(22 ނޮވެމްބަރގެ އަދަދާ ގުޅޭ)

އާޒިމް މަޑުމަޑުން ފަރީޝާ ދުރު ކޮށްލާފައި ތެދުވި އެވެ. އޭނާ ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އަޝްރަފާ ބައްދަލު ކުރާށެވެ. އެހެން ނަމަވެސް އޭނާ އަޝްރަފާ ކުރިމަތިލާނީ ކޮން މޫނަކާއި ގެން ހެއްޔެވެ!

އާޒިމް ހިތްވަރު ކޮށްލާފައި ތެދުވެގެން ހިނގައިގަތެވެ. ކޮޓަރީން ބޭރަށް ނުކުތުމަށް ފަހު އޭނާއަށް ހުއްޓެވުނެވެ. ސިޓިންގް ރޫމްގެ ބޮޑު ގޮނޑީގައި ނިދާލާފައި އޮތް އިޝާ ފެނުމުންނެވެ. އާޒިމް ގޮސް ކުޑަކުޑަ އިޝާގެ ގާތަށް ހުއްޓުނެވެ. އިޝާ ފެނުމުން މިއަދު އޭނާއަށް އާދަޔާ ޚިލާފް އަސަރު ތަކެއް ކުރެވެމުން ދިއަ އެވެ. ހިތަށް ފިނި ކަމެއް އިޙުސާސް ކުރެވިގެން ދިއަ ނަމަވެސް ހަމަ އެ ހިނދުގައި ހިތުގައި ދިލައެއް އުފެދިގެން ދިއަ އެވެ. އާޒިމް އިޝާ ދެކެ ކިތަންމެ ލޯބިވި ނަމަވެސް އިޝާ ފެންނަ ކޮންމެ ފަހަރަކު އާޒިމް ގެ މާޒީ އާޒިމް ހަނދާން ވާނެ އެވެ. އަދި އާޒިމް ގެ އެ ރަޙުމް ކުޑަ ނުބައި އަމަލު ތާ އަބަދަށް ދިރިގެން ދާނެއެވެ. އެހެން ހިތަށް އެރުމާއި އެކު އާޒިމް ގެ ހިތުގައި ބިރުވެރި ކަމެއް އުފެދިގެން ދިއަ އެވެ. ފަރީޝާ އަށާއި އިޝާއަށް އެކަން އެނގިއްޖެ ނަމަ ދުވަހަކު ވެސް އާޒިމަށް އެކަމުން ސަލާމަތެއް ނުވެވޭނެ އެވެ. އަބަދުވެސް އޭނާ ވާނީ ކުށްވެރި އަކަށެވެ. އެމީހުންނަށް ޙަޤީޤަތް އެނގުމަށް ވުރެ މޮޅުވާނީ ނޭގުނިއްޔާ އެވެ. 

