(15 ޖުލައިގެ އަދަދާ ގުޅޭ)

2007 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅެވެ. މަދަރުސާތަކުގެ ކިޔެވުން ބަންދު، ސްކޫލް ޗުއްޓީ ދުވަސްވަރެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސް ކޮޅަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ ދުވަސްކޮޅެކެވެ. ރަށުން ބަޔަކު މާލެ ދިޔަކަމުގައިވިއަސް ޗުއްޓީއަށް ރަށަށް އަރާ މީހުން އެއަށް ވުރެ ގިނައެވެ. މީ ރަށުތެރޭގައި އެންމެ މީހުން ގިނަ، އެންމެ ފޯރިގަދަ ދުވަސްކޮޅެވެ. 

ރަށުގެ ހުޅަނގު ފަރާތުގައި ހުރި ރަސްމީ ބޮޑު އަށިމަތީ ޒުވާން ފިރިހެން ގުރޫޕެއް ތިބީ އަންހެން ކުދީން ބައިބަލާ ކުޅޭތަން ބަލާށެވެ. އެހެން ތިބެގެން އެމީހުން އަޑުގަދަކޮށް ސަޕޯޓް ކުރަމުން ދިޔައިރު އެމީހުންނާ ދާދި ކައިރީގައި، އަށިމަތީގައި ފުރަގަހަށް އެނބުރި އޯށޮވެލައިގެން އަޝްރަފް އޮތެވެ. އޭނާ އޮތީ މޫނުމަތީގައި އޭނާގެ ތޮފިބާއްވައި މޫނުވެސް ނިވާކޮށްގެންނެވެ. 

"އޭ.... ރޭގަ ނުނިދަނީތަ.....! "
އެންމެ ފޯރި ނަގަމުން ދިޔަ ހަކީމު އަޝްރަފްގެ ފޫކޮޅުގައި ގުއްޓެއް އަޅުވާލިއެވެ.
އަޝްރަފް އިނގޭ ކަމަކަށް ނަހަދައެވެ.
" ގެއަށްދާންވީނު....މިތަނަށްވުރެ އެނދު މާ އަރާމުވާނެ.....! "
ހަކީމު އަޝްރަފަށް ޖެއްސުން ކުރުމުގެ ގޮތުން ބުންޏެވެ.
" އޭނަ އެއޮތީ .... އަންހެން ކުދީން ކުޅޭތަން ނުބަލަން ހުވާކޮށްގެން ކަންނޭގެ....! "
ފާއިޒު އަޝްރަފާ ދިމާކޮށްލިއެވެ.

"އާނ ތީ ބޮޑު ރަނޑެއް..... ކާކުތަ މިކަހަލަ މަންޒަރެއް ބަލާލަން ބޭނުން ނުވާނީ..... ބިޓުން ތައް ދުވެލާއިރު ހީވަނީ މަގޭ މޭގަނޑުވެސް އަނގައަށް އައިސްދާނެހެން......"
އާޒިމް އެހެން ބުނުމުން އެންމެން އެއްފަހަރާ ހިނިގަނޑެއް ޖަހާލިއެވެ. 
" މަ ބޭނުން ވަނީ ވެސް ބޮޑުވާ ބިއްލޫރީގެ ދުރުމިއެއް އަޅާލައިގެން ކްލޯސްއަޕް ހަދާލައިގެން ބަލާލަން......! ބަލާލަ އެހެރަ އަޒޫއެއް ވަރުގަދަކަން.....! "

އާޒިމް އިނީ ހަމަ ހަގީގަތުގަ ވެސް ވަރަށް ގަޔާވެފައެވެ.
" އަނ އާޒިމް، ތީ ބޮޑުވަރު..... އަންހެނަކު ފެންނައިރަށް އާޒިމްގެ ސިކުނޑި ނުއަތަށް އެނބުރެން ފަށާނެ.....! އެހެރީ އަޒޫގެ ބޭބެ..... ތަންކޮޅެއް ބަލައިލައިގެން ވާހަކަ ދައްކާތި....! "

ކޮއްކޮމެން ކުޅޭތަން ބަލަން އައިސް ދުރުގައި ހުރި އާރިފަށް އިޝާރާތް ކުރަމުން ފާއިޒް ބުންޏެވެ. 
"ސާބަހޭ މަމިބުނީ ބައިބަލާ ކުޅެވޭނީ ވަރަށް ވަރުގަދަ އަންހެނުން ނަށޭ..... އެއީ މަ އޭނައަށް ކުރި ތައުރީފެކޭ..... އެއަޑު އިވުނީމަ އޭނަގެ ބޭބެވެސް ވާނީ އުފަލެއްނު..... ކަލޭ މެން ހާދަ ހިތް ގޯހޭ....! އޮހ.... އޮހ....އޮހ.... ބަލާލަ އެއޮއް ކަމެއް...."

