(26 ނޮވެމްބަރގެ އަދަދާ ގުޅޭ)
އާޒިމް އެދައްކާ ވާހަކަ އަޝްރަފްގެ ބޮލުގެ ތެރޭގައި އެގޮތް މިގޮތަށް އެނބުރިގަތެވެ. އެދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއް ނޭގޭއިރު އެދަރިފުޅު އަޝްރަފްގެ ބޮލުގައި އަޅުވަން ފަރީޝާ މަސައްކަތް ކުރީ ކީއްވެ ހެއްޔެވެ!
އެ ސުވާލުގެ ޖަވާބު ވެސް އަޝްރަފަށް ހަމަ އެވަގުތު ލިބިއްޖެ އެވެ.
"ފަރީޝާ ހީކުރީ އިޝާއަކީ އަޝްރަފްގެ ދަރިއެއް ކަމަށް! އެހެން ވީމަ އެވާހަކަ އިތުރަށް ފަރީޝާ ނުދައްކާ އެހެރީ....! މީގަ ފަރީޝާގެ ކުށެއް ނެތް!"
އާޒިމް އިސް ޖަހާލަމުން ދުރަށް ހިނގައި ގަތެވެ. އަޝްރަފަށް މޫނު ދައްކާލަން ވެސް މިހާރު އޭނާ އެހެރީ ލަދުންނެވެ. އެ ހުރިހާ ވާހަކައެއް އަޑު އިވިފައި ކުރެވުނު އިޙުސާސެއްގެ ވަރުގަދަ ކަމުން އަޝްރަފަށް ހިމޭނުން ހުރެވުނީ އެވެ. އެވަރުގެ ނުބައި ކަމެއް އަޝްރަފަށް ކުރަން ކެރިދާނެ ކަމަށް ފަރީޝާ ޤަބޫލު ކުރީ ހެއްޔެވެ! އާޒިމް އެދެއްކީ މީހެއްގެ ސިކުޑިއަށް ބަލައި ގަނެވޭ ވަރަށް ވުރެ ބޮޑު ވާހަކަ އެކެވެ. އަޝްރަފަށް އަނގައިން ބުނެވޭ ވަރުވީ އިރު ގަނޑެއްގެ ހަމަ ހިމޭން ކަމަށް ފަހު ގައެވެ.
" ތި ހުރިހާ ކަމެއް މި ހުރިހާ ދުވަހު ސިއްރު ކުރީ ކީއްވެ؟ ކީއްވެ އަދިކިރިޔާ އެވާހަކަ ތި ދައްކަނީ؟"
އަޝްރަފް އަދިވެސް އާޒިމް އެދައްކާ ވާހަކަ ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. ފަހަރެއްގައި އެއީ އާޒިމް ދަރިފުޅު ގޮވައިގެން އެތަނުން ދާން ވެގެން ދައްކާ ބަހަނާ އަކަށް ވެސް ވެދާނެ އެވެ.
" އަހަންނަށް ވެސް އެނގުނީ ދެދުވަހެއްގެ ކުރީން.... އެރޭ އަހަރެން ހުރީ ހަމަ ހެއަކު ނޫން.... އެރެއަށް ފަހު އެކަންތައް ހަނދާން ނެތިފަ ހުރީ.... ފަރީޝާ އަޝްރަފޭ ކިޔާފަ އެވާހަކަ ކިޔައި ދެމުން އަހަރެންގެ އެއްކަލަ ނޫކުލައިގެ ބޮޑު ގޮޅި ޖެހި ގަމީސް ދެއްކީމަ ހަނދާންވީ.... އޭގެ ޖީބު ދަމައިގަތީ އެރޭ ފަރީޝާ...!"
މިހާރު އެވާހަކަ އަޝްރަފަށް ހަމަ ރަނގަޅަށް ވެސް ޤަބޫލު ކުރެވިއްޖެ އެވެ. އަޝްރަފަށް އެ ގަމީސް ލިބުނު އިރު އެ ގަމީހުގެ ޖީބު ވަނީ ނައްޓާލާފަ އެވެ. ވީދިފައި ވާ ތަނަށް ފަތި ޖެހީވެސް އަޝްރަފެވެ.
