(23 ސެޕްޓެމްބަރގެ އަދަދާ ގުޅޭ)
"އަހަރެން ބަނޑުބޮޑު!"
ދަތްކުނޑިވިކާލަމުން ފަރީޝާ ބުންޏެވެ.
އިގުބާލު ހިސާބަކަށް ޙައިރާން ވެފައި ފަރީޝާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިކުރުވި އެވެ.
"މީހަކާ އިނީތަ؟"
އާދައިގެ ގޮތަކަށް އޭނާ އަހާލި އެވެ.
ފަރީޝާ ޖަވާބު ދޭކަށް ބޭނުމެއް ނުވި އެވެ. އޭނާ ހުރީ އިގުބާލު ދެކެ ރުޅިއައި ވަރުން ހަލާކުވާން ގާތްވެފަ އެވެ. އިގުބާލު އެރަށަށް އަންނަން ވީ ސަބަބެއް އޭނާ އަކަށް ނޭގެ އެވެ. އޭނާ ބަނޑުބޮޑުކަން އެނގުނު ނަމަ އިގުބާލު އެރަށަށް އަންނާނެ ބާއެވެ.
ފަރީޝާ ގެ އެ މިޒާޖު ފެނިފައި އިގުބާލު ހުރީ ޙައިރާންވެފަ އެވެ. ވަރަށް އުނދަގޫވެސް ވެފަ އެވެ. އޭނާއަށް ފަރީޝާ ފެނިފައި ވަނީ ވަރަށް މަޑުމައިތިރި ކިއަމަންތެރި ކުއްޖެއްގެ ގޮތުގަ އެވެ. އެގޭގައި ފަރީޝާ އުޅުނު މަދު ދުވަސް ކޮޅު ފަރީޝާގެ ރީތި އަޚުލާޤު އޭނާއަށް ވަނީ ފާހަގަ ކުރެވިފަ އެވެ. އޭނާގެ ދެލޯފަދަ ދަރިފުޅު ފަރީޝާއާ ހަވާލު ކޮށްފައި ދެމަފިރީން ދުވާލުގެ ގިނަ ވަގުތު ބޭރުގައި ހޭދަކުރީ ފަރީޝާއަށް އިތުބާރު ކުރެވުނު ވަރުން ނެވެ. އެގޭގައި އުޅުނު ދުވަސް ކޮޅުވެސް ފަރީޝާ އިގުބާލާ އަނގައިން ބުނެއެއް ނަހަދަ އެވެ. ކޮންމެހެން އެއްޗެއް ބުނަން ޖެހިގެން ބުންޏަސް ބުނަނީ އިޙުތިރާމާ އަދަބުވެރި ކަމާއި އެކުގައެވެ. މިއަދު އެ ހުރިހާ ކަމެއް ބަދަލު ވެފައި އެވަނީ ފަރީޝާގެ ރަށުގައި އިގުބާލު ހުރީމައި ކަމަށް ވެދާނެބާ އެވެ! އިގުބާލު އެރަށަށް އައި އިރު އެއީ ފަރީޝާގެ ރަށް ކަމެއް ހަނދާން ވެސް ނެތެވެ. އެގެއަށް އައީ އެގެއިން ފަރީޝާއާ ދިމާވާނެ ކަމަކަށް ނޫނެވެ. އާޒިމް އެގޭގައި އުޅޭނެ ވާހަކަ އަޝްރަފް ބުނެފައިވާތީ އެގެއަށް އާދެވުނީ އެވެ.
"އާޒިމް އެބައުޅޭތަ؟"
ހިސާބަކަށް ޖެހިލުން ވެފައި ހުރެ އިގުބާލު އެހިއެވެ.
"ނޫޅެ!"
ނުރުހުމާއި އެކު އެހެން ބުނެފައި ފަރީޝާ އެތެރެއަށް ދާން ހިނގައިގަތެވެ.
