(09 އޯގަސްޓްގެ އަދަދާ ގުޅޭ)
އަޝްރަފްގެ އަތްތިލައަށް ތެއްކަމެއް އިހުސާސް ކުރެވުނީ ކީއްވެ ހެއްޔެވެ!. އަޝްރަފް ބިރުން ހުރެ މަޑުމަޑުން އޭނާގެ އަތް އުފުލާ ބަލާލިއެވެ. އެއަތްތިލަ ވަނީ ލެއިން ތަތްތެޅިފައެވެ.
ގަތްބިރެއްގެ ބޮޑު ކަމުން އަޝްރަފްގެ ގައިން ހީބިހި ނަގައިގެން ދިއައެވެ. ފަރީޝާއަށް ވެގެން އުޅޭ ގޮތެއް ސާފް ކުރުމަށް ޓަކައި އަޝްރަފް ފަރީޝާ އޭނާގެ ގަޔާ ދުރުކޮށްލިއެވެ. އެވަގުތު ފަރީޝާ ހޭނެތިގެން އަޝްރަފްގެ އަތްމައްޗަށް ތިރިވެއްޖެއެވެ. އަޝްރަފްގެ ހާސްކަން އިތުރު ވެގެން ދިއައެވެ. ދަންވަރުގެ އެގަޑީ ގައި ކަންކުރަން ވީ ގޮތެއް ނޭގި އޭނާ ތެޅެން ފަށައިފި އެވެ. ފަރީޝާގެ ގައިން ލޭ އޮހޮރެމުން ދަނީއެވެ. ފޯނު ނަގާ ޓެކްސީ އަކަށް ގުޅާލަން އުޅުނެވެ. ފޯނު އަތުގައި ހަރުލީ ކިރިޔާ އެވެ. ޓެކްސީއެއް ނުލިބުނެވެ. އެމްބިއުލެންސް އަށް ގުޅާލާކަށް ވިސްނުމަކަށް ނައެވެ. އަޝްރަފަށް ގުޅާލީމައި ފޯނެއް ނުނެގިއެވެ. ހަދާފަ ނަހަދާނެ ގޮތެއް ނޭގި އިރުކޮޅަކު ހުރެފައި ފަރީޝާ ނަގައި އަތްދަޑި މައްޗަށް އުފުލާލައިގެން އަވަސް އަވަހަށް ބޭރަށް ނުކުނަން ހިނގައި ގަތީއެވެ.
ނަސީބު ރަނގަޅު ކަމުން ވަރަށް ފަސޭހައިން ޓެކްސީއެއް ލިބުނެވެ.
ފަރީޝާ ހޮސްޕިޓަލަށް ގެންދިއަ ގޮތަށް ވެއްދީ އެމެޖެންސީ ރޫމަށެވެ. އެތަނުން އަޝްރަފާ ވަރަށް ގިނަ ސުވާލު ކުރިއެވެ. އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް އަޝްރަފް އަކަށް ނޭގުނެވެ. އީ އާރް ގައި މީހުން ގިނަ ކަމުން އަޝްރަފަށް މަޑުކޮށްލަން ޖެހުނީ ބޭރުގައެވެ. އިގްބާލްއަށް ގުޅާލަން ހަނދާންވީ ފަރީޝާ އެމެޖެންސީ ރޫމްއަށް ވައްދާ ހަމަ ޖެހުނު ފަހުންނެވެ. އިގުބާލްއާ އޭނާގެ އަންހެނުން ތިބީ ކައިރި ރިސޯޓެއްގައެވެ. އެހެން ކަމުން އެ ޙަބަރުވީ އިގުބާލަށް ވެސް ލިބުނު ސިހުމަކަށެވެ.
