(17 އޯގަސްޓްގެ އަދަދާ ގުޅޭ)

އޭނާ ގެންބިރެއްގެ ސަބަބުން ދެފަޔަށް ބާރުލާ ދުއްވައިގަންނަން އުޅުނެވެ. އެހެން ނަމަވެސް ހުއްޓެވިއްޖެ އެވެ. ހީވީ ދެފައިގައި ކަސްތަޅު އެޅުހެންނެވެ. ކުރިމަތިން އެފެނުނު މަންޒަރެއްގެ ސަބަބުން އޭނާގެ ހެއަށްވެސް ގޮތް ވިއެވެ.

ކަޅު އަނދިރީގެ ތެރެއިން ކަޅުކުލަ ގަދަ ހިޔަންޏެއްހެން ފާޅުވާން އެހެރީ ބޮޑު ބިޔަ މީހެކެވެ. ނޫނެކެވެ! އެއީ އިންސާނެއް ނޫނެވެ! ރަޒީނާގެ ހަށިގަނޑުގައިވާ ހުރިހާ ލޯލިތައް އެއްފަހަރާ ކޮޅަށް ޖެހިގެން ދިއައެވެ. އިސްތަށިގަނޑު ހާވާ ލައިގެން ހުރި ހިޔަންނެއް ފަދަ އެބޮޑު މީހާއާ ދިމާއަށް ބަލަހައްޓައިގެން ހިރިލަންވެސް ނުކެރިފައި ރަޒީނާއަށް ހުރެވުނެވެ. އޭނާގެ އިސްކޮޅު ރަޒީނާގެ ހަ އިސްކޮޅަށް ވުރެ ދިގެވެ. ބައިމަތި އެހާ ފުޅައެވެ. ރަޒީނާ ހީވަނީ ބިރުން ހަލާކު ވެދާނެ ހެންނެވެ. އޭނާގެ މުޅި ހަށިގަނޑު ވަނީ އައްސިވެފައެވެ. ތުރުތުރު އަޅާ ވަރުން ބިމުގައި ފައި ހަރުލަނީ ކިރިޔާ އެވެ. ދެން އޭނާ އެތަނުން ސަލާމަތް ވާން ހަދާނީ ކިހިނެއް ހެއްޔެވެ! 

އޭނާގެ ހިއްސުތައް މަސައްކަތް ކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ. ތެޅިގަނެފައި އައިކޮޅަށް ދުއްވައިގަންނަން އޭނާ އުޅުނެވެ. ބަލައިލި އިރު އެ މަގުން އެނބުރި ދާން ކެރޭވަރަށް ވުރެ މިހާރު މާ ދުރަށް އާދެވިއްޖެއެވެ. ހަދާނެ ގޮތް ހުސްވެފައި އަނެއްކާވެސް އޭނާ އަވަސް އަވަހަށް އެނބުރި ބަލައިލި އެވެ. ލިބުނީ ސިހުމެކެވެ. ދެންމެ އެފެނުނު ބިރުވެރި ސޫރަ މިހާރު ފެންނާކަށް ނެތެވެ. އިންތިހާއަށް ބިރުގެންފައިވާ ރަޒީނާއަށް ވަށައިގެން ހޯދާލެވުނެވެ. ރޭގެ ކަނު އަނދިރި ކަމުގެ އިތުރުން އެއްވެސް ބިރުވެރި ކަމެއްގެ ނިޝާނެއްވެސް ނެތެވެ. ތަންކޮޅެއް ދުރުން ބޮޑު މަގުގެ އަލި ފެންނަން ހުއްޓެވެ. ރަޒީނާ އެދިމާއަށް ބާރަށް ދުއްވައިގަތެވެ. ބޮޑުމަގަށް ނުކުމެވުމުން އޭނާ އެނބުރި އައި ދިމާއަށް ބަލައިލި އެވެ. ހަގީގަތުގައި ވެސް ހަމަ އެއްވެސް ނުރައްކާތެރި ކަމެއްގެ ނިޝާނެއް ނެތެވެ. ރަޒީނާ އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކޮށްލަމުން ހިނިތުންވެލި އެވެ. އެއީ އޭނާއަށް ހީވި ގޮތެވެ. ވާނީވެސް އެހެންނެވެ. އޭނާ ބިރުގެންފައި ހުރީ މާވަރަކަށް ވިއްޔާ އެވެ!