އެތެރޭގައި ތިބި ޓީމުން ކުއްޖެއްގެ ގައިގައި އަތްލަން މަސައްކަތް ކުރަމުން ދިޔަ އަޒޫ ގެ ހަށިގަނޑަށް އައި ކޮންމެ ލޮޅުމަކަށް ޝައުގުވެރި ކަމާއެކު ބަލަންހުރި އާޒިމަށް ތެދުވެވުނު އިރުވެސް ނޭނގުނެވެ. ހަކީމް އާޒިމްގެ އަތުގައި ހިފާ ދަމާ ބޭންދިއެވެ.

"ތަންކޮޅެއް.... މައިތިރި ވެގެން އިނދެބަލަ..... ކަލެއަށް ތިއޮއްވާ ގޮތަކުން އަހަރުމެންވެސް އެބަ ލަދުގަނޭ.... ކޮންކަހަލަ ކިކެއް އަންނަ މީހެއްތަ މީ.....! "

"އޭނ....! މަގޭގައިގަ ހުރި ޒުވާން ކަމުގެ ތާޒާ ލޭގެ ވަރުގަދަ އަސަރު ތިފެންނަނީ.....! ކަލޭމެންނަށް ކަމުދާނީ އަންހެނަކާ ދިމާއަށް ބަލާލަން ވެސް ނުކެރިފަ ލޯމަރާއިގެން އޮންނަ ތިއޮއްފާޑުގެ ފިނޑި ފިރިހެނުން..... އެއޮތީނު ރަނޑު އަޝްރަފް..... ނުކެރޭނެ މޮޅު ކަމެއް ކޮށްލާކަށް..... އެހެންވީމަ އެއޮންނަނީ ރައްޓެހިވާނެ އަންހެނަކުވެސް ނުވެފަ....."

އެއަޑު އިވިފައި އަޝްރަފް އޭނާގެ މޫނުމަތީގައި ބާއްވައިގެން އޮތް ތޮފި ހިއްލާލިއެވެ. އާޒިމް އެ ކިޔާ އެއްޗެއް އޭނާ ރަނގަޅަށް އަޑުއަހާލަން ބޭނުންވިއެވެ.

"އަންހެނަކު ބަލާލިއަސް އޭނަގެ ދެފައި އޮޅޭނެ.... ރީތި އަންހެން ކުދީންނާ އެހާ ކައިރީގަ އުޅޭ އިރުވެސް ނުކެރޭ މޮޅުކަމެއް ކޮށްލާކަށް، ބުނަނީ އެއީ ހަމަ ރައްޓެހިންނޯ..... ދެން ބުނާނެ މަމީ ވަރަށް ހިތްސާފް މީހެކޭ.... ޗީ ހަމަ ފިނޑިކަން....."

އަޝްރަފަށް ފުރަގަސްދީގެން، ކަޅި ޖަހާނުލާ ބައިބަލާ ކުޅޭ ކުދީންނަށް ބަލަން އިނދެ އާޒިމް އަޝްރަފަށް މަލާމަތް ކުރަމުން ދިއައެވެ.
"ބަލަ.... އެއޮށް އެރީ މިރަށުގެ ބިއުޓީ....! ނިހާ އެވަންނަނީ މިފަހަރު.... "

އެހެން ބުނިތަނާ ކޮންމެވެސް މީހަކު އާޒިމްގެ ބުރަކަށީގައި ޖެހިގަތެވެ. އާޒިމް ނުވެއްޓުނީ ވެސް ހަމަ ކިރިޔާއެވެ. ސިއްސައިގެން ގޮސް ފަސް އެނބުރި ބަލައިލިއިރު ފެނުނީ އަޝްރަފް އޭނާގެ ބޯމަތިން ފުންމާލައިގެން ދުއްވައިގަތް ތަނެވެ. އެންމެނަށް ވެސް ލިބުނީ ސިހުމެކެވެ. އަޝްރަފް ދުވެފައި އެދިޔަ ގޮތަށް ގޮސް އެވަނީ ބައިބަލާ ކުޅެން އަޅާފައިވާ ވަށްރޮނގުގެ ތެރޭގައި ތިބި އަންހެން ކުދީން ގަނޑުގެ ތެރެއަށެވެ.

