(14 އޮކްޓޯބަރގެ އަދަދާ ގުޅޭ)
"އަދިވެސް ވަގުތު އެބައޮތް ފަރީޝާ... ރަށަށް ގޮސް ރީތި ދިރިއުޅުމެއް ފަށަން މަސައްކަތް ކުރޭ... އަހަރެންނަކަށް ވެސް އަބަދަކު މިހިނެއް ނޫޅެވޭނެ... ހިނގާ އަހަރުމެން ދެމީހުންވެސް މިކަމުން ސަލާމަތް ވާނެ ގޮތެއް ރާވަން!"
ފަރީޝާގެ މޫނުމަތީގައި ހީވީ ބާރު އެތިފަހަރެއް ޖެހި ހެންނެވެ. އަޝްރަފް އެ ކިޔަނީ ކީކޭ ހެއްޔެވެ!
ފަރީޝާގެ ކުލަ ހުދުވެފައިވާ މޫނަށް ބަލަން އިން އަޝްރަފު ވާހަކަ ދެއްކީ ވަރުގަދަ އަޒުމަކާއި އެކުގަ އެވެ. މިވަގުތު އޭނާ ވަރަށް ހިތްވަރު ގަދަވެގެން ނޫނީ ގޮތެއް ނުނިންމޭނެ އެވެ.
"ކޮންމެ ގޮތެއް ވިއަސް އަހަރެން ނަކަށް އަބަދަކު މިހިނެއް ނޫޅެވޭނެ... ކޮންމެސް ހިސާބަކުން މިކަމަށް ނިމުމެއް އަންނަން އެބަޖެހޭ.... މީ މިކަމަށް އެންމެ ރަނގަޅު ދަޑިވަޅު ފަރީޝާ...!"
ފަރީޝާ ކަޅި ޖަހާނުލާ ދެ ލޯ ބޮޑުކޮށްގެން އަޝްރަފްގެ މޫނަށް ބަލަން އިނެވެ.
"އަހަރުމެން ދެމީހުންވެސް ، އޮޅިގެން ނަމަވެސް ، މަޖުބޫރު ވެގެން ނަމަވެސް މިސްޓޭކް ތަކެއް ހަދައިފީމު... ދެން މިކަން ކޮންޓިނިއު ކުރަން މަސައްކަތް ކޮށްގެން ދެމީހުންގެ ދިރިއުޅުން އިތުރަށް ހަލާކު ކުރުމަށް ވުރެ ރަނގަޅު ވާނީ ނިންމާލީއާ...! "
އަޝްރަފް ފަރީޝާއަށް އެގޮތް މިގޮތަށް ވިސްނައިދޭން އެއުޅެނީ ކޮން އެއްޗެއް ހެއްޔެވެ!
"ބޭބީ ރަށަށް ގެންގޮސްގެން ފަރީޝާ އަށް ބެލޭނެ އެއްވެސް ގޮތެއް ނެތް... ބޭބީ އަކީ ފަރީޝާ ވެސް ބޭނުންވެގެން ލިބުނު ކުއްޖެއް ނޫން... އޮޅުމެއްގެ ތެރޭގަ ލިބުނީ... އެހެން ވީމަ ފަރީޝާ އަކަށް މާ އުނދަގުލެއް ވެސް ނުވާނެ... ބޭބީ އަހަރުމެންނަށް ދީފަ ފަރީޝާ ރަށަށް ދާން ވީނުން..!"
ފަރީޝާ ހަމަ އެއިން ގޮތަށް ހިރި ވެސް ނުލާ އިނީ އެ ބަސްތަކުން އޭނާއަށް އަސަރެއް ނުކުރާތީއެއް ނޫނެވެ. ކުރެވުނު އިޙުސާސެއްގެ ވަރުގަދަ ކަމުން ހިއްސުތައްވެސް ވަގުތު ކޮޅަކަށް ހިމޭން ވީއެވެ.
"ފުރަތަމަ ކޮޅު އުދަގޫ ވާނެ... އެކަމަކު ފަރީޝާ ދެކެ ލޯބިވާ މީހަކު ލިބުނީމަ... އެހެން ކުދީންތަކެއް ފަރީޝާއަށް ލިބުނީމަ... މަޑުމަޑުން މި ދަރިފުޅު ހަނދާން ނެތިދާނެ...! ނިހާ ވަރަށް ލޯބިން، އަމިއްލަ ދަރިއެއްހެން ބޭބީ ބަލާނެ... ބޭބީ އަށް ވެސް ރަނގަޅު ވާނީ އެގޮތް، ފަރީޝާ....!"
"އޭހް!..."