ސައްތާރުމެން ގޭގެ ޖޯލިފަތީގައި ރަޒީނާ އިނީ ވަރަށް ހިނިއައިސްފައެވެ. ނިހާއަށް ލަޑެއް ދިނުމަށްޓަކައި އޭނާ ރާވަމުން ދިއަ އެ ނުބައި ރޭވުން ކާމިޔާބު ވާން އުޅޭތީ އުފަލުން އިންއިރު ކުޑައިރުކޮޅެއްގެ ކުރީން އޭނާ ބިރުން ތެޅިފޮޅުނު ހަނދާނެއް ނެތެވެ. 

"އެކޮއި ބޭނުންވި ގޮތަށް އަހަރެން އެކަން ކޮށް ނިންމައިފިން!"

ސައްތާރު އެހެން ބުނުމުން ރަޒީނާ އުފަލުން ފޮޅުނެވެ. ކުރީ ދުވަހު ދުވާލުގެ ގަޑިއެއްގައި އޭނާ އެގެއަށް އައިސް ސައްތާރާ ބައްދަލު ކުރިއިރު އެކަން ވާނެ ކަމުގެ މާބޮޑު ޔަގީން ކަމެއް ނެތެވެ.

"މިހާރު އެ ގޭގަ އޭތި ވަޅުލީތަ...!"
ގަބޫލު ނުކުރެވިފައި ރަޒީނާ އެހިއެވެ. 

އެދުވަހު ސައްތާރު ބުނީ ނިހާގެ ގޭގައި އެއްޗެއް ވަޅުލާނެ މީހަކު ހޯދަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކޮންމެ ކޮންމެ މީހަކު ލައްވާ އެކަން ކުރުވަން އުޅެގެން ފަޅާ އަރާފާނެތީ ރަޒީނާ ނިންމީ ރަށުގައި އުޅޭ ކުޑަކޮށް ބޯ ހަމަ ނުޖެހޭ ކުއްޖެއް ކަމަށް ވާ ފަޔާޒު ލައްވާ އެކަން ކުރެވޭތޯ މަސައްކަތް ކުރާށެވެ. ރަޒީނާ އެދުވަހު އެގޭން ނުކުމެގެން ދިއައީ ފަޔާޒު ލައްވާ އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއްވެސް އޮވެގެނެއް ނޫނެވެ. މިރޭ ރަޒީނާ އެއައީ އެބުނާ އެއްޗެއް ބަލައެވެ. ކޮންމެވެސް ގޮތެއް ހަދައިގެން އޭތި ވަޅުލެވޭތޯ ބަލާށެވެ. މިހާރު އެވީ މާ ރަނގަޅަށެވެ. ސައްތާރުބެއަށް ދެވުނު ފައިސާއާ ދޭތެރޭ އޭނާ ހިތްހަމަ ޖެހުނު ވަރުން ރަޒީނާއަށް އުދަގޫ ނުކޮށް އެކަންވެސް ކޮށްނިންމާލީއެވެ.

"މިރޭ އިރާކޮޅު ވަޅުލާ ނިމިއްޖެ.. އެ ކޮއި އަންނަން ވާއިރަށް ފަޔާޒު ލައްވާ އެކަން ކޮށްފިން!"
ސައްތާރު އޭނާގެ އަނގައިގައިވާ މަދު ދަތްކޮޅު އެކީ ފެންނަވަރަށް ހީލަމުން ބުންޏެވެ.
"ބޭބެ މިހާރު ބަލިކަމުން، ވަރަށް މިކަހަލަ ކަންތައް ކޮށް ނޫޅެން، އެކަމަކު އެކޮއި ދިން އަގު ރަނގަޅުވީމަ.. މިފަހަރު މިކަންކޮށްލީ!"

