(19 ޖުލައިގެ އަދަދާ ގުޅޭ)
"މީ ސަމާސައެއް ނޫން....ދޮގެއް ނޫން...މީ ތެދެއް، މީހަގީގަތެއް.....!"
އަވަސް އަވަހަށް އެއްނޭވައިން އާޒިމް އެހުރިހާ އެއްޗެއް ކިޔަމުން ދިޔައެވެ.
ގަބުވެ، ގުޑިލަންވެސް ނޭނގިފައި ރަޒީނާއަށް ހުރެވުނީއެވެ.
"އަހަރެން އިންނަން މި އުޅެނީ، އަމީޒާއާ..... އޭނަ އަހަރެން ދެކެ ލޯބިވާތީ ދެއަންބަށް ވެސް އިންނަން ގަބޫލު. އެހެންވީމަ މިވާހަކަ ރަޒީ ގާތު ބުނެލީ...."
އާޒިމް ބޭނުން ހުރިހާ އެއްޗެއް ކިއިއްޖެއެވެ. އޭރު އޭނާގެ ބޮލަށް ވެސް ހުރީ ފާޑެއްގެ އެނބުރުމެއް އަރައިފައެވެ. ދެން އާޒިމް އަވަސްވެގަތީ އެތަނުން ދާށެވެ. ރަޒީނާ އަށް ހޭވެރިކަން ވުމުގެ ކުރީން އޭނާ އެތަނުން ދާންބޭނުމެވެ.
އާޒިމް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރީން ނުކުންނަން ދިޔަތަނާ ރަޒީނާ ހަޅޭއްލަވައިގަތް އަޑުއިވުނެވެ.
"އޭއް!"
ރަޒީނާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ސިހިފައި އާޒިމަށް ބަލައިލެވުނެވެ. އެވަގުތު އާޒިމާ ދިމާއަށް ރަޒީނާ ހޫރާލި ޓީވީ ރިމޯޓް އައިސް ޖެހުނީ އާޒިމްގެ ނިއްކުރީގައެވެ. ވީ ތަދުންނާ ގަތްބިރުން އާޒިމް ދެފަޔަށް ބާރުލައި ދުއްވައިގަތެވެ. އިތުރު އެތިފަހަރެއް އޭނާގެ ހަށިގަނޑަށް އެރުމުގެ ކުރީން ސަލާމަތް ވުމަށްޓަކައެވެ. އެތަނުގައި އެހެރަ ބައްތިރީސް އިންޗީގެ ޓީވީ ވެސް އޭނާއާ ދިމާއަށް ހޫރާލާހާ ބާރު ރަޒީނާގެ ގައިގައި މިވަގުތު ހުންނާނެކަން ކަށަވަރެވެ. އޭނާ ހުރީ އެހާ ރުޅިގަދަވެފައެވެ.
އެވާހަކަ އިވުމުން ދޮންމަންމަ ހަސީނާ އަށް ވެސް ލިބުނީ ޝޮކެކެވެ. މީ އޭނާ ދައްކާނެ ވާހަކައެއް ނެތި އަނގަ ބަންދުވި ފުރަތަމަ ފަހަރެވެ. ވާނީވެސް އެހެނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެމީހުން ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ކުރަން ކެރޭ ބަޔަކު އެރަށަކު ނުތިބޭނެއެވެ. އަދި އަމުދުން އާޒިމް އަކީ ދުވަހަކުވެސް އެމީހުންނާ އިދިކޮޅަށް އެއްޗެއް ބުނަން ކެރުނު މީހެއް ނޫނެވެ. އެވަރުގެ ބޮޑު ނިންމުމެއް ނިންމަން އާޒިމަށް ކެރުނީތީ ހަސީނާ ވެސް އެހެރީ އިންތިހާއަށް ހައިރާންވެފައެވެ.
ރަޒީނާ ގާތުގައި އަމީޒާއާ އިންނަން ބޭނުން ވާހަކަ ބުނެފައި ދިޔަފަހުން އާޒިމް ގެއަކަށް ނާދެއެވެ. އެއީ އަޝްރަފް ގެ ނަސީބު ކަމަށް ވެސް ވެދާނެއެވެ.