އިގުބާލުވެސް ދޮރު ލައްޕާލައިފައި އެނބުރި ދާން ހިނގައިގަތެވެ. ފަރީޝާ ކަންތައް ކުރި ދަށް ފެންވަރުގެ ގޮތަކުން އިގުބާލުގެ ހިތްވަނީ ކުޑަވެފަ އެވެ. އޭނާ ކުރިއަށް ދަމުން ދިއަ އިރު ފަރީޝާއާ ދޭތެރޭ ވިސްނަމުން ދިއަ އެވެ. ފަރީޝާއާ ދޭތެރޭ އޭނާގެ އަންހެނުން ވެސް ކަންތައް ކޮށްފައިވަނީ ވަރަށް ރަނގަޅަށެވެ. ފަރީޝާ އެގޭން ނުކުމެގެން ދިއައީ އިގުބާލު މެންނާ އެއްވެސް މައްސަލައެއް އޮވެގެނެއް ނޫނެވެ. ހަމައެއް ގޮތަކަށް ވެސް އިގުބާލަކަށް ނުވިސްނުނެވެ. އިގުބާލު ހުރީ ވަރަށް ލަދުވެސް ގެންފަ އެވެ. މިއީ އަންހެނަކު އޭނާ އެވަރަށް ކުޑަކޮށްލި ފުރަތަމަ ފަހަރެވެ. އެ ޚިޔާލުގައި ހުރެ ހިނގާފައި ދަނިކޮށް އާޒިމް އައިސް ކުރިމައްޗަށް ހުއްޓުނު އިރުވެސް އޭނާއަށް ނޭގުނެވެ. ކުއްލި އަކަށް އެހާ ގާތުން އާޒިމް ފެނުމުން ދިއައީ ސިއްސައިގެން ނެވެ.
"އޭ... ހުވަފެނެއްގަ ހުރެގެން ކޮންތާކަށް ތިދަނީ..! ކޮން އިރަކު މިރަށަށް އައީ؟"
އާޒިމް ހުރީ އިގުބާލު ފެނުމުން ވަރަށް އުފާވެފަ އެވެ.
އިގުބާލު އެރަށަށް އައީ އަންހެނުންގެ ތިމާގެ ކުއްޖަކު އެރަށު މީހަކާ އިންނާތީ ކައިވެނި ޕާޓީ އަށެވެ. އެރަށުން އާޒިމާ ދިމާވީތީ އޭނާ ވަރަށް އުފާވި އެވެ. ބީރައްޓެހި ރަށްރަށަށް ގޮސް އުޅުމަކީ އޭނާއަށް ވަރަށް ފޫހި ކަމެކެވެ. ފަރީޝާގެ ގޭގައި އާޒިމް އުޅޭކަން އެނގިފައި ފަރީޝާ ބަނޑުބޮޑުކަން އެގުމުން އާޒިމާ ފަރީޝާ ކައިވެނި ކުރީހެން އޭނާއަށް ހީވި އެވެ. އޮޅުން ފިލުވާލަން ބޭނުން ވި ނަމަވެސް ފަރީޝާއާ ބެހޭ އެއްވެސް އެއްޗެއް އަހާ ހިތެއް މިހާރަކު ނެތެވެ. ފަރީޝާ ކަންތައް ކުރިގޮތުން އޭނާ ހުރީ ފަރީޝާ ދެކެ ވަރަށް ފޫހިވެފަ އެވެ.
އިގުބާލާއެކު އާޒިމް ދިއައީ އިގުބާލު އަންހެނުން ނާޒިމާ އާ ބައްދަލު ކުރާށެވެ. ނާޒިމާ އަކީ ޒަމާނީ ކުއްޖެކެވެ. އިގުބާލާ ވަރަށް ގުޅޭ ރީތި އަންހެން ކުއްޖެކެވެ. ފަރީޝާ އިގުބާލުމެން ގޭގައި ހުރި ދުވަސް ކޮޅުގައި އާޒިމް ނާޒިމާ އާއި ވަނީ ދިމާވެފަ އެވެ. ނާޒިމާ އަކީ ވަޒީފާގައި ދުވާލުގެ ގިނަ ވަގުތު ހޭދަ ކުރި ނަމަވެސް ގޭތެރޭގެ ކަންތައްތަކަށް ޚާއްޞަ ސަމާލު ކަމެއް ދީގެން އުޅޭ އަންހެނެކެވެ. އިގުބާލުގެ ހުރިހާ ކަމަކާ ދޭތެރޭ އެ ބަހައްޓާ ޝައުގުވެރި ކަމެއްގެ ސަބަބުން ދެމަފިރީން ދޭތެރޭގައި އުފެދިފައިވަނީ އާދަޔާ ހިލާފު ލޯތްބެކެވެ. އާޒިމްވެސް އެދެމަފިރީން ގެ އެ ގުޅުމަށް ތައުރީފް ކުރެ އެވެ. އެހެން ނަމަވެސް އިގުބާލަކީ މި ޒަމާނުގައި ގިނަވެގެން އަންނަ ނުބައި އާދައަކަށް ދެވި ހިފައިފައިވާ މީހެކެވެ. އާޒިމް ފަދައިން ނެވެ.