ސައްތާރަކީ ސިހުރު ހާހޫރައަށް އަރާ ހުރި މީހެކެވެ. ވަރަށް ފަހުން އޭނާގެ އަތުން މީހަކު މަރުވި ވާހަކައަކީ ވެސް ރަށުތެރޭގައި ދެކެވޭ ވާހަކަ އެކެވެ. އެހެން ވިއަސް ރަޒީނާއަށް މައްސަލައެއް ނެތެވެ. ނިހާ އޭނާއާ ދިމާއަށް ފުއްޕަން ކެރުނީތީ އޭނާ އަދާ ކުރަން ޖެހޭ އަގު ފިސާރު ބޮޑުވާން ޖެހޭނެއެވެ.

"ބޭނުން ވަނީ ދުވަހަކުވެސް އެ ނިހާއަށް އުފަލުގަ ނޫޅެވެން!"
ރަޒީނާ އޭނާގެ ކަޅު ދެތުންފަތަށް ވާން ކޮށްލަމުން ސައްތާރަށް ހަނދާން ކޮށްދިނެވެ.
"ނޫޅެވޭނެ.. ވަރަށް އަވަހަށް ޖިންނިއެއްގެ އުދަގޫ އޭނައަށް ޖެހޭނެ! އޭތި ވަޅުލާފަ އޮތް އޮޅި މަތީން އެންމެ ފަހަރަކު ގިރާކޮށްލަން ޖެހޭނީ.. އެހާ ހިސާބުން އެއާ ހެދި އޭނައަށް ދިރިއުޅެން ދަތިވާނެ!"

އެއަޑު އިވިފައި ރަޒީނާގެ ދެލޯ ބޮޑުވެގެން ދިއައެވެ. އެބުނީ ހާދަ ބޮޑު ކަމެއްގެ ވާހަކައެވެ. ދެންމެގައި ވަލު މަގުން ރަޒީނާއަށް އެ ފެނުނުހެން ހީވި ކަހަލަ އެއްޗެއް، ހަގީގަތުގައިވެސް އައިސް އުނދަގޫ ކުރަން ފަށައިފިއްޔާ އެމީހަކަށް ހާދަ ވަރެއް ވާނެއެވެ. 

ރަޒީނާ އިރުކޮޅަކު ވިސްނަން އިނދެފައި ބާރަށް ހޭންފަށައިފި އެވެ. ނިހާ ޖިންނި މޮޔަވެގެން އުޅޭއިރު ހާދަ މަޖާވާނެ އެވެ! 

އަޝްރަފަށް ހޭލެވުނު އިރު އިރުއަރާ އަލިވެއްޖެއެވެ. ރޭގައި މާލަހުން ނިދުނީމައި އޭނާއަށް މިއަދު ފަތިސް ނަމާދަށް ވެސް ހޭނުލެވުނެވެ. އަދިވެސް އޭނާގެ ނިދި ހަމައެއް ނުވެއެވެ. ކިތަންމެ ނިދާލަން ބޭނުންވިއަސް އޮވެވޭކަށް ނެތެވެ. ކުލާހަށް ދާ ގަޑިޖެހެނީއެވެ. އަޝްރަފް ލޯ ހުޅުވާލުމާއެކު އޭނާއަށް ފުރަތަމަ ވެސް ފެނުނީ ފަރީޝާ އެވެ. ފަރީޝާ ހުރީ ކޮޓަރީގެ ކުޑަ ދޮރުގައި ލެގިލައިގެން އަޝްރަފަށް ބަލާށެވެ. އެ ގޮތަށް އޭނާ އަޝްރަފަށް ބަލަން ހުންނަތާ ކިހާ އިރެއް ވެދާނެބާއެވެ! އަޝްރަފަށް ވަރަށް އުނދަގޫވިއެވެ. އަޝްރަފް ނޭގޭ ކަމަށް ހަދާފައި ގޮސް ވަނީ ފާޚާނާ އަށެވެ. ބޭކާރު ކަންތަކާ ނުވިސްނަން އޭނާ ވަނީ ނިންމާފައެވެ. 

