(11 އޮކްޓޯބަރގެ އަދަދާ ގުޅޭ) 

" މީނަ ވައްތަރީ....!"
އެހެން ބުނަމުން ނިހާ އިސް އުފުލާ އަޝްރަފާ ހަތަރު ކަޅި ހަމަކޮށްލި އެވެ. އަޝްރަފްގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ނިހާއަކީ ވަރަށް ޅަފަތުގައި ކުއްޖާގެ ސިފަ ކިޔާލަން ދަންނަ މީހެކެވެ. 

އަޝްރަފް ހުރީ ނިހާއާ ދިމާއަށް ކަޅި ހުއްޓާލައިގެން ނެވެ. ނިހާ ބުނެފާނެ އެއްޗަކާ ދޭތެރޭގައި އޭނާ ބިރުގަތެވެ. ނިހާ އާޒިމާ ދިމާއަށް ބަލާލި އެވެ. ދެން އަނެއްކާވެސް ބޭބީއަށް ބަލާލި އެވެ. އަވަސް އަވަހަށް އޭނާ ބޯ ހޫރާލީ ހިތަށް ވަން އެއްޗަކުން ނެވެ. 

"އަހަރެންގެ ހިތް ވެސް މިހާރު ވަރަށް ގޯސްވާން ފަށައިފި. ހިތަށް އަރާހާ އެއްޗެއް ދުލު ކުރިއަށް ގެންނާކަށް ނުވާނެ.... ބައެއް ހީ އަކީ ފާފައެއް!"
ނިހާ އޭނާގެ ހިތް ބުނަމުން ދިއަ އެއްޗެއް ހާމަ ކުރަން ފަސްޖެހުނެވެ. އަޝްރަފް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ. އާޒިމް ހުރީ އުފަލަކުން ނޫނެވެ. އޭނާ ދެން މިހާރު ބޭނުން ވަނީ ނިހާއަށް ޙަޤީޤަތް އިނގޭށެވެ. ޙަޤީޤަތް އޮޅުވާލައިގެން އަޝްރަފަށް އުޅެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

ފަރީޝާ ލޭބަރ ރޫމް އިން ނެރި ވޯޑަށް ބަދަލު ކުރުމުން އެމީހުން ކައިރީ މަޑުކުރީ ނިހާ އެވެ. އެންމެ ހިނދު ކޮޅަކަށް ވެސް ނިހާ ބޭބީއާ ދުރަށް ދާކަށް ބޭނުމެއް ނުވި އެވެ. އާޒިމާ އަޝްރަފް ބޭރަށް ނުކުތުމުން ބޭބީ ކުޑަ އެނދުގައި ބާއްވާލާފައި ނިހާ ފަރީޝާ ގާތުގައި އިށީނދެލީ ވާހަކަ ދައްކާލުމުގެ ޝައުގުވެރިކަން ބޮޑުވެފައި ވާ ވަރުން ނެވެ. ފަރީޝާ ފެނުނު ދުވަހުން ފެށިގެން މިއަދާ ޖެހެންދެން ވެސް އޭނާގެ ހިތުގައި އެތައް ސުވާލު ތަކެއް އުފެދެމުން ދިއަ އެވެ. މިހާރު އެ ހިތުގައި ޝައްކު ތަކެއް އުފެދެން ފަށައިފި އެވެ. 

ފަރީޝާ އަކީ ކާކު ހެއްޔެވެ؟ އާޒިމާ ފަރީޝާއާ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ އަދިވެސް ފަރީޝާގެ ފިރިމީހާ ނައިސްގެން އެ އުޅެނީ ކީއްވެ ހެއްޔެވެ! 

