(28 އޮކްޓޯބަރގެ އަދަދާ ގުޅޭ)
"އަނެއްކާ އެކޮޅަށް ގޮސް ބޭސް ކުރާ އިރުވެސް ރަނގަޅަށް އެނގިގެން ޚަރަދު ނުކޮށްފިއްޔާ ވަރަށް ބޮޑަށް ބޭކާރު ޚަރަދު ކުރެވޭނެ... ރަނގަޅު ޑޮކްޓަރުންނަށް ދެއްކެން ވާނެ... ބައެއްގެ އެހީ ހޯދަން އުޅެފިއްޔާ ލަނޑެއްވެސް ލިބިދާނެ. އެހެން ވީމަ އެހުރިހާ ކަމެއް އިނގޭ މީހަކު ދާން ވާނީ.... ހިތުގެ ކަމެއް ވީމަ ހަމަ އެންމެ ރަނަގަޅު ވާނީ ފަރީޝާއާ އެކީ އަޝްރަފް ދިއައިއްޔާ!"
ނިހާގެ އެޖުމްލަ އަޑު އިވުމާއެކު މުޅި ތަނަށް ވެރިވެގެން ދިޔައީ އާދަޔާ ޚިލާފް ހިމޭން ކަމެކެވެ. ހީވީ އަޑު އަހަން ތިބި އަނެއް ތިން މީހުންގެވެސް ނޭވާ ހުއްޓުނު ހެންނެވެ.
ހިމޭން ވެފައި ތިބި ތިން މީހުނަށް އެކަކު އަނެކަކުގެ މޫނަށް އަވަސް އަވަހަށް ބަލައިލެވުނެވެ. އެވަގުތު އަޝްރަފްގެ ހިތަށް ހިތި އިޙުސާސެއް ކުރެވުނެވެ. އެއެންމެންގެ ކުރިމަތީގައި ނިހާގެ އަގު ހާދަ ދަށް ކޮށްލެވިއްޖެ އެވެ. އޮޅުމެއްގެ ތެރޭގައި ހުރެ ނިހާއަށް ކުރެވެން އެއުޅެނީ ކީއް ހެއްޔެވެ! އަޝްރަފް އިސް ޖަހާލި އެވެ. ނިހާއަށް އެއިން އެއްވެސް ކަމެއްގެ ކުޑަވެސް ހިލަމެއް ވާނަމަ އެފަދަ ކަމެއް ހިތަށް ވެސް ނޭރުވީސް އެވެ. އަޝްރަފަށް އުނދަގޫ ވާނެ ވަރު އާޒިމަށްވެސް އިޙުސާސް ކުރެވުނެވެ.
"އަޝްރަފަށް ދެވޭތަ؟ އިމްތިހާނު ދުވަސް ކޮޅެއްނުން؟"
އާޒިމް ބޭނުންވީ އަޝްރަފް ސަލާމަތް ކޮށްދޭށެވެ.
"އަނ ދެވޭނެ... އިމްތިހާނުތައް ނިމޭނެ މާދަން ނޫން އަނެއް ދުވަހު!"
ނިހާ އަވަސް އަވަހަށް ބުންޏެވެ.
"ހިތުގެ ކަމެއް ވީމަ ރަނގަޅުވާނީ އަޝްރަފް ދިޔައީއާ! އަޝްރަފްގެ ބައްޕަ ގޮވައިގެން އަޝްރަފް އިންޑިއާއަށް އެތަށް ފަހަރަކު ގޮއްސަ ހުރީމަ ދައްކަންވާ ރަނގަޅު ޑޮކްޓަރުންވެސް އިނގޭނެދޯ!"