އާޒިމް ކުޑަކުޑަ އިޝާގެ މަގަތުން އިށިންދެލި އެވެ. ފަރުވާތެރި ކަމާއި އެކު އެ ދަރިފުޅުގެ ސިފަތަކަށް ބަލައިލި އެވެ. ދަރިފުޅުގެ ތަނަވަސް ނިއްކުރިއާ ދެލޮލުގެ ބައްޓަން އޭނާއާ ތަފާތެއް ނެތެވެ. ދަތްދޮޅި ކޮޅުގެ މަސްކޮޅުގެ މެދުން ޑިމްޕަލް އެއްހެން އެތެރެއަށް އަޑިވެލާފައި ވާ އިރު، ހިސާބަކަށް ހަތަރެސްކަން ބައްޓަމަށް ދާ އެކުޑަ މޫނަށް ރަނގަޅަށް ވިސްނާލައިފި ކޮންމެ މީހަކަށް ވެސް އެދަރިފުޅު އާޒިމާއި ވައްތަރު ކަން އިނގޭނެ އެވެ. އާޒިމްގެ ލޮލުގެ ތެރެއަށް ކަރުނަ ތިކިތައް ގިނަވެގެން ދިއަ އެވެ. އެއީ އޭނާގެ ދަރިއެކެވެ. ޔަގީނެވެ. ފަރީޝާއާ އޭނާގެ ކައިވެންޏަށް ފަހު އެދަރިފުޅު އުފަންވި ނަމަ އެނާ ކިހާ އުފާވީސް ހެއްޔެވެ! އިޝާއަކީ އޭނާގެ ދަރިއެއް ކަމަށް ޤަބޫލު ކުރި ނަމަވެސް ދުވަހަކުވެސް އޭނާއަށް އިޝާގެ ޙަޤީޤީ ބައްޕަ އަކަށް ނުވެވޭނެ އެވެ. ދުވަހަކުވެސް އޭނާއަށް އޭނާގެ ނަން އިޝާ އަކަށް ނުދެވޭނެ އެވެ. ދަރިފުޅާއޭ ކިޔާފައި ގޮވާލުމުގެ ޙައްޤު ވެސް އޭނާއަށް ނުލިބޭނެ އެވެ. އޭނާ އަށް މިހާރު އޮތީ ދެ ގޮތެކެވެ. އޭނާގެ އަމިއްލަ ދަރިއެއް ކަން އެނގިހުރެ އެ ދަރިފުޅުގެ މައްޗަށް އަޝްރަފް ބާރު ހިންގާތަން ބަލަން ހުރުމެވެ. ނޫނީ ޙަޤީޤަތް ހާމަ ކުރުމެވެ. ދެ ގޮތުން ކުރެ އޭނާ އިޚުތިއާރު ކުރާނީ ކޮން ގޮތެއް ހެއްޔެވެ! 

މިފަދަ ވިސްނުމެއްގައި އިންދާ އޭނާއަށް އައީ ފޯނެކެވެ. އެއީ ރާއްޖޭން ބޭރުން އައި ކޯލެކެވެ. ލުޗާނޯ ދިނީ އުފާވެރި ޚަބަރެކެވެ. އަންނަ ހަފްތާގައި އޭނާ މާލެ އަންނަނީ އެވެ. އާޒިމް ފޮނުވި މައުލޫމާތުގެ އެހީގައި ލުޗާނޯ ކުރި މަސައްކަތުން އޭނާއަށް ކާމިޔާބު ވީ އެވެ. ރާއްޖޭގެ ރިސޯޓެއް އޭނާ ގަންނަނީ އެވެ. ލުޗާނޯ ބޭނުން ވަނީ އާޒިމް ބައިވެރިވާ ކުންފުންޏެއް ހަދާށެވެ. އަދި އާޒިމަށް ޝެއަރ ވެސް ދޭށެވެ. ރިސޯޓުގެ މަސައްކަތުގައި އަމަލީ ގޮތުން އާޒިމް އުޅޭށެވެ. އެހެން ވީމައި ވީ އެންމެ އަވަހަކަށް އާޒިމް މާލެ ދާން ޖެހުނީ އެވެ. މާލޭން ރަނގަޅު ފެންވަރެއްގެ އެޕާރޓްމެންޓެއް ހިފަން ބޭނުންވާ ޚަރަދު އާޒިމްގެ އެކައުންޓަށް މިއަދު ޖަމާ ކުރާނެ ވާހަކަ ލުޗާނޯ ބުންޏެވެ. ވީ އުފަލުން އާޒިމް އެހެން ހުރިހާ ކަމެއް ހަނދާން ނެތިގެން ދިއަ އެވެ. އޭނާ ކުޑަ އިރުއްސުރެ ދެކެމުން އައީ ހުވަފެން ސީދާ ވީ އެވެ. އާޒިމް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަދެ ފަރީޝާ އުރާލި އެވެ. ކުޑައިރު ކޮޅެއްގެ ކުރީން ހިތާމައިން ހިތް ހަލާކު ވެފައިވާ އާޒިމަށް ވީގޮތުން ފަރީޝާ ޙައިރާން ވިއެވެ. އާޒިމް ވެގެން އުޅޭ ގޮތް ފަރީޝާއަށް ކިޔައި ދިނުމުން ފަރީޝާ ވެސް މޮޔަވި ކަހަލަ އެވެ. ކުއްލި އަކަށް އެ ލައްވާލީ ކޮންފަދަ ނަސީބެއް ހެއްޔެވެ!