ނިހާގެ ގާތް ކަމާއި އެހީތެރި ކަމުން ފަރީޝާއަށް ވެސް އިތުރު އުނދަގޫ ތަކެއް ކުރުވަމުން ދިއަ އެވެ. ނިހާ އަކީ އޯގާތެރި މާތް އަންހެނެކެވެ. އަޝްރަފް ނިހާދެކެ އެހާ ލޯބިވާ ސަބަބު ފަރީޝާއަށް ވެސް މިހާރު ވިސްނެ އެވެ. ހިތުގައި ހަސަދަވެރިކަން ބޮޑުވެފައި އެ ހިތަށް ކިތަންމެ ތަދު ވިއަސް ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ. ނިހާއަކީ މާތް އަންހެނެކެވެ. އޭނާއަކީ ފަރީޝާއަށް ބީރައްޓެއްސެއް ނަމަވެސް ފަރީޝާ އާ ދޭތެރޭގައި އެ ހިތާ އޯގާތެރި ކަމާއި ލޮބުވެތި ކަމުން ފަރީޝާ ވެސް މިއަދު އޭނާއަށް ދަރަނި ވެރި ކޮށްލައިފި އެވެ. މި ދަޑި ވަޅުގައި ނިހާ ނެތްނަމަ ފަރީޝާ އުޅޭނީ ވަރަށް ހާލުގަ އެވެ. ބޭބީ އެނދުން ނަގާ ފަރީޝާ ގާތުގައި ބާއްވާލަދެން އިނގޭ މީހަކު ވެސް އެތާނގައި ނެތެވެ.

"އެއްޗެއް އަހާލަންތަ؟... ހިތްބުރަ ނުކުރައްޗޭ!"
ނިހާ ފަރީޝާގެ އެނދާ ކައިރިއަށް ގޮނޑި ދަމާލަމުން ބުންޏެވެ.

ފަރީޝާ އޮތީ އެއަޑު އަހަން ތައްޔާރު ވެގެން ނެވެ. އެ ސުވާލު ތަކަކީ ކޮންމެވެސް އިރަކުން ނިހާ ކުރާނެ ސުވާލު ތަކެއްކަން އޭނާއަށް އެނގުނެވެ.
"އަޅެ ކޮބާތަ މި ދަރިފުޅުގެ ބައްޕަ!"
ވަރަށް ކަންބޮޑުވެފައި އަހާ ފަދަ ގޮތަކަށް ނިހާ އެހި އެވެ. ވޯޑު ތެރެއަށް ވަންނަން އައި އަޝްރަފަށް އެއަޑު އިވުމާއި އެކު ހުއްޓެވިއްޖެ އެވެ. އޭނާ އަވަސް އަވަހަށް ފާރުގެ އަނެއް ފަރާތަށް ދެމިގަތެވެ. ފަރީޝާ ބުނާނީ ކީކޭ ބާއޭ އޭނާގެ ހިތަށް އެރި އެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު އެވާހަކަ ކަނުލާ އަޑުއަހަން އަޝްރަފް ހުއްޓެވެ. 

"ދެމަފިރިއަކަށް އަންނާނެ އެންމެ އުފާވެރި ވަގުތަކީ އެދެމަފިރީންގެ ދަރިއަކު މި ދުނިޔެއަށް އުފަންވާ ވަގުތު... މި ދަޑިވަޅުގަ ފަރީޝާގެ ފިރިމީހާ މިތަނުން ނުފެންނާތީ އަހަރެން ވަރަށް ސުވާލު އުފެދިފަ މިހިރީ!"

ނިހާގެ ކޮންމެ ސުވާލަކަށް ފަރީޝާ ޖަވާބު ދޭން ޖެހޭނެ އެވެ. މި ވަގުތު ފަރީޝާއާ އެންމެ ގާތް މީހަކީ ވެސް ނިހާ އެވެ.
"އަހަރެން ނަކީ ވަރަށް ބޮޑު ނިކަމެއްޗެއް.. އާއިލާގެ މީހަކުވެސް ނެތް.. އެހީތެރިއަކު ނެތް އަންހެނެއް.. ވާރިސަކު ނެތް، ލޯބިވާނެ މީހަކު ނެތް ނަސީބު ދެރަ މީހެއް!"
ފަރީޝާގެ ތުރުއަޅާ އަޑު އަޝްރަފްގެ ހިތް ކަރުނުން ތެންމާލައިފި އެވެ.
"އެހެން ވިއަސް ދަރިއެއްގެ ވިއްޔާ ބަފައަކު ހުންނާނެ ދޯ!"
ފަރީޝާގެ ނިކަމެތި ކަމާ ދޭތެރޭގައި ވިސްނާލާ ޚިޔާލެއް މިވަގުތަކު ނިހާއެއް ނުކުރެ އެވެ.
ވާހަކަ ބަދަލު ކޮށްލެވޭނެ ގޮތެއް ފަރީޝާ އަކަށް ނުވި އެވެ. އޭނާ ޖެހޭނީ އެ ސުވާލު ގެ ޖަވާބުވެސް ދޭށެވެ. އެހެން ނަމަވެސް އެ އޯގާތެރި އަންހެން ކުއްޖާގެ ހިތް ކުދިކުދި ކޮށްލާކަށް ފަރީޝާ އަކަށް ނުކެރުނެވެ. ދޮގެއް ހަދާކަށް ވެސް ބޭނުމެއް ނޫނެވެ.