އެ ވާހަކަ ރަނގަޅެވެ. އެހެން ނަމަވެސް ހާލަތު ރަނގަޅެއް ނޫނެވެ. އެކަން ނިހާއަށް ނޭގެނީ އެވެ. ނިހާ ހީކުރީ އާޒިމް ފަރީޝާ ފަހަތުން ދާ ހިތުން ބުނި އެއްޗެއް ކަމަށެވެ. މާ ބޮޑަށް ގަދަ ހަދަން އުޅޭކަށް އަޝްރަފަކަށް ވެސް ނުކެރުނެވެ. ނިހާ އޭނާގެ ހުރިހާ އެއްޗެއް ގުރުބާން ކޮށްގެން އެވަރުގެ ބޮޑު ކަމެއް ކުރާއިރު އަޝްރަފް ބަހަނާ ދައްކައިފި ނަމަ ނިހާގެ ހިތުގައި މާ ގިނަ ސުވާލު އުފެދޭނެ އެވެ. ނިހާއާ ދިމާއަށް ބަލާލަން ވެސް ނުކެރިފައި ފަރީޝާ އިސް ޖަހާލައިގެން އިނެވެ. އޭނާ ހީކުރިހާ ނިހާ ނަސީބު ރަނގަޅެއް ނޫނެވެ. ނިހާގެ މަޤާމުގައި ފަރީޝާ އިން ނަމަ މިއަދު މާ ދެރަ އެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތް ނިހާއަށް ޓަކައި ހަމްދަރުދީއިން ފުރުނެވެ. އެ މަޢުޞޫމް އަންހެނާއަށް އޭނާގެ ފުރަގަހުގައި ހިނގަމުންދާ އެއްވެސް ޙަޤީޤަތެއްގެ ކުޑަވެސް ޚަބަރެއް ނޭގެއެވެ.
ފޮރުވިފައިވާ އެ ބޮޑު ޙަޤީޤަތް އެނގޭ ދުވަހަކުން ނިހާއަށް ވާނީ ކިހިނެއް ހެއްޔެވެ! މިއަދު އެތަނަށް ވެރި ވެފައިވާ ހަމަ ހިމޭން ކަމާއި އެމީހުންގެ މޫނު މައްޗަށް އަރާ ފައިބަމުން އެދާ ކުލަވަރު ނިހާއަށް ތަރުޖަމާ ނުކުރެވުނު ނަމަވެސް އެދުވަހަކުން މި ހުރިހާ ވަގުތުތަކެއް ނިހާގެ ސިކުޑީގައި އަލުން ކުޅެވެން ފަށާނެ އެވެ. އެދުވަހަކުން ނިހާއަށް އޭނާގެ އަމިއްލަ ނަފްސަށް ކިހާ މަލާމާތެއް ކުރެވޭނެ ހެއްޔެވެ! ނިހާގެ މާތް ކަމުގެ ނާޖާއިޒު ފައިދާނަގާލި އެ އެންމެން ގެ މައްޗަށް އެ ހިތް ނަފްރަތު ކުރާނީ ކިހާ ވަރަކަށް ހެއްޔެވެ! އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އިތުބާރު ކުރި އޭނާގެ ފިރިމީހާ އޭނާއަށް އެހަދާލި ގޮތް ހާމަވާ ހިނދު އެ ހިތަށް ކެތްވާނެ ބާއެވެ!
ހަމަ ގައިމުވެސް އެ ޚިޔާލު ތަކުގެ ސަބަބުން ފަރީޝާގެ ހިތަށް އަސަރު ކޮށްފި އެވެ. އަޝްރަފާ އޭނާއާ ދޭތެރޭގައި ހިނގާދިއަ ހުރިހާ ކަމަކަށް މިއަދު އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފަށައިފި އެވެ.
ފަރީޝާއަށް އިސް އުފުލާލެވުނީ އޭނާގެ ކޮނޑުގައި ފިނިފިނި އަތެއް ބާއްވާލުމުންނެވެ. ނިހާގެ ދެލޮލަށް ބަލާލެވުނު ހިނދު ފަރީޝާގެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް އޮހިގަތެވެ.
ނިހާ ފަރީޝާ ބުރަކަށިގައި ލޯތްބާއި އެކު ފިރުމާލި އެވެ.
" ހާސްނުވައްޗޭ...! ﷲ އިރާދު ކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ!"
ފަރީޝާގެ ލޮލުން މިވަގުތު އެ އޮހޮރުނު ކަރުނަ ތިކިތަކަކީ ނިހާއަށް ޓަކައި އޮހޮރުނު ކަރުނަ ތިކިތަކެއް ކަމެއް ނިހާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ!
