(13 ސެޕްޓެމްބަރގެ އަދަދާ ގުޅޭ)
އެ ޒުވާނާ އަޝްރަފާ ދިމާއަށް އެނބުރިލި ވަގުތު އަޝްރަފްގެ ހަށިގަޑަށް އައި ލޮޅުމާއެކު ތެޅިގަނެވުނު ވަރުން އަތުގައި އޮތް ދަބަސް އަތުން ދުވެގެން ފަޅުތެރެއަށް ނުވެއްޓުނީ ހަމަ ކިރިޔާ އެވެ!
އާޒިމް ތަންކޮޅެއް ބޮޑަށް ގުދުވެލާފައި އަޝްރަފް އަތުން ދަބަސް އަތުލި އިރުވެސް އަޝްރަފަކަށް ނޭގުނެވެ.
އެއްލި ކަޅިއަކުން ނިހާއަށް އަޝްރަފް ފެނިއްޖެއެވެ.
"އަޝްރަފް!"
އެވަގުތު ނިހާއަށް އުފަލުން ހަޅޭއްލަވައި ގަނެވުނީ ބޭއިޚުތިއާރުގައެވެ. ވައިރޯޅިއެއްހާ ހަލުވިކޮށް ނިހާ ދުވެފައި އައިސް އަޝްރަފްގެ އަތުގެ ތެރެއަށް ވަދެގެން އިރު މަގުގައި ކޮޅުކޮޅަށް ހަރަކާތް ތެރިވަމުންދާ ގިނަ އަދަދެއްގެ ބަޔަކު ވާކަން ވެސް އޭނާއަށް ނޭގުނެވެ. ނިހާ ގެ ހަށިގަޑު އަޝްރަފްގެ ހަށިގަޑާ ޖެހި ފިތިގެން ދިއަ ވަގުތު އަޝްރަފްގެ ކުރިމަތީން ވެސް އެހެން ހުރިހާ މަންޒަރެއް ފޮހެވިގެން ދިއަ ކަހަލައެވެ. އެ ހަށިގަނޑުގައިވާ މަސްތީ ހުވަދުން އަޝްރަފްގެ ހިތް އުތުރި އަރައިގަތެވެ. އެ ޖާދުގައި ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ލޯމަރާލެވުނެވެ. އާޒިމް ދަބަސް ބަހައްޓާފައި ފަރީޝާއަށް ބަލާލި ވަގުތު ފަރީޝާގެ ޙައިރާންވެ އަންތަރީސް ވަފައިވާ ދެލޯ ފެނުމުން ފަރީޝާގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް އާޒިމަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ވެސް ވީ ފަރީޝާއަށް ވީފަދަ ގޮތެކެވެ. އަޝްރަފް ލޯ ހުޅުވާލި ވަގުތު ދުރުން ފެންނަން ހުރި ފަރީޝާގެ ބޮޑު ދެލޮލާ ހަތަރު ކަޅި ހަމަވެގެން ދިއައެވެ. އެވަގުތު އަނެއްކާވެސް އޭނާއަށް ހަމަ ބިމަށް އާދެވިއްޖެއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް މަޑުމަޑުން އޭނާ ނިހާ އޭނާއާ ދުރުކޮށްލިއެވެ.
"ކޮންތާކަށް ދާން ތި އުޅެނީ!"
އުފަލުން ފުރިފައިވާ ނިހާ އަޝްރަފާ ސުވާލު ކުރަމުން ދޯންޏަށް ބަލާލިއެވެ. ދަބަސް އެތެރެއަށް ލާން ދިއަ ގޮތަށް ދޯނީގައި މަޑުކޮށްލައިގެން ހުރި އާޒިމް ނިހާއަށް ފެނުނު ވަގުތު އާޒިމް އަތްހޫރާލިއެވެ.
"ފުރަނީތަ!"
ނިހާ ތަން ކޮޅެއް ބާރަށް ގޮވާލީ އެތަނުގައި އަޑުގަދަ ކަމުންނެވެ.
އަޝްރަފް އަނގައިން ބުނަން ނޭގިފައި ފަރީޝާ އަށާއި އާޒިމަށް ބަލަން ހުއްޓެވެ. ފަރީޝާ ހުރީ ހިސާބަކަށް ބިރުވެސް ގެންފައެވެ. ދެން ވާނެގޮތެއް ނޭގޭތީ ކަންބޮޑުވެފައެވެ.