"މާލޭގަ ގެއެއްގަ ކިޔަވަން އައިސް އަހަރެން ހުއްޓާ... ކޮންމެސް މީހަކު އަހަރެން ރޭޕް ކޮށްލީ...!"
އެއަޑު އިވިފައި ނިހާގެ ދެލޯ ބޮޑުވެގެން ދިއައިރު ބާރުގަދަ ޒަލްޒަލާ އެއް އައިފަދަ އިޙުސާސެއް އަޝްރަފަށް ކުރެވިގެން ދިއަ އެވެ. އެ ދަރިފުޅަކީ ހަރާމް ދަރިއެއް ނޫނެވެ. އެއަޑު އަހާކަށް އަޝްރަފް ބޭނުމެއް ނޫނެވެ. ފަރީޝާ ހާދަހާ ގޯހެވެ. އެ މަޢުސޫމް ތުއްތު ދަރިފުޅުގެ ނަން ކިލަނބު ކޮށްލަން ހެޔޮ ނުވާނެ އެވެ. އަޝްރަފް ވަރަށް ދެރަވެއްޖެ އެވެ. އެ ދަރިފުޅުގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ މިހާރު ނިހާ އެ ބޭބީ އާ ދޭތެރޭ ދެކޭގޮތް ތަފާތު ވެދާނެ އެވެ. އެހެން ހަދާކަށް ނުވާނެ އެވެ. ޖެހިގެން އައި ސުކުންތުގައި އަޝްރަފް އޭނާގެ ހިތަށް ވިސްނައިދިނެވެ. އެއީ އަޝްރަފް ސަލާމަތް ކޮށްދިނުމަށް ފަރީޝާ ވަމުންދާ ގުރުބާނީ އެވެ.

"ކާކު އެކަން ކުރީ!"
ނިހާ ސުވާލު ކުރި އެވެ. އަނެއްކާ އަނެއް ސުވާލެވެ. އަޝްރަފްގެ ހިތުގެ ތެޅުން ބާރު ވަމުން ދިއަ އެވެ.
"އެރޭ އެކަން ކުރި މީހަކު އަހަންނަކަށް ނޭގެ... އަނދިރީގެ ތެރޭން ހިނގި ކަމެއް...!"
ފަރީޝާގެ ލޮލުން އޮހޮރިގެން ދިއަ ކަރުނަ ތިކިތައް ނިހާގެ ހިތް ދަތި ކޮށްލައިފި އެވެ. ފަރީޝާގެ ނިކަމެތި ކަމާއި މަޖުބޫރީ ހާލަތު އޭނާގެ ހިތަށް ވަނެވެ. އެހެން ނަމަވެސް އަދި އޭނާގެ ތަހުޤީޤު ނުނިމެއެވެ.

"ދެން އާޒިމާ ދިމާވީ ކިހިނެއް!"
އެއްވަރުގެ ސުވާލެވެ. އަޝްރަފް ބިރުން ރޫރޫ އަޅަމުން ދިއަ އެވެ. ބޭޒާރު ނުވެ ސަލާމަތް ވެއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ.
"އަހަރެން ރަށަށް ދިއަ ދޯނި މަތީން އަޝްރަފާ ދިމާވީ... ނަސީބެއް އަހަންނާ ދޭތެރޭ ހަމްދަރްދީ ވާނެ އެއްމެ މީހަކުވެސް ހުރިކަން!"
އެއަޑު އިވިފައި އަޝްރަފްގެ ހިތަށް ތަދުވިއެވެ. އެއީ އަޝްރަފަށް އަމާޒުވީ ބަހެކެވެ.
"ދެން ތި ވާހަކަ ރިޕޯޓް ނުކުރީ ކީއްވެ؟ އެ މީހަކު ހޯދަން ނޫޅުނީ ކީއްވެ؟"
އަނެއްކާވެސް ނިހާ އެހި އެވެ.
"އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރާނީ ކާކު؟ އަހަރެންގެ ނަން ހަޑިވުން ނޫން ކަމެއް ނުވާނެ... އަހަރެން ހިއެއް ނުކުރަން އަހަރެން ބަނޑުބޮޑުވާނެ ކަމަކަށް... އެހެންވެ އެކަމަކީ ނުވާކަމަކަށް ހެދުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގަ އަހަރެން ގަބޫލު ކުރީ! އެކަމަކު ބޭޒާރު ވާން ހުރި ކަމެއް ބޭޒާރުވާނެ ދޯ.... ކޮންމެސް ދުވަހަކުން ހުރިހާ ކަމެއް ފަޅާއަރާނެ!"