"އާޗާ.... އަޝްރަފް އަހަރުމެންޓީމް....! "
އެތެރޭގައި ތިބި ކުދީން ގަނޑަށް ވަރަށް މަޖާވިއެވެ.

"އޭ.... ފަނި ނަހަދާ.... ތި ގަވާއިދާހިލާފް ވަނީ.....! "
ބޭރު ޓީމްގެ ކުދިން ލަވަމުން ދިއަ ހަޅޭކަކަށް އަޝްރަފް ވެސް އަދި އެތެރޭ ޓީމް ކުދީން ވެސް އަޅައެއް ނުލައެވެ. ނިހާވެސް ފޯރިއާ އެކު ކުރިއަށް ދިއައެވެ. އޭނާ މަސައްކަތް ކުރީ އަޝްރަފްގެ އަތުގައި ނުޖެހި އެހެން ކުއްޖެއްގެ ގައިގައި އަތްލެވޭތޯއެވެ.

އަޝްރަފް މަސައްކަތް ކުރީ ނިހާ އަތުލައިގަނެވޭތޯއެވެ. 
މިމަންޒަރު ބަލަން ދުރުގައި ތިބި އަންހެންވެރީންގެ އަޑު ގަދަވަމުން ދިޔައެވެ. މެޗުގެ ފޯރިގަދަ މިވީ އަދިކިރިޔާއެވެ. އާޒިމްއާ އެކުވެރީންނަށް ވެސް މިހާރު ތިބީ ކޮޅަށް ތެދުވެވިފައެވެ. ހައިރާންވެފައެވެ. ގަބޫލު ނުކުރެވިފައެވެ. އެއްކަލަ ކަމެއްނުވާ، މަޑުން ހުންނަ އެބުނާ "ފިނޑި" "ރަނޑު" އަޝްރަފަށް އެންމެންގަނޑުގެ ތެރޭގައި އެވަރުގެ ސަކަރާތެއް ޖަހަން ކެރުނީތީއެވެ. 

ދެން ފެނުނު މަންޒަރަކުން އާޒިމް އިތުރަށް ހައިރާން ވިއެވެ. 
އަޝްރަފް އޭނާގެ ބާރު ސްޕީޑްގައި އެދިޔަ ގޮތަށް ގޮސް އެބެއްދީ ނިހާގެ އުނަގަނޑުގައެވެ. އެއާއެކު ދެމީހުން އެއްފަހަރާ ފަސްގަނޑު މައްޗަށް ވެއްޓުނީއެވެ. އަޝްރަފް އޮތީ ނިހާގެ ގައިމަތީގައެވެ. އިވިގެން ދިއައީ އަންހެން ވެރީންގެ ހަޅޭކުގެ އަޑާ އަތްތިލަބަޑީގެ އަޑެވެ. މަންޒަރު ބަލަން ތިބި ގިނަ އަންހެނުންނަށް މިމަންޒަރު ކަމުދިޔަ ކަމުގައި ވިއަސް ގިނަ ފިރިހެން ކުދީންނަށް މިމަންޒަރު ރީއްޗެއް ނުވިއެވެ.

