(08 ނޮވެމްބަރގެ އަދަދާ ގުޅޭ)

" ކޮބާ ކަލޭގެ ވަގު އަނބި؟"
އެއަޑު އިވިފައި ބިރުން ހުރެވެސް ނިހާއަށް އަޝްރަފާ ދިމާއަށް ބަލައިލެވުނެވެ. އެއީ ރަޒީނާ އަޝްރަފާ ދިމާއަށް ބުނި އެއްޗެއްކަން ނިހާއަށް ޔަގީންވީ އެވަގުތު އަޝްރަފްގެ ހަރަކާތްތައް ހުރި ގޮތުންނެވެ. އަޝްރަފް ހާސްވެފައި ހުރި ވަރުންނެވެ. އަޝްރަފް އަވަސް އަވަހަށް ނިހާގެ އަތުގައި ހިފައިގެން ޖެހިގެން އޮތް ގޯޅި އެޅި އެވެ. ރަޒީނާ ފަހަތުން އައިސް މަގުގެ ކަންމައްޗަށް ހުއްޓި ހުރެ އެތިވަރު ތަކެއް ގޮވި އަޑު އިވުނު ނަމަވެސް އޭރު ނިހާ މެންނަށް ތިބީ ތަންކޮޅެއް ދުރަށް ދެވިފައި ކަމުން އޭނާ ކީ ނުކީއެއް ނިހާ އަކަށް ނޭގުނެވެ. ރަޒީނާ ފެނުމުން އަޝްރަފް އެވަރަށް ހާސްވި ސަބަބު ނިހާއަށް އެނގެ އެވެ. ރަށު މީހުންނަށް ގެއްލިގެން ދުވަސް ގަނޑަކު އުޅެފައި ކުއްލި އަކަށް އެފަދަ ގޮތަކަށް މަގުމަތީން ފެނުނީމައިވެސް ވާނީ އެހެންނެވެ. ރަޒީނާ އަލުން ރަށަށް އައިސް އުޅޭ ވާހަކަ އެމީހުން ގާތުގައި އެކަކުވެސް ބުނެފައެއް ނުވެ އެވެ. އެތައް ޒަމާނަކަށް ފަހު ރަޒީނާ ފެނުނު އިރު އެހެރީ މީހަކަށް އަނގައިން ބުނަން ކެރޭ ގޮތަކަށް ވެސް ނޫނެވެ. އަދި މަގުގައި ތިބި އެންމެނަށް އިވޭ ވަރަށް އޭނާ ކޮންމެ ފަދަ އެއްޗެއްވެސް ބޭބެއާ ދިމާއަށް ކިޔައި ފާނެތީ އަޝްރަފްގެ އިތުރުން ނިހާވެސް ކަންބޮޑުވި އެވެ. 

އޮފީހާ ހިސާބަށް ދެވުނު އިރުވެސް އަޝްރަފް ހަމަ އެކައްޗެއްވެސް ނުބުނެ އެވެ. ނިހާވެސް ހުރީ އަޝްރަފާ ވާހަކަ ދައްކަން ނުކެރިފަ އެވެ. އެތައް ދުވަހަކަށް ފަހު ކޮއްކޮ ފެނުނު އިރު އެހެރީ ސިކުނޑި ގޯސް ވެފަ އެވެ. އަޝްރަފް އެކަމާ ކަންބޮޑު ވާނެ ވަރު ނިހާއަށް ވިސްނެ އެވެ. މިދުނިޔޭގައި އަޝްރަފްގެ އާއިލާ މީހަކަށް ހުރި ހަމަ އެކަނި މީހަކީ ރަޒީނާ އެވެ. ރަޒީނާ އަޝްރަފާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކޮށްފައި ވީނަމަވެސް އަޝްރަފް ރަޒީނާ ދެކެ ލޯބިވާނެ އެވެ. 

އޮފީހުގައި އިރު ކޮޅެއް ވީއިރު ނިހާއަށް އާދަޔާ ޚިލާފް ކަމެއް އިޙުސާސް ކުރެވުނެވެ. އެއީ އޭނާ ރަށު އޮފީހަށް ނުނިކުންނަތާ ގިނަ ދުވަސް ވެގެން ވީ ގޮތެއް ނޫނެވެ. އޮފީހުގައި އަދިވެސް ތިބީ ހަމަ އޭނާއާ އެކުގައި ކުރީންވެސް މަސައްކަތް ކުރި ކުދީންނެވެ. އޭރުގެވެސް ގާތް އެކުވެރީންނެވެ. އެހެން ނަމަވެސް ނިހާއަށް ސިއްރުން، ދުރު ގައި ވާހަކަ ތަކެއް ދެކެވޭހެން ނިހާއަށް ހީވި އެވެ. ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށްޓަކައި ނިހާގެ ދަށުން މަސައްކަތް ކުރާ ޝާޒްލީއާ ނިހާ ސުވާލު ކުރި އެވެ. ޝާޒްލީ ވަރަށް ޖެހިލުންވެ ހުރެ ބުނީ އޮފީސް ތެރޭގައި އަޝްރަފާ ބެހޭ ގޮތުން ޒާތެއްގެ ވާހަކައެއް ދެކެވޭ ކަމަށެވެ. އަޝްރަފް މާލޭގަ ހުރެފަ އަންނަމުން ދެއަންބަށް މީހަކާ އިނދެގެން ގެނެސްގެން އުޅޭވާހަކަ އޮފީސް ތެރޭގައި ދެކެވެމުން ދާކަން އެނގުމުން ނިހާ ޙައިރާން ވިއެވެ. އެއީ ކާކު ހަދައިގެން އުޅޭ ވާހަކައެއްތޯ އެހުމުން އެ ވާހަކަ އަކީ މިއަދު ހެދުނު ރަޒީނާ އަޝްރަފާ ދިމާއަށް ގޮވަނިކޮށް އޮފީހުގަ އުޅޭ ސޮފިއްޔާ އަޑު އެހި ވާހަކައެއް ކަމަށް ޝާޒްލީ ބުންޏެވެ. ނިހާ އައީ ހިންޏެވެ. ބޯހަމަ ނުޖެހޭ މީހަކު ކޮންމެ ވާހަކައެއްވެސް ދައްކަފާނެ ކަމަށް ނިހާ ބުނުމުންވެސް ޝާޒްލީ ގެ މޫނު މަތީން ފެނިގެން ދިއައީ ސިރިއަސް ކަމެވެ.