ފަރީޝާއަށް ލިބިފައި ހުރި ޒަހަމް ތަކަކީ މާ ބޮޑެތި ޒަހަމް ތަކެއް ނޫންނަމަވެސް އެއީ ކޮންމެސް ތޫނު އެއްޗެއްގެ ސަބަބުން ލެވިފައިވާ ޒަހަމް ތަކެއް ކަމަށް ޑޮކްޓަރ ބުނުމުން އަޝްރަފް އިތުރަށް ބިރުގަތެވެ. މި ޒަމާނަކީ ރާއްޖޭގައި އެފަދަ ނޭދެވޭ އަމަލުތައް ގިނަވެ، ޑްރަގްގެ ވަބާގައި ޖެހި މީހުންގެ ފުރާނައަށް ވެސް ނުރައްކާ ވާހިސާބަށް ކަންތައް ދުއްވާލަން ޖެހިލުން ނުވާ ޒަމާނެކެވެ. އަނެއްކާ ފަރީޝާ އެފަދަ ބައެއްގެ އަތްދަށުވީކީ ނޫން ބާއެވެ! އަޝްރަފް ބިރުގަންނަން ޖެހުނު އެހެން ސަބަބެއްވެސް އެބަ އޮތެވެ. އެހާދިސާ އާއި ބެހޭ އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް އަޝްރަފް އަކަށް ނޭގުނެވެ. އަދި ފަރީޝާއާ ބެހޭ މައުލޫމާތެއްވެސް ފަރީޝާގެ ހުއްދައަކާ ނުލާ ދޭކަށް އަޝްރަފް އަކަށް ނުކެރުނެވެ. އަޝްރަފް މާ ބޮޑަށް އެއްޗެއް ނޭގޭ ކަމަށް ހަދަން ފެށުމުން އެމީހުން މިހާރު އަޝްރަފަށް ޝައްކު ކުރަން ވެސް ފަށައިފިހެން ހީވެއެވެ. މި މައްސަލަ ސިފައިންނާ ހިސާބަށް ހިނގައިދާނެތީ އަޝްރަފް ހުރީ ކަންބޮޑުވެފައެވެ. ހާސްކަން ބޮޑުވި ވަރަކަށް އަޝްރަފް އާޒިމަށް ގުޅަމުން ދިއައެވެ. މިރޭ އާޒިމް ނިދަންވެސް ނާންނަ ރެއެކެވެ. ރަނގަޅަށް ވިއްޔާ އޭނާ ކޮންމެސް ތާކަށް ވަދެ އޮއްވާ ނިދުނީ އެވެ. އެއީ އޭނާ ބައެއް ރޭރޭ ކުރާކަމެކެވެ. އިރުއަރާ ފަހުން ގެއަށް އައިސް ނިދާ ދުވަސް ވެސް ދެއެވެ.
ފަރިޝާ ހޭއެރުމުން އެމެޖެންސީ ރޫމަށް ވަނުމުގެ ފުރުސަތު އަޝްރަފަށް ލިބުނެވެ. އަޝްރަފް ފަރީޝާ އޮތް އެނދު ކައިރިއަށް ހުއްޓުނު އިރު ފަރީޝާ އޮތީ ލޯހުޅުވައި ގެންނެވެ. މަތީގައި އެނބުރެމުން ދިއަ ފަންކާއަށް ކަޅި ހުއްޓާލާފައި ވާއިރު އެދެލޯ ރަތް އަލިފާން ކޮޅެއް ފަދައެވެ. އޭނާގެ ކަނާއަތު ކޯތާފަތުން ބައެއް ވަނީ ނޫފައިގެންފައެވެ. އެރީތި ތުންފަތުގެ ބައެއް ވަނީ ފުފި އަރާފައެވެ. އެ އަލި މޫނުމަތީން ފެންނަމުން ދިއަ ހިތާމައިގެ ކުލަވަރުތައް ނުރައްކާތެރި ކަމެއްގެ އިންޒާރުތައް ދެމުން ދިއައެވެ.
ފަރީޝާ ފެނުމުން އަޝްރަފްގެ ތެޅިތެޅި އޮތް ހިތުގެ ހިނގުން އިހުނަށް ވުރެވެސް އަވަސްވެގަތެވެ.
"ފަރިޝާ!"
އޭނާ ފަރީޝާއާ އެތައް ސުވާލެއް ކުރަން ބޭނުމެވެ.