"ހިނގާބަލަ މިރޭ ކައިރީ މިއޮއް ރިސޯޓަށް ޖައްސާލަން... ކުޑަ ގޮތެއް ހަދާލައިގެން އަންނާނީއޭ!"
އިގުބާލް އާޒިމަށް ނަސޭހަތް ދިނެވެ.
"އަހަރެން މިހާރު ތިކަން ހުއްޓާލައިފިން..! ކަމުދާ ކަމެއްނޫން!"
އާޒިމް އަނގައަށް ވައްތަރު ޖައްސާލަމުން ބުންޏެވެ.
"ތިހިން ނުބުނޭ.. އެއަށް ވުރެ އަހަރެން އެންޖޯއީ ކުރާކަމެއް ނޯންނާނެ، ކަޑައެއް ނޫނޭ.. މީހެއްގެ ޙައްޤަށް އަރައިގަންނަނީއެއް ނޫނެއްނު.. މަށާ މާތް ރަސްކަލާނގެއާ ދޭތެރޭ އޮންނަ ކަމެއް. އެ ފޮހެލެވޭނެ ވަރަށް ފަސޭހައިން!"
ގިނަބައަކު ފަސޭހައިން ބުނެލާ ޖުމުލައެއް އިގުބާލުވެސް ބުނެލިއެވެ.
"ތިހިން ބުނާކަށް ނުވާނެ.. މީހުންގެ ހައްގަށް އަރައި ނުގަތަސް ހަރާން ކަމެއް ހަރާންވާނެ.. އެހެން ނޫނަސް އެއީ ހުރިހާ ނުބައި ކަމެއްގެ މަންމަ!"
އާޒިމް އެހެން ބުނުމުން އިގުބާލު ހިނިގަނޑެއް ޖަހާލި އެވެ.
"ހާދަ ބޮޑަކަށް ވިސްނިފަ ތިހިރީ..؟ މީހަކާ އިނީތަ؟"
އެންމެ ފަހުން އެހެން ވެސް އަހާލެވިއްޖެ އެވެ.
އާޒިމް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލި އެވެ.
"އިގުބާލު ތިވަރަށް ނަމާދު ކުރާމީހާ ތިކަހަލަ ކަންތައް ކުރާކަށް ނުވާނެ..!"
އާޒިމް އިގުބާލަށް ވަރަށް ނަސޭހަތް ދިނެވެ. އާޒިމް ދައްކާ ވާހަކަ އަޑުއަހަން އިގުބާލު އިން ކަމުގައި ވިއަސް ބައެއް އާދަތަކަކީ އެހާ ފަސޭހައިން ހުއްޓާލެވޭނެ އާދަތަކެއް ނޫނެވެ.
ސައްތާރުބޭ ބުނި ގަޑިއަށް ހަސިނާ އެގެއަށް އައިސް އެބައިނެވެ. ސައްތާރުބޭ ބުނި ގޮތުގައި މިހާރު ރަޒީނާއާ އެ "ޖަހުރީ" ނަމަކަށް ކިޔާ ޖިންނި އެއުޅެނީ ވަރަށް ލޯބިވެގެން ނެވެ. އޭނާއާ ރަޒީނާ ކައިވެނި ކޮށްގެން އެއުޅެނީ ރަޒިނާގެ ރުހުމު ގައެވެ. ރަޒީނާ މިހާރު އޭތީގެ ކިބައިން ސަލާމަތް ވާކަށް ބޭނުމެއް ނުވާނެ އެވެ. ގިނަ ވަގުތު އޭނާ އުޅެނީ މުޅީން އެކަހެރިވެ، ހިޔާލީ ދުނިޔެއެއްގައިހެން ބަލާ މީހުންނަށް ހީވި ނަމަވެސް އެވަގުތު ތަކަކީ އޭނާގެ ކައިރީގައި "ޖަހުރީ" ހުންނަ ވަގުތު ތަކެވެ. އެކަމުން ސަލާމަތް ކުރަން ވެއްޖެ ނަމަ ފުރަތަމަ ޖެހޭނީ ޖިންނިގެ މަތީން ރަޒީނާގެ ހިތް ކަނޑުވާލާށެވެ. އެހެނަސް އެއީ ނުރައްކާތެރި ކަމެކެވެ. "ޖަހުރީ" ގެ ފަރާތުން ރަޒީނާއަށް އެއްވެސް އުނދަގުލެއް ނެތި ރަޒީނާ އަށް އެއުޅެވެނީ އޭނާ ރުހިގެން އުޅޭތީ އެވެ. މިހުރިހާ ވާހަކައެއް ކިއައި ދިނުމުން ވެސް ހަސިނާ ބޭނުންވީ ރަޒީނާ ސަލާމަތް ވާނެ އެއްޗެއް ހަދާ ށެވެ.
