(03 ސެޕްޓެމްބަރގެ އަދަދާ ގުޅޭ)
ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު އާޒިމްގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިއަ ކަހަލައެވެ. އަތުގައި އޮތް ތަނޑި ދިގު، ރަތް ފިނިފެންމާ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނު އިރުވެސް ނޭގުނެވެ.
މަޑުމަޑުން ދޮރުގަ އަނެއް ފަރާތަށް ޖެހިލެވުނީ ހިތަށް ވީ ގޮތަކުންނެވެ. ހިތް ހީވަނީ ކޮށި ވަޅިއަކުން ކޮށާ ކުދިކޮށްލައިފި ހެންނެވެ. އެހިތުން އޮހޮރުނު ލޭތިކިތަކުގެ އަސަރު އާޒިމްގެ ލޮލުގެ ތެރެއިން ވެސް ފާޅުވާން ފަށައިފިއެވެ. މަޑުމަޑުން އޭނާ ކުރިއަށް ހިނގައިގަތެވެ. ދެން އެތަނުގައި އޭނާ ހުރުމުގެ ބޭނުމެއް ނެތެވެ. މިހާތަނާ ޖެހެންދެން ދުވަހަކުވެސް އޭނާ އެއްވެސް އަންހެނަކު ދެކެ ލޯތްބެއް ނުވެއެވެ. އެތަށް ބަޔަކާ އެކު ލޯބީގެ ނަމުގައި ގާތްކަން ބޭއްވިފައި ވީ ނަމަވެސް އެއީ އޭނާ ކުޅެމުންއައި ކުޅިވަރެކެވެ. ފަރީޝާ އަށް ޓަކައި އޭނާގެ ހިތުގައިވާ ގަދަރާ ލޯތްބަކީ ދެން ދުވަހަކުވެސް އޭގެން އޭނާއަށް ސަލާމަތް ވެވޭނެ އެއްޗެއް ނޫނެވެ. ފަރީޝާއާ އާޒިމްގެ ކައިވެނި ކޮށްދެން ބޭނުންވެގެން އަޝްރަފް ފަރީޝާ ގާތުގައި ދެއްކި ވާހަކަ އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. ދެން އެވީ ކިހިނެއް ހެއްޔެވެ؟ އާޒިމް ގެ ލޮލަށް އެފެނުނު މަންޒަރަކީ ހަމަ ޙަޤީޤަތެއް ބާއެވެ.
ފަރީޝާގެ ގައިގައި ހިފަހައްޓައިގެން ހުރި އަޝްރަފް އެ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ވަރަށް ވިސްނާލައިފި އެވެ. ފަރީޝާ އޭނާއާ ދޭތެރޭ ދެކޭގޮތް އޭނާއަށް ބަދަލު ކުރެވެން ވާނެ އެވެ.
އަޝްރަފް ފަރީޝާ ދުރުކޮށްލުމަށް ފަހު ފަރީޝާގެ ލޮލުން ކަރުނަ ފޮހެދިނީ ކުޑަ ހިނިތުން ވުމަކާއި އެކުގަ އެވެ.
"އަހަރެން ބުނާ އެއްޗެއް އަޑުއަހާ ފަރީޝާ.. ފަރީޝާ އަދި ތަންކޮޅެއް ކުޑަވީމަ ނުވިސްނެނީއޭ. ހަގީގަތުގަ އަހަރެން ދެކެ ފަރީޝާ ވެސް ނުވާނެ ލޯތްބެއް.. އަހަރުމެން ދެމީހުން ދޭތެރޭ ލޯތްބެއް އުފެދޭހާ ގާތް ކަމެއް ނުވެސް އުފެދޭނުން.. އެއީ ފަރީޝާއަށް ހަމަ ހީވާއެއްޗެއް މިހާރު!"
ފަރީޝާއަށް އަޝްރަފް ވިސްނަދެމުން ދިއައިރު އަޝްރަފްގެ މޫނަށް ބަލަން ފަރީޝާ ހުއްޓެވެ. އަޝްރަފް ހީވީ ނިހާއާ އަޝްރަފްގެ ދިރިއުޅުން ހަލާކު ވިޔަ ނުދީ ސަލާމަތް ކޮށްދިނުމަށް އެދި ފަރީޝާ ގާތުން އާދޭސް ކުރަމުން ދިއަ ހެންނެވެ. ފަރީޝާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ވެސް ފަށައިފި އެވެ.