އަޝްރަފް ހީކުރީ ފަރީޝާއަށް އެދިމާވި ކަންތަކުގެ ވާހަކަ ފަރީޝާ އަޝްރަފަށް ސާފް ކޮށްދެން ބޭނުން ވާނެ ކަމަށެވެ. އަޝްރަފްގެ އެހީތެރިކަން ފަރީޝާ ބޭނުން ވާނެ ކަމަށެވެ. އެހެން ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އޭނާ އަޝްރަފް ކުރި ސުވާލު ތަކަށް ޖަވާބެއް ނުދިން ތަނުގައި އެބުރި އަޝްރަފަށް ބަލައިވެސް ނުލިއެވެ. ހަމަ އެއޮތް ގޮތަށް ކަޅިވެސް ޖަހާނުލާ މަތި ބަލަން އޮތީ އެވެ.
"ވީގޮތެއް ކިޔާ ދިނީމަ އެހިއެއް ވެވޭނީ....!"
ސުވާލު ކޮށްކޮށް ވަރުބަލި ވެގެން އެންމެ ފަހުން އަޝްރަފް ބުނެލިއެވެ.
އެކަމަކަށް، ދެން އިތުރު އެއްވެސް މީހެއްގެ އެހީތެރި ކަމެއް ފަރީޝާ ބޭނުމެއް ނޫނެވެ. އެހެން މީހަކަށް ވެވޭނެ އެއްވެސް އެހީއެއް ދެން ނޯންނާނެ އެވެ. އެކަން ވެ ނިމިއްޖެއެވެ. ވެދިއަތަން އަނބުރައެއް ނުގެނެވޭނެއެވެ. ފެށުނީއްސުރެ ހިތްދަތި ކަމާ ކުރިމަތި ލަމުން އައިސް އަންހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާނެ އެންމެ ބިރުވެރި ކަންތަކާވެސް އޭނާއަށް އެވަނީ ކުރިމަތި ލާންޖެހިފައެވެ. އެ ނާމާން ތަޖުރިބާގެ ލައްގަޑު ދުވަހަކުވެސް އޭނާގެ ހަޔާތުން ދެން ނުފޮހެވޭނެ އެވެ.
ފަރީޝާ ހަމަ އެއޮތް ގޮތަށް އޮތީއެވެ. ގުޑިވެސް ނުލައެވެ. ހިމޭނުން އޮތް ނަމަވެސް އޭނާގެ ހިތާމަތައް އިންތިހާއަށް ބޮޑުވެފައިވާކަން އޭނާ ބަލައިލި ކޮންމެ މީހަކަށް ވެސް އިނގޭނެ އެވެ. ފަރީޝާއަށް މި ޖެހުނު ހާލާމެދު އަޝްރަފް އިންތިހާއަށް ކަންބޮޑުވިއެވެ. އެކަމުގެ ޒިންމާ ނަގަން ޖެހޭ މީހަކީ އަޝްރަފް ކަމުގައި އަޝްރަފް ގަބޫލު ކުރިއެވެ.
އަޝްރަފް މަޑުމަޑުން ފަރީޝާގެ އަތްތިލައިގައި އަތް ޖައްސާލިއެވެ. އެވަގުތު ފަރިޝާ ލޯ މަރާލިއެވެ. އެއާއެކު ފަރީޝާއަށް ދުލުން ބަޔާން ކުރަން ކުޅަދާނަ ނުވި އެހިތާމަތައް ކަރުނަ ތިކިތަކެއްގެ ސިފައިގައި އޭނާ އޮށޯވެ އޮތް ބާލީސް މައްޗަށް އޮހިގަތެވެ. އެ މަންޒަރު ފެނިފައި އަޝްރަފްގެ ހިތަށް ވަރަށް ތަދުވިއެވެ. ފަރީޝާގެ ގައިގައި ބާރަށް ބައްދާލަން އޭނާ ބޭނުން ވިއެވެ.
"އެކްސް ކިއުޒްމީ....!"