ރަޒީނާ އިރު އެރުމާއެކު ގޭން ނުކުމެގެން އައިސް ފަޅުގެއެއްގެ ގާފުނި މައްޗަށް އަރާ ބޭރު ބަލަން އެހުންނަނީ ނިހާ ގޭން ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. ބޭނުން ވަނީ ނިހާ އެއޮޅި ގިރާ ކޮށްފިކަން ޔަގީން ކޮށްލާށެވެ. ނިހާ އޮފީހަށް ދާން ގޭން ނުކުންނަ އިރު ގޭގެ އޮޅި ގިރާ ކުރާ ވަގުތުން ފެށިގެން ނިހާގެ ދިރިއުޅުމުގެ އަނދިރި ދުވަސްތައް ފެށުނީ އެވެ. އޭނާއާ އަޝްރަފްގެ ލޯބީގެ ބާބު ނިމި ނިހާއަށް މާ ވަރުގަދަ އެހެން ލޯތްބެއް ތަޖުރިބާ ކުރެވެން ފަށާނެއެވެ. އެއީ ރަޒީނާ އެންމެ ދެކޭހިތްވާ ދުވަހެވެ. މިއަދު ރަޒީނާ އޭނާގެ އެންމެ އަރާމު ނިދިކޮޅު ގުރުބާން ކޮށްފައި އައިސް އެތަނުގައި އެހެރީ ނިހާއަށް އޭނާ ވެދުން ކުރާ އެ ލޯބީގެ ފެށުން ފާހަގަ ކުރާށެވެ. 

އަޝްރަފް ފާޚާނާ އިން ނުކުތް އިރުވެސް ފަރީޝާ އެތަނުގައި ހުއްޓެވެ. އޭނާ ތައްޔާރު ވާން ލޯގަޑު ކައިރީގައި ހުރިއިރު ފަރީޝާ އޭނާއާ ދިމާއަށް ބަލާކަން އެނގުނެވެ. އަޝްރަފަށް ބުނެދޭން ނޭގޭ، އުނދަގޫ އިޙުސާސް ތަކެއް ކުރެވެމުން ދިއައެވެ. އޭނާ ބޭނުންވީ އަވަހަށް އެތަނުން ނުކުންނާށެވެ. 

"ސައި ހަދަން؟"
ބޮލުގައި ފުނާ އަޅަން ހުރި އަޝްރަފަށް ކުޑަކޮށް މަޑު ޖެހިލެވުނެވެ. ހީވީ ނިހާގެ އަޑު އިވުނު ހެންނެވެ.
"ކޮފީއެއްތަ ހަދަންވީ؟"
ފަރީޝާގެ އަޑު އިވުމުން އަޝްރަފަށް ބަލައި ނުލާ ނުހުރެވުނެވެ. 

މިއަދު ފަރީޝާ ފެންނަނީ ފަހަކަށް އައިސް އޭނާ ނުފެންނަހާ ތާޒާ ކޮންނެވެ. އަޝްރަފް ހީކުރީ އަޝްރަފާ އެކު އެކަނި އެއްކޮޓަރީގައި ނިދަން ޖެހުމުން އޭނާ ހުންނާނީ ވަރަށް ކަންބޮޑު ވެފައި ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ އެއްވެސް ހާސްކަމެއް ފަރީޝާގެ މޫނު މައްޗަކު ނެތެވެ. މިއަދު ފަރީޝާ ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. 