"އަނ..ރަނގަޅު..މި ދަޑިވަޅުގަ އާޒިމް ދިއައީއާ ރަނގަޅީވެސް ދޯ އަޝްރަފް!"
ނިހާ އާޒިމާ ދިމާއަށް ހިނިގަނޑެއް ޖަހާލަމުން އަޝްރަފްގެ ގައިގައި އެއް އަތުން ބައްދާލިއެވެ.
"ދެން ދަނީ..ބާއި!"
އެހެން ބުނަމުން ނިހާ އަޝްރަފްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަޝްރަފަކަށް ހެދޭނެ އެހެން ގޮތެއް ނެތެވެ. ފަރީޝާއަށް ބަލަމުން ބަލަމުން ގޮސް ކާރަށް އަރައިގެން އޭނާވެސް ނިހާއާ އެކުގައި ދިއައީ އެވެ.
ކާރުގެ ދޮރު ލައްޕާލި ކަމެއް ނޭގެއެވެ. ހިތް އަވަސްވެފައިވާ ނިހާ އަޝްރަފްގެ އުނގުގެ ތެރެއަށް ވަދެގަތެވެ. އޭނާ ފިރިމީހާގެ ހުނަރުވެރި ބީހުންތައް ލިބިގަތުމަށް ކެތް މަދުވެފައިވާތާ ކިހާ ދުވަހެއް ހެއްޔެވެ! ނިހާގެ ކުދި ކުދި ގޯނާ ތަކުން އަޝްރަފްވެސް ކެތްތެރިކަން ކޮޅުން ލަމުން ދިއައެވެ. ކާރު ގޭދޮށަށް ހުއްޓުމުން ކާރުން ފޭބުނު ގޮތްވެސް ނޭގެ އެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން، ނިހާގެ އަތުގައި ހިފައިގެން ދުވެފައި ގޮސް ކޮޓަރިއަށް ވަދެވުނު އިރުވެސް ދެމީހުން ތިބީ މާނޭވާ ލެވިފައެވެ.
ދޯނި ފުރަން ތައްޔާރު ވަނީ އެވެ. ހަދަން ވީ ގޮތެއް އާޒިމަކަށް ނޭގުނެވެ. ފަރީޝާ އެކަނި ބައިންދާފައި ދޯނިން ފައިބާ ކަށްވެސް ނުކެރުނެވެ. ދޯނީގެ ދިރުނބާ ކޮޅުގައި ހުރެގެން އޭނާ އެތައް ފަހަރަކު އަޝްރަފަށް ގުޅި އެވެ. ޖަވާބެއް ނުލިބެއެވެ. ހަދާނެ ގޮތެއް ނޭގިފައި ހުއްޓާ އެންމެ ފަހުން ދޯނި ނައްޓާލީ އެވެ.
އާޒިމް ގޮސް ފަރީޝާ ކައިރީގައި އިށީނެވެ. އިސް ޖަހާލައިގެން، ނޭފަތުގައި ކުޑަ ރުމާ ޖައްސާލައިގެން ފަރީޝާ އިން އިރު އޭނާގެ ކޯތާފަތްވެސް ވަނީ ރަތްވެފަ އެވެ. އިރު އިރު ކޮޅާ ގަދަ ކަމުން ހިންދިރުވާލަން މަސައްކަތް ކުރަމުން ދިއައިރު ތެމި ބޮނޑިވެފައިވާ އެދިގު އެސްފިޔަތައް އޭނާ ރޮނީ ކަން އަންގާދިނެވެ. އަޝްރަފް ފަރީޝާ ގޮވައިގެން އެ ރަށަށް ދާން ނިންމާފައި ވަނީ މުދާ އުފުލާ ދޯނީގައި ކަމުން ދޯނީގައި މާ މީހުން ގިނައެއް ނޫނެވެ. ރަށަށް ދާ ހައެއްކަ މީހަކު ނޫނީ ނުފެނެ އެވެ. ދަތުރަކީ ދިގު ދަތުރެކެވެ. އެވެސް ނަސީބެކެވެ. ރަށަށް އަރަން ވާއިރަށް ފަރީޝާ އަށް ހަމަ ޖެހިލާނެ ވަގުތު ކޮޅެއް ލިބޭނެ އެވެ.
