(07 އޮކްޓޯބަރގެ އަދަދާ ގުޅޭ)
ނިހާ ދިން ޚަބަރަކުން ގަނޑުވެފައި އަޝްރަފަށް އިރުގަނޑަކު ހުރެވުނެވެ.
"ވަރަށް އަވަހަށް ރަށަށް ދާން ޖެހިއްޖެ"
ފޯނު ކަނޑާލަމުން އެހެން ބުނިއިރު އަޝްރަފްގެ މޫނުމަތީން ހާސްކަން ފެންނަމުން ދިޔަ އެވެ. އެއްވެސް ސުވާލެއް ކުރާނެ ފުރުސަތު ވެސް ފަރީޝާ އަކަށް ނުލިބުނެވެ. އަވަސް އަވަހަށް އަޝްރަފް ހިނގައިގަތީ ޖެޓީ އާ ދިމާލަށެވެ.
އަޝްރަފަށް އޭނާގެ ރަށަށް ދެވުނީ އިރު އޮއްސެން ގާތްވެފައި ވަނިކޮށެވެ. އޭރުވެސް އޭނާގެ ބައްޕަގެ ގޭދޮށަށް އެއްވެ ތިބި މީހުން މަދެއް ނޫނެވެ. ގެއާ ހިސާބަށް ދެވުނު ތަނާ އާޒިމާ ދިމާ ވެއްޖެ އެވެ.
"ކުއްލިއަކަށް ކިހިނެއް މިވީ؟"
ގަބޫލު ނުކުރެވިފައި އަޝްރަފް ސުވާލު ކުރި އެވެ. އޭނާގެ އެ ހިތްވަރުގަދަ މައިދައިތަ އެވަރު ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރުމަކީ ދަތި ކަމެކެވެ.
"އިއްޔެގަ ދޮހޮއްތު ފިހާރައަށް އޯޑަރުދިން ހަނޑޫ ބަސްތާއެއް ހިފައިގެން ދޮހޮއްތު އައިސް މިގޭން މީހަކު ނުފެނިގެން ހޯދަނިކޮށް ފެނުނީ، މަންމަ ކޮޓަރީގަ ދަންޖެހިފަ ހުއްޓާ.. ވީގޮތެއް އެކަކަށް ވެސް ނޭގުނު!"
އާޒިމަކަށް ވެސް ވީ ގޮތެއް ނޭގުނެވެ. ގެއަށް ވަންނަ ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދުނު ސުވާލަކީ ރަޒީނާ ކޮބައި ބާއެވެ. މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިމި ވަޅުލި އިރުވެސް ރަޒީނާގެ ޚަބަރެއް ނުވެ އެވެ.
އަނެއްކާވެސް އަޝްރަފް ނިހާ ގާތުގައި ދުވަސްކޮޅަކު މަޑުކުރި އެވެ. އާޒިމް ގާތުގައި ފަރީޝާގެ ރަށަށް ދާން ބުނަންވެސް މިފަހަރު އަޝްރަފަކަށް ނުކެރުނެވެ. އާޒިމް އުޅުނީ އަޝްރަފާ މާ ދުރުދުރުން ނެވެ.
މަޑުމަޑުން ދުވަސްތައް މާޒީއާ އެކުވެގެން ގޮސް މިހާރު ފަރީޝާގެ ބަޑަށް ހަމަސް ވަނީ އެވެ. މަދުމަދުން އަޝްރަފް ފަރީޝާއާ ގުޅާ ހަދައެވެ. އަދިވެސް އަޝްރަފް ފަރީޝާއަށް ގުޅާ ވަރަށް ވުރެ ގިނައިން އާޒިމް ފަރީޝާގެ ހާލު ބަލަން ގުޅައެވެ. ހަމަސް ވީއިރު ފަރީޝާ ވަރަށް ބަލި ވެއްޖެ އެވެ. ވަރުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން އާޒިމް އެރަށަށް ދިޔައެވެ. ފަރީޝާ އަށް އެހީތެރިވެދޭން އާޒިމް ބޭނުން ވިއެވެ.
