ގަޑިން 30 :23 ވެ ބޮޑު ވެއްޖެއެވެ. ނުތަނަވަސް ކަމާއެކު ކޮންމެ މީހަކު ވެސް މިނެޓްތައް ގުނަމުން ދަނީއެވެ. އެންމެން އިންތިޒާރު ކުރަމުން ދިއަ ވަގުތު އައިސް ޖެހެނީއެވެ. ހަލަބޮލި މާލޭގެ ރީތި ބީޗް ތަކަށާ އެކި ހިސާބު ތަކުގައި ވާ ޕާކު ތަކަށް، އެކި އުމުރުގެ މީހުން ޖަމާ ވަމުން ދަނީއެވެ. ކޮންމެވެސް ހާއްސަ މީހަކާ އެކު ހާއްސަރޭގެ ހާއްސަ ވަގުތު ކޮޅު ހިއްސާ ކޮށްލުމަށްޓަކައެވެ.

އަލިފާނުގެ ކުޅިވަރާ ފެނުގެ ކުޅިވަރު ބަލައިލުމަށް ޓަކައެވެ. އާއަހަރުގެ އުފަލުގައި ބައިވެރި ވުމަށްޓަކައެވެ. 2050 ވަނަ އަހަރަށް ދުނިޔެ ކުރިމަތިލަނީއެވެ. އާ އުއްމީދު ތަކަކާ އެކުގައެވެ. އާ ހުވަފެން ތަކަކާ ވައުދު ތަކަކާ އެކުގައެވެ. 
ވޭތުވެ ދިއަ 30 ހަކަށް އަހަރުގެ ތެރޭގައި ހީނުކުރާ ފަދަ ބޮޑު ތަރައްގީއެއް ހޯދާފައިވާ މި ރީތި ކުޑަކުޑަ ރާއްޖޭގެ އާދަކާދަ ތަކާ ސަގާފަތަށް ވެސް ވަނީ ބޮޑުބަދަލެއް އައިސްފައެވެ. ހުޅަނގުގެ އާދަކާދަތަކަށް ލޯބިކުރާ ގިނަބައަކު މިތަނުގައި ތިބިއިރު މިއީ ނުވެނުދާނެ ގޮތެކެވެ. ކުރީގައި ދިވެހިން ގެންގުޅުނު ދުވަސްވީ އާދަކާދަތައް މިހާރުވަނީ ބާވެފައެވެ. 

އެއީ "ކަޓު" ޒަމާނުގެ އާދަކާދައެވެ. ކުރީގައި ދިވެހިން ބޭނުން ކުރި ފަށުވި ދިވެހި ބަސް މިހާރު ވަނީ" މޮޑިފައި" ވެފައެވެ. ޒަމާނީ ގޮތަށެވެ. މިހާރު ވާހަކަ ދެއްކުމުގައި ގިނައީ އިނގިރޭސި ބަހެވެ. ދިވެހި ބަސް އުފެދިގެން އައީވެސް އެހެން ބަސްތަކެއް އެކުވެގެން ކަމަށް ބުނާއިރު، ދިވެހި ބަސް އަލުން ފަހުގެ ގޮތަކަށް ބަދަލު ކުރުމުން އޮތީ ކޮން ގޯހެއް ހެއްޔެވެ!. މިއީ ގިނަބަޔަކު މިހާރު ދެކޭގޮތެވެ. 

މިރޭވެސް އެހެން ހިސާބު ތަކަށް އެއްވެފައިވާ މީހުންނަށް ވުރެ މާލޭގެ އިރުމަތީ ފަރާތު އަތިރިމަތީގައިވާ ހުސްބިމަށް އެއްވެފައިވާ މީހުންގެ އަދަދު ގިނައެވެ. އެތަނަކީ ޒަމާނުއްސުރެ ބޮޑެތި އެއްވުންތައް ބާއްވަމުންދާ ހިސާބެކެވެ. އެއީ ކުރީގެ ނަމުންނަމަ އާޓިފިޝަލް ބީޗް ސަރަހައްދެވެ. އެހެންނަމަވެސް މިހާރު އެތަން ފެންނަނީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. އެސަރަހައްދު ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޮޑުކޮށްލާފައެވެ. ފެނުގެ ކުޅިވަރު ކުޅޭ ތަންތަނާ ތީމްޕާކްގެ އިތުރުން ދުނިޔޭގެ ނަންމަޝްހޫރު ބްރޭންޑްތަކުގެ ރެސްޓޯރެންޓްތަކާ ފުޑްކޯޓްތަކާ ސިނަމާތަކުން މުޅި ސަރަހައްދު ވަނީ ފަޅުފިލުވައިލެވިފައެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން މާލެ ދުށްމީހަކު، އެއީ މާލޭގެ ހިސާބުގަނޑެކޭ ނުބުނާ ފެންވަރަށް އެތަންވަނީ ތަރައްގީ ވެފައެވެ. އެސަރަހައްދުގެ ހުސްބިމުގައި ހުރި ސްޓޭޖްގައި މިރޭގެ ހާއްސަ މިއުޒިކު ޝޯ ކުރިއަށް ދަނީއެވެ. ޝޯގެ ފޯރިގަދަ މިއުޒިކަށް މަޖާނަގާ ފޫހިފިލުވަމުން ދިއަ ދެ ޖިންސްގެ ޒުވާނުން ވެސް އިންތިޒާރު ކުރަމުން ދިއައީ މިރޭގެ ބާރަގަޑި ސުންސިކުންތަށެވެ. އެއީ އެސަރަހައްދުން ކަރަންޓު ކަޑާލާ ވަގުތެވެ. 2050 ވަނަ އަހަރުގެ ފެށުން ފާހަގަ ކުރާ ތާރީހީ ވަގުތު ކޮޅެވެ. 

ދިވެހިންނަކީ އާންމުކޮށް ދުރު މުސްތަގުބަލަކާ ދޭތެރޭ ވިސްނާ ބަޔަކަށް ނުވެދާނެއެވެ. ގިނަ ބަޔަކު މިރޭގެ އެވަގުތު ކޮޅާ ދޭތެރޭ ވިސްނަމުން އެދަނީ މުސްތަގުބަލާ ދޭތެރޭ މާބޮޑުވިސްނުމެއް އޮވެގެން ނޫނެވެ. އެ މަޖަލުގައި ބައިވެރިވެލުމުގެ ގޮތުންނެވެ. މުޅި ދުނިޔެ ފާހަގަ ކުރާ މިފަދަ ކޮންމެ ވަގުތެއް ކޮންމެ ހާއްސަ ދުވަހެއް މޮޅު، އާ ގޮތަކަށް ފާހަގަ ކުރުމަކީ މިހާރު އަހަރުމެން ދިވެހީންގެ ވެސް ސްޓައިލެވެ. އެހެން ނަމަވެސް މިއިން ކޮންމެ ކަމަކާ ދޭތެރޭ ފުން ކޮށް ވިސްނާ މުޅީން އާ އަޒުމަކާ އެކީ މުސްތަގުބަލާ ކުރިމަތިލާ މީހުންވެސް އެބަތިއްބެވެ. އަދި ބޭކާރުކޮށްލެވުނު މާޒީގެ ދުވަސް ތަކުން ހާސިލްވި އިބުރަތާ ދޭތެރޭ ހިތާމަކުރަމުންދާ މީހުންވެސް އެބަތިއްބެވެ. 

ރޭގެ ހާއްސަ ކަމުގެ ސަބަބުން ހަލަބޮލި ވެފައިވާ މިމާހައުލުގައި ވެސް ހަމަހިމޭން ވަގުތު ތަކެއް ގުނަމުންދާ އިންސާނަކު އެބައިނެވެ. ތަންކޮޅެއް ދުރުގައި ހުރި އަނދިރި ހިސާބެއް ގައި މަޑުމައިތިރި ކަމާއެކު އިށީނދެލައިގެން އަޝްރަފްއިނެވެ. ކަޅި ޖަހާނުލާ ނިހާގެ މޫނަށް ބަލާށެވެ. 

އެތަނުގައި ކިތަންމެ އަޑުގަދަވެފައި ފޯރިގަދަ ނަމަވެސް އެއިން އެއްވެސް އަޑެއް އަޝްރަފަށް އިވޭހެނެއް ހިއެއްނުވެއެވެ. އަދި އެއިން އެއްވެސް ކަމެއް ނިހާއަށް ވެސް އިހުސާސް ވާހެނެއް ހިއެއް ނުވެއެވެ. އަޝްރަފް އިނީ ނިހާގެ ކުރިމަތީގައި އިށީނދެލައިގެންނެވެ. ލޯބިވާ ނިހާގެ މޫނަށް ބަލާށެވެ. އެހެން ނަމަވެސް ނިހާ އަޝްރަފަށް ވެސް ސަމާލުކަން ދޭހެނެއް ހިއެއްނުވެއެވެ. އޭނާއިނީ އަޝްރަފަށް ބަލާކަށް ނޫނެވެ. އޭނާގެ ނަޒަރުވަނީ އަޝްރަފާ ދުރަށް މާދުރަށް ހުއްޓިފައެވެ. އެހެން ނަމަވެސް އޭނާ އެއްވެސް އެއްޗަކަށް ފުންކޮށް ބަލާހެނެއް ހިއެއްނުވެއެވެ. އަދި އެއްވެސް އެއްޗެއް ވިސްނާ ހެނެއް ވެސް ހިއެއް ނުވެއެވެ. އޭނާ ހަމަ އެއިން ގޮތަށް އިނީއެވެ. ގުޑިވެސް ނުލައެވެ. ހަރަކާތެއް ވެސް ނެތިފައެވެ. އަޝްރަފް ވެސް ހަމަ އެއިން ގޮތަށް އިނީއެވެ. އަނގައިން ވެސް ނުބުނެއެވެ. 

މިރޭގެ މި މާހައުލުން މިދެމީހުން ފެންނަ ކޮންމެ މީހަކު ހައިރާން ވާނެއެވެ. މިފަދަ ހަލަބޮލި ތަނެއްގައި މިގަޑީގައި މިދެމީހުން މި ކުރަނީ ކީއްބާވައޭ، ކޮންމެ މީހަކުވެސް ހިތަން އަރާނެއެވެ. މި ކުލަގަދަ މާހައުލުން އަނދިރި ހިސާބެއް ހޯދައިގެން އެކަހެރިވެ އެގޮތަށް ހަމަ ހިމޭންވެ ހަރަކާތެއް ވެސް ނެތިފައި ތިބޭނީ ބޯ ހަމަ ނުޖެހޭ ބައެކެވެ. ނުވަތަ ދުނިޔެ މަތީން މާޔޫސް ވެފައިވާ ބައެކެވެ. 

އެތަނަށް އައިސް ތިބި އެހެން އެންމެނާ އަޝްރަފްގެ އަމަލު ތައް ތަފާތު ނަމަވެސް ހަމަ އެމީހުންނެކޭ ވެސް އެއްފަދައިން އަޝްރަފް ވެސް އެ އިންތިޒާރު ކުރަނީ އެ ވަގުތު ކޮޅަށެވެ. މިރޭގެ 12.00 ސުންސިކުންތަށެވެ.

" 55 .... 56.....57..... " އެންމެން އެއްއަޑަކުން ކިޔާއަޑު އިވެން ފަށައިފިއެވެ. އެ އިވެނީ މިއަހަރުގެ އެންމެ ފަހު ސިކުންތު ކޮޅު ގުނާ އަޑެވެ. ޖެހިގެން އައި ތިން ސިކުންތަށް ފަހު މުޅި ހިސާބުން ކަރަންޓު ދުއްވާލައިފިއެވެ. އެއާއެކު ދެން އިވުނީ އެންމެންގެ ހަޅޭކުގެ އަޑެވެ. އެއީ އުފާ ފާޅުކުރާ އަޑެވެ! 

ކަނު އަނދިރީގެ ތެރޭން އުއްބައްތިއެއްގެ އަލިކަން ފާޅުވާން ފަށައިފިއެވެ. އަޝްރަފް އުއްބައްތި އުފުލާލައި ނިހާގެ މޫނާ ގާތް ކޮށްލިއެވެ. ނިހާގެ މޫނުމަތި ރީތިކޮށް ފެންނަ ހިސާބަށެވެ. މިލާ މޯޅިވެފައިވާ ނިހާގެ މޫނު އެވަގުތު ފެނުމުން އަޝްރަފްގެ ލޮލުގެތެރެއަށް ކަރުނަ ގިނަވެގެން ދިއައެވެ. އަޝްރަފް އޭނާގެ އައިނު ނަގައި ލޮލުގައި އަޅައިލިއެވެ. އަދިވެސް ސާފުކޮށް ނިހާގެ މޫނު ބަލައިލުމަށްޓަކައެވެ. ދުވަސްވުމުގެ ސަބަބުން މިހާރު ބޮޑު ތަފާތެއް އައިސްފައިވީ ނަމަވެސް އެއީ ހަމަ އެ މޫނެވެ. މީގެ އަހަރު ތަކެއްގެ ކުރިން އުފާވެރިކަމާ އުޖާލާކަން ފާޅުވަމުން ދިޔަ އެމޫނެވެ. ލޮލުގެ އެސްފިޔަކޮޅު މަދުވެ ބޮނޑިމަތީގެ ހަންކޮޅު ލޯމައްޗަށް ވެއްޓިފައި ވުމުގެ ސަބަބުން ލޮލުގެ ސިފަޔަށް ބޮޑު ބަދަލެއް އައިސް ފައިވީނަމަވެސް އެއީ ހަމަ އެދެލޮލެވެ. އަޝްރަފްއާ އެކު ފޮނި ހުވަފެންތަކެއް ދެކެމުން ދިއަ އެ ދެލޮލެވެ. 

ބަލިވެ، ދުވަސްވުމުގެ ސަބަބުން ހަންގަނޑު ދޫވެ ވަށައިގެން ކުދި ރޫތަކެއް ފެންނަން ހުރިނަމަވެސް އެއީ ހަމަ އެ ތުންފަތެވެ. މީގެ ފަންސާހަކަށް އަހަރު ކުރިން އެ ހިތްގައިމު ހިނިތުންވުމުގެ ޖާދޫގައި އަޝްރަފް ޖައްސުވާލި އެ އަސަރުގަދަ ތުންފަތެވެ. 

"ނިހާ!" އަޝްރަފްގެ އަޑު އިވުނުހެން ހީވިއެވެ. އެއީ ވަރަށް މަޑުމަޑުން ގޮވާލި ގޮވާލުމެކެވެ. އެއަޑުގައި ވަނީ މާޔޫސީގެ އަސަރެވެ. ކެތް ނުކުރެވޭ ފަދަ ވޭނެވެ. 

"ނިހާ!" އަޑަށް ބާރުލާން މަސަތްކަތް ކުރަމުން ވަރަށް އުނދަގުލުން އަޝްރަފް އަނެއްކާ ވެސް ނިހާއަށް ގޮވާލިއެވެ. 
އަޝްރަފްގެ އަޑު ނިހާއަށް އިވޭހެނެއް ހިއެއް ނުވެއެވެ. ނިހާ ހަމަ އެއިން ގޮތަށް އިނީއެވެ. ދުރު ބަލާށެވެ. ކުރިން ވެސް ހަމަ އިން ގޮތަށެވެ. އޭނާއަށް އަޑު ނީވޭތާގައި އެއްވެސް އެއްޗެއް އިހުސާސް ވާހެން ވެސް ހިއެއް ނުވެއެވެ. 
އަޝްރަފް ނިހާ އާ ގާތަށް ޖެހިލިއެވެ. 

"ނިހާ...! ހަނދާން އެބަހުރިތަ މިތަން....!"
އަޝްރަފް ނިހާއާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. 
"މީ އޭރުގެ.... އާރޓިފިޝަލް ބީޗް!" 

އަޝްރަފްގެ އަޑުގައި ވަނީ މަޑުމަޑު ތުރުތުރުލުމެކެވެ. އެއީ އޭނާއަށް ކުރަމުންދާ އަސަރު ތަކުގެ ސަބަބުން ކަމެއް ނޫނީ އޭނާގެ އުމުރުގެ ގޮތުން އަޑަށް އައިސްފައިވާ ބަދަލެއް ކަމެއް ބުނާކަށް ނޭނގެއެވެ. 

"މީގެ ބަރާބަރު 43 އަހަރު ކުރިން އަހަރުމެން މިތަނުން ބައްދަލު ކުރި ހަނދާންވޭތަ ނިހާ...! "
އަޝްރަފް ކަޅި ޖަހައިނުލައި ނިހާގެ މޫނަށް ