(25 އޮކްޓޯބަރގެ އަދަދާ ގުޅޭ)
ކޮޓަރީގެ ދޮރު ހުޅުވާލި މީހަކު ފެނުމާއި އެކު ފަރީޝާއަށް ތެދުވެވުނީ ބޭއިހުތިއާރުގަ އެވެ. ދުންޖަހާފައި ދުވެ ގޮސް އޭނާއަށް އަޝްރަފްގެ ގައިގައި ބާރަށް ބައްދައި ގަނެވުނެވެ. އަޝްރަފަށް ލިބުނީ ޝޮކެކެވެ. ނުވިސްނާ ހުއްޓާ އެދަޑިވަޅުގައި ފަރީޝާ އެހެދި އެއްޗަކުން އޭނާގެ ބޯވެސް އައްސި ވެއްޖެ އެވެ. ދެލޯ ބޮޑުވެފައި އެހުރި ގޮތަށް ހިލައިގެ ބުދެއްހެން ގުޑިލަން ވެސް ނޭގިފައި އޭނާއަށް ހުރެވުނީ އެވެ. ދެން ވާނީ ކިހިނެއްބާއޭ ހިތަށް އަރާ ހާލުގަ އެވެ. ދުޅަވެ ކަރުނުން ފޯވެފައިވާ ދެލޯ ފަރީޝާއަށް ހުޅުވާލެވުނީ އިރުކޮޅެއް ފަހުންނެވެ. އެވަގުތު އަޝްރަފްގެ ފަހަތުގައި ހުރި ނިހާއާ ފަރީޝާގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.
ޙައިރާން ކާމާއި އެކު ކަޅި ހުއްޓިފައި ފަރީޝާއަށް ބަލަން ނިހާ ހުއްޓެވެ. މަޑުމަޑުން ފަރީޝާ އަޝްރަފާ ދުރަށް ޖެހިލި އެވެ. އެނބުރި ފަސް ބަލާލަން ނުކެރިފައި ހުރެ އަޝްރަފް މަޑުމަޑުން އެނދާ ދިމާއަށް ހިނގައިގަތެވެ. ނިހާ ފަރީޝާއާ ދިމާއަށް ހިނގައި ގަތުމުން ފަރީޝާއަށް އިސް ޖަހާލެވުނެވެ. ނިހާއާ ކުރިމަތި ލުމަކީ މިވަގުތު އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. ނިހާ މަޑު ހިނގުމެއްގައި އައިސް ފަރީޝާގެ ކައިރިއަށް ހުއްޓި ޙައިރާން ކަމާއިއެކު ފަރީޝާގެ އިސް ޖެހިފައިވާ މޫނަށް ބަލާލި އެވެ. ފަރީޝާގެ މޫނުމަތީން ފެނުނު ނުތަނަވަސް ކަމަށް ވުރެ ބޮޑަށް އޭނާ އަށް އެމޫނު މަތީން ފެނުނީ ހިތާމައިގެ ކުލަވަރެވެ. ނިހާ ކުރިއަށް ޖެހިލާ ފަރީޝާގެ ގައިގައި ބައްދާލި އެވެ. ނިހާގެ ގައިގައިވެސް މިވަގުތު ފަރީޝާ ބައްދާލަން ބޭނުން ވާނެހެން ނިހާއަށް ހީވި އެވެ. ފަރީޝާއަށް ލިބުނީ ޙައިރާން ކަމެކެވެ. އަޝްރަފަށް ވެސް ވީ އެހެންނެވެ. އެއާއެކު ވީ ގޮތް ވިސްނުނެވެ. ނަސީބެކެވެ. މިފަހަރުވެސް ސަލާމަތް ވެއްޖެއެވެ.
"ހިތްވަރުކުރޭ... ﷲ އިރާދަފުޅު ކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ!"
ނިހާ ބުނެލި އަޑު އިވުނެވެ. ބޭބީއަށް ވެގެން އުޅޭ ގޮތެއް ނިހާއަށް އެނގުނު ގޮތަކާ ދޭތެރޭވެސް ސުވާލު އުފެދުނެވެ. އެމީހުން އެގޭގައި ތިބި ކަމެއް އެނގުނީ ކިހިނެއްބާއޭ އާޒިމްގެ ހިތަށް ވެސް އެރި އެވެ. އެހެން ނަމަވެސް މީ އެފަދަ ސުވާލު ތަކުގެ ޖަވާބު ހޯދަން އުޅެންވީ ވަގުތެއް ނޫނެވެ.
"ޑޮކްޓަރ ބުނީ ކީކޭ؟"
އަޝްރަފް ސުވާލު ކުރީ އާޒިމާ އެވެ.
"ބުނީ ހިތުގަ ގިނަ މައްސަލަ ތަކެއް ހުރި ވާހަކަ... ބުނީ ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ދާން... ދެތިން އޮޕަރޭޝަން ވެސް ކުރަން ޖެހިދާނެޔޯ!"