މިހާރު އާޒިމް ހިތް ހަމަ ޖެހިއްޖެ އެވެ. ދެން އޭނާ ފަރީޝާއާ އިޝާ ގޮވައިގެން މާލެ ދާނީ އެވެ. އަޝްރަފްގެ ބާރު ނުފޯރާ ހިސާބަށް ދިއުމަށް ފަހު އިޝާއަށް ބައްޕައެއްގެ ލޯބި ދޭނީ އެވެ. ކޮންމެހެން ޙަޤީޤަތް ހާމަ ކުރާކަށް ނުޖެހޭނެ އެވެ. އެ ލިބުނު ރަނގަޅު ނަސީބުގެ ވާހަކަ ނިހާ އާ އަޝްރަފް ގާތުގައި ބުނުމުން ނިހާ އެކަމާ ވަރަށް އުފާވި އެވެ. އެހެން ނަމަވެސް މާލެ ބަދަލުވާ ވާހަކަ ބުނުމުން ހަމަ އެވަގުތުވެސް ނިހާއަށް ރޮވުނެވެ. އަޝްރަފް އެއްޗެއް ނުބުނެ އިނީ އެވެ. ކޮންމެވެސް އެއްޗެއް ކިޔައިގެން ފަރީޝާ އަޝްރަފާ ދުރަށް ގެންދަން އާޒިމް މަސައްކަތް ކުރާނެކަން އަޝްރަފަށް ކުރީން ވެސް އެނގުނެވެ. ނިހާ ކިތަންމެ ހިތުގައި ޖެހުނު ނަމަވެސް އެކަން ހުއްޓުވޭނެ ގޮތެއް ނެތެވެ. އިޝާ އަކީ ފަރީޝާގެ ދަރިއެކެވެ. އިޝާގެ މައްޗަށް ނިހާއަށް އެއްވެސް ޙައްޤެއް ލިބޭނީ ފަރީޝާ ދިނީ އާއެވެ. އާޒިމާ ފަރީޝާ އެވާހަކަ ދައްކާފައި ދިއުމުން ނިހާ އަޝްރަފް ގާތުގައި އިނދެ ވަރަށް ރުޔެވެ. އެންމެ ދެރަވީ ފަރީޝާ މެންނަށް އެކަނި ދިރި އުޅެވިދާނެހެން ހީވާ އިރަށް ނިހާ މަތީން ހަނދާން ނައްތާލީތީ އެވެ. ދުވަހަކުވެސް އިޝާއާ ނިހާ އެގޮތަށް ވަކި ކޮށްލަ ފާނެ އެކޭ ނިހާ ހިތަށް ވެސް ނާރަ އެވެ. 