ސައްތާރުބޭ ހަސީނާ އަތަށް ދިނީ ކިޔަވާފައިވާ ފެން ފުޅިއެކެވެ. އޭނާ ބުނީ ކޮންމެވެސް އެއްޗަކަށް އަޅާފައި އޭގެން ފެން ކޮޅެއް ކޮޓަރީގެ ތެރޭގައި ބަހައްޓާށެވެ. ޖައްސަ ޖައްސައިގެން ހަތް ދުވަސް ވަންދެން އެކަން ކުރުމަށް ސައްތާރުބޭ ބުންޏެވެ. އެކަމަކީ އުނދަގޫ ކަމަކަށް ވިއަސް އެކަން ކުރެވޭތޯ ބަލަން ހަސީނާ ބޭނުންވި އެވެ. ދަރިއަކަށް ޓަކައިވެސް އެ ވަރުގެ ގުރުބާނީއެއް ހަސީނާ މީގެ ކުރީން ދުވަހަކުވެސް ވެފައެއް ނުވެ އެވެ.
ރަޒީނާގެ ކޮޓަރިއަށް ވަދެ އެފެންކޮޅު ބަހައްޓާނެ ތަނަކާ ދޭތެރޭ ހަސީނާ ވިސްނާލި އެވެ. ފެންނަ ހިސާބުގައި ބަހައްޓައިފި ނަމަ ރަޒީނާއަށް އެގިދާނެ އެވެ. ނޫނީ އުކާވެސް ލާފާނެ އެވެ. ކޮޓަރީގެ އަލަމާރި މަތީގައި ހުރި މާ ވަށިގަނޑު ފެނުމުން ހަސީނާއަށް ރަނގަޅު ޚިޔާލެއް އަތުވެއްޖެ އެވެ. މާ ވަށިގަނޑުގެ ތެރެއަށް އެފެންކޮޅު އަޅާލާނީ އެވެ. ދެން އޮތީ ރަޒީނާ ކޮޓަރީގައި ނޫޅޭ ދަނޑިވަޅެއް ހޯދުމެވެ. އިރު އޮއްސުމުގެ ކުރިން އެ ފުރުސަތު ވެސް ލިބިއްޖެ އެވެ. ރަޒީނާ ފާޚާނާއަށް ވަން ވަގުތު ބަލާފައި ހަސީނާ ފެންފުޅި ހިފައިގެން ވަނީ ކޮޓަރި އަށެވެ. އެނދު މައްޗަށް އެރީމައި މާ ވަށިގަނޑުގައި އަތް ޖެހޭނެ އެވެ. އެނދު ދަށަށް ވާގޮތަށް ފެންފުޅި ބަހައްޓާފައި އެނދު މައްޗަށް އެރިތަނާ ރަޒީނާ ފާޚާނާއިން ބޯ ދިއްކޮށްލައިފި އެވެ. އޭރު އޭނާ ހުރީ ވަރަށް ހާސްވެފަ އެވެ. ތެޅިގަނެފައި ހަސީނާވެސް އަލަމާރީގެ ބިއްލޫރި ގަނޑު ފޮހެން ފަށައިފި އެވެ.
"ކޮން ހަޅޭކެއްތަ ތިލަވަނީ މަންމާ.. ކީއްތި ކުރަނީ!"
މަންމަ އެނދަށް އަރާ ހުރެ ބިއްލޫރި ގަނޑު ފޮހެން ފެށީމައި ރަޒީނާ ވަރަށް ޙައިރާން ވެއްޖެ އެވެ.
"ހަޅޭކޭ..!"
ހަސީނާ އިތުރަށް ޙައިރާން ވިއެވެ.
"އަނ.. ފާޚާނާއަށް ވަނީއްސުރެ މަންމަ ގޮވާ ވަރުން ހީވަނީ އެހެން ފަދަ ކަމެއްހެންނޭ.. ކީއްތަވީ..!"
