(21 އޮކްޓޯބަރގެ އަދަދާ ގުޅޭ)

" ފަރީޝާ އެދުނުހެން... މިރޭން ފެށިގެން ފަރީޝާތީ.. އަހަރެންގެ އަންބެއް ނޫން...!"

ހީވެސް ނުކޮށް ހުއްޓާ އެއިވުނު އަޑާއެކު ފަރީޝާގެ ހަށިގަޑަށް ވަރުގަދަ ޒަލްޒަލާއެއް ލައިގެން ކަހަލަ އެވެ. ހަށިގަނޑުގެ އެކިއެކި ގުނަވަންތައް އެކި ދިމަދިމާއިން ފަޅަފަޅައިގެން ގޮސް ބުރަބުރައިގެން ދިޔަ ކަހަލަ އިޙުސާސެއް އޭނާއަށް ކުރެވިގެން ދިޔައެވެ.
ލިބުނު ޝޮކުގައި އާޒިމްގެ އަނގައިން އަޑެއް ބޭރު ވެގެން ދިޔަ އެވެ. އާޒިމް ހުރީ ޤަބޫލު ކުރަން ދަތިވެފަ އެވެ. އަޝްރަފް ހަމަ އެހެން ބުނީ ބާއެވެ! އަޝްރަފަށް ދަރިފުޅުވެސް މުހިންމު ނުވީ ބާއެވެ!

ޙައިރާން ކަމުން ފުރިގެންވާ ނަޒަރަކުން އަޝްރަފްގެ މޫނަށް ބަލަމުން ފަރީޝާ ތެދުވެ އެނދުގައި އިށީންއިރު އެ ބޮޑު ދެލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް އަޝްރަފަށް ފެނުނެވެ. އަޝްރަފް މޫނު އަނބުރާލާ ބޭބީ އަށް ބަލާލަމުން އިސް ޖަހާލި އެވެ. 

"އަހަރުމެން މި ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތް ކޮށްގެން ދެމީހުން ކުރެ އެކަކަށް ވެސް ދުވަހަކު ވެސް އުފަލުގަ ނޫޅެވޭނެ... އިތުރަށް ފާފަވެރި ވާކަށް އަހަރެން ބޭނުމެއް ނޫން...! މިހާތަނަށް އަހަރެންގެ ސަބަބުން ފަރީޝާއަށް ވެސް ލިބިފަވާނީ ހިތް ދަތިކަން... އެދުވަސްތަކަށް، އެކަންކަމަށް އަހަންނަށް މަޢާފް ކޮށްދީފިއްޔާ ރަނގަޅު... އެއީ އަހަރެން ގަސްތަކު ނޫން...! ދެން އިރާދުކުރެއްވިއްޔާ އެފަދަ ކަމެއް އަހަރެންގެ ފަރާތަކުން ނުހިނގާނެ...! ދަރިފުޅަށް ބޭނުން ޚަރަދު އަހަރެން ފޮނުވާނަން... ދަރިފުޅަކީ ފަރީޝާގެ ހައްގެއް.... ފަރީޝާ ބުނިހެން ހުރިހާ ބުރައެއް އުފުލީ ފަރީޝާ އެކަނި.... އެކަންވެސް އަހަރެން ޤަބޫލު ކުރަން...! އެހެން ވީމަ އަހަރެން ކިތަންމެ ބޭނުންވިއަސް ފަރީޝާގެ ނުރުހުމުގަ ދަރިފުޅު ދެކިލަންވެސް އަހަރެން ދެން ނާންނާނަން!" 

އެހެން ބުނެފައި އަޝްރަފް ނުކުމެގެން ދާން ހިނގައިގަތީ އެވެ. ފަރީޝާއަށް ހަމަ އެއިން ގޮތަށް ގަނޑުވެފައި އިނދެވުނީ އެވެ. ހިތަށް ކުޅަދާނަ ނުވާހާ ފުން އަސަރު ތަކެއްގެ ސަބަބުން ހިއްސުތައް މަސައްކަތް ކުރަންވެސް އުޒުރުވެރި ވެއްޖެ އެވެ. ހަށީގައި ތާށިވި ނޭވާ ބޭރަށް ފޮނުވާލެވުނީވެސް އިރުކޮޅެއް ފަހުންނެވެ. އަޝްރަފް ގެ އެވާހަކަ ތަކުން ލިބުނު ސިހުމާއެކު ފަރީޝާގެ ލޮލުގެ ތެރޭގައި މަޑުޖެހިފައި ހުރި ކަރުނަ ތިކިތައް އޭނާގެ ރަތްވެފައިވާ ކޯތާފަތް މައްޗަށް އޮހޮރި ގަތެވެ. 

"އަޝްރަފް!"
ފަސް އެނބުރި ބަލާވެސް ނުލާ ނުކުމެގެން ދިޔަ އަޝްރަފަށް އަޑު އިވޭ ވަރަށް ބާރަށް ގޮވާލަން ފަރީޝާ ބޭނުން ވިއެވެ. އެހެން ނަމަވެސް އަޑު ނުކުތީ ވައިކޮޅެއްގެ ސިފައިގަ އެވެ. ދުވެފައި ގޮސް އަޝްރަފްގެ ފުރަގަހުން ބައްދައިގަންނަން ހިތަށް އެރި އެވެ. އެހެން ނަމަވެސް އެ ހިތްވަރެއްވެސް ނުލިބުނެވެ. އަޝްރަފްގެ ފައި ބުޑަށް ވެއްޓި ރޮއި އާދޭސް ކޮށްގަންނަން ވެސް ބޭނުން ވިއެވެ. އެހެން ނަމަވެސް އެ ފުރުސަތެއް ވެސް ނުލިބުނެވެ. 