އަޝްރަފްގެ ޖުމުލަ ނުނިމެނިސް ފަރީޝާ ބާރު ހަޅޭކަކާއި އެކު އަޝްރަފްގެ މޭގައި އަޅާ ދުރަށް ކޮށްޕާލި އެވެ. އަޝްރަފްގެ އެ އަނިޔާވެރި ބަސްތަކުން މޭގައި ރޯވެފައިވާ އަލިފާންގަނޑު ކެކި އުތުރި އަރަމުން ގޮސް ހުޅުފަޅައިގެން ދިއައީ އެވެ. އަޝްރަފް ނުވިސްނާ އިންދާ ފަރީޝާ ކޮށްޕާލިލެއް ބާރުކަމުން އިށީނދެއިން ޕްލާސްޓިކު ގޮނޑި ކަހައިގެން ގޮސް އަޝްރަފް ނުވެއްޓުނީ އެނދުގައި ހިފުނު ކަމުންނެވެ.
ފަރީޝާ މާ ނޭވާލެވިފައި އަޝްރަފާ ދިމާއަށް ބަލަން އިން އިރު އެދެލޮލުން ފާޅުވަމުން ދިއައީ ހިތާމައިގެ އަސަރު އެކަންޏެއް ނޫނެވެ. މޭގައި އަނދަމުން ދިއަ އަލިފާނުގެ ކަނި އެދޮލުން ބުރަބުރާ ހުއްޓެވެ. ދުވަހަކުވެސް ރުޅި އަންނާނެ ކަމަށް ގަބޫލުވެސް ނުކުރެވޭ ފަދަ މަޑުމައިތިރި، ހިތްތިރި ފަރީޝާގެ ފަރާތުން ފެނިގެން ދިއަ އަމަލުން އަޝްރަފަށް ވެސް އަމިއްލަ ކުށް އިޙުސާސް ކުރެވިގެން ދިއައެވެ.
"އަހަރެން ނަށް ހެޔޮ އެކަކުގެ އެހީތެރި ކަމެއް ނުލިބުނަސް... އަހަރެން އަހަރެންގެ ދަރިފުޅު ބަލާނަން!... އަހަރެން އުފުލި ބުރައެއް އުފުލީ އެކަނި މާ އެކަނި... އެއީ އަޝްރަފް ވަކި ބޭނުން ވެގެން ހޯދި ދަރިއެއް ނޫން...!"
ރޮމުން ތުރުތުރު އަޅަމުން ވާހަކަ ދެއްކި ނަމަވެސް ފަރީޝާގެ އަޑެއްވެސް މަޑެއް ނޫނެވެ.
އަޝްރަފް ޙައިރާން ވެފައި ފަރީޝާއަށް ބަލަން އިނެވެ. އެވާހަކަ އެގޮތަށް ދެއްކުނު މޮޔަވެސް މިހާރު އަޝްރަފްގެ ހިތަށް އެބަ އަރައެވެ.
"އަހަންނަކަށް ވުރެ މި ދަރިފުޅަކަށް ހެވެއް ނުވާނެ އެކަކުވެސް... ނިހާއެއްވެސް! އަވަހަށް އަހަރެން ރަށަށް ފޮނުވާލާ... މިތާނގަ ހުންނާކަށް ދެން ބޭނުމެއް ނޫން..!"
އެހެން ބުނެފައި ފަރީޝާ އެނދުގައި އޮށޯވެ އަޝްރަފަށް ފުރަގަސް ދިނެވެ. އޭނާގެ މޭގައި ރިއްސަނީ ކެތް ނުވާ ވަރަށެވެ. އިތުރަށް އެއްޗެއް ބުނާހާ ހިތްވަރެއް މިހާރަކު ނުވެސް ނެތެވެ. އަޝްރަފް އިރުކޮޅަކު އެތަނުގައި އިނދެފައި ތެދުވެގެން ދިއައީ އެވެ.
އަޝްރަފް ކޮޓަރިއަށް ވަން އިރު އަޝްރަފްގެ އިންތިޒާރުގައި ނިހާ އިނެވެ. ނިހާ އިނީ ފަރީޝާގެ ޖަވާބަކަށް އިންތިޒާރު ކޮށްކޮށެވެ. ބޭބީ އެމީހުން ކައިރިއަށް ގެނައުމަކީ ނިހާގެ ޚިޔާލެކެވެ. ނިހާ ގަބޫލު ކުރި ގޮތުގައި އެއީ ބައްޕަ ނެތް ކުއްޖަކަށް ވާއިރު ރަށަށް ގެންގޮސްގެން ބޮޑު ކުރުމަކީ ފަރީޝާ އެންމެ ބޭނުން ގޮތަކަށް ނުވާނެ އެވެ. ނިހާ އަޝްރަފް ފޮނުވީ ފަރީޝާގެ ޚިޔާލެއް ހޯދާށެވެ. އަޝްރަފް އިސް ޖެހިފައި އިނުމުން ނިހާއަށް ވިސްނުނެވެ. އަޝްރަފަށް އެކަން ނުވިއަސް އަދި ނިހާ އެކަން ހުއްޓައެއް ނުލާނެ އެވެ.
