(16 ސެޕްޓެމްބަރގެ އަދަދާ ގުޅޭ)
"އެއީ ކޮން އަންހެނެއް؟"
ދޮރު ހުޅުވާލުމާއި އެކު ނިހާގެ އަޑު ކަންފަތުގައި ޖެހިގެން ދިއައީ ހޮނު ގުގުރިއެއް ފަދައިންނެވެ.
އަޝްރަފަށް ލިބުނީ ސިހުމެކެވެ. ދުވަހަކުވެސް ނިހާ، އެހާ އަޑު ގަދަ ކޮށްލި ތަނެއް އޭނާއަކަށް ނުފެނެއެވެ.
"ކޮބާ؟"
ހާސްކަން ފޮރުވަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.
"ކޮން އަންހެނެއްހޭ މި ކޮޓަރިތެރެއަށް ވައްދައިގެން އުޅުނީ!"
އަނެއްކާވެސް ނިހާ އެހިއެވެ. ނިހާއަށް އެނގުނީ ކޮންއެއްޗެއް، ކިހާ ވަރަކަށް ބާއެވެ! ބުނެވޭ އެއްޗަކުން އިތުރަށް ބޭޒާރު ވެދާނެތީވެސް ވިސްނަން ޖެހެއެވެ. ބުނަންވީ އެއްޗެއް ނުބުނަންވީ އެއްޗެއްވެސް އަޝްރަފަކަށް ނޭގުނެވެ.
"ކޮބާ؟"
އަނެއްކާވެސް އެ ސުވާލު އޭނާ ތަކުރާރު ކޮށްލިއެވެ.
"މިއޮތީ!"
ބުނަމުން ނިހާ ދޯޕައްޓާއެއް ނަގާ ދައްކާލިއެވެ. އެއީ ފަރީޝާގެ ދޯޕައްޓާ އެކެވެ. އެއީ ކައިވެނި ކުރިރޭ އޭނާ ލައިގެން އިން ހެދުމުގެ ދޯ ޕައްޓާ އެވެ. ފަރީޝާއަށް އެދެވުނީ އެ ދޯޕައްޓާ ބާއްވާފަ އެވެ.
އަޝްރަފް ދެލޯ ބޮޑުވެފައި ހުރެވުނީ ދޮގެއް ހަދަންވެސް ނޭގިފަ އެވެ.
"މީގެން ދުވާ ސެންޓު ވަހުން އިނގޭ މީ މާ ކުރީގެ އެއްޗެއް ނޫން ކަން. އެހެން ނޫނަސް އަލަމާރި ތެރޭގަ އޮތް އިރު އަޝްރަފަށް މީ ކާކުގެ އެއްޗެއް ކަން އިނގެންވާނެ..!"
ނިހާ އެހުރިހާ އެއްޗެއް ކީ އިރު ހިލައިގެ ބުދެއް ފަދައިން ގުޑިލަންވެސް ނޭގިފައި އަޝްރަފަށް ހުރެވުނީ އެވެ. ނިހާގެ މޫނު މަތީން ފެންނަމުން ދިއަ ސީރިއަސް ކަމެއްގެ ސަބަބުން ހުރިހާ ކަމަކަށް ނިމުން އަތުވެއްޖެހެން އަޝްރަފަށް ހީވަމުން ދިއައެވެ.
އަޝްރަފަށް ވެފައިވާ ގޮތް ފެނުމުން ނިހާ ވެސް ކަންބޮޑު ވެއްޖެ އެވެ. އޭނާ ދުވެފައި ގޮސް އަޝްރަފްގެ ގައިގައި ބައްދާލަމުން ހިނިގަނޑެއް ޖަހާލި އެވެ. އަޝްރަފް ހުރީ ޙައިރާން ވެގެން ބުނާނެ އެއްޗެއް ނޭގިފަ އެވެ. ހަގީގަތް ހާމަ ވުމުން ސިކުނޑިއަށް ކެތް ނުވެގެން ނިހާ މޮޔަވީ ބާއެވެ!
ނިހާ އަޝްރަފަށް ބަލާލާފައި އަޝްރަފްގެ ކޯތާފަތުގައި ލޯތްބާއި އެކު ފިރުމާލި އެވެ.
"ކީއްވެތަ އެހާ ސީރިއަސް ވެފަ ތިހިރީ...! މަށަށް އިނގޭ މީ އާޒިމްގެ ކަމެއް ކަން..! މަޖާ ކޮށްލީއޭ.. އަހަރެން އަޝްރަފަށް އިތުބާރު ކުރަމޭ!"