މިހާރުވެސް އާޒިމް އެކުރަން އުޅޭ ކަންތަކަކީ އަޝްރަފް އާޒިމްގެ ބޮލަށް އެރިގެން ކުރުވާ ކަމެއް ކަމަށް އޮތީވެފައެވެ. އެކަމާ ދޮންމަންމަ ހުރިހާ ވަރެއް ބާލަމުންދިޔައީ ގާސިމަށެވެ.
ގާސިމް އެނދުގައި އަނެއް ފަރާތަށް އެނބުރި އޮއްވާ އޭނާގެ ގަޔަށް މީހެއްގެ ހިޔަނި އެޅުނުހެން ހީވެގެން ބަލައިލިއިރު ދާދި ކައިރީގައި ހަސީނާ ހުއްޓެވެ. ހަސީނާގެ މޫނުމަތި ފެނުމުން ގާސިމްގެ މޭ ބާރަށް ތެޅިގަތެވެ. އާންމުކޮށް ވެސް ހަސީނާ ގާސިމަށް ދައްކައިފައި ވަނީ ބިރުވެރި މޫނެކެވެ. މިއަދު އެމޫނުމަތި ފެންނަނީ އަދި މާ ނުރައްކާތެރި ގޮތަކަށެވެ.
"ވަރަށް އުފާވެފަ ދޯ ތިއޮތީ....!"
ހަސީނާގެ ބަރު އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމެވެ.
ގާސިމް އޮތީ ވަރަށް ބިރުންނެވެ. އޭނާގެ ބަލިހާލު ހުންނަ ގޮތުން މިހާރު އޭނާ އަކީ ކަންކަމާ މާބޮޑަށް ހާސްވެ ފިކުރު ބޮޑުވެއްޖެއްޔާ މޭގައި ރިއްސާ ނޭވާލާން ވެސް ދަތިވާ މީހެކެވެ.
"ރަން ދަރިފުޅު އަޝްރަފް ވެސް މީހަކާ އިންނަނީނު.....! އެއްބަފާ ކޮއްކޮގެ ދިރިއުޅުން ހަލާކު ކޮށްލާފަ އަޝްރަފްއާ، އާޒިމްއާ ދެމީހުން މީހުނާ އިނދެގެން އުފާފާޅުކުރުން ދެން އޮތީ! "
ހަސީނާ އެހެން ބުނިތަނާ ހަސީނާގެ ފަހަތަށް ރަޒީނާ ހުއްޓިލިތަން ގާސިމަށް ފެނުނެވެ. ގާސިމް ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. ދެމައިން ވެގެން ގާސިމަށް ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ.
"އެހެންވީމަ .... އޭގެ ބަދަލު އަހަރުމެންނަށް ދޭން ޖެހޭ މީހަކީ ބައްޕަ...!"
ރަޒީނާގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. އޭނާ ހުރީ ހަސީނާ އަށް ވުރެ ވެސް ގަދައަށް ރުޅިއައިސްފަ އެވެ.
"އޭގެ ބަދަލުގަ އަހަރުމެން ބޭނުން ވަނީ، ބައްޕަގެ ހުރިހާ މުދަލަކާ، ވިޔަފާރި ކޮށްގެން އަޝްރަފް ބައްޕަގެ އެކައުންޓަށް ޖަމާކޮށްފަހުރި ހުރިހާ ފައިސާއެއް.....!" އެއަޑު އިވިފައި ގާސިމަށް ތެޅިގަނެވުނެވެ.
އެއީ އަޝްރަފްގެ އަމާނާތެކެވެ. އެ ދައްކަނީ ދިރިއުޅުމެއް ފެށުމަށްޓަކައި އަޝްރަފް އެއްކުރި ހުރިހާ ފައިސާއެއްގެ ވާހަކައެވެ.
ގާސިމްގެ ނޭވާ ކުރިއަށް ވުރެ ވެސް އަވަސްވެފައި ކުރުވާން ފަށައިފިއެވެ. އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ!. އަނބިމީހާއާ ދަރިފުޅުގެ ކިބައިން މިވަގުތު އޭނާއަށް ސަލާމަތް ވެވޭނީ ކިހިނެއް ހެއްޔެވެ!
"ދެން އަހަރެންނަށާ އަހަރެންގެ ދަރިފުޅަށް މިގެއާ ގޯތި ހިބައިން ދޭންވީ!"
އެހެން ބުނަމުން، އެމީހުން ތައްޔާރު ކޮށްފައިވާ ލިޔުމެއް ހަސީނާ ދައްކައިލިއެވެ.
"މާބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ... މީގަ ސޮއިކޮށްލަން ޖެހޭނީ..."
ހަސީނާ އޭނާގެ ތުންފަތްމައްޗަށް މަކަރުވެރި ހިނިތުން ވުމެއް ގެންނަމުން ބުނެލިއެވެ.
ގާސިމްގެ ނަމުގައި ކުޑަ މިންވަރެއް ވެސް އޮންނާކަށް އެމީހުން ބޭނުމެއް ނުވިއެވެ. އެއީ އަޝްރަފަށް އެގެއިން ބައެއް ލިބިދާނެތީ އޭގެ ކުރީން އަތުލައިގަތުމަށް ޓަކައި ކުރާ މަސައްކަތެވެ.
ގާސިމް ބާރަށް ތުރުތުރު އަޅަމުން ދިޔައެވެ. މިހާރު ހީވަނީ އޭނާ އޮށޯވެ އޮތް އެނދު ވެސް ތެޅޭހެންނެވެ. އޭނާގެ ނޭވާއަށް ދަތިވާން ވެސް ފަށައިފިއެވެ. މިއިން އެއްވެސް ކަމަކާ ހަސީނާ ވެސް އަދި ރަޒީނާ ވެސް ފަރުވާލެއް ނުބަހައްޓައެވެ. އެމީހުން ބޭނުން ވަނީ އެމީހުން ބޭނުންވާ ކަންތައް އަވަހަށް ކޮށް ނިންމާށެވެ.
އާދައިގެ މަތީން ހެދުނުގެ ސައި ތައްޔާރު ކޮށްގެން އަޝްރަފް ދިޔައީ ބައްޕަގެ ކޮޓަރިއަށެވެ. އޭނާ މިއަދު ހުރީ ވަރަށް އުފާވެފައެވެ. ނިހާއާ އޭނާގެ ކައިވެނި އަންނަ ބުރާސްފަތި ދުވަހަށް ހަމަޖެހިފައިވާ ވާހަކަ ބުނުމުން ބައްޕަ ވަރަށް އުފާވާނެކަން އޭނާއަށް އިނގެއެވެ.
އަޝްރަފް ކޮޓަރިއަށް ވަންއިރު ކޮޓަރީގެ ދޮރަށް ފުރަގަސް ދީގެން ބައްޕަ އޮތެވެ. ކޮންމެ ދުވަހަކު ވެސް އަޝްރަފް ކޮޓަރިއަށް ވަންނަ އަޑު އިވޭއިރަށް ބައްޕައަށް ހޭލެވެއެވެ. އެހެން ކަމުން އަޝްރަފް ކޮޓަރިއަށް ވަނުމާއެކު ވާހަކަ ފެށިއެވެ.
"ބައްޕާ.... ބައްޕަގެ އެކައުންޓަށް އަހަރެން ޖަމާ ކުރަމުން އައި ފައިސާ ކޮޅުގެ ބޭނުން މިއޮތީ ޖެހިފަ.....
އަހަރެން ބޭނުން ކައިވެނި ކުރަން ވާއިރަށް ކޮޓަރިވެސް ރީތިކޮށްލަން....!"
ބައްޕަގެ އެނދު ކައިރީ ކުޑަ މޭޒުމަތީގައި ހުރި ތަބަކުން ތަށިތައް ނަގައި އަތުރާލަމުން އަޝްރަފް އުއްމީދާއެކު ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އަންނަ ބުރާސްފަތި ދުވަހުގެރޭ އަހަންނާއި ނިހާގެ ކައިވެނި ކުރާގޮތަށް ނިންމައިފިން....!"
އަޝްރަފް އެހެން ބުނުމުން ވެސް ބައްޕަ އެއްޗެއް ނުބުނުމުން އަޝްރަފް ބައްޕައަށް ބަލައިލިއެވެ. ބައްޕަ ހަމަ އެއޮތް ގޮތަށް ފުރަގަހަށް އެނބުރި އޮތީއެވެ. ހީވާގޮތުން ބައްޕައަށް މިއަދު އެއޮތީ މާގަދައަށް ނިދިފައެވެ.
