ އަސަރުތައް އަޝްރަފްގެ ހިތަށް ތަދު ކޮށްލިއެވެ. އަޝްރަފް އިތުރު އެއްޗެއް ނުބުނެ ޓީޝަރޓް ގޮޑިމަތީގައި ބޭއްވުމަށް ފަހު ގޮދަޑީގައި އޮށޯވެ ލޯމަރާލި އެވެ.
އަޝްރަފަށް ހޭލެވުނު އިރު ފަރީޝާ އިނީ ހެނދުނުގެ ސައި ތައްޔާރު ކޮށްގެން އަޝްރަފް ގެ އިންތިޒާރުގަ އެވެ. ފިރިއެއްގެ ވާޖިބު އަޝްރަފް އަދާ ނުކުރި ނަމަވެސް ޝަކުވާއެއް ނެތި އަންބެއްގެ ވާޖިބު އަދާ ކުރަން ފަރީޝާ ބޭނުން ވިއެވެ. އަޝްރަފަށް ކިތަންމެ އުނދަގޫ ވިއަސް އެ ހައްޤު ފަރީޝާގެ ކިބައިން ނިގުޅައި ގަންނާކަށް ނުކެރުނެވެ. ބަނޑު ފުރެންދެން މަސްހުންޏާ ރޮށްޓާ ކާލައިގެން ތެދުވި އިރު އަޝްރަފް ހުރީ ވަރަށް ވަރު ޖެހިލާފަ އެވެ. މާލެ އައި ފަހުން އޭނާއަށް އެހާ ހިތްހަމަ ޖެހިގެން އަދި ކާއެއްޗެއް ނުކުވެއެވެ. ކިތަންމެ ނޫން ކަމަށް ހެދިޔަސް ފަރީޝާ އާއި އެކުގައި ހެދުނުގެ ސައިގެ ވަގުތު ހިއްސާ ކޮށްލެވުނީމައި އެކަނިވެރިކަން ކުޑަވެގެން ދިއައެވެ.
މެންދުރު ވެގެން ދިއައިރު ހުރެވުނީ ކާ ވަގުތަށް އިންތިޒާރު ކޮށްކޮށެވެ. ގޭގައި ފަރީޝާ ކައްކާނީ ކޮން އެއްޗެއް ބާއޭ ހިތަށް އަރައަރަ އެވެ. އެހެންޏާ ގެއަށް ނާންނަ ގަޑިއެއްގައި ގެއަށް އާދެވުނީ ހަމަ އެކަނި ބަނޑު ހައިވެގެންނެއް ނޫނެވެ. އިންތިޒާރު ގައި މީހަކު އިންކަން އިޙުސާސް ކުރެވުނު ވަރުން ނެވެ.
ބަރަބޯ ރިހަޔާ ރޮއްޓާ ކާލަން ނުލިބޭތާ ކިތަންމެ ދުވަހެކެވެ. ފަރީޝާގެ ކެއްކުން ގަނޑު ތައުރީފް ކޮށްލަން ޖެހޭހާ މީރެވެ.
"ވަރަށް މީރު "
ހަމަ އެކަނި އެ ކުރު ޖުމުލައިން ވެސް ފަރީޝާގެ ހިތް ފުރުނެވެ. އަޝްރަފްގެ ހިތްހަމަ ޖެހޭ ވަރަށް އެންމެ ކަމެއް ކުރެވުނަސް އޭނާ އަށް ފުދެއެވެ.
މަޑުމަޑުން އަޝްރަފް ގޭގައި އުޅޭ ވަގުތު ގިނަވާން ފަށައިފި އެވެ. ފަރީޝާގެ ޙިދުމަތްތައް ކަމުދާން ފަށައިފި އެވެ.
ކުދި ކުދި ސަމާސާ ތައް ގިނަވާން ފަށައިފި އެވެ. ލޯތްބާއެކު ނިހާއާ ވާހަކަ ދައްކާ ކޮންމެ ވަގުތަކު ފަރީޝާއަށް އަންނަ ބަދަލު އަޝްރަފަށް ފާހަގަ ކުރެވެ އެވެ. އަޝްރަފްގެ ހިތް ފަރީޝާއަށް ހަމްދަރްދީ ވާން ފެށި އެވެ. ފަރީޝާއަށް ސިއްރުން ނޫނީ ނިހާއާ ވާހަކަ ދައްކަން ނުކެރެން ފަށައިފި އެވެ. ފަރީޝާގެ މާތްކަމާ ކެތްތެރިކަން ފެންނަ ވަރަކަށް އަމިއްލަ ނަފުސް ކުށްވެރި ކުރެވެން ފަށައިފި އެވެ.
