(30 ސެޕްޓެމްބަރގެ އަދަދާ ގުޅޭ) 

އެހެން ހުއްޓާ ފެނުނީ ގިފިލީގެ ދޮރު ހުޅުވާލާފައި ނުކުތްތަނެވެ. އެއީ އަޝްރަފެވެ!

ފަރީޝާ އަށް ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. އެއީ އަޝްރަފްގެ ގަމީހެއް ހެއްޔެވެ! އެމީހަކީ އަޝްރަފް ހެއްޔެވެ! ގަބޫލު ކުރަން ދަތިވެ ނޭވާލާން ވެސް ދަތިވެއްޖެ އެވެ. އެރޭ އެމީހަކު ހުރީ މަސްތުގައި ކަން ޔަގީނެވެ. އަޝްރަފް އަކީ އެފަދަ ނުބައި އާދަތަކެއް ހަރުލާފައި ހުންނަ މީހެއް ހެއްޔެވެ! ނޫނެކެވެ! އަޝްރަފް އެކަހަލަ ކަމެއް ނުކުރާނެ އެވެ! އެކަމަކު މީހެއްގެ ގޮތެއް ޔަގީން ކުރާކަށް ވެސް ނޭގޭނެ އެވެ. އަޝްރަފްގެ ޙަޤީޤަތް ފަރީޝާ އަކަށް ނޭގޭނެ އެވެ. ގަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ އަޝްރަފަކީ ވެސް އެހެން އިންސާނުން ފަދަ އިންސާނެއް ކަމެވެ. އެހެން ފިރިހެނުން ފަދަ ފިރިހެނެއް ކަމެވެ. ދޮގާ، މަކަރާ އޮޅުވާލަން ކެރޭ ޒުވާނެއް ކަމެވެ. ނިހާގެ ކުރި މަތީގައި އަޝްރަފް އަކީ ހުދު ފޮތި ކޮޅެކެވެ. އެހެން ނަމަވެސް ފޮރުވިފައި ވާ ޙަޤީޤަތަކީ އަދި އެއީ އެއްވެސް ނޫނެވެ. ނިހާއަށް އަޝްރަފް އޮޅުނު އިރު ފަރީޝާއަށް އަދި ނޭގޭނެ ކިތަންމެ އެއްޗެއް ވާނެ އެވެ. 

ފަރީޝާ ދެލޯ ބޮޑުކޮށްގެން އަޝްރަފާ ދިމާއަށް ބަލަން ފެށުމުން އަޝްރަފް ހިސާބަކަށް ޙައިރާން ވެފައި އައިސް ފަރީޝާގެ ގާތަށް ހުއްޓުނެވެ. 

" ކިހިނެއްވީ؟"
ކުޑަ ހިނިތުން ވުމަކާއި އެކު އަޝްރަފް އަހާލި އެވެ. އެތައް ސުވާލެއް ކުރަން ފަރީޝާ ބޭނުން ވިއެވެ. އެކަމަކު ނުކެރުނެވެ. އަނގައިން ނުބުނެ ހުންނަން ފެށުމުން އަޝްރަފް ފަރީޝާގެ ކޮނޑުގައި ހިފަހައްޓާލައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

"އަހަރެން މި ރަށުގަ ހުންނަ ދުވަސް ކޮޅު ފަރީޝާ ރެސްޓު ކުރާނީ.." 
ފަރީޝާ އެނދުގައި ބާއްވާފައި ގައިމަތީ ރަޖާގަނޑު ބާއްވާލަ ދެމުން އަޝްރަފް ބުންޏެވެ. 

އެވަގުތު ކޮޅުގެ ތެރޭގައި ފަރީޝާ އަޝްރަފްގެ އެ ގަމީހަށް ރަނގަޅަށް ބަލައިލި އެވެ. އެއީ ހަމަ އެ ގަމީހެވެ! ޝައްކެއްވެސް ނެތެވެ.