އަޝްރަފް އިރުކޮޅަކު މަޑުކޮށްލައިގެން އިނެވެ. ބައްޕައަށް ހޭލެވޭތޯއެވެ. ދެންވެސް ބައްޕަގެ ޚަބަރެއް ނުވުމުން އޭނާ ބައްޕަގެ ގައިގައި އަތްޖައްސާލިއެވެ. އެވަގުތު ކުރެވުނު އާދަޔާ ހިލާފު އިހުސާސަކާ އެކު އޭނާގެ މުޅި ހަށިގަނޑު އައްސިވެގެން ދިޔައެވެ. ކުއްލިއަކަށް މޭގެތެރެއަށް ފެތުރިގެން ދިޔަ ވަރުގަދަ ދިލަ ހޫނުގެ އުދާސްގަނޑު އޭނާގެ ކަންފަތުން ވެސް ބޭރުވާން ފަށައިފިއެވެ. އޭނާގެ ހަށިގަނޑުގެ ތެރެއަށް މި ވަގުތު ވެރިވެފައި ވަނީ ބުނަން ނޭނގޭ ފަދަ ބިރުވެރި އަސަރެކެވެ.
ބައްޕަގެ ހަށިގަނޑު ހީވަނީ ފިނިވެގެން ގޮސް ގަނޑުފެންގަނޑެއް ހެނެވެ. މީހާ ވަނީ ހަރުދަނޑި ވެފައެވެ.
" ބައްޕާ...! "
އަޝްރަފަށް ހަޅޭއްލަވައި ގަނެވުނެވެ.
އަޝްރަފް ތެޅިތެޅިއޮތް ހިތަކާ އެކު މަޑުމަޑުން ބައްޕަ އޭނާއާ ދިމާއަށް އަނބުރާލިއެވެ. ހިތާހިތުން ދުއާ ކުރަމުންނެވެ.
އެހެން ނަމަވެސް..... އޭނާއަށް ހީވީ ރަނގަޅަށެވެ. ބައްޕަގެ އަނގަ ވަނީ ހުޅުވިފައެވެ. ކަޅިވަނީ ހުއްޓިފައެވެ. އިރުކޮޅެއްގެ ކުރީން ބައްޕަ އެވަނީ މިދުނިޔެއަށް އަލްވަދާޢު ކިޔައިފަ އެވެ.
ބައްޕަގެ މަރުގެ ޚަބަރަކީ ދޮންމަންމައާ ކޮއްކޮއަށް ހައިރާން ކުރުވަނިވި ޚަބަރަކަށް ނުވިތާގައި އެއީ އެމީހުނަށް މާ އައު ޚަބަރެއް ހެނެއް ވެސް ހިއެއް ނުވެއެވެ. އަދި އެމީހުން އެކަމާ ކުޑަކޮށް ވެސް ކަންބޮޑުވާހެނެއް ހިއެއް ނުވެއެވެ. އެމީހުންގެ މި މިޒާޖުގެ ސަބަބުން އަޝްރަފުގެ ހިތުގައި އެމީހުންނާ ދޭތެރޭގައި ޝައްކު އުފެދެން ފެށި އެވެ.
އާޒިމަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އޭރު އަޝްރަފް އާޒިމަށް އެތައް ފަހަރަކު ގުޅާފައި އޮތެވެ. ގާސިމްގެ މަރުގެ ޚަބަރުވީ އާޒިމަށް ލިބުނު ކުއްލި ޝޮކަކަށެވެ. އެ ޚަބަރު ލިބޭއިރަށް އޭނާ އަވަސްވެގަތީ އެގެއަށް ދާށެވެ. ގާސިމަކީ އޭނާ ވަރަށް ލޯބިވާ، އިޙުތިރާމް ކުރާ އޭނާގެ އުފަން ބައްޕަ ފަދަ މީހެކެވެ.
އެގޭދޮށަށް ދެވުނު އިރު އެހިސާބުގަނޑަށް ވަނީ މީހުން އެއްވެފަ އެވެ. އެމީހުން އާޒިމަށް ހަބަރު ދިން ގޮތުގައި ބައްޕަ މިހާރުވީ ހިނަވަން ވައްދައިފައެވެ.