ދަރިފުޅު އަޝްރަފާ ހަވާލު ކުރުމަކީ ފަރީޝާއަށް މާ ފަސޭހަ ކަމަކަށް ނުވާނެ ކަން އޭރުވެސް އަޝްރަފަށް އެނގުނެވެ. އެހެން ނަމަވެސް އެ ނޫން ގޮތެއް ނެތް ކަން ފަރީޝާއަށް ވިސްނަ ދެވިދާނެ ކަމަށް އަޝްރަފް ގަބޫލު ކުރީ ފަރީޝާ މިހާތަނަށް ވެސް އަޝްރަފް ބޭނުންވި ކޮންމެ ކަމަކަށް ކިޔަމަންތެރި ކަމާއި އެކު ބޯލަނބާފައި ވާތީ އެވެ. އަދި ނިހާ ބޭނުން ގޮތަކަށް މިހާރު ކަން ކުރެވޭތޯ ބަލައިގެންވެސް ނިހާއަށް ޝައްކު ނުވެ ސަލާމަތްވޭތޯ އަޝްރަފް ބަލަން ބޭނުން ވިއެވެ.
ފަރީޝާ ދަރިފުޅު އޭނާގެ މޭގައި ޖައްސާލައިގެން އޮވެ އެތައް އިރަކު ރުޔެވެ. އޭނާގެ ހަޔާތުގައި އެނޫން އެއްވެސް އުފަލެއް ނެތެވެ. އެ އުފާވެސް އަޝްރަފް ފޭރިގަންނަން މަސައްކަތް ކުރީ އެވެ.
އިރުއެރުމާއި އެކު ފަރީޝާ އާޒިމާ ގުޅޭތޯ ވަރަށް މަސައްކަތް ކުރި އެވެ. އޭނާ ބޭނުން ވަނީ އަވަހަށް ދަރިފުޅު ގޮވައިގެން ރަށަށް ދާށެވެ. މިހާރު އޭނާ މާ ބޮޑަށް ބިރުގަންނަން ފަށައިފި އެވެ.
އާޒިމާ ނުގުޅިގެން އުޅެނިކޮށް ފެނުނީ ނިހާ އައިސް ކޮޓަރިއަށް ވަން ތަނެވެ. ނިހާ އައީ ހެދުނުގެ ސައި ހިފައިގެން ނެވެ. ނިހާ އައުމުން އުނދަގޫ ވި ނަމަވެސް ނިހާއަށް "ކުނި" މޫނެއް ދައްކާކަށް ފަރީޝާ އަކަށް ނުކެރުނެވެ. ނިހާ ފަރީޝާއަށް ސައި ތައްޔާރު ކޮށްދީފައި އަވަހަށް ބެލީ ބޭބީ ގައިގައި އަތް ޖައްސާލެވޭތޯ އެވެ. ބޭބީ އުރާލަމުން ނިހާ އޭނާގެ ގައިގައި ބޭބީ ޖައްސާލީ ލޯބިން ފުރިފައިވާ ގޮތަކަށެވެ. އެވަގުތު ފަރީޝާގެ ހިތް ހަސަދައިން ބަންޑުން ވާން އުޅުނެވެ. ނިހާގެ އެ ފިރުމުން ތަކުގެ ސަބަބުން އަޝްރަފްގެ ދިރިއުޅުމުން ފަރީޝާއަށް ކުޑަ ޖާގައެއް ނުލިބުނު ފަދައިން ދަރިފުޅުވެސް މިލްކް ކޮށްލަ ފާނެ ކަމުގެ ބިރު ފަރީޝާގެ ހިތުގައި ވަނީ ބޮޑުވެފަ އެވެ.
ނިހާ އަނގައިން ރީތި ނާނާއެއް އަޅުވާލައިގެން ފާޑުވެރި ގޮތަކަށް ދަރިފުޅު ރީތި ކޮށްލާތަން ބަލަން އިން ފަރީޝާގެ އަރު ތެރެއިން އެތެރެއަށް ސައިފޮދެއްވެސް ފޮނުވާ ލެވޭ ގޮތެއް ނުވި އެވެ. ފަރީޝާއަށް ތެދުވެވެންދެން އެ ދަރިފުޅު ރީތި ނުކޮށް އޮތަސް ވަރިހަމަ އެވެ. ދެން ނިހާ އެކަން ކުރާކަށް ފަރީޝާ ބޭނުމެއް ނޫނެވެ. އެމަންޒަރު ބަލަން އިން ފަރީޝާގެ މޫނު މައްޗަށް ރޫ ގިނަވެފައި ވީ ނަމަވެސް ނިހާ ބަލާލާ ކޮންމެ ފަހަރަކު އެ މޫނު މައްޗަށް ހިނިތުން ވުމެއްގެ އަސަރު ވެރި ކުރުވަން މަޖުބޫރު ވެއެވެ. ބޭބީ ސާފު ކޮށްލާ ނިމުނު އިރު ބޭބީއަށް އޮތީ ރީތިކޮށް ނިދިފަ އެވެ. ފަރީޝާ ގާތުގައި ބޭބީ ބާއްވާފައި ނިހާ ކޮޓަރިއަށް ގޮސްފައި އައީ ހޫނުފެން ކުރައަކާއި، ފަތް ބޮނޑިއެއް ހިފައިގެން ނެވެ.