އަޝްރަފަށް ފޯނު ބަލާލެވުނީ ގަޑިއެއް ހާއިރު ފަހުން ނެވެ. އާޒިމް ވަރަކަށް ގުޅާލާފައި އޮތެވެ. މިހާރު ދޯނި ފުރާފާނެކަން އަޝްރަފަށް އެނގުނެވެ. އާޒިމް ހެދި އެއްޗެއްވެސް ބަލާލަން ބޭނުން ވިއެވެ. އެހެން ނަމަވެސް ފޯނުގައި ކްރެޑިޓެއްވެސް ނެތެވެ. އަޝްރަފްގެ ގައިގައި ތަތްވެގެން ނިހާ އަށް އޮތީ ނިދިފަ އެވެ. މިވަގުތު ނިހާއަށް އުނދަގޫކުރަން އޭނާގެ ހިތް ގަބޫލެއް ނުވި އެވެ. އަޝްރަފް ފޯނު ދުރުގައި ބާއްވާލުމަށް ފަހު އަދިވެސް ބޮޑަށް ނިހާ އޭނާގެ ގައިގައި ޖައްސާ ބާރު ކޮށްލި އެވެ. އެފަދަ ފުރިހަމަ އަންބަކު ލިބިފައި ވާއިރު އޭނާއަށް ހާދަހާ ގޯހެއް ހެދިއްޖެ އެވެ. އޭނާއަކީ ކުށްވެރި އެކެވެ. ނިހާއަށް އެނގިއްޖެއްޔާ ދުވަހަކުވެސް އޭނާއަށް މާފް ނުކުރާނެ އެވެ. މިހާތަނާ ޖެހެންދެން އަޝްރަފް އައީ ނިހާއަށް އޭނާގެ ހުރިހާ ވާހަކައެއް ކިއައިދެމުން ނެވެ. އެއްވެސް ވާހަކައެއް ނިހާއަށް ސިއްރު ކުރުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް އެވާހަކަ ކިއައިދޭ ހިސާބުން އޭނާއަށް ނިހާ ގެއްލޭނެ އެވެ. އެއީ ޔަގީން ކަމެކެވެ. އަޝްރަފް ވަރަށް ވިސްނި އެވެ. ނިހާއާ ވަކީން ދިރި ހުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އެކަން ކުރާކަށް އޭނާއަކަށް ދެން މާ އުނދަގުލެއް ނުވާނެ އެވެ. ފަރީޝާ ވަރި ކުރާނީ އެވެ. އެއީ ނުވާކަމަކަށް ހަދާލާނީ އެވެ. އެ ނޫން ގޮތެއް ދެން ނެތެވެ.
ގޮނޑީގައި ދެކަކޫ ޖައްސާލައިގެން ދޯނީގެ އަރިމަތީ ފިލާ ގަނޑުގައި އުޅޮބޮށި އަޅުވާލައިގެން ބޭރަށް ބޯނެރިގެން ފަރީޝާ އޮތީ ސާފު ވައި ބޭނުން ވާތީ އެވެ. އޭނާ މާ ބޮޑަށް މޭ ނުބައި ކުރަނީ އެވެ. ރޮއި ރޮއިގޮސް ބޯ އަނބުރަން ފެށިފަހުން ހޮޑުވެސް ލަވަނީ އެވެ.
ހިސާބަކަށް ހަށިގަނޑު ލަންބާލައިގެން ބޭރަށް ބަލަން އޮތް އިރު ފަރީޝާގެ ބައްޓަން ރީތި ހަށިގަނޑަށް ދޯނީގައި ތިބި ފިރިހެންވެރީން ބަލާވަރުން އާޒިމަށް އިނީ އުނދަގޫވެފަ އެވެ. ފަރީޝާ ކުޑަކޮށް ގުދުވެލައިގެން އޮތް އިރު އޭނާގެ ފުރަގަހުން އެފެންނަ ރީތި މަންޒަރަށް ކަޅި ހުއްޓިފައި އިން ފަޅުވެރިޔާގެ ދެލޯ މަތީގައި އެތަނުން ލަކުޑި ގަނޑަކުން ޖަހާފާނަމޭވެސް އެތައް ފަހަރަކު އާޒިމް ހިތަށް އެރިއެވެ. ފަރީޝާ ގާތުގައި ރީތިކޮށް އިށީންދެ ލައިގެން އިންނާށޭ ބުނެލަންވެސް އާޒިމަށް ނުކެރުނީ އޭނާގެ ޠޮބިއްޔަތު މިވަގުތު މާ ރަނގަޅު ނޫންކަން އިނގޭތީ އެވެ. ފަރީޝާގެ އެރީތި ކަމަށް ސިއްރު ސިއްރުން އާޒިމަށް ވެސް ބަލާލެވޭ ވަރު މަދެއް ނޫނެވެ.