އާޒިމް މީހުންތަކުގެ ތެރޭން ގޮސް ގޭތެރެއަށް ވަނުމަށްފަހު އަޝްރަފް ފެނޭތޯ ބަލައިލިއެވެ. އަޝްރަފް ފެންނާކަށް ނެތެވެ. ހީވާގޮތުން އަޝްރަފްވީ ބައްޕަ ހިނަވާ ކޮޓަރިތެރޭގަ އެވެ. ހަގީގަތުގައި އޭނާއަށް އެއާދެވުނީ ތަންކޮޅެއް ލަހުންނެވެ. އެތަނުގައި ތިބި އެންމެން ވެސް އެހެން ހިތަށް އަރާނެއެވެ.
"ކާކު ކަލޭ މިގެއަށް ވެއްދީ.....!"
ވަރަށް ގާތުން ރަޒީނާގެ ގަދަ އަޑު އިވިފައި އާޒިމް ދިޔައީ ސިއްސައިގެނެވެ. އެފަދަ ނާޒުކު ވަގުތެއްގައި އެންމެން ތަކުގެ ތެރޭގައި އެފަދަ ގޮތަކަށް ފަށަން ރަޒީނާއަށް ކެރުނީތީ އާޒިމް ހައިރާންވި އެވެ. އާޒިމް އަވަސް އަވަހަށް އެތަނުގައި ތިބި މީހުންނަށް ބަލައިލިއެވެ. އޭރު އެންމެންވެސް ތިބީ އާޒިމަށާ ރަޒީނާއަށް ބަލާށެވެ. އާޒިމް ވަރަށް ލަދުގަތެވެ.
"އެ އަމީޒާ ކައިރީ ނިދަން އޮވެއޮވެފަ އައިސް މިގެއަށް ވަންނަން ކެރޭކަން ދޯ....!"
ރަޒީނާ ހީވީ އެތާ ތިބި އެންމެނަށް އިއްވަން ވާހަކަ ދެއްކި ހެންނެވެ. އެ ހަމަހިމޭން މާހައުލުގައި ރަޒީނާގެ އަޑު ވަރަށް ގަދައެވެ.
ގަތްލަދެއްގެ ބޮޑުކަމުން އަނގަހުޅުވި ގޮތަށް ލައްޕަން ވެސް ނޭނގިފައި އާޒިމް ހުއްޓެވެ. އެތަނުގައި ތިބި އެންމެން އޭނާއަށް ބަލާކަން އޭނާއަށް އިނގެއެވެ. އެވަގުތު ބިންފަޅާފައި އަޑިޔަށް ދާނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.
"އަހަންނަށް އިނގޭ ހަމަ ފޫކަހަކަހާފަ ވެސް އެނބުރި އަހަރެން ކައިރިއަށް އަންނަން ކަން ޖެހޭނީ.....ސަތޭކަ އަންހެނުން ލިބުނަސް ކަލެއަށް އަހަރެން މުހިންމު ވާނެ... ނުކެރޭނެ ވަރި ކުރާކަށް....!"
ރަޒީނާގެ އެޖުމްލަ ފުރިހަމަ ނުވަނިސް އާޒިމްގެ އަޑު އިވިގެން ދިއައެވެ.
"ތީނީ ވަރިކޮށްފަ....!"
އެއަޑު އިވިފައި ޚުދް އާޒިމް ވެސް ސިހުނެވެ. އެއީ އޭނާއަށް ބޭއިޚުތިއާރުގައި ބުނެވުނު އެއްޗެކެވެ.
ރަޒީނާ ކަޅި ހުއްޓިފައި އާޒިމާ ދިމާއަށް ބަލަން ހުއްޓެވެ. އެއިވުނު އެއްޗެއް ގަބޫލު ނުކުރެވިފައެވެ.
"ކީކޭ...؟"
ކުރަކި، ވައި އަޑެއް އޭނާގެ އަނގައިން ބޭރުވިއެވެ.
"ތީނީ ވަރިކޮށްފައޭ....!"
އާޒިމް އެހެން ބުނީ މަޑުމަޑުންނެވެ. ފަނޑު ހިނިތުން ވުމަކާއި އެކު ވަރަށް އާދައިގެ ގޮތަކަށެވެ. މިފަހަރު އާޒިމް އެހެން އެބުނީ ގަސްތުގައެވެ. އޭނާވެސް އެއެންމެން ކުރިމަތީގައި ބަލިވެ ނިކަމެތިވާކަށް ބޭނުމެއް ނޫނެވެ.
ހަމަ ހަގީގަތުގައި ވެސް އާޒިމް އެހެން ބުނެފިކަން ރަޒީނާއަށް ޔަގީންވީ ދެނެވެ. އޭނާއަށް ތެޅިގަނެވުނެވެ.