"ކައިވެންޏަށް ފަހު ވެސް އަހަރުމެން ދެމީހުން ދޭތެރޭގަ ލޯތްބެއް އުފެދުމުގެ ފުރުސަތެއް ނެތް.. އެއީ އަހަރެންގެ ނިހާ ހުރީމަ. ފަރީޝާއަށް އާޒިމް ދެކެ ފަހުން ލޯބިވެވޭނެ، އެއީ ޔަގީން ކަމެއް. އޭރުން ފަރީޝާ ފަހުން މާ އުފާވާނެ!"
އަޝްރަފް ވަރަށް ގާތް ގޮތަކަށް ފަރީޝާއަށް ވިސްނަދެމުން ދިއައެވެ. އެނޫން ގޮތެއް ނެތް ކަން ފަރީޝާ އަށްވެސް މިހާރު ވިސްނެން ފަށައިފިއެވެ.
"އެކަމަކު އަހަރެން އާޒިމް ދެކެ ބިރުގަނޭ! އާޒިމް ޕާޓޭއެއް!"
ގޮތް ހުސްވެފައިވާ ފަރީޝާ ތުން ފިއްތާލަމުން ބުނެލި އެވެ. އަޝްރަފް ހިނިއައެވެ. ފަރީޝާގެ ޅަ ކަމުން ނެވެ.
"ނޫން.. އާޒިމް އަކީ ވަރަށް ރަނގަޅު މީހެއް.. ފަރީޝާ އަށް އާޒިމް ދަސްވީމަ ތިހެން ނުބުނާނެ..!"
އެންމެ ފަހުން އަޝްރަފް ދެއްކި ވާހަކަ އަށް ފަރީޝާ ވެސް ޖެހުނީ އެއްބަސް ވާށެވެ. ލޯބި ނުވި ނަމަވެސް އޭނާ އާޒިމްއާ ކައިވެނި ކުރާނީ އެވެ. އަޝްރަފްގެ ލޯބި އޭނާއަށް ނުލިބުނު ނަމަވެސް އަޝްރަފް އެދުނީތީ ކަމެއް ކޮށްދެވުނު ކަމުގެ އިޙުސާސް އޭނާއަށް އަބަދުވެސް ކުރެވޭނެ އެވެ. އެވަރުން އޭނާ ޖެހޭނީ ހިތްހަމަ ޖައްސާލާށެވެ.
އަޝްރަފް ބޭނުންވީ ފަރީޝާ އާޒިމް ގާތުގައި އެވާހަކަ ދައްކާށެވެ. ނޫނީ އާޒިމް އެވާހަކަ ފަރީޝާ ގާތުގައި ދެއްކުމުގެ ފުރުސަތު އާޒިމަށް ދޭށެވެ. އަޝްރަފް އާޒިމަށް ދެފަހަރަކު ގުޅާލައިފި އެވެ. ފޯނެއް ނުނަގައެވެ.
ފޯނު ނަގަންވީ ކީއްކުރަން ހެއްޔެވެ! ފޯނު ރިންގު ވާތަން އާޒިމަށް އެބަފެނެއެވެ. ނަގާކަށް ބޭނުމެއް ނޫނެވެ. އަނެއްކާވާސް ފޯނު ރިންގު ވާން ފަށައިފި އެވެ. މިފަހަރު އައީ ފަރީޝާގެ ކޯލެކެވެ. އާޒިމަށް ފޯނު ނުނަގާ ކެތެއް ނުވިއެވެ. އާޒިމް ފޯނު ނެގުމުން ވާހަކަ ދެއްކީ އަޝްރަފެވެ. ފަރީޝާގެ ފޯނުން އަޝްރަފް ގެ އަޑު އިވުނީމައި އާޒިމް އިތުރަށް ހިތްހަމަ ނުޖެހުނެވެ. އާޒިމް ބޭނުންވީ ފޯނު ކަނޑާލާށެވެ. އެހެން ނަމަވެސް އަޝްރަފް ބުނިއެއްޗެއްގެ އަޑު އިވުމުން އިތުރަށް އަޑު އަހާލާ ހިތް ވިއެވެ.