ރަށުގެ ސިއްހީ މަރުކަޒުން، މާލޭގެ ހެލްތް ސެންޓަރ ގައި މަސައްކަތް ކުރާނެ ފުރުސަތު ރަށުގެ ދެ ކުއްޖަކަށް އޮތްކަން އެނގުމާއި ގުޅިގެން ނިހާ އެ ވަޒީފާއާ ކުރިމަތިލީ އަޝްރަފް ގާތުގައި ނުވެސް ބުނެ އެވެ. އެ ވަޒީފާ ލިބިއްޖެ ނަމަ ނިހާ މާލޭގައި ގިނަ ދުވަސް ތަކަކު މަޑުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ މިހާރު ނިހާ ކުރަން ވެއްޖެ ކަމެކެވެ. ކުޑަކޮށް ބޭސް ކޮށްލައިގެން ނޫނީ އޭނާއަށް ދަރިއަކު ނުލިބޭނެހެން އޭނާއަށް ހީވާތާ ކިތަންމެ ދުވަހެކެވެ. ރަނގަޅު މުސާރަ އަކާއި އެކު ނިހާއަށް އެ ލިބުނީ ރަނގަޅު ވަޒީފާއެއް ނަމަވެސް އެ ދަނޑިވަޅުގައި ނިހާ މާލެ އައުން އެއީ އަޝްރަފް ކަންބޮޑުވާން ޖެހުނު ކަމެކެވެ. ފަރީޝާ ވިހަން ގެންނަން ވެސް ޖެހޭނީ މާލެ އަށެވެ. އޭނާގެ ހާލަތު ހުރިގޮތުން ރަށުގައި ވިހަން އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާނެ އެވެ.
އަޝްރަފާ ނިހާ މާލޭގައި އުފާވެރި ދުވަސް ތަކެއް ގުނަމުން ދިއައިރު ފަރީޝާގެ ހާލު ދުވަހެއް ދުވަހަކަށް ދިއައީ ބޮޑު ވަމުންނެވެ. އެ މަންޒަރު ގާތުން ދެކެމުން ދިޔަ އާޒިމްގެ ކަންބޮޑުވުން އިތުރު ވަމުން ދިއަ އެވެ. އާޒިމް ބޭނުން ވަނީ މިހާރުވެސް ފަރީޝާ މާލެ ގެންދާށެވެ. އެހެން ނަމަވެސް އަޝްރަފް އަދިވެސް ލަސްކުރަން އަންގަނީ އެވެ. މިހާރު ފަރީޝާ ދުޅަކަމުން ހިނގައި އުޅެވެނީ އެއްވެސް ނޫނެވެ.
މާލޭގެ އެކި އެކި ޑޮކްޓަރުންނަށް ދައްކައިގެން ވެސް ނިހާއަށް ހިތް އެދޭ ފަދަ ޖަވާބެއް ދޭނެ މީހަކު ނުވި އެވެ. މިހާރު ނިހާވެސް މާޔޫސް ވާ ހިސާބަށް ހިނގައްޖެ އެވެ. އަޝްރަފް ގެ މައްސަލައެއް ނެތް ކަން އަޝްރަފަށް ޔަގީންވެ ހުރެވެސް ނިހާ އެދިގެން އަޝްރަފްވެސް ޓެސްޓްތައް ހެދި އެވެ.
ކޮންމެ ދުވަހަކު ހެދުނު އަށަކުން ފެށިގެން ދެ ގަޑި ބައިވެ ބޮޑުވަންދެން ވަޒީފާ ގައި އުޅެފައި އައިސް އަޝްރަފާ އެކީ ލިބޭ ވަގުތު ކޮޅުގައި ނިހާއަށް މައިގަނޑު ގޮތެއްގައި މިހާރު ދެއްކެނީ އެއްވާހަކަ އެވެ. އޭނާ އަށް ދަރިއަކު ލިބެން އެދޭ ވާހަކަ އެވެ. އެވާހަކަ ދައްކާ އަޑު އިވުމުން އަޝްރަފަށް އާދަޔާ ހިލާފު އުނދަގޫ އިޙުސާސެއް ކުރެއެވެ. ނިހާއަށް ވެސް އެކަން ފާހަގަ ކުރެވެ އެވެ. ނިހާ ހީކުރަނީ އަޝްރަފްވެސް އެކަމާ ދެރަވަނީ ކަމަށެވެ.