އަޝްރަފް މަޑުމަޑުން ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އާޒިމް ދެކެ ކިތަންމެ ރުޅިއައިސްފައި ހުއްޓަސް ކުއްލި އަކަށް ނުކުމެގެންދާހާ ހިތްވަރެއް މިވަގުތަކު ނެތެވެ. އަޝްރަފް އިސްޖަހާލައިގެން ނިއްކުރީގައި ހިފަހައްޓާލައިގެން އިނެވެ. ފެށުނީއްސުރެ އަޝްރަފް ބޭނުން ވެގެން އުޅުނީ ފަރީޝާއާ ދުރަށް ދެވޭނެ މަގެއް ހޯދާށެވެ. ފަރީޝާއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާށެވެ. މިހާރު އެއޮތީ އެތަން އައިސްފަ އެވެ. ފަރީޝާއާ އޭނާއާ ދޭތެރޭގައި އެއްވެސް ގާތްކަމެއް އޮންނަން ޖެހޭނެ ސަބަބެއް ދެން މިހާރަކު ނެތެވެ. އެހެން ނަމަވެސް މިއަދު އަޝްރަފް ވަނީ ހިތް ފަޅައިގެން ދާ ވަރަށް ހިތް ދަތިވެފަ އެވެ. ފަރީޝާ އޭނާގެ އަތުން ގެއްލިގެން ދިއުމަކުން އޭނާގެ މައްސަލައެއް ނެތެވެ. ހިތް ދަތި ވަނީ އެހާ ލޯބިވި އެދަރިފުޅަކީ އޭނާގެ ދަރިއަކަށް ނުވީތީ އެވެ. ދުވަހަކުވެސް ދަރިއެއް ލިބުމުގެ އުއްމީދެއް ވެސް ނެތިފައި ވަނިކޮށް އެލިބުނު ދަރިފުޅު އޭނާއަށް ގެއްލުނީ ތީއެވެ. އަދި އެކަމުގައި ޙަޤީޤަތެއް ނެތް އުފާވެރި އިޙުސާސް ތަކެއް ކުރެވި އޭނާގެ އަމިއްލަ އިޙުސާސް ތަކަށް ގައްދާރު ވެވުނީތީ އެވެ. އެހުރިހާ ކަމެއްގެ ސަބަބަކީ އާޒިމެވެ! އަޝްރަފް އިސް އުފުލާ އާޒިމަށް ބަލާލި އެވެ. މާތް ސިފައެއްގައި ހުރެ ހުރިހާ ނުބައި ކަމެއް ކުރި މީހަކީ އާޒިމެވެ. އެވަރުގެ ނުލަފާ މީހަކަށް ދުވަހަކުވެސް އުފަލުގައި އުޅެވިގެން ނުވާނެ އެވެ. އެހާ ނުބައި ކަމެއް ކޮށްފައިވެސް ނޭގޭ ކަމަށް ހަދައިގެން ހުރެ ފަރީޝާއާ އެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެހެން އޭނާއަށް ހީވަނީ ހެއްޔެވެ! ހަމަ ހިލާ އެހެން ވިއަކަ ނުދޭނެ އެވެ. އަޝްރަފް ހިތްވަރު ގަދަކުރަމުން ތެދުވެ ހިނގައި ގަތެވެ. ދެން އޭނާއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވޭނީ އޭނާ އަނދަމުން އެދާ އަލިފާން ގަޑުގެ ތެރެއަށް އާޒިމް އެއްލާލެވުނު ދުވަހަކުންނެވެ.
އަޝްރަފް ބާރަށް ހިނގާފައި އައިސް ގެއަށް ވަންއިރު ފަރީޝާއެއް ނެތެވެ. ފަރީޝާ އޭނާގެ ގެއަށް ހިނގައްޖެ އެވެ. އެހެން ވިއަސް ވަރިހަމަ އެވެ. ކޮންމެވެސް ގޮތަކުން ފަރީޝާ އަށް އެވާހަކަ އަންގާފައި ނޫނީ އަޝްރަފް ހުއްޓައެއް ނުލާނެ އެވެ. އާޒިމް އެވާހަކަ އަޝްރަފަށް ކިޔާދިނަސް ފަރީޝާ އަކަށް ކިޔައެއް ނުދޭނެ އެވެ. އަދި އެވާހަކަ އަޝްރަފް ފަރީޝާއަށް ކިޔާދޭނެ ފުރުސަތެއް ވެސް ނުދޭނެ އެވެ. އެކަން އަޝްރަފަށް އިނގެ އެވެ. އެކަމަކު އަޝްރަފް އެހެންވިޔަކަ ނުދޭނެ އެވެ.
ދެން އައި ދެދުވަހުވެސް ފަރީޝާއާ ވާހަކަ ދައްކާލެވޭ ގޮތެއް ނުވި އެވެ. ފަރީޝާ ގެއަށް އަތުވެއްޖެއްޔާ ނިހާ ނޫނީ އާޒިމް ފަރީޝާ ގާތުގައި ހުރެ އެވެ. ފަރީޝާ ފުރަން އުޅޭތީ ނިހާ ބަލަނީ ވީހާ ވެސް ގިނަ ވަގުތެއް ބޭބީއާ އެކުގައި އުޅެވޭ ތޯއެވެ. ނިހާ ކިތަންމެ ހިތުގައި ޖެހުނަސް މިހާރު ނިހާ އެއްވެސް ޝަކުވާއެއް ނުކުރެ އެވެ. ޝަކުވާ ކޮށްގެން ވާނެ އިތުރު ފައިދާއެއް ނޯންނާނެ ކަން އިނގެ އެވެ. އެ ދަރިފުޅާ ވަކި ނުވާން ކުރެވެން އޮތްހާ މަސައްކަތެއް ނިހާ ކޮށްފި އެވެ. ކުރެވޭނެ އިތުރު ކަމެއް ދެން ނެތެވެ. ހަމަ އެކަނި އޮތް ކަމަކީ މާތް ﷲ އަށް ޝުކުރު ކުރުމެވެ. ދުވާއަކީ އެކަލާނގެ އޭނާއަށް ކެތްތެރިކަން ދެއްވުމެވެ. އެކަނިވާ ކޮންމެ ވަގުތަކީ ނިހާ ކަރުނައަޅާ ރޯ ވަގުތެކެވެ. އެހެން ނަމަވެސް ދެން އެކަން އިތުރު މީހަކަށް އަންގާކަށް ވެސް ނިހާ ބޭނުމެއް ނޫނެވެ.
ފަރީޝާއާ ވާހަކަ ދައްކަން މަސައްކަތް ކޮށްކޮށް އެކަން ނުވުމުން އަޝްރަފް ނިންމީ އާޒިމްމެންގެ ގެއަށް ދާށެވެ. އާޒިމް ގޭގައި އުޅުނަސް މިހާރު ބޭނުން ވަނީ އެވާހަކަ ދައްކާށެވެ. ފަޅާ އަރުވާލާށެވެ. ފަރީޝާ އުޅޭ ގޮތުން އަދިވެސް ޙަޤީޤަތް ފަރީޝާއަށް ނޭގޭކަން އަޝްރަފަށް ޔަގީނެވެ. އާޒިމްގެ ގެއަށް ގޮސް އާޒިމްގެ ވާހަކަ ދެއްކުމަކީ މާރީތި ކަމެއް ވެސް ނޫނެވެ. އެހެން ނަމަވެސް ދެން އެނޫން ގޮތެއް ނެތެވެ.