ނިހާ ގާތުގައި އެވާހަކަ ދައްކަން ޖެހުނީތީ ފަރީޝާ ވެސް ވަރަށް ދެރަވި އެވެ. އެހެން ނަމަވެސް އެނޫން ގޮތެއް ފަރީޝާ އަކަށް ވެސް ނެތެވެ. އަޝްރަފާ ދުރަށް ދިއުމަކީ ވެސް އޭނާއަށް މިހާރު މުހިންމު ކަމެކެވެ. އެހެން ނޫނީ ދުވަހަކު ވެސް އޭނާއަކަށް އާޒިމް ދެކެ ލޯތްބެއް ނުވެވޭނެ އެވެ. އަދި އަޝްރަފް އެކަން ވިޔަކަ ވެސް ނުދޭނެ އެވެ. ފަހަކަށް އައިސް ފެންނަމުން ދިއަ މަންޒަރު ތަކުން ފަރީޝާއަށް އެކަން ޔަގީން ވެ އެވެ. ފަރީޝާ މެން ނިހާއާ ދޭތެރޭގައި އެއްވެސް ވަރަކަށް ނުވިސްނީތީ އަޝްރަފް ވަރަށް ރުޅި ގަދަ ވި އެވެ. މިހާރު ކަންތައް އެދަނީ މާ މައްޗަށެވެ. ފަރީޝާއާ ކައިވެނި ކުރެވުނަސް އަދި އާޒިމަކަށް ބޭނުން ހާ ކުޅިވަރެއް ނުކުޅެވޭނެ އެވެ. 
އަޝްރަފް ހުރީ ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރާށެވެ. އަނެއް ދުވަހު އިޝާ ގޮވައިގެން ފަރީޝާ އެ ގެއަށް އައިއްސުރެ އަޝްރަފް ހުރީ ފާރަ އަށެވެ. މެންދުރު ފަހުވެސް ނިހާ އޮފީހަށް ދާން އޮތް ދުވަހަކަށް ވާތީ އަޝްރަފަށް ފަރީޝާއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭނެ އެވެ. ނިހާ އޮފީހަށް ދިއުމުގެ ކުރީން އަޝްރަފް ދިއައީ ބޭރަށެވެ. އެއީ އެގަޑީގައި އަޝްރަފް ގޭގައި އުޅޭނެކަން ނިހާއަށް ވެސް ފަރީޝާއަށް ވެސް ނާންގަން ވެގެންނެވެ. އާޒިމާ ކައިވެނި ކުރީއްސުރެ ފަރީޝާ ބަލަނީ އަޝްރަފް އެކަނި އުޅޭ ގަޑިއެއްގައި އެގޭގައި މަޑު ނުކުރާށެވެ. އެކަން އަޝްރަފަށް ވެސް އިނގެ އެވެ. 

ނިހާ އޮފީހަށް ދާއިރަށް އަޝްރަފް އަވަހަށް ގެއަށް އައެވެ. އޭރު ފަރީޝާ އޭނާގެ ގެއަށް ދާން ތައްޔާރު ވަނީ އެވެ. ބޭބީ އަށް ނިދިފައި އޮތީމައި މަޑުކޮށްލަން ޖެހިގެން ހުރީ އެވެ. އެކަކުވެސް ނެތް ގަޑިއެއްގައި އަޝްރަފް ގެއަށް އައުމުން ކޮންމެވެސް ކަންތައްގަނޑެއް ލައިގަންނަން އުޅޭހެން ފަރީޝާއަށް ހީވި އެވެ. ފަރީޝާ އަވަސް އަވަހަށް ކުޑަމީހާގެ އެއްޗެހި ދަބަހަށް އަޅާލައިގެން ނިދާފައި އޮތަސް އެ މަންޖެ ގޮވައިގެން ދާން އުޅުނެވެ. ބޭބީ އެނދުން ނަގަން ގުދުވެލި ވަގުތު ކޮޓަރީ ދޮރުމަތީގައި ހުރި އަޝްރަފްގެ އަޑު އިވުނެވެ.

" ދަރިފުޅު ބާއްވާ!"
އެއަޑު އިވިގެން ފަރީޝާ އަޝްރަފަށް ބަލާލި އެވެ.
" ފަރީޝާ އެކަނި ދޭ!"
އަޝްރަފުގެ މޫނުމަތި ފެނުމުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައި ކަން ފަރީޝާއަށް އެނގުނެވެ. ފަރީޝާ މާލެ ދާ ވާހަކަ ބުނީއްސުރެ އަޝްރަފް ހުންނަނީ ވަރަށް ހިމޭން ވެފަ އެވެ. އެކަން ފަރީޝާއަށް ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. ދަރިފުޅާ ބައްޕައާ ވަކި ކޮށްލުމަކީ ރަނގަޅު ކަމެއް ނޫންކަން ފަރީޝާއަށް އެނގެ އެވެ. އެހެން ނަމަވެސް އެނޫން ގޮތެއް މިހާރަކު ފަރީޝާ އަކަށް ނެތެވެ. ފަރީޝާ އެއްޗެއް ނުބުނެ ހުއްޓާ އަޝްރަފް އައިސް ފަރީޝާގެ ކުރި މައްޗަށް ހުއްޓުނެވެ.