"މަށޭ..! މަ ގޮވީއޭ..؟"
ދެލޯ ބޮޑުކޮށްގެން ހުރެ ހަސީނާ އެހި އެވެ. އޭނާ ވަރަށް ބިރުގެންޖެ އެވެ. އެހާ ސިއްރުން މަޑުމަޑުން އުޅެނިކޮށްވެސް ރަޒީނާއަށް އެގޭނެ ގޮތެއް ހަދައިފި އެވެ.
"ދެން ތިތަނަށް އަރާ ކީއްތަ ތިކުރަނީ؟ ހަޅޭއްނުލަވާ ފައިބާ!" އެހެން ބުނެފައި ރަޒީނާ ފާޚާނާގެ ދޮރު ލައްޕައިފިއެވެ.
ބިރުން ހުރެވެސް އެ ލިބުނު ފުރުސަތުގެ ބޭނުން ހިފަން ހަސީނާ ބޭނުން ވިއެވެ. އެނދު ކައިރީގައި ހުރި ފެންފުޅި ނަގަން ގުދުވެލާފައި ތެދުވަން ހިފާލި ވަގުތު ލޯގަނޑުން އެފެނުނު އެއްޗަކުން ސިހިފައި ތެޅިގަނެވުނު ވަރުން ފެންފުޅި ގަޔަށް ބަންޑުން ނުދިއައީ ކިރިޔާ އެވެ. ލޯގަނޑާ ދިމާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ "ޖަހުރީ" އާ ހަތަރުކަޅި ހަމަވެފަ އެވެ. ދުވަހަކުވެސް ލޯގަނޑަކުން ހަސީނާގެ އަމިއްލަ ސިފަވެސް އެހާ ސާފުކޮށް ހަސީނާއަށް ފެނިފައި ނުވެއެވެ. އޭތީގެ ބޮޑު މޫނު ހީވަނީ ފަރުބަދައަކުން ނައްޓާލާފައިވާ ތަންގަނޑެއް ހެންނެވެ. އަޑިގަނޑުގަޑާ އުސް ތަންތަން ގަނޑު ގިނައެވެ. ބޮޑުދެލޯ ވައް ވެފައި އަނގުރު ކޮޅެއް ފަދަ އެވެ. ބުމައިން ލޯމައްޗަށް ފައިބައިފައިވާ ކަޅު ދިގު އިސްތަށިތައް ބިރުވެރިކަން އިތުރު ކޮށްދެއެވެ. އެ ބޮޑު މޫނުގެ އެއް އަރިމަތީން އަނެއް އަރިމައްޗާ ހިސާބަށް ފޭވެފައިވާ ކަޅުކުލަ ގަދަ ބޯ ތުންފަތުގެ އެތެރޭން ތިން ހަތަރު ބަރިއަށް ހުރި ބޮޑެތި ދަބަރު ދަތްތައް ފެނިފައި ހީވަނީ ދެންމެ ދެންމެ ހަސީނާ ދިރުވާލަ ފާނެހެންނެވެ. ހަސީނާއަށް ވީގޮތެއް ނޭގުނެވެ. އޭނާ ބިންމައްޗަށް ތިރިވީ ހަށިގަނޑުގެ ބާރު ހުސްވެގެންނެވެ. ހޭވެރިކަން ވީއިރު އޭނާ އޮތީ ރަޒީނާގެ އެނދުގަ އެވެ. ހޮޅިބުރި ދިއްލާފައި ހުރުމުން ރޭގަޑުގެ ވަގުތެއްކަން އެނގުނެވެ. ކައިރީގައި ރަޒީނާ އިށީދެލައިގެން އިނެވެ. ހަސީނާ ބަލާލުމުން ރަޒީނާ ހިނިތުން ވެލި އެވެ.
"މަންމަ ކައިރީ ކިތައް ފަހަރު ބުނަން ޖެހެނީ އަހަރުމެން އުޅޭނެ ގޮތެއް އިނގޭނީ އަހަރުމެންނަށޭ!"
ރަޒީނާ ހުރީ ރުޅިއައިސްފައެއް ނޫނެވެ. އޭނާ މަންމައަށް ވިސްނައިދޭން މަސައްކަތް ކުރި އެވެ.
ހަސީނާ އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީދެލި އެވެ. ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލި އެވެ.
"ދަރިފުޅާ...! ބިރެއް ނުގަނޭތަ؟"
ދަރިފުޅުގެ ގައިގައި އަތް ޖައްސާލަމުން ހަސީނާ ރޮއިގަތެވެ. ދަރިފުޅާއި ދޭތެރޭ ހަމްދަރުދީ ވިއެވެ.