ފަރީޝާގެ މޫނަށް ކަޅި ހުއްޓާލައިގެން ތަންކޮޅެއް ދުރުގައި ބަލަން ހުރި އާޒިމްގެ މޫނު މަތީގެ ކުލަވަރުން އޭނާ އަށް ކޮށްފައިވާ އަސަރު ދޭހަކޮށްދެމުން ދިޔަ އެވެ. އާޒިމްގެ ލޮލުގެ ކުރިމަތީގައި އޭނާ އެހާ ލޯބިވާ ފަރީޝާ ކުދިކުދި ވަމުންދާތަން ބަލަން އޭނާއަށް ކެތް ވާނީ ކިހިނެއް ހެއްޔެވެ!

އާޒިމް މަޑުމަޑުން އައިސް ފަރީޝާގެ ގާތަށް ހުއްޓުމާއި އެކު ފަރީޝާ ރޮމުން އާޒިމްގެ ގައިގައި މޫނު ޖައްސާލިއެވެ. އާޒިމް ފަރީޝާގެ އިސްތަށި ގަނޑުގައި ފިރުމާލި އެވެ. މިވަގުތު ފަރީޝާއަށް ކުރާނެ އަސަރު އާޒިމަށް ރަނގަޅަށް އިޙުސާސް ކުރެވެ އެވެ. އަޝްރަފަށް ޓަކައި ފަރީޝާ ނުވަނީ ކޮން ގުރުބާނީ އެއް ހެއްޔެވެ! އެ ހުރިހާ މަންޒަރެއް އެންމެ ގާތުން ދުށް މީހަކީ އާޒިމެވެ. 

ފަރީޝާގެ ހޫނު ކަރުނަ ތިކިތަކުން އާޒިމްގެ ގަމީސް ތެންމަމުން ދިޔައެވެ. އާޒިމް ފަރީޝާގެ ބޮލުގައި އަތް ޖައްސާލި ގޮތަށް މަޑުކޮށްލައިގެން ހުރީ އެވެ. މިއަދު ފަރީޝާ ރޯން ބޭނުން ވަރަކަށް ރޯނެ ފުރުސަތު ފަރީޝާއަށް ދޭން އާޒިމް ބޭނުން ވިއެވެ. ފާއިތުވެގެން ދިއަ ހިތާމަ ވެރި ދުވަސްތަކުގައި ފަރީޝާގެ އެދެލޮލަށް ޖަމާވި ކަރުނަތައް ކެތްތެރި ކަމާއި އެކު އެދެލޮލުގައި ޤައެދު ކޮށްފައި ވީނަމަވެސް އެ ކަރުނަ ތައްވެސް މިއަދު އެދެލޮލުން އޮހެރޭނެ އެވެ. 

އަޝްރަފް އެ ރަށަށް ދާން ފުރީއްސުރެ ނިހާ ހުރީ ދުޢާ ކޮށްލަ ކޮށްލައެވެ. އިރު އެރިއިރު އަޝްރަފް ހުރީ މާލޭގަ އެވެ. އެހާ އަވަހަށް އަޝްރަފް މާލެ އައުމުން ނިހާ ހިތްހަމަ ޖެހުނެވެ. ކަމެއް ގޯސްވެގެން އުޅޭ ނަމަ އަޝްރަފް ނާންނާނެ ކަން ޔަގީނެވެ. 

"ފަރީޝާ ބޭނުމެއް ނުވާނެތަ ބޭބީ އަހަރުމެންނަށް ދޭކަށް...؟"
އަޝްރަފް ގެއަށް އައިސް ހަމަ ޖެހިލުމުން މަގަތުން އޮށޯވެ އަޝްރަފްގެ ނިއްކުރިއާ ކުޅެމުން އަނެއްކާވެސް ނިހާ ހަމަ އެ ސުވާލު ކުރި އެވެ. ކުޑަ ދުވަސް ކޮޅެއްގެ ކުރީން ދިމާވި ހިލޭ އަންހެނަކަށް ލިބިފައިވާ ދަރިފުޅާ ދޭތެރޭގައި ނިހާގެ ހިތުގައި އެ ދަރަޖައިގެ ލޯތްބެއް އުފެދިފައި ވާތީ ނިހާ ވެސް ޙައިރާން ވިއެވެ.

މިހާރު އަޝްރަފް އެ ވާހަކަ އަޑުއަހާ އަހާ ގޮސް ބޮލަށް ވެސް އުނދަގޫވާން ފަށައިފި އެވެ. އަޝްރަފް ޖަވާބެއް ނުދީ ލޯ މަރާލި އެވެ. ފަރީޝާ ވަރި ކުރުމަށް ފަހުވެސް އޭނާ އުއްމީދު ކުރި ފަދަ ހިތްހަމަ ޖެހުމެއް އޭނާ އަކަށް އަދިވެސް ނުލިބެ އެވެ.

"ދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއް ނޭގެއޭ ފަރީޝާ ބުންޏަސް އަހަރެން ގަބޫލެއް ނުކުރަން!"
ނިހާ އެހެން ބުނުމުން އަޝްރަފް އެ ވާހަކަ އަށް ސަމާލު ވެލި އެވެ.
"މަގޭ ހިތް ބުނާ އެއްޗެއް ބުނަން؟"
ނިހާގެ އަޑު އިވިފައި އަޝްރަފްގެ ހިތުގެ ހިނގުން އަވަސް ވާން ފަށައިފި އެވެ. ނިހާ ބުނެފާނެ އެއްޗަކާ، އަހާފާނެ ސުވާލަކާ ދޭތެރޭ އަޝްރަފް ބިރުގަތެވެ.
"ފަރީޝާ އެ ހަދަނީ ދޮގު!"
ނިހާ ޔަގީން ކަމާއި އެކު ބުނެލި އެވެ. އަޝްރަފަށް ލޯ ހުޅުވާނުލާ ނޯވެވުނެވެ. ކުރުއަތްމައްޗަށް އޮށޯވެލައިގެން އަޝްރަފްގެ މޫނަށް ބަލަން އޮތް ނިހާގެ މޫނު މަތީން ފެންނަމުން ދިޔަ ސީރިއަސް ކަން އަޝްރަފްގެ ހިތަށް އިތުރު ހާސްކަމެއް ވެރި ކުރުވަމުން ދިޔައެވެ. އަޝްރަފް ނިހާގެ މޫނަށް ނުބަލަން މަތި ބަލަހައްޓައިގެން އޮތްއިރު އޭނާގެ މޫނު މަތީން އެއްވެސް ހާސްކަމެއް ހާމަވިޔަ ނުދޭން ގަދައަޅާ މަސައްކަތް ކުރަމުން ދިއައެވެ.

"އަހަންނަށް ހީވަނީ އެ ދަރިފުޅަކީ އާޒިމްގެ ދަރިއެއް ހެން!"
ނިހާ އެބުނި އެއްޗެއްގެ އަޑު ޖެހުމާއި އެކު އަޝްރަފްގެ ހިތް އާދަޔާ ހިލާފް ލަތްކެއް ޖަހާލައިފި އެވެ. އާޒިމްގެ ދަރިއަކަށް އެދަރިފުޅު ވެދާނެ ބާއެވެ! އާޒިމާ ފަރީޝާއާ ދޭތެރޭ ގައި ގުޅުމެއް އޮވެދާނެ ބާއެވެ! އަޝްރަފަށް ވުރެ ކުރީން ފަރީޝާ އާޒިމާ ގުޅުމެއް ހިންގާފައި އޮވެދާނެ ބާއެވެ! އަޝްރަފް މާޒީގެ ސޮފްހާތައް އުކަން ފަށައިފި އެވެ. އާޒިމާ ފަރީޝާގެ ކައިވެނި ކުރުވަން އަޝްރަފް މަސައްކަތް ކުރި ދުވަސްތަކުގެ މަންޒަރުތައް ވަރަށް ސާފްކޮށް އަޝްރަފްގެ ސިކުނޑީގައި ކުޅެވެމުން ދާން ފަށައިފި އެވެ. އާޒިމާ ކައިވެނި ނުކުރާން ފަރީޝާ ކިހާ އާދޭހެއް ކުރިހެއްޔެވެ! އޭރުވެސް ފަރީޝާ ލޯބިވީ އަޝްރަފް ދެކެ އެވެ. އެދުވަސްތައް ހަނދާން ވުމުން އަޝްރަފްގެ ހިތުގައި ފަރީޝާގެ މައްޗަށް ރަޙުމް އުފެދުނެވެ. ފަރީޝާ އޭނާ ދެކެ ވީ ޙަޤީޤީ ލޯތްބެވެ. އެލޯބީގެ ބަދަލުގައި އަޝްރަފަށް ދެވުނު އެއްޗަކީ ހިތާމަ އެވެ. އަމިއްލަ ކުށް އިޙުސާސް ކުރެވުނު ހިނދު އަޝްރަފަށް ލޯމަރާލެވުނެވެ. 

"ދޯ! ހިއެއް ނުވޭތަ؟"
ދާދި ގާތުން އަޝްރަފްގެ މޫނަށް ބަލަހައްޓައިގެން ނިހާ އޮތްކަން އިޙުސާސް ވުމުން މޫނުމަތި އުޖާލާ ކޮށްލަން އަޝްރަފް މަސައްކަތް ކުރިއެވެ.
"ހިއެއް ނުވޭ!"
އަޝްރަފް ނިހާގެ ސުވާލަށް ޖަވާބު ދިނެވެ. ނިހާވެސް ފަރީޝާއާ ދޭތެރޭގައި ނުބައި ވިސްނުމެއް ގެންގުޅޭކަށް އަޝްރަފް ބޭނުމެއް ނޫނެވެ. 