"އާޒިމް އާދެބަލަ ގެއަށް ފަރީޝާ ގޮވައިގެން ބޭރަށް ގޮސްލަން.. އޭނަ ވަރަށް މޫޑު ސަކަރާތް ވެގެން އެބޫޅެ!"
ފޯނު ކަނޑާލުމަށް ފަހު އާޒިމްގެ ހިތުގައި ތަފާތު އެތައް ސުވާލު ތަކެއް އުފެދިގެން ދިއަ އެވެ. ފަރީޝާ މޫޑު ސަކަރާތްވީ ކޮންކަމަކާ ހެއްޔެވެ! އަޝްރަފާ ފަރީޝާއާ ދޭތެރޭ އެފަދަ ގުޅުމެއް އޮތްނަމަ އަޝްރަފް އޭނައަށް އެ ގުޅީ ކީއްކުރަން ހެއްޔެވެ! އަދި ފަރީޝާ ގޮވައިގެން އޭނަ ބޭރަށް ދާން އެބުނީ ކީއްވެ ހެއްޔެވެ! އަނެއްކާވެސް އާޒިމްގެ ހިތްހަމަ ޖެހިގެން ދިއައެވެ. އޭނާގެ ހިތް ނުބައި ވާލެއް މިހާރު މާ އަވަހީ އެވެ. އަޝްރަފް އެއުޅުނީ ފަރީޝާ ދެރަވެގެން އުޅޭތީ އެކަމުގައި އެހީވެދޭށެވެ. އެކަމަކު ފަރީޝާ ދެރަވެގެން އެއުޅެނީ ކޮންކަމަކާ ހެއްޔެވެ! އެކަން އޮޅުން ފިލުވާނެ ފުރުސަތުވެސް އިރުކޮޅަކުން ލިބޭނެ އެވެ. އާޒިމް މޫނުމަތީ ރުމާ ކާއްތާލަމުން ސައިކަލުގެ ލޯގަޑުން މޫނު ބަލާލިއެވެ. މިވަގުތު އޭނާއަށް އެ ހުރެވެނީ މާ ބޮޑަށް ހެވިފައެވެ. ވާނީ ވެސް އެހެންނެވެ. ފަރީޝާ ގޮވައިގެން ބޭރަށް ދެވެނީ ވިއްޔާއެވެ!
އާޒިމާ އެކުގައި ފަރީޝާ ދިއައީ ރެސްޓޯރެންޓް އަކަށެވެ. އެއީ މާލޭގެ ރެސްޓޯރެންޓް އަކަށް ފަރީޝާ ދިޔަ ފުރަތަމަ ފަހަރެވެ. ދެމީހުން ހިނގާފައި ގޮސް ރެސްޓޯރެންޓްގެ މޭޒު ކައިރީގައި އިށީން އިރުވެސް ދެމީހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނެއެވެ. އާޒިމް ދައްކަން ބޭނުން ގިނަ ވާހަކަ ތަކެއް ހުރި ނަމަވެސް ވާހަކަ ފަށާނެ ގޮތެއް އަދިވެސް އޭނަ އަކަށް ނުވިސްނުނެވެ. ފަރީޝާއާ ދިމާއަށް ރަނގަޅަށް ބަލައިލެވުނީ ވެސް ކުރިމަތީގައި ފަރީޝާ އިށީން ފަހުންނެވެ. ފަރީޝާގެ މޫނުމަތީގައި ހިނިތުން ވުމެއް ވީނަމަވެސް އެ ދެލޮލުން ފެންނަމުން ދިއައީ ހިތާމައިގެ ކުލަވަރެވެ. އެކަމާ ސުވާލު ކޮށްނުލާ އާޒިމަކަށް ކެތެއް ނުވިއެވެ.