"މާލޭން މިކަހަލަ އެއްޗެއް ހޯދަން ވެސް ހާދަ އުނދަގުލޭ... ހިތިފަތް ކޮޅެއް ހޯދަންވެސް އަޝްރަފް ޖެހުނީ ސަހަރާ އަކަށް ވަންނަން!"
ނިހާ އެހެން ބުނަމުން އެތަކެތި ފާޚާނާއަށް ލާފައި ފަރީޝާއަށް ބަލާލި އެވެ.
"އެކަނި ފެންވެރޭނެތަ؟"
އަވަސް އަވަހަށް ފަރީޝާ ބޯ ޖަހާލި އެވެ. ފަރީޝާ ފެންވަރުވަން ނިހާ ވަންނާކަށް ފަރީޝާ ބޭނުމެއް ނޫނެވެ.
"ރަށަށް ދެވެންދެންވެސް މިތަނުން ލިބެންހުރި އެއްޗެއްގެ ބޭނުން ކުރަން ވާނެނު... އަހަރެންގެ ބޮޑުދައިތަ ބުނޭ ހިތި ފަތަކީ ޖަރާސީމް މަރާ، ފާރު ހިއްކާ އެއްޗެކޭ... ފެންވަރާ ނިމިގެން ހިތިފަތް ގަނޑު ހޫނު ކޮށްފަ އޭގެ މަތީގަ އިށީންދޭ އިނގޭ. އިށީންނަ އިރު ނޭވާ އެތެރެއަށް ހިފާނީ... ވިހެއިމަ ލިބިފަ ހުރި ގެއްލުން ކުޑަ ކުރެވެން އޮތް ހުރިހާ ކަމެއް ކުރެވޭތޯ ބަލަން ވާނެ.... ފަރީޝާ މީހަކާ އިންނަން ވާއިރަށް ބަރާބަރަށް ހުންނަން ވާންނުންދޯ!"
ފަރީޝާއަށް އިސް ޖަހާލެވުނެވެ. ނިހާ ދެކެ ކިތަންމެ ހަސަދަ ވެރި ވިއަސް ފަރީޝާގެ ހިތް ނިހާއަށް ޓަކައި ހަމްދަރްދީއިން ފުރިގެން ދާ ވަގުތުވެސް މަދެއް ނޫނެވެ. ފަރީޝާ އަވަހަށް ތެދުވި އެވެ. ނިހާ މާ ގިނަ އަނގަ ތެޅުވުމުގެ ކުރީން ފަރީޝާ ވަނީ ފާޚާނާ އަށެވެ.
ފަރީޝާ ފާޚާނާއިން ނުކުތުމުން ނިހާ ފަރީޝާގެ ކައިރީގައި އިށީދެލި ގޮތުންވެސް ފަރީޝާގެ ހިތް ތެޅިލި އެވެ.
"ފަރީޝާ..! އަހަންނަށް އިނގޭ... ކޮންމެ މަޔަކަށް ވެސް ދަރިފުޅު ވަރަށް މުހިންމު ވާނެކަން...! އެކަމު ފަރީޝާ ވިސްނާލަ ބަލަ... ބަފަޔަކާ ނުލާ ދަރިއަކު ގެންގުޅުމަކީ މި ޒަމާނުގަ އެހާ ފަސޭހަ ކަމެއް ނޫން!"
ނިހާ އެވާހަކަ ފެށީމައި ފަރީޝާ އައީ ރުޅި އެވެ. އެކަން މޫނުމަތީން ނުދައްކަން ފަރީޝާ މަސައްކަތް ކުރަމުން ދިއަ އެވެ. ނިހާ ކޮންމެ އެއްޗެއް ވިސްނައި ދިނަސް ފަރީޝާ ދަރިފުޅު ދޫކޮށެއް ނުލާނެ އެވެ.
"ދަރިއަކު ހުރިއްޔާ، ފަރީޝާއާ އިންނާނެ ރަނގަޅު މީހަކު ހޯދުމަކީ ވެސް ދަތިކަމަކަށް ވާނެ. އަހަރުމެންނަށް ދަރިފުޅު ދީފިއްޔާ ދަރިފުޅަށް ބަފައެއްގެ ލޯބިވެސް ލިބޭނެ... ފަރީޝާ އެދެންތަ، ދަރިފުޅު ބޮޑުވަމުން އަންނަ އިރު ބަފައެއްގެ ލޯބިން ދަރިފުޅު މަޙުރޫމް ކުރަން!"