ފަރީޝާ ހުރީ ހިނިތުން ވެލައިގެންނެވެ. މިއަދު އެ ދޮން މޫނު މަތީން ފެންނަމުން ދިޔައީ އަޖައިބެއްފަދަ ރީތިކަމެކެވެ. އޭނާގެ އެރީތި ހިނިތުން ވުމަށް ބަލަހައްޓައިގެން އަޝްރަފަށް ހުރެވުނެވެ. އާދަޔާ ޚިލާފް ތޫނު ނަޒަރަކުން ފަރީޝާ އަޝްރަފާ ދިމާއަށް ބަލަން ހުރި އިރު އެ ބޮޑު ދެލޯ ލޯބީގެ ދައުވަތު ދެމުން ދާކަހަލައެވެ. އޭނާގެ އެ ނަޒަރުން އަޝްރަފްގެ ހިތް ފިއްސާލައިފި އެވެ. އަޝްރަފްގެ ބަސްނާހާ ހިތް މަޑުމަޑުން ފަރީޝާއާ ދިމާއަށް ލެބެން ފަށައިފި އެވެ. ހިތުގެ ތެޅުން އަވަސްވެ ހަށިގަޑުގައި ކަރަންޓުގެ އޮއިވަރުތައް ދަތުރު ކުރަން ފަށައިފި އެވެ. ހިތް އެދެނީ އެ ފުން ދެލޮލުގެ ތެރެއަށް ޣަރަޤު ވެގެން ދާށެވެ. އެރީތި ދެތުން ފަތުގެ ހުރި އަސަރެއް ތަޖުރިބާ ކޮށްލާށެވެ. ދެ މީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓިފައި ވާއިރު އެދެމެދުގައި ދަގަތް ފާނުގެ ބާރެއް އުފެދެން ފަށައިފި އެވެ. 

އަތުގައި އޮތް ފުނާ މަޑުމަޑުން ބާއްވާ ލެވިއްޖެއެވެ. ފަރީޝާއާ ދިމާއަށް ރަނގަޅަށް އެނބުރި ލެވިއްޖެއެވެ. އެ ޖާދުވީ ދެލޮލުގެ ބާރުގައި އެދިމާއަށް ހިނގައި ގަނެވިއްޖެއެވެ. ދުނިޔެއާ ދުނިޔޭގެ އެހެން ހުރިހާ އެއްޗެއް ހަނދާނުން އެއްފަރާތް ވެއްޖެއެވެ. ޖަޒުބާތުން ކެކި އުތުރި އަރަމުންދާ އެ ދެހިތުގެ ދެމެދުގައި މިހާރު އެވަނީ މަދު ސިކުންތު ކޮޅެއްގެ ދުރުމިނެކެވެ. 

ކުއްލި އަކަށް ފޯނުގެ ރިންގުގެ އަޑު މުޅި ތަނަށް ގުގުމައިގެން ހިގައްޖެއެވެ. ލިބުނު ސިހުމާއި އެކު އަޝްރަފާއި ފަރީޝާ ހަމަ ބިމަށް ގެނުވައިފި އެވެ. އަވަސް އަވަހަށް ފޯނުގެ ރިންގްގެ އަޑު ކަނޑާލަމުން އަޝްރަފް ބޭރު ދޮރާ ދިމާއަށް ހިނގައިގަތީ އިސްޖަހައިގެންނެވެ. ފަރީޝާގެ ކުރިމަތީގައި އޭނާ ބޭޒާރު ވީތީ ލަދުގަތެވެ.

ބޭރު ދޮރު ކައިރީ މަގުމަތީގައި އޭނާ މަޑުކޮށްލި އެވެ. ނިހާގެ ފޯނު ނިއްވާލެވުނީތީ އޭނާ ދެރަވި އެވެ. އެއީ އޭނާ ކުރިން ދުވަހަކު ވެސް ކުރިކަމެއް ނޫނެވެ. ކިތަންމެ ބިޒީ ކޮށް އުޅުނު ކަމުގައި ވިއަސް އޭނާ ނިހާގެ ފޯނު ނަގާނެ އެވެ. މިއަދު އޭނާއަށް ނިހާއާ ވާހަކަ ދައްކަން އުނދަގޫވެއްޖެ އެވެ. އަނެއްކާވެސް ނިހާ ގުޅަން ފަށައިފި އެވެ. އަޝްރަފް ފޯނު ނަގާ ކަންފަތުގައި ޖަހާލި އެވެ.