"އަޝްރަފް ބުނީ ފަރީ ވަރަށް މޫޑު ސަކަރާތް ވެގެންނޭ.. ކިހިނެއްވީ؟" އާޒިމް ސުވާލު ކޮށްލުމާއި އެކު ފަރީޝާއަށް ރޮވިއްޖެއެވެ. ފަރީޝާ އިސް ޖަހާލިއެވެ. އެތަނުގައި ތިބި މީހުންނަށް އެ މަންޒަރު ފެންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އާޒިމް ވަރަށް ކަންބޮޑުވިއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އޭނާއަށް އެނގުނެވެ. އޮޅުން ފިލުވަން ކިތަންމެ ބޭނުން ވި ނަމަވެސް އިތުރު އެއްޗެއް އަހާކަށް ނުކެރުނެވެ. ދުރުގައި ހުރި ކައުންޓަރ ދޮށަށް އާޒިމް ގޮސް މަޑުކޮށްލީ ފެންފުޅިއެއް ހޯދާށެވެ.
"ހައި ޕާޓް!"
ކޮނޑުގައި އަތް ޖައްސާލަމުން އެހެން އެބުނީ ރައުއްޓޭ އެވެ. އާޒިމް ރައުއްޓޭ އަށް ބަލާލީ ނަފްރަތުން ފުރިފައިވާ ނަޒަރަކުންނެވެ. އޭނާ ރައުއްޓޭގެ އަތް ފޮޅާލިއެވެ.
"ބްރޯ ހާދަ ރުޅިއެއް..! ހުރިހާ ކަމެއް ގޯސްވީ ކަލެއާ ހެދިއޭ..!"
މިވަގުތުވެސް ރައުއްޓޭ ހުރީ ހަމައިގައި ހެނެއް ހިއެއް ނުވެއެވެ.
"ކަލެއާ ހެދި އެ މަންޖެ ބަދުނާމް ކޮށްލަން ވެސް ޖެހުނީ!"
ރައުއްޓޭގެ އަޑު އިވިފައި އާޒިމް ދެލޯ ބޮޑު ކޮށްލިއެވެ. އެއީ އަދި އޭނާއަށް ނޭގޭ އެއްޗެކެވެ.
"މަ މާބޮޑު ކަމެއް ނުކުރަން، ހަމަ އެކަނި ޕޮލިހަށް ރިޕޯޓް ކޮށްލީ..!"
ފަރީޝާގެ އެ ކަރުނަތަކުގެ ސަބަބު އާޒިމަށް އެ އެނގުނީ އަދިކިރިޔާއެވެ! އާޒިމްގެ ލޭ ހޫނުވެގެން ދިއައީ އިންތިހާއަށެވެ. އޭނާ ކޮންޓްރޯލުން ނައްޓަން އުޅޭހެން ހީވިއެވެ.
"މަ ބުނީ އެއީ އަޝްރަފް ގަންނަ ގަނޑެކޭ.. ބްރޯގެ ވާހަކައެއް ނުބުނަން"
ރަނގަޅަށް ރައުއްޓޭގެ ވާހަކަ ނުނިމެނިސް އިވުނީ އާޒިމް ބާރަށް ހަޅޭއްލަވައިގެން އަޑެވެ. ފަރީޝާ އިސް އުފުލާ ބަލާލި އިރު ފެނުނީ ރައުއްޓޭ މާ ދުރަށް ވިއްސައިގެން ގޮސް ޖެހުނު ތަނެވެ. އޭރު އާޒިމް މޭޒެއް ނަގާ ރައުއްޓޭ އާ ދިމާއަށް ހޫރާލަނީ އެވެ. ފަރީޝާއަށް ލިބުނު ސިހުމާއެކު ތެދުވެވުނެވެ. އަނގަ މަތީ އަތްއެޅި ގޮތަށް ދެލޯބޮޑުކޮށްގެން އާޒިމާ ދިމާއަށް ބަލަން ހުރެވުނީ ޙައިރާން ވެފައެވެ. ވެއްޓިފައި އޮތް ރައުއްޓޭގެ ބޮލުން ލޭ އޮހޮރެމުން ދިއައެވެ. ތިން ހަތަރު މީހުން އާޒިމްގެ ގައިގައި ހިފައްޓައިގެން ތިބި އިރުވެސް އާޒިމް ރައުއްޓޭ ދޫކޮށްލާކަށް ނޫޅެ އެވެ. އާޒިމް ހުރީ އެއަށް ވުރެ މާ ގަދައަށް ރުޅިއައިސްފަ އެވެ. ރައުއްޓޭ ގައިގައި އާޒިމް ފައިންވެސް ތަޅާލީ ދެރަވާ ވަރަށެވެ. އިސާހިތަކު އެތަނަށް ފުލުހުން އަތުވެއްޖެ އެވެ. އާޒިމާ ފަރީޝާ އަނގައިން ބުނާނެ ފުރުސަތެއްވެސް ނުދީ އާޒިމް ގެންގޮސް ޕޮލިސް ޖިޕަށް ކޮށްޕާލިތަން ފެނުނެވެ. ބިރު ގެންފައި ވާވަރުން ފަރީޝާގެ އަތުގައި ފޯނު ހަރުލާ ވަރެއްވެސް ނޫނެވެ. ފަރީޝާއަށް އަޝްރަފަށް ގުޅާލެވުނީވެސް އުނދަގުލުންނެވެ.