" އަހަރުމެން މިވަރުގެ ކަމެއް ކުރާތީ އެކަމާ ކަންބޮޑު ނުވައްޗޭ...އަހަރެން ދެކެނީ ފަރީޝާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ކުއްޖެއްގެ ގޮތުގަ... ފަރީޝާގެ ދަރިފުޅަކީ އަހަރެންގެވެސް ދަރިއެއް! "
ނިހާގެ ލޮލުގެ ތެރޭން ވެސް ކަރުނަ ތިކިތައް ވިދައިގަތެވެ. " ދަރިފުޅު" މި ލަފްޒަކީ އޭނާއަށް ކިޔާލަން އެންމެ ދަތި ލަފްޒެވެ.
"ފަރީޝާއާ އެކުގައި އަޝްރަފް ދިއުން އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް... އަޝްރަފަކީ ހިލޭ މީހެއް ކަމަށް ނުދެކެއްޗޭ... އަޝްރަފަށް އިތުބާރު ކުރަން ވާނެ!"
އެއަޑު އިވިފައި ވީ އުނދަގުލުން އަޝްރަފަށް މޫނު އަނބުރާލެވުނެވެ. އެވަގުތު އަޝްރަފާ ދިމާއަށް ބަލަހައްޓައިގެން ހުރި އާޒިމްއާ އަޝްރަފްގެ ހަތަރު ކަޅި ހަމަވި އެވެ. އާޒިމްގެ ދެލޮލުން ފެންނަމުން ދިއައީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. ނިހާގެ ރަނގަޅު ކަން ފެންނަ ކޮންމެ މީހަކަށްވެސް ވާނީ ހަމަ އެހެންނެވެ.
އަޝްރަފް އިމްތިހާނަށް ތައްޔާރުވާން ޖެހޭ ކަމަށް ބުނެފައި އަވަހަށް އެތަނުން ނުކުމެވޭތޯ ބެއްޔެވެ. އަޝްރަފް ދިއުމުން އާޒިމް އައިސް ފަރީޝާގެ ގާތުގައި އިށީނެވެ.
"މިހާރު އެގިއްޖެދޯ އަޝްރަފް ނިހާ ދެކެ އެވަރަށް ލޯބި ވަނީ ކީއްވެކަން!"
އާޒިމް ބޭނުންވީ ފަރީޝާ އިތުރަށް "ގިލްޓީ" ކުރުވާށެވެ! އޮޅިގެންވެސް ދެން ފަރީޝާ އަޝްރަފްގެ އަވައިގައި ޖެހޭކަށް އާޒިމް ބޭނުމެއް ނޫނެވެ.
"އަޝްރަފަކީ ރަނގަޅު މީހެއްތަ؟ ނިހާ އެއުޅޭ ގޮތުން ހިތް ފަޅައިގެން ދާހާވޭ...އަހަރެންނަށް އެކަހަލަ ރަނގަޅު އަންބަކު ލިބުނު ނަމަ، ހަމަ ހުވާ އަޝްރަފް އެހެދި ކަހަލަ އެއްޗެއް ނަހަދާނަން!"
ފަރީޝާ އަނގައިން ވެސް ނުބުނެ އިނެވެ. އާޒިމް މިވަގުތު ބޭނުން ވަނީ ވީހާވެސް ބޮޑަކަށް ފަރީޝާ ހިތުގައި ޖައްސާލާށެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އާޒިމް މަސައްކަތް ކުރަމުން އައީ ފަރީޝާ އަޝްރަފާ ވީހާވެސް ދުރަކަށް ގެންދާށެވެ. އެހެން ނަމަވެސް އަނެއްކާވެސް ފެށި ހިސާބަށް އާދެވުނީ އެވެ. ވަރި ކުރުމަށް ފަހުގައި ވެސް ފަރީޝާ އަށް އަޝްރަފްގެ ކިބައިން ސަލާމަތް ވެވޭ ގޮތެއް ނުވި އެވެ. މިފަހަރު އެ ދަތުރަށް ފަހު އަނެއްކާ އެދެމީހުންގެ ގުޅުން މުޅިން އާވެ، ވަރުގަދަ ވެދާނެ ކަމުގެ ބިރު ހީވެ އެވެ.
"ކާކު އެވަރުގެ ކަމެއް ހިލޭ މީހަކަށް ޓަކައި ކުރާނީ...! ފަރީޝާއަށް ފެނުނެއްނުން އަޝްރަފް ފަރީޝާއާ ދޭތެރޭ ކަންތައް ކުރިގޮތް... އޭނައަށް ދަރިފުޅު އެހާ މުހިއްމު ނަމަ، ބަލިވެ އިންއިރު އެހެނެއް ނެހެދީސްދޯ...! މީ ހަމަ ނިހާގެ ހެޔޮކަން!"