" ފަރީޝާ ހީކުރީ.... ހަމަ ފަރީޝާ ބޭނުން ވީމަ ދަރިފުޅު ގޮވައިގެން މާލެއަށް ދިރިއުޅުން ބަދަލު ކޮށްލެވިދާނެ ކަމަށް ތަ؟"
އަޝްރަފްގެ އަޑުގައި ވަނީ ރުޅި ވެރި ކަމެވެ. އަޝްރަފްގެ އެ މިޒާޖު ފެނިފައި ފަރީޝާ ހިމޭން ވެލި އެވެ. 
" ފަރީޝާ ސަތޭކަ މީހުނާ އިނަސް އަހަރެން ވާނީ އިޝާގެ ބައްޕައަށް....! އަހަރެން ބޭނުން ނޫން ގޮތެއް ފަރީޝާ އަކަށްވެސް ނުހެދޭނެ...!"
އަޝްރަފް އެބުނި ވާހަކަ ފަރީޝާ ޤަބޫލު ކުރި އެވެ. އޭނާވެސް އެ މައްސަލާގައި އަޝްރަފާ ދެބަސްވެ ޒުވާބު ކުރާކަށް ބޭނުމެއް ނުވެ އެވެ. 

" އެކަމަކު އާޒިމާ އެކީ އަހަރެން ދާންޖެހޭނެ، އަޝްރަފް!"
ފަރީޝާ އަޝްރަފަށް ވިސްނާދޭން މަސައްކަތް ކުރި އެވެ.
" އާޒިމާ ކައިވެނި ކުރެވުނީމަ.... ފަރީޝާ ހީވަނީ ދެދުނިޔެ ލިބިގެން އުޅޭހެން.... ވިސްނާލިންތަ ނިހާއާ ދޭތެރޭ.... އޭނައަށް ވާނެ ގޮތަކާ ދޭތެރޭ...!"
ފަރީޝާ އިސް ޖަހާލި އެވެ. އެއީ އޭނާވެސް ވިސްނާ ކަމެކެވެ.
" ނިހާ އަކީ ފަރީޝާއަށް ޓަކާ ކިހާ ވަރެއްގެ ބޮޑު ޤުރުބާނީ އެއް ވީ މިހެއްކަން ހަނދާން ނެތުނީތަ....!"
އެވާހަކަ އަޑު އިވިފައި ފަރީޝާ ދެރަވި އެވެ.
" އިރާދުކުރެއްވިއްޔާ، ނިހާ އެ ކޮށްދިން ކަންތަކުގެ ބަދަލު ދޭނަން... އާޒިމަށް ފައިސާ ކޮޅެއް ލިބޭހާ އަވަހަކަށް ނިހާއަށް އެބައި އަދާ ކޮށްދޭނަން!"

ފަރީޝާ އެހެން ބުނީ ބުނާނެ އެހެން އެއްޗެއް ނޭގި ގެންނެވެ. އެއަޑު އިވިފައި ހަރަކާތް ހުއްޓިފައި އަޝްރަފަށް ހުރެވުނީ އެވެ. ނިހާ އެވީ ޤުރުބާނީގެ އަގަކީ އެއީ ހެއްޔެވެ! އެހެން ބުނާ އަޑު ނިހާއަށް އިވިއްޖެއްޔާ ހާދަހާ ދެރަވާނެ އެވެ. އަޝްރަފްގެ މޫނު މައްޗަށް އަރައިގެން ދިއަ ކުލަވަރު ފެނިފައި ބުނެވުނު އެއްޗެއްގެ ނުބައިކަން ފަރީޝާއަށް އިޙުސާސް ކުރެވުނެވެ. އަޝްރަފް ރުޅިގަދަވި ވަރުން ބުނާނެ އެއްޗެއް ނޭގި އިރުކޮޅަކު ހުރެފައި އެތަނުން ދިއުމަށްޓަކައި ބާރަށް ހިނގައި ގަތެވެ. 