ގޭތެރޭގައި އަޝްރަފް ދެކޮޅަށް ހިނގަން ފަށައިފިއެވެ. ބޯ ހާސްވެ ހަދާނެ ގޮތް ބޮޑު ވެއްޖެއެވެ. މިފަހަރު އާޒިމް ފަސޭހައިން ސަލާމަތް ވާނެހެނެއް ހިއެއް ނުވެ އެވެ. އޭނާ ރައުއްޓޭއަށް އަނިޔާ ކޮށްލީ ވަކިވަރެއް ބަލާފައެއް ނޫނެވެ. މުޅި ރެސްޓޯރެންޓް ތެރޭގައި އޮތީ ލެއެވެ. ރައުއްޓޭގެ ހާލު މާ ސިރިއަސް ނުވިނަމަވެސް އޭނާއަށް ލިބުނީ ކުޑަ އަނިޔާއެއް ނޫނެވެ. އެ މަންޒަރު ފެނުނީތީ ފަރީޝާ އިނީ ނަފްސާނީ ގޮތުން އަސަރު ކޮށްފަ އެވެ. އާޒިމް ސަލާމަތް ވިއަސް ދެން އޭނާ އާޒިމާ ކައިވެނި ކުރަން އެއްބަސް ކުރުވޭނެ ހެނެއް ހިއެއް ނުވެއެވެ. ހަމަ ހުރިހާ ދިމާއަކުން އައިސް އަޝްރަފް ބެދުނީއެވެ.
ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. ހަސީނާއަށް ހޭލެވުނީ އާންމު ކޮށް އެގަޑީގައި އެގޭތެރެއިން ނީވޭ އަޑެއް އިވިގެން ނެވެ. ލޯ ހުޅުވާލުމަށް ފަހު ކަނުލާ އަޑުއަހަން އޭނާ އޮތީ ޔަގީން ކޮށްލުމުގެ ގޮތުންނެވެ. ފަހަކަށް އައިސް ރޭގަނޑު ދަން ގަޑީގައި އެގޭތެރޭން ފާޑުފާޑުގެ އަޑުއަޑު އިވޭތީ އޭނާއަށް ހޭލެވެ އެވެ. ހޭލައިގެން ބަލައިލާއިރު އެއްވެސް މީހަކުވެސް އެއްވެސް އެއްޗެއްވެސް، އެއްފަހަރުވެސް ފެނިފައި ނުވެއެވެ. ފިރިމީހާގެ މަރަށް ފަހު މިކަހަލަ ކަންތަކާ ކުރިމަތިވާން ފެށުމުން އޭނާ ގަބޫލު ކުރީ ބިރުގެންފައި ހުންނަވަރުން ހީވާގޮތް ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ގިފިލީގެ ތެރޭގައި މީހަކު އެބައުޅެ އެވެ. ހަސީނާ ގަޑި ބަލާލި އެވެ. ގަޑިން ތިން ގަޑި ބައި ވަނީ އެވެ. އެގަޑީގައި ގިފިއްޔަށް ވަދެ ވަޅުން ފެންނަގައިގެން ފެންވަރާނީ ކާކު ހެއްޔެވެ؟ އެ ވަޅުގެ މަތި ނުނަގާތާ މިހާރު ޒަމާން ގަނޑެއް ވެއްޖެ އެވެ. އޭނާއާ ރަޒީނާ ފެންވަރަން ބޭނުން ކުރަނީ މާ ގަނޑެވެ. އެހެންނޫނަސް ރަޒީނާ އަކީ ރޭގަނޑު ފެންވަރާ އުޅޭ މީހެއްވެސް ނޫނެވެ.