ވަޔާއިއެކު ވިހުރެމުންދާ ފަރީޝާގެ ފަން ދިގު އިސްތަށިގަނޑު ހިނދު ހިނދު ކޮޅުން އާޒިމްގެ މޫނުގައި ބީހެމުން ދިއައީ ފަރީޝާގެ އިޒުނައަކާ ނުލައެވެ. އެ މަޑުމަޑު ބީހިލުމުން އާޒިމްގެ ބުރަވެފައިވާ ސިނކުޑިއަށް ތާޒާ ކަމެއް އިޙުސާސް ވަމުން ދިއައެވެ.
ފަރީޝާ އޭނާގެ އަތުގައި އޮތް ފޯނަށް އިރު އިރުކޮޅާ ބަލާލަ އެވެ. ރޭންޖު ލިބޭތޯ ޗެކް ކޮށްލައެވެ. އަޝްރަފްގެ ކޯލަކަށް ނުވަތަ މެސެޖް އަކަށް އޭނާ އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. އާޒިމްވެސް އަޝްރަފްއާ ގުޅަން އުޅެއުޅެ ނުގުޅުނުކަން ފަރީޝާއަށް އިނގެއެވެ. އާޒިމް އޭނާއާ އެކުގައި ރަށަށް އެދަނީ އަޝްރަފް ބުނެގެން ނޫނެވެ. އޭނާގެ ހާލާ މެދު ހަމްދަރްދި ވާނެ އިންސާނަކު މިދުނިޔޭގައި ހުރީތީ އޭނާ ޖެހޭނީ ޝުކުރު ކޮށްލާށެވެ. ފަރީޝާ އެހެން އިނދެފައި އޯކާ ދެމިގަތުމާއިއެކު ހޮޑުލެވެން ފަށައިފި އެވެ. ދޯނިން ބޭރަށް ބޯ ނެރިގެން އޭނާއަށް އޮވެވުނުކަން ނަސީބެވެ. އާޒިމް އަވަސް އަވަހަށް ފަރީޝާގެ ބޮލުގައި ހިފަހައްޓާލި އެވެ. ފަރީޝާއަށް ހޮޑުލެވުނީ ކަންބޮޑުވާހާ ގިނައިންނެވެ. ދޯނީގައި ތިބި އެންމެންގެ ސަމާލުކަން އެދިމާއަށް ވަނީ ހުއްޓިފައެވެ. ފަރީޝާ ގޮނޑީގައި ބައިންދާފައި އާޒިމް ދުރަށް ޖެހިލީ ފެން ފުޅިއެއް ބަލައެވެ. ހަށިގަނޑުގެ ވަރުދެރަވާ ވަރަށް ހޮޑުލެވުމުގެ ސަބަބުން ވަރުބަލި ވެފައި ލޯމަރާލައިގެން އިނދާ ވަރަށް ގާތުން މީހެއްގެ އަޑު އިވިގެން ފަރީޝާ ބަލާލިއެވެ.
"ފަރީޝާ!"
އެއީ ޒުމްރާ އެވެ. ރަށު ކުއްޖެކެވެ. އަވަށްޓެރި އެކެވެ.
"ކިހިނެތް؟"
ހިތްހެޔޮ ހިނިތުން ވުމަކާއި އެކު ފަރީޝާގެ ބުރަކަށީގައި ފިރުމާލަމުން ޒުމްރާ އަހާލި އެވެ. ފަރީޝާ ހިނިތުން ވެލިއެވެ. ޒުމްރާ އަކީ ރަށުގައި އޭނާއާ ހިތްހެޔޮ ކަމާއިއެކު ވާހަކަ ދައްކާލާ ހަދާ މަދުކުދީން ތަކުގެ ތެރެއިން ކުއްޖެކެވެ.
"އަހަރެން މާލެ އައިސް، މީހަކާ އިނދެގެން ރަށަށް މިދަނީ!"
ޒުމްރާ ހުރީ ވަރަށް އުފަލުންކަން އޭނާގެ ދެލޮލުންވެސް އެނގުނެވެ.