އިރުގަނޑެއް ވަންދެން އަޝްރަފް ލޯމަރާލައިގެން އޮތެވެ. އޭނާ ރޭގައި ނުނިދާ ހުރުމުންވެސް ނިދި ނައެވެ. ބުނަން ނޭގޭ ފަދަ އުނދަގޫ ތަކެއް ވަނީ އެވެ. ފަރީޝާ ދެރަވާނެ ވަރު ހިތަށް އަރަނީ އެވެ. އިތުރު ވާހަކަ ކޮޅެއް ފަރީޝާއާ ދައްކާލެވުނު ނަމައޭ ހިތަށް އަރަނީ އެވެ. މިވަގުތު ފަރީޝާގެ ހާލު ބަލާލަން ވެސް ބޭނުން ވިއެވެ. އަޝްރަފަށް އެކަން ނިންމާލެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެންމެ ކުޑަމިނުން ހިތްހެޔޮ ކުރައްޗޭ ވެސް ބުނެ ނުލެވުނެވެ. 

ހިތަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. އާޒިމް ބުނިހެން މިހުރިހާ ދުވަހު އަޝްރަފް އުޅުނީ ފަރީޝާގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ. އެހެން ނަމަވެސް އެކަން ވީމައިވެސް ހިތް ހަމަ ޖެހޭ ގޮތެއް ނުވި އެވެ. 

ޝިހާމްގެ ޝޮޕްގައި މަސައްކަތް ކުރަނިކޮށް އާޒިމަށް ރަނގަޅު ރަޙުމަތްތެރިޔަކު ލިބިއްޖެ އެވެ. އިޓަލީގެ މަލްޓި މިލިއަނަރެއް ކަމަށްވާ ލުޗާނޯ އަކީ ރާއްޖޭގައި ވިޔަފާރި އަކަށް އިންވެސްޓް ކުރަން ބޭނުން ވެގެން އުޅޭ މީހެކެވެ. އޭނާ ފުރައިގެން ރަށަށް ދިއައީ ރަނގަޅު ވިޔަފާރި އެއް ހޯދުމަށް އާޒިމާ ހަވާލު ކޮށްފަ އެވެ. އާޒިމްގެ އުއްމީދަކީ ލުޗާނޯގެ އެހީގައި ހިންދެމިލުމެވެ. މުއްސަންޖަކަށް ވުމެވެ. އޭރުން އޭނާއަށް ފަރީޝާ ބޭނުން ހުރިހާ ޚަރަދެއް ދަތި ކަމަކާނުލާ ކޮށްދެވޭނެ އެވެ. އެދަރިފުޅަށް އެންމެ ރަނގަޅު ފެންވަރުގެ ތައުލީމެއް ދެވޭނެ އެވެ. ނަމަވެސް ސުވާލަކީ އެފުރުސަތު ފަރީޝާ އޭނާއަށް ދޭނެބާ އެވެ! ފަރީޝާގެ ހިތް ދުވަހަކު ވެސް އާޒިމްގެ މައްޗަށް އެނބުރޭނެ ބާއެވެ! 

ފަރީޝާ ފާޚާނާއަށް ވަންނަން ޖެހުނީ އާޒިމް ގާތުގައި ދަރިފުޅު ބަލާލަން ބުނެފަ އެވެ. ފާޚާނާއަށް ވަންތަނާ ހެން ދަރިފުޅުގެ އަޑު އިވުނެވެ. ކުޑަކޮށް ރޮވެން އުޅޭހެން ހީވުމުން އާޒިމް ބޭބީ އުރާލި އެވެ. އެވަގުތު ބޭބީއަށް ގޮތެއް ވާހެން އޭނާއަށް ހީވި އެވެ. ބޭބީގެ މޫނަށް ނޫކުލަ އަރައިގެން ދިޔަ ވަގުތު އާޒިމަށް ފަރީޝާއަށް ގޮވާލެވުނެވެ. އާޒިމްގެ ހާސްކަމުން ފުރިގެންވާ އަޑު އިވުމާއިއެކު ފަރީޝާއަށް ތެޅިގަނެވުނެވެ. އަތުޖެހުނު ގޮތަކަށް ހެދުން ކޮޑަށް މަހާލައިގެން ފަރީޝާ ބޭރަށް ނުކުތް އިރު ބިމުގައި ފައިހަރުލަނީ ކިރިޔާއެވެ. އޭރު އާޒިމް ބޭބީ ބަންޑުން ބާއްވައިގެން ބުރަކަށީގައި އަތް ކާއްތަނީ އެވެ.