ހަސީނާ ތެދުވެއްޖެއެވެ. މިވާ އެއްޗެއް ރަނގަޅަށް އޮޅުން ފިލުވާފައި ނޫނީ މިރެއަކު ދުލެއްނުކުރާނަމޭ ހިތަށް އެރިއެވެ. އޭނާ ކޮޓަރީން ނުކުތީ ހިސާބަކަށް ޖެހިލުން ވެފައި ހުރެ އެވެ. އޭރުވެސް ދާނިން ފެންނަގާފައި އަޅާއަޑު އިވިއިވި ހުއްޓެވެ. ގިފިއްޔާ ދިމާއަށް ހިނގައިގެން ތަނާ އެއަޑު ކެނޑިއްޖެ އެވެ. ގިފިލީގެ ހޮޅިބުރިވެސް ހުރީ ނިއްވާލައިފަ އެވެ. ހަސީނާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރީ ގިފިލިން ނުކުންނަ މީހަކު ބަލާށެވެ. އިރުކޮޅެއް ވީއިރުވެސް މީހެއްގެ ހިލަމެއް ނުވި އެވެ. އެހެން ވިއަސް މިފަހަރު އެއީ އޭނާއަށް ހީވި ގޮތެއް ނޫނެވެ. އޭނާ ބާރަށް ހިނގާފައިގޮސް ގިފިލީގެ ދޮރުގައި ހިފާ ކޮށްޕާލި އެވެ. ފަސޭހަކަމާއެކު އެދޮރު ހުޅުވުނުއިރު، ފަނޑު އަނދިރީގެ ތެރެއިންވެސް ތަޅުންގަނޑު މަތީގައި ތެމި ފޯވެފައި އޮތް ރަޒީނާ އޭނާއަށް ފެނުނެވެ. ހަސީނާގެ ގައިން ހީބިހި ނަގައިގެން ދިއައެވެ.
"ރަޒީނާ!"
އޭނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ދުވެފައި ގޮސް ރަޒީނާގެ ކައިރިއަށް ހުއްޓުނު އިރު ދެފައިކޮޅު ތުރުތުރު އަޅަމުން ދިއައީ ބިންމަތީގައި ހަރުނުލާ ވަރަށެވެ. ރަޒީނާ އޮތީ ހިނިއައިސްފައި މަތިބަލާށެވެ. މި މަންޒަރު ފެނުމުން ހަސީނާ އިންތިހާއަށް ބިރުގަތެވެ.
"ދަރިފުޅާ!"
ރަޒީނާގެ މޫނު މަތީގައި ދެއަތުން ތަޅައި ގަންނަމުން ހަސީނާ ހަޅޭއް ލަވަން ފަށައިފިއެވެ. ލޯ ހުޅުވައިގެން އޮތް ނަމަވެސް ރަޒީނާއަށް ހޭވެރި ކަމެއްވީ އިރު ކޮޅެއްގެ ފަހުންނެވެ. އޭނާއާ ދިމާއަށް ގުދުވެ ދެލޯ ބޮޑު ކޮށްގެން ހަޅޭއް ލަވަން އޮތް އޭނާގެ މަންމައަށް ބަލަން އިރުކޮޅަކު އޮވެފައި އޭނާ ފުންމައިގެން ތެދުވެއްޖެ އެވެ.