ސައްތާރުބޭ ގެ ގެއަށް ރަޒީނާ ދިއައީ ތެޅި ފޮޅެމުން ނެވެ. އިރު އެރީއްސުރެ ބަޑެއްގައި ރިއްސަނީ އެވެ. ރަޒީނާއާ އެކު ހަސީނާވެސް ދިއަ އެވެ. ހަސީނާ ބޭނުންވީ ރަޒީނާ އަށް އެވާ ގޮތެއް ރަނގަޅަށް އޮޅުން ފިލުވާ ށެވެ.
ރޭގައި ވީ ކަންތައް ރަޒީނާއަށް ކިއައި ދެވުނީ އުނދަގުލުންނެވެ. ސައްތާރުބޭ ރަޒީނާ ފަތްޖެހި އެނދެއްގައި އުއްޑުން ބާއްވާފައި ކިއަވަން ފެށި އެވެ. އޭނާ ކިއަވަމުން ގޮސް ވަކި ހިސާބަކަށް ދިއަތަނާ ރަޒީނާގެ ބަނޑު ފުއްޕަން ފަށައިފި އެވެ. ސައްތާރުބޭ ބުނި ގޮތުގައި ޖިންނި ވީ ރަޒީނާގެ ބަޑު ތެރޭގަ އެވެ. ރަޒީނާ ބިރުން ދެކަމު ނުދެވުނީ ވެސް ކިރިޔާ އެވެ. އޭނާ ރޮއި ހަޅޭއްލަވަން ފެށި އެވެ. ރަޒީނާ އަށް ވުރެ ބޮޑު ބިރެއް ގަތީ ހަސީނާ އެވެ. ހަސީނާ ރަޒީނާއަށް ދުރަށް ދުވެ ގޮސް ގޭގެ ދޮރު ކައިރީ މަޑު ކޮށްލައިގެން ހުރި އިރު އޭނާގެ މޭގަނޑު ހީވަނީ އަނގައަށް އަތުވެ ދާނެ ހެންނެވެ.
"އަވަހަށް ނެރޭ.. މީތި އަވަހަށް ނެރޭ!"
ރަޒީނާ ދެ އަތް ގަޔާ ދުރުކޮށްގެން އޮވެ ބާރަށް ހަޅޭއްލަވަމުން ދިއަ އެވެ.
"އާންމު ކޮށް ގިނަ ފަހަރު ޖިންނި ބަޑު ތެރެއަށް ވަންނަނީ އެއްޗެއް ކެވިފަ ހުރީމަ.. އެހެން ވަންނަ ޖިންނި ނެރެން ބޭބެ އަށް އިނގޭ. އެކަމަކު ރަޒީނާގެ ހަށިގަޑަށް މި ޖިންނި ވަދެފަ މިހިރީ އެއްޗެއް ކެވިގެނެއް ނޫން. އެޖިންނި ނެރޭކަށް ބޭބެ އަކަށް ވެސް ނޭގެ. އަމިއްލައަށް ނުކުންނަން ދެން މަޑުކުރަން ޖެހޭނީ..!"
ސައްތާރުބޭއަށް ހަދާނެ ގޮތް ހުސްވެއްޖެ ހެން ހީވުމުން ރަޒީނާ އަދި މާބޮޑަށް ބިރުގަތެވެ. އެ ޖިންނި ނުކުންނަ ހާ އިރެއް ވަންދެން ޖިންނި ބަނޑުތެރެއަށް ލައިގެން އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ! ރަޒީނާ އަށް ދެން ގުޑިލަންވެސް ނުކެރޭނެ އެވެ. ހީވަނީ ހަދާލެވޭ ގޮތަކުން ބަނޑުތެރޭން ކޮންމެސް ގުނަވަނަކަށް ޖިންނި ހަމަލާ ދީފާނެ ހެންނެވެ. ހަސީނާގެ އަޑު ގަދަކަމުން ހަސީނާގެ ގައިގައި ވެސް ތަވީދެއް ނައަޅުވާ ސައްތާރު ބެއަކަށް ސަލާމަތެއް ނުވެވުނެވެ.