އަޝްރަފް ފާރުގައި ލެނގިލި އެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. މިއަދު އެކަން ސިއްރު ކުރި ނަމަވެސް ކޮންމެވެސް ދުވަހަކުން ނިހާއަށް ވެސް ޙަޤީޤަތް އެނގޭނެ އެވެ. އެދުވަހަކުން ނިހާ ހާދަ ދެރަވާނެ އެވެ. 

"ހާދަ ދެރައޭ!"
ނިހާ އިސް ޖަހާލި އެވެ. ނިހާގެ ހިތުގައި ހަމްދަރްދީ އުފެދުނީ ހަމަ އެކަނި ފަރީޝާ އަކަށް ނޫނެވެ. އެތުއްތު ދަރިފުޅަށެވެ. ދަރިއަކަށްޓަކައި ބައްޕައެއްގެ ނަމަކީ އެންމެ މުހިންމު އެކައްޗެވެ. 

ހިނދުކޮޅަކަށް ވެރިވެފައިވާ ހަމަ ހިމޭން ކަން ފޫދުއްވާލީ ނިހާއަށް އައި ފޯނު ކޯލެކެވެ. ނިހާ ފޯނު ބޭއްވުމަށް ފަހު އެބަ އަންނަމޭ ބުނެފައި ނުކުތީ ބޭރަށެވެ. ނިހާއަށް ނުފެންނަ ހިސާބު ދުރަށް ޖެހި ހުރި އަޝްރަފް ނިހާ ދިއުމުން ހިނގައިގަތީ ވޯޑު ތެރެއަށެވެ. އޭނާ އެދަރިފުޅު އުރާލަން ބޭނުމެވެ. ފަރީޝާ ކޮންމެ އެއްޗެއް ކިޔަސް އެއީ އޭނާގެ ދަރި އެކެވެ. ދަރިފުޅު އުފަން ވުމާއި އެކު އޭނާގެ ހިތުގައި އެދަރިފުޅުގެ މައްޗަށް ލޯބި ބޮޑުވެގެން ހިނގައްޖެއެވެ. އޭނާ އެހުންނަނީ އެދަރިފުޅު ފިތާލާ ހިތުން ކެތް މަދުވެފަ އެވެ. 
ފަރީޝާއަށް އަޝްރަފް ފެނުމުން ކުރި އުފާވެރި އަސަރުގައި ލޮލުގެ ތެރެއަށް ކަރުނަތައް ގިނަވެގެން ދިއަ އެވެ. އަޝްރަފް ވެސް އެހުންނަނީ އޭނާއާ ބައްދަލު ކޮށްލާނެ ފުރުސަތަކަށް ބަލަބަލާ ކަން ފަރީޝާއަށް ޔަގީންވި އެވެ. އަޝްރަފް އެދިއަ ގޮތަށް ގޮސް ބޭބީ ގެ އެނދު ކައިރިއަށް ހުއްޓުނެވެ. ލޯބިލޯބިކޮށް ނިދާލާފައި އޮތް އެ ތުއްތު ބިސްކޮޅު ފެނުމުން އޭނާގެ ހިތް ފުރިގެން އައެވެ. އޭނާއަށް ބޭބީ އުރާ ނުލާ ކެތެއް ނުވި އެވެ. އަޝްރަފް ވަރަށް ބިރުން ހުރެ ނުފަރިތަ ގޮތަކަށް ބޭބީ އެނދުން ނެގި އެވެ. ދެން އޭނާ އޭނާގެ މޫނުގައި ބޭބީ ޖައްސާލި އެވެ. 