"ކާކު ދެކެތަ މަންމާ.. އެއީ އަހަރެންގެ ފިރިމީހާއޭ!"
"ނޫން، ނޫން.. ތިހެން ނުބުނޭ! ދަރިފުޅާ، މަންމަ ބުނާ ކަމެއް ކުރޭ އޭރުން ދަރިފުޅު ސަލާމަތް ވާނެ!"
އެހެން ބުނި ތަނާ ކަހާލާފައިވާ ކުޑަދޮރުގެ ފޮތިގަނޑު ދަމާލެވުނު ތަން ފެނުނެވެ. މީހެއްގެ ބާރަކާއި ނުލައެވެ. އެއާއި އެކު ކޮޓަރީގެ ހޮޅިބުރި ނިވިއްޖެ އެވެ. ހަސީނާ އިނީ ބިރުން ހަދާނެ ގޮތް ބޮޑުވެފަ އެވެ. ބޭރުން ވަންނަން ހުރި ކުޑަ އަލިކަމަކާއި އެކު މިހާރު ރަޒީނާވެސް ފެންނަނީ ހިޔަންޏެއް ހެންނެވެ.
"ދެންދޭ ކޮޓަރިއަށް އަހަރުމެން ނިދަން ވެއްޖެ!"
ރަޒީނާ ގެ ހުދު ދަތްތައް ފެނުނެވެ. ހަސީނާ އަވަސް އަވަހަށް އެނދުން ފައިބައިގެން ބޭރު ދޮރާއި ދިމާއަށް ދުއްވައިގަތެވެ. އަހަރުމެންނޭ ބުނުމުން އެތަނުގައި ދެވަނަ ފަރާތެއް ހުރިކަން ޔަގީން ވުމުން ބިރުގަތީ އެވެ.
އިގުބާލާއި އެކު އިގުބާލުގެ އަންހެނުން އައިސް އުޅޭކަން ފަރީޝާއަށް އެގުނީ އާޒިމްގެ ފަރާތުން ނެވެ. ފަރީޝާ ހޯދަން އިގުބާލު އެރަށަށް އައިނަމަ އިގުބާލުގެ އަންހެނުންނާ ދަރިފުޅު ގޮވައިގެން އަންނަންވީ ސަބަބެއް ފަރީޝާ އަކަށް ނުވިސްނުނެވެ. އިގުބާލު ދެކެ ކިތަންމެ ނަފްރަތު ކުރިއަސް އިގުބާލުގެ ދަރިފުޅު، އެއް އަހަރުގެ ނާމީ ދެކިހިލާހިތް ވިއެވެ. ކުޑަ ދުވަސް ކޮޅަކު ނަމަވެސް ފަރީޝާ ވަނީ އެ ލޯބިލޯބި ފުއްގަނޑާއެކު ގިނަ ވަގުތުތަކެއް ހޭދަކޮށް ކުލުނު ޖެހިފަ އެވެ. ފަރީޝާ އެގެއަށް ދިއައިރު އިގުބާލު ގެއަކު ނެތެވެ. ނަސީބެކެވެ. ފަރީޝާ ފެނުމުން ނާޒިމާ ވަރަށް އުފާވި އެވެ. އޭނާ ފަރީޝާއާ ވާހަކަ ދައްކާލަން ބޭނުން ވެފައި ހުންނަތާ ކިތަންމެ ދުވަހެކެވެ.
ކުއްލިއަކަށް ފަރީޝާ އެގޭން ނުކުމެގެން ދާން ޖެހުނު ސަބަބެއް އޭނާ އަކަށް ވެސް ނޭގެއެވެ. އެތައް ފަހަރަކު ފަރީޝާގެ ފޯނަށް ގުޅައިގެންވެސް ފަރީޝާއާ ދިމާވާ ގޮތެއް ވަނީ ނުވެފަ އެވެ.