އަނެއް ދުވަހު ގެ ހެދުނު ނިހާ އޮފީހަށް ލާފައި އަޝްރަފް ދިއައީ އާޒިމްގެ ގެއަށެވެ. ކިތަންމެ ބާރަކަށް މޭތެޅުނަސް މިއަދު އޭނާ އެކަން ކުރާނެ އެވެ. ގޭތެރެއަށް ވަން އިރު މީހަކު ފެންނާކަށް ނެތެވެ. ދެފަހަރަކު ސަލާމް ގޮވާލި ފަހުން ނުކުތީ އާޒިމްގެ މަންމަ އެވެ. ދިން ޚަބަރަކުން ލިބުނީ ސިހުމެކެވެ. އެދުވަހުގެ ފަތިހު ފުރި ލޯންޗުން އެދެމަފިރީން މާލެ ދިޔައީ އެވެ.
އާޒިމަކީ އަޝްރަފް ހީކުރި ވަރަށް ވުރެ ބޯ ރަނގަޅު މީހެކެވެ. ދަމުން އަންގާ ވެސް ނުލާ ފުރައިގެން ދިޔައީ އެވެ.
ނިހާ އޮފީހުން ގެއަށް އައީ އެހެން ދުވަސްދުވަހަށް ވުރެ އަވަހަށެވެ. މާ ބޮޑަށް ބޮލުގައި ރިއްސަނީ އެވެ. ގެއަށް އައީ ބޭބީ ގެނެސްގެން އުފާވެރި ވަގުތު ކޮޅެއް އުޅެލާ ބޯ ހަމަ ޖައްސާލުމުގެ ނިޔަތުގައެވެ. ގެއަށް އައި އިރު ސިޓިންގް ރޫމްގައި އަޝްރަފް އިންގޮތުން ކޮންމެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ނިހާ ސުވާލު ނުކުރަނިސް އަޝްރަފް ޖަވާބު ދިނެވެ.
"އިޝާ ގޮވައިގެން އެމީހުން ފުރައިފި!"
ނިހާއަށް ވެސް ލިބުނީ ސިހުމެކެވެ. އެހާ ބީރައްޓެހިކޮށް އޭނާއާ ދޭތެރޭ ކަންތައް ކޮށްފާނެއެކޭ އޭނާގެ ހިތަށް ވެސް ނާރަ އެވެ. އެންމެ ފަހު ފަހަރަށް ދަރިފުޅު ގައިގައި ބައްދާލާނެ ފުރުސަތެއް ނުދިންތާގައި ދަމުން ދަނީއޭ ބުނެލި ނަމަވެސް ރަނގަޅެވެ. ނިހާ މަޑުމަޑުން އައިސް ސޯފާގެ ގޮނޑިއަށް ވެއްޓިގަތެވެ. ކުރި އަސަރެއްގެ ބޮޑު ކަމުން އޭނާގެ ގައިގެ ވަރު އެކީ ދޫވެއްޖެ އެވެ. އަނގައިން ނުބުނެ އިނދެ އެތައް އިރެއް ވަންދެން އޭނާ ރުޔެވެ. އަޝްރަފް ނިހާއަށް ވިސްނަދޭން މަސައްކަތް ކުރި އެވެ.
"ދެން ނުރޮއި.... އެމީހެއްގެ ދަރިއަކަށް ހަދާނެ ގޮތެއް އިނގޭނީ އެމީހަކަށް!"
މިހާރު އެހެން ބުނެލަން އަޝްރަފަށް ތަންކޮޅެއް ފަސޭހަ އެވެ. އެއީ އޭނާގެ ދަރިއެއް ނޫންކަން މިހާރު އޭނާވެސް ޤަބޫލު ކުރެއެވެ.
އަޝްރަފްގެ އަތުގައި ނުޖެހި ފަރީޝާ ގޮވައިގެން އެރަށުން ފުރުނީތީ އާޒިމް ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އަޝްރަފަށް އެވާހަކަ ކިޔާދެވުނީއްސުރެ އާޒިމް ހުރީ ބިރުންނެވެ. އަޝްރަފްގެ ފުށުން އެވާހަކަ ފަރީޝާއަށް އިނގޭކަށް އާޒިމް ބޭނުމެއް ނޫނެވެ. ރަނގަޅު ވަގުތަކުން އާޒިމް ފަރީޝާއަށް އެވާހަކަ ކިޔާދޭނެ އެވެ. އޭގެ ކުރީގައި އާޒިމް އެކަމަށް ރަނގަޅަށް ތައްޔާރު ވާން ބޭނުމެވެ.
މަޑުމަޑުން ދުވަސްތައް މާޒީއާ އެކުވަމުން ދިއަ އެވެ. ކޮންމެ ދުވަހަކީ އަޝްރަފަށާއި ނިހާއަށް އުނދަގޫ ދުވަހަކަށް ވަމުން ދިޔައިރު ދުވަސް ވަމުން ދިޔަ ވަރަކަށް އާޒިމަށް ހިތްހަމަ ޖެހުން ލިބެމުން ދިޔައެވެ. އަޝްރަފާ ދުރަށް އާދެވުނު ފަހުން ފަރީޝާއާ އާޒިމްގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުންނެވެ. ފަހަކަށް އައިސް އާޒިމް ދަރިފުޅާ ދޭތެރޭގައި އެބަހައްޓާ ގާތް ކަމަކީ އާޒިމްގެ ފަރާތުން ކުރީން ފަރީޝާ އަށް ފެނިފައިވާ ވަރަށް ވުރެވެސް ގާތް ކަމެކެވެ. އެކަމަށް ޓަކައި ފަރީޝާގެ ހިތުގައި އާޒިމްގެ މައްޗަށް ލޯބި އިތުރު ވަމުން ދިޔައެވެ. ދޮން ބައްޕަ އެއްގެ މަޤާމުގައި ހުރެވެސް އާޒިމް އެދަރިފުޅު ދެކެ ލޯބި ވަނީ އިންތިހާ އަށެވެ. އާޒިމާ ކައިވެނި ކުރުން އެއީ ފަރީޝާއަށް ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމުގައި ފަރީޝާ ޤަބޫލު ކުރި އެވެ.