" ރަޒީނާ ދައްކާ ވާހަކަ މިރަށު އެންމެން ވެސް މިހާރު ގަބޫލު ކުރާނެ!"
ޝާޒްލީ ބުންޏެވެ. 
"އެއީ؟"
ނިހާވެސް ސީރިއަސް ވެލި އެވެ.
" ދުވަސް ގަނޑެއް ފަހުން އޭނަ އެނބުރި މިރަށަށް އައިއިރު އޭނަ އެހެރީ ޖިންނި މޮޔަވެފަ.... އޭނައަށް ވަރަށް ގިނަ އެއްޗެހި އެނގޭނެ... ރަށު މީހުން އެއްޗެއް އޮޅުން ފިލުވަން ވިއަސް، އެއްޗެއް ގެއްލުނަސް މިހާރު އޭނަ ކައިރީ އަހާނީ.... ވަރަށް ތެދު ތެދަށް ހުރިހާ ވާހަކައެއް އޭނަ ކިޔާދޭ... އެކަން އެންމެނަށް ވެސް އިނގޭ...!"
ޝާޒްލީ އެހެން ބުނުމުން ނިހާ އަނެއްކާވެސް ހިނިގަނޑެއް ޖަހާލި އެވެ. 
" އެކަމަކު ތި ވާހަކައަކީ ތެދެއް ނޫން....!"
ނިހާގެ ވާހަކަ ޝާޒްލީ ގަބޫލު ކުރި އެވެ. ނިހާ ވެސް އެއައީ މާލޭން ނެވެ. އަޝްރަފް އެވަރުގެ ކަމެއް ކުރި ނަމަ ނިހާއަށް އޮންނާނީ އެނގިފަ އެވެ. ނިހާ އަކީ ދޮގު ހަދާ މީހެއް ނޫނެވެ. 

ޝާޒްލީ ދިއުމުން ނިހާ އެވާހަކައާ ދޭތެރޭގައި ވިސްނާލި އެވެ. ޝާޒްލީ އެ ގަބޫލު ކުރި ގޮތަށް މިހާރު ރަށުގެ ގިނަ ބަޔަކު ރަޒީނާގެ ވާހަކަ ތައް ގަބޫލު ކުރާކަމަށް ވަންޏާ އަޝްރަފޭ ކިއައިގެން ރަޒީނާ އެދެއްކި ވާހަކަ ރަށުތެރެއަށް ފެތުރި، އެވާހަކަތައް ގަބޫލު ކުރާ މީހުން ގިނަވެދާނެ އެވެ. އެވާހަކަ އެ ގޮތަށް ގަބޫލު ކުރެވިދާނެ ސަބަބެއްވެސް އެބައޮތެވެ. ފަރީޝާއާ ގުޅުމެއް ނެތިސް ފަރީޝާއާ އޭނާގެ ދަރިފުޅު ގެނެސް އެގޭގައި ބަހައްޓައިގެން ނިހާމެން އެ އުޅޭ ގޮތަށް ގާތްކޮށް އުޅެފާނެ ކަމަށް ގަބޫލު ކުރާނީ ކާކު ހެއްޔެވެ! ނުބައި އަޑެއް ފެތުރި އަޝްރަފްގެ ނަން ކިލަނބު ވުމުގެ ކުރީގައި ފިރިމީހާ އެކަމުން ސަލާމަތް ކުރަން ނިހާ ބޭނުންވި އެވެ. 

ނިހާ ހުރީ ރަނގަޅު ވަގުތަކަށް ވިސްނައި ގެންނެވެ. އަޝްރަފާ ނިހާގެ އިތުރުން ފަރީޝާއާ އާޒިމް ވެސް ތިބީ ކާށެވެ. ނިހާ މެންނާއި އެކުގައި އާޒިމް ކެއުމުގައި ބައިވެރިވާ ވަގުތު ތަކަކީ އާންމުކޮށް ފޯރިގަދަ މަޖާ ވަގުތުތަކެއް ކަމުގައި ވިއަސް ފަރީޝާ ބައިވެރިވާ މަޖިލިސް ތަކުގައި މާގިނަ ވާހަކަ ތަކެއް، މަޝްވަރާ ތަކެއް ނޯވެ އެވެ. ގިނަ ވަގުތު ހޭދަވެގެން ދަނީ ހަމަހިމޭން ކަމުގަ އެވެ. އެހެން އެވަނީ އާޒިމްގެ ސަބަބުންނެވެ. ފަރީޝާ އިނިއްޔާ އާޒިމް އިންނަނީ މާ ބޮޑަށް އަބުއި ވެފަ އެވެ. ނިހާއާ އާޒިމް ދަތުރު މަތީގައި ދެއްކި ވާހަކައަށް ފަހު އާޒިމްގެ ފަރާތުން އެކަން ނިހާއަށް މާ ބޮޑަށް ފާހަގަ ކުރެވެ އެވެ. 

" ރަޒީނާއާ ބައްދަލު ވެއްޖެތަ؟"
ނިހާ އާޒިމާ ސުވާލު ކުރި އެވެ. އާޒިމަށް ބަލައިލެވުނީ ފަރީޝާ އަށެވެ. އޭނާ ހިސާބަކަށް ލަދުގަތެވެ. ރަޒީނާގެ ނަން އިވުނަސް މިހާރު އާޒިމް ލަދު ގަނެއެވެ. އެހެން ނަމަވެސް އެކަން ފަރީޝާއަށް އިނގެންވާނެކަން ނިހާއެކޭ އެއް ގޮތަށް އާޒިމްވެސް ގަބޫލު ކުރި އެވެ.
" ހުމް... އަނެއްކާ އެބައުޅޭދޯ!"
އާޒިމް އާދައިގެ ގޮތަކަށް ބުންޏެވެ.
" ކިހިނެތްވެފަ އޭނައަށް ހުރީ؟"
މިފަހަރު ނިހާ ސުވާލު ކޮށްލީ އަޝްރަފާ އެވެ. ރަޒީނާގެ ވާހަކަ ދެއްކީމައި ބޮޑަށް ބިރުން އިނީ އަޝްރަފެވެ. 
" ނޭގެ... މިރޭ ދާނަން އެގެއަށް... އޭރުން ރަނގަޅަށް އިނގޭނީ!"
އަޝްރަފް ބޭނުންވީ މިވަގުތު އެވާހަކަ އެހާހިސާބުން ނިންމާލާށެވެ.

" ރަށު މީހުންނަށް އޭނަ ވަރަށް އުނދަގޫ ކުރެއޯ.... އަހަންނަށް ވަރަށް އުނދަގޫ ކޮށްލާނެ ކަންނޭގެދޯ!" 
އެއީ އާޒިމް ކަންބޮޑު ވެފައިވާ ކަމަކަށް ވާތީ އެވާހަކަ ބުނެލި އެވެ. 
" އޭގެ ކުރީން އާޒިމް ކުރަން ރަނގަޅު ކަމެއް ބުނަން...!"
ނިހާ ހިނިތުން ވުމަކާއި އެކު ވާހަކަ ފެށި އެވެ.
" މީ އަހަރެން ވަރަށް ވިސްނާފަ ބުނާ އެއްޗެއް...!"
އެހެން ބުނަމުން ނިހާ ފަރީޝާއާ ދިމާއަށް ބަލާލި އެވެ.
" އާޒިމާ ފަރީޝާ ކައިވެނި ކުރަން ވީނުން؟"

ފަރީޝާ އަނގައާ ދިމާއަށް އުފުލާލި އަތް އެހިސާބުގައި ހުއްޓާލެވުނެވެ. އޭނާ އަށް އާޒިމާ ދިމާއަށް ބަލައިލެވުނީ ޙައިރާންކަމާއި އެކުގަ އެވެ. އެވަގުތު އަޝްރަފް ކޮށި އެރިއަޑު އިވުނެވެ. 

ފަރީޝާއަށް އަޝްރަފާ ދިމާއަށް ބަލައިލެވުނެވެ. އަވަސް އަވަހަށް އަޝްރަފް ކައިރީގައި ހުރި ފެންތަށިން ފެންފޮދެއް ބޯލި އެވެ. އެވަރުންވެސް ރަނގަޅުވާ ގޮތެއް ނުވި އެވެ. ކޮށިއެރީ މާ ބޮޑަށެވެ. ވީ ގޮތް އާޒިމަށްވެސް އެނގުނެވެ. ނޭގެނީ ނިހާ އަށެވެ.

" ކިހިނެތްވީ؟"
ނިހާ ދެފަހަރަކު އަޝްރަފްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލި އެވެ. އަޝްރަފްގެ ލޮލުން ފެންވެސް އަތުވެއްޖެ އެވެ. އާޒިމް ނޭގޭ ކަމަށް ހަދާލަމުން ދުރު ބަލާލި ނަމަވެސް އެހިތުގައި ވަނީ ރުޅިވެރި ކަމެވެ. އަދިވެސް އަޝްރަފް ކަންބޮޑުވާން ޖެހޭ ހެއްޔެވެ! އަޝްރަފް ދުވަހަކު ވެސް އެކަން އާޒިމަށް ކާމިޔާބު ވިޔަ ނުދޭނެހެން އާޒިމަށް ހީވި އެވެ. އިރުކޮޅެއްގެ ފަހުން އަޝްރަފް އަނެއްކާވެސް ހަމަ ޖެހިލި އެވެ. އަޝްރަފަށް ހިސާބަކަށް އުނދަގޫވެސް ވިއެވެ. އޭނާއަށް އެ ވީގޮތް އާޒިމާ ފަރީޝާ އަށް އިނގޭނެ ކަން ޔަގީނެވެ. އަނެއްކާވެސް ގޮނޑީގައި ހަމަ ޖެހިލަމުން ނިހާ ކުރީން ދެއްކި ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރި އެވެ.

" އެކަމާ ބެހޭ ގޮތުން ކީކޭ އާޒިމް ބުނަނީ؟"
ކުރީން އާޒިމާ އެއްވެސް ވާހައެއް ދެއްކިފައި ނުވާ ފަދަ ގޮތަކަށް ނިހާ އަހާލި އެވެ. އާޒިމް ބަލާލީ ފަރީޝާ އަށެވެ. އޭރު ފަރީޝާ އިނީ އާޒިމްގެ މޫނަށް ބަލާށެވެ. އާޒިމް ދޭނެ ޖަވާބަކަށް ބަލާށެވެ.
" ތެދެއް ފަރީޝާ!... ކޮބާ ޖަވާބަކީ!"
ނިހާ ފަރީޝާއާ ސުވާލު ކުރި އެވެ. 
" އަދި....އަހަރެން މީހަކާ އިންނާކަށް ނުވޭ....!"
ފަރީޝާ ބުނީ އެހެން ނެވެ. އޭނާ އަށް ބުނެވޭނީވެސް އެހެންނެވެ. އޭނާގެ އިއްދައިގެ ދުވަސްތައް ހަމަ ވާންވެސް އަދި ދުވަސް ކޮޅެއް އެބަ އޮތެވެ.

" ނޫނޭ... ތިހިން އުޅެން ހަދައިގެން މާ ބޮޑަށް ލަސްވެދާނެ... އާޒިމް ވެސް އަބަދަކު ހުސްހަށި ބަޔަކަށް ނުހުންނާނެ... މިރަށުގެ އަންހެން ކުދީން ވަރަށް ހިތްކިޔާ މީހެއް މި އާޒިމަކީ... ދޯ އަޝްރަފް!"
ހިނިގަނޑަކާއި އެކު ނިހާ އެހެން ބުނުމުން އަޝްރަފަށް ވެސް ހިނިތުންވެލަން މަޖުބޫރު ވިއެވެ.
ނިހާ އަނެއްކާވެސް ސީރިއަސް ވެލި އެވެ. އޭނާ ބޭނުން ވަނީ އެވާހަކަ ކޮންމެސް އެއް ގޮތަކަށް މިރޭ ނިންމާށެވެ.

" އާޒިމަކީ ވެސް ވަރަށް ހިތި ތަޖުރިބާ ތަކެއް ކޮށްފަ ހުރި މީހެއް... އަހަރެންނަށް ހަމަ ޔަގީން ތި ދެމީހުންނަށް އެކީގަ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން...! އަހަންނަށް ފެނުނު ގޮތުގަ... އާޒިމަށް ވުރެ ބޮޑަށް ފަރީޝާ އިނގޭނެ މީހަކުވެސް މިހާރު ނުހުންނާނެ... ފަރީޝާއަށް އާޒިމަށް ވުރެ ހެޔޮ އެހެން މީހަކު ވެސް ނުހުންނާނެ...!"
ނިހާ އެބުނި އެއްޗެއް ފަރީޝާ ގަބޫލު ކުރި އެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. އެކަމާ އެންމެ އުނދަގޫވީ އަޝްރަފަށެވެ. އާޒިމް ހަމަ އެކައްޗެއްވެސް ނުބުނެ ފަރީޝާގެ ޖަވާބަކަށް އިންތިޒާރު ކުރަން އިނީ އެވެ.

" ތީ ތެދެއް...! "
ފަރީޝާ ޖެހިލުމެއް ނެތި ބުނެލި އެވެ.
" އަހަރެން ބަލިވެ، އެންމެ ހާލުގަ ޖެހުނު ދުވަހު އަހަންނަށް އެހީވެދިން ހަމަ އެކަނި މީހަކީ އާޒިމް! އަހަރެން ދުނިޔޭގަ ހުރިކަން ދަންނަ ދެވަނަ މީހަކު ނޫޅެ!"
ފަރީޝާއަށް އަޝްރަފާ ދިމާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ލިބުނެވެ.
" އަހަރެން އެކަން ފަރީޝާއަށް ކޮށްދިނީ ބަދަލުގަ އެއްވެސް އެއްޗެއް ބޭނުން ވެގެން ނޫން އިނގޭ...!"
އާޒިމްވެސް އެ ފުރުސަތުގެ ބޭނުން ހިފާލި އެވެ. އޭނާ ފަރީޝާއާ ހަތަރުކަޅި ހަމަ ކޮށްލި އެވެ. އެވަގުތު އާޒިމްގެ ދެ ލޮލުން ފަރީޝާއަށް ލޯބީގެ އަސަރުތައް ފެނިގެން ދިއަ އެވެ. 

" އެއީ އަހަރެން އެހެން މީހަކަށްޓަކާ ކޮށްދިން ކަމެއްވެސް ނޫން އިނގޭ....! ފަރީޝާއަށްޓަކައި އަހަރެންގެ ހިތުގަ އޮތް ޤަދަރެއްގެ ބޮޑުކަމުން!"
ފަރީޝާގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ އާޒިމް އެވާހަކަ ދެއްކި އިރު، ކާ ކަމަށް ހަދައިގެން އިސް ޖަހައިގެން އިން އަޝްރަފަށް އަމާޒުވި އެ ބަސްތައް އަޝްރަފްގެ ހިތަށް ވިހަ ތީރެއް ހެން ހެރިގެން ދިޔަ އެވެ. މިހާތަނަށް ފަރީޝާއަށް ވިސްނިފައި އޮންނާނީ އާޒިމްގެ އެ އެހީތެރި ކަމަކީ އަޝްރަފް ގެ ފަރާތުން ލިބުނު އެއްޗެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މުހިންމު ދަޑިވަޅު ބަލާފައި އާޒިމް އޭގެ ފައިދާ ނަގާލާ ގޮތް ދެކި ބަލާށެވެ!

" ތިކަން އަހަންނަށް އިނގޭ!"
މާޒީ ހަނދާން ވުމުން ލޮލުގެ ތެރެއަށް ގިނަވެގެން ދިޔަ ކަރުނަ ތިކިތައް ކޮންޓުރޯލް ކުރަން މަސައްކަތް ކުރަމުން ފަރީޝާ އާޒިމާ ދިމާއަށް ހިނިތުން ވެލަން މަސައްކަތް ކުރި އެވެ. 
" އެ ދުވަސްތައް އަހަރެން އަބަދުވެސް ހަނދާން ހުންނާނެ...!"
ފަރީޝާ އާޒިމާ ވާހަކަ ދެއްކި އެވެ. ފަރީޝާއާ އާޒިމްގެ އެ ޑްރާމާގެ ސަބަބުން އަޝްރަފަށް ވަރަށް އުނދަގޫވި އެވެ. ނުސީދާކޮށް އޭނާއަށް އަމާޒު ވަމުން ދިއަ ބަސްތައް އަޑު އަހާކަށް އޭނާ ބޭނުމެއް ނެތެވެ. އަދި އެ ދެ މީހުން އެކަކު އަނެކަކަށް ތައުރީފް ކުރާ އަޑުއަހަން އެތަނުގައި އިންނާކަށް ވެސް އަޝްރަފް ބޭނުމެއް ނުވި އެވެ. އޭނާ އަވަސް އަވަހަށް ކާލައިގެން ނުކުތީ ބޭރަށެވެ.

ފަރީޝާއާ އާޒިމް ސީދާ ސީދަލަށް އެއްބަސް ނުވިނަމަވެސް ދެމީހުންވެސް އެކަކު އަނެކަކުގެ އެހީތެރި ކަން ބަލައިގެންފައި ވާވަރު ނިހާއަށް އެނގުނެވެ. އެހެން ކަމުން ކައިވެނީގެ ކަންތައް ކުރިއަށް ގެންދަން ނިހާ ނިންމި އެވެ.

ނިހާ ކޮޓަރިއަށް ދިޔައިރު އަޝްރަފް ނިއްކުރި މަތީގައި އަތް ބާއްވާ ލައިގެން އޮތީ ބޮޑު ފިކުރަކަށް ގެއްލިފަ އެވެ. " ތި ވިސްނަނީ ދެންމެ އަހަރެން ދެއްކި ވާހަކައާ ދޭތެރޭދޯ!"
ނިހާ އެހެން ބުނުމުން އަޝްރަފް ސިހުނެވެ. އޭނާ ތުންފަތް މައްޗަށް ހިނިތުން ވުމެއް ގެންނަން މަސައްކަތް ކުރި އެވެ.
"ނޫނޭ... އެއްޗެއް ނުވިސްނަން...!"
ކައިރީގައި އޮށޯވެލި ނިހާގެ ގަޔަށް ފައި އެއްލަމުން އަޝްރަފް އާދައިގެ ގޮތަކަށް ބުނެލި އެވެ.

" އެއީ އެންމެ ރަނގަޅު ގޮތް... އެހެން ނޫނީ ދުވަސް ކޮޅަކުން އެހެން މީހަކާ ފަރީޝާ އިންނަން އުޅެފާނެ... އޭރުން ބޭބީ އަހަރުމެންނާ މުޅީން ދުރަށް ގެންގޮސްދާނެ... މިހާރުވެސް މިރަށު ފިރިހެނުންތައް އެތިބެނީ ފަރީޝާ ފެނިއްޖެއްޔާ ކަޅި ޖަހާނުލާ...!"
ނިހާ ގެ ދުލުން ފަރީޝާގެ ރީތިކަމަށް ތައުރީފް ކޮށްލާ އަޑު އިވުނީމައި އަޝްރަފަށް އެވާ އުނދަގުލެއް ބުނެދެންވެސް ނޭގެ އެވެ. ނިހާގެ މަޢުޞޫމް ކަމާއި ދޭތެރޭގައި އަޝްރަފްވެސް ހަމްދަރުދީ ވެއެވެ. ނިހާ ދެއްކި ވާހަކައަށް މާ ބޮޑު ސަމާލު ކަމެއް ނުދޭ ކަމަށް ހަދައިގެން އަޝްރަފް ޖަވާބެއް ނުދީ އަޑުއަހަން އޮތީ އެވެ. ނިހާ ބޭނުން ވަނީ ވީހާވެސް އަވަހަކަށް ފަރީޝާގެ ކައިވެނި ކޮށްދީ ނިންމާށެވެ. ނިހާ ބޭނުން ވެއްޖެ ކޮންމެ ކަމެއް ކޮށްފައި ނޫނީ ނިހާ ނޭވާއެއް ނުލާނެ އެވެ. އެއީ ޔަގީން ކަމެކެވެ. އެހެން ނަމަވެސް އަޝްރަފްގެ ހިތުގައި މިހާރު ވަނީ އާޒިމްގެ މައްޗަށް ހަސަދަވެރިކަން ބޮޑުވެފަ އެވެ. ރަށުގެ އެހެން ކޮންމެ މީހަކާއި ފަރީޝާގެ ކައިވެނި ކުރެވުނަސް އާޒިމާ ފަރީޝާ ކައިވެނި ކުރާކަށް އަޝްރަފް ބޭނުމެއް ނޫނެވެ. އެކަން ވާން ޖެހޭނީ އެގޮތަށެވެ.

ރޭގަނޑުގެ ދަން ގަޑިއެކެވެ. ފަރީޝާއަށް ހޭލެވުނީ ދޮރުގައި މީހަކު ހިފާލި އަޑަށެވެ. ބަލާލި ވަގުތު އަޝްރަފް އެ ކޮޓަރީގެ ތެރެއަށް ވަންތަން ފެނިގެން ފަރީޝާ ތެދުވެ އިށީދެލި އެވެ. ފަރީޝާގެ ހިތް ބާރަށް ތެޅެން ފަށައިފި އެވެ. އެގަޑީގައި އެކަހެރި ގޮތަކަށް އަޝްރަފާ ބައްދަލު ވުމުގެ ފުރުސަތު ލިބުމުން ނެވެ. އަމިއްލަ ނަފްސާ ދޭތެރޭގައި އަދިވެސް މާބޮޑު އިތުބާރެއް ނެތެވެ. ހަމަ ކޮންމެ ވަގުތެއްގައިވެސް އިޚުތިއާރުން ބޭރު ވެދާނެ އެވެ. އޭގެ އިތުރުން ނިހާއަށް ޝައްކެއް ވެދާނެތީވެސް ބިރުގަނެ އެވެ. އަޝްރަފް އެތެރެއަށް ވަދެ ދޮރު ތަޅުލި ތަން ފެނުމުން ފަރީޝާއަށް އެނދުން ތެދުވެވުނެވެ. އޭނާ ޙައިރާން ކަމާއި އެކު އަޝްރަފަށް ބަލަން ހުއްޓައި އެއްވެސް ޖެހިލުމެއް ނެތި އަޝްރަފް އައިސް އެނދުގައި އިށީދެލި އެވެ. ދެން އަޝްރަފް އެނދުން ތަންކޮޅެއް ދައްކަމުން ކައިރީގައި އިށީނުމަށް ފަރީޝާއަށް އިޝާރާތް ކުރި އެވެ. ފަރީޝާ ހުރީ ގުޑިލަން ވެސް ނުކެރިފަ އެވެ. އެއީ އަޝްރަފް މީގެ ކުރީން ދުވަހަކު ވެސް ކަންކޮށްފައިވާ ގޮތެއް ނޫނެވެ.

" ބިރު ނުގަނޭ.... ގޭގަ ނެތް އެކަކުވެސް.... ނިހާވެސްވީ އޮފީހުގަ.... އަންނާނީ ފަތިހު...!"
އަޝްރަފް ބުންޏެވެ. އެހެން ވިއަސް އަޝްރަފާ އެހާ ގާތުގައި، އެނދުގައި އިށީންނާކަށް ފަރީޝާ އަކަށް ނުކެރުނެވެ. އޭނާ އެނދު ކައިރީގައި ހުރި ގޮޑީގައި އިށީނެވެ. އަޝްރަފްގެ ކުރިމަތީގައި ކަހަލަ ގޮތަކަށެވެ. ވާހަކައެއް ދެއްކިއްޔާ މަޑުން ދެއްކިއަސް އަޑު އިވޭ ހިސާބުގަ އެވެ. ފަރީޝާގެ އެ ކެތްތެރިކަން ފެނިފައި އަނެއްކާވެސް އަޝްރަފްގެ ހިތް އާޒިމާ ދޭތެރޭގައި ހަސަދަވެރި ވާން ފަށައިފި އެވެ. މިހާތަނަށް އަބަދުވެސް ފަރީޝާ މަސައްކަތް ކޮށްފައި ވަނީ އަޝްރަފާ ގާތް ވެލެވޭނެ މަގެއް ހޯދާށެވެ. އެހެން ނަމަވެސް މިރޭ ފަރީޝާ އެފުރުސަތުގެ ބޭނުން ނުހިފީ އާޒިމަށްޓަކައި ބާއެވެ! 

އެއްފައި މައްޗަށް އަނެއްފައި އެއްލައިގެން ދުރު ބަލަން އިން ފަރީޝާގެ އަންހެން ވަންތަ ހަށިގަޑަށް ފަރުވާތެރި ކަމާއި އެކު އަޝްރަފް ބަލާލި އެވެ. ނިހާއަށް ވެސް ފާހަގަ ކުރެވުނުހެން ފަރީޝާގެ އެ ރީތި ކަމަކީ ކޮންމެ ފިރިހެނެއްގެވެސް ދަހިވެތި ބެލުންތައް އެރީތި ކަމުގެ މައްޗަށް ލަންބުވާލާ ފަދަ ރީތި ކަމެކެވެ. ހުދު ކުލައިގެ ތުނި ޓީޝަރޓް ކޮޅެއްގައި އިން އިރު ފަނޑު އަލި ކަމުގެ ތެރޭންވެސް އެ ހަށިގަނޑުގެ ފުރިހަމަ ވަނާ ތައް ހާމަވާން ހުއްޓެވެ. ފަރީޝާގެ ޒުވާން ކަމުން ފުރިފައިވާ އެ ރީތިކަން އަޝްރަފްގެ ހިއްސުތަކުގައި ކަރަންޓުގެ ރާޅުބާނީތައް އިތުރު ކުރުވަމުން ދިއައެވެ. ފަރީޝާގެ ބޮލުގެ އިސްތަށި ގަނޑުން ފެށިގެން ވަކި ވަކިން ފަހަރަކު ދިމާއަކަށް އަޝްރަފަށް ނަޒަރު ހިންގާލެވުނެވެ. ބަލާލި ކޮންމެ ހިސާބަކުން ވެސް ފެންނަމުން ދިއައީ ތާޒާ ކަމެވެ. އަޝްރަފަށް އެންމެ ގާތުން ފެނުނު އެ ރެއަށް ވުރެވެސް ފަރީޝާގެ އަންހެން ވަންތަކަން ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އޭގެ ފޮނި މީރުކަން ވެސް ހަމަ އެ ދަރަޖައަށް އިތުރު ވެފައި ވާނެކަން ކަށަވަރެވެ. އެވަގުތު އަނެއްކާވެސް އަޝްރަފްގެ ހަސަދަވެރި ހިތުގެ އަލިފާން ގަނޑު ރޯވެގެން ދިއަ އެވެ.

" ފަރީޝާއަށް އިނގޭތަ... ފަރީޝާ ތީނީ އަހަރެންގެ އިއްދައިގަ ކަން!"
އަޝްރަފް ކަކުލުގައި އޮޅޮބޮށި ޖައްސާލަމުން ފަރީޝާ އާ ދިމާއަށް ކުޑަކޮށް ގުދުވެލި އެވެ.
" ހުނ...! އަދި ކުޑަ ދުވަސް ކޮޅެއް ވަންދެން!"
ފަރީޝާ މަޑުމަޑުން ބުންޏެވެ. އަޝްރަފް ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ. ފަރީޝާ ހީވީ އެކަމުން ސަލާމަތް ވާން ދުވަސް ގުނަގުނާ އިންހެނެވެ. 
" މީހަކާ އިންނަން ވަރަށް ބޭނުން ވެގެން ދޯ ތިއުޅެނީ!"
އަޝްރަފް ފަރީޝާއާ ދިމާއަށް ލޯ ވައްކޮށްލަމުން އަހާލި އެވެ. އަޝްރަފްގެ އެ ހަސަދަވެރި ކަން ފެނުމުން ފަރީޝާގެ ހިތް ހިނިތުން ވެލި އެވެ. އޭނާ އެއްޗެކޭ ނުބުނެ މަޑުކޮށްލައިގެން އިނީ އަޝްރަފް އިތުރަށް ތަޅުވާލުމުގެ ނިޔަތުގަ އެވެ. 

" މަށަށް ހެޔޮ ކޮންމެ މީހަކާ އިނަސް... އާޒިމާ ނީންނަނިކޮށް...!"
ފަރީޝާ ޖަވާބެއް ނުދިނީމައި އަޝްރަފް ބުނެލި އެވެ. ދެން ވެސް ފަރީޝާ ޖަވާބެއް ނުދެއެވެ. އެހެން ނަމަވެސް އެވަގުތު އޭނާގެ ހިތުގައި އަޒުމެއް ކަޑައެޅުނެވެ. ލޯބި ނުވިއަސް ދެން އޭނާ އާޒިމް ނޫން މީހަކާ ނީންނާނެ އެވެ. ބޭނުން ވަނީ އުމުރު ދުވަހުވެސް އަޝްރަފް އެ ހަސަދައިގެ އަލިފާން ގަނޑުގައި އަނދައަނދާ އޮންނާށެވެ. ފަރީޝާގެ ކުރިމަތީގައި އެހެން އަންހެނަކާ އެކު އަޝްރަފް އެ ހޭދަ ކުރާ ވަގުތު ތަކުގައި ފަރީޝާއަށް ކުރެވޭ އިޙުސާސް އަޝްރަފަށް ވެސް ކުރެވެން ވާނެ އެވެ. 

އަޝްރަފްގެ އެއްވެސް ވާހަކަ އަކަށް ފަރީޝާ ޖަވާބެއް ނުދިނުމުން އަޝްރަފު ލަދު ގަންނަ ގޮތްވެސް ވިއެވެ. އޭނާ އެ ގަޑީގައި އެ ކޮޓަރިއަށް އައީ ހަމަ އެކަނި ފަރީޝާއާ ވާހަކަ ދައްކާލާކަށް ނޫނެވެ. ފަރީޝާ ފެންނަ ހިސާބުގައި މާގިނައިން އުޅެން ޖެހުމުން ފަހަކަށް އައިސް އަޝްރަފްގެ ހިތުގައި ވަނީ އެހެން އިޙުސާސް ތަކެއް އާވާން ފަށާފަ އެވެ. ފަރީޝާ އިނީ އަދިވެސް އޭނާގެ އިއްދައިގައި ކަމުން އަޝްރަފްގެ ބަސްނާހާ ހިތް ކުޑަ މިންވަރަކަށް އުފާ ކޮށްލަ ދިނުމަކީ މައްސަލައެއް ނޫން ކަމަށް ހިތް ބުނަމުން ދާތާ ދުވަސް ކޮޅެއް ވެއްޖެ އެވެ. އާޒިމާ ފަރީޝާ ގުޅޭ ވާހަކަ އަޑު އިވުނީއްސުރެ ފަރީޝާއާ ގާތްވެލާ ހިތުން ހިތް އޮބި ނޯވެގެން އެންމެ ފަހުން ނިހާ ނޫޅޭ ވަގުތެއްގެ ބޭނުން ހިފާލެވެން އުޅުނީ އެވެ. އެހެން ނަމަވެސް ފަރީޝާ އެއަށް ވުރެ ހުޝިޔާރެވެ. އޭނާ އަޝްރަފް ގާތުގައި އިށީންދެލަން ވެސް ބޭނުމެއް ނުވި އެވެ. އަދި އަޝްރަފްގެ ވާހަކަ ތަކަށް ޖަވާބު ނުދިނުމުން ވާހަކަވެސް ކުރިއަށް ދާ ގޮތެއް ނުވި އެވެ. އެހެން ކަމުން ބުނަން ބޭނުން އެއްޗެއް ބުނެފައި އަޝްރަފް ނުކުމެގެން ދިއައީ އެވެ. 

ޖެހިގެން އައީ ދުވަސް ކޮޅުގައި ނިހާއާ އާޒިމް ގިނަ ގިނައިން ބައްދަލުކޮށް ކައިވެނީ ގެ ކަންތައް ރާވަމުން ދިއަ ކަން އަޝްރަފަށް އެނގެއެވެ. އެކަމާ ބެހޭ ގޮތުން އޮޅުން ފިލުވަން ބޭނުން ނަމަވެސް އަޝްރަފަކަށް މާ ބޮޑު މައުލޫމާތެއް ލިބޭ ގޮތެއް ނުވެއެވެ. އަޝްރަފް ގަބޫލު ކޮށްގެން ހުރީ އަޝްރަފް ބުނީތީވެސް އެންމެ ފަހު ދަޑިވަޅުގައި ފަރީޝާ އެކައިވެންޏާ ނުގަބޫލު ވާނެ ކަމަށެވެ. 

އަޝްރަފް ކޮޓަރީގައި ހުރެފައި ބޭރަށް ނުކުތް އިރު އާޒިމާ ފަރީޝާ ތިބީ ކޮންމެވެސް ބޮޑު ވާހަކަ އެއްގަ އެވެ. އަޝްރަފް ހަމަ ފެނުމާއި އެކު ދެމީހުން ވާހަކަ ދެއްކުން ހުއްޓާލިތަން ފެނުނެވެ. އަޝްރަފް އިނގޭ ކަމަށް ވެސް ނުހަދާ ނުކުތީ ބޭރަށެވެ. ފަރީޝާ ހީވަނީ އަޝްރަފް ތަޅުވަން އުޅޭ ހެންނެވެ. އެވަގުތު އަޝްރަފް ގޮތެއް ނިންމި އެވެ. ފަރީޝާ އާޒިމާ ކައިވެނި ކޮށްފިނަމަ އަޝްރަފް ދަރިފުޅު އަތުލާނެ އެވެ.

އަޝްރަފް ގޮސް އޮފީހަށް ވަންތަނާ ފޯނެއް ވެގެން ބަލާލި އިރު އެއީ އާޒިމެވެ. އަޝްރަފް ފޯނު ނުނަގަން ވެސް ހިތަށް އެރި އެވެ. ފަރީޝާއާ އާޒިމްގެ ކައިވެނީގެ ވާހަކަ އަޑު އަހާކަށް އަޝްރަފް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އާޒިމް ބުނާ އެއްޗެއް އަޑުއަހާ ނުލާ ވެސް ކެތެއް ނުވި އެވެ. ފޯނު ނެގުމުން އާޒިމް ބުނީ މުޅީން އެހެން ވާހަކަ އެކެވެ. 
(ނުނިމޭ)

ކޮމެންޓް 0