ހެދޭނެ މާ ބޮޑު ގޮތެއް ނެތުމުން ރަޒީނާ ޖެހުނީ އެހާލައިގެން ގެއަށް ދާށެވެ.
މިއަދު އިރު ނުއޮއްސެނިސް އަޝްރަފަށް ގެއަށް އާދެވިއްޖެ އެވެ. އަޝްރަފް ގެއަށް އައިއިރު ފަރީޝާ އުޅެނީ ފާޚާނާގަ އެވެ. މަޑުމަޑުން އައިސް ސަރަންފީ ގޮނޑީގައި ޖައްސާލައިގެން އަޝްރަފް އިނީ އައި މަގުމަތީގައި މީހަކު ދިން އިސްތިހާރު ގަނޑަކަށް ބަލާށެވެ. ބޮލުން އިސްތަށި ފޭބުން ކޮންޓްރޯލް ކުރާ ޝޭމްޕޫއެއްގެ ވާހަކަ އެވެ. އެއީ އަޝްރަފަށް މިވަގުތު ވަރަށް މުހިންމު އެއްޗެކެވެ. ފަހަކަށް އައިސް ސިނކުޑިއަށް ޕްރެޝަރ ބޮޑުވެގެން ކަންނޭގެ އެވެ. ބޮލުން އިސްތަށި ފައިބަނީ ކަންބޮޑުވާ ވަރަށެވެ.
އެ ގަނޑުގެ ލިއުން ތަކަށް ގެއްލި ފައި އިންދާ ފާޚާނާގެ ދޮރު ހުޅުވާލި އަޑު އިވިގެން އަޝްރަފް ބަލާލި އެވެ. އާންމުކޮށް އެގަޑިއަކީ އަޝްރަފް ގެއަށް އަންނަ ގަޑިއަކަށް ނުވާތީ ފަރީޝާއަށް ނުކުމެވުނީ ތުވާލި ކޮޅު ގައިގައި އޮޅާލައިގެން ނެވެ. އަޝްރަފަށް އެދިމާއަށް ބަލާލުވުނީ ބޭއިހުތިއާރުގައި ކަމަށް ވިއަސް އޭނާގެ ނަޒަރު، ވަގުތުން ފަރީޝާގެ އެ ރީތި ހަށިގަނޑަށް ދޫކޮށްލެވިއްޖެ އެވެ. ކަޅި ކަޑާލަން ނޭގިފައި އޭނާއަށް އިނދެވުނީ އޭނާގެ ހަށިގަޑުގެ ނާރު ތަކުގެ އިތުރުން ހިއްސުތަކަށް ވެރިވި އަސަރެއްގެ ބޮޑު ކަމުން ނެވެ. އަޝްރަފް ފެނުމުން ފަރީޝާ ސިހިފައި ފާޚާނައިގެ ތެރެއަށް ދެމިގަންނަން އުޅުނު ނަމަވެސް އަޝްރަފްގެ އެ ތޫނު ނަޒަރުން ފަރީޝާ ގަނޑުކޮށްލައިފި އެވެ.
ފަރީޝާގެ އެ ދިގު ކަނދުރާއިން ފެށިގެން މޭމަތީގެ ބޮޑު ބައެއް ހާމަވަމުން ދިއައިރު އިސްތަށިގަނޑުން ފައިބަމުން ދިއަ ފެން ތިކިތައް ކަނދުރާގައި ބީހިލުމަށް ފަހު ތުވާލީގެ ތެރެއަށް ގެއްލެމުން ދިއަ އެވެ. ތުވާލީގައި ދެއަތުން ހިފަހައްޓާލައިގެން ހުރި އިރު އެ ދޮން ރީތި ފައިގެ ބޮޑު ބައެއް ވަނީ ހާމަ އަށެވެ. އަޝްރަފްގެ ނިދާފައިވާ ހިއްސުތައް ހޭލައްވާލައިފި އެވެ. އޭނާއަށް ތެދުވެވިއްޖެ އެވެ. ފަރީޝާގެ ދެލޮލުން ދެމުން ދިއަ ދައުވަތަށް އޭނާއަކަށް މިފަހަރަކު ފުރަގަހެއް ނުދެވުނެވެ.
ކޮޓަރީގެ ދޮރުގައި މީހަކު ޖަހާލި އަޑު އިވިގެން އަޝްރަފް ލޯ ހުޅުވާލި އެވެ.
(ނުނިމޭ)