އެނދުގައި އިށީންދެ އިން ރަޒީނާ ހީވަނީ ބިރުން ހަލާކު ވެދާނެހެންނެވެ. މަންމަ ހުރެގެން އެކިޔާ އެއްޗަކުން އޭނާގެ ބުއްދި ގޯސްވާވަރު ވެއްޖެ އެވެ. މަންމަ އެ ބުނަނީ ބައްޕަ ނިޔާ ވީ ފަހުން އެމީހުންނަށް ޖިންނި އެއްގެ ގޯނާ ޖެހޭ ވާހަކަ އެވެ. މިރޭ ރަޒީނާ އަށް އެދިމާވި ކަންތަކުން މަންމަ އެކަން ޔަގީން ކޮށްފި އެވެ. ރަޒީނާ އަށް ވެސް އެހެން ހީވާތާ ކިތަންމެ ދުވަހެކެވެ. ވާނުވާ ނޭގޭ ގޮތް ތަކެއް ވަނީއެވެ. ގަޔަށް އެއްޗެއް އަރާހެން ހީވާފަހަރު އާދެ އެވެ. ގައިގެ ތަންތަނުން ދިލަ ނަގައި ގަންނަ ފަހަރު ގިނައެވެ. ނިދާފައި އޮންނަ އިރު ހެދުން ހިއްލާލާހެން ހީވެގެން ހޭލެވޭ ފަހަރުވެސް މަދެއް ނޫނެވެ. ރަޖާ ގަނޑުގެ ދަށުގައި އެއްޗެއް އުޅޭހެން ހީވެގެން ކިތަންމެ ފަހަރަކު ރަޖާގަނޑު އެއްލާވެސް ލެވިއްޖެ އެވެ. އެކަމަކު ރަޒީނާއަށް އެހެން ވާން ޖެހޭނެ ސަބަބެއް ރަޒީނާ އަކަށް ނުވިސްނުނެވެ. އަދިވެސް އޭނާ ގަބޫލު ކުރާ ހިތްވަނީ ކުރެވުނު ކަންތަކާ ދޭތެރޭ ބިރުން ހުންނަ ވަރުން އޭނާއަށް ވާގޮތެއް ކަމަށެވެ.
އިރު އެރުމާއި އެކު ރަޒީނާ ދިއައީ ސައްތާރުބޭގެ ގެއަށެވެ. އެވާހަކަ އަޑު އަހާފައި ސައްތާރުބޭގެ މޫނަށް ވީގޮތުން ރަޒީނާ އިތުރަށް ބިރުގަތެވެ. ސައްތާރުބޭ ބުނި ގޮތުގައި އެއީ ވެގެން ވާނެ ގޮތެއް ނޫނެވެ. އޭނާ ބޭނުންވީ އަވަހަށް ފަޔާޒު ގެންނާށެވެ. ނިހާމެން ގޭގައި އޭތި ވަޅުލީ ފަޔާޒެވެ. ދެން އެކަމަށް ޖަވާބެއް ދެވޭނީ ފަޔާޒަ ށެވެ.
ސައިކޮޅެއް ދޭނަމޭ އަންނާށޭ ބުނާ އިރަށް ވަރަށް ފަސޭހައިން ފަޔާޒު އެގެއަށް އަތުވެއްޖެ އެވެ.
"މަދިން އެތި ކަލޭ ގެންގޮސް ވަޅުލީންދޯ!"
ސައްތާރުބޭ އެހުމުން ފަޔާޒު ޖަވާބު ނުދީ މަޑުކޮށްލި އެވެ. ސައްތާރު ބޭއަށް ވިސްނިއްޖެ އެވެ. ފަޔާޒު އަތަށް އޭތި ދެމުން، އެއްވެސް މީހަކަށް އެވާހަކަ އެނގިއްޖެއްޔާ އެކަން ޖެހޭނީ ފަޔާޒަށް ކަމަށް ބުނެ ސައްތާރުބޭ ވަނީ ބިރު ދައްކާފައެވެ. އެއީ ރަޒީނާ ބުނެގެން ސައްތާރުބޭ ބުނި އެއްޗެކެވެ. ރަޒީނާ ބުނި ގޮތަށް ފަޔާޒު ހައްދާލައިގެން އެކަން ކޮށްލެވުނީ ފަޔާޒަކީ މާ ބޯ ހަމަޖެހޭ ކުއްޖަކަށް ނުވީތީ އެވެ. އެހެންނަމަވެސް އެ ސޮރު ބިރުގެންފައިވާ ވަރުން ސައްތާރުބޭ އެދުވަހު ބުނި އެއްޗެއް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.
"ބުނޭ.. ރަޒީނާ އަށް އެނގުނަސް މައްސަލައެއް ނޫން!"
ސައްތާރުބޭ ފަޔާޒުގެ ބުރަކަށީގައި ޖަހާލަމުން ހިނިތުން ވެލިއެވެ.