އާޒިމްގެ އަޑު އަހަން ހުރި ނިހާއަށް ލޯ މަރާ ބާރު ކޮށްލެވުނެވެ. އޭނާ ހީކުރި ވަރަށް ވުރެވެސް ބޭބީގެ ހާލު ގޯހެވެ.
ނިހާ އައިސް އަޝްރަފް ކައިރިއަށް ހުއްޓުން އިރު އަޝްރަފް ބޭބީ އާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުއްޓެވެ. މިވަގުތު އަޝްރަފްގެ ހިތަށް ތަދުވާނެ މިންވަރު ނިހާއަށް އިޙުސާސް ނުކުރެވުނު ނަމަވެސް ފަރީޝާއަށް އިޙުސާސް ކުރެވެ އެވެ. އަޝްރަފަށް އެދަރިފުޅު މުހިންމު ވާނެ ވަރު މިވަގުތު ފަރީޝާއަށް އެނގެ އެވެ. އަޝްރަފަކީ ނިހާ ނޫން މީހަކާއި އެކު ދިރިއުޅެން ގަސްތު ކުރާ މީހަކަށް ނުވުމާއި އެކު ދެން އަޝްރަފަށް އެހެން ދަރިއަކު ލިބުމުގެ މާ ބޮޑު ފުރުސަތެއް ނެތެވެ.
އަޝްރަފް މަޑުމަޑުން ގުދުވެ ބޭބީގެ މޭގައި އަތް ޖައްސާލި އެވެ. އެ ކުޑަކުޑަ ހިތުގެ ތެޅުން އަޝްރަފްގެ ދެލޯ ކަރުނުން ފުރާލައިފި އެވެ. އަޝްރަފް ލޯ މަރާލަމުން ތުންފަތް ތަޅުވާލި ތަން ފެނުނެވެ. އޭނާ މާތް ﷲއަށް ހިތާހިތުން ކޮށްލި އާދޭހުގެ މިންވަރެއް އޭނާގެ ތުންފަތުން ހާމަވެގެން ދިއަ ވަގުތު ފަރީޝާ ވެސް ހިތުގެ އަޑީން އެ ދުޢާ ގައި ބައިވެރި ވިއެވެ.
"ވަރަށް ބޮޑު ޚަރަދެއް!"
އާޒިމް އިތުރަށް ބުނެލި އެވެ.
"ކޮންމެ ގޮތެއް ހަދާފަވެސް ކުރަން ޖެހޭ ކަމެއް!"
އިސްޖަހައިގެން ހުރި އަޝްރަފްގެ މޫނު ރަނގަޅަށް ނުފެނުނު ނަމަވެސް އެއަޑުގައި ވަނީ ކަރުނައިގެ އަސަރެވެ.
އަރާމް ނިންޖަކުން ނިދާލާފައި އޮތް އެ ކުޑަކުޑަ ދަރިފުޅަށް ބަލަން ހުރިއިރު އަމިއްލަ ނަފްސްގެ ނިކަމެތިކަން އަޝްރަފަށް އިޙުސާސް ކުރެވެމުން ދިއައެވެ. އެދަރިފުޅުގެ ފުރާނަ އަށް ޓަކައިވެސް އަޝްރަފަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އަޝްރަފްގެ އަތުގައި އަމިއްލަ އެންމެ ފައިސާ ފޮއްޗެއް ވެސް ނެތެވެ. ވޭތުވެދިޔަ ނުވަމަސް ތެރޭގައި އޭނާ ކައި ބޮއިގެން އުޅުނީ ވެސް ނިހާގެ ފައިސާ އިންނެވެ.
"ބޭބީ އަކަށް މާ ގިނަ ވަގުތެއް ނެތް...!"
ފަރީޝާގެ ތުރުތުރު އަޅާ އަޑު އިވިގެން ދިއައެވެ.
"އެހީއަކަށް އެދި އަހަރެން ދާންވީ ކާކު ކައިރިއަށް... އެހީވެދޭނެހެން ހީވާ ކޮންމެ މީހެއްގެ ކައިރިއަށް ގޮސް ސަލާން ޖަހަން އަހަރެން ދާނަން...! ދަރިފުޅު ސަލާމަތް ކުރުމަށްޓަކާ އަހަރެންގެ ފުރާނަވެސް އަހަރެން ދޭނަން!"
ފަރީޝާ އަށް ގިސް ލެވެން ފަށައިފި އެވެ. ނިހާ އަނެއްކާވެސް ފަރީޝާ އޭނާގެ ގަޔާ ގާތް ކޮށްލި އެވެ. ފަރީޝާގެ ހަރަކާތް ތަކުގެ ސަބަބުން ނިހާ އަށް ކުރި އަސަރުތަކަށް ކެތްނުވީ އެވެ.
"ދެރަނުވޭ ފަރީޝާ... އިރާދުކުރެއްވިއްޔާ ގޮތެއް ހުހެއް ނުވާނެ..!"