ތަނަވަސް ރަނގަޅު އެޕާރޓްމެންޓެއްގައި ހަމަ ޖެހިލައިގެން ދިރިއުޅެވެން ފެށުމުން އާޒިމް ހުރީ އިންތިހާ އަށް އުފާވެފަ އެވެ. ލުޗާނޯ ވެސް މާލެ އައިސް، ބޮޑު ވިޔަފާރިއެއްގެ ވާހަކަތައް ހިއްސާކޮށް މަސައްކަތް ފަށައިގަނެވޭ ގޮތް ވުމުން މާޒީގެ ހިތި ދުވަސްތައް ހަނދާނުން ފޮހެލުން އެއީ އެންމެ މޮޅު ގޮތް ކަމުގައި އާޒިމަށް ވެސް ޤަބޫލު ކުރެވެން ފަށައިފި އެވެ. އެވާހަކަތައް އަލުން ދައްކައިގެން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ވިސްނި، އެކަމާ ދޭތެރޭގައި ނުވިސްނުމަށް ނިންމީ އެވެ. އަޝްރަފްގެ ހިޔަނި ވެސް ދެން އެމީހުންގެ ދިރިއުޅުމަކަށް ނޭޅޭނެ އެވެ. އެހެން ކަމުން ކަމެއް ފަޅާ އަރާފާނެތީ ބިރު ގަންނާކަށް ނުޖެހެ އެވެ. މާލެ އައުމަށް ފަހު ކުރީން ގެންގުޅުނު ސިމް ވެސް ބަދަލު ކޮށްލީ ސަބަބެއް ނެތިއެއް ނޫނެވެ.
އާޒިމް އުޅޭ ތަނެއް ހޯދަން އަޝްރަފް މަސައްކަތް ކުރާތާ ދެ މަސް ދުވަސް ފަހުން ރަށު މީހެއްގެ ފަރާތުން އާޒިމް އުޅޭ އެޑްރެސް އެނގިއްޖެ އެވެ. ދެ މަސް ވެގެން ދިޔަ އިރުވެސް އަޝްރަފްގެ ހިތުން އެކަން ހިނދު ކޮޅަކަށް ވެސް ފިލައިގެން ނުދެ އެވެ. އޭނާގެ ބޮލުގައި އެޅިފައި އެވާ ތުހުމަތުން ސަލާމަތް ވުމުގެ އިތުރުން އާޒިމްގެ ނުބައި ކަމުގެ ބަދަލު ހިފަން ވެސް އޭނާ ބޭނުންވި އެވެ. އަޝްރަފްގެ އެންމެ ގާތް އެކުވެރި އަކަށް ހުރެ އަޝްރަފްގެ ކަރަށް ފައިން އެރުމަށް ފަހު އާޒިމަށް އުފަލުގައި އުޅެވިގެން ނުވާނެ އެވެ. އެއީ އަޝްރަފް ޤަބޫލު ކުރާ ގޮތެވެ.
ނިހާ ގެއަށް އައިއިރު އަޝްރަފް އުޅެނީ ފާޚާނާގަ އެވެ. އިރުކޮޅެއް ފަހުން އަޝްރަފް ފާޚާނާއިން ނުކުތް އިރު އޭނާ މޭމަތީގައި ޖައްސާލައިގެން ހުރި ކުޑަ ރުމާގައި ލޭ ހުރިތަން ފެނުނެވެ.
"އަނެއްކާ ހަލާކުވީ؟"
ނިހާ ހިސާބަކަށް ހާސްވެފައި އަހާލި އެވެ.
އަޝްރަފް އައިސް ގޮނޑީގައި އިށީނުމުން ނިހާ އަވަސް ވެ ގަތީ އެތަނަށް އަވަސް ފަރުވާއެއް ދޭށެވެ. އެތަނަކީ މަދުން ނަމަވެސް ހަލާކު ވާ ތަނެކެވެ. މޭމަތީގައި ފުއްޕާފައި އިންނަ ލަކުނެކެވެ. ކަހާލެވޭ އިރަށް އެތަނުން ލޭ އަންނަ ގޮތް ވެ އެވެ.
ނިހާ އޭނާ ގެންގުޅޭ ފަރސްޓް އެއިޑް ފޮށި ހިފައިގެން އައިސް އަޝްރަފް ގާތުގައި އިށީންދެ އެތަން ސާފް ކުރަން ފަށައިފި އެވެ.
" ދެން މިތަނަށް ގޮތެއް ހަދަން ވީނުން....ޑޮކްޓަރ ވެސް ބުނެފި އެއްނުން މޭމަތީގަ ތަނެއް މިގޮތަށް އަބަދު ހަލާކު ވުން ރަނގަޅެއް ނޫނޭ!"
ނިހާ ގެ ވާހަކައިގެ މިސްރާބު އެދަނީ އަޝްރަފް ބޭނުން ދިމާއަށެވެ.
" މިތަން އިނީމަ ރަނގަޅޭ.... އޭރުން ދޮންމަންމަ މަތީން އަބަދުވެސް ހަނދާންވާނެ.... ހަނދާންވާ ކޮންމެ ފަހަރަކު އަހަރެން އޭނައަށް ހެޔޮ ދުޢާ ކުރަން!"