އާޒިމް އިނީ އަޝްރަފް ދެކެ ވަރަށް ރުޅި އައިސްފައި ކަން ފަރީޝާއަށް އެނގުނެވެ. މީގެ ކުރީން ދުވަހަކުވެސް އާޒިމް އަޝްރަފްގެ އެއްވެސް ވާހަކައެއް ފަރީޝާ ގާތުގައި ދައްކާފައި ނުވެ އެވެ. އާޒިމް އެދެއްކި ވާހަކައަކީ ތެދު ވާހަކަ އެވެ. އެވަރު ފަރީޝާ ވެސް ދެން ދަންނާނެ އެވެ.
ފަރީޝާ އަށް ދަތުރަށް ބޭނުންވާ ތަކެތި ގަނެދީ ފޮށި ތައްޔާރު ކޮށްދިނީ އާޒިމެވެ. މި ހުރިހާ ކަމެއްގައި އުޅުނު އިރުވެސް އާޒިމްގެ ހިތްވަނީ ނުތަނަވަސް ވެފަ އެވެ. އަދިވެސް އާޒިމް ބޭނުން ވަނީ އަޝްރަފް ފަރީޝާއާ އެކީ ނުދާނެ ގޮތެއް ވާށެވެ. ކޮންމެވެސް ވާހަކައެއް ދައްކައިގެން އަޝްރަފަށް އެކަމުން ސަލާމަތް ވެވުނީސް އެވެ. އެހެން ނަމަވެސް އަޝްރަފް އެކަން ކުރާކަށް ނޫޅެ އެވެ. އޭގެ ސަބަބެއް ވެސް އޮންނާނެ އެވެ. އާޒިމަށް ވިސްނެނީ އެހެންނެވެ. އެހެން ކަމުން އެންމެ ފަހު ފަހަރަށް ވެސް ފަރީޝާއަށް ހަނދާން ކޮށްދެން ޖެހޭ އެއްޗެއް އެބައޮތެވެ.
"ނިހާ އެ ކޮށްދިން ކަންތަކުގެ އަގު ވަޒަން ކުރާތި އިނގޭ!"
އާޒިމް ފޮށީގެ ތަޅު އަޅުވާލަމުން ބުންޏެވެ.
ފަރީޝާ އަނގައިން ނުބުނި ނަމަވެސް އޭނާވެސް އެވަނީ އަޒުމް ކަނޑައަޅާފަ އެވެ. ދަރިފުޅަށްޓަކައި އެވަރުގެ ކަމެއް ކޮށްދިން މީހަކު އޭނާ އަބަދުވެސް ދަންނާނެ އެވެ. ނޭގުމެއްގެ ތެރޭގައި ނަމަވެސް އޭނާއަށް ވަނީ މަޢާފް ހައްގު ނުވާ ވަރުގެ ކުށެއް ކުރެވިފަ އެވެ. ދެން އޭނާ އެކުށް ތަކުރާރު ވިޔަކަ ނުދޭނެ އެވެ.
ފަރީޝާއާ ދަރިފުޅު ގޮވައިގެން އަޝްރަފް ފުރައިފި އެވެ. ދަތުރު މަތީގައި ވެސް އެ ދެމީހުން ދައްކާނެ މާގިނަ ވާހަކައެއް ނެތެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ އަޝްރަފް ވެސް ނުބުނެ އެވެ. އެމީހުން ތިބެން އަޝްރަފް ހަމަޖައްސާފައި ވަނީ ދިވެހިންނަށް ބޭސް ކޮށްދޭ ދިވެހި އާއިލާއެއްގެ ކައިރީގަ އެވެ. ވަކީން ތަނެއް ހިފައިގެން ފަރީޝާއާ އެކުގައި ހުންނާކަށް އަޝްރަފްވެސް ދެން ބޭނުމެއް ނޫނެވެ. ފަރީޝާއާ އެކުގައި އެކަނި މި ދަތުރު އައުމަކީ އަޝްރަފަށް ފަސޭހަ ކަމަކަށް ނުވިނަމަވެސް އޭނާވެސް ހުރީ މިދަތުރުގައި ބައިވެރިވާން ބޭނުން ވެފަ އެވެ. ދަރިފުޅު އެވަރުގެ ބޮޑުކަމަކާ ކުރިމަތިލާއިރު އެތަނުގައި ހުންނަން އަޝްރަފް ބޭނުން ވިއެވެ. ބައި ގަޑިއެއްހާއިރުގެ ބަސް ދަތުރުގައި ބޭބީ ގޮވައިގެން އިނީ އަޝްރަފެވެ. ބޭބީ އުނގުގައި ބާއްވާލައިގެން ކަޅި ޖަހާ ނުލާ ބޭބީގެ މޫނަށް ބަލަން އިން އަޝްރަފް ގެ ހަރަކާތް ތައް ފަރީޝާ ސިއްރުން ބަލަމުން ދިއަ އެވެ. އަޝްރަފް ފަރީޝާދެކެ ލޯބި ނުވިނަމަވެސް ބޭބީ ދެކެ ލޯބި ވާކަން ކަށަވަރެވެ.
ބޭބީގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން އަޝްރަފްގެ ހިތުގައި ގިނަ ސުވާލު ތަކެއް އުފެދެމުން ދިއަ އެވެ. އެއީ ކުޑަކުޑަ ދަރިފުޅު ކައިރިން ބަލާލަން ލިބޭ ހިނދު މައިން ބަފައިންގެ ހިތުގައި އުފެދޭ ސުވާލު ތަކެކެވެ. މި ދަރިފުޅު ވައްތަރީ ކާކާބާއެވެ! ބައްޕައާ ވައްތަރީ މިދަރިފުޅުގެ ކޮންތަންކޮޅެއް ބާއެވެ! ކުޑަކޮށް ބޯ އަރިކޮށްލާފައި އެކި އަރިއަރި މަތީން ބޭބީގެ މޫނަށް ބަލާލުމުން ވެސް އަޝްރަފާ ބޭބީގެ ވައްތަރީ ކޮންތަން ކޮޅެއް ކަމެއް ބުނާކަށް ނޭގުނެވެ. ވާނީވެސް އެހެންނެވެ. އެއެއްމިއެއް ކިޔަން އެނގޭ ވަރަށް ވުރެ ބޭބީ އަދި މާ ކުޑަ އެވެ.
ގެއަށް ދެއުމާއި އެކު ކޮޓަރީގައި ފަރީޝާމެން ބައިތިއްބާފައި އަޝްރަފް ނުކުތީ ގޭގެ ވެރިފަރާތާ ބައްދަލު ކުރާށެވެ. ބައްޕަ ދުނިޔޭގައި ހުރި އިރު ދެތިން ފަހަރަކު ބައްޕައާއި އެކު އައިސް އެގޭގައި މަޑުކޮށްފައި ވާތީ ނިޔާޒުގެ ދެމަފިރީންނާއި އަޝްރަފާވެސް ވަނީ ގާތް ކަމެއް އުފެދިފަ އެވެ. އެހެން ކަމުން ނިޔާޒު ގާތުގައި އެދިގެން ނިދާލާނެ ތަންކޮޅެއް ސިޓިންގް ރޫމް އިން ހަމަ ޖައްސާލެވޭތޯ ބަލަން އޭނާ ބޭނުން ވިއެވެ. އެހެން ކޮޓަރިއެއް ހިފުމަކީ އަނެއްކާވެސް ބޮޑު ޚަރަދެކެވެ. އަޝްރަފް ބޭނުން ވި ގޮތަށް ނިޔާޒު އެކަން ހަމަޖައްސާ ދިނެވެ. އަޝްރަފް ނިޔާޒު ގާތުގައި ބުނީ ފަރީޝާ އަކީ އަންހެނުންގެ ކޮއްކޮ ކަމުގައެވެ.