"ދަރިފުޅާ!"
އޭނާއަށް ބުނެވުނީ ބޭ އިޚުތިއާރުގައެވެ. އެއަޑު އިވުމާއި އެކު ފަރީޝާގެ ލޮލުން ކަރުނަތައް ފައިބައި ގަތެވެ. އަޝްރަފްގެ ހިތް އުފާވާ ކަމެއް އޭނާއަށް އޮޅިގެން ނަމަވެސް ކުރެވިއްޖެ އެވެ. އެވަގުތު ބޭބީ ރޮއިގަތެވެ. އަޝްރަފަކަށް ހަދާނެ ގޮތެއް ނޭގުނެވެ. އިތުރު ގޮތަކަށް ދަރިފުޅު އަނބުރާލާކަށް، ބަދަލު ކޮށްލާކަށް ވެސް ނޭގުނެވެ.

"އުނ... އުނ... އުނ.... ދަރިފުޅާ...އުނ އުނ...ދަރިފުޅާ ނުރޮއި!"
ބުނަމުން އިސް އުފުލާލިއިރު ނިހާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ތަން ފެނުނެވެ. ސިހުނު ވަރުން އަޝްރަފްގެ ގައިގެ ލޯލި ތައްވެސް ކޮޅަށް ޖެހިގެން ދިއައެވެ.
"ކީކޭ!" 
ނިހާ ހުރީ ފެންކަޅިވެފަ އެވެ. ނިހާ ފެނުމުން ފަރީޝާ ވެސް ބިރުގަތެވެ.
"އަދި އެއްފަހަރު ބުނެބަލަ!"
ނިހާ އަޝްރަފާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. މޫނުމަތީގައިވާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން އަޝްރަފް ނިހާއަށް ހިނިތުން ވެލި އެވެ. ނިހާއަށް ވިސްނުނީ ކޮންއެއްޗެއްބާއެވެ!. ނިހާ އައިސް އަޝްރަފްގެ ކުރިމައްޗަށް ހުއްޓިލި އިރު އޭނާގެ ދެލޯ ވަނީ އަޝްރަފަށް އަމާޒުވެފަ އެވެ. އަޝްރަފް ނޭގޭ ކަމަށް ހަދަމުން އިސްޖަހާ، ބޭބީއަށް ބަލާލިއެވެ. 

"ތީ އަޝްރަފްގެ ދަރިއެއް ނަމަ ދޯ!"
ބޭބީ ހިފަހައްޓައިގެން ހުރި އަޝްރަފްގެ އަތުގައި އަތްޖައްސާލަމުން ނިހާ ބުނެލި އެވެ. އަޝްރަފް ދެލޯ ބޮޑުކޮށްގެން ނިހާއަށް ބަލައިލި އެވެ. އަޝްރަފަށް ވީ ގޮތް ފެނިފައި ނިހާއައީ ހިންޏެވެ. 
"މި ބުނީ ތީ އަހަރުމެން ދެމީހުންގެ ދަރިއެއް ނަމައޭ!"
އެހެން ބުނެފައި އޭނާ އެއްޗެއް ހަނދާން ވެއްޖެ އެވެ. ރާއްޖޭން ބޭރަށް ފޮނުވައިގެންނާއި މާލޭން ހެދި ޓެސްޓް ތަކުގެ ރިޕޯޓްތައް ލިބިގެން ހޮސްޕިޓަލުން ގުޅައިފި އެވެ. 

އަޝްރަފާ ނިހާ ގޮސް ރިޕޯޓް ތައް ނަގައިގެން އަންހެނުންގެ ޑޮކްޓަރ އަކަށް ދައްކަން މަޑު ކުރިއެވެ. ގިނައިރު ކިއުގައި އިންނަން ޖެހުމުންވެސް ނިހާ އިނީ ލަސްވެފަ އެވެ. ބޭނުން ވަނީ އަވަހަށް ފަރީޝާ ކައިރިއަށް ދާށެވެ. ބޭބީ ކައިރިއަށް ދާށެވެ. 