"ނޭވާ ނުލެވިގެން އުޅޭހެން ހީވަނީ!"
ފަރީޝާ އަވަސް އަވަހަށް ބޭބީ އަތުލާ އެގޮތްމިގޮތް ހަދަން ފެށި އެވެ. ކުޑައިރުކޮޅަކުން ބޭބީއަށް ރޮއިލެވިއްޖެ އެވެ. އެހެނަސް މަޑުމަޑު ނިކަމެތި އަޑަކުންނެވެ. ދަރިފުޅަށް އެވީ އާދައިގެ ގޮތެއް ނޫންކަން ފަރީޝާއަށް ވިސްނުމުން ދަރިފުޅު ގޮވައިގެން އާޒިމާ ފަރީޝާ ދިއައީ ރަށު ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ބަލާފައި ބުނީ ދަރިފުޅުގެ ހިތުގެ މައްސަލައެއް ހުރި ކަމަށެވެ. އަދި ލަސްނުކޮށް ވީހާވެސް އަވަހަކަށް މާލެ ގޮސް ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށެވެ. ޑޮކްޓަރގެ ބަސް އަޑު އިވުމުން ފަރީޝާއަށް ރޮވެން ފަށައިފި އެވެ. ހިތުގައި ބިރުވެރިކަން އުފެދި ހިތް ދަތިވާން ފެށީ އިންތިހާއަށެވެ. ހަނދާންވީ އެރޭ އަޝްރަފް ބުނި ބަސްތަކެވެ. އެދުވަހު އަޝްރަފްގެ ބަސް ޤަބޫލު ކޮށް ރުޅިގަދަ ނުވެވުނު ނަމަ މިއަދު އެހީތެރި ވާން އަޝްރަފް ވެސް ހުރީހެވެ. ދެން އެވާހަކަ ބުނަން އަޝްރަފަށް ގުޅަން ވެސް ނުކެރޭނެ އެވެ. އާޒިމް ވެސް ލަފާ ދިނީ އިހަށް އަޝްރަފަށް ނާންގާ މަޑު ކުރުމަށެވެ. މިފަހަރު އެދަރިފުޅުގެ ހުރިހާ ކަމެއް ބަލަހައްޓަން ބޭނުމީ އާޒިމެވެ. ﷲ އިރާދަފުޅު ކުރެއްވިއްޔާ އެ އަނިޔާވެރިޔާގެ އެހީތެރިކަމާ ނުލާ އެކަމުން ސަލާމަތް ވެވޭނެ އެވެ. މާލެ ގޮސް ބޭސް ކޮށްލާ ވަރުގެ ފައިސާ ކޮޅެއް އާޒިމްގެ އަތުގައި ފޮރުވިފައި އެބަ ހުއްޓެވެ. 


އެންމެ އަވަހަށް މާލެ އަންނަން އޮތް ދޯނިން އާޒިމާ ފަރީޝާ ބޭބީ ގޮވައިގެން މާލެ އައެވެ. މިފަހަރު އާޒިމްމެން ތިބީ މާލޭގައި އުޅޭ ފަރީޝާގެ ރަށު ބައެއްގެ އެޕާރޓްމެންޓެއްގައި ހުސްކޮށް ހުރި ކޮޓަރި އެއްގަ އެވެ. ކުޑަ ކުއްޔެއް ދީގެން އެތަނުގައި ތިބެވޭ ގޮތް ވީނަމަވެސް އުޅެން ޖެހުނީ ވަރަށް ވިސްނައިގެން ނެވެ. އާޒިމް ރޭގަނޑު ނިދަން އެހެން ތާކަށް ދާކަން އެމީހުންނަށް އެނގިއްޖެއްޔާ ސުވާލު އުފެދޭނެ އެވެ. އާޒިމަކީ ފަރީޝާގެ ފިރިމީހާ ކަމުގައި ރަށުމީހުންނަށް ހީވުމަކީ އަޝްރަފް ވެސް ނެތް، މިދަޑިވަޅުގައި މުހިންމު ކަމެކެވެ. އެހެން ނޫނީ އެ މީހުންގެ ފީކަޅާ ވާހަކަ ތަކުގެ ސަބަބުން އާޒިމާ އެއްގޭގައި އުޅެން ފަރީޝާއަށް ދަތި ވާނެ އެވެ. 

ބޭބީ ގޮވައިގެން އާޒިމާ ފަރީޝާ ހޮސްޕިޓަލަށް ދިޔައީ ހެޔޮ ރަޙުމަތަކަށް އެދި ދުޢާ ކުރަމުން ނެވެ. ކުޑަކުދީން ގެ ޑޮކްޓަރ އަކަށް ދެއްކުމުން ވެސް ބުނީ ހިތުގެ ކަމެއް ހުރި ކަމަށެވެ. އަދި ކަމުގެ ބޮޑުކަމާއި ކުޑަ ކަމެއް އިނގޭނީ ޓެސްޓު ތަކެއް ހެދިގެން ކަމަށް ބުނެ ހިތުގެ ޑޮކްޓަރަކަށް ދައްކަން ބުންޏެވެ. ހިތުގެ ޑޮކްޓަރ ލޭގެ ޓެސްޓުތަކަކާއި ހިތުގެ އެކޯއެއް ހެދުމަށް ފަހު ދިނީ ހިތް ކުދިކުދި ވާ ފަދަ ޚަބަރެކެވެ. އުފެދުމުގައި ހިތުގެ ދެތަނެއްގައި ލޯވަޅު ހުރުމާއި، ހޮޅި ތަކުގައި ބޮޑު މައްސަލަ ތަކެއް ހުރި ކަމަށް ބުންޏެވެ. ދަރިފުޅު ސަލާމަތް ކުރުމަށް ޓަކައި ރާއްޖޭން ބޭރުން އެއް އޮޕަރޭޝަނަށް ވުރެ ގިނަ އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް ބުނި ހިނދު ކުރި އަސަރުން ފަރީޝާގެ ހެޔަށް ވެސް ގޮތްވި އެވެ. ޑޮކްޓަރ ގެ ކޮޓަރިން ނުކުތް އިރު ފަރީޝާއަށް ވަނީ ފިޔަވަޅެއް ވެސް އަޅަން ދަތިވެފަ އެވެ. އާޒިމް ފަރީޝާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހޮސްޕިޓަލުން ބޭރަށް ނުކުންނަން ހިނގައި ގަތެވެ. އޭރު ފަރީޝާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދިޔަ އެވެ. 