ކުއްލިއަކަށް މުޅި މަންޒަރު އެފަދަ ގޮތަކަށް ބަދަލު ވެދާނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. މިހާރު އެންމެން ތިބީ ރަޒީނާއަށް ބަލާށެވެ. ރަޒީނާ ދެން ހަދާނީ ކޮން ގޮތެއްބާއޭ ހިތަށް އަރައަރައެވެ. ގާސިމް ނިޔާވުމުގެ ހިތާމައިގައި ބައިވެރި ވުމަށް އައިސް ތިބި މީހުންނަށް އެތަނުން ފެންނަމުން އެދަނީ ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭ ފަދަ ޝައުގުވެރި މަންޒަރެކެވެ.
އެތަނުގައި ތިބި އެންމެންގެ ނަޒަރު ރަޒީނާއަށް ހުއްޓިފައިވާތަން ފެނުމުން ރަޒީނާ އާޒިމް ދެކެ އިތުރަށް ރުޅިއައެވެ. އޭނާ ބޭނުން ވަނީ އަޑުވީއްލާ އާޒިމާ ދިމާއަށް ހެސްކިޔާފައި ހަޅޭއްލަވާލާށެވެ. އެހެން ނަމަވެސް އެވަގުތު އޭނާގެ އަޑެއް ވެސް ނުނިކުތެވެ. އޭނާ ބޭނުން ވަނީ ގައިގައި ހުރި ބާރެއްލާ އާޒިމްގެ ގައިގައި ތަޅައިގަންނާށެވެ. އެހެން ނަމަވެސް އެވަގުތު އެހިތްވަރެއް ވެސް އޭނާގެ ނެތެވެ. އަމިއްލައަށް ފޭހުނު އިލޮށިގަނޑު އެއޮތީ އޭނާގެ ލޮލަށް ރަނގަޅަށް ހެރިފައެވެ.
ރަޒީނާއަށް ވީގޮތް ފެނިފައި އާޒިމް ވެސް އޭނާއާ ދޭތެރޭ ހަމްދަރުދީ ވިއެވެ. އާޒިމް އިތުރު އެއްޗެއް ނުބުނެ، ހަރަކާތް ހުއްޓިފައިވާ ރަޒީނާ އަށް ބަލަހައްޓައިގެން ހުއްޓާ ފެނުނީ ކޮޓަރީގެ ދޮރުހުޅުވާލާފައި އަޝްރަފް ނިކުތްތަނެވެ.
އާޒިމް ގޮސް އަޝްރަފްގެ ބުރަކަށީގައި އަތް ޖައްސާލިއެވެ.
"ނިމުނީތަ....! ވަދެވޭތަ....މޫނުބަލަން....!"
އާޒިމް އަހައިލުމުން އަޝްރަފް ބޯ ޖަހައިލިއެވެ. ހިނެވުމަށް ފަހު އެންމެ ފުރަތަމަ ބައްޕަގެ މޫނުދެއްކުން އެންމެ ހައްގުކަން ބޮޑު މީހަކީ އާޒިމްއެވެ.
އާޒިމް އެތެރެއަށް ވަދެފައި ނުކުތް އިރު ދޮރުކައިރީ ފާރުގައި ލެގިލައިގެން އަޝްރަފް ހުއްޓެވެ. ރަޒީނާ ފެންނާކަށް ނެތެވެ. މިވަގުތަކީ އިތުރު ވާހަކައެއް އަޝްރަފާ ދައްކަން ރަނގަޅު ވަގުތެއް ނޫން ނަމަވެސް އެހެން މީހެއްގެ ފަރާތުން އަޝްރަފަށް އެޚަބަރު ލިބުން ރަނގަޅު ނުވާނެކަން އާޒިމަށް ވިސްނުނެވެ.
"އަހަރެން އަޝްރަފުގެ ކޮއްކޮ ވަރިކޮށްފިން....!"
އަޝްރަފާ ކައިރިއަށް ޖެހިލައި މަޑުމަޑުން އާޒިމް ބުންޏެވެ. އަޝްރަފް އާޒިމަށް ބަލައިލިއެވެ. ގަބޫލު ނުކުރެވިފައެވެ.
"ދެން އެވާހަކަ ފަހުންދޯ....!"