އޮޅިގެން ނަމަވެސް ނިހާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ފަރީޝާ ގާތުގައި ހުރެގެން އެދަރިފުޅު ބޮޑު ވެއްޖެއްޔާ އަޝްރަފްގެ ލޯތްބެއް އެ ދަރިފުޅަކަށް ނުލިބޭނެ އެވެ. އެކަމަކު އެކަމުގައި ކުށްވެރިވަނީ ފަރީޝާއެއް ނޫނެވެ. ނިހާގެ ފިރިމީހާ އެވެ. އެހެން ހިތަށް އެރި ނަމަވެސް ދުލު ކުރިއަށް އެވާހަކަ ގެންނާކަށް ފަރީޝާ ބޭނުމެއް ނޫނެވެ. އެއީ އަޝްރަފަށް ޓަކައެއް ނޫނެވެ. ނިހާއަށް ޓަކައެވެ.
"ނިހާ ދަރިއަކު ހޯދަބަލަ!"
ފަރީޝާއަށް ބުނެވުނީ އެހެންނެވެ. ނިހާ އިސް ޖަހާލި އެވެ. ފަރީޝާއަށް ބުނެވުނު ގޮތުން ނިހާ ދެރަވީ ކަންނޭގެ އެވެ. އިތުރު ބަހެއް ބުނުމުގެ ކުރީން އިރު ކޮޅަކު ނިހާ ހިމޭނުން އިނެވެ.
"ފަރީޝާއަށް އެހެން މީހަކާ އިނަސް އަދި ކިތަންމެ ބައިވަރު ދަރީންވެސް ލިބިދާނެ... އެކަމަކު... އަހަރެންނަކަށް ދުވަހަކު ވެސް ދަރިއަކު ނުލިބޭނެ!"
ފަރީޝާ ނިހާއާ ދިމާއަށް ބަލާލީ ޙައިރާން ކަމާއި އެކުގަ އެވެ. އިސް ޖަހާލައިގެން އިން ނިހާ، އޭނާގެ ތުރުތުރު އަޅަމުން ދިއަ ހިމަތޮޅި އިނގިލި ތަކުގެ އެހީގައި އެ ދެލޮލުން ފައިބަމުން ދިއަ ކަރުނަ ތިކިތައް ކޯތާފަތް މައްޗަށް ފޭބިޔަނުދޭން މަސައްކަތް ކުރަމުން ދިއަ އެވެ. އަޝްރަފަށް އެ ދަރިފުޅު މުހިންމު ވެގެން އުޅޭ ސަބަބު ފަރީޝާއަށް މި ވިސްނުނީ އަދި ކިރިޔާ އެވެ. އެހެން ނޫންނަމަ ފަރީޝާގެ ދަރިއަކާ ދޭތެރޭގައި ވެސް އަޝްރަފް ކަންތައް ކުރާނީ ފަރީޝާއާ ދޭތެރޭ ކަންތައް ކުރާފަދަ ގޮތަކަށެވެ. ދެން އައީ ހިމޭން ވަގުތު ކޮޅެކެވެ. އެވަރަށް ރޮވިފައި އިނދެގެން ވާހަކަ ދައްކާކަށް ނިހާ އަކަށް ފަސޭހައެއް ނުވި އެވެ. ފަރީޝާ ވެސް ދައްކާނެ ވާހަކައެއް ނެތެވެ. އަޝްރަފް އެ ދަރިފުޅު އަތުލަން އުޅުނީއްސުރެ ފަރީޝާގެ ހިތުގައި އަޝްރަފަށް ދެވިފައިވާ ދަރަޖަ ވަނީ ކުޑަ ވެފައެވެ. މިއަދުވެސް އަޝްރަފް އެ މަސައްކަތް ކުރަނީ ފަރީޝާގެ އުފާތައް ފޭރިގަތުމަށްފަހު ނިހާގެ ދިރިއުޅުން އާބާދު ކުރާށެވެ. އިރުކޮޅެއް ވަންދެން އިނދެފައި ނިހާ ދިއައީ ކޮޓަރި އަށެވެ.
ނިހާ ދިއަތާ އިރު ކޮޅެއްވީތަނާ އާޒިމް އަތުވެއްޖެ އެވެ. އާޒިމް ބުނީ މިރޭ ރަށަށް ދާ ދޯންޏެއް އޮތް ވާހަކަ އެވެ. ފަރީޝާ އެދުނީ ފަރީޝާއާ އެކުގައި އާޒިމް ދިއުމަށެވެ. މިފަހަރު ފަރީޝާއާ އެކުގައި އާޒިމް ދާން ޖެހިލުން ވިއެވެ. އެއީ އަޝްރަފްމެންނަށް ސިއްރުން ފަރީޝާ ރަށަށް ދާން އުޅޭތީ އެވެ.
"އޭރުން އެމީހުން ހިތަށް އަރާނީ ކީކޭ؟"
އާޒިމް ވަރަށް އުނދަގޫވެފައި ބުންޏެވެ.
"ހެޔޮ ކޮންމެ އެއްޗެއް ހިތަށް އެރިޔަސް... އެންމެ ގޯސްވެގެން ވެސް އަޝްރަފް ހިތަށް އަރާނީ އަހަންނާ އާޒިމާ ދޭތެރޭގަ ކަމެކޭނުން... ދެން ހެޔޮ މަށަށް!"