"އަންނާނަން އާޒިމް ހޯދައިގެން!"
އެހެން ބުނެފައި އަޝްރަފް ނުކުތީ ބޭރަށެވެ. 

ފަރީޝާ އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮވެ ވިސްނި އެވެ. އަޝްރަފް ފަރީޝާއާ އެހާ ގާތްވާން ބޭނުން ނަމަ މިހާރު އެފުރުސަތު ލިބިފައި އޮތް އިރު ގާތްވާން ނޫޅެނީ ކީއްވެ ހެއްޔެވެ! އެކަމަކު އެހެން ސުވާލެއްވެސް އެބައޮތެވެ. އަޝްރަފާ ފަރީޝާއާ ގާތްގުޅުމެއް ބޭއްވުނު ދުވަހު ފަރީޝާގެ ޙަޤީޤަތް ކޮންމެސް ވަރަކަށް އަޝްރަފަށް އެގޭނެއެވެ. ފަރީޝާ އަކީ އެއްވެސް އިރެއްގައި އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައިވާ މީހަކަށް ނުވާއިރު އަޝްރަފް ސުވާލު ނުއުފެދުނީ ކީއްވެ ހެއްޔެވެ! އެއީ ފަރީޝާގެ ހިތުގައި އެދުވަހުވެސް އުފެދުނު ސުވާލެކެވެ. އަޝްރަފަށް އެއީ ބޮޑު ކަމަކަށް ނުވީ ކީއްވެ ހެއްޔެވެ! ގަބޫލު ކުރާނެ އެއްޗެއް ފަރީޝާ އަކަށް ނޭގުނެވެ. ހިތަށް އަރަމުން ދިއަ ބައެއް ވާހަކަ ތަކުން އަޝްރަފާ ދޭތެރޭ ޔަގީނާ ގާތަށް ޝައްކު ވިއެވެ. 

ފަރީޝާ ނިއްކުރީގައި އަތް ކާއްތާލި އެވެ. އަޝްރަފް ގާތުގައި އެއްވެސް ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރޭނެ އެވެ. އެހެން ނަމަވެސް އާޒިމް ފެނުނުހާ އަވަހަކަށް އޭނާ އާޒިމް ކުރެން އަހާ އޮޅުން ފިލުވާނެ އެވެ. އަޝްރަފް އަކީ މަސްތުވާ އެއްޗެއް ބޭނުން ކުރާ މީހަކަށް ވިއްޔާ ވެފައި އޮންނާނީ ވެސް އާޒިމްގެ ސަބަބުން ނެވެ. ހުރިހާ ކަމެއް ރަނގަޅަށް އާޒިމަށް އިނގޭނެ އެވެ.

އަޝްރަފަށް އާޒިމް ފެންނަ ގޮތެއް ނުވި އެވެ. އާޒިމަށް ގުޅިއިރު ފޯނުވެސް އޮތީ ނިއްވާލާފަ އެވެ. އެވާހަކަ ފަރީޝާ ގާތުގައި ބުނުމުން ފަރީޝާ ބުނީ އާޒިމް ދާނީ މަހަށް ކަމަށެވެ. އަޝްރަފް ގާތުގައި ނުބުނެ އާޒިމް ދިއައީތީ އަޝްރަފް ހިތްހަމަ ނުޖެހުނު ނަމަވެސް އޭނާ އަކަށް ބުނެވޭނެ އެއްޗެއް ނޯންނާނެ އެވެ. އަޝްރަފް އާޒިމް އަންނަންދެން އިންތިޒާރު ކުރާކަށް ނަހަދަ އެވެ. ގޭގެ ގޯތިތެރޭގައި ހުރި ދުވަސްވީ ކުނިތައް އުކާލާ އެތަން ސާފު ކުރުމުގެ މަސައްކަތް އޭނާ ފަށައިފި އެވެ. އަޝްރަފް ބޭނުން ވަނީ އެތަނުގައި ކުޑަ ބަދިގެއަކާ ކާ ކޮޓަރިއެއް ހަދާދޭށެވެ. މިހާރު ފަރީޝާ އާންމުކޮށް ކައްކައި އުޅެނީ ސިޓިންގްރޫމް ގައި ކަމަށް ވާތީ ކުޑަކުއްޖަކު ގެންގުޅޭ އިރު އެއީ މާ ރައްކާތެރި ކަމަކަށް ނުވާނެ އެވެ. އަޝްރަފް ފަރީޝާއާ ދޭތެރޭ އެވަރަށް ވިސްނީތީ ފަރީޝާ އުފާ ކުރި އެވެ.