ބޭބީ ޑޮކްޓަރ އަށް ދައްކަން ދިއައީ އަނެއް ދުވަހުގެ ހެދުނެވެ. މާލޭން ހަދާފަ ހުރި ޓެސްޓުތަކުގެ އިތުރުންވެސް ޓެސްޓް ތަކެއް ހެދުމަށް ޑޮކްޓަރ ބުންޏެވެ. ރިޕޯޓްތައް ހިފައިގެން ބޭބީ އާއެކު އަޝްރަފާ ފަރީޝާ ޑޮކްޓަރ ގެ ކޮޓަރިއަށް ވަނީ ހެޔޮ ރަޙުމަތަކަށް އެދި ދުޢާ ކުރަމުންނެވެ. ޑޮކްޓަރ ރިޕޯޓްތައް ބެލާލުމަށް ފަހު ފުން ނޭވާއެއް ލިއެވެ. އެ ނޭވާ ގައިވާ ހާސްކަން އަޝްރަފާ ފަރީޝާއަށް ވެސް އިޙުސާސް ކުރެވުނެވެ. އިންޑިއާގެ ކާޑިއޮލޮޖިސްޓް ކިޝޯރު ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ފަރީޝާއަށް މާ ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭގުނު ނަމަވެސް ކިޔާ ނުކިޔާ އެނގޭ ވަރު ވެއެވެ. ފުރަތަމަވެސް ޑޮކްޓަރ އެހީ ފަރީޝާއާ އަޝްރަފަކީ ދަރިފުޅުގެ މައިންބަފައިން ތޯއެވެ. ޖެހިލުމެއް ނެތި އަޝްރަފް އާއެކޭ ބުނެލި އެވެ. ދެން ޑޮކްޓަރ ފަރީޝާގެ އުނގުގައި ނިދިފައި އޮތް ބޭބީ ނަގާ އެނދުގައި ބާއްވާލި އެވެ.
ކިޝޯރު ވެސް ބުނީ ހަމަ މާލޭން ބުނި ގޮތަށެވެ. ބޭބީގެ އޮޕަރޭޝަނެއް އަވަހަށް ކުރަން ޖެހޭ ކަމަށެވެ. އަދި ކަމަކީ ކުޑަކަމެއް ނޫން ކަމަށް އޭނާ ބުނެލީވެސް އުނދަގުލުންނެވެ. މި ދަޑިވަޅުގައި ދަރިފުޅުގެ މައިންބަފައިންނަށް ކުރާނެ އަސަރު އޭނާއަށް ރަނގަޅަށް އިޙުސާސް ކުރެވޭ ކަހަލަ އެވެ. ބޭބީ ބަނދެލާފައި އޮތް ރަޖާގަނޑު ދެފަރާތަށް ހުޅުވާލަމުން ބޭބީގެ މޭގައި ކިޝޯރް ކަށިގަނޑު ޖައްސާ އިތުރަށް ޗެކް ކޮށްލި އެވެ. ދެން އިސް އުފުލާ އަޝްރަފާ ފަރީޝާއަށް އޭނާ ބަލާލި އެވެ.
"އޯޕަންހާރޓް ސަރޖެރީއެއް!"
އެހެން ބުނެފައި އޭނާ ކުޑަ ހިނދު ކޮޅަކަށް މަޑުކޮށްލި އެވެ.
"ބޭބީ އަދި ވަރަށް ކުޑަ... އެހެންވީމަ ރިސްކް ވަރަށް ބޮޑު!"
އަނެއްކާވެސް ކިޝޯރް އިރުކޮޅަކަށް މަޑުކޮށްލި އެވެ. އޭނާ ވާހަކަ ދެއްކީ ދަރިފުޅުގެ މައިން ބަފައިންނަށް އިޙުސާސް ތަކާއި ހަނގުރާމަ ކުރާނެ ފުރުސަތު ދެމުންނެވެ. ފަރީޝާގެ ނޭވާގެ އަޑު ބާރުވެ ނޭވާލާން ދަތި ވަމުން ދިއަކަން އަޝްރަފަށް ފާހަގަ ކުރެވުނެވެ. އަޝްރަފަށް ކުރަމުން ދިޔަ އަސަރަށް ވުރެވެސް ބޮޑު އަސަރެއް ފަރީޝާއަށް ކުރާނެކަން އަޝްރަފަށް އިނގެއެވެ.
ކިޝޯރް ބޭބީއާ ދިމާއަށް ގުދުވެ ބޭބީގެ ކަރުކައިރިން މޭގައި އިނގިލި ޖައްސާލި އެވެ.
"މިހާ ހިސާބުން.....!"
ކިޝޯރުގެ އިގިލި ބޭބީގެ ތުއްތު މޭގައި ޖައްސާލައިގެން ތިރިއަށް ގެނެސް ބޭބީގެ ކުޑަކުޑަ ފޫޅާ ހިސާބުގައި މަޑު ޖައްސާލި އެވެ.