ޔަގީން ކަމާއި އެކު ނިހާ ބުނެލި އެވެ. ނިހާގެ އަޑު އިވިފައި އަޝްރަފްގެ ހިތަށް ފިނިކަމެއް އިޙުސާސް ކުރެވުނު ނަމަވެސް އުއްމީދު ވަރަށް ކުޑައެވެ. މިހާތަނަށް ދިރިއުޅުމުގައި ދިމާވި ކޮންމެ ކަމެއްގެ ހައްލު ނިހާއަށް ވަނީ ހޯދި ފައެވެ. އެހެން ނަމަވެސް މި ފަހަރު ނިހާއަށް ވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެވެ. އެހާ ބޮޑު އަދަދެއް ނިހާގެ އަތުގައި ފޮރުވިފައިވެސް ނުހުންނާނެ އެވެ.
ނިހާއާ އަޝްރަފް އިރު ގަނޑެއް ވަންދެން އެ ކޮޓަރީގައި މަޑުކުރި ނަމަވެސް އެމީހުން ދައްކާނެ މާގިނަ ވާހަކައެއް ނެތެވެ. ހަތަރު މީހުން ވެސް ތިބީ ހިމޭން ވެފަ އެވެ. ވިސްނަމުން ދިއައީ ބޭބީއަށް ބޭސް ފަރުވާ ކުރާނެ ގޮތަކާއި ދޭތެރޭގަ އެވެ. އާޒިމްގެ އެކުވެރި ލުޗާނޯގެ އެހީތެރި ކަމަކަށް އެދެން ބޭނުން ވި ނަމަވެސް މިހާ އަވަހަށް ކަންތަކު ކިޔަން ފަށައިފިއްޔާ ލުޗާނޯ އާޒިމަށް އޮތް އިތުބާރު ގެއްލި، ކުރަން އުޅޭ ވިޔަފާރީގެ ހިޔާލުވެސް ނެތި ދާނެހެން ހީވާތީ އެކަންވެސް ކުރާކަށް ނުކެރުނެވެ.
"އަހަރެންގެ ހުރީ އެންމެ ރައްޓެއްސެއް.. ރައްޓެއްސެއް ވެސް ނޫން މިހާރު...! އެކަމު އޭނަގެ ދަށު ވެއްޖެއްޔާ ބުނާ ކަމެއް ކޮށްދޭނެ.. ޔަގީން..!"
ގޮތް ހުސްވެފައި އިނދެ އާޒިމް ބުނެލި އެވެ.
"ކާކު؟"
އަވަސް އަވަހަށް ފަރީޝާ އެހިއެވެ. ކޮންމެ ގޮތަކުންވެސް އޭނާ ބޭބީ އަށް އެހީއެއް ބޭނުމެވެ.
"ރައުއްޓޭ!"
"އުހުނ... އެއް ގޮތަކަށް ވެސް ކަމަކު ނުދާނެ... އޭނަގެ ސަބަބުން މަގޭ ދިރިއުޅުން ވެސް ކިރިޔާ ހަލާކު...!"
ރައުއްޓޭ ދެކެ ރުޅި އައިސް ފައި ހުރި ވަރުން އަޝްރަފަށް ނުބައި އެއްޗެއް ނުބުނެވުނީ ކިރިޔާ އެވެ. އަޝްރަފް ހިމޭންވެލީ ނިހާގެ މޫނު ފެނުމުންނެވެ. ފަރީޝާ ވެސް އިނީ އަޝްރަފަށް ބަލާށެވެ. މި ދަޑިވަޅުގައިވެސް އަޝްރަފް ބުނަން އެއުޅުނީ ކީކޭ ހެއްޔެވެ! ފަރީޝާއާ ކައިވެނި ކުރަން ޖެހުނީތީ އޭނާގެ ދިރިއުޅުން ހަލާކުވި ވާހަކަ އެވެ. އެހެން ވިއްޔާ އަޝްރަފަށް ދަރިފުޅުވެސް މުހިންމެއް ނުވާނެ އެވެ. ފަރީޝާއަށް އަޝްރަފާ ދިމާއަށް ލޯ އަޅާލެވުނެވެ.
"އެމީހަކު އެމީހެއްގެ ދިރިއުޅުމާ ދޭތެރޭގަ ވިސްނީމަ ނިމުނީ.... އަހަރެން އަހަރެންގެ ދިރި އުޅުމާ ދޭތެރޭގަ ވިސްނާނަން!"
ފަރީޝާ ދުރު ބަލަން އިނދެ ރޮމުން ބުންޏެވެ. ފަރީޝާ އަށް ރުޅި އާދެވިއްޖެ އެވެ.
"ދަރިފުޅަކީ އަހަރެންގެ އެކަނި ދަރިއެއް... އިރާދުފުޅު ކުރެއްވިއްޔާ ﷲ އަހަންނަށް ގޮތެއް ދައްކަވާނެ... އަބަދަކު އަހަންނަކީ އެހާ ނަސީބު ދެރަ މީހަކަށް ނުވާނެ..!"
ފަރީޝާއަށް ވީ ގޮތް އާޒިމާ އަޝްރަފަށް ވިސްނުނެވެ. އާޒިމް މަޑުމަޑުން ގޮސް ފަރީޝާގެ ބުރަކަށީގައި އަތް ޖައްސާލި އެވެ. ފަރީޝާ ރުޅި އަންނަން ހަމަ ހައްޤެވެ. ވީ ގޮތެއް ނިހާ އަކަށް ނުވިސްނުނެވެ. އަޝްރަފް ހުރީ ފަރީޝާ އިތުރަށް ވާހަކަ ދައްކަފާނެތީ ބިރުންނެވެ. މާ ގިނަ އިރު އެތާ މަޑު ކުރަން އުޅެގެން ކަމުނުދާނެހެން ހީވުމުން ފަހުން އަންނާނެ ކަމަށް ބުނެފައި އަޝްރަފް ނިހާ ގޮވައިގެން ނުކުތީ އެވެ.
އެކޮޓަރީން ހަމަ ނުކުމެފައި ނިހާ އަޝްރަފާ ސުވާލު ކުރި އެވެ. ނިހާ އަކީ އޭނާގެ ހިތަށް އެއްޗެއް އަރައިފިއްޔާ އޭގެ ޖަވާބެއް ހޯދާފައި ނޫނީ ހުއްޓާލާނެ މީހެއް ނޫން ކަމުން އަޝްރަފް ހުރީ އެކަމަށް ތައްޔާރު ވެގެންނެވެ. އަޝްރަފް ބުނީ ފަރީޝާ އޭނީ ވަރަށް މަޖުބޫރު ހާލަތެއްގައި ކަމުން ރައުއްޓޭގެ އެހީ ހޯދުން ރަނގަޅު ނޫން ވާހަކަ ބުނެފާނެތީ ފަރީޝާ އަށް ރުޅިއާދެވުނީ ކަމަށެވެ. ރައުއްޓޭގެ އެހީ ނުހޯދަން ވީ ކީއްވެތޯއާ އަޝްރަފްގެ ދިރިއުޅުން ރައުއްޓޭއަށް ހަލާކު ކުރެވެންވީ ކީއްވެތޯ ނިހާ ސުވާލު ކުރުމުން ރައުއްޓޭ އަކީ ޑްރަގް ވިޔަފާރި ކުރާ މީހެއް ކަމާއި އެކަމުގެ އަވައިގައި އާޒިމް ނުޖެހި ސަލާމަތް ވީ ކިރިޔާ ކަމަށް ބުނެ ނިހާ އަށް ރަނގަޅު ޖަވާބެއް އަޝްރަފް ދިނެވެ.
ޖެހިގެން އައި ދުވަހުވެސް އަޝްރަފް ކްލާހަކަށް ނުދެއެވެ. ދަރިފުޅުގެ ހާލަތު ހުރި ގޮތުން އޭނާ މާ ބޮޑަށް ކަންބޮޑު ވަނީ އެވެ. ނިހާވެސް ހަމަ އެގޮތް މިގޮތަށް ވިސްނަނީ އެވެ. އެ ކުޑަ ބޭބީ އާ އެދެމަފިރީންނާ ދެމެދުގައި ވަނީ ބުނަން ނޭގޭ ފަދަ އާދަޔާ ޚިލާފް ގުޅުމެކެވެ. އަޝްރަފް ވެސް ބޭބީ ދެކެ ލޯބިވާވަރު ނިހާއަށް އިނގެއެވެ. ފަރީޝާ އެ ދަރިފުޅު ނިހާއަށް ނުދިނަސް ބޭބީގެ ފުރާނަ ސަލާމަތް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ނިހާ ބޭނުމެވެ.
ރޭގަނޑުގެ އެތަށް ވަގުތު ތަކެއް ހަމަ ހިމޭން ކަންމަތީ ހޭދަވެގެން ހިގައްޖެ އެވެ. މިހާރު އަޝްރަފަށް ވެސް ނިދިއްޖެ އެވެ. ނިހާ މަޑުމަޑުން ތެދުވެ ފޯނު ހިފައިގެން ނުކުތީ ބޭރަށެވެ. އެއީ އޭނާއަށް ވިސްނުނު ހަމަ އެކަނި ގޮތެވެ.
ކަޅި ޖަހާނުލާ ބޭބީއަށް ބަލަން އިނދެ މުޅި ރޭ ހޭދަވެގެން ދިޔައިރުވެސް ފަރީޝާއަށް ނޭގުނެވެ. ހިތް ދަތިކަން އިޙުސާސް ކުރެވެމުން ދިއައީ ދަރިފުޅަށް ޓަކައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަން ހިތަށް އެރުމުންނެވެ. ގޮތެއް ވިސްނާނެ ވަގުތެއްވެސް ނެތެވެ. ކޮންމެ ދުވަހަކީވެސް އަދި ކޮންމެ ވަގުތަކީ ވެސް ދަރިފުޅަށްޓަކައި ނާޒުކު ވަގުތެކެވެ. ބިރުވެރި ކަމުން ފުރިފައިވާ ވަގުތެކެވެ. އެނގިއެނގި ހުރެ ދެލޮލުގެ ކުރިމަތީގައި ލޯބިވާ ދަރިފުޅު ނިމިދާން ރުހެވޭނީ ކިހިނެތް ހެއްޔެވެ!