"ފަރީޝާ މީހަކާ އިނީތަ؟"
ޒުމްރާ އަހާލިއެވެ. ފަރީޝާ ބޯޖަހާލިއެވެ. ކޮންމެ ގޮތެއްވިއަސް އޭނާ ވާނީ މީހެއްގެ އަންބަކަށެވެ.
"ތިވަރަށް ހޮޑުލާން ފެށީމަ މަށަށް ހީވެއްޖޭ..! ތީ އެހެން ކަހަލަ މޭ ނުބައި ކުރުމެއް!"
ޒުމުރާގެ އަޑު އިވިފައި ފަރީޝާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިއައެވެ. އޭނާ އެބުނި އެއްޗަކާ ދޭތެރޭ ފަރީޝާއަށް ވިސްނާލެވުނީ މާ ފުން ކޮށެވެ. އެވަގުތު ފަރީޝާއަށް ނޭވާ ލުމަށް ވެސް ދަތިވާހެން ހީވިއެވެ. އޭނާއާ އަޝްރަފާ ދޭތެރޭގައި ކަމެއް ހިނގާފައި ވަނީ މިދިއަ ހަފްތާގެ ތެރޭގަ އެވެ. އެހެން ވީމައި އެހާ އަވަހަށް އޭނާ ބަލިވެ އިން ކަމުގެ ނިޝާން ތައް ފެނިގެން ނުވާނެ އެވެ.
ދެ ގަޑިއެއް ހާއިރު ފަހުން އަޝްރަފް ގޭން ނުކުމެ ފޯނަށް ކުރެޑިޓް އަޅާލައިގެން އާޒިމަށް ގުޅި އެވެ. އާޒިމާ ވާހަކަ ދެއްކިއިރު ފަރީޝާ އިނީ އޭނާ ގެ އަތަށް ފޯނު ދޭނެ ވަގުތަކަށް އިންތިޒާރު ކުރާށެވެ. އާޒިމާ ކުޑަކޮށް ވާހަކަ ދައްކާލާފައި އަޝްރަފް ފޯނު ބޭއްވީ އެވެ. ފަރީޝާއާ ދޭތެރޭ އެހާ ދެރަކޮށް ކަންތައް ވީމައިވެސް އަޝްރަފްގެ ހިތުގައި ފަރީޝާގެ މައްޗަސް ހަމްދަރްދީގެ ކުޑަ މިންވަރެއްވެސް ނުއުފެދުނީ ތާއެވެ. އަޝްރަފް ބުނި އެއްޗެއް ފަރީޝާ ގާތުގައި ބުނަން އާޒިމް ދެރަވެސް ވިއެވެ.
"ކީކޭ ބުނީ!" ފަރީޝާ އެހިއެވެ.
"އަޝްރަފް ބުނީ ފަރީޝާއަށް ބޭނުންވާ ކަންތައްތައް ހަމަ ޖައްސާދީފަ އަހަރެން މާލެ އަންނާށޯ!"
ފަރީޝާ ގެ ހާލުވެސް އަޝްރަފް އެހި ހެނެއް ހިއެއް ނުވެއެވެ. އެކަމާ ގުޅޭ ވާހަކައެއް އާޒިމް ދެއްކި އަޑެއް ނީވެއެވެ. އަޝްރަފާ ގުޅާލަން ފަރީޝާ ބޭނުން ވިއެވެ. އެކަމަކު ގުޅައިގެން ކިޔާނީވެސް ވަކި ކީކޭ ހެއްޔެވެ!