"މިހާ ހިސާބަށް ފަޅާލަން ޖެހޭނެ!"
ޑޮކްޓަރގެ އެ ޖުމުލައާ އެކު ފަރީޝާގެ ގައިން ބާރު ދޫވެގެން ދިއައެވެ. އެދަޑިވަޅަށް އަޝްރަފް ސަމާލު ވެގެން ނެތް ނަމަ ފަރީޝާ ތަޅުން މައްޗަށް ވެއްޓުނީހެވެ. ފަރީޝާގެ ހަށިގަނޑު ބާރަށް ތުރުތުރު އަޅަމުން ދިއައެވެ. އެވާހަކަތަކަށް ކެތްވާނީ ކިހިނެތް ހެއްޔެވެ؟ ޑޮކްޓަރ އެބުނީ އެކުޑަކުޑަ މޭކޮޅު އެއްކޮޅުން އަނެއް ކޮޅަށް ފަޅާލާ ވާހަކަ އެވެ. އަޝްރަފް ފަރީޝާގެ ގައިގައި ބާރަށް ބައްދާލައިގެން ޑޮކްޓަރ ގެ ވާހަކަ އަޑުއަހަން ހުއްޓެވެ. ކިތަންމެ ދަތިވި ނަމަވެސް އެވާހަކަތައް އަޑުއެހުން ނޫން ގޮތެއް ނެތެވެ. ޑޮކްޓަރ ބުނީ ލަސްކުރުމަކީ ވަރަށް ބޮޑު ރިސްކެއް ކަމަށާއި އަދި އެ އޮޕަރޭޝަނަށް ފަހުގައިވެސް އިތުރު އޮޕަރޭޝަން ތަކެއް ކުރަން ޖެހޭނެ ކަމަށެވެ. ފަހުން ކުރަން ޖެހޭ އޮޕަރޭޝަނާއި ބެހޭ ތަފްސީލެއް އިނގޭނީ މި އޮޕަރޭޝަނަށް ފަހުގައި ކަމަށް ވެސް ޑޮކްޓަރ ބުންޏެވެ.
ގެއަށް އައުމަށް ފަހު އަޝްރަފް ނިހާއަށް ގުޅާ އެ ޚަބަރު ދިނެވެ. އަދި ވީހާވެސް އަވަހަކަށް ނިހާ އައުމަށް އަޝްރަފް އެދުނެވެ. އެވަރުގެ އޮޕަރޭޝަނެއް ކުރަންޏާ ނިހާ ހުންނަން ޖެހޭނެ އެވެ. ފަރީޝާއަށް އެހީތެރި ވާންވެސް އެންމެ ރަނގަޅުވާނީ ނިހާ އެވެ.
ނިހާއާ އެކުގައި އާޒިމްވެސް އިންޑިއާއަށް ދާން ބޭނުން ވިއެވެ. އާޒިމްގެ އަތުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރުމުން އޭނާގެ ޓިކެޓް ނެގީ އޭނާ އަމިއްލަ އަށެވެ. ދަތުރުމަތީގައި ނިހާއަށް އާޒިމާ ވާހަކަ ދައްކާލާނެ ވަގުތު ލިބުނެވެ. ނިހާގެ ހިތުގައި ބޮޑުވެފައިވާ ސުވާލު ތަކެއްގެ ޖަވާބު ހޯދަން ނިހާ ބޭނުން ވިއެވެ.
"ކީއްވެ މަށަށް ދޮގު ހެދީ؟"
ބޯޓަށް އަރާ ހަމަ ޖެހުމާއި އެކު ނިހާ އާޒިމާ ސުވާލު ކުރި އެވެ.
"ކޮން ދޮގެއް؟"
އާޒިމް ގެ ހިތް ތެޅިލި އެވެ. ނިހާ އަހާފާނެ ސުވާލަކާ ދޭތެރޭ އޭނާ ހުންނަނީ އަބަދުވެސް ބިރުންނެވެ. ފަހަކަށް އައިސް ނިހާއަށް ފިލައިގެން އުޅެވޭތޯ ބަލަނީވެސް އެހެންވެ އެވެ.
"ކީއްވެ ބުނީ ފަރީޝާއަކީ ރައްޓެއްސެއްގެ އަންހެނުންނޭ...!"