އަނެއް ދުވަހުގެ ހެދުނު ކްލާހަށް އަޝްރަފް ދިޔައީ މަޖުބޫރު ވެގެންނެވެ. އިމްތިހާނެއް އޮތީމަ އެވެ. ނިހާ އޮފީހަށް ނުގޮސް ގޭގައި މަޑުކުރީ ބޮލުގައި ރިއްސާ ކަމަށް ބުނެފަ އެވެ. އަޝްރަފް ކުލާހަށް ދިއުމުން ނިހާ އަނެއް ކާވެސް ފޯނެއް ކޮށްލައިފިއެވެ. ޝަރީފް ގާތުގައި އޭނާ ބުނީ ބައިގަޑި އިރު ތެރޭގައި އައުމަށެވެ.
ނިހާއާ ޝަރީފް ވާހަކަ ތަކެއް ދެއްކުމަށް ފަހު އެއްބަސް ވުމަކަށް އާދެވިއްޖެ އެވެ. އެ ބައްދަލުވުން ނިމިގެން ދިއައީ ނިހާ އެންމެ ބޭނުން ގޮތަށް ނޫން ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިވަގުތަށް އެނޫން ގޮތެއް ނެތެވެ. ޝަރީފް ހުރީ ވަރަށް އުފަލުންނެވެ. އެކަމަށް އެދި ޝަރީފު އުޅޭތާ ކިތަންމެ ދުވަހެކެވެ. އެހެން ނަމަވެސް މި ހުރިހާ ދުވަހު ނިހާ އައީ ދެކޮޅު ހަދަމުންނެވެ. އެންމެ ފަހުން މިއަދު މި ނިމުނީ ޝަރީފް ކުރީން ބޭނުންވި ގޮތަށް ވުރެވެސް މާ ރަނގަޅަށެވެ. ނިހާގެ ގޭގެ ބޭރު މަގަށް ހުރި ހުސްބައި ގަންނަން ބޭނުންވެގެން ޝަރީފް ކިޔާތާ ދެ އަހަރު ވެއްޖެ އެވެ. އެއްފަހަރާ ފައިސާ ދޭނެ ކަމަށް ބުނުމުންވެސް ނިހާ ވަނީ ޤަބޫލު ނުވެފަ އެވެ. އެހެން ނަމަވެސް މިއަދު ނިހާ އިސްވެ ޝަރީފަށް ގުޅުމުން ފައިސާ ދެވެން އަންނަނީ ހަތަރު ޕޭމަންޓަކަށް ކަމަށް ޝަރީފް ބުންޏެވެ. އެންމެ ފަހުން ނިހާ އެގޮތަށް ވެސް އެއްބަސްވީ އެވެ. ބޭބީގެ ފުރާނައަށް ވުރެ އޭނާއަށް މުހިންމު އެއްވެސް އެއްޗެއް މިވަގުތު ނެތެވެ.
އަޝްރަފަށް އެވާހަކަ އިވުމުން އިސް ޖެހުނެވެ. ނިހާގެ މިލްކިއްޔާތުގައިވާ ހަމަ އެކަނި އެއްޗަކީ އެއީ އެވެ. ނިހާގެ އެ ގުރުބާނީ ފެނިފައި ނިހާ ދެކެ ވާ ލޯބި އެތަށް ގުނައެއް އިތުރު ވެގެން ދިޔަ ހިނދު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާ އަށެވެ. މިކަމުގެ އާހިރު ނިމުން ވަރަށް ހިތިވާނެކަން އޭނާއަށް ޔަގީން ވިއެވެ.
"އަހަރެން ކީއްކުރާ އެއްޗެއް އަޝްރަފް... އަހަންނަކީ ދަރިއެއްވެސް ލިބޭނެ މީހެއް ނޫނެއްނުން؟"
ނިހާ އަޝްރަފަށް ވިސްނަދޭން މަސައްކަތް ކުރީ އެގޮތަށެވެ.
"ތިހިން ނުބުނޭ!"