"އަޝްރަފް.... ފޯނު ކެނޑުނީދޯ....!"
ނިހާގެ މައުސޫމް އަޑު އޭނާގެ ކަންފަތުގައި ޖެހުމުން ނިހާއަށްޓަކައި އޭނަގެ ހިތް ހަމްދަރުދީއިން ފުރުނެވެ.
ނިހާ ދެއްކީވެސް އެ ޒާތުގެ ވާހަކަ އެކެވެ. އޭނާ މިއަދު އޮފީހަށް ދާހިތްނުވާ ވާހަކަ އެވެ. ފާޑެއްގެ އުނދަގުލެއް ވާ ވާހަކަ އެވެ. ގޭން ނުކުންނަ ހިތްނުވާ ވާހަކަ އެވެ. މާ ބޮޑަށް އަޝްރަފް މިސްވާ ވާހަކަ އެވެ.

ފޯނު ބޭއްވުމަށް ފަހު އަޝްރަފް ވިސްނީ އާޒިމްގެ ހަބަރެއް ހޯދަން ހަދާނެ ގޮތަކާ ދޭތެރޭގަ އެވެ. އާޒިމްއާ ވަކިން ދެން އޭނާ އެ ކޮޓަރިއަށް ވަންނާކަށް ބޭނުމެއް ނޫނެވެ.

ނިހާމެންގެ ގޭގެ ކުރިމަތީގައި ހުރި ގޭގެ ތެރޭގައި ރަޒީނާ ނިވާވެގެން ހުރެ ހުރެ ވަރުބަލިވި އިރުވެސް ނިހާ ގޭން ނުކުންނަ ތަނެއް ނުފެނުނެވެ. މިހާރު ބޮލަށް އަވިވެސް އަރައިފި އެވެ. ދެން މާ ގިނަ އިރު އެތަނުގައި ހުންނަން ވެއްޖެނަމަ އަނބުރައި ގަނެދާނެ އެވެ.

ރަޒީނާ ހިސާބަކަށް ބިރު ގަންނަންވެސް ފަށައިފި އެވެ. ނިހާ ބޭރަށް ނުނިކުމެ އުޅެނިކޮށް ނިހާއަށް ވުރެ ކުރިން އެހެން މީހަކު އެ އޮޅި ގިރާކޮށްފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ! ސައްތާރުބޭ ބުނީ އެއޮޅި ފުރަތަމަ ގިރާ ކުރާ މީހަކަށް އެކަން ޖެހޭނެ ކަމަށެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ! ނިހާ ގޭން ނުކުތުމުގެ ކުރީން އެހެން މީހަކު އެގެއަށް ވަނަދީގެން ނުވާނެ އެވެ. ކިތަންމެ އިރެއް ވިއަސް ރަޒީނާ ޖެހޭނީ އެތަނުގައި މަޑުކުރާށެވެ. 

މާ ގިނަ އިރަކު ރަޒިނާ އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ކުއްލިއަކަށް ފެނުނީ ގޭގެ ދޮރު ހުޅުވާލި ތަނެވެ. ދޮރު މަތީގައި އެހެރީ ނިހާ އެވެ. ނިހާ ހުރީ އޮފީހަށް ދާން ތައްޔާރު ވެގެންނެއް ނޫނެވެ. ކޮންމެ ތަނަކަށް ދިއައަސް ރަޒީނާއަށް ވަރިހަމައެވެ. އޭނާ ބޭނުން ވަނީ ނިހާ، ހަމަ އެކަނި އެ އޮޅި ގިރާކޮށްލާށެވެ. އޭރުން އެވީއެވެ!
(ނުނިމޭ)

ކޮމެންޓް 0