އާޒިމް ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ހިނިތުން ވެލިއެވެ. ބުނާނެ އެއްޗެއް އޭނާ އަކަށް ނޭގުނެވެ. އަޝްރަފް ނިހާ ކައިރީގައި ބުނެފައި އޮތް އެއްޗެއް ނޭގޭތީ އެވެ.
"ރައްޓެއްސެއްގެ އަންހެނުން ނެއް ނޫނެއްނުން އެއީ؟... ފަރީޝާ މީހަކާވެސް ނީދޭނުން؟"
ނިހާ އެހެން ބުނުމުން އާޒިމް ނިހާއަށް ބަލާލި އެވެ. ނިހާގެ ސުވާލަށް ޖަވާބު ނުދީ މަޑު ކޮށްލެވުނުކަން ހަމަ ނަސީބެވެ.
"މަށަށް އޮޅުވާލަން ދޯ އުޅުނީ...! ހާދަ ބޮޑަކަށޭ ފަރީޝާ ސަލާމަތް ކުރަން ތި މަސައްކަތް ކުރަނީ؟ ބޭނުމެއް ނޫން ދޯ މީހުންނަށް އިނގޭކަށް... އޭނަގެ ދަރިފުޅަކީ ބައްޕަ ނެތް ކުއްޖެއް ކަމެއް!"
ޙައިރާންކަން ފޮރުވަން މަސައްކަތް ކުރި ނަމަވެސް އާޒިމް އިނީ އިންތިހާއަށް ޙައިރާންވެފަ އެވެ. އެވަރުގެ ބޮޑު ވާހަކައެއް ނިހާ ގާތުގައި ދެއްކީ ކާކު ބާއެވެ! އަޝްރަފް އެ ދަރަޖައަށް ވެސް ވެއްޓުނީ ބާއެވެ!
"ކާކު ބުނި އެއްޗެއްތީ؟ އަޝްރަފް؟"
"ދެން އޮޅުވާލަން ނޫޅޭ... އަޝްރަފެއް ނޫން...ފަރީޝާ ކިޔާދިނީ...! އެއީ ފަރީޝާގެ ކުށެއް ނޫނޭ އާޒިމް.... އޭނައަކީ ހަމަ ތޯހިރު އަންހެނެއް... އަހަރެން އޭނަޔާ ދޭތެރޭ ހަމްދަރްދީވޭ....އެހާ ޅައުމުރުގަ މީހަކު އޭނަ ރޭޕް ކޮށްލީ...!"
އާޒިމް އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އަޝްރަފް ސަލާމަތް ކުރަން ފަރީޝާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ އެވެ.
"އަދި އަހަރެން ސުވާލެއް ކޮށްލަން...؟"
އާޒިމް ކުޑަ ދޮރުން ބޭރަށް ބަލަން އިނެވެ. ނިހާ ކުރާ އެއްވެސް ސުވާލެއްގެ ޖަވާބެއް ދޭކަށް ދެން އޭނާ ބޭނުމެއް ނޫނެވެ. އަޝްރަފާ ފަރީޝާ ވާހަކަ ހަދާ ފެންވަރަށް ވާހަކަ ހަދާކަށް އޭނާ އަކަށް ލާހިކެއް ނޫނެވެ.
"ތެދަށް ބުނާތި....! ތީ އަހަރެން އަބަދުވެސް އެއްބަނޑު އެއްބަފާ ބޭބޭ އެއްގެ ގޮތުގަ ދެކޭ މީހެއް.... އަހަންނަށް ދޮގު ނަހަދާނެ ކަމަށް އުއްމީދު ކުރަން....!"
އާޒިމް ނިހާއަށް ބަލާލި އިރު އޭނާގެ ހިތުގެ ތެޅުން އަވަސްވެ ނިއްކުރި މަތީން ދާތިކިތައް ފާޅުވާން ހުއްޓެވެ. އޭނާއަށް ނިހާއާ އެކުގައި އެދަތުރުގައި ބައިވެރި ވެވުނު މޮޔަ ހިތަށް އެރި އެވެ. ނިހާގެ އެ ސުވާލުގެ ޖަވާބު ޙަޤީޤަތަށް ނުބުނެ ރެކެވޭނެ އެއްވެސް ގޮތެއް ނެތުނީ އެވެ!
(ނުނިމޭ)