ވާނީ ވެސް އެހެންނެވެ. ރަށުގެ އެންމެ ގިނަ ޒުވާނުންގެ ކަތި ނަޒަރުތައް އަމާޒު ވަމުންދާ ކުއްޖަކީ ނިހާއެވެ. ނިހާގެ ތުނިތުނި ރީތި ހަށިގަނޑުގައި އެވާ އަޖައިބެއް ފަދަ އަންހެން ވަންތަކަމަކީ ފުރަތަމަ ނަޒަރުން ވެސް ބަލި ހިތެއް އަނދައި އަޅިއަށް ހަދާލާ ފަދަ ރީތި ކަމެކެވެ. ނިހާގެ އެންމެ ހިނިތުން ވުމަކަށްޓަކައި ފިދާ ވަމުން ދިޔަ ފިރިހެން ކުދީން ގިނައެވެ. އޭނާގެ ލަތީފީ ހަށިގަނޑުގެ ޖާދޫގައި ކޮންމެވެސް އިރެއްގައި ނުޖެހޭ ޒުވާން ފިރިހެން ކުއްޖަކު އެރަށަކު ނެތޭ ބުންޏަސް ރަނގަޅު ވާނެއެވެ. ގުދުރަތުން ނިހާއަށް ދެއްވާފައިވާ މުއްސަނދި ސިފަޔަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވަނީ އޭނާގެ މަޑުމައިތިރި ރީތި މިޒާޖެވެ. ނިހާއާ އެކުގައި ޒަވާޖީ ހަޔާތެއް ފެށުމުގެ ހުވަފެންތައް ދެކެމުން އަންނަ ޒުވާނުން ބައިވަރެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ނިހާއަށް ލޯބިހުށަހަޅަން ކެރޭވަރުގެ ހިތްވަރުގަދަ ޒުވާނަކު އެރަށުން ފެނިފައެއް ނެތެވެ. ވަރަށް ގިނަބަޔަކު އެކަމާ ކުރިމަތިލާން މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި ހަމަ ފަސްޖެހެވެނީއެވެ. އެއީވެސް ނިހާގެ މިޒާޖުގައި ހުންނަ އާދަޔާ ހިލާފު ގޮތަކުންނެވެ. ނިހާ އަށް އެވާހަކަ ކަމުނުގޮސްދާނެތީ ޖެހިލުން ވަނީއެވެ. ނިހާގެ ގާތް އެކުވެރިކަން ގެއްލިދާނެތީ ބިރު ގަންނަނީއެވެ.

ރަނގަޅު ވަގުތަކަށް އިންތިޒާރު ކޮށްކޮށް ތިއްބާ އެފެނުނު މަންޒަރަކުން އެފަދަ އެތައް ބައެއްގެ ހިތްތަކަށް ބިރުވެރި ކަމެއް އިހުސާސް ކުރެވިގެން ދިޔައެވެ.

އަދިވެސް އަޝްރަފް އެތަނުން ތެދުވާކަށް ނޫޅެއެވެ. ނިހާވެސް އަޝްރަފްގެ އަތް ދަށުން ސަލާމަތް ވާކަށް ނޫޅެއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބީއެވެ. އުފާވެރި ހިނިތުން ވުމަކާ އެކުގައެވެ. ހީވީ އެތައް ޒަމާނަކުއްސުރެ އެފަދަ ގާތް ގުޅުމެއް އޮންނަ ދެމީހުން ހެންނެވެ.

މި މަންޒަރު ބަލަން ހުރި އާޒިމަށް މިހާރު އެއްޗެއް ވިސްނިއްޖެއެވެ. އަޝްރަފަކީ އޭނާ ހީކުރި ކަހަލަ މީހެއް ނޫނެވެ. އެހާ ގާތުގައި އުޅޭ އިރުވެސް އަޝްރަފް އާޒިމަށް ވެސް އަންގާނުލައެވެ. ކޮންމެ ރެއެއްގެ އެއްގަޑިއެއްގައި އަޝްރަފް ގެއްލޭ ސަބަބު އާޒިމަށް އެ ވިސްނުނީ އަދި ކިރިޔާއެވެ. އެވަރުގެ މޮޅު ކަމެއް ކޮށްލިއިރު އެއްވެސް މީހަކަށް ވެސް އަންގާ ނުލައެވެ. އެއީ އާޒިމަށް ކުރެވުނު ކަމެއްނަމަ އެވާހަކަ ދައްކާ ފޮނިކަނޑަމުން މުޅި ރަށް ކުޑަކުރަމުން ދުވީސްއެވެ.

ނިހާގެ ގައިމައްޗަށް ވެއްޓުނު ގޮތަށް ނުތެދުވެއޮތް އަޝްރަފްގެ ބުރަކަށީގައި ކޮންމެވެސް މީހަކު އެއްޗަކުން ޖަހައިފިއެވެ. އަޝްރަފް ސިހިފައި ނިހާއާ ދުރަށް ޖެހިލިއެވެ. އަވަސްއަވަހަށް ނިހާވެސް އެތަނުން ތެދުވިއެވެ. ކައިރީގައި ކޮޅަށް ހުރި ރަޒީނާ ފެނުމުންނެވެ. ރަޒީނާ ހުރީ އަޝްރަފާ ދިމާއަށް ބަލާށެވެ. އޭނާގެ ބޮޑު ދެލޮލުން ފާޅުވަމުން ދިއައީ ނުރުހުމުގެ އަސަރެވެ. އަޝްރަފް ރަޒީނާއަށް ބަލާލުމަށް ފަހު އޭނާގެ ކައިރިއަށް ވެއްޓިފައި އޮތް ދުނބުރިއަށް ބަލާލިއެވެ. ރަޒީނާ އަޝްރަފްގެ ބުރަކަށީގައި އެޖެހީ އޭގެންނެވެ.