ފަރީޝާ ނާމީ އުރާ ހެދި އިރުވެސް ކޮންމެވެސް ވަރެއްގެ ބީރައްޓެހި ކަމެއް ހުރިކަން ނާޒިމާއަށް ފާހަގަ ކުރެވުނެވެ. ނާޒިމާއަކީ ސަރުކާރު އޮފީހެއްގެ ވެރިއެއްގެ މަޤާމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ކިއަވައިގެން ހުރި ހޭލުންތެރި ޒުވާނެކެވެ. ކަންކަން ދެނެގަންނާކަށް އޭނާ މާގިނަ އިރުތަކެއް ނުނަގާނެ އެވެ. ނާޒިމާގެ ގޭގައި ހުރިއިރު ފަރީޝާ ނާޒިމާއާ ދޭތެރޭގައި ދެކިފައި ވަނީ ވަރަށް ގާތް ގޮތަކަށެވެ. އޭނާއާ ފަރީޝާ އުޅެފައި ވަނީ އެއްބަނޑު އެއްބަފާ ދެބޭން ފަދަ ގޮތަކަށެވެ. ވީ އިރު އެވަރުގެ ދުރުކަމެއް އުފެދެން ޖެހުނު ސަބަބެއް އޮންނަން ވާނެވެ. މިއަދު އެކަން އޮޅުން ފިލުވަން ނާޒިމާ ބޭނުން ވިއެވެ.
ގޭ މީހަކާ ނާމީ ހަވާލު ކޮށްފައި ނާޒިމާ ފަރީޝާ ގޮވައިގެން ނުކުތީ ބޭރަށެވެ. ނާޒިމާ އުޅުނު ގޮތުން ފަރީޝާ ބިރުގަތެވެ. އޭނާ އެއުޅެނީ ސުވާލު ބޮނޑިއެއް ކޮށްލަން ކަން ފަރީޝާއަށް އެނގުނެވެ. އިގުބާލާ ނާޒިމާގެ ދިރިއުޅުން ކިތަންމެ އޮމާންވެފައި ރީތި ކަމަށް ނާޒިމާ ހީކުރި ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ފަރީޝާ އަށެވެ.
"އަހަރެން ވަރަށް ދެރަވި ފަރީޝާ ބަލިވެ އޮތް އިރު އަހަންނަށް ނުދެވުނީތީ.. ކިހިނެއްތަވީ؟ އިގުބާލު ބުނީ ފަރީޝާ ބިއްލޫރި ގަނޑުގަ ޖެހިފަ ތަޅައިގެން ދިއައީއޭ.. އެކަމު މަށަކަށް ގަބޫލެއް ނުކުރެވޭ އެހާ ފަސޭހައިން ބިތުގަ ހަރުކޮށްފަ ހުރި ބިއްލޫރި ގަނޑު އެގޮތަށް ތަޅައިގެން ހިނގައިދާނެ ކަމަކަށް!"
ކޮނޑު އަރުވާލަމުން ނާޒިމާ ބުނެލިއެވެ.
އޭނާއަށް އެހީވީ ރަނގަޅަށެވެ. ފަރީޝާއަށް ރޮވެން ފަށައިފި އެވެ. އެނާމާން ރޭގެ ހަނދާން ތައް އޭނާގެ ސިނކުޑީގައި ނިއުޅެން ފަށައިފި އެވެ. އޭނާ ހާދަ ހަޅޭކެއް ލެވިއެވެ. ހާދަ ވަރަކަށް ރުޔެވެ. ސަލާމަތް ވާން ހާދަހާ މަސައްކަތެއް ކުރި އެވެ. އެނުބައި އިންސާނާ މަސްތުގައި ހުރެ ހިޔަންޏެއް ފަދައިން އައިސް ފަރީޝާގެ އިއްފަތްތެރިކަން ލޫޓުވާލީ އެއްވެސް ރަހުމެއް ނެތި އެވެ.
ނާޒިމާ އަނގައިން ނުބުނެ ފަރީޝާގެ ޖަވާބަކަށް އިންތިޒާރު ކުރަން އިނެވެ. އޭނާ ފަރީޝާއަށް ރޯނެ ވަގުތު ދިނެވެ. ތެދު ހާމަ ކުރަން ހިތްވަރު ހޯދާނެ ވަގުތު ދިނެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްކޮށް ވެއްޖެ ކަމުގެ އިޙުސާސް ނާޒިމާއަށް ކުރެވުނު ވާހަކަ ބުނުމުން ފަރީޝާ ނިންމީ އެވާހަކަ ރަނގަޅަށް ބުނާށެވެ. އެކަމަކު ބުނާނީ ކީކޭ ހެއްޔެވެ! ބުނާނެ އިބާރާތެއްވެސް ނޭގުނެވެ.
"އޭނަ.. އަހަރެން ރޭޕް ކޮށްލީ!"
ފަރީޝާ ގެ އަޑު އިވިފައި ނާޒިމާއަށް ލިބުނީ ޝޮކެކެވެ. ކަމެއް ގޯސްކޮށް ހިނގި ކަމަށް ޝައްކު ވީ ނަމަވެސް އެވަރުގެ ބޮޑުކަމެއް ހިނގި ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ.
"ވަޓް!"
ދެބުމަ ގާތްވެގެން ދިއަ ވަގުތު ނާޒިމާގެ ނިއްކުރި މައްޗަށް އެތަށް ހާސް ރުލެއް އެއްފަހަރާ އަރައިގެން ދިއަ އެވެ. އޭނާ ގެ ހިތަށް ތަދުވިވަރުން ލޮލުން ކަރުނަ ހިލިގެން ދިއަ އެވެ. އުމުރުން އެހާ ހަގު އެ ކުޑަކުޑަ އަންހެން ކުއްޖާގެ ދިރިއުޅުމަށް އެވީ ގޮތް އެގުނު ވަގުތު ފަރީޝާގެ ގައިގައި ނާޒިމާއަށް ބައްދާލެވުނެވެ. އެވަގުތު ފަރީޝާއަށް ވާނެ ގޮތް އޭނާއަށް ރަނގަޅަށް އިޙުސާސް ކުރެވިގެން ދިއައެވެ.
"އެއީ ކާކު ފަރީޝާ..؟ ކީއްވެ ރިޕޯޓް ނުކުރީ.. އެމީހަކަށް ހައްޤު އަދަބު ލިބެން ޖެހޭނެ. އިންސާފު ހޯދަން ފަރީޝާއަށް އަހަރެން އެހީވެދޭނަން!"
ފަރީޝާގެ ބުރަކަށީގައި ފިރުމަމުން އެހެން ބުނަމުން ދިއައިރު ނާޒިމާގެ ލޮލުން ވެސް ކަރުނަ އޮހޮރެން ފަށައިފިއެވެ.
"އެމީހަކީ އަހަރުމެންނާ ވަރަށް ގާތް މީހަކަށް ވާނީ.. އެމީހަކަށް އެގިފަ އޮންނާނީ އެރޭ މަށާ އިގުބާލު ރަށުގަ ނެތް ކަން.. އަދި ރަނގަޅަށް ވިއްޔާ.. އެމީހަކަށް ޔަގީންވެފަ އޮންނާނީ އޮޅިގެންވެސް އިގުބާލަށް ވެސް އެރޭ މާލެ ނާދެވޭނެ ކަން!"
ނާޒިމާގެ އަޑު އިވުމުން ފަރީޝާ ހިމޭން ވެލި އެވެ. އޭނާ ދުރަށް ޖެހިލާ ނާޒިމާގެ މޫނަށް ޙައިރާން ކަމާއި އެކު ބަލާލި އެވެ.
"އެ ދަތުރަކީ އަހަރުމެންނަށް ވެސް ސުންޕާ ދަތުރެއް. ރިސޯޓަށް ގޮއްސަ ޖެޓީއަށް ފައިބަން އުޅެނިކޮށް ކައްސާލައިގެން އަހަރެން ވެއްޓުނު ގޮތަށް އެދުވަހާ އެރޭ އަހަރެން އޮތީ އެނދުގަ. ނާމީ ވެސް އެއްގޮތަކަށް ނިދީއެއް ނޫން. އިގްބާލުވެސް ހުރީ ނާމީ އާހެދި ދެވަރުން އެއްވަރުވެފަ. ލޮލުފިޔަ އެއްވެސް ޖަހާނުލާ މުޅި ރޭ ހަތަރު ދަމު އޭނަ ނާމީ ގޮވައިގެން އަހަރެން ކައިރީ ހޭލާ ހުއްޓާ ފަތިސް ވާން އުޅެނިކޮށް އަޝްރަފް ގުޅީމަ ލޯންޗެއް ހިފައިގެން އަހަރުމެން ތިން މީހުން އެކީ މާލެ އައީ."
ފަރީޝާ ދެލޯ ބޮޑު ކޮށްގެން ނާޒިމާގެ މޫނަށް ބަލަން އިނެވެ. ފަރީޝާ އަށް އެކުރެވުނީ ކިހާ ބޮޑު ކުށް ހީއެއް ހެއްޔެވެ! އެމީހަކީ އިގުބާލު ކަމުގައި ނުވާނަމަ ދެން އެއީ ކާކު ބާވައެވެ!
(ނުނިމޭ)