އަޝްރަފް ނިހާ އޭނާގެ ގަޔާލާ ބޮނޑިކޮށްލި އިރު އެދެލޯ ވަނީ ކަރުނުން ބަރުވެފައެވެ. އޭނާއަށް ކުރެވެމުން ދިޔަ ތަފާތު ގިނަ އިޙުސާސް ތަކުގެ ސަބަބުން ވަނީ ކެތް ކުރަން ދަތިވެފަ އެވެ. ނިހާ އޭނާއަށް އެހާ އިތުބާރު ކުރާއިރު އޭނާ އަށް ކަން ކުރެވިފައި އެވަނީ އެހާ ނުބައި ކޮށެވެ. އެވަރުގެ ގުރުބާނީއެއް ނިހާ ވަމުން ދާއިރު އެދަރިފުޅަކީ އަޝްރަފްގެ ބޭވަފާތެރި ކަމުގެ ނިޝާނެއްކަން ނިހާއަށް އެނގޭ ދުވަހަކުން ނިހާ އަށް ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ އެވެ. އެކަން އެނގި އެނގި ހުރެވެސް އަޝްރަފަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ނިހާ ހުއްޓުވޭނެ ގޮތެއްވެސް ނެތެވެ. ބޭބީއަށް މިވަގުތު ދޭންޖެހޭ ފަރުވާ ދެވޭނެ އެނޫން ގޮތެއްވެސް ނެތެވެ.
ފުރަތަމަ ޕޭމަންޓްގެ ޗެކް ޝަރީފް ގެނެސް ދިނީ އެދުވަހުގެ ހަވީރެވެ. ޗެކް ލިބޭ އިރަށް ނިހާ އަޝްރަފް ގޮވައިގެން ދިއައީ ފަރީޝާ އުޅޭ އެޕާރޓްމެންޓް އަށެވެ. ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޖަހާލުމުންވެސް ޚަބަރެއް ނުވުމުން ނިހާ މަޑުމަޑުން ދޮރު ހުޅުވާލި އެވެ. އެއާއިއެކު އޭނާ އަވަސް އަވަހަށް ދޮރު ލައްޕާލި އެވެ.
"ކިހިނެތްވީ..!"
އަޝްރަފް އަހާލި އެވެ. ފަރީޝާ އިނީ ދަރިފުޅަށް ގާތުން ދޭށެވެ. އެރީތި ހަންގަނޑުގެ އެންމެ ތަންކޮޅެއްވެސް އަޝްރަފަށް ފެންނާކަށް ނިހާ ބޭނުމެއް ނޫނެވެ.
"ބޭބީއަށް ފީޑް ކުރަނީ!"
ނިހާ އެހެން ބުނުމުން އަޝްރަފް މޫނު އަނބުރާލި އެވެ. ނިހާ އެހާ ހަލުވިކޮށް ދޮރު ލައްޕާލި ސަބަބު އޭނާއަށް ވިސްނުމުން ނިހާއާ ދިމާއަށް ބަލާލަން ވެސް އޭނާއަށް ނުކެރުނެވެ. އަމިއްލަ ކުށް އިޙުސާސް ވަމުން ގޮސް އޭނާ ހަލާކު ވާން ގާތް ވެއްޖެ އެވެ. ފަރީޝާގެ ރީތި ކަމުގެ ކުޑަ މިންވަރެއްވެސް ފިރިމީހާއަށް ފެނިދާނެތީ ނިހާ ބިރުގެން އިރު އަޝްރަފަކީ ފަރީޝާގެއެ ރީތި ހަށިގަޑުން ލިބެންވާ ހުރިހާ އުފަލެއް ހާސިލް ކޮށްފައިވާ މީހެއްކަން ނިހާއަށް ނޭގެނީ އެވެ.
އަޝްރަފް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު އޭނާ ވަނީ ދާހިއްލާ ފޯވެފަ އެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ އެޕާރޓްމެންޓްގެ ބޭރު ދޮރު ހުޅުވާލި އެވެ. އެވަގުތުވެސް އޭނާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ދަތުރު ކޮށްލައިފި އެވެ. އޭނާ އެ ބަލާލީ އާޒިމްގެ ފައިވާން ހުރިތޯ އެވެ. މިވަގުތު ފަރީޝާގެ ކޮޓަރީގައި އާޒިމް އުޅޭތޯ ބަލާލަން ބޭނުން ވީ އެވެ. ބޭރުގައި ދެ ފިރިހެން ފައިވާނެއް ހުރިތަން ފެނުމުން ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އާޒިމް މާ ވަރަކުން ފަރީޝާއާ ހެދި އެއުޅޭ ސަބަބު އަޝްރަފަށް އޮޅިފައެއް ނުވެއެވެ. ކުރީންވެސް ފަރީޝާއަކީ މިސާލު ޖަހާލެވޭ ފަދަ ރީތި އަންހެނެކެވެ. އޭރުވެސް އާޒިމްގެ ވިހަ ނަޒަރުތައް ފަރީޝާއަށް އަމާޒު ވަމުން ދިޔަކަން އަޝްރަފަށް އެނގެއެވެ. ވިހެއުމަށް ފަހު އެތައް ގުނައެއް އިތުރު ވެފައިވާ ފަރީޝާގެ ޒުވާންކަމުގެ ފައިދާއެއް ނަގާލެވޭތޯ އާޒިމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ އެވެ. ފަރީޝާ ބޭބީއަށް ފީޑް ކުރިއަސް އެހެން ކަމެއް ކުރިއަސް އާޒިމް އެތަނަކުން ނުނިކުންނާނެ އެވެ. އަޝްރަފަށް ހަމަ ޔަގީނެވެ. އެހެން ހަމަ ހިތަށް އެރި ތަނާ ފެނުނީ ބޭރު ދޮރު ހުލުވާލާފައި އާޒިމް އެތެރެއަށް ވަން ތަނެވެ. އެވަގުތު ކޮންމެވެސް ވަރަކަށް އަޝްރަފަށް އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކޮށްލެވުނެވެ.
ފަރީޝާ ކޮޓަރީގެ ދޮރު ހުޅުވާލުމުން އެންމެން އެތެރެއަށް ވަނެވެ. ފަރީޝާ ފެނުމުން ނިހާގެ ހިތް އޯގާތެރިކަމާއި ހަމްދަރްދީ އިން ފުރުނެވެ. އެރީތި ދޮން މޫނު ވަނީ ކުލަ ފަނޑުވެ މިލާފަ އެވެ. ކަރުނައިގެ ސަބަބުންނާއި ނުނިދާ ހުރުމުގެ ސަބަބުން ދެލޯ ވަނީ ދުޅަވެފަ އެވެ. ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައި ވާހެންނެވެ.
އަޝްރަފް ގޮސް ބޭބީގެ ގާތަށް ގުދުވެ ނިއްކުރީގައި ތުންފަތް ޖައްސާލި އެވެ. އޭނާއަށް ދަރިފުޅުގެ ގައިގައި ބީހިލަން ލިބޭ ކޮންމެ ވަގުތަކު އަޖައިބެއް ފަދަ ފިނި އިޙުސާސެއް ކުރެވެ އެވެ. އަޝްރަފްގެ މި ހަރަކާތް ފެނިފައި ނިހާ އައިސް އަޝްރަފްގެ ފުރަގަހަށް ހުއްޓުނެވެ. ކުޑަކުދީން ދެކެ އަޝްރަފް އަބަދުވެސް ލޯބިވާކަން ނިހާއަށް އެނގެއެވެ. އެހެން ނަމަވެސް މި ބޭބީއާ ދޭތެރޭގައި އަޝްރަފްގެ ހިތުގައިވެސް މަތިވެރި ލޯތްބެއް ވާކަން ކަށަވަރެވެ. ނިހާ ބޭބީއާ ދިމާއަށް ބަލަން ހުއްޓެވެ. ބަލާ ފޫހި ނުވާފަދަ ރީތި ދޮންކަނބުލޮ އެކެވެ. އޮމާން މޫނާ ޗެރީ ކޮޅެއް ފަދަ ރަތް ރަތް ތުންފަތްކޮޅު ފެންނަ ކޮންމެ މީހެއްގެ ހިތް ލޯބިން ފުރާލާ ފަދަ ރީތި ރީތި މި ދަރިފުޅުގެ ނަސީބާ ދޭތެރޭގައި ވިސްނާލެވުނު ހިނދު ދެލޯ ކަރުނުން ފުރިގެން ދިއައެވެ.
އެނދުގައި އިށީދެ ލައިގެން އިން ފަރީޝާއާ ދިމާއަށް ނިހާ އެނބުރިލި އެވެ.
"ހާސްނުވޭ ފަރީޝާ ﷲ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ދަރިފުޅަށް ޝިފާއެއް ލިބޭނެ... އިރާދަ ކުރެއްވީތީ މި ދަޑިވަޅަށް ވާވަރަށް ފައިސާކޮޅެއް ލިބިއްޖެ!"
އިސް ޖަހައިގެން އިން ފަރީޝާ އުއްމީދާއެކު ނިހާގެ މޫނަށް ބަލާލި އެވެ.
"ޓެސްޓުތައް ހަދާލަން އިންޑިއާއަށް ދާން އަވަހަށް ތައްޔާރުވޭ... އަހަރުމެން އަތުގަ އެ ޚަރަދު ކުރެވޭ ވަރަށް ފައިސާ އެބަހުރި ދޯ އަޝްރަފް!"
ނިހާ އަޝްރަފާ ދިމާއަށް ހިނިތުން ވެލުމުން އަޝްރަފް ބޯ ހަލުވާލި އެވެ. އާޒިމް ސުވާލު އުފެދިފައިވާ ގޮތަކަށް އަޝްރަފަށް ބަލާލި އެވެ. އަނެއްކާވެސް ނިހާގެ ގުރުބާނީ އެއްކަން އާޒިމަށް ވިސްނުނެވެ.
"ކިހިނެއް ފައިސާ ހޯދީ...؟"
އާޒިމް ބޭނުންވީ އެ ސުވާލުގެ ޖަވާބު އާޒިމަށް އެނގޭއިރު ފަރީޝާއަށް ވެސް އަންގާށެވެ.
"ދެން ކޮންމެ ގޮތަކަށް ވިއަސް އޯކޭނުން؟.. އެކަމާ ނުވިސްނާ...!"
ނިހާ އެކަމުގެ ތަފްސީލަށް ދާކަށް ބޭނުމެއް ނުވިއެވެ.
"ހޫމް... އޯކޭޔޭ... އަހަރުމެންނަށް އެނގުނަސް ހަމަ އޯކޭނުން...؟"
އާޒިމް ވާހަކަ ދެއްކި ގޮތުން އާޒިމް ކުރު ނުކުރާނެކަން އަޝްރަފަށް އެނގުނެވެ.
"ނިހާގެ ގޭގެ އެއްބައި.... ވިއްކާލީ!"
ދުރު ބަލަން ހުރެ އުނދަގުލުން އަޝްރަފް ބުންޏެވެ. އަނގަމަތީގައި އަތް އެޅުނު ގޮތަށް ދެލޯބޮޑުވެފައި، ނިހާއަށް ބަލަން ހުރި ފަރީޝާގެ ލޮލުގެ ތެރެއަށް ގިނަވެގެން ދިޔަ ކަރުނަ ތިކިތައް ނިހާއަށް ފެނުނު ނަމަވެސް މިވަގުތު ފަރީޝާގެ ހިތަށް އަރަމުންދާ އެއްޗެއްގެ ކުޑަވެސް މިންވަރެއް ނިހާއަށް އިޙުސާސް ނުކުރެވެ އެވެ.
ފުރަތަމަ ފަހަރަށް ފަރީޝާއަށް އޭނާގެ ކުށް އިޙުސާސް ވެގެން ދިއައެވެ. އެފަދަ މާތް އިންސާނެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެދިރިއުޅުން ބަރުބާދު ކޮށްލުމަށް ނޭގުމެއްގެ ތެރޭގައިވެސް ފަރީޝާއަށް ކިހާ މަސައްކަތެއް ކުރެވުނު ހެއްޔެވެ! އޭގެ ބަދަލުގައި ނިހާ އެ މަސައްކަތް ކުރަނީ ޖާނާ މާލުން ގުރުބާން ވެގެންވެސް އެއްވެސް ގުޅުމެއް، ތިމާގެ ކަމެއްވެސް ނެތް އިންސާނެއްގެ ދިރިއުޅުން އާބާދު ކޮށްދެވޭތޯ އެވެ.
"ދެން އެކަމާ ނުވިސްނާ... އަވަހަށް ޓިކެޓު ނަގަން އުޅޭ އާޒިމް... މިހާރު ލިބުނީ އަދި މަދު ފައިސާކޮޅެއް، ފަހުން އަނެއްބައި ދޭނެ... އަނެއް ބައި ލިބެން އޮތަސް އަހަރުމެން ޚަރަދު ކުރަން ޖެހޭނީ ބަލައިގެން... އެހެންވީމަ.. އެންމެން ދާން އުޅޭނެ ކަމެއް ނެތް. ފަރީޝާއާ އެކީ އެކަކު ގޮސް ޓެސްޓުތައް ހަދާލާނީ ދޯ އެންމެ ކުރީގަ...!"
ނިހާ އެބުނީ ރަނގަޅު ވާހަކައެކެވެ. މިވަގުތު އެންމެ ފައިސާ ފޮތްޗެއްވެސް ވަރަށް މުހިއްމެވެ. ޖަވާބުގައި އާޒިމް އަވަސް އަވަހަށް ބޯޖަހާލި އެވެ. ފަރީޝާއާ އޭނާއާ އެކަނި ގޮސްގެން ވެސް އެކަން ވާނެ އެވެ.
"އަނެއްކާ އެކޮޅަށް ގޮސް ބޭސް ކުރާ އިރުވެސް ރަނގަޅަށް އެނގިގެން ޚަރަދު ނުކޮށްފިއްޔާ ވަރަށް ބޮޑަށް ބޭކާރު ޚަރަދު ކުރެވޭނެ... ރަނގަޅު ޑޮކްޓަރުންނަށް ދެއްކެން ވާނެ... ބައެއްގެ އެހީ ހޯދަން އުޅެފިއްޔާ ލަޑެއްވެސް ލިބިދާނެ. އެހެން ވީމަ އެހުރިހާ ކަމެއް އިނގޭ މީހަކު ދާން ވާނީ.... ހިތުގެ ކަމެއް ވީމަ ހަމަ އެންމެ ރަނަގަޅު ވާނީ ފަރީޝާއާ އެކީ އަޝްރަފް ދިއައިއްޔާ!"
ނިހާގެ އެޖުމްލަ އަޑު އިވުމާއެކު މުޅި ތަނަށް ވެރިވެގެން ދިޔައީ އާދަޔާ ޚިލާފް ހިމޭން ކަމެކެވެ. ހީވީ އަޑު އަހަން ތިބި އަނެއް ތިން މީހުންގެވެސް ނޭވާ ހުއްޓުނު ހެންނެވެ.
(ނުނިމޭ)