އަޝްރަފާ އެއް ކުލާހުގައި ކިޔަވާ ކުއްޖެއް ކަމަށްވާ ގާސިމްގެ ސައިކަލު އަތުލައިގެން ރަށު ކުއްޖަކު ހޮސްޕިޓަލަށް ވައްޓާލަން އައި ވަގުތު ހޮސްޕިޓަލްގެ އެންޓަރަންސް ގައި އޮތް ކާރަށް އެރި ދެމީހުން އަޝްރަފް ގެ ލޮލުގައި އަޅައިގަތެވެ. ރަނގަޅަށް ނުފެނުނު ނަމަވެސް އެއީ ދަންނަ ބައެއް ކަމަށް އޭނާގެ ހިތް ބުނެލި އެވެ. އެ ދެމީހުންނާ އެކު ކުޑަކުއްޖަކު ވާކަން އެނގުމުން އަޝްރަފްގެ ހިތުގައި ޝައްކު އުފެދިގެން ދިޔަ އެވެ. ކާރުގެ ފަހަތުން އޭނާއަށް ދުއްވާލެވުނީ އޭނާގެ ސިކުނޑި ދިން އިންޒާރަކުންނެވެ. އެކާރުގައި ތިބީ ފަރީޝާއާ އާޒިމްހެން އޭނާއަށް ހީވި އެވެ. ފަހަކަށް އައިސް މަދުމަދުން އެކަހަލަ ޝައްކުތައް އޭނާއަށް ކުރެވިފައި ވީނަމަވެސް މިފަހަރު އެއީ ޝައްކެއް ނޫންހެން އޭނާއަށް ހީވީ މާ ބޮޑަށެވެ. މަގުގައި ޓްރެފިކް ބޮޑު ކަމުން ކާރާ އަރާ ހަމަކޮށް ކާރުގައި ތިބި ބަޔަކު ރަނގަޅަށް ބަލާލަން ކުރި މަސައްކަތް ނާކާމިޔާބު ވީނަމަވެސް އެހާ ހިސާބުން ދޫކޮށްލާކަށް އަޝްރަފް ބޭނުމެއް ނުވި އެވެ. ގޯޅިއަކަށް ކާރު ހުއްޓާލުމުން އަޝްރަފް ވެސް ދުރަށް ސައިކަލް މަޑުކޮށްލި އެވެ. ކާރު ހުއްޓުމާއި އެކު ދޮރު ހުޅުވާލާފައި ނުކުތީ އާޒިމެވެ. އާޒިމް ކާރުގެ އަނެއް ފަރާތަށް ގޮސް ދޮރު ހުޅުވާފައި އެ އުފުލާލީ އަޝްރަފްގެ ދެލޮލުގެ ނޫރެވެ. އޭނާގެ ލޯބިވާ ދަރިފުޅެވެ. ކާރުން ފަރީޝާ ފޭބުމުން ވަރަށް ގާތް ގޮތަކަށް އާޒިމް ފަރީޝާގެ ކޮނޑުގައި ހިފަހައްޓާލައިގެން ގޮވައިގެން ގެއާ ދިމާއަށް ހިނގައިގެން ހިނދު އަޝްރަފްގެ ހިތުގައި އުފެދުނު ތަފާތު ގިނަ އިޙުސާސް ތަކަކުން އަޝްރަފްގެ ހިތަށް އާދަޔާ ޚިލާފް ހޫނު ކަމެއް އިޙުސާސް ވެގެން ދިޔަ އެވެ. ސައިކަލް ދުއްވާލަން ނޭގިފައި އަޝްރަފަށް އިރު ކޮޅަކު މަޑުކޮށްލެވުނެވެ. 

ވިހެއުމަށް ފަހު ފަރީޝާގެ ރީތިކަން ވަނީ އެތައް ގުނައެއް އިތުރު ވެފަ އެވެ. އަޝްރަފަށް އެކަން ފާހަގަ ކުރެވުނީ އަދި ކިރިޔާ އެވެ. ކާރު މަޑުކޮށްލުމުން ކިޔޫގައި ޖެހުނު ސައިކަލް ތަކުގައި ތިބި ހުރިހާ ފިރިހެނުންގެ ދަހިވެތި ނަޒަރުތައް ފަރީޝާއަށް އަމާޒު ވެގެން ދިޔަތަން ފެނުނު ހިނދު އާޒިމާ ދޭތެރޭގައި އަޝްރަފްގެ ހިތް ހަސަދަވީވަރެއް ބުނެދޭން ވެސް ނޭގެ އެވެ. މަޑުމަޑުން މަޑުމަޑުން ގޮސް އާޒިމް އަޝްރަފްގެ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިވެ ގެންފި އެވެ. އަޝްރަފް ފަރީޝާ ވަރި ކުރި ނަމަވެސް އަދިވެސް ފަރީޝާ އެއިނީ އަޝްރަފްގެ އިއްދައިގަ އެވެ. އެކަން އާޒިމަށް ނޭގެނީ ހެއްޔެވެ! ފަރީޝާ ވެސް ވަކި ދެރައެއް ނޫނެވެ. ހަމަ ވިހެއުމާއި އެކު އަޝްރަފްގެ ކައިރީން ވަރިވާން ބޭނުންވި ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ. އެހެން ނޫންނަމަ މާލޭގެ މަގުމަތީގައި ކޮޑަށް އަތްލާ، ގައިގައި ތަތްވެގެން އުޅުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ! އާޒިމް އެ ދަރިފުޅުވެސް އަޝްރަފާ މުޅީން ވަކި ކޮށްލައިފި އެވެ. މާލެ އަންނަމުން ވެސް އަޝްރަފަށް އަންގާނުލި އެވެ. ފިލައިގެން މާލެ އައިސް ތަނެއް ކުއްޔަށް ހިފައިގެން ދެމަފިރީންގެ ގޮތުގައި އުޅޭކަށް ޖެހިލުމެއްވެސް ނުވޭ ހެއްޔެވެ! އާޒިމަކީ އަބަދުވެސް އެހެން އުޅޭ މީހެކެވެ. އެކަމަކު އޭނާގެ އަވައިގައި ފަރީޝާ ޖެހެން އަދި ތަންކޮޅެއް އަވަހެވެ! 