"ޗީ..........! ލަދެއް ނުގަނޭތަ!"
ރަޒީނާ އެހެން ބުނީ ބާރަށެވެ. އެތަނަށް އެއްވެ ތިބި ގިނަ މީހުންނަށް އަޑުއިވޭވަރަށެވެ. 
"ކޮޓަރިއަކަށް ވަދެ އޮތިއްޔާ މާރަނގަޅު ވާނެ......!"
އެއަޑު އިވިފައި ނިހާވެސް ވަރަށް ލަދުގަތެވެ. އަޝްރަފް އެއްޗެއް ނުބުއެވެ. އޭނާ ތެދުވެ، ގައިން ވެލިފޮޅާލާފައި ނިހާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހިނގައިގަތީއެވެ. އެތަނަށް އެއްވެ ތިބި އެންމެނަށް އެދެމީހުންގެ ގުޅުން ކަށަވަރު ކޮށްދެމުންނެވެ.

އާޒިމް އަޝްރަފް ހޯދާތާ އިރުގަނޑެއް ފަހުން އަޝްރަފާ ދިމާވެއްޖެއެވެ. އާޒިމް ފެންނަ އިރަށް އަޝްރަފް ގާތަށް ހިނިއައެވެ. އާޒިމް ކިޔާނެ އެތިވަރުތައް އިނގޭތީއެވެ.

"ކޮން ހިންޏެއް....؟ މޮޅު ކަމެއް ކުރެވިގެން ދޯ އަނގަ ރޮނޑެންހެން ހަދައިގެން ތިހިރީ....! "
އާޒިމް އެހެން ބުނުމުން އަޝްރަފް އިތުރަށް ހިނިއައެވެ.
"ޖޭވީ ދޯ....! "

އަޝްރަފް ވެސް ހުރީ ވަރަށް މަޖާވެފައެވެ. ހަގީގަތުގަ ވެސް އޭނާއަށް މޮޅުކަމެއް ކުރެވިއްޖެއެވެ. އާޒިމަށް ސިއްރުން ރަށުގެ އެއްވެސް މީހަކަށް ކަމެއް ނުކުރެވެއެވެ. އަޝްރަފް އެކަން ކޮށްފިއެވެ.

"އަޑުއަހަންތަ ނުމޮށޭ ގުރާ ބާރަށް ދައިގަންނާނޭ ބުނާ އަޑު....؟ އެއީ ކަލޭގެ ވާހަކަ....! "
އާޒިމް ބުނެލިއެވެ.

"އެހެންވީމަ މަ ވަރަށް ގަދައެއްނު....މަށާގުޅޭ ހަރުބަސް ވެސް އެބަހުއްޓެންނު...! "
އަޝްރަފް ވެސް އާޒިމްގެ ވާހަކައިގައި ބައިވެރި ވިއެވެ.

"އައްދެ ގަދައީތަ....؟ އެބުނީ ކަލޭ ރަނޑު ވާހަކަ.... ނުމޮށޭ ގުރާ...! ގުރާ ބޭނުން ކޮށްފަ އެއިނީ އަންހެން ސިފައަކަށް..... އެހެން ނޫންނަމަ އެހަރުބަހުގަ އޮންނާނީ ކޮންމެސް "ގިތެލެއް" ކަހަލަ އެއްޗެއްގެ ވާހަކަ..!"
އާޒިމް އަޝްރަފް ދަށް ކޮށްލިއެވެ.
"މިއަދު އަޝްރަފް ގޮސް ގޭތެރެއަށް ވަދެލީމަ އިނގޭނެ ތިހުރި ފިރިހެން ކަމެއްވެސް.....!"

އާޒިމް އެހެން ބުނުމުން އަޝްރަފް ސީރިއަސް ވެއްޖެއެވެ. އެބުނީ ތެދެކެވެ. ހަގީގަތުގައި އޭނާ އެހެރީ ގެއަށް ވަންނަން ޖެހިލުންވެފައެވެ. ގޭތެރޭގެ މާހައުލު މިހާރު އޮންނާނީ ވަރަށް ހޫނުވެފައެވެ.