އެއަޑަށް އަޝްރަފް ބަލައިލި އިރު ކައިރީގައި ނަރުސް ކުއްޖަކު ހުއްޓެވެ. އޭނާ އަޝްރަފް ގޮވައިގެން ދިއައީ ޑޮކްޓަރ ކައިރިއަށެވެ. ޑޮކްޓަރ ވަނީ ފަރީޝާގެ ބަޔާނެއް ނަގާފައެވެ. ފަރީޝާ ބުނެފައި ވާ ގޮތުގައި އޭނާ ގޮނޑިއަކަށް އަރާ ހުއްޓާ ވެއްޓި ބިއްލޫރި ގަނޑުގައި ޖެހުނީއެވެ. އޭނާގެ ބުރަކަށި ޒަހަމް ވެފައި އެވަނީ ތެޅުނު ބިއްލޫރި ގަނޑުގެ ސަބަބުންނެވެ. އަދި އެއީ އެއްވެސް އެހެން މީހެއްގެ ފަރާތުން ލިބުނު އަނިޔާއެއް ނޫން ކަމަށް ފަރީޝާ ބުނެފައިވާ ކަމަށް ޑޮކްޓަރ ބުންޏެވެ. އެވާހަކަ އަޝްރަފް އަށް ގަބޫލު ނުކުރެވިފައި ހުއްޓާ ފެނުނީ ވަރަށް ބާރަށް އިގްބާލު ވަދެގެން އައި ތަނެވެ. އިގްބާލް ބުނީ އެޚަބަރު ލިބިގެން އޭނާ އަވަހަށް މާލެ އައީ ކަމަށެވެ. ގެއަށް ވަދެ ބަލައިލި އިރު ކޮޓަރީ ގެ އެއްބިތުގަ ގައި ހުރި ބިއްލޫރި ގަނޑު ތެޅިފައިވުން ފިޔަވާ އެހެން އެއްވެސް އިތުރު ތަނަކަށް ގެއްލުން ވެފައި ނުވެއެވެ. އަދި ގޭތެރެއަށް ބޭރުން މީހަކު ވަދެފަ ހުރި ކަމުގެ އެއްވެސް ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން ދެން އެވާހަކަ އިތުރަށް ދައްކާނެ ޖާގައެއް އަޝްރަފް އަކަށް ނުލިބުނެވެ. އެހެން ނަމަވެސް ދެން އަޝްރަފް އަކަށް ފަރީޝާ އެގެއަށް ފޮނުވާކަށް ނުކެރޭނެ އެވެ.
އާޒިމް އަށް ހޭލެވުނީ އަނެއް ދުވަހުގެ މެންދުރު ވީފަހުންނެވެ. ލޯ ހުޅުވާލުމާއެކު އޭނާ ކޮޓަރީގެ ތެރެއަށް ކަޅި ހިންގާލިއެވެ. އޭނާއަށް އެ އޮވެވުނީ ކޮންތާކު ހެއްޔެވެ!. އާޒިމް ރަނގަޅަށް ވިސްނާލިއެވެ. އޭނާގެ ސިކުނޑި މަސައްކަތް ކުރަންވެސް އިރުކޮޅެއް ނެގިއެވެ.
އޭނާ އެއޮތީ އެކުވެރި ރައުއްޓޭގެ ކޮޓަރީގައެވެ. ޖެހިގެން ހުރި އެނދުގައި ރައުއްޓޭ އޮތެވެ.
އާޒިމް އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދިވެސް އޭނާގެ ބޯ ވަރަށް ބަރެވެ. އަދިވެސް ނިދާލަން ބޭނުމެވެ.
" އަނެއްކާ އޮށޯތީ...!"
ރައުއްޓޭ އަހާލިއެވެ. އޭނާ އޮތީ ނިދާފައެއް ނޫނެވެ.
"ހުމް.... ކަލޭވެސް ނިދާ....!"
ރައުއްޓޭ އުނދަގޫ ކޮށްފާނެތީ އާޒިމް ބުންޏެވެ.
"ކަލެއަށް ކިތައްގަޑިއިރު ނިދިއްޖެކަން އިނގޭތަ....! ރޭނޫން އިހަށް ރޭ ނިދި ގޮތަށް ތިއޮތީ.....!"
އެއަޑު އިވިފައި އާޒިމް ލޯ ހުޅުވާލިއެވެ. އޭނާއަށް ވިސްނައިލެވުނީ ދެނެވެ. އާޒިމް ފުންމައިގެން ތެދުވެ ފޯނު ހޯދާލިއެވެ. ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޭނާގެ ފޯނު އޮތެވެ. ފޯނުނަގާ ބަލައިލި އިރު ފޯނު އޮތީ ޗާރޖް ވެސް ގޮއްސައެވެ.