ފަރީޝާ ގެއަށް އައިސް ދަރިފުޅު ގައިގައި ބޮސްދީދީފައި ވަރަށް ރުޔެވެ. ޑޮކްޓަރ ބުނި ގޮތުން އެއީ އާދައިގެ ކަމެއް ނޫނެވެ. ހިތުގައި ހުރީ ހަމައެކަނި ލޯވަޅެއްގެ މައްސަލައެއް ވެސް ނޫނެވެ. ޑޮކްޓަރ ގެ މޫނު މަތީންވެސް ފެނުނީ ނާއުއްމީދު ގެ އަސަރެވެ. އާޒިމް ފަރީޝާއަށް ވަރަށް ހިތްވަރު ދިނެވެ. މާލޭގެ ޑޮކްޓަރުންނަށް އަދި މާ ރަނގަޅަށް ބުނަން ނޭގޭނެ ކަމަށް ބުނެ ފަރީޝާގެ ހިތް ހަމަ ޖައްސާލަ ދޭން އުޅުނެވެ. އެހެން ނަމަވެސް ފަރީޝާގެ ހިތަށް ކުޑަވެސް ލުޔެއް ލިބޭނީ ކިހިނެތް ހެއްޔެވެ؟ ރާއްޖޭން ބޭރަށް ޓެސްޓެއް ހަދާލަން ވެސް ދެވޭނެ ގޮތެއް ނެތެވެ. 

ކޮޓަރީން ބޭރަށް ނުކުތް ގަޑީގައި ބޭރު ޖޯލިފަތީގައި އަޝްރަފް އޮތް ތަން ފެނުމުން ނިހާ މަޑުޖެހިލި އެވެ. އަޝްރަފް އޮތީ ވަރުގަދަ ވިސްނުމެއްގައި ކަން އޭނާ ފެންނަ އިރަށް ވެސް އެނގިއްޖެ އެވެ. މަޑުމަޑުން އައިސް ނިހާ ކައިރިއަށް ހުއްޓުނު އިރުވެސް އަޝްރަފަށް ނޭގުނެވެ.

"ކިހިނެއްވީ؟"
ދާދި ގާތުން ނިހާގެ އަޑު އިވުމުން އަޝްރަފް ސިހުނެވެ. އަޝްރަފް ތެދުވެ އިށީނދެލަމުން ކަކުލުގައި އުޅަބޮށި ވިއްދާލިއެވެ.
" ކޯޗެއް ތި ވިސްނަނީ!"
ނިހާ އެހެން އެހުމުން އަޝްރަފް ނިހާއަށް ބަލާލި އެވެ. އޭރުވެސް އަޝްރަފް އިނީ ފުން ވިސްނުމެއްގެ ތެރޭގައި ކަން ނިހާއަށް ފާހަގަ ކުރެވުނެވެ. ނިހާއަށް ދޮގު ހަދާކަށް އަޝްރަފުވެސް ބޭނުމެއް ނުވި އެވެ.
"ދެންމެގަ އަހަންނަށް އާޒިމާ ފަރީޝާ ފެނިއްޖެ!"
"ކޮންތާކުން؟ ބޭބީ ވެސް ދުށިން؟"
ލަސްލަހުން އަޝްރަފް ބުނެލި ޖުމުލައަށް ނިހާ ތެޅިގަތެވެ. ނިހާގެ މޫނު މަތީން އުފާވެރިކަން ފެނިގެން ދިޔަ އެވެ.
"ކީއްވެ ގެއަށް ނުގެނައީ! ކޮންތާކުން ދިމާވީ؟"
ނިހާ އަޝްރަފްގެ ކައިރީގައި އިށީންނަމުން އަޝްރަފްގެ ކަކުލުގައި ހިފާ ތަޅުވާލި އެވެ.