ހަސީނާ އޭނާގެ ވާވެފައިވާ އަތްތިލަ އާއިގެން ސައްތާރުބޭގެ ކައިރިއަށް ދިއަ އެވެ. ސައްތާރުބޭ ވެސް މިހާރު ހުންނަނީ އެކަމަކާ ހެދި ބޯ ހަލާކުވާން ގާތް ވެފަ އެވެ. މިހާރު އެކުރަން ޖެހޭ މަސައްކަތަކީ އޭނާއަށް ވަރަށް އުނދަގޫ މަސައްކަތެކެވެ. ރަޒީނާ ބުނެގެން އޭނާ އެކަން ކުރީ އެކަމުން ސަލާމަތް ވާނެ ގޮތެއް ރާވަން ޖެހޭނެ ކަމަކަށް ނޫނެވެ. ރަޒީނާ ބޭނުންވީ ސަލާމަތް ނުވެވޭވަރުގެ ވަރުގަދަ މަޅިއެއްގައި ނިހާ ޖައްސާށެވެ. އެކަމަކު ކަންތައް ވީ ގޮތުން މި ސަކަރާތް ގަނޑުން ސައްތާރުބެ ވެސް ސަލާމަތް ވާގޮތެއް ނުވި އެވެ. 
ސައްތާރުބޭ ބުނީ އެކަން ރަނގަޅު ކުރެވޭނީ ޖިންނީގެ ބާރު ކެނޑިގެން ކަމަށެވެ. ޖިންނި ފޮނުވާނުލެވޭހާ ހިނދަކު ހަސީނާގެ އެއަތް ވެސް ރަނގަޅު ނުވާނެ ކަމަށެވެ. ހަސީނާ ރުޅިއައީ ސައްތާރުބެދެކެ އެވެ. އޭނާ ގަބޫލު ކުރި ގޮތުގައި ކަންކަން ގޯސް ކުރެވޭ މީހަކަށް ރަނގަޅުވެސް ކުރެވެން ވާނެ އެވެ. ސައްތާރުބޭ ބުނީ ރަޒީނާ ޖިންނީގެ މައްޗަށް ހިތް ކެނޑުވޭނީ ކޮންމެވެސް އެހެން ފިރިހެނެއްގެ މައްޗަށް އޭނާގެ ހިތް ޖެއްސުވި ގެންނެވެ. އޭރުން އެ "ޖަހުރީ" ވެސް މަޑުމަޑުން ރަޒީނާއާ ދުރަށް ހިނގައި ދާނެ ކަމަށް ސައްތާރުބޭ ގަބޫލު ކުރި އެވެ. އެހެން ނަމަވެސް އެއީ ހަސީނާއަށް މާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެރަށުގައި މިހާރު ރަޒީނާއާ ދިމާއަށް ބަލައިލާ ފިރިހެނަކު ނޫޅެ އެވެ. 

މި ފިކުރުގައި ހާސްވެފައި ހުރެ ސައްތާރުބޭގެ ގެއިން ނުކުމެގެން ތަންކޮޅަކަށް ހިނގައިގެންފައި ހަސީނާ ހުއްޓުނެވެ. އޭނާގެ "ކުނި" ވެފައިވާ މޫނުމަތި ދިރިގެން ދިއައީ އޭނާއަށް ފެނުނު މަންޒަރަކުން ނެވެ. ދެންމެގައި ލެފި ދޯނިން އެއްގަމަށް އަރައިގެން އެ އަންނަނީ އާޒިމް އެވެ. 

ނިހާގެ ފަރާތުން އެ ޚަބަރު ލިބުމުން އަޝްރަފް ވެސް ވަރަށް ޙައިރާން ވިއެވެ. ބިރުވެސް ގަތެވެ. އާޒިމްގެ ފަރާތުން އޮޅިގެން ވެސް އެއްޗެއް ބޭރުވެދާނެތީ އެވެ. ސުވާލުވެސް އުފެދުނެވެ. ރަށަށް ދިއައިރު އާޒިމް އަޝްރަފް ކައިރީގައި ނުބުނީ ކީއްވެ ހެއްޔެވެ! އަޝްރަފް ގުޅީމައި ފޯނުވެސް ނުނަގަނީ ކީއްވެ ހެއްޔެވެ! އޭގެ އިތުރުން އަޝްރަފް ކަންބޮޑުވާ އެހެން ކަމެއްވެސް އެބައޮތެވެ. ފަރީޝާގެ ބަނޑު ބޮޑުވަމުން އަންނަ ވަރަކަށް އޭނާއަށް މީހެއްގެ އެހީތެރިކަން ބޭނުން ބޮޑުވާނެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

އާޒިމް ދިއައީ އޭނާގެ ދެބެންގެ ދެދަރި ދައްތަ މުނާގެ ގެއަށެވެ. އެގޭގައި މިދުވަސް ކޮޅު އުޅެނީ މުނާގެ ފިރިމީހާ ސޯލިހު އެކަންޏެވެ. އެހެން އެންމެން ތިބެނީ މާލޭގަ އެވެ. އެހެން ކަމުން ވަރަށް މިނިވަން ކަމާއެކު އޭނާއަށް އެގޭގައި އުޅެވޭނެ އެވެ. ގޭތެރެއަށް ވަދެ ރަނގަޅަށް ހަމަ ޖެހިލެވޭވަރުވެސް ނުވި އެވެ. ކުރީގެ މައިދައިތަ އޭނާ ހޯދައިފި އެވެ. ހަސީނާ ފެނުމުން އާޒިމް ގަތީ ބިރެވެ. 

ދުވަހަކުވެސް ރަނގަޅު ކަމަކައިގެން އޭނާ ނާންނާނެ ކަން އާޒިމަށް އެނގުނެވެ. އެހެން ނަމަވެސް މިފަހަރު ކަންތައްވީ ހީކުރި ގޮތާއި މުޅީން ހިލާފަށެވެ. ހަސީނާ ހަޅޭއްލަވަން ފެށުމުގެ ބަދަލުގައި ރޯން ފެށީ އެވެ. އާޒިމް ގެ ދެފައި ބުޑަށް ވެއްޓި އާދޭސް ކުރަން ފެށީ އެވެ. އާޒިމް ދިއަ ފަހުން ރަޒީނާގެ ދިރިއުޅުން ހަލާކު ވީކަމަށް ބުނެ އޭނާއަށް އެހީތެރި ވާން އެދެން ފެށީ އެވެ. 

ރަޒީނާ ފިކުރު ކޮށްކޮށް ހަލާކުވާން ގާތް ވެއްޖެ ކަމަށް ހަސީނާ ބުނުމުން އާޒިމް ހަމަ ޙައިރާން ވިއެވެ. ގައިން ތާހިރު ނުވެ ފެންވެސް ނުވަރާ ނުކައި ނުބޮއި، ނުނިދާ އިންނަ ވާހަކަ ބުނުމުން ކޮސް ވެއްޖެ އެވެ. ރަޒީނާ އާޒިމް ދެކެ އެވަރަށް ލޯބި ވީކަމެއް އާޒިމަކަށް ނޭގެ އެވެ. އެ މަންޒަރު ލޮލުން ދެކިލާ ހިތް ވެސް ވެއްޖެ އެވެ. އާޒިމް ފެންވަރާލައިގެން އެގެއަށް ދާނަމޭ ބުނެ ހަސީނާގެ ކިބައިން އެވަގުތަށް ސަލާމަތް ވިއެވެ. 

ފަރީޝާ އެނދުގައި އޮވެގެން އެރޭގެ ހަނދާންތައް ތަކުރާރުކޮށް ސިކުނޑިއަށް ގެންނަމުން ދިއައީ އެރޭ ހިނގި އެއްވެސް ކަމަކާ އަޝްރަފާ ގުޅުން ހުރިކަން ފާހަގަ ކުރެވޭތޯ އެވެ. ހަމަ އެއް ގޮތަކަށް ވެސް އެ ޙާދިސާއާ އަޝްރަފާ ގުޅުވޭ ގޮތެއް ނުވި އެވެ.

އަޝްރަފް ކޮޓަރިއަށް ވަންއިރު ފަރީޝާ އެނދުގައި އިށީނދެލައިގެން އިނެވެ. އަރާމު ކޮށްލަން އޮންނާށޭ ބުންޏަސް އަޝްރަފް އައިސް އުޅޭ މަދު ވަގުތު ތަކުގައި އޭނާއަށް އޮވެވޭނީ ކިހިނެއް ހެއްޔެވެ! އެހެން ނޫނަސް މިހާރު އޭނާގެ ސިނކުޑީގައި އެހިނގާ ކަންތައްގަޑުގެ ސަބަބުން ކުޑަ ހިނދު ކޮޅަކަށް ވެސް ހަމަ ޖެހުމެއް ނުލިބޭނެ އެވެ. މިހާރުވެސް ފަރީޝާ އެއިންނަނީ އެ ޚިޔާލުގަ އެވެ. އަޝްރަފް ފަރީޝާ ގާތުގައި އާޒިމްގެ ވާހަކަ ބުންޏެވެ. އާޒިމް ރަށަށް ދިއަ ވާހަކަ ބުނުމުން ފަރީޝާ ވެސް ވަރަށް ކަންބޮޑުވި އެވެ. ފަރީޝާ ބޭނުން ޖެހޭ ވަގުތެއްގައި އޭނާއަށް އެހީތެރިވާން އެރަށުގައި އާޒިމް މަޑު ކުރުން އެއީ އަދި ފަހުގެ ކަމެކެވެ. މިވަގުތުވެސް ފަރީޝާ އާޒިމާ ވާހަކަ ދައްކާލަން ބޭނުމެވެ. އަޝްރަފްގެ ޙަޤީޤަތް އޮޅުން ފިލުވާލަން ކޮންމެހެން ބޭނުމެވެ. އެއީ ފޯނުން ދައްކާ ވަރަށް ވުރެ ބޮޑު ވާހަކަ އެކެވެ. ފޯނުން ވާހަކަ ދައްކައިގެން އާޒިމް ރަނގަޅު ޖަވާބެއް ދޭނެ ހެނެއް ހިއެއް ނުވެއެވެ. ފަރީޝާއަށް އެފުރުސަތުވެސް ގެއްލުނީ ހެން ހީވި އެވެ.

ދެން އޮތީ އެންމެ ގޮތެކެވެ. ހިތްވަރު ކޮށްފައި ދުރުދުރުން އަޝްރަފާ ސުވާލު ކުރަން ވީއެވެ. އެމީހަކީ އަޝްރަފް ކަމަށް ވާނަމަ، މިހާރު ނުކެރިފައި ހުއްޓަސް ވަކި ހިސާބަކުން އަޝްރަފް އަމިއްލައަށް އެވާހަކަ ކިޔާދޭނެ އެވެ. 

އާޒިމް ފެންވަރާލައިގެން ދިއައީ ރަޒީނާ މެންގެ ގޭދޮށަށެވެ. ރަޒީނާގެ މަންމަ އޭނާގެ ކައިރީގައި ކަމަކު އެބުނީ ފުރަތަމަ ފަހަރަށެވެ. އެހެންވީމައި ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބަލަން ވާނެ އެވެ. 

އެގެއަށް ދިޔައިރު ހަސިނާ ހުރީ އާޒިމްގެ އިންތިޒާރުގަ އެވެ. އާޒިމް ފެންނަ އިރަށް ހަސީނާ އޭނާގެ ލޮލާ އަތުން އިޝާރާތް ކޮށް ސިޓިންގް ރޫމް ދެއްކި އެވެ. ހަސީނާ އުޅޭ ގޮތުން ހީވީ ރަޒީނާއަށް ބިޓެއް ސެޓް ކޮށްދެން އުޅުނު ހެންނެވެ. އާޒިމް ހިނިވެސް އައެވެ. އާޒިމް ސިޓިންގް ރޫމް ދޮރު މައްޗަށް ހުއްޓި ބަލައިލި އިރު ލަކުޑި ސޯފާ ގޮނޑީގައި ދިގު ދެމިލައިގެން ބޯދޮށަށް އަތްލައްވާލާ، ލޯމަރާލައިގެން ރަޒީނާ އޮތެވެ. ދޮރުމަތީގައި އާޒިމް މަޑުކޮށްލީ ރަޒީނާ އެހެން އޮވެގެން އަނގައަށް ޖައްސާ ވައްތަރު ފެނުމުންނެވެ. ރަޒީނާ އަނގައަށް ޖައްސަމުން ދިއަ ލަދުވެތި، ފަކުރު ވައްތަރު ފެނިފައި އާޒިމް ލަދުވެސް ގަތެވެ. އޭނާ ހީވަނީ މާ ވަރުގަދަ ހުވަފެނެއްގައި އޮތް ހެނެވެ.

އާޒިމް ދޮރުމަތީގައި ހުރެފައި ކަރުކެހިލި އަޑަށް ރަޒީނާ ސިހިފައި ލޯ ހުޅުވާލި އެވެ. އެވަގުތު ރަޒީނާއާ ދިމާލުން ވިއްސައިގެން އައި އެއްޗެއް އާޒިމް ހުރަސްކޮށް ކުޑަދޮރާ ދިމާއަށް ދިއަހެން އާޒިމަށް ހީވި އެވެ. އާޒިމް ފެނުމުން ރަޒީނާ ސޯފާމަތީގައި ފަތުރާލައިގެން އޮތް ހަށިގަނޑު ކޮޅަށް ޖަހާލަމުން އިށީނެވެ. ރަޒީނާގެ މޫނުމަތީން ފެންނަމުން ދިއައީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. މައިދައިތަ ބުނި ކަހަލަ އެއްވެސް ކުލަވަރެއް ރަޒީނާގެ ކިބައަކުން އާޒިމަކަށް ނުފެނުނެވެ. 

އާޒިމް އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީންނަ އިރަށް ރަޒީނާ އޭނާގެ އަތުގައި އޮތް ކުޑަ ބާލިސް ގޮނޑިއަށް އެއްލާލާފައި އެތަނުން ދިއައީ އެވެ. އެވީ އާޒިމަށް މާ ރަނގަޅު ގޮތެކެވެ. އާޒިމް އެހީވާން ނޫޅުނިއްޔެކޭ ނުބުނެވޭނެ ނޫން ހެއްޔެވެ! އާޒިމް ގޯތިތެރެއަށް ނުކުތް އިރު މިމަންޒަރު ސިއްރުން ބަލަން ހަސީނާ ހުރިތަން ފެނުނެވެ. ދެންވެސް ހަސީނާ ގެ ކައިރިން ސަލާމަތް ވާގޮތެއް ނުވި އެވެ. ހަސީނާ އެދުނީ އަނެއްކާވެސް އާޒިމް އެގެއަށް އައުމަށެވެ. ރަޒީނާއާ ކައިވެނި ކުރުމަށެވެ. މައިދައިތަ އެދުނަސް ދެން އެކަމެއް އޭނާ އަކަށް ނުވާނެ އެވެ. ފަރީޝާ ފަދަ ރީތި އަންހެން ކުއްޖަކާއެކު ހުވަފެން ދެކެމުން އައި މީހަކަށް ރަޒީނާއާ އެކުގައި ހިނދު ކޮޅަކުވެސް ކެތްވާނެ ހެއްޔެވެ. ހަސީނާ މާ ހިތްރުހޭ ފަދަ ޖަވާބެއް އާޒިމަކަށް ނުދެވުނެވެ. ކޮންމެސް އެއްޗެކޭ ކިޔާފައި އާޒިމް ބެލީ އެތަނުން ރައްކާ ވެވޭތޯއެވެ. 

މެންދުރު ނަމާދަށް ދާން ސައްތާރުބޭ ނުކުތްއިރު ހަސިނާ ހުރި އެގޭ ދޮރުމަތީގަ އެވެ. 
" އަހަންނަކަށް ހިއެއް ނުވޭ ރަޒީނާ އަށް ހިތްކިޔާނެ މީހަކު ވެދާނެހެނެއް!"
ވަރަށް މާޔޫސް ވެފައި ހަސީނާ ބުންޏެވެ.
"ތިކަމާ ހާސް ނުވޭ... ރަނގަޅު ސޮރަކު ހޯދާފަ ބުނޭ.. ހިތް ޖައްސުވާލާކަށް މާ އުނދަގުލެއް ނުވާނެ!"
އަނެއްކާ އަނެއް ކަންތަކާ ސައްތާރުބޭ މަތިވެއްޖެ އެވެ. އެކަމަށް އޭނާ ކީ އަގުވެސް ކުޑައެއް ނޫނެވެ. އަތުގައި ހުރި ހުރިހާ ފައިސާ ހުސް ވިއަސް ހަސީނާ ބޭނުންވަނީ އެ ނުލަފާ، ހުތުރު ޖިންނީގެ ކިބައިން ރަޒީނާ ސަލާމަތް ކުރާށެވެ.

މެންދުރުގެ ވަގުތަށް މަސައްކަތް މެދުކަނޑާލާފައި އަޝްރަފް ވަނީ ފާޚާނާ އަށެވެ. ފެން ވަރާލައިގެން ނުކުތް އިރު ފަރީޝާ ހުރީ ކާން ހަދާފަ އެވެ. 

ކާން އިނދެފައި އަޝްރަފް އޭނާގެ މޭމަތި ބާރަށް ކަހާލި އެވެ. އެވަގުތު މޭމަތީގައި ވާ ރަން ކުލައިގެ ކުދި އިސްތަށިތައް ލެއިން ތެމުނުތަން ފެނުމުން ފަރީޝާ ޙައިރާން ވިއެވެ. 

އަޝްރަފް އަވަސް އަވަހަށް ކައިރީގައި ހުރި ޓިޝޫ ޕަކެޓަކުން ޓިޝޫއެއް ނަގާ އެތަން ނިވާ ކޮށްލިއެވެ. ލޭ މަނާ ކޮށްލުމުގެ ގޮތުން ކަމަށް ވެސް ވެދާނެ އެވެ.

"ކިހިނެއްވީ!"
ފަރީޝާ އަހާލި އެވެ.
"މީ ވަރަށް ފަސޭހައިން ހަލާކުވާ ތަނެއް!"
އަޝްރަފް ކާން އިނދެފައި ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.
"ކިހިނެއްވެފަ އިން ތަނެއް؟"
ނޭގޭ ހާސްކަމެއް ފަރީޝާގެ ހިތުގައި އުފެދެން ފަށައިފި އެވެ.
"ލަކުނެއް!"
ފަރީޝާ ދެލޯ ބޮޑު ކޮށްލިއެވެ. މޭމަތީގައި ކޮން ލަކުނެއް ހެއްޔެވެ؟ ބިރުވެރި ހަނދާނެއް އޭނާގެ ސިކުނޑީގައި އެނބުރިގަތެވެ. މާޒީވި ނާމާން ހާދިސާގެ ޝޮޓްތަކެއް ބަރިބަރިއަށް އޭނާގެ ލޮލުގެ ކުރިމަތީގައި ތަކުރާރު ވެގެން ދިއަ އެވެ.

ކުއްލިއަކަށް ފަރީޝާ ކުރިއަށް ޖެހިލާފައި އަޝްރަފް މޭމަތީގައި ޖައްސައިގެން އިން އަތް ދުރަށް ޖައްސާލި އެވެ. އެވަގުތު އިންޗިއެއް ވަރަށް ފުއްޕާފައިވާ އެލަކުނު ފެނުމުން ފަރީޝާގެ ހިއްސުތައް ގަނޑު ކޮށްލައިފި އެވެ. އަޝްރަފްގެ މޭމަތީން ފެންނަން އެހެރަ ނިޝާނަކީ އެރޭ ފަރީޝާ އެ މެޔަށް ކޮއްޕާލި ތަޅުދަނޑީގެ ނިޝާނެވެ! 

ޙައިރާންވެ އަނގަ ހުޅުވިފައި ފަރީޝާއަށް އިނދެވުނީ ގަބޫލު ކުރަން ދަތިވެފަ އެވެ. ދެލޯބޮޑުވެފައި އިނދެ ފަރީޝާ، އަޝްރަފާ ދިމާއަށް ބަލާލި އެވެ. އަޝްރަފް އިސްޖަހާލި އެވެ. އެވަގުތު އަޝްރަފްގެ މޫނުން ފެނިގެން ދިއަ އަސަރު ތައް ފަރީޝާގެ ޝައްކު ޔަގީނަށް ބަދަލުކޮށްލައިފި އެވެ. ފަރީޝާގެ ހަށިގަނޑުގެ ތެރެއަށް ވެރިވެގެން ދިއަ ތޫނު ތަދެއްގެ އަސަރުން ލޭ ނާރު ތައްވެސް ބުރިބުރި ކޮށްލައިފި ކަހަލަ އެވެ. އެހެން ވިއަސް އެވަރުންވެސް ފަރީޝާ ގަބޫލު ކުރާކަށް ބޭނުމެއް ނުވި އެވެ. އޭނާ ބޭނުން ވަނީ އަޝްރަފްގެ ދުލުން އިޢުތިރާފް ވާށެވެ. ހަމަ އެންމެ ސުވާލަކަށް ނަމަވެސް އަޝްރަފް ޖަވާބު ދޭށެވެ. ވަރަށް ހިތްވަރުން ފަރީޝާ އެއްޗެއް ބުނަން އަނގަ ހުޅުވާލި އެވެ. އެވަގުތު އަޝްރަފް އުފުލާލިއަތް އެކަން ހުއްޓުވައިފި އެވެ. 

"މިކަމާ ބެހޭ ގޮތުން އަހަންނާ ސުވާލު ނުކުރައްޗޭ!"
އަޝްރަފް އެހެން ބުނެފައި ވާއަތުން މޭމަތި ފޮރުވަމުން ތެދުވެގެން ދާން ހިނގައިގަތީ ފަރީޝާގެ ހުރިހާ ސުވާލެއްގެ ޖަވާބު ކަށަވަރު ކޮށްދެމުން ނެވެ.

ފަރީޝާ ސުވާލެއް ކޮށްފާނެތީ އަޝްރަފް ނުކުމެގެން ދިއައީ، ކާން އިން ބަތް ތަށިވެސް ހުސް ނުކޮށެވެ. އެއީ އަޝްރަފް ދައްކަން ބޭނުން ވާހަކައެއް ނޫނެވެ. މާޒީ އަކީ އަބަދަކު އެހާ ފޮނި އެއްޗެއް ނޫނެވެ. 
(ނުނިމޭ)

ކޮމެންޓް 0