އަޝްރަފް އެދިއަ ގޮތަށް ދިއައީ ފަރީޝާގެ ގެއަށެވެ. ރުޅިގަދަވެފައި ވާވަރުން އޭނާ ބޭނުންވަނީ ހަމަ މިވަގުތު އާޒިމާ ބައްދަލު ކުރާށެވެ. އަޝްރަފް އެގެއަށް ދިއައިރު އާޒިމް ކޮޓަރިން ބޭރަށް ނުކުންނަނީ އެވެ. އަޝްރަފް ފެނުމާއެކު ކޮންމެސް ކަމެއް ވަރަށް ގޯސް ވެއްޖެ ކަން އާޒިމަށް އެނގުނެވެ. ވޭތުވެ ދިއަ ދެ ދުވަހު، އާޒިމާ ކުރިމަތި ނުލާ ވޭތޯ އަޝްރަފް ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ. 

" އަހަރެން މިއައީ އާޒިމް ކައިރީ ބުނަން.... ފަރީޝާ ގޮވައިގެން އާޒިމް ދާ ތާކަށް ދާށޭ މަގޭ ދަރިފުޅު ބަހައްޓާފަ!"
އެއަޑު އިވިފައި އާޒިމުގެ މޫނު މައްޗަށް ރޫ ގިނަވެގެން ދިއަ އެވެ. އަޝްރަފްގެ އެ ހަރުކަށިކަން ފެނިފައި ވެސް މިއަދު އާޒިމަށް ރުޅި އަންނަންވެސް ނޭގުނެވެ. އެއަށް ވުރެ ބޮޑަށް އޭނާގެ ހިތުގައި ބިރުވެރިކަން ބޮޑުވެގެން ދިއަ އެވެ. 

" ނިހާ އެވަރުގެ ބޮޑު ކަމެއް ކޮށްދިނީމަ... އޭގެ ބަދަލުގަ އެ ފައިސާ އަނބުރާ ދެވުނީމަ ނިމުނީހެން ފަރީޝާއަށް ހީވިއަސް އަދި އަހަރެންގެ ޙައްޤު ކޮބާ....! އަހަރެންގެ ދަރިފުޅު އުޅޭނީ އަހަރެން އުޅޭ ތާކު...! ބޭނުންހާ ގޮތެއް އާޒިމަކަށްވެސް ފަރީޝާ އަކަށް ވެސް ނުހެދޭނެ....!"
އަޝްރަފް ހުރީ ރުޅި ގަދަވެގެން ކިޔޭނުކިޔޭ ނޭގޭ ވަރުވެފަ އެވެ.
" އެންމެ ބޮޑުވެގެން ކަލޭމެނަށް ފަޅާ އަރުވާއެއްނުން ލެވޭނީ....! ނިހާ ކައިރީގަ ބުނެވޭނީނުން އަހަރެންގެ ދަރިއެކޭ އެއީ.... ބުނެބަލަ ކެރެންޏާ....! ނިހާއަށް އެވަރުގެ އަނިޔާއެއް ދޭން ކެރެންޏާ ބުންޏަސް ހެޔޮ....!"
އެހެން ބުނަމުން އަޝްރަފް އޭނާގެ ޖީބުން ފޯނު ނެގި އެވެ. 
" އަނ..... ގުޅާ.... ގުޅާފަ ބުނޭ ނިހާ ކައިރީގަ....! ބުނޭ އަހަރެން ޤަބޫލެއް ނޫނޭ އިޝާ ގެންދާކަށް.... އިޝާއަކީ އަހަރެންގެ ދަރިއެކޭ....! ބުނޭ ކެރެންޏާ! "
އަޝްރަފް އަވަސް އަވަހަށް ވާހަކަ ދައްކަމުން އައިސް އާޒިމްގެ މޫނުގައި ފޯނު ޖެހޭހާ ގާތަށް ހުއްޓުމުން އާޒިމް ފޯނުގައި ހިފަހައްޓައިފި އެވެ. އޭރު އާޒިމްވެސް ހުރީ ނޭވާ އަވަސް ވެފަ އެވެ. އޭނާގެ ހިތަށް އަރަމުން ދިއަ ވާހަކަ ތަކާ އެވާހަކަ ތަކުގެ ސަބަބުން ކުރެވެމުން ދިއަ އިޙުސާސެއްގެ ސަބަބުން ނެވެ. ހިތުގައި ވާ އެއްޗެއް ބޭރު ނުކޮށް ދެން ސަލާމަތް ވާނެ ހެނެއް ހިއެއް ނުވެ އެވެ.