އަޝްރަފް ގެއަށް ދިޔައީ އިރުއޮއްސި އަނދިރިވީ ފަހުންނެވެ. ކޮންމެހެން ގެޔަށް ނުވަދެ ނުވެގެންނެވެ. އޭނާ ގެޔަށް ނުގޮސްފިއްޔާ ބައްޕަ އޮންނާނީ ނުކައިކަން އިނގޭތީއެވެ. 

އަޝްރަފްގެ ބައްޕަ، ގާސިމަކީ ބަލި މީހެކެވެ. އޭނާ ބަލި އެނދުގައި އޮންނަތާ މިހާރު އަހަރަކާ ގާތް ވަނީއެވެ. ބައްޕަގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަޝްރަފެވެ. ދޮންމަންމަ އާއި ކޮއްކޮގެ އެހީތެރިކަން ބައްޕަ އަކަށް ނުލިބެއެވެ. އަޝްރަފްގެ މަންމަ ނިޔާވުމުން ގާސިމް ހަސީނާއާ ކައިވެނި ކުރީއްސުރެ ބައްޕަ އުޅެމުން އައީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ. ހަސީނާއަކީ ވަރަށް ހަރުކަށި އަންހެނެކެވެ. ބައެއްފަހަރު އަޝްރަފް ވެސް ހަސީނާ ދެކެ ބިރުގަނެއެވެ. ކޮންމެފަދަ ކަމެއް ކުރަން ވެސް ދޮންމަންމަ ޖެހިލުން ނުވާނެކަން އަޝްރަފަށް އިނގޭތީއެވެ.

މަޑުމަޑުން ބަދިގެއަށް ވަދެ ބައްޕަގެ ތަށްޓަށް ކާއެއްޗެތި އަޅައިގެން ބައްޕަގެ ކޮޓަރިއާ ދިމާއަށް އަޝްރަފް ހިނގައިގަތެވެ. ދޮންމަންމަމެން މީހަކަށް ނުފެނި ސަލާމަތް ވެއްޖެއްޔާ ކިތަންމެހާ ވެސް ރަގަޅަވެ. އެކަމަކު އަޝްރަފްގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ. ބައްޕަގެ ކޮޓަރީ ދޮރުމަތީގައި، ދެލޯ ރަތް ކޮށްލައިގެން ދޮންމަންމަ ހުއްޓެވެ.

"އަހަރުމެން އެންމެނަށް ހުތުރު!"
އޭނާ ފެށީވެސް އެހާ ހިސާބުންނެވެ. 
"ކޮންކަމަކާ...! "
އަޝްރަފް ނޭނގޭ ކަމަށް ހެދިއެވެ. 
"ކޮންކަމަކާހޭ....؟ ކަލޭ ހިތުން ތިއައީ ދިވެހި ފިލްމް "ދޮންހިޔަލަޔާ އަލިފުޅު" ކުޅެފަދޯ....!"

މަލާމާތް ކުރަންވެސް ދޮންމަންމަ ވަރަށް މޮޅެވެ. 
އަޝްރަފް ވަރަށް ހިތްހަމަ ނުޖެހުނެވެ. އޭނާ މާގިނައިރު ހަސީނާ އެކިޔާއެއްޗެހި އަޑުއަހަން އެތާ ހުންނާކަށް ބޭނުމެއް ނުވިއެވެ.
"އަހަރެން މިއުޅެނީ ނިހާޔާ ކައިވެނި ކުރަން.....!" 
އަޝްރަފް އެހެން ބުނިއަޑު އިވިފައި ދޮންމަންމަގެ ނިއްކުރިއަށް ސަތޭކަ ރޫ އިތުރުވެގެން ދިޔަހެން ހީވިއެވެ. އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނާ ފަހަތުން މީހަކު ވަރަށް ބާރަށް އެއްޗެއް ބުނި އަޑު އިވުނެވެ.
"އަހަރެން ގަބޫލެއް ނޫން....! "
އަޝްރަފް އެނބުރިބަލާލިއިރު އޭނާގެ ފުރަގަހުގައި ރަޒީނާ ހުއްޓެވެ. 

(ނުނިމޭ)

ކޮމެންޓް 0