ފަރީޝާގެ އަނގައިން އެފަދަ "ގަދަ" ޖުމުލައެއް ބޭރުވީމައި އާޒިމް ހަމަ ޙައިރާން ވެއްޖެއެވެ. ވިހެއުމަށް ފަހު ފަރީޝާއަށް އެއައީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ!
"ދެން ނިހާ ހިތަށް އަރާނީ... މީ އާޒިމްގެ ދަރިއެކޭނުން... ހެޔޮ މަށަށް!"
އާޒިމް ހުރީ ޙައިރާން ވެގެން ގޮސް ބުނާނެ އެއްޗެއް ނޭގިފަ އެވެ. މި ހުރިހާ ދުވަހު ނިކަމެތިވެ، ގޮތެއްނެތި، އެޅިހާ ބަތަކަށް ރިހަ ކިއައިގެން އިން ފަރީޝާގެ މިހިތްވަރު އާޒިމަށް ވަރަށް ކަމު ގޮސްފި އެވެ. ފަރީޝާގެ ހިތުން އަޝްރަފަށް ދިން މަޤާމު ހުސްވަން އުޅޭހެން ހީވުމުން އާޒިމުގެ ހިތަށް ފިނިކަމެއް އިޙުސާސް ކުރެވުނެވެ.
ފަރީޝާ ކޮޓަރި ތަޅުލުމަށް ފަހު ދަތުރަށް ތައްޔާރުވި އެވެ. އެއްވެސް ހާލެއްގައި އެ ދަރިފުޅު އަޝްރަފާ ހަވާލު ނުކުރާނެކަން އަޝްރަފަށް އިޙުސާސް ވާން ފަރީޝާ ބޭނުން ވެއެވެ.
ފޮށި ތައްޔާރު ކޮށް ނިމުނު ތަނާހެން ދޮރުގައި މީހަކު ހިފާލި އަޑު އިވުނެވެ. އެއީ ނިހާކަން ޔަގީންވުމުން ކޮޓަރި ތެރެ ރަނގަޅު ކޮށްލާފައި ފަރީޝާ ދޮރު ހުޅުވާލި އެވެ.
"ފާޚާނާއަށް ވަދެލަން ކަމަށް އުޅުނީ!"
ކުޑަ ހިނިތުން ވުމަކާއި އެކު ފަރީޝާ ބުނެލި އެވެ.
"އެހެންތަ... ދޮރު ތަޅުލައިގެން ފާޚާނާއަށް ވަނީމަ ބޭބީ ރޮއިފިއްޔާ ކިހިނެއް ހަދާނީ... އަހަރެން މަޑުކޮށްލާނަން!'
ނިހާ އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ފަރީޝާ ވަނީ ފާޚާނާ އަށެވެ. ހަގީގަތުގައިވެސް އޭނާ ފާޚާނާއަށް ވަދެލަން އެބަ ޖެހެއެވެ.
ފަރީޝާ ފާޚާނާއަށް ވަނުމުން ނިހާ އުޅުނީ ކޮޓަރި ތެރެ ކުޑަކޮށް ސާފް ކޮށްލާށެވެ. ކޮޓަރީގައި ކުޑަކޮށްވެސް ހިރަފުސް ހުރެގެން ކަމަކު ނުދާނެ އެވެ. ބޭބި އަށް ރޯގާ ޖެހިދާނެ އެވެ. ބޭބީ އަޑެއް ލައްވާ އަޑު އިވިގެން ނިހާ ބަލާލީ އާދައިގެ ގޮތަކަށެވެ. އޭރު ބޭބީ އަތްފައި އުކަމުން ތެޅެނީ އެވެ. ރޯން އުޅޭހެން ހީވިއަސް ރަނގަޅަށް ރޮއި ނުގަނެވިގެން އުޅޭހެން ހީވެއެވެ. ދުރުން އެމަންޒަރު ފެނުމާއި އެކުވެސް ނިހާގެ ހިތް އާދަޔާއި ހިލާފް ގޮތަކަށް ތެޅިލިއެވެ. އަވަސް އަވަހަށް ބޭބީއާ ގާތަށް ޖެހިލާ ބަލާލިއިރު ކުއްޖާ އޮތީ ނޫވެފަ އެވެ. ރަތް ކުލައިގެ ތުންފަތް ކޮޅު އަދި ވަކީން ނޫކުލަ ގަދަ އެވެ. ހިތުގެ ވިންދު ބާރުވެފައިވާ ނިހާ ބޭބީ އުފުލާލި އެވެ. ބޭބީގެ ނޭވާވެސް އާދަޔާ ހިލާފަށް އަވަސް ހެން ހީވެއެވެ. ބޭބީ އަށް ވީގޮތް ފެނިފައި ނިހާގެ ހިތް ޝައްކުން ފުރިގެން ދިއައެވެ. ވަރަށް ބިރުން ހުރެ އޭނާ ބޭބީ މަސަލަސް ކުރެވޭތޯ ބެއްޔެވެ. ބޭބީ މުޅީން ހަމަ ޖެހުނީ އިރުކޮޅެއްގެ ފަހުންނެވެ. ފަރީޝާ ފާޚާނާއިން ނުކުތްއިރު ބޭބީ އުރާލައިގެން ހުރި ނިހާ ހުރީ ދާހިތްލާ ފޯވެފަ އެވެ.
"ބަނޑު ހައިވީ ކަންނޭގެ!"
ފަރީޝާ ބިރުގަނެދާނެތީ އިތުރު އެއްޗެއް ބުނާކަށް ނިހާ ބޭނުމެއް ނުވި އެވެ. ފަރީޝާ ދަރިފުޅު ހިފުމާއި އެކު ނިހާ ދިއައީ ކޮޓަރި އަށެވެ. އޭނާ އަޝްރަފަށް އެ ޚަބަރު ދިނުމުން އަޝްރަފް ވަރަށް ކަންބޮޑު ވިއެވެ. އަޝްރަފްގެ އެކުވެރި ޝާންގެ ދަރިފުޅަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އަޝްރަފާ ނިހާ ނިންމީ އަވަހަށް ބޭބީ ޑޮކްޓަރަކަށް ދެއްކޭނެ ގޮތް ހަދާށެވެ.
ފަރީޝާ އަކަށް މިއިން އެއްވެސް ކަމެއް ނުވިސްނެއެވެ. އޭނާ ވިސްނަމުން ދިއައީ އެންމެ ކަމަކާ ދޭތެރޭގަ އެވެ. އެމީހުންނަށް ނާންގާ އެތަނުން ސަލާމަތް ވާނެ ގޮތަކާއި ދޭތެރޭގަ އެވެ.
ޑޮކްޓަރގެ އެޕޮއިންޓްމެންޓެއް ލިބުނީ އަނެއްދުވަހުގެ ހެދުނަށެވެ. ނިހާ ހުރީ އެވަރު މާ ލަސްވެފަ އެވެ. އަޝްރަފް ގަބޫލު ކުރަމުން ދިއައީ، އަދި ހިތާ ހިތުން ދުޢާ ކުރަމުން ދިއައީ އެއީ ނިހާއަށް ހީވިގޮތަށް ވުމަށެވެ. ޝައްކަކަށް ވުމަށެވެ. ފަރީޝާ ގާތުގައި އެވާހަކަ ދެއްކުނު ފަހުން އަޝްރަފް ހުރީ ފަރީޝާ ފެންނަ ހިސާބަށް ދާން ނުކެރިފަ އެވެ. ދިރިއުޅުމުގެ ކަންތައްތަކުގައި މަޖުބޫރު ވެގެން ކަންކަން ނިންމަން ޖެހުނު ނަމަވެސް ފަރީޝާއާ ދޭތެރޭގައިވެސް އޭނާ ވިސްނަ އެވެ. އަދި ފަރީޝާގެ ކެތްތެރި ކަމަށް އޭނާ ސާބަސް ދެއެވެ.
އެރޭ އަޝްރަފް ބުނެގެން ބޭބީގެ ހާލު ބަލަން ފަރީޝާގެ ކޮޓަރިއަށް ނިހާއަށް ދެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭގެއެވެ. ފަރީޝާ ހުރީ ވަރަށް އުނދަގޫވެފަ އެވެ. ނިހާ ހީވަނީ ފަރީޝާ ކުރަން އުޅޭކަމެއް އެނގިގެން އުޅޭ ހެންނެވެ. ރަށު ދޯނި ދަންވަރު ފުރާކަން އެއީ ފަރީޝާއަށް ލެއްވި ބޮޑު ރަޙުމަތެކެވެ. އެހެން ނޫންނަމަ ފަސޭހަ ގޮތަކަށް ސަލާމަތެއް ނުވީހެވެ.
ނިހާއަށް ހޭލެވުނީ އިރު އަރަން ގާތް ވެފައި ވަނިކޮށެވެ. ރޭގައި ނިދުނުލެއް ލަސް ކަމުން ފަތިސް ނަމާދުވެސް ނުގެއްލުނީ ކިރިޔާ އެވެ. މިއަދު ފަތިސް ނަމާދު ކޮށްގެން ސައިހެދުމުގެ ކުރީން ވެސް ބޭބީގެ ހާލު ބަލާލަން ނިހާ ބޭނުން ވިއެވެ. ފަރީޝާގެ ކޮޓަރީގެ ދޮރު ނިހާ ހުޅުވާލީ މަޑުމަޑުންނެވެ. ދޮރު ގެ އަޑަށް ބޭބީ ސިހިދާނެތީ އެވެ. ދޮރުހުޅުވާލުމާއި އެކު ލިބުނު ޙައިރާން ކަމެކެވެ. ކޮޓަރީގައި އެކަކު ވެސް ނެތެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފާޚާނާވެސް ބަލާލެވުނެވެ. އަލަމާރީގައި ވެސް ފަރީޝާގެ އެއްވެސް އެއްޗެއް ހުރިތޯ ބަލައިލެވުނެވެ. ނިހާއަށް ރޮއި ގަނެވުނެވެ.
"އަޝްރަފް!"
ނިހާގެ ޚަބަރަކަށް އިންތިޒާރު ކޮށްގެން އިން އަޝްރަފަށް އެއަޑު އިވުމުން ތެޅިގަނެވުނެވެ. ހީވީ ބޭބީއަށް ކަމެއް ވީ ކަމަށެވެ. އަޝްރަފް ދުވެފައި ގޮސް ކޮޓަރީގެ ދޮރު މައްޗަށް އެރިއިރު ނިހާ ނުކުންނަނީ އެވެ. ކޮޓަރިތެރެ ފެނުމުން، ވެގެން އުޅޭގޮތް އަޝްރަފަށް ވިސްނިއްޖެ އެވެ. އަޝްރަފް ގާތުގައި ރަށަށް ފޮނުވާލަދޭށޭ ފަރީޝާ ބުނި ވަގުތުވެސް އޭނާ އެފަދަ ކަމެއް ކޮށްފާނެއޭ އަޝްރަފްގެ ހިތަށް އެރި އެވެ. އެކަމަކު މީހެއްގެ އެހީއާ ނުލާ އޭނާއަށް އެކަމެއް ނުކުރެވޭނެ އެވެ.
"އާޒިމް!"
އަޝްރަފް ފުން ނޭވާއެއް ބޭރަށް ދޫކޮށްލި އެވެ. އާޒިމް އޭނާއަށް ނާންގާ އެވަރުގެ ކަމެއް ކޮށްފާނެ ހެއްޔެވެ! އަޝްރަފް އާޒިމަށް ގުޅާލި އެވެ. އާޒިމްގެ ފޯނު އޮތީ ނިއްވާލާފަ އެވެ. ފަރީޝާއަށް ގުޅިއިރު ފަރީޝާގެ ފޯނުވެސް ނިއްވާލާފައި އޮތުމުން އަޝްރަފްގެ ޝައްކު ޔަގީން ވެއްޖެ އެވެ. ފަރީޝާގެ ނިންމުމަށް އާޒިމް އެހީތެރި ވެދިނީ އެވެ. ދުވަސްވީ އެކުވެރިޔާއަށް ވުރެ އާޒިމަށް މިއަދު ފަރީޝާ މުހިންމު ވެއްޖެ އެވެ.
ނިހާ އަށް ހަމަ ރޮވެނީ އެވެ. އޭނާ އެންމެ ދެރަވީ ބޭބީ އޭނާއަށް ނުދީގެންނެއް ނޫނެވެ. ވެގެން އުޅޭ ގޮތް ފަރީޝާއަށް ނޭގޭތީ އެވެ. އަދި ފަރީޝާގެ އެ ނިންމުމަކީ މި ދަޑިވަޅަށް އެންމެ ރަނގަޅު ނިންމުން ނޫން ކަން ނިހާއަށް އިނގޭތީ އެވެ. ބޭބީ އަށް މިވަގުތު ވަނީ ރަނގަޅު ފަރުވާއެއް ބޭނުން ވެފަ އެވެ. އެހެން ނޫން ނަމަ ފަހުން ދެރަވާން ޖެހިދާނެ އެވެ. ދަރިފުޅުގެ މައިމީހާ ނަމަވެސް ފަރީޝާއަށް މިއިން އެއްވެސް ކަމެއް ފާހަގަ ނުކުރެވެނީ ފަރީޝާގެ ހޭލުންތެރިކަން ކުޑަ ކަމުންނެވެ. ފަރީޝާއަށް އެކަން އެނގޭއިރު އޮންނާނީ މާލަސް ވެފައެވެ. ބޭބީ އަށް ވަގުތުން ފަރުވާ ނުދެވިއްޖެ ނަމަ ދެރަވާފަދަ ހާލަތަކަށް ވެސް އަތުވެ ދާނެ އެވެ. މިކޮޅުން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ފަހު ދިއަ ނަމަވެސް ރަނގަޅު ވީހެވެ! މިހުރިހާ ވާހަކަ އެއް ނިހާ އަޝްރަފް ގާތުގައި ރޮމުން ތަކުރާރު ކޮށް އެތައް ފަހަރަކު ދެއްކީ ހިތުގައި ޖެހުނު ވަރުން ނެވެ. އަޝްރަފް ކިތަންމެ ކަންބޮޑު ވީ ނަމަވެސް ނިހާގެ އެވާހަކަތައް ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާއަށް އެދަރިފުޅު ނުލިބުނު ނަމަވެސް އޭނާގެ ދުޢާ އަކީ އެ ދަރިފުޅު ހެޔޮ ހާލުގައި ލެހެއްޓެވުމެވެ.
(ނުނިމޭ)