އަޝްރަފް ގެއަށް އައީ ވަތްގަނޑުގެ ތަޅު ހަލާކު ކޮށްލަން ބޭނުންވާ ބައެއް ސާމާނު ހިފައިގެންނެވެ. އޭނާ ބޭނުން ކުރާ ހުރިހާ އަންނައުނެއްވެސް މިހާރުވީ އާޒިމް އަތުގައެވެ. އާޒިމްގެ ހުއްދައާއި އެކު އަޝްރަފް އެއުޅެނީ އާޒިމްގެ ވަތްގަނޑުގައި ހުރި އެއްޗެހި ބޭނުން ކުރާށެވެ. ނިހާ ސުވާލު ކުރުމުން އަޝްރަފް ވާހަކައެއް ދައްކާލައިގެން ހަމަ ޖައްސާލިއެވެ. ކުދިކުދި ކަންތައް، ވާހަކައިން ހަމަ ޖައްސާލުމަކީ މިހާރު އަޝްރަފަށް މާ އުނދަގޫ ކަމެއް ނޫނެވެ. އަޝްރަފް މަސައްކަތުގައި އުޅުނު އިރުވެސް ނިހާ އަޝްރަފްގެ ގައިގައި އުގުޅިލަ އުގުލިލާ ހުއްޓެވެ. އެއީ އަޝްރަފަށް ނިހާގެ އެންމެ ކަމުދާ ސިފަ އެވެ. ބޯ މޮޑެލަ ދޭނެ އެވެ، ބުރަކަށި ކަހާލަދޭނެ އެވެ. ކޮންމެވެސް ދިމާލެއްގައި މޫނު ކާއްތާލާނެ އެވެ. ވަސް ގަނެލާނެ އެވެ. އަބަދުވެސް އަޝްރަފްގެ ގައިގެ ކޮންމެވެސް ދިމާލެއްގައި ފިރުމާލެވޭތޯ ބަލާނެ އެވެ.
ފެންވަރާ ލައިގެން އަޝްރަފް ދިއައީ ކުލާހަށެވެ. އަޝްރަފް ފުރަން އުޅުނީ ކިއަވަން ގެންގުޅުނު ފޮތްތައް މާލޭގައި ބަހައްޓާފަ އެވެ. އެއީ ރަށު ދޯނި ފުރާއިރު އާޒިމްގެ ހަވާލުގައި ރަށަށް ފޮނުވާލާ ގޮތަށެވެ. ފަހުން ފޮނުވާލާ ގޮތަށް ފޮތްތައް ބެހެއްޓުނު ކަމުން ނިހާ ކައިރީގައި އިތުރު ވާހަކަ ތަކެއް ނަހަދާ އަޝްރަފް ސަލާމަތް ވެއްޖެއެވެ.
އަޝްރަފް ގޭން ނުކުތް ތަނާ ފޯނު ރިންގުވާން ފަށައިފި އެވެ. އެއީ ފަރީޝާގެ ފޯނެކެވެ. ފޯނު ނަގަން އަޝްރަފަށް އުނދަގޫވި ނަމަވެސް ފޯނަށް ޖަވާބު ނުދީ ހުންނާކަށް އޭނާއަކަށް ނުކެރުނެވެ.
"އަޝްރަފް!"
އެ މަޑުމޮޅި، މަޑުމައިތިރި އަޑު އިވުމުން އަޝްރަފްގެ ހިތުގައި ރިއްސާލި އެވެ.
"އަހަރެންނާ ސަލާމް ވެސް ނުކޮށްލެވުނުދޯ!"
އެއަޑުގައިވާ އަސަރާ ރިހުންތައް އަޝްރަފަށް ތަދު ކުރަމުން ދިއަ އެވެ. ބުނާނެ އެއްޗެއް ނޭގިފައި އަޝްރަފަށް އިރުކޮޅަކު ހުރެވުނެވެ.
"ފަރީޝާ، އަހަރެން ވަރަށް މަސައްކަތް ކުރީން ފަރީޝާގެ ކާފަ ކުރި ވަސިއްޔަތަށް ކަމޭ ހިތޭތޯ.. ހުރިހާ ގޮތަކުން އަހަރެން ބެލީން ފަރީޝާއަށް އެހީތެރި ވެވޭތޯ.. އެކަމަކު.. ތަޤުދީރުގަ ނެތް ގޮތެއް ނުވާނެދޯ ފަރީޝާ.. އެ ދަނޑިވަޅުގަ ނިހާއަށް އާދެވުން އެއީ ހަމަ އެކަނި އިއްތިފާޤެއް ނޫން.. އޭގަ ކޮންމެސް ޙިކުމަތެއް ވާނެއެވެ! "
ފަރީޝާ އިތުރަށް އެއްޗެއް ބުނާ އަޑެއް އަޝްރަފް އަކަށް ނީވުނެވެ. އިވުނީ ފަރީޝާގެ ގިސްލުމުގެ އަޑެވެ. މި ނިކަމެތި ކުއްޖާގެ ހުވަފެންތައް ފުޑުފުޑުވެ، ދިރިއުޅެން ދަތިވަމުން ދާއިރުވެސް އަޝްރަފްގެ ކުރިމަތީގައި އިދިކޮޅަށް ބަހެއްވެސް ނުބުނި ތާނގައި ޝަކުވާއެއްވެސް ނުކުރެ އެވެ. އަޝްރަފް ޝަހާދަތް އިނގިލީގައި ދަތް އަޅާލައިގެން ފަރީޝާގެ ގިސްލުމުގެ އަޑު އަހަން ހުރީ އެވެ. ފަރީޝާއާ އަޝްރަފް ވާހަކަ ނުދައްކަން އުޅެނީ އެހެންވެ އެވެ. ވާހަކަ ދެއްކި ވަރަކަށް އަޝްރަފްގެ ހިތްދަތިވާނީ އެވެ. ކުރެވުނު ކުށް އިޙުސާސް ކުރެވޭނީ އެވެ. ހެދޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ.
"އަދި އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރުމެން ދެމީހުން ބައްދަލު ވާނެ.. އެހާ ދުވަސް ވަންދެން ފަރީޝާ އިންނާނީ އަހަރެންގެ އަންބެއްގެ ގޮތުގަ!"
ފޯނު ބޭއްވުމުގެ ކުރީން ފަރީޝާ ހިތްހަމަ ޖައްސާލުމަށްޓަކައި އަޝްރަފް ބުންޏެވެ.
ފޯނު ނިއްވާލުމަށް ފަހު ފަރީޝާ އޭނާގެ ތުންފަތުގައި ފޯނު ޖައްސާލި އެވެ. އަޝްރަފްގެ އަޑު އިވުނީމައިވެސް އޭނާގެ ހިތަށް ލުޔެއް ލިބިއްޖެ އެވެ.
އަޝްރަފް ކްލާހަށް ގޮސް ރަނގަޅަށް ހަމަޖެހި ނުލެވެނިސް އަނެއްކާވެސް ފޯނު ރިންގުވާން ފަށައިފި އެވެ. އަޝްރަފް ހީކުރީ ފަރީޝާ ނުވަތަ އާޒިމް ގެ ކޯލެއް ކަމަށެވެ. ބަލާލިއިރު ނިހާގެ ފޯނެކެވެ. އެގަޑީގައި ނިހާ އެގުޅީ ކީއްކުރަން ބާއެވެ! އަޝްރަފް ފުން ނޭވާއެއް ލިއެވެ. މިހާރު އަބަދުވެސް އޭނާ ހުންނަނީ ބިރުން ނެވެ.
"ކީކޭ ނިހާ؟"
އަޝްރަފް ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން ބުނެލި ނަމަވެސް އެކޮޅުން އިވުނު އަޑުގައި ވަނީ ހާސްކަމެވެ.
ވަރަށް އަވަހަށް ގެއަށް އައުމަށް ބުނެފައި އަޝްރަފްގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާއި ނުލާ ނިހާ ފޯނު ބޭއްވީ އެވެ. އަޝްރަފް ހާސްވެގެން ދާހިއްލައިގަތެވެ.
ކްލާހުގައި އުޅޭ ގަޑީގައި ނިހާ އުނދަގުލެއް ނުކުރާނެ އެވެ. އެއްޗެއް ބުނަން ބޭނުން ވެއްޖެ ނަމަ މެސެޖެއް ކޮށްލަފާނެ އެވެ. މިއަދު ގުޅާފައި އެބުނީ އަވަހަށް ގެއަށް އައުމަށެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ޔަގީނެވެ. އަނެއްކާ ކޮންމެވެސް މީހަކު ނިހާއަށް އެ ޚަބަރު ދިނީ ބާއެވެ!
އަޝްރަފް ގެއަށް ދާން އަވަސްވެގަތެވެ. ދެފައި ކޮޅު ތުރުތުރުލާ ވަރުން ހިނގުނީވެސް ގޮތަކަށެވެ. ހިތް ތެޅެމުން ދިއައީ މަގުމަތީގެ އަޑެއްވެސް ނީވޭހާ ބާރަށެވެ. ގޭގެ ދޮރު ހުޅުވާލުމުގެ ކުރީން ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔާލެވުނެވެ.
"އެއީ ކޮން އަންހެނެއް! "
ދޮރު ހުޅުވާލުމާއި އެކު ނިހާގެ އަޑު ކަންފަތުގައި ޖެހިގެން ދިއައީ ހޮނު ގުގުރިއެއް ފަދައިންނެވެ.
(ނުނިމޭ)