" އަހަންނަކަށް ނުބުނެވޭނެ ތިހިނެއް....!"
ފޯނާ އެކު އަޝްރަފްގެ އަތުގައި ހިފަހައްޓައިގެން އަޝްރަފްގެ ލޮލަށް ބަލަން ހުރި އާޒިމް ބުންޏެވެ. 
" އަހަންނަކަށް ނުބުނެވޭނެ އެއްވެސް މީހެއްގެ ކައިރީގަ އިޝާ އެއީ އަޝްރަފް ގެ ދަރިއެކޭ....! އެއީ އަޝްރަފްގެ ދަރިއެއް ނޫން...!"
އެންމެ ފަހުން އާޒިމް އެހެން ބުނެފި އެވެ. އަޝްރަފް ޙައިރާން ކަމާއެކު އާޒިމްގެ މޫނަށް ބަލާލި އެވެ. ޝައްކާ ވަހުމުން ފުރިގެންވާ ގޮތަކަށެވެ. އާޒިމް ވެސް ހުރީ އަޝްރަފަށް ބަލާށެވެ. އާޒިމްގެ މޫނު މަތީން ފެންނަމުން ދިއަ ސީރިއަސްކަން އާޒިމް އެ ބުނި އެއްޗެއްގެ ތެދު ކަން ސާބިތު ކޮށްދެމުން ދިއަ އެވެ. 

" ކީކޭ....!"
އަޝްރަފަށް ބުނެލެވުނެވެ. 
" އަހަރެންގެ ދަރިއެއް ނޫނޭ...؟"
އަޝްރަފް ޔަގީން ކޮށްލުމަށް ޓަކައި އަނެއްކާވެސް އަހާލި އެވެ. އާޒިމް މޫނު އަނބުރާލި އެވެ. އަޝްރަފަށް އެވާހަކަ ކިއާދޭކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ. އަދި އެވާހަކަ އަޑު އަހާކަށް އަޝްރަފަކަށްވެސް ފަސޭހައެއް ނުވާނެ އެވެ.
" އެހެން ވިއްޔާ އެއީ ކާކުގެ ދަރިއެއް....! ކަލޭގެ....އޭނ....!"
އަޝްރަފްގެ ނޭވާ އަވަސް ވަމުން ދިއަ އެވެ. އެންމެ ގާތް އެކުވެރިޔާއާ އަނބި މީހާ އޭނާއަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލަ ފާނެ ކަމަށް ޤަބޫލު ކުރާނީ ކިހިނެތް ހެއްޔެވެ؟
އާޒިމް ޖަވާބު ނުދީ ދުރު ބަލަން ހުރުމުން އަޝްރަފްގެ ޝައްކު ޔަޤީނަށް ބަދަލު ވެއްޖެ އެވެ. އަޝްރަފްގެ ލޮލުގެ ތެރެއަށް ކަރުނަތައް ގިނަވަމުން ދިއައީ އެތައް ސަބަބު ތަކަކަށް ޓަކައެވެ.

" އެހެންވީމަ... އަހަންނާ ކައިވެނި ކުރުމުގެ ކުރީންވެސް ފަރީޝާއާ ކަލެއާ ގުޅުން އޮތީދޯ...! ކައިވެންޏަށް ފަހުގަވެސް އަހަރެންގެ ފުރަގަހުގަ... ފަރީޝާ ކަލެއާ ގުޅުން ހިންގީދޯ!"
އަޝްރަފްގެ އަޑުގައި ވަނީ ތުރުތުރު ލުމެއް އުފެދިފަ އެވެ. އާޒިމާ ފަރީޝާއާ ދެމީހުން ވެގެން އޭނާގެ ފިރިހެން ވަންތަ ކަމަށް ވެސް ހުތުރު އަރުވައިފި އެވެ.
" ފަރީޝާއާ ދިމާއަށް އެއްޗެއް ނުކިޔާ.... އޭނަގެ އެއްވެސް ކުށެއްނެތް....!"
އާޒިމް ދުރަށް ހިނގައިގަންނަމުން މަޑުމަޑުން ބުންޏެވެ. 
" އެހެންތަ، އަހަންނާ އިނދެގެން ހުރެ އަހަރެންގެ ފުރަގަހުގަ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާ ގުޅުން ހިންގަމުން ގޮސް އޭނައަށް ބަލިވެ އިނީމަވެސް އަދިވެސް އޭނަގެ ކުށެއް ނެތް....؟"
ރުޅި އައިސްފައިވާ ވަރަށް ވުރެ ބޮޑަށް އަޝްރަފް ވަނީ ހިތުގައި ޖެހިފަ އެވެ. އެކަން އާޒިމަށް ވެސް އެނގެ އެވެ.