"ވަޅުލިން!"
ނުސީދާ ގޮތަކަށް ރަޒީނާ އަށް ބަލާލަމުން އޭނާ ބުންޏެވެ. އެވާހަކަ ދައްކަން ފަޔާޒު އިނީ ޖެހިލުންވެފަ އެވެ. ރަޒީނާގެ ފަރާތުން އެވާހަކަ ބޭރު ވިއަސް އޭނާއަށް އެކަން ލައިގަނެދާނެހެން އޭނާއަށް ހީވާ ކަހަލަ އެވެ.
"ކޮންތާކު ވަޅުލީ؟"
ރަޒީނާ އަވަސް އަވަހަށް ސުވާލު ކުރި އެވެ.
" ސައްތާރުބޭ ވަޅުލާށޭ ބުނީ އަޝްރަފްމެންގެ ގޭގަ އެއްނު! އެ ގޭގަ ވަޅުލީ!"
ރަޒީނާއާ އެކު ސައްތާރުބޭވެސް ހިތް ހަމަ ޖެހުމުގެ ނޭވާއެއް ބޭރަށް ދޫކޮށްލިއެވެ.
"ދޮންކަލޯ ހާދަ ރަނގަޅޭ"
ރަޒީނާ ވި އުފަލުން ދަބަހުން ސަތޭކަ ރުފިޔާ ނަގާ ފަޔާޒަށް ދިއްކޮށްލި އެވެ. ހިނގާދިއަ ކަންތައްތަކަކީ ރަޒީނާގެ ވަހުމު އެކެވެ. ޙަޤީޤަތެއް ނޫން ކަން މިހާރު ޔަގީން ވެއްޖެ އެވެ. ސައްތާރުބޭ އެއްޗެއް ލިއެލާފައި އޭނާގެ އުނަގަނޑުގައި އަޅުވާލަނިކޮށް އެކަން ނިމިދާނެ އެވެ.
"މިވާހަކަ އެކަކު ކައިރީވެސް ނުދައްކަތި.. ދެން ދޭ!"
ރަޒީނާ ބޭނުންވީ ދެން އިތުރަށް ކުރަންވާ ކަމެއްގެ ވާހަކައާއިގެން ކުރިއަށް ދާށެވެ. އެވާހަކަ ދެއްކޭނީ ފަޔާޒު ދިއައީމަ އެވެ.
"ރަޒީ ދައްތާ.. އަޝްރަފް މިހާރަކު ނުފެނޭ.. އޭނަ ކޮބާތަ؟"
ރަޒީނާ ބަލާލިއިރު ފަޔާޒު ރަޒީނާއާ ދިމާއަށް ބަލަހައްޓައިގެން ވަރަށް ހިނިއައިސްފައި ހުއްޓެވެ. ކިރިޔާ އަނގައިން ބުނެލާ އިރަށް މި ސޭކު ކުއްޖާގަނޑު ބޭކާރު އަނގަތަޅުވަން ފެށީ އެވެ. ރަޒީނާ ހުރީ އޭނަ އެތަނުން އަވަހަށް ނުގޮސްގެން ނެވެ.
"ނޭގެ!"
ރުންކުރު ގޮތަކަށް އެހެން ބުނެފައި ރަޒީނާ ސައްތާރުބެއާ ދިމާއަށް އެނބުރުނެވެ.
"ކީއްވެ ނޭގެންވީ، އޭނަ އުޅެނީ ތި ގޭގައެއް ނުން!"
އެއަޑު އިވިފައި ރަޒީނާގެ މޫނު މަތީގައި ހީވީ ބާރު އެތިފަހަރެއް ޖަހާލެވުނު ހެންނެވެ. އޭނާގެ ވަށައިގެން ދުނިޔެ އެނބުރިގަތީ ބާރު ސްޕީޑެއްގަ އެވެ! އިށީންދެ އިން ގޮނޑިއާ އެކު މީހާ ތުރުތުރު އަޅައިގެން ދިއައެވެ. ސައްތާރު ބޭވެސް ހުއްޓުން އަރާފައި އިނީ އަނގަ ހުޅުވިފަ އެވެ.
ފަޔާޒު އެބުނީ ކީކޭ ހެއްޔެވެ!
(ނުނިމޭ)