ހައިރާންވެ ސުވާލު އުފެދިފައިވާ އަޝްރަފްގެ މޫނު ފެނުމުން، އާދައިގެ ގޮތެއް ދައްކަމުން އާޒިމް ބުންޏެވެ.
"ދާނަން އިނގޭ ކަށުނަމާދަށް....!"
އެހެން ބުނެފައި އަޝްރަފްގެ ކޮނޑުގައި ޖަހާލައިފައި އާޒިމް ދިޔައީއެވެ. އިތުރު ސުވާލެއް ކުރާނެ ފުރުސަތެއް އަޝްރަފަކަށް ނުލިބުނެވެ.
އާޒިމް މާ ހަމަޖެހޭ ގޮތް ދައްކަމުން އެގެއިން ނިކުތް ނަމަވެސް އޭނާ ހުރީ އެހާ ހަމަޖެހިފައެއް ނޫނެވެ.
އާޒިމް ދެކޮޅަށް ހިނގަން ފަށައިފިއެވެ. ދެންމެ އެހިނގި ކަންތައްތަކާ ދޭތެރޭގައި އޭނާއަށް ވިސްނެންފެށީ އަދިކިރިޔާއެވެ. އޭނާއަށް އެކުރެވުނީ ކޮންކަހަލަ ކަމެއް ހެއްޔެވެ!. ކަންތައްތައް ވެގެން ދިޔަލެއް ހަލުވި ކަމުން އޭނާގެ ބޮލަށް ވެސް ވަނީ އެނބުރުން އަރައިފައެވެ. އެއްވެސް ކަމެއް އެ ދަނީ އޭނާ ރާވާފައިވާ ގޮތަކަށް ނޫނެވެ. ރަޒީނާ ވަރި ކުރާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު އެކަން ވެސް އެވީ އެވެ.
ދެންމެ ހިނގައިދިޔަ ހާދިސާގެ މަންޒަރުތަކާ އަސަރުތައް އޭނާގެ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެ އެންމެންގެ ކުރިމަތީގައި ރަޒީނާ އޭނާ ބޭޒާރު ކޮށްލި ވަގުތު އޭނާއަށް ކުރެވުނު އިހުސާސެވެ. އާޒިމް ވަރިކުރި ކަމަށް ބުނުމުން ރަޒީނާއަށް އެވީގޮތެވެ. ނިޔާވެފައިވާ ބައްޕަގެ މޫނަށް ބަލައިލި ވަގުތު އެ ކުރެވުނު އިހުސާސެވެ. އަޝްރަފަށް އެޚަބަރު ދިން ވަގުތު އަޝްރަފްގެ މޫނު މަތީން ފެނުނު ކުލަވަރެވެ. އެ ކުޑަވަގުތު ކޮޅުގެ ތެރޭގައި ހިނގައިދިޔަ ކަންތައް ތަކަށް ވިސްނައިލުމުން އޭނާގެ ސިކުނޑި ހާސްވެއްޖެއެވެ. މިވަގުތު އޭނާއަށް ރަނގަޅު ވާނީ އެ ހިޔާލު ތަކާ ދުރަށް ޖެހިލުމެވެ. ނޫނީ އެވާހަކަ މީހަކާ ހިއްސާ ކޮށްލުމެވެ.
އާޒިމް އަމީޒާގެ ފޯނަށް ގުޅައިލިއެވެ. އަމީޒާ ފޯނެއް ނުނަގައެވެ. އަދި ހޭނުލެވެނީ ކަމަށް ވެސް ވެދާނެއެވެ. އޮފީސް މަސައްކަތުގައި އަމީޒާ މާ އަވަދިނެތި އުޅޭތީ އޭނާއާ އާޒިމާ ދިމާ ނުވާތާ ދެދުވަސް ވެއްޖެއެވެ. އަމީޒާ އެއުޅެނީ އާޒިމާ ކައިވެނި ކުރުމުގެ ކުރީން އޮފީހުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާލާށެވެ. ކައިވެޏްނަށް ފަހު ކުޑަ ޗުއްޓީއެއް ހަދައިލާށެވެ. މީ އަމީޒާގެ އަލަތު ކައިވެންޏެވެ. އެހެންކަމުން ކައިވެންޏަށް ފަހު ހަނީމޫނު ދުވަސްކޮޅެއް އަމީޒާ ބޭނުންވެ އެވެ. އެކަން އާޒިމް ވެސް ގަބޫލު ކޮށްގެން އަމީޒާއަށް އުނދަގޫ ނުކޮށް މި ދެދުވަހު މަޑުކޮށްލައިގެން ހުރީއެވެ. އެހެން ނަމަވެސް މިވަގުތު އާޒިމް އަމީޒާއާ ވާހަކަ ދައްކާލަން ކޮންމެހެން ވެސް ބޭނުން ވިއެވެ. އާޒިމް އަނެއްކާ ވެސް އަމީޒާއަށް ގުޅައިލިއެވެ. ދެފަހަރަކު މަސައްކަތް ކޮށްގެން ވެސް ފޯނުން ގުޅޭގޮތެއް ނުވިއެވެ. ހީވާގޮތުން އޭނާ ރޭގައި މާ ދަންވަންދެން އޮފީސް މަސައްކަތުގައި އުޅުނީއެވެ. އެވަރަށް ގުޅާއިރު ވެސް ހޭނުލެވިގެން އެއުޅެނީ އެހެންވެއެވެ.
އާޒިމް ނިންމީ އެގެއަށް ދާށެވެ. އަމީޒާއަށް ގޮވާށެވެ. އަމީޒާ ހޭލައްވައިގެން ވެސް މިވަގުތު އޭނާ އެވާހަކަ ދައްކާލަން ބޭނުމެވެ. އެހެން ނޫނަސް ރަޒީނާ ވަރިކުރިކަން އެނގުނީމަ އަމީޒާ ވަރަށް އުފާ ވެސް ވާނެއެވެ.
އާޒިމް ގޮސް އަމީޒާގެ ކޮޓަރީ ދޮރުގައި ހިފައިލި އިރު ހުރީ ތަޅުލާފައެވެ. ބޭރުގައި އަމީގެ ފައިވާން ހުއްޓެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އަދި އަމީއަށް ނިދައި ހޭނުލެވެނީއެވެ.
އާޒިމް އޭނާގެ އަތުގައި އޮންނަ ތަޅުދަނޑީން ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ. ފިނިކޮށްފައިވާ އެކޮޓަރީގެ އެނދުގައި އަމީޒާ އޮތީ ބޮލާ އެކީ ރަޖާ އަޅައި މުޅި މީހާ ނިވާކޮށްގެންނެވެ.
އާޒިމް މޭޒުމަތީގައި އޮތް އޭސީގެ ރިމޯޓު ނަގައި ފިނި މަޑުކޮށްލުމަށް ފަހު އެނދާ ދިމާއަށް ހިނގައި ގަތެވެ. އެނދުގެ މަގަތުގައި އިށީންދެލައިގެން އާޒިމް އިރުކޮޅަކު އިނެވެ. އެހާ ގަދައަށް ނިދިފައި ވަނިކޮށް އަމީޒާއަށް ގޮވަން އޭނާއަށް ކުޑަކޮށް އުނދަގޫވި އެވެ. އިސްޖަހައިލައިގެން ފިކުރަކަށް ގެއްލިފައި އިން އާޒިމް ސިއްސައިގެން ދިއައީ ކުރިމަތީގައި ހުރި ފާހާނާގެ ދޮރު ހުޅުވައިލި އަޑަށެވެ. އާޒިމް އިސްއުފުލާ ބަލައިލި އިރު އަމީޒާ ފާހާނާއިން ނުކުންނަނީ އެވެ.
އާޒިމް ފެނިފައި އަމީޒާއަށް ހުއްޓުން އެރިއެވެ. އޭނާ ހީވީ ބިރެއް ފެނިފައި ހުރިހެންނެވެ. އެގަޑީގައި އާޒިމް އެ ކޮޓަރިއަށް އަތުވެދާނޭ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ.
އެތަނުގައި އަމީޒާ ހުރިތަން ފެނުމުން އާޒިމަށް މަޑުމަޑުން ތެދުވެވިއްޖެއެވެ. އެއީ އޭނާއަށް ހީވާ ގޮތެއް ނޫނެވެ. އަމީޒާ އެހެރީ އޭނާގެ ކުރިމަތީގައެވެ. ފާހާނާގެ ދޮރުމަތީގައެވެ. އެހެންވިއްޔާ ދެން އެނދުގައި އެއޮތީ ކާކު ހެއްޔެވެ؟
(ނުނިމޭ)