" އޭނަ އަހަންނާ ގުޅުމެއް ނުހިންގާ...! އޭނަ އަކަށް އަދިވެސް ނޭގޭނެ އިޝާ އަކީ އަހަރެންގެ ދަރިއެއް ކަމެއްވެސް.... އަހަރެން އޭނަ ކައިރިއަކު ނުބުނަން އަދިވެސް....!"
އަޝްރަފަށް ފުރަގަސް ދީގެން ހުރެ އާޒިމް އެކިޔާ އެއްޗެއް އަޝްރަފަކަށް ނުވިސްނެ އެވެ. އަޖައިބެކެވެ! އެދައްކާ ވާހަކަ ހަމަޖެހޭ ހެއްޔެވެ! 

" އެއީ އަޝްރަފާ ކައިވެނި ކުރުމުގެ ކުރީން.... އިގްބާލްމެންގެ ގޭގަ ފަރީޝާ ހުރިއިރު.... އަހަރެން ނަށް ނޭގި ކުރެވުނު ކަމެއް.... އެރޭ އަހަރެން..... ވަރަށް ގަދައަށް ބޮއިގެން ހުރީ..... އަނދިރީގެ ތެރޭގަ... ފަރީޝާއަށް ކާކު ކަމެއް ނޭގޭ ގޮތަށް ގޮސް..... އަހަރެންނަށް... ފަރީޝާ ރޭޕް ކޮށްލެވުނީ....!"
އަޝްރަފަށް އަނގަ ހުޅުވިފައި ހުރެވުނީ އެވެ. ޤަބޫލު ކުރަން ދަތި ވާހަކަ އެކެވެ. އެހެން ނަމަވެސް އެއީ ތެދެއްކަން ޔަގީނެވެ. އެރޭގެ ހާދިސާ އަޝްރަފް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އޭރުވެސް ފަރީޝާ އެވާހަކަ ރަނގަޅަށް ކިއައި ނުދޭކަން އަޝްރަފަށް އެނގުނެވެ. އެހެން ނަމަވެސް އެއީ މިވަރުގެ ކަމެއް ކަމަކަށް އޭނާ ހިއެއްވެސް ނުކުރެ އެވެ. ފަރީޝާ ނިހާ ގާތުގައިވެސް އެވާހަކަ ވަނީ ބުނެފަ އެވެ. ކޮންމެވެސް މީހަކު އޭނާ ރޭޕް ކޮށްލި ވާހަކަ އެވެ. އަދި އެ ދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއް ނޭގޭ ވާހަކަ އެވެ! އެދުވަހު ފަރީޝާ ނިހާ ގާތުގައި އެދެއްކި ވާހަކަ އަކީ ތެދަކަށް ވެދާނެ ކަމަކަށް އަޝްރަފް ޤަބޫލު ވެސް ނުކުރެ އެވެ. އާޒިމް އެދައްކާ ވާހަކަ އަޝްރަފްގެ ބޮލުގެ ތެރޭގައި އެގޮތް މިގޮތަށް އެނބުރިގަތެވެ. އެދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއް ނޭގޭއިރު އެދަރިފުޅު އަޝްރަފްގެ ބޮލުގައި އަޅުވަން ފަރީޝާ މަސައްކަތް ކުރީ ކީއްވެ ހެއްޔެވެ!
(ނުނިމޭ)

ކޮމެންޓް 0