ފަރީޝާގެ ބަޑަށް އަށްމަސް ފުރުމުން އާޒިމް ނިންމީ އަޝްރަފްގެ އެހީތެރި ކަމެއް ނުލިބުނަސް ފަރީޝާ ގޮވައިގެން މާލެ އަންނާށެވެ. އެއީ ފަރީޝާ އަވަހަށް ވިހާފާނެ ކަމަށް ޑޮކްޓަރ ބުނެފައި ވާތީ އެވެ. ފަރީޝާ ގޮވައިގެން ފުރުމުގެ ކުރީން އާޒިމް އެވާހަކަ އަޝްރަފަށް އަންގާލިއެވެ. އެ ޚަބަރު ލިބުނީއްސުރެ އަޝްރަފް ހުންނަނީ ނުތަނަވަސް ވެފަ އެވެ.
މެންދުރު ބްރޭކް ގަޑީގައި އަޝްރަފްމެން ތިބޭ ގޭ މަގުގެ ކަންމައްޗަށް ނިހާ ދޫކޮށްލާފައި އަޝްރަފް އެރީ މިސްކިތަށެވެ. ނިހާ ގޭދޮށަށް އައި އިރު އާޒިމް ޕިކަޕަކުން ދަބަހެއް ބާލަނިކޮށް ފެނުނެވެ. ނިހާގެ ކުރިން ގޭތެރެއަށް ވަދެގެން ދިޔަ އާޒިމް އެ ދަބަސް ގެންގޮސް ވެއްދީ ޖެހިގެން ހުރި ކޮޓަރި އަށެވެ. އެމީހުންނާ އެއް ގެއެއްގައި އާޒިމް ހުންނަން އައުމުން ނިހާ ވަރަށް އުފާވި އެވެ. އާޒިމްގެ ފަހަތުން ގޮސް ނިހާ އެ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނެވެ. ކޮޓަރީގެ ތެރެއިން މާބަނޑު އަންހެނަކު ފެނުނު ވަގުތު ނިހާ ސިހުނެވެ. ފަރީޝާ އަށް ނިހާ ފެނުމުން ބަލަހައްޓައިގެން ހުރެވުނީ ޙައިރާން ވެފައެވެ. ނިހާ މާލޭގައި އުޅޭ ކަމެއް އޭނާ އަކަށް ނޭގެ އެވެ. އާޒިމަށް ނިހާ ފެނުމުންވެސް ވީ އެކަހަލަ ގޮތެކެވެ. އަޝްރަފް ނިހާ ގޮވައިގެން މާލޭގައި އުޅޭ ކަމެއް އާޒިމަށް ވެސް އެނގިފައެއް ނުވެއެވެ.
ނިހާގެ ޙައިރާން ކަމުން ފުރިފައިވާ ބޮޑު ދެލޯ ފަރީޝާއަށް އަމާޒު ވެފައި ހުރިގޮތުން އާޒިމްވެސް ބިރުގަތެވެ.
"މީ ރައްޓެއްސެއްގެ އަންހެނުން.. ފަރީޝާ! ފިރިމީހާ ރަށުގަ ނޫޅޭތީ އަހަރެން އަންނަމުން ގޮވައިގެން މިއައީ.. ބަލި ކަމުން ވިހަން މާލެ އަންނަން ޖެހުނީ!"
އަވަސް އަވަހަށް އާޒިމް އެ ހުރިހާ ވާހަކައެއް ކިޔާލި އެވެ.
ނިހާ ކުރިއަށް ޖެހިލާ ފަރީޝާއާ ސަލާމް ކޮށްލަން އަތް ދިއްކޮށްލި އެވެ. ފަރީޝާ ނިހާގެ އަތުގައި އަތް ޖައްސާލި އިރު އޭނާ ހުރީ ފިނިވެފަ އެވެ. ނިހާގެ އަތުގެ މަޑުކަން ފަރީޝާއަށް އިޙުސާސް ކުރެވުނު ހިނދު އެ އަތުގެ ބީހުން އަޝްރަފަށް ކަމުދާނެ ވަރު އިޙުސާސް ކޮށްލެވުނެވެ.
އަޝްރަފް މިސްކިތުން އައިސް ގޭތެރެއަށް ވަދެގެން ދަނިކޮށް ނިހާ އަޝްރަފަށް ގޮވާލީ ޖެހިގެން ހުރި ކޮޓަރިން ނެވެ. އަޝްރަފް ދެފިޔަވަޅެއް ފަހަތަށް އަޅާ އެ ކޮޓަރީގެ ތެރެއަށް ބަލާލި ވަގުތު ނިހާގެ ފަހަތުގައި ހުރި އާޒިމާ ފަރީޝާ އަޝްރަފަށް ފެނުނެވެ. އެވަގުތު އަޝްރަފް ބިރުން ތުރުތުރު އަޅައިގެން ދިޔަ އެވެ. އާޒިމް ފަރީޝާ ގޮވައިގެން އެގެއަށް އެއައީ ކީއްކުރަން ހެއްޔެވެ! ނިހާ އަށް އާޒިމް ފަރީޝާ ތަޢާރަފް ކޮށްދިނީ ކީކޭ ކިޔާފަ ބާއެވެ!
"މީ ފަރީޝާ... ބަލާ ލޯބި ބަނޑުކޮޅެއް!"
ނިހާ އުފާވެރި ހިނިތުން ވުމަކާއި އެކު ފަރީޝާގެ ބަނޑުގައި އަތްޖައްސާލަމުން އަޝްރަފަށް ފަރީޝާ ތަޢާރަފް ކޮށްދިނެވެ.
އަޝްރަފަކަށް ބުނާނެ އެއްޗެއް ނޭގުނެވެ. އެއްޗެއް ނުބުނެ ހުންނާކަށް ވެސް ނުކެރުނެވެ.
"ކޮން ދުވަހަކުން ވިހަނީ؟"
ފަރީޝާއާ ހަތަރު ކަޅި ހަމަ ނުކުރަން މަސައްކަތް ކުރަމުން އާޒިމް ގާތުގައި އަޝްރަފް އަހާލި އެވެ.
"އަންނަ މަހު"
ޖަވާބު ދިނީ ފަރީޝާ އެވެ. ފަރީޝާގެ އަޑުގައިވާ ރިހުންތައް އަޝްރަފަށް ރަނގަޅަށް އިޙުސާސް ކުރެވުނެވެ. އަޝްރަފަށް ވަރަށް އުނދަގޫ ވިއެވެ. ވަރަށް އަވަހަށް އަޝްރަފް ނިހާ ގޮވައިގެން އެތަނުން ހިނގައްޖެ އެވެ. އަޝްރަފް ދިއުމުން ފަރީޝާ އެނދުގައި އިނދެ ގިސްލަ ގިސްލާފައި ރުޔެވެ. އެ ހާލަތުގައި އިން ފަރީޝާއަށް ކުރާނެ އަސަރު އާޒިމަށް އިޙުސާސް ކުރެވުނެވެ.
ނިހާ ކޮޓަރިއަށް އައީއްސުރެ އަނގަ ހުއްޓާ ނުލައެވެ. ހީވަނީ އޭނާއަށް އީދެއް އައިސް ގެން އުޅޭ ހެންނެވެ. ފަރީޝާގެ ދެމަފިރީން އުފާވާނެ މިންވަރު ހިތަށް އަރުވާފައި އޭނާ ހަމަ އުފާވަނީ އެވެ. ނިހާ އެ ދަރިފުޅު ބަލާލާ ހިތްވެސް ވީ މާވަރަކަށެވެ.
"ދެން އަހަރެން ވަރަށް ފޫހި ފިލާނެ!"
ނިހާ އަޝްރަފްގެ ގައިގައި އޮޅުލަމުން ވާހަކަ ދެއްކިއިރު އަޝްރަފްގެ ހަށިގަނޑުގެ ތެރޭގައި އުފެދެމުން ދިޔަ އުދާސް ގަނޑުގެ އިޙުސާސް އޭނާއަށް ކުރެވޭ ހެނެއް ހިއެއް ނުވެ އެވެ. ނިހާ ފަރީޝާއާ އެކުގައި ގިނަވަގުތު ހޭދަ ކުރަން ނިންމައިފި ކަން އެނގުމުން އަޝްރަފް އިތުރަށް ހާސް ވިއެވެ.
ދެން އައީ ވަރަށް އުނދަގޫ ދުވަސް ތަކެކެވެ. ނިހާ ގޭގައި އުޅޭ ގިނަ ވަގުތު ތަކަކީ ފަރީޝާގެ ކޮޓަރީގައި އުޅޭ ވަގުތު ތަކެކެވެ. ގަދަކަމުން ނަމަވެސް އަޝްރަފް ވެސް އެ ކޮޓަރިއަށް ނިހާ ގެންދަނީ މަދެއްކޮށެއް ނޫނެވެ. ނިހާ އަކީ މީހުން ތިއްބަސް ފިރިމީހާއާ ވަރަށް ގައިގޯޅި ކޮށް އުޅޭ ކުއްޖަކަށް ވާތީ، އެ މަންޒަރުތަކުން ފަރީޝާގެ ހިތް ކަތިލެވެމުން ދިޔައިރު އަޝްރަފާ އާޒިމަށްވެސް ފަރީޝާގެ ހިތުގެ ރިހުންތައް އިޙުސާސް ކުރެވެމުން ދިޔައެވެ. ފަރީޝާ އަޝްރަފާ ވާހަކަ ދައްކާލާނެ ވަގުތަކަށް ކިތަންމެ ވަރަކަށް އިންތިޒާރު ކުރި ނަމަވެސް އެފުރުސަތު ލިބޭ ގޮތެއް ނުވެއެވެ. އަޝްރަފްގެ ހިޔަނިހެން ނިހާ ހުރެ އެވެ. ފަރީޝާގެ ހުރިހާ ކަމެއްގައި ނިހާ އިސް ނަގައިގެން އުޅެނީ އަމިއްލަ އަށެވެ. ނިހާގެ އެކުވެރިކަމާއި އޯގާތެރިކަން ފަރީޝާއަށް ކިތަންމެ ބޮޑު އެހީއަކަށް ވީނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ހިތުގެ ރިހުންވަނީ އިތުރެވެ. ނިހާގެ ހެޔޮ ކަމާއި މާތްކަން ފެނުމުން އެއަށް ތަޢުރީފް ކުރެވުނު ނަމަވެސް ހިތުގައި ހަސަދަ ވެރިކަމެއް އުފެދެއެވެ.
ކޮންމެ ދުވަހެއްގެ ހެދުނު ތެދުވެ ނިހާ އަޝްރަފަށް ސައި ހަދާފައި ފަރީޝާއަށް ވެސް ސައި ގެނެސް ދެއެވެ. ފަރީޝާ ގަދަކަމުން ހެދުނުގެ ސައިފޮދު އެތެރެއަށް ދުއްވާލަނީ ނިހާގެ އަތުން އަޝްރަފް ސައިބޯން އިންނާނެ ކަން ޔަގީން ވާ ހާލުގަ އެވެ. ކޮންމެ ދުވަހެއްގެ ހެދުނު އެ ދެމަފިރިން އަތުގުޅާލައިގެން ނުކުމެގެން އޮފީހަށް ދާތަން ބަލަން ފަރީޝާ ހުންނަ އިރު އެ ހިތުން ލޭ ކަރުނަ އޮހޮރެމުން ދާކަން އިނގޭ އިންސާނަކު މިދުނިޔޭގައި ނެތީ ބާއެވެ. މާލެ އައީތާ ދިހަ ދުވަސް ވީއިރުވެސް ފަރީޝާއަށް އަޝްރަފާ ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. އެފަދަ ފުރުސަތެއް އަޝްރަފް ހޯދަން ނުވެސް އުޅެނީ އެވެ. ނިހާދެކެ ބިރުގަންނަނީ ކަންނޭގެއެވެ. ނޫނީ ފަރީޝާ އަޝްރަފާ ވާހަކަ ދައްކާލަން ބޭނުން ވާކަން އަޝްރަފަށް ނޭގެނީ ކަންނޭގެއެވެ.
އާދައިގެ މަތީން ނިހާއާ އަޝްރަފް ނުކުމެގެން ދާތަން ބަލަން ހުރި ފަރީޝާ ކެތް ކޮށްލައިގެން ހުރީ އަޝްރަފް ކުލާހަށް ދާހާ އިރު ވަންދެން ނެވެ. އަޝްރަފް އެކަނި ވެއްޖެ ކަން ޔަގީންވުމުން ފަރީޝާ އަޝްރަފަށް މެސެޖެއް ފޮނުވިއެވެ.
"ޕްލީސް .. އަހަންނާ ބައްދަލު ކޮށްލަބަލަ...!"
ފަރީޝާގެ މެސެޖް ލިބުމުން ނޭގޭ ކަމަށް ހަދައިގެން ހުންނާކަށް އަޝްރަފަކަށް ނުކެރުނެވެ. ވަގުތުން އަޝްރަފް މިސްރާބު ޖެހީ ގެއާ ދިމާއަށެވެ. މިގަޑީގައި ގޭގައި އެކަކުވެސް ނޫޅޭނެކަން އޭނާއަށް ވެސް އިނގެއެވެ.
އަޝްރަފް ކޮޓަރިއަށް ވަނުމާއިއެކު ފަރީޝާ އަޝްރަފްގެ ގައިގައި ބައްދައި ގަތެވެ. ދުވަސްތަކެއް ވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހިގަތެވެ.
"އަހަރެންނާ ދޭތެރޭ އަޝްރަފް ހަމްދަރްދީއެއްވެސް ނުވޭތަ؟"
ފުރަތަމަ ފަހަރަށް ފަރީޝާއަށް ޝަކުވާއެއް ކޮށްލެވުނެވެ.
"އަހަރެން އަޝްރަފްގެ ދަރިއަކަށް ބަލިވެ އިނދެ މިހާ ހާލުގަ އުޅޭ އިރުވެސް، އަޝްރަފަށް އަސަރެއް ވެސް ނުކުރޭތަ؟ އަހަރެންނާ ވާހަކަ ދައްކާލަންވެސް އަޝްރަފް ބޭނުން ނުވޭތަ؟"
ފަރީޝާގެ ވާހަކަ ރަނގަޅެވެ. އަޝްރަފްގެ ލޮލުގެ ތެރޭންވެސް ކަރުނައިގެ އަސަރު ފާއްދާލި އެވެ.
"ފަރީޝާ، އަހަރެންވެސް މިހުންނަނީ ހަދާނެ ގޮތެއް ނޭގިފަ.. އަހަރެންނަކީ ތި ދެމީހުންގެ ކުރިމަތީގަވެސް ކުށްވެރިއެއް.. ނިހާ ފަރީޝާއަށް އެހާ ހެޔޮކޮށް ކަންތައް ކުރާތަން ފެނުނީމަ އަހަންނަށް ވަރަށް އުނދަގޫ ގޮތެއްވަނީ...!"
އަޝްރަފަށް އަދިވެސް ވިސްނުނީ ނިހާއާ ދޭތެރޭގަ އެވެ. ފަރީޝާ އިތުރަށް ދެރަވި އެވެ.
ފަރީޝާ މަޑުމަޑުން އަޝްރަފާ ދުރަށް ޖެހިލާ އެނދުގައި އިށީނެވެ. ވީދެރައިން ކަމެއް ނޭގެ އެވެ. މާ ބޮޑަށް ބަނޑުގައި ރިއްސައި ގަތީއެވެ.
"ކިހިނެއްވީ..!"
ފަރީޝާއަށް ވީ ގޮތުން އަޝްރަފް ވަރަށް ހާސްވި އެވެ. ފަރީޝާއަށް އަނގައިން ބުނެވޭ ވަރެއްވެސް ނޫނެވެ. އުނަގަނޑާއި އެކު ރިއްސަން ފަށައިފި އެވެ. އަޝްރަފް ބިރުގަތެވެ. އޭނާ އަވަސްވެ ގަތީ ހޮސްޕިޓަލަށް ދާށެވެ. ދިޔަ މަގުމަތީގައި އަޝްރަފް އާޒިމަށް ގުޅި އެވެ. ހޮސްޕިޓަލަށް ދިޔައިރު އާޒިމް ހުރީ އެތަނުގައެވެ. އަވަހަށް ހޮސްޕިޓަލަށް ގެންދެވުނުކަން ނަސީބެވެ. ގެންދިޔަ ގޮތަށް ވެއްދީ ލޭބަރ ރޫމް އަށެވެ.
އެ ޚަބަރު ލިބުމުން ނިހާ އަވަސްވެގަތީ ބާޒާރު ކޮށްލާށެވެ. ވިހަން އަދި ދުވަސް ކޮޅެއް އޮތް ކަމަށް ހީކޮށް ފަރީޝާ ހުރީ ފޮށިވެސް ތައްޔާރު ނުކޮށެވެ. ބޭނުންވާ ހުރިހާ ސާމާނެއް ގަނެލައިގެން ނިހާއަށް އާދެވުނު އިރު ފަރީޝާ އަދި ނުވިހައެވެ.
"ކޮބާ.. އަދިވެސް ފަރީޝާގެ ފިރިމީހާއެއް ނާދޭތަ؟"
ހިތް އަވަސް ވެފައިވާ ނިހާ، އަޝްރަފްމެން ފެންނަ އިރަށް ކުރި ސުވާލަކީ އެއީ އެވެ. އާޒިމަށް އަޝްރަފާ ދިމާއަށް ބަލައިލެވުނީ ބޭއިޚުތިއާރުގަ އެވެ.
"ސާބަހޭ.. އަޝްރަފާ ދިމާއަށް ތިބަލަނީ ކީއްވެތަ... އަޝްރަފްގެ ދަރިއެއްތަ އެއީ؟"
އެއަޑު އިވިފައި އަޝްރަފަށް ތެޅިގަނެވުނެވެ. ނިހާ އުފާވެފަ ހުރިވަރުން އަޝްރަފަށާ އާޒިމަށް އައީ ބަދަލު އެނގުނުހެން ހިއެއް ނުވެއެވެ.
ނިހާ އިތުރު ސުވާލެއް ކުރުމުގެ ކުރީން ފެނުނީ ލޭބަރ ރޫމް ހުޅުވާލި ތަނެވެ. ނަރުސް ކުއްޖާ ފަރީޝާގެ ނަން ގޮވާލާފައި ބޭބީގެ ފޮށި ދިނުމަށް ބުންޏެވެ. އެވަގުތު ނަރުސް ކުއްޖާއާ ދިމާލަށް އަޝްރަފަށް ބާރަށް ހިނގައިގަނެވުނެވެ.
"ވިހެއީތަ؟"
އަޝްރަފް އަހާލީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ.
"އާނ އަންހެން ކުއްޖެއް!'
ނިހާ ދިން ފޮށީގައި ހިފަމުން ނަރުސް ކުއްޖާ އެހެން ބުނެފައި އެތެރެއަށް ހިނގައިގަތެވެ. އަޝްރަފްގެ ދެލޯ ކަރުނުން ފުރިގެން އައެވެ. އޭނާއަށް އަންހެން ދަރިއަކު ލިބުނީ އެވެ. ނިހާއަށް ސިއްރިއްޔާތުގައި އޭނާގެ ހިތް ނަށަމުން ދިޔަ އެވެ. އޭނާއަށް ބައްޕަ ކީއެވެ. އެއީ ކޮންފަދަ ފޮނި އިޙުސާސެއް ހެއްޔެވެ! އާޒިމް ކުޅި ބަލަން ދުރުގައި ހިމޭނުން ހުއްޓެވެ. ބޭބީ ދުށުމަށް ކެތް މަދުވެފައި ނިހާ ފުމެފުމެ ހުރި އިރު ނިހާއަށް ވުރެ ބޮޑަށް ހިތް އަވަސް ވެފައި ވަނީ އަޝްރަފްގެ ކަމެއް އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ!.
"އިރުކޮޅަކުން ނެރޭނެ ފަރީޝާ ކަހަލަ ލޯބި ލޯބި ދޮން ފުއްގަނޑެއް!"
ލޭބަރ ރޫމްގެ ކުރިމަތީގައި ހުރި ގޮނޑިބަރީގައި އިށީންދެލި އަޝްރަފްގެ ކޮލަށް ފިތާލަމުން ނިހާ ބުންޏެވެ. އެއީ އަޝްރަފް ވެސް ހިތަށް އަރާ އެއްޗެކެވެ. ދަރިފުޅު ވައްތަރު ވާނީ ކާކާބާއެވެ! ފަރީޝާއާ ބާއެވެ! ދަރިފުޅު އަޝްރަފާ ވައްތަރު ވެއްޖެއްޔާ އަޝްރަފް އުފާވާނެ ބާއެވެ!
ނަރުސް ކުއްޖާ ބޭބީ ގޮވައިގެން ނުކުތުމާއި އެކު އަޝްރަފް އަށާއި ނިހާއަށް އެދިމާއަށް ދުއްވައި ގަނެވުނެވެ. އާޒިމް ފާރުގައި ލެނގިލައިގެން މަޑުކޮށްގެން ހުރީ އެވެ. ނިހާ އުޅޭ ގޮތުން އޭނާއަށް އުނދަގޫވަނީ އެވެ. ޙަޤީޤަތް ނިހާއަށް އެނގޭ ދުވަހަކުން ވާނެގޮތް ހިތަށް އަރަނީ އެވެ. ނަރުސް ކުއްޖާ އަތުން ނިހާ ބޭބީ ނަގާ އުފުލާލީ ލޯތްބާއި އެކުގަ އެވެ. މައިވަންތަ ކަމުގެ އިޙުސާސުން އޭނާގެ ދެލޯ ތެންމާލައިފި އެވެ. އެ ދަރިފުޅާ އޭނާއާ އެފަދަ ގާތްކަމެއް އުފެދެންވީ ކީއްވެ ކަމެއް ޚުދު އޭނާއަށް ވެސް ނޭގެ އެވެ. ނިހާ އަޝްރަފާ ދިމާއަށް ހީލަމުން ދެލޯ ފޮހެލި އެވެ.
"ހާދަ ލޯބިއޭ!"
ބޭބީގެ ނިއްކުރީގައި ނިހާ ބޮސްދެމުން އަޝްރަފާ ދިމާއަށް ބޭބީ އުފުލާލި އެވެ. އަޝްރަފް ވެސް ބޭބީގެ ކޮލުގައި ތުންފަތް ޖައްސާލި އެވެ. އެވަރުގެ އުފާވެރި އިޙުސާސެއް އޭނާއަށް ދުވަހަކުވެސް ނުކުރެވެއެވެ.
ލޯތްބާއެކު ނިހާ އަނެއްކާވެސް ބޭބީގެ ކޯކޮޅުން ވަސް ބަލާލި އެވެ. ދެން ގަޔާ ދުރުކޮށްލާ ބޭބީ އަށް ފަރުވާތެރި ކަމާއިއެކު ބަލާލި އެވެ.
"އޭ..!"
ވިސްނުންތެރި ކަމާއެކު ބޭބީއަށް ބަލަން ހުރެ ނިހާ ނިއްކުރިއަށް ރޫ އަރުވާލި އެވެ.
"މީނަ ވައްތަރީ....!"
އެހެން ބުނަމުން ނިހާ އިސް އުފުލާ އަޝްރަފާ ހަތަރު ކަޅި ހަމަކޮށްލި އެވެ. އަޝްރަފްގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ނިހާއަކީ ވަރަށް ޅަފަތުގައި ކުއްޖާގެ ސިފަ ކިޔާލަން ދަންނަ މީހެކެވެ.
(ނުނިމޭ)