"އަޝްރަފް ގުޅާ ގުޅާ ކަންނޭގެ ޗާރޖު ގޮއްސަ މިއޮތީ ވެސް....! ކީއްވެތަ މަށަށް ނުގޮވީ.....!"
އާޒިމް އެނދުން ތެދުވެގެން ފާހާނާއަށް ވަންނަން ދަމުން އެހިއެވެ.
"މަ ވަރަށް ގޮވީމޭ..... އެކަމު، ކަލޭ މާ ފިޓްހެން ހީ ނުވާތީ ރަނގަޅަށް ނިދާލަން ބާއްވާލީ.....!"
ރައުއްޓޭ ހިނިގަނޑެއް ޖަހާލި އެވެ.
އާޒިމް ތައްޔާރު ވެލައިގެން ގޮސް ގެއަށް ވަންއިރު ބޭރު ޖޯލީ ފަތީގައި އަޝްރަފް އޮތެވެ.
"ކޮންތާކުން ތިއައީ.....!"
އަޝްރަފް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.
"މަ.... މިތާ ކައިރި ..... ރަށަކަށް ދިއައީ..... ސޮރީ.... ނުބުނެވުނީމަ.... ފޯނު ޗާރޖު ގޮއްސަ.....!"
އެހެން ބުނެފައި އާޒިމް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފުރަތަމަ ފަހަރަށް އޭނާ އަޝްރަފަށް ދޮގު ހަދައިފި އެވެ.
ތެދުތެދަށް ބުނާކަށް އޭނާއަކަށް ނުކެރޭނެ އެވެ. އޭނާގެ ބައެއް އާދަތައް އަޝްރަފަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ.
ކޮޓަރިއަށް ވަންތަނާ އެނދުގައި އޮތް ފަރީޝާ ފެނުމުން އަޝްރަފް ސިހުނެވެ. ފަރިޝާ އެގެއަށް ގެންނަން ޖުހުނު ސަބަބެއް އޭނާ އަކަށް ނުވިސްނުނެވެ.
"ކިހިނެއްވީ.....! ބަލިވީތަ....!"
ފަރިޝާގެ މޫނުމަތި ފެނުމުން ޝައްކުވެފައި އާޒިމް އަހާލިއެވެ. ފަރީޝާ އެއްޗެއް ނުބުނެއެވެ. އެހާދިސާ ދިމާވީއްސުރެ ފަރީޝާ އެއްޗެއް ބުނާ އަޑެއް ނީވެއެވެ.
ފަރީޝާއަށް ވެފައިވާގޮތް ފެނުމުން އަޝްރަފަށް ވުރެވެސް ބޮޑަށް އާޒިމް ދެރަވިއެވެ. ދެން ފަރީޝާ އެމީހުންނާ ދުރަށް ނުފޮނުވުމަށް އާޒިމް އަޝްރަފަށް ނަސޭހަތްތެރިވި އެވެ. އެއީ އަޝްރަފަށް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަން އާޒިމަށް ނޭގެނީ އެވެ.
އޭގެފަހުން އަޝްރަފާ، އާޒިމް އަދި ފަރީޝާ އުޅެމުން އައީ އެއް ކޮޓަރީގައެވެ.ފަރީޝާ ކުރީން އުޅުނު ކޮޓަރި ކުއްޔަށް ހިފަން ބެލި އިރު އެތަން ހުރީ އެހެން ބަޔަކަށް ދީފައެވެ. ފަރީޝާއަށް ޚަރަދު ކުރަމުން އައީ އަޝްރަފް އާއި އާޒިމް އެވެ. ކާފަ ނިޔާވި އިރު ފަރީޝާގެ އަތުގައި މަދު ފައިސާކޮޅެއް ބާކީ ހުރި ވާހަކަ އޭނާ ވަނީ އާޒިމް ގާތުގައި ކުރީން ބުނެފައެވެ. އެހެން ނަމަވެސް އެފައިސާގައި އަތްނުލުމަށް އާޒިމްމެން ވަނީ ނިންމާފައެވެ.
އަނެއްކާވެސް އަޝްރަފް ގިނަ ވަގުތު ހޭދަ ކުރަމުން ދިއައީ ގެއިން ބޭރުގައެވެ. ފަރިޝާއާ އެއްކޮޓަރީގައި އުޅެން އޭނާ އަކަށް ފަސޭހައެއް ނޫނެވެ. އެއާ ޚިލާފަށް މިހާރު އާޒިމް ގިނަ ވަގުތު އުޅެނީ ގޭގައެވެ.
އާޒިމްގެ ސަމާލުކަން ފަރީޝާއަށް ހުއްޓިފައި ވާކަން އަޝްރަފަށް ފާހަގަ ކުރެވެމުން ދިއައެވެ. އެކަމާ އަޝްރަފް އަށް އުނދަގޫ ވީ ނަމަވެސް އެއަށް ވުރެ އުނދަގޫވާ އެހެން ކަމެއް އެބައޮތެވެ. އޭނާ އަންހެން ކުއްޖަކާ އެއް ކޮޓަރީގައި ނިދާ އުޅޭކަން ނިހާއަށް އެގިއްޖެއްޔާ ވާނެ ގޮތަކާ ދޭތެރޭ އޭނާ ވިސްނައެވެ. ދެ ފިރިހެނުންނާ އެކީ އަންހެން ކުއްޖަކު އެއް ކޮޓަރީގައި އުޅުމަކީ ވަރަށް ހަޑި ކަމެކެވެ. މީހުން ދެކޭނީ ވަރަށް މުޑުދާރު ގޮތަކަށެވެ. އެހެން ކަމުން އަޝްރަފް އޭނާގެ ހިތުގައި އަތް އަޅައިގެން ހުރެ ރަނގަޅު ނިންމުމެއް ނިންމައިފި އެވެ.
އަޝްރަފް ހުރީ ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރާށެވެ. އާޒިމްއާ ވަކީން އޭނާ ފަރީޝާއާ ވާހަކަ ދައްކާލަން ބޭނުމެވެ. ކޮންމެ ރެއެއްގެވެސް އިރާކޮޅުގެ ވަގުތަކީ އާޒިމް ގެއްލޭ ވަގުތެކެވެ. އެ ވަގުތު ކޮޅުގެ ބޭނުން ހިފޭތޯ ބަލާނީ އެވެ.
އަޝްރަފް ގެއަށް އައި އިރު ފަރީޝާ ކުޑަދޮރު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންދެ ބޭރުބަލަން އިނެވެ. އެއްދިމާއަށް ނަޒަރު ހުއްޓާލައިގެން ހަރަކާތް ހުއްޓިފައި އެހެން އިންއިރު އެ މަންޒަރު، މޮޅު ކުރެހުންތެރިއެއްގެ ހިޔާލީ ކުރެހުމެއް ފަދައެވެ. އެ މައުސޫމް މޫނާ ޖާޒުބީ ހަށިގަނޑު ހަގީގަތަކަށް ވުރެ މާ ފުރިހަމައެވެ. ކިތަންމެ އަވަހަކަށް ފަރީޝާ ފެނުނަސް އަޝްރަފް ގެ ހިތަށް އެހެން އަރައެވެ.
ގުދުރަތުން އެހާ މުއްސަނދި ކަން ދެއްވާފައި ވާއިރުވެސް އޭނާ އަށް ކުރިމަތިވެފައިވާ ހިތާމަވެރި ދިރިއުޅުމާ ދޭތެރޭ އަޝްރަފް ހަމްދަރްދީވެއެވެ. ފަރީޝާގެ ހިތާމަތައް އެތައް ގުނައެއް އިތުރުވެ މިއަދު އޭނާއަށް އެހާލު ޖެހިފައި އެވަނީ އަޝްރަފްގެ ސަބަބުން ކަމަށް އަޝްރަފް ގަބޫލު ކުރެއެވެ. އެހެން ކަމުން އަޝްރަފް އެ މަސައްކަތް ކުރަނީ ފަރީޝާއަށް އެންމެ ރަނގަޅު ގޮތް ހަދާދޭށެވެ.
"ފަރީޝާ....!"
އަޝްރަފް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ގޮވާލިއެވެ. އަޝްރަފް ގޮވާލުމާއި އެކު ފަރީޝާ ބަލައިލި އެވެ. ހީވީ އަޝްރަފްގެ އިންތިޒާރުގައި އިންހެނެވެ.
އަޝްރަފާ ހަތަރުކަޅި ހަމަވި ވަގުތު ފަރީޝާގެ އެ ރީތި ބޮޑު ދެލޮލުގައި ފޮރުވިފައިވާ ވޭނުގެ އަސަރުތައް އަޝްރަފްއަށް ފެނުނެވެ. އަޝްރަފް އަވަސް އަވަހަށް އޭނާގެ ނަޒަރު އެހެން ދިމާއަކަށް ބަދަލު ކޮށްލީ އެ މަންޒަރު ބަލަން އޭނާއަށް ކުޅަދާނަ ނުވެގެންނެވެ.
"އަހަރެން ވާހަކައެއް ބުނަން....؟"
އަޝްރަފް ދުރު ބަލަން އިނދެ ބުންޏެވެ. ހަގީގަތުގައި އެވާހަކަ ބުނަން އޭނާ އަކަށް ފަސޭހައެއް ނޫނެވެ.
ފަރީޝާ އިނީ އަޝްރަފަށް ބަލާށެވެ. އަޝްރަފް އޭނާ އާއި އަނގައިން ބުނާނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެކެވެ. މިއަދު އޭނާގެ ދިރިއުޅުމުގެ ހާލަތު ކޮންމެ ގޮތަކަށް ބަދަލު ވެފައި ވީނަމަވެސް އަދިވެސް އޭނާ އަޝްރަފްގެ އަޑު އަހާލާ ހިތްވެއެވެ.
"އަހަންނަކަށް ނޭގެ ފަރީޝާ ތިހާވަރަށް ތި ދެރަވަނީ ކީއްވެ ކަމެއް..... އެކަމު...."
އަޝްރަފްގެ އަޑުވަނީ ކުރެހިފައެވެ. އޭނާ ދުރު ބަލަން އިނދެ، އަޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ވާހަކަ ދެއްކި އެވެ.
"އަހަރެން ވަރަށް ދެރަވޭ.... ފަރީޝާ... ތިހާ ހިތާމަ ކުރާތަން ފެންނާތީ.....!"
އަޝްރަފް އާއި ދިމާއަށް ބަލަން އިން ފަރީޝާގެ ބޮޑު ދެލޯ ކަރުނުން ފުރިގެން ދިއައެވެ. އެ ރީތި ތުންފަތާ ކޯތާފަތުގައި މަޑުމަޑު ތުރުތުރު ލުމެއް އުފެދިގެން ދިއައީ އަޝްރަފް އޭނާ އާއި ދޭތެރޭ ހަމްދަރްދީ ވީތީއެއް ނޫނެވެ. އަޝްރަފްގެ އަޑުގައި ފޮރުވިފައިވާ ވޭނީ އަސަރުތައް އޭނާއަށް ދެނެގަނެވުނީތީ އެވެ. އަޝްރަފްގެ ހިތުން އޭނާއަށް ޓަކައި ހާއްސަކަމެއް ދެވިފައިވާކަން އޭނާއަށް ކަށަވަރުވެއްޖެ އެވެ. އެހެން ނަމަވެސް މިހާރު މާ ލަސްވެއްޖެ އެވެ. ވަގުތު ފާއިތުވެއްޖެ އެވެ. ފަރިޝާގެ ހިތުގައި ކެތް ނުވާވަރަށް ރިއްސަން ފަށައިފި އެވެ.
އަޝްރަފް އިރުކޮޅަކު އަނގައިން ނުބުނެ ދުރު ބަލަން އިނެވެ. އޭނާވެސް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ އެވެ. މިވަގުތު އޭނާގެ ހިތާ ސިކުނޑިއާ ދޭތެރޭގައި ވަނީ ހަނގުރާމައެއް ފެށިފައެވެ. މިއަދު ފަރިޝާ ގާތުގައި އޭނާ ބުނަން އެ މަސައްކަތް ކުރަނީ އޭނާ ބުނަން ބޭނުން ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ސިކުނޑި އޭނާއަށް މަޖުބޫރު ކުރުވަނީ އެވެ.
"ފަރީޝާއަށް އެންމެ ރަނގަޅު ގޮތެއް އަހަރެން ބުނަން.....؟"
އަޝްރަފް އެވާހަކަ ބުނަން މަސައްކަތް ކުރަމުން ފަރީޝާއާ ހަތަރުކަޅި ކޮށްލި އެވެ. އެވަގުތު ފަރީޝާގެ މޫނު މަތީން އެފެނުނު އަސަރުތައް އަޝްރަފްގެ ސިނކުޑީގެ މައްޗަށް ބާރު ފޮރުވައިފި އެވެ.
"ފަރިޝާއަށް ނޭގުނަސް..... އަހަރެން ވަރަށް ކަންބޮޑުވޭ ފަރިޝާއާ ދޭތެރޭ....!"
އަޝްރަފްއަށް ބުނެވުނީ އެހެންނެވެ. ފަރީޝާގެ ދެލޮލުގެ ތެރެއަށް ގިނަވެފައި ހުރި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮހިގެންތަން އަޝްރަފަށް ފެނުނެވެ. އެވަގުތު ކުރިއަށް ޖެހިލާ ފަރިޝާގެ ގައިގައި އޭނާއަށް ބައްދާލެވުނީ ބޭއިހުތިޔާރު ގައެވެ.
އެހެން ނަމަވެސް އެއީ މަދު ސިކުންތު ކޮޅަކަށެވެ. އަނެއްކާވެސް އަޝްރަފްގެ ސިނކުޑި އޭނާގެ ހިތުގެ މައްޗަށް ގަދަވެގެންފި އެވެ. އަޝްރަފް ފަރީޝާ ދުރުކޮށްލާ އޭނާއާ ދުރަށް ހިނގައިގެންފިއެވެ.
"ފަރިޝާ.... އަހަންނަށް ވަރަށް އުނދަގޫވޭ.... މިހެން ފަރީޝާއާ އެއް ކޮޓަރީގަ އުޅެން..... އަހަރެންގެ އަންހެނުންނަށް އެނގިއްޖެއްޔާ ވަރަށް ދެރަވާނެ...! "
އަޝްރަފް އެހެން ބުނީ ފަރީޝާއަށް ނުބަލާހުރެއެވެ. ފަރިޝާ ދެރަވާނެކަން އަޝްރަފަށް އިނގޭތީއެވެ.
ފަރީޝާއަށް އިސްޖަހާލެވުނެވެ. އެކަނިވެރިކަމުގެ އިހުސާސް އިތުރުވެގެން ދިއައެވެ. ނިހާ އަކީ އަޝްރަފްގެ އަންހެނުންހެން ފަރިޝާއަށް ކުރީންވެސް ހީވިއެވެ. އަޝްރަފް ފަރީޝާއަށް ޚާއްޞަކަމެއް ދީފާނެހެން ހީވުން އެއީ ފަރީޝާއަށް ކުރެވުނު ކުށްހީއެކެވެ.
"އެކަމަކު ފަރީޝާ އެކަނި ދޫކޮށްލާކަށް..... އަހަރެން ބޭނުމެއް ނޫން...! ފަރީޝާގެ ކާފަ ކުރި ވަސީއްޔަތަށް އަހަރެން އިޙްތިރާމް ކުރަން.....!"
އަޝްރަފްގެ ވާހަކަ އަޑުއަހަން ފަރީޝާ އިނީ ވަރަށް ހިތުގައި ޖެހިފައެވެ. އޭނާ އަކީ ކިހާ ބޮޑު ނިކަމެއްޗެއް ހެއްޔެވެ!. އޭނާއާ ހެދި އަޝްރަފަށް އެވަނީ ކިހާ ބޮޑު އުނދަގުލަކަށް ހެއްޔެވެ!.
"އަހަރެން ބޭނުން ވަނީ..... ފަރީޝާ އާޒިމްއާ ކައިވެނި ކުރަން.....!"
(ނުނިމޭ)