އަޝްރަފް ހިނިތުން ވެލަމުން އަވަސް އަވަހަށް ނިހާގެ މޫނު އޭނާގެ މޭ ގައި ޖައްސާ ބާރު ކޮށްލި އެވެ. އެ މޫނު މައްޗަށް އަރާ ފައިބަމުންދާ ކުލަވަރު ނިހާއަށް ފެނިގެން ކަމަކު ނުދާނެ އެވެ. ނިހާ މޭގައި ޖައްސާލިއިރު އަޝްރަފްގެ ހިތުގެ ތެޅުން މައިތިރި ކުރަން އަޝްރަފް މަސައްކަތް ކުރި އެވެ. އެ ހިތް ތެޅެމުން ދިއައީ ބޭޒާރު ވާހާ ބާރަށެވެ.
"ހާދަ ބިރުންނޭ ތިހިރީ.. އާޒިމް ގެ ކަންތައްގަނޑު މަށަށްވެސް ސިއްރު ކުރަން ޖެހޭތަ؟ ނަސީބެއް ދޯ މަށަށް އަވަހަށް އާދެވުނު ކަން އެހެން ނޫނީ އޭނަ އަޝްރަފްގެ ބޮލަށް ވެސް އެރިލަފާނެ..!"
އަޝްރަފް އަނގައަކުން ނުބުނެއެވެ. އަނެއްކާވެސް އޭނާ ބެލީ ނިހާގެ ގައިގައި ބައްދާލާ ކަމަށް ހަދާފައި ނިހާ އަށް އޭނާގެ މޫނު ފޮރުވޭތޯ އެވެ. އެވަރުގެ އިތުބާރެއް ނިހާ އޭނާއަށް ކުރާކަށް އޭނާއަކަށް ހައްގެއް ނޫނެވެ!
ނިހާ އެހެން ހުރެފައި އަޝްރަފްގެ ޖީބުން ފޯނު ނަގައިގެން ދުރަށް ހިނގައި ގަތެވެ. އަޝްރަފް ގެ ހިތް ބާރަށް ތެޅިލި އެވެ. ނިހާ އެ ކުރަން އުޅޭ ކަމެއް އަޝްރަފަށް އެނގުނެވެ. އެހެން އުޅެން ހަދައިގެން ގޯހެއް ވެދާނެ އެވެ. އެހެން ނަމަވެސް އެކަން ހުއްޓުވާކަށް ވެސް ނުކެރުނެވެ. ނިހާ އާޒިމަށް ގުޅާލީ ސްޕީކަރަށް ލައިގެންނެވެ. އޭނާ ބެނުންވީ އޭނާއަށް ހުރިހާ ކަމެއް އިނގޭކަން އާޒިމަށް އަންގާލާށެވެ. އާޒިމާ ދިމާ ކޮށްލާށެވެ.
ނިއްކުރި މަތީން ހިއްލަމުން ދިއަ ދާ ތިކިތައް ސިއްރުން ފޮހެލަފޮހެލާ އަޝްރަފް ހުރި އިރު ހިނދު ކޮޅަކަށް ވުރެ ހިނދުކޮޅެއް ހިތުގެ ތެޅުން އިތުރު ވަމުން ދިއަ އެވެ.
ފޯނު ރިންގުވާތާ އިރު ކޮޅެއް ފަހުން ފޯނު ނަގައިފި އެވެ. އަޝްރަފަށް އިވިގެން ދިއައީ އާޒިމްގެ އަޑެއް ނޫނެވެ.
"ހަލޯ"
އެއީ ފަރީޝާގެ އަޑެވެ. އަޝްރަފްގެ ގައިން ހީބިހި ނަގައިގެން ދިއައެވެ. އަޝްރަފް ކަމަށް ހީކޮށް ފަރީޝާ ވާހަކަ ފަށައިފާނެތީ އަޝްރަފް ބިރު ގަތީ އިންތިހާ އަށެވެ.
"ކާކު!"
ނިހާ އަހާލި އެވެ. އަޝްރަފްގެ ފޯނުން އެ ވާހަކަ ދައްކަނީ ނިހާކަން ފަރީޝާއަށް އެނގުނެވެ. ހިތުގެ ރިހުން ބޮޑުވެގެން ދިއަ ނަމަވެސް އޭނާ ނިހާއާ އަނގައިން ބުނެލާ ހިތްވި އެވެ. އަޝްރަފް އެހާ ލޯބިވާ މީހަކާ އަނގައިން ބުނެލުމުގެ ފުރުސަތު ލިބުމަކީވެސް ނަސީބެކެވެ.
"ފަރީޝާ!"
އާޒިމަށް އާދެވުނީ ފަރީޝާ ނިހާގެ ސުވާލަށް ޖަވާބު ދިން ތަނާއެވެ. އޭނާ އަވަސް އަވަހަށް ފަރީޝާ އަތުން ފޯނު އަތުލި އެވެ.
ނިހާ އާޒިމާ ވަރަށް ދިމާ ކުރި އެވެ. އެކަނި ކޮޓަރިއެއް ހިފައިގެން މާލޭގައި ހުރެ ކުރާ ކަންތައް ފަޅާ އެރީ ކަމަށް ބުނެ އެ ދޯޕައްޓާ ގެ ވާހަކަ ބުނުމުން ވެގެން އުޅޭގޮތް އާޒިމަށް ވިސްނުނެވެ. އޭނާ އެއަށް ޖަވާބެއް ނުދީ ހިނިގަނޑަކުން ފުއްދާލީ އެވެ.
ދޯނި ރަށަށް ލަފަން ގާތްވަމުން އައި އިރު ގިނަ އަދަދެއްގެ ޒުވާނުން އަތިރި މައްޗަށް އެއްވެ ތިބިތަން ފެނުނެވެ. ދޯނި ލަފާ ގަޑީގައި އާންމުކޮށް އެހާ މީހުން ގިނަވެފައި އޮންނަ ތަނެއް އޭނާއަކަށް ނުފެނެ އެވެ. އަދި އަމުދުން މުދާ އުފުލާ ދޯނިން މާ ގިނަ މީހުން ރަށަށް އަންނަކީ އެއްވެސް ނޫނެވެ. ދޯނީގެ ކުރީގައި، ޒުމްރާ އޭނާގެ ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެން ހިނި އައިސްފައި ހުރި ވަރުން ވެގެން އުޅޭގޮތް ފަރީޝާއަށް ވިސްނިއްޖެ އެވެ. ޒުމްރާ މީހަކާ ކައިވެނި ކޮށްގެން ރަށަށް އެއައީ އަލަށެވެ. އެހެން ކަމުން އޭނާގެ ގާތް ރަހުމަތް ތެރީންނާއި އާއިލާ، މަރުހަބާ ކިއަން އެއްވެ ތިބީ އެވެ. އެ ކުދީން މާފަތިވެސް އެބަ ގެންގުޅެއެވެ. އެއީ އެދެމަފިރީންގެ ކަރުގައި އަޅުވާލަން ގެންގުޅޭ އެއްޗެކެވެ.
ދޯނި ލެފުމާއި އެކު ޒުމްރާ އޭނާގެ ފިރިމީހާގެ އަތުގައި ހިފައިގެން ދޯނިން ފުންމާލައިފި އެވެ. ރަހުމަތްތެރީންނާއި އެކު އެދެމަފިރީން ކައިވެނީގެ އުފާ ފާޅު ކުރާތަން ބަލަން ފަރީޝާ ދޯނީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެއީ ނަސީބުވެރީންނެވެ. އާޒިމް ދަބަސް ހިފައިގެން އައިސް ފަރީޝާ ގާތަށް ހުއްޓުމުން ފަރީޝާވެސް ދޯނިން ފައިބަން ހިނގައިގަތެވެ. އެކަހަލަ މަންޒަރު ތައް ބަލައިގެން އިތުރަށް ހިތްދަތިވުން ނޫން ކަމެއް ނުވާނެ އެވެ.
އާޒިމް ފޭބުމަށް ފަހު ފަރީޝާއަށް އެހީ ވުމަށްޓަކައި އަތް ދިއްކޮށްލި އެވެ. އާޒިމް ގެ އެހީގައި ފަރީޝާ ދޯނިން ފޭބުމާއިއެކު ޒުމްރާއާ އެކުގައި އަންހެން ކުދީންތައް އައިސް ފަރީޝާއާ އާޒިމް ވަށާލައިފި އެވެ. އެއާ އެކު ޒުމްރާ އޭނާގެ ކަރުގައި އޮތް މާފަތި ނަގާ ފަރީޝާގެ ކަރުގައި އަޅުވާލި އެވެ. ހަމަ އެވަގުތު އެތަނުން އެހެން ކުއްޖަކު ކުޑަކޮށް ކޮރާލާފައި އާޒިމް ގެ ކަރަށް މާފައްޗެއް ވައްޓާލައިފި އެވެ.
"މަރުހަބާ ތި ދެމަފިރީންނަށްވެސް!"
އެންމެން ހެމުން އަތް ޖަހާލި އެވެ. ބުނާނެ އެއްޗެއް ނޭގިފައި ފަރީޝާ އާޒިމާ ދިމާއަށް ބަލާލި އެވެ. އާޒިމް ވެސް ޙައިރާން ކަމާއިއެކު ފަރީޝާއަށް ބަލާލި އެވެ. އެވަގުތު އެތަނުން ދުވަސްވީ އަންހެނަކު އައިސް އާޒިމްގެ އަތަށް ކުރުބާއެއް ދިނެވެ. އެއާއިއެކު ފަރީޝާއާ އާޒިމް ދަމާ ގެންގޮސް އެތަނުގައި ހުރި ގޮނޑި ތަކުގައި ބައިތިއްބައިފި އެވެ. ޒުމްރާއާ އޭނާގެ ފިރިމީހާވެސް ޖެހިގެން ހުރި ދެ ގޮނޑީގައި ކުރުބާ ބޮމުން އިށީނެވެ. ރަށުގެ ތުއި އަންހެން ގުރޫޕު އެމީހުންގެ ކުރި މަތީގައި ފައްޗަކަށް އެތުރިލީ ބަނޑިއާ ތަކެއް ހިފައިގެންނެވެ. އެއާއެކު އިވިގެން ދިއަ މަރުހަބާ ލަވައަށް އެކުދިން ފައި ހަމަ ކުރަން ފަށައިފި އެވެ. ޒުމްރާއާ ފިރިމީހާ އުފަލުން އަތް ޖަހަމުން ދިއައިރު ކުރުބާގެ ތެރޭއަށް ލާފައިވާ ހޮޅީގައި އަނގަ ޖަހާލި ގޮތަށް ދަމާލަން ނޭގިފައި ފަރީޝާ އިނެވެ. ރަށުތެރެއިން އެފެންނަ އެކުވެރި ކަމަކީ ދުވަހަކުވެސް އޭނާއަށް ފެނިފައި ވާ އެއްޗެއް ނޫނެވެ. ޒުމްރާ އަކީ ރަށުގެ އަންހެނުންގެ ކޮމިޓީގެ ޒުވާން ރައީސާ އެވެ. އޭނާ އެ މަގާމާ ހަވާލު ވީ ފަހުން ހުރިހާ ކަމެއް އެވަނީ ބަދަލުވެފަ އެވެ.
"އެންމެން އެކަތި ގަޑަކަށް ވަމާތޯ" މި ޝިޔާރުގައި ޒުމްރާ އެވަނީ ފަރީޝާ ވެސް ބައިވެރި ކޮށްފައެވެ. ރަށުގެ އެހެން ޒުވާނުންނާ އެކީ އުފާކޮށް މަޖާކޮށް އުޅުމަކީ ފެށުނީއްސުރެ ފަރީޝާ ދެކެމުން އައި ހުވަފެނެކެވެ. އެހެން ނަމަވެސް މިއަދު ކަންތައް ވަމުންދާ ގޮތުން ފަރީޝާ އެއިނީ ބަސް ހުއްޓިފަ އެވެ. އެކުދީންގެ އުފާވެރި ކަމުގައި ކޮޅުފައިން ޖަހާކަށް ވެސް އޭނާ އަކަށް ނުކެރުނެވެ.
ނިހާ މާލެއައީ ދިހަ ދުވަހުގެ ޗުއްޓީ އަކަށެވެ. ބޮޑު އީދުގެ ދިހަ ދުވަހާއެކު އޭނާއަށް ވިހި ދުވަސް ލިބެއެވެ. މިހާރު ބޮޑު އީދު އަންނަން އެވަނީ ދެ ދުވަހަށް ވެފައެވެ. އަޝްރަފް ބޭނުންވީ ނިހާއާ އެކު ބޮޑު އީދު ރަށުގައި ހޭދަ ކޮށްލާށެވެ. އެހެން ކަމުން އޭނާ ރަށަށް ދާން ތައްޔާރު ވިއެވެ. ރަށަށް ދާން ނިންމުމުގައި އެހެން ބޭނުމެއްވެސް އެބަ އޮތެވެ. ރަށުން އަންނަމުން އޭނާ ފަރީޝާ ގެ ރަށަށް ދާން ބޭނުމެވެ. އެންމެ ފަހުގެ ސަލާމް ފަރީޝާއާ ކޮށްލުމަށެވެ. އަންބެއްގެ ގޮތުގައި ފަރީޝާ އިނުމަކީ އޭނާއަށް މިހާރު ވަނީ ބައްޔަކަށް ވެފައެވެ. ބޮޑު ޒިންމާއެއް ބޮލުގައި އަޅައިގެން ހުންނަން ޖެހުމުން ކުށް އިޙުސާސް ވާވަރުން ނިހާއާ ގާތްވާން ބޭނުން ވާވަރަށް ގާތްވެސް ނުވެވެއެވެ. އެކަން ނިހާއަށް އިޙުސާސް ކުރެވުމުގެ ކުރީން ނިންމާލުން މުހިންމެވެ. ފަރީޝާ ރަށަށް ދިއަ ފަހުން އަޝްރަފް ފަރީޝާއަށް ވެސް އަދި އާޒިމަށް ވެސް ގުޅާވެސް ނުލައެވެ. ގުޅައިގެން ވާހަކަ ދެއްކި ވަރަކަށް ފަރީޝާ ކުރާ އުއްމީދު ބޮޑުވެ އަޝްރަފަށް ވާ އުނދަގޫ އިތުރު ވާނީ އެވެ. މާ ބޮޑަށް ކަމެއް ގޯސް ވެއްޖެ ނަމަ އާޒިމް އަޝްރަފަށް ގުޅާނެ އެވެ. އަޝްރަފްގެ އުއްމީދަކީ އެހެން އުޅުމުގެ ތެރޭގައި އާޒިމްގެ މައްޗަށް ފަރީޝާގެ ހިތުން ޖާގައެއް ހުސްވެ އެދެމެދުގައި ލޯބި އުފެދުމެވެ. އަޝްރަފަށް ފަރީޝާގެ ކިބައިން ހިތްހަމަ ޖެހިގެން ސަލާމަތް ވެވޭނީ އެދުވަހަކުންނެވެ.
ރަށުން ރައްޓެހި ބަޔަކު ހޯދައިގެން އެމީހުންނާއި އެކު މަހަށް ގޮސްފައި އާޒިމަށް އާދެވުނީ ރޭގަޑުގެ އެގާރަ ޖެހިފަހުންނެވެ. ބޮޑު ގޯތީގައި ރާނާ ފައިވާ ކުޑަތަންކޮޅުގައި އާދައިގެ ތިން ކޮޓަރި ހުރި އިރު އާޒިމް ނިދާ އުޅެނީ ފަރީޝާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގަ އެވެ. އެއީ ފަރީޝާގެ ކާފަ ނިދާ އުޅުނު ކޮޓަރި އެވެ. ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުތްއިރު ފަރީޝާގެ ކޮޓަރީން ހޮޅިބުރީގެ އަލިކަން އާޒިމްގެ ކޮޓަރި ތެރެއަށް ވަންނަން ހުރުމުން ފަރީޝާ އަދި ނުނިދާކަން އެނގުނެވެ. އާޒިމް ގޮސް ފަރީޝާގެ ކޮޓަރީގެ ދޮރު މައްޗަށް އެރި އިރު ފަރީޝާ ރޯ އަޑު އިވެއެވެ. މަޑުމަޑުން ދޮރު ހުޅުވާލާ ބަލާލިއިރު އެނދުގައި ބަންޑުން އޮވެ ފަރީޝާ ގިސްލަގިސްލާފައި ރޮނީ އެވެ. އާޒިމް ފެނުމުން އޭނާ އިސް އުފުލާ ބަލާލިއެވެ. ފަރީޝާގެ މޫނުމަތި ފެނުމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެ ކަމުގެ އިންޒާރު އާޒިމްގެ ސިކުނޑިއަށް ލިބިގެން ދިއަ އެވެ. ފަރީޝާ އާދައިގެ ގޮތެއް ދައްކަމުން އެނދުން ތެދުވަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭނާ އަރި އަޅާލައިފި އެވެ. އަނބުރައި ގަތީ އެވެ. އާޒިމް އަވަސް އަވަހަށް ފަރީޝާ ހެލްތު ސެންޓަރ އަށް ގެންދިއައެވެ.
ފަރީޝާގެ ލޭ މާ ބޮޑަށް ދަށަށް ގޮސްފައި ވާހެން ހީވާ ކަމަށާއި އިތުރު ކަމެއް ހުރެދާނެ ކަމަށް ޑޮކްޓަރ ބުނުމުން ފަރީޝާގެ އިތުރުން އާޒިމް ވެސް ވަރަށް ކަންބޮޑުވި އެވެ. ބޮޑު ބައްޔެއް ވެއްޖެއްޔާ ފަރުވާ ކުރެވޭނެ ގޮތެއްވެސް ނެތެވެ. ގިނަ ޓެސްޓް ތަކެއް ހެދުމަށް ފަހު ބޭސްދީފައި ފަރީޝާ ހެލްތު ސެންޓަރުން ފޮނުވާލީ ކަމެއް ގޯސް ވަންޏާ ވަގުތުން ދެއްކުމަށް ބުނެފައެވެ.
އަޝްރަފާ ނިހާ ރަށަށް އަރައިގެން އައިއިރު ބޮޑު މަގުގެ މެދުގައި ބޯ ހާވާލައިގެން ހުރި ބޮޑު އަންހެނަކު ދުރުން ފެންނަމުން ދިއައެވެ. ކައިރި ވަމުން ދިއަ ވަރަކަށް އެއީ ކާކުކަން ޔަގީން ވަމުން ދިއައެވެ. އެއީ ރަޒީނާ އެވެ. ރަޒީނާ ހުރި ގޮތް ފެނުމުން އަޝްރަފް ވަރަށް ހައިރާން ވިއެވެ. ކޮއްކޮއަށް ވެފަ ހުރި ގޮތެއް އޮޅުން ފިލުވަން ބޭނުންވި ނަމަވެސް އޭނާ ހުރި ގޮތުންނާ ބަލަން ހުރި ގޮތުން އެއްޗެއް ބުނަން ނުކެރި ދެމީހުންވެސް ނޭގޭ ކަމަށް ހަދައިގެން ކުރިއަށް ހިނގަމުން ދިއައެވެ. ރަޒީނާ ހުރަސްކޮށް ދިއައިރު ސިއްރުން ކަހަލަ ގޮތަކަށް އަޝްރަފް އޭނާއަށް ރަނގަޅަށް ބަލާލި އެވެ. އޭނާ ފެންނަނީ އާދައިގެ ގޮތަކަށް ނޫނެވެ.
ގެއާ ހިސާބަށް އަރާ ހަމަވި ތަނާ ބައްޕަ ގޭ ދޮށު ހުސޭނާ ދިމާވި އެވެ. އޭނާ ބުނީ ބައްޕަ ނިޔާވި ފަހުން ރަޒީނާ މުޅީން ހަމަ ނޫންހެން ހީވާ ވާހަކަ އެވެ. އާޒިމް އޭނާ ދޫކޮށްލާފައި ދިއަ ފަހުން ގައިން ތާހިރުވުމެއް މީހަކާ ވާހަކަ ދެއްކުމެއްވެސް ނޯންނަ ކަމަށް ހަސަނު ބުންޏެވެ. އަދި ހަސީނާ ވެސް ހީވަނީ އަބަދު ވެސް ކޮންމެސް ކަމަކާ ބިރުގެންފައި ހުންނަހެން ކަމަށް ހަސަނު ބުންޏެވެ. އަޝްރަފް ވަރަށް ހިތުގައި ޖެހުނެވެ. ކޮންމެ ގޮތެއްވިއަސް އެއީ އޭނާގެ އާއިލާ އެވެ. އެމީހުންނަށް އެހީ ވުމަކީ އޭނާގެ ވާޖިބެކެވެ. ގެއަށް ވަދެ ގައި ދޮވެލައިގެން އަވަސް އަވަހަށް އަޝްރަފް މިސްރާބު ޖެހީ ބައްޕަ ގެއާދިމާއަށެވެ.
އެގެއަށް ވަންއިރު ގޭގައި މީހަކު އުޅޭހެނެއް ހިއެއްނުވެ އެވެ. ދެފަހަރަކު ސަލާން ގޮވާލާފައި ޚަބަރެއް ނުވުމުން ކޮޓަރި ތަކަށް ބޯދިއްކޮށްލާފައި އެނބުރި ދާން ހިނގައިގެން ވަގުތު ކޮންމެވެސް މީހެއްގެ ކުކުރުމުގެ އަޑު ކަންފަތުގައި ޖެހިގެން ދިއައެވެ. ރަނގަޅަށް ވިސްނާލިއިރު އެއަޑު އެއިވެނީ ގިފިލި ތެރެއިން ނެވެ. ގިފިލި ތެރޭގައި ކޮންމެވެސް މީހަކު އެބައުޅެއެވެ. އެންމެ މީހެއް ނޫނެވެ. ދެމީހެކެވެ. އަޝްރަފްގެ ހިތަށް ބިރުވެރިކަން ވަދެގެން ދިއައެވެ. ގޮތް ނޭގޭ ކަންތައް ގަޑެއް އެގޭގައި ހިނގަމުން ދާކަން ޔަގީނެވެ. އެއަޑާ ދޭތެރޭ ސަމާލުވަމުން މަޑުމަޑުން ގޮސް އަޝްރަފް ގިފިލީގެ ދޮރު ކޮއްޕާލައިފި އެވެ. ދޮރު ރަނގަޅަށް ނުހުޅުވެނީސް ކޮންމެވެސް މީހެއްގެ ބާރުގަދަ އަތަކުން އަޝްރަފްގެ މޭގައި އަޅާ ކޮށްޕާލުމާއި އެކު އަޝްރަފް ވިއްސައިގެން އެތަށް ހިސާބު ދުރަށް ގޮސް ގުޅައަކަށް ޖެހިއްޖެ އެވެ.
"ކަލޭ ޖެހޭތަ އަހަރުމެން ގިފިލީގަ ކުރާކަމެއްވެސް ބަލަން!"
އާދަޔާ ހިލާފު އަޑެއް ކަންފަތުގައި ޖެހުނު ވަގުތު މެރެމުން ދިއަ ލޯ ގަދަކަމުން ހުޅުވާލާފައި ބަލާލި އިރު އަޝްރަފަށް ރަޒީނާ ފެނުނުހެން ހީވިއެވެ.
އަޝްރަފަށް ހޭވެރިކަން ވީއިރު އަޝްރަފް އޮތީ ގޭދޮރުމަތީގައި ހުރި އަށިމަތީގަ އެވެ. ފުންމައިގެން ތެދުވެ ބަލާލިއިރު ގޭދޮށުގައި ކުޅެން އުޅޭ ކުޑަ ކުދީން ކޮޅެއް ފިޔަވައި އެހެން ބަޔަކު ފެންނާކަށް ނެތެވެ. ނިއްކުރިއަށް ރޫ އަރުވާލައިގެން ބޮލުގައި އަތްކާއްތާލަ ކާއްތާލާ އިރުކޮޅަކު އިނދެވުނީ ދެންމެގައި ހިނގާދިއަ ކަންތަކާއި ދޭތެރޭގައި ވިސްނާލާށެވެ. އޭނާ އެގެއަށް ވަނީ ރަޒީނާއަށް އެހީ ވުމުގެ ނިޔަތުގަ އެވެ. އޭނާ އަށް ފާރަލާކަށް ނޫނެވެ. އެންމެ ޙައިރާން ވަނީ އޭނާ ހޭނެތިފައި ވަނިކޮށް އަޝްރަފް ބޭރަށް ނެރުނު މީހަކު ނޭގޭތީ އެވެ. އޭގެންވެސް އިނގޭ އެއްޗަކީ ރަޒީނާމެން އަޝްރަފް އެގެއަށް ވަންނަން ނޭދޭ ކަމެވެ. ކޮންމެ ގޮތެއް ވިއަސް ވަރިހަމަ އެވެ. އޭނާ ދެން ރަޒީނާއަށް ދުވަހަކުވެސް ކަމެއް ނުކޮށްދޭނެ އެވެ.
ހެނދުނުގެ ވަގުތެކެވެ. ފަރީޝާ އޮތީ އާދައިގެ މަތިން ބޭރު ދޮރުމަތި ކުނިކަހާށެވެ. އެހެން އޮވެފައި އޭނާ އިސް އުފުލާލީ އާދަޔާ ހިލާފް އިޙުސާސެއް ކުރެވިގެން ނެވެ. ދުރުން ހިނގާފައި އަންނަ މީހަކު ފެނުނު ވަގުތު އޭނާގެ ހިތް އާދަޔާ ހިލާފަށް ތެޅިލި އެވެ.
އެއީ އޭނާ ދަންނަ ހިނގުމެކެވެ. ދެކެފަރިތަ އިސް ކޮޅެކެވެ. ފަރީޝާ ހުރި ދިމާއަށް މިސްރާބު ޖަހާފައިވާ އެ ޒުވާނާގެ ކޮންމެ ހަރަކާތަކަށް ފަރީޝާ ބަލަމުން ދިއައީ ފަރީޝާގެ ހަވަނަ ހިއްސު އޭނާއަށް ދެމުންދިއަ ސިގްނަލް ތަކެއްގެ ސަބަބުން ނެވެ.
އޭނާއަށް ހީވީ ރަނގަޅަށެވެ. އެއީ އަޝްރަފެވެ. އަތުގައި އޮތް އިލޮށިފަތި އެއްލާލާފައި ފަރީޝާއަށް ދުއްވައި ގަނެވުނެވެ. ދުވެފައި ގޮސް އަޝްރަފުގެ ކުރިމައްޗަށް ހުއްޓުނު އިރު ފަރީޝާގެ ދެލޮލުން އޮހޮރެމުން ދިއަ ކަރުނަ ތަކުގެ ސަބަބުން އެރީތި ކޯތާފަތް ވަނީ ތެމި ފޯވެފަ އެވެ. އެއީ އުފާވެރި ކަމުގެ ކަރުނަ އެވެ. އެވަރުގެ އުފަލެއް އޭނާގެ ހަޔާތުގައިވެސް ނުވެއެވެ.