ރިޕޯޓްތައް ބަލާފައި ޑޮކްޓަރ ބުނީ އަޝްރަފްގެ މައްސަލައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އުފެދުމުގައި ނިހާގެ އޯވަރީގައި ހުރި މައްސަލައެއްގެ ސަބަބުން ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރ ބުނުމުން ޝޮކް ޖެހިފައި އެތައް އިރަކު ނިހާއަށް އިނދެވުނެވެ. ޑޮކްޓަރ އިތުރަށް ދެއްކި ވާހަކަ އޭނާއަށް އަޑުވެސް ނީވުނެވެ. ބޮލަށް އެރި އެނބުރުމާއި އެކު އަނބުރައި ނުގަތީ ކިރިޔާ އެވެ. އަޝްރަފް ނިހާ ގޮވައިގެން ނުކުމެ ބޭރު ގޮނޑީގައި މަޑުކޮށްލީ ނިހާއަށް ހިނގައި ނުގަނެވިގެން ނެވެ. އޭނާއަށް ރޮއިގަނެވުނީވެސް އިރުގަނޑެއްގެ ފަހުންނެވެ. ނިހާއަށް ވާނެގޮތް އަޝްރަފަށް އިޙުސާސް ކުރެވުނެވެ. އަމުދުން މިދަޑިވަޅަކީ އޭނާއަށް ދަރިއެއްގެ މުހިންމުކަން ގާތުން ފެންނަމުންދާ ދަޑިވަޅެކެވެ. ނިހާއާ އެކުގައި އަޝްރަފް ވެސް ރުޔެވެ. އެދެމަފިރީންގެ ދަރިއަކަށް އެދި އޭނާވެސް އިންތިޒާރު ކުރީ ކިހާ ވަރަކަށް ހެއްޔެވެ!

އަޝްރަފް ނިހާ ގޮވައިގެން ދިއައީ ގެއަށެވެ. ތެދުވެ އުޅޭނެހާ ވަރުވެސް ނިހާގެ ހަށިގަނޑުގައި ނެތެވެ. އަޝްރަފް ނިހާއަށް ނަސޭހަތްތެރިވީ އަދިވެސް އުއްމީދު ކަނޑާ ނުލުމަށެވެ. އަދި ބޭސް ކޮށްލައިގެން ދަރިއަކު ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ނިހާވެސް މުޅީން މާޔޫސް ވެއްޖެ އެވެ. އެމީހުން ދަރިއަކު ހޯދަން މަސައްކަތް ކުރާތާވެސް މިހާރު ކިހާ ދުވަހެއް ހެއްޔެވެ!

އެރޭވެސް ނިހާއާ އަޝްރަފް ތިބީ ގޭގަ އެވެ. ނިހާ ގޭން ނުކުންނާކަށް ބޭނުމެއް ނުވި އެވެ. ފަރީޝާގެ ދަރިފުޅު ފެނުމުން އޭނާއަށް ވާނީ އުނދަގުލެވެ. ހިތުގެ ރިހުން ވާނީ ބޮޑެވެ. އަނެއް ދުވަހު ފަރީޝާ ހޮސްޕިޓަލުން ގެއަށް ފޮނުވާލައިފި އެވެ. އަޝްރަފަށް ބޭބީއާ ދުރުގައި ހުރެވޭ ގޮތެއް ނުވި އެވެ. ދަރިފުޅު ގޮވައިގެން އަޝްރަފް އައީ އޭނާގެ ކޮޓަރި އަށެވެ. ބޭބީ ފެނުމާއި އެކު ނިހާއަށް ރޮވެން ފަށައިފި އެވެ. ނިހާއާ އަޝްރަފްގެ މެދުގައި ބޭބީ ބާއްވާލައިގެން އޮންނަ އިރު އެކުރެވޭ އިޙުސާސް ކިހާ ފޮނި ހެއްޔެވެ! 

"އަޝްރަފް، ދެން ހިނގާ އަހަރުމެން ކުއްޖަކު އެޑޮޕްޓް ކުރަން!"
އެންމެ ފަހުން ނިހާ ބުންޏެވެ. ބޭސް ކޮށްގެން ދަރިއަކު ލިބޭނެ ކަމުގެވެސް އުއްމީދެއް މިހާރަކު އޭނާ އަކަށް ނެތެވެ. 
"އެކަމު އަހަރެން ބޭނުން ވަނީ ހަމަ މިވަރުގެ ކުޑަ ކުއްޖެއް... ކިހިނެތް ހޯދާނީ!"
ނިހާގެ އިޙުސާސްތައް އަޝްރަފަށް ރަނގަޅަށް އިޙުސާސް ކުރެވެ އެވެ. އެހެން ނަމަވެސް ނިހާ އެބުނަނީ ފަސޭހަ ކަމެއް ނޫނެވެ. އަދި އަމުދުން މީހެއްގެ ދަރިއަކު ގެންގުޅޭ ހިތެއް އަޝްރަފް މިހާރަކު ނެތެވެ. 

ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. ފަރީޝާއަށް ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. އަޝްރަފް އެތެރެއަށް ވަންތަން ފެނުމުން ފަރީޝާގެ ނިދިވެސް ފިލައިފި އެވެ. އޭނާ ތެދުވެ އެނދުގައި އިށީނދެލި އެވެ. އަޝްރަފް ވެސް އައިސް ފަރީޝާގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އެނދުގައި އޮތް ދަރިފުޅު އޮތީ ލޯބިކޮށް ނިދާލާފަ އެވެ.

ފަރީޝާ ކައިރީގައި މަޑުކޮށްލަން އަޝްރަފް އައީތީ ފަރީޝާ އުފާވި އެވެ. އަޝްރަފް ފަރީޝާއާ ދުރުދުރުން އުޅުނު ނަމަވެސް ދަރިއަކު ލިބުމުން އެހުރިހާ ކަމެއް މަޑުމަޑުން ބަދަލުވެ އަޝްރަފަށް ފަރީޝާ މުހިންމު ވާތަން އަންނާނެކަން ފަރީޝާއަށް ކުރިންވެސް އެނގުނެވެ.

"ފަރީޝާ!"
އަޝްރަފް މިރޭ ވާހަކަ ދައްކާލާ ހިތުން އުޅޭހެން ހީވި އެވެ. ފަރީޝާގެ ހިތް އުފަލުން ނަށައިލި އެވެ.
"ވަރަށް އުނދަގޫވާނެ ދޯ ރަށަށް ގޮސް ބޭބީ ގޮވައިގެން އެކަނިމާކެނި އުޅެން!"
އަޝްރަފް ފަރީޝާގެ އަތުގައި އަތް ޖައްސާލި އެވެ. އެ ކުޑަކުޑަ ބީހުމުންވެސް ފަރީޝާގެ ހިތުގެ ވިންދު އަވަސް ވެއްޖެ އެވެ.
"އަޝްރަފް އަންނާނަމެންނުން... އަހަރުމެން އިންތިޒާރު ކުރާނަމޭ..!"
ވަރަށް ލޯތްބާއި އެކު ފަރީޝާ ބުންޏެވެ. 
"އެކަމަކު ތި ގޮތަށް އިންތިޒާރު ކޮށްކޮށް ފަރީޝާގެ އުމުރު ނަގާލުމަށް ވުރެ ދެންވެސް ރަނގަޅުވާނެ.. ފަރީޝާ މިދުވަސްތައް ހަނދާން ނައްތާލާފަ އެހެން ދިރިއުޅުމެއް ފަށަން މަސައްކަތް ކުރިއްޔާ!"
ފަރީޝާގެ މޫނުމަތީންގެ އުޖާލާކަން ކެނޑިގެން ދިއަ އެވެ. ދެން މިހާރު އަޝްރަފް އެ މޭރުމުން ވާހަކަ ފަށައިފާނެ ކަމަކަށް އޭނާ އުއްމީދުވެސް ނުކުރެ އެވެ.

"އަދިވެސް ވަގުތު އެބައޮތް ފަރީޝާ... ރަށަށް ގޮސް ރީތި ދިރިއުޅުމެއް ފަށަން މަސައްކަތް ކުރޭ... އަހަރެންނަކަށް ވެސް އަބަދަކު މިހިނެއް ނޫޅެވޭނެ... ހިނގާ އަހަރުމެން ދެމީހުންވެސް މިކަމުން ސަލާމަތް ވާނެ ގޮތެއް ރާވަން!"
ފަރީޝާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިހެން ހީވިއެވެ. އަޝްރަފް އެ ކިޔަނީ ކީކޭ ހެއްޔެވެ!
(ނުނިމޭ)

ކޮމެންޓް 0