"ހޮސްޕިޓަލުން!"
އެއަޑު އިވިފައި ނިހާގެ އުފާވެރި މޫނު އޮއްސިގެން ދިޔަ އެވެ. 
"ކިހިނެތްބާވީ...! އަހަރެން ބުނީމެއްނުން... ކޮބާ...! ކީކޯ އެމީހުން ބުނީ..؟ ކިހިނެތް ވީއޯ...ބޭބީ އޯކޭތަ؟"
ނިހާ ތެޅިގެން ވަރުން އަޝްރަފްގެ ހިތަށް ވެސް ބިރުވެރިކަން ވަނެވެ. ނިހާ އެބުނީ މި ހުރިހާ އިރު އަޝްރަފަށް ނުވިސްނުނު އެއްޗެކެވެ. އަޝްރަފް ވިސްނީ މުޅީން އެހެން ކަމަކާ ދޭތެރޭގަ އެވެ.
"އަހަރެން ހަމަ ޔަގީން ކަމާއެކު ބުނީމެންނު ބޭބީގެ މައްސަލައެއް އެބަހުއްޓޭ... ހަމަ ޔަގީނޭ އަޝްރަފް، އަވަސް ފަރުވާ ބޭބީއަށް ބޭނުން ވާނެ، އެހެންނޫނީ...!"
ނިހާ ރޮއިގަތެވެ. ނިހާ އުޅެގެން ގޮތުން އަޝްރަފް ވަރަށް ބިރުގަނެއްޖެ އެވެ. ކޮންމެ ކަމެއް އެހާ ބޮޑު ކޮށްލުމަކީ މިހާރު ނިހާގެ އާދައަކަށް ވެއްޖެ އެވެ. 

"މަށަށް އެހާ ޔަގީންވެގެން އެވަރުން އަޝްރަފް އެ ރަށަށް ފޮނުވީމަވެސް ފަރުވާ ކުޑަކޮށްފަ އައީއޭ... މީހެއްގެ ދަރިއަކަސް އެހެން ހަދާކަށް ނުވާނެ... އަހަރުމެންނަށް އެނގުނީމަ ޖެހޭނެ އެމީހުންނަށް އެހީވާން...!"
ރޮވިފައި އިނދެ ހިސާބަކަށް ނުރުހިފައި ނިހާ ބުންޏެވެ. މިފަހަރު އަޝްރަފަށް ވީ އަނެއްކާ އެހެން ޒާތެއްގެ އުނދަގުލެކެވެ. 
"ބުނެބަލަ... ކިހިނެކޯވީ؟ ކީކޭއޯ ޑޮކްޓަރ ބުނީ!"
މިހާރު ނިހާ އިށީންދެ އިނދެވެނީއެއް ނޫނެވެ.
"މަށަކަށް ނޭގެ...މަށަށް ފެނުނީ.... އެމީހުން ކާރަށް އަރަނިކޮށް... މަށަށް ޝައްކުވެގެން ކާރު ފަހަތުން އެގޭ ދޮށަށް ދިއައީމަ ޔަގީންވީ...!"
"އާދޭ... އާދޭ ދާން އެގެއަށް..!"
ނިހާ ތެދުވެ އަޝްރަފްގެ އަތުގައި ހިފާ ދަމަން ފަށައިފި އެވެ.

ގާތުގައި ބޭބީ ބާއްވައިގެން ފިރުމަ ފިރުމާ އިނދެ އަދިވެސް ފަރީޝާ ހަމަ ރޮނީ އެވެ. އިސް ޖަހާލައިގެން ދުރުގައި އާޒިމް އިނީ ދެން ކަންތައް ކުރާނެ ގޮތަކާއި ދޭތެރޭގައި ވިސްނާށެވެ. ބޭބީއަށް އަވަސް ފަރުވާ އެއް ދޭން ޖެހޭއިރު އެކަން ކުރާން ގިނަ އަދަދެއްގެ ފައިސާ ބޭނުމެވެ. 

އެޕާރޓްމަންޓްގެ ބޭރު ދޮރުގައި މީހަކު ތަޅާލި އަޑު އިވުނެވެ. އެއަޑަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ފަރީޝާއާ އާޒިމްގެ ފިކުރު ވަނީ ބޮޑުވެފަ އެވެ. އިރު ކޮޅެއް ފަހުން އިވުނީ ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑެވެ. އާޒިމް ވެސް އިންތަނުން ތެދުވާކަށް ބޭނުމެއް ނުވި އެވެ.

"ވަދޭ!"
އާޒިމް ގޮވާލި އެވެ. 
ކޮޓަރީގެ ދޮރު ހުޅުވާލި މީހަކު ފެނުމާއި އެކު ފަރީޝާއަށް ތެދުވެވުނީ ބޭއިހުތިއާރުގަ އެވެ. ދުންޖަހާފައި ދުވެ ގޮސް އޭނާއަށް އަޝްރަފްގެ ގައިގައި ބާރަށް ބައްދައި ގަނެވުނެވެ. އަޝްރަފަށް ލިބުނީ ޝޮކެކެވެ. ނުވިސްނާ ހުއްޓާ އެދަޑިވަޅުގައި ފަރީޝާ އެހެދި އެއްޗަކުން އޭނާގެ ބޯވެސް އައްސި ވެއްޖެ އެވެ. ދެލޯ ބޮޑުވެފައި އެހުރި ގޮތަށް ހިލައިގެ ބުދެއްހެން ގުޑިލަންވެސް ނޭގިފައި އޭނާއަށް ހުރެވުނީ އެވެ. ދެން ވާނީ ކިހިނެއްބާއޭ ހިތަށް އަރާ ހާލުގަ އެވެ. ދުޅަވެ ކަރުނުން ފޯވެފައިވާ ދެލޯ ފަރީޝާއަށް ހުޅުވާލެވުނީ އިރުކޮޅެއް ފަހުންނެވެ. އެވަގުތު އަޝްރަފްގެ ފަހަތުގައި ހުރި ނިހާއާ ފަރީޝާގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. 
(ނުނިމޭ)

ކޮމެންޓް 0