ފަރީޝާގެ ކަރުނުން ތެމި، އުފަލުން ފުރިފައިވާ ދެލޯ ފެނުމުން އަޝްރަފްގެ ލޮލުން ވެސް ކަރުނައިގެ އަސަރު ފާއްދާލިއެވެ. އެހެން ނަމަވެސް އެއީ އުފަލަކުން ނޫނެވެ. ފަރީޝާއަށް ޓަކައި އެހިތް ހިތާމަ ކުރަނީ އެވެ. މަޑުމަޑުން ފަރީޝާ އަޝްރަފްގެ އަތްތިލައިގައި ހިފަހައްޓާލި އެވެ. ނުކެރިފައި ހުރެ އަމިއްލަ އެއްޗެއްކަން ޔަގީން ނުވާ ހާލުގަ އެވެ. އަޝްރަފްގެ އަތުގައި ހިފައިގެން ފަރީޝާ ގެއާ ދިމާއަށް ހިނގައިގަތުމުން އަޝްރަފްވެސް ފަރީޝާއާ އެކުގައި ދާން ހިނގައިގަތެވެ. އަޝްރަފް ގޮވައިގެން ގޭތެރެއަށް ވަދެ ކޮޓަރީގެ ތެރެއަށް ވަދެވުނު އިރުވެސް ފަރީޝާގެ ނަޒަރު އަޝްރަފްގެ މޫނުން ހިނދުކޮޅަކަށް ވެސް ވަކި ނުވެއެވެ. ކޮޓަރި ތެރެއަށް ވަނުމާއި އެކު ފަރީޝާ އަޝްރަފްގެ ގައިގައި ބާރަށް ބައްދައިގަތެވެ. އަޝްރަފްގެ ހަށިގަނޑުގައި އޭނާގެ ހަށިގަޑު ޖައްސާ ބާރުކޮށްލަމުން އަޝްރަފްގެ ބުރަކަށީގައި އޭނާ ހިފާލީ އޭނާގެ މޭގެތެރޭގައި ވާ ރިހުންތައް އަޝްރަފަށް ރަނގަޅަށް އިޙުސާސް ވާހާ ބާރަށެވެ. އުފަލާ ހިތާމައިގެ ކަނޑަކަށް ފަރީޝާ ގަރަގު ވަމުން ދިއައިރު އޭނާގެ އެއްވެސް ހަރަކާތަކަށް އަޝްރަފް އިޖާބަ ނުދޭ ކަމެއްވެސް އޭނާއަށް އިޙުސާސް ނުކުރެވުނެވެ. އިރުކޮޅެއްގެ ފަހުން އަޝްރަފް ފަރީޝާ ދުރަށް ޖައްސާލިއެވެ. ދެން ހިތްވަރު ކޮށްލާފައި އޭނާ އެ ބުނަން އުޅޭވާހަކަ ބުނެވޭތޯ މަސައްކަތް ކުރިއެވެ.
"ފަރީޝާ.. އަހަރެން ފަރީޝާ ކައިރިއަށް މިއައީ.."
އެހާހިސާބަށް ބުނިތަނާ މީހަކު ކޮޓަރީގެ ދޮރުގައި ތަޅައިގެން އަޑަށް ދެމީހުންވެސް ދިއައީ ސިއްސައި ގެންނެވެ. ދޮރުގައި ޖަހާލި ގޮތުން އެއީ އާޒިމްކަން އަޝްރަފަށް އެނގުނެވެ. ފަރީޝާ ގޮސް ދޮރުހުޅުވާލި އިރު އާޒިމަށް ވެފައި ހުރި ގޮތުން ފަރީޝާއަށް ހުއްޓިލެވުނެވެ. ހާސްވެ ކަންބޮޑުވެފައިވާ އާޒިމްގެ މޫނު މަތި ފެނުމުން ފަރީޝާ ވެސް ބިރުގަތެވެ. އާޒިމް އޭނާގެ އަތުގައިވާ ހޮސްޕިޓަލް ރިޕޯޓް ދައްކާލި އެވެ. އެއީ ފަރީޝާ ހެދި ޓެސްޓް ތަކުގެ ނަތީޖާ އެވެ. އެ ރިޕޯޓް ގައި ފަރީޝާ ހިފީ ޖެހިލުން ވެފައި ހުރެ އެވެ. ފަހަކަށް އައިސް ފަރީޝާގެ ހަށިގަޑުގެ ތެރެއަށް ވަމުން ދާ ގޮތް ތަކަކީ އޭނާ ކަންބޮޑުވާން ޖެހޭ ފަދަ ގޮތް ތަކެކެވެ. އެކަމުގައި ހުރި ބޮޑުކަން މިވަގުތު އާޒިމްގެ މޫނު މަތީންވެސް އޭނާއަށް އެބަ ފެނެއެވެ. ފަރީޝާ އެ ރިޕޯޓް ހުޅުވާ ބަލާލި އެވެ. އެއާއިއެކު އޭނާ ބިރުން ތުރު އަޅައިގަތެވެ.
(ނުނިމޭ)