އަޝްރަފް އެހެން ބުނުމުން ނިހާ އަޝްރަފަށް ބަލާލަމުން ލޯތްބާއި އެކު ހިނިތުން ވެލި އެވެ. ފިރިމީހާގެ ލޯބިކަމުން އޭނާ އުފާވި އެވެ. އެތަނަކީ އަޝްރަފް ކުޑައިރު ދޮންމަންމަ ތޫނު އެއްޗަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެވެ. އެކަން އިނގެނީ ހަމަ އެކަނި ނިހާ އަށެވެ. އަޝްރަފް އެވާހަކަ އެއްވެސް މީހެއް ގާތުގައި ނުބުނެ އެވެ. އެވަރުގެ ކަމެއް ވީއިރު ބައްޕައަށް ވެސް އަންގާ ނުލަ އެވެ.
" އެކަމަކު މިހެން ގޮސް މާބޮޑަށް މިލަކުނު ބޮޑުވީމަ މަށަށް ހަޑިވާނެ އިނގޭ...!"
ފުއްޕާފައިވާ ލަކުނުގައި މަލަން ކޮޅެއް އަޅާލަމުން ނިހާ ބުންޏެވެ.
" އެހެންތަ...އެހެން ވިއްޔާ ޖެހޭނީ ގޮތެއް ހަދަން.... އެކަމަކު މޭމަތި ވީމަ ނުކެރޭނެ މިރަށުން މިތަނާ ކުޅެން އުޅޭކަށް! "
އަޝްރަފް ނިހާ ބުނާ އެއްޗެއް އަޑުއެހުމަށް ޝައުގުވެރި ވެފައި އިނދެ ބުންޏެވެ.
" ދެން އަވަހަށް މާލެ ދާން މަށަށް ފެންނަނީ... ކުދި ކުދި ކަންތައް ބޮޑުވަނީ އަޅާ ނުލެވިގެން....!"
އަޝްރަފްގެ މޫނު މަތީން އުފާވެރިކަން ފާޅުވެގެން ދިޔަ އެވެ. އޭނާ ކޮންމެވެސް ގޮތެއް ހަދައިގެން މާލެ ދެވޭނެ ގޮތެއް ރޭވީ އެވެ.
ޖެހިގެން އައި ހަފްތާގައި އަޝްރަފް ފުރައިގެން މާލެ އައެވެ. އަޝްރަފް ޤަބޫލު ކުރާ ގޮތުގައި އޭނާ ކުރަން އެއުޅޭ ކަމަކީ ކޮންމެހެން އޭނާ ކުރަން ޖެހޭ ކަމެކެވެ.
ހެންވޭރު ބޮލިގޭގެ ކައިރިއަށް ޓެކްސީ މަޑުކޮށްލުމުން އަޝްރަފް ފޭބި އެވެ. އެއީ ވަރަށް ފުރިހަމައަށް ހަދާފައިވާ އުސް އިމާރާތެކެވެ. އެތަނުން އެޕާރޓްމެންޓެއް ކުއްޔަށް ލިބޭނީވެސް ރަނގަޅު އަގަކަށެވެ. އެވަގުތު އަޝްރަފްގެ ހިތުގައި ހަސަދައިގެ އަލިފާންގަނޑު އަނދައި ގަތެވެ. އިމާރާތަށް ވަންނަން ހުރި ދޮރުގައި ހުރީ ޑިޖިޓަލް ތަޅެއް ހަރުކޮށްފަ އެވެ. ހީވާ ގޮތުން ހަމަ ޖެހިފައި ވަނީ ފުލޯ ނަންބަރަށް ފިތާލީމައި އެ ފޮލޯ އަކުން ދޮރު ހުޅުވާދޭ ގޮތަށެވެ. ސެކިއުރިޓީ އެހާ ވަރުގަދަ އެވެ. ގޭގައި ދިރި އުޅޭ މީހުންގެ ހުއްދަ ނެތި ގެއަށް ވަދެވޭނެ ގޮތެއް ނެތެވެ. އާޒިމްމެންގެ އެޕާރޓްމެންޓަކީ ހަވަނަ ބުރި އެވެ. ބޭރުގައި ހުރި ބޯޑުގައި މިސްޓަރ އެންޑް މިސިސް އަހުމަދު އާޒިމް ޖަހާފައި އޭގެ ކައިރީގައި ލޭންޑް ފޯނު ނަންބަރެއް ޖަހާފައި އިނެވެ. އަޝްރަފް އެ ނަންބަރު ނޯޓް ކޮށްގެން އަވަހަށް އެތަނުން ދާން ހިނގައި ގަތީއެވެ. އެތަނުގައި ހުއްޓާ އާޒިމަށް އާދެވިދާނެ އެވެ. އެވަރުގެ ގެއެއްގައި ކެމެރާ ހަރު ކޮށްފައިވެސް ހުންނާނެ އެވެ. އޭގެން ކެމެރާ އަކަށް އަރާފާނެތީ ވެސް ބިރުގަތެވެ.
އަޝްރަފް މަގުގެ ކަންމައްޗަށް ނުކުމެފައި އެ ނަންބަރަށް ގުޅާލި އެވެ.
ގޭގެ ފޯނު ރިންގު ވާން ފެށުމުން ފަރީޝާ ބަލާލި އެވެ. އެއީ ދަންނަ ނަންބަރެކެވެ. އެއީ އަޝްރަފްގެ ނަންބަރެވެ. ހިތަށް ހީވީ ފެން އެއްޗެއް އަޅާލި ހެންނެވެ. ބިރުވެސް ގަތެވެ. މާލެ އައުމަށް ފަހު އާޒިމް ފަރީޝާގެ މޮބައިލް ނަންބަރު ބަދަލު ކުރީވެސް އަޝްރަފް ގުޅާފާނެތީ ކަން ފަރީޝާއަށް އެނގެއެވެ. އަދި މާލޭގައި ދިރިއުޅޭ ތަނެއް މީހެއްގެ ކައިރީގައި ވެސް ނުބުނަން އާޒިމް މަސައްކަތް ކުރާކަން ފަރީޝާއަށް އެނގެ އެވެ. އެހެން ނަމަވެސް މިއަދު އަޝްރަފް އެގެއަށް ގުޅަން ފެށުމުން ފޯނު ނުނަގާ ހުންނަން ފަރީޝާއަށް ދަތިވި އެވެ. ހަމަ އެކަނި އެއަޑު އަހާލާ ހިތަކުން ނޫނެވެ. ހަމަ އެކަނި އޭނާގެ ހާލު ބަލާލާ ހިތަކުން ވެސް ނޫނެވެ. ވާޖިބު އަދާ ކުރުމުގެ ގޮތުންނެވެ. އަޝްރަފް އޭނާއާ ދުރުކުރަން އާޒިމް ބޭނުން ނަމަވެސް އަޝްރަފަކީ އެނާގެ ދަރިފުޅުގެ ބައްޕަކަން އާޒިމްވެސް ދަންނަން ވާނެ އެވެ. ދަރިފުޅާ ބައްޕައާ މުޅީން ވަކި ކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެން ހިތަށް ވިސްނަދެމުން ފަރީޝާ ފޯނުގެ އަތްގަނޑު އުފުލާލި އެވެ.
" ހަލޯ!"
އަޝްރަފް ބިރުންހުރެ ބުނެލި އެވެ. އޭނާ ހުރީ އާޒިމް ފޯނު ނަގައިފިއްޔާ ދައްކާނެ ވާހަކައެއްވެސް ވިސްނައި ގެންނެވެ.
އަޝްރަފްގެ އަޑު ޖެހުމާއި އެކު ފަރީޝާގެ ހަށިގަނޑަށް ވީ ގޮތުން ފަރީޝާ ކަންބޮޑު ވިއެވެ. ކިތަންމެ ނޫން ކަމަށް ހެދިއަސް އަދިވެސް އެ ހިތުގައި ރަސްކަން ކުރަމުން ދަނީ އަޝްރަފްގެ ލޯތްބެވެ.
" ހަލޯ!"
ނުތަނަވަސް ކަމުން ފުރިފައިވާ ފަރީޝާގެ އަޑު ކަންފަތުގައި ޖެހުނު ހިނދު އަޝްރަފަށް ވެސް ގޮތެއް ވި އެވެ. އެއީ ލޯބި ނޫނަސް އާދަޔާ ޚިލާފް އަސަރެކެވެ.
" ފަރީޝާ!"
އަޝްރަފް ފަރީޝާއަށް ގޮވާލި އެވެ. އެއާއިއެކު އައީ ހިމޭން ވަގުތު ކޮޅެކެވެ. ބަހެއް ނުބުނި ނަމަވެސް އެވަގުތު ކޮޅުގެ ތެރޭގައި ދެމީހުންނަށް ވެސް ހިތާހިތުން މުއާމަލާތް ކުރެވުނެވެ. އެ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި އަވަސް ގޮތަކަށް މާޒީގެ ސޮފްހާތައް ގުނިގެން ދިޔަ އެވެ. އެވަގުތު އަޝްރަފްގެ ހިތަށް ވެރިވެގެން ދިޔައީ އެ މާޒީގައި ވާ ކިލަނބު ކަން ބޮޑު ހާދިސާ އެވެ. ކުށެއްނެތި އަޝްރަފްގެ ބޮލުގައި އެޅިފައިވާ އެ ނުބައި ކަމެވެ.
" އަހަރެން ފަރީޝާއާ ބައްދަލު ކޮށްލަން ބޭނުން....އެކަނި....! ވަރަށް ބޮޑު ކަމަކު!"
އަޝްރަފް ބުނެލި އެވެ. ފަރީޝާ ބިރުގަތެވެ. ފަރީޝާ ހީކުރީ އަޝްރަފް ބޭނުން ވާނީ ބޭބީ ދެކިލަން ކަމަށެވެ. އެހެން ނަމަވެސް އަޝްރަފް ބޭނުންވީ ފަރީޝާއާ ބައްދަލު ކޮށްލާށެވެ. އާޒިމާ ނުލަ އެވެ. އެ ވަރުގެ ބޮޑު ކަމެއް އާޒިމަށް ސިއްރުން ކުރަން ވެދާނެ ހެއްޔެވެ! ފަރީޝާ ޖަވާބު ނުދީ މަޑު ކޮށްލި އެވެ. ނޫނެކޭ ބުނާކަށް ވެސް އޭނާގެ ހިތެއް ނުރުހުނެވެ.
" ހަމަ އެންމެ ފަހަރަކު.... ދެން ދުވަހަކު ވެސް ނުބުނާނަން!"
އާދޭސް ކުރާ ފަދަ ރާގެއްގައި އަޝްރަފް ބުންޏެވެ. އަޝްރަފްގެ އަޑު އިވިފައި ފަރީޝާ ދެރަވި އެވެ. އަޝްރަފް އެހާ ނިކަމެތި ކުރާކަށް ފަރީޝާ ބޭނުމެއް ނުވެއެވެ. އަޝްރަފަކީ އޭނާގެ ދަރިފުޅުގެ ބައްޕަ އެވެ.
" ވަރަށް މުހިއްމު ވާހަކައެއް ކިޔައިދެން... ވަރަށް ބޮޑު ކަމަކު... ފަރީޝާއަށް ވެސް ރަނގަޅުވާނެ މިވާހަކަ އަޑު އަހައިފިއްޔާ! ޕްލީސް....އިހަށް އާޒިމް ކައިރީގަ ނުބުނާތި!"
އަޝްރަފް އެވާހަކަ އެ ބުނި ގޮތުން ފަރީޝާގެ ޝައުގުވެރިކަން އިތުރު ވެގެން ދިޔަ އެވެ. އެވާހަކަ އަކީ ވަރަށް ބޮޑު ވާހަކަ އަކަށް ވާނެ އެވެ. އެހެން ނޫންނަމަ އަޝްރަފް މާލެ އައިސް ފަރީޝާ ހޯދައިގެން ނުގުޅީސް އެވެ. އެވާހަކައަކީ އާޒިމާ ގުޅިފައިވާ ވާހަކައެއް ހެން ވެސް ހީވި އެވެ. ފިރިމީހާއަށް ކިތަންމެ އިތުބާރު ކުރިއަސް ފިރިމީހާއާ ގުޅުން ހުރި ވާހަކައެއް ވިއްޔާ ގިނަ ފަހަރަށް އަނބީން އަޑު އަހާލަން ބޭނުންވާނެ އެވެ. އެރޭގެ އިރާކޮޅު އަށެއް ޖަހާއިރު ހެންވޭރު ޕާކާ ދިމާ އަތިރިމަތީން ބައްދަލު ކުރުމަށް އެއްބަސް ވެފައި ފަރީޝާ އަވަސް އަވަހަށް ފޯނު ބޭއްވި އެވެ. ފޯނު ބޭއްވުމަށް ފަހު އަޝްރަފްގެ ނަންބަރުވެސް ފަރީޝާ ހިސްޓްރީން ފޮހެލި އެވެ.
ގަޑިން އަށެއް ޖަހައިފި އެވެ. ރޭގެ ހަމަ ހިމޭން މާހައުލުގައި، ފަނޑު އަލި ކަމުގެ ތެރޭގައި ތޮށިގަނޑުމަތީގައި، ފަރީޝާގެ އިންތިޒާރުގައި އަޝްރަފް އިނެވެ. އިވެމުން ދާ އަޑަކީ ހަމަ އެކަނި ތޮށިގަނޑަށް ބީއްސާލަމުން ދިޔަ ރާޅުގެ މިއުޒިކީ އަޑެވެ. ދުރުން މާ ދުރުން ވެސް މީހަކު ފެންނާކަށް ނެތެވެ. ފަރީޝާއަށް އާދެވުނީ ދިހަ މިނެޓް ފަހުންނެވެ. އާޒިމް ބޭރަށް ދިއައީމައި ގޭގައި ގެންގުޅޭ ބޭރު މީހާއާ ބޭބީ ހަވާލު ކޮށްފައި އާދެވުނު ގަޑި އެވެ.
ދުވަސް ކޮޅަކަށް ފަހު އެފަދަ މާހައުލަކުން އަޝްރަފް ފެނުމުން ފަރީޝާގެ ހިތުގެ ވިންދު ތަކަށްވެސް އެނގުން ވި އެވެ. ޖެހެމުން ދިޔަ ތެތް ފިނި ވައިރޯޅި އާއި އެކުވެގެން އޭނާގެ ހަށިގަނޑުގައި އުފެދުނު އިޙުސާސުތަކުން އަތްފައި ގަނޑު ކޮށްލައި ފި އެވެ. އެ މާހައުލަކީ ދެ ލޯބި ވެރީންނަށް އެންމެ ހިތްގައިމު މާހައުލެވެ. ފަރީޝާ ހިނގާފައި އަންނަތަން ބަލަން އަޝްރަފް އިނެވެ. އެއީ މިދުނިޔެ މަތީން އަޝްރަފަށް ފެނުނު އެންމެ ހިތްގައިމު ސޫރަ އެވެ. ބަލާ ފޫހި ނުވާފަދަ ރީތި ކަމެކެވެ. އެހެނަސް އާޒިމް ވަނީ އެ މާ މުޅީން ފަރިވެ ފައްކާ ނުވަނީސް އެ މަލުގެ ތާޒާކަން ދުއްވާލާފަ އެވެ. އެވެސް ގަދަކަމުންނެވެ. އެފަދަ ނުބައި މީހަކަށް ފަރީޝާގެ ފަރާތުން ދާއިމީ އުފަލެއް ޙައްޤެއް ނޫނެވެ.
ފަރީޝާ އައިސް އަޝްރަފާ ތަންކޮޅެއް ދުރުގައި އިށީނެވެ. އަޝްރަފް އޭނާގެ ނަޒަރު ފަރީޝާއާ ވަކިކޮށްލަމުން ދުރު ބަލާލި އެވެ.
" މާލެ އައިސް އަހަރުމެންނަށް ފިލައިގެން އުޅޭކަން އިނގޭ. އަނެއްކާވެސް އަހަރެން ފަރީޝާ މިހޯދީކީ އެއްގޮތަކަށްވެސް ތި ދިރިއުޅުމަށް ވަންނަން ބޭނުން ވެގެނެއް ނޫން! މިއަދަށް ފަހު އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އަހަރުމެންގެ ހިޔަނި ވެސް ތި ދިރިއުޅުމަކަށް ނޭޅޭނެ!"
އަޝްރަފް ވާހަކަ ފެށި ގޮތުން ފަރީޝާ ވަރަށް ދެރަވި އެވެ. ނިހާއަށް ޚަބަރެއް ނުވެ ފިލައިގެން އުޅުމަކީ އޭނާއަށް ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއީ އާޒިމްގެ ނިންމުމެވެ.
" އަހަރެން މިއުޅެނީ ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް ބުނަން!....އާޒިމަކީ ތި ހީކުރާހާ ރަނގަޅު މީހެއް ނޫން! އާޒިމް އެއުޅެނީ އޭނަގެ ޙަޤީޤަތް ފަރީޝާއަށް ވެސް ސިއްރު ކޮށްގެން!"
އަޝްރަފް އެ ގޮތަށް ވާހަކަ ފެށުމުން ފަރީޝާ ހިތްހަމަ ނުޖެހުނެވެ. އޭނާގެ ފިރިމީހާގެ ވާހަކަ އެގޮތަށް އަޝްރަފް ދައްކާ އަޑު އަހާކަށް އޭނާ ބޭނުމެއް ނޫނެވެ. ކޮންމެސް އެއްޗެކޭ ކިޔައިގެން އެ ދެމަފިރީންގެ ދޭތެރެއަށް ވަންނަން އަޝްރަފް މަސައްކަތް ކުރާހެން ފަރީޝާއަށް ހީވި އެވެ.
" އަހަންނަށް އާޒިމް ރަނގަޅަށް އިނގޭ....އޭނަ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދޭ....އަޝްރަފްހެން އަނބިމީހާއަށް ދޮގު ހަދާ އޮޅުވާލާ މީހެއް ނޫން އިނގޭ އާޒިމަކީ...އާޒިމަށް ކުރީން ކުރެވުނު ހުރިހާ ކަމަކަށް އަހަރެން މިހިރީ މަޢާފް ކޮށްގެން!"
ފަރީޝާ އެހެން ބުނުމުން އަޝްރަފް ފަރީޝާއަށް ބަލާލި އެވެ. ޙައިރާން ކަމާއި އެކުގަ އެވެ. އާޒިމް އެ ޙަޤީޤަތް ފަރީޝާއަށް ކިޔައިދިނީމައިވެސް އާޒިމް ގެ ހުރިހާ ކަމަކަށް ފަރީޝާ މަޢާފް ކުރީ ހެއްޔެވެ؟ އެހެން ވިއްޔާ ދެން އަޝްރަފް އިތުރަށް ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟
" އެހެން ވިއްޔާ ދެން ކީއްވެ ފަރީޝާ އަހަރެންނަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީ؟ ކީއްވެ ފަރީޝާއަށް އެނގުނު ހިސާބުން އަހަރެންނަށް ނޭންގީ!"
އަޝްރަފް ވަރަށް ހިތުގައި ޖެހުނެވެ.
" ކޮންކަމެއް؟"
ފަރީޝާ މާ ބޮޑު ސަމާލު ކަމެއް ނުދީ ދުރު ބަލަން އިނދެ ބުނެލި އެވެ. ފަރީޝާއާ ވާހަކަ ދައްކާ ހިތުން އަޝްރަފް އެދައްކާ ބަހަނާ ތައް ފަރީޝާ އަކަށް އެހާ މުހިއްމެއް ނޫނެވެ. އެންމެ ހިތްހަމަ ނުޖެހުނީ ފުރަތަމަވެސް އާޒިމްގެ ނުބައި ވާހަކަ ފެށީމަ އެވެ.
" އިޝާއަކީ އަހަރެންގެ ދަރިއެއް ނޫންކަން!"
އެއަޑު އިވިފައި ފަރީޝާ އެތެރެއަށް ލާން ހިފާލި ނޭވާވެސް އެހިސާބުގައި ހަރުލި އެވެ. އޭނާ އަޝްރަފަށް ބަލާލީ ޙައިރާން ކަމާއި އެކުގަ އެވެ. ފަރީޝާއާ ގާތްވާންވެގެން ދައްކާނެ ވާހަކައެއް ނޭގުނަސް އެއީ ބޮޑު ވަރެވެ. އެހެން ނަމަވެސް ފަރީޝާއަށް އަޝްރަފްގެ މޫނު މަތީން ފެނުނީ ސީރިއަސް ކަމެވެ.
" އަހަރެންނާ ކައިވެނި ކުރި އިރުވެސް ފަރީޝާ ބަނޑު ބޮޑެއް ނުން...؟ ކީއްވެ އަހަރެންގެ ކައިރީ ނުބުނީ؟"
ސީރިއަސް ކަމާއިއެކު އަޝްރަފް އެހެން ބުނުމުން ފަރީޝާ ރުޅި ގަދަވި އެވެ. އޭނާ އަޝްރަފް ގާތުގައި ކޮންމެހެން އެވާހަކަ ނުބުނުމުން އޮތީ ކޮން މައްސަލައެއް ހެއްޔެވެ!
" އަހަރެން އަޝްރަފާ އިން އިރަކު ނޭގެ އަހަރެން ބަލިވެ އިން ކަމެއް! އެނގުނު ނަމަ ބުނާނަން! އަހަރެންނަކީ އަޝްރަފެއް ނޫނޭ...އޮޅުވާލާކަށް!"
ފަރީޝާ ދެލޯ ވައް ކޮށްގެން އަޝްރަފަށް ބަލަން އިނދެ ރުޅި ގަދަވެފައި ވާހަކަ ދެއްކި އެވެ.
" ފަހުން އެނގުނަސް ކުރީން އެނގުނަސް.... ކޮބާ ތަފާތެއް...! ކައިވެނި ކުރިއަސް ނުކުރިއަސް ދަރިފުޅުގެ ބައްޕަ އަކީ އަޝްރަފް ނޫން މީހަކަށް ނުވާނެ!"
ފަރީޝާ އެހެން ބުނުމުން އަޝްރަފަށް ވިސްނިއްޖެ އެވެ. ފަރީޝާއަށް އާޒިމް އަދިވެސް ކިއައި ނުދެ އެވެ.
" ތީ ދޮގެއް....! ކައިވެނީގެ ކުރީން އަހަރެންނާ ފަރީޝާއާ ދޭތެރޭގަ އެއްވެސް ގުޅުމެއް ނުހިނގާ....ގަދަކަމުން ފަރީޝާއާ ގުޅުން ހިންގި މީހަކީ އަހަންނެއް ނޫން....! އާޒިމް!"
ފަރީޝާ އަށް ހީވީ އޭނާގެ ގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖަހާލެވުނު ހެންނެވެ. ލިބުނު ޝޮކްގައި އޭނާގެ ބޮލަށް ވެސް އެނބުރުން އެރި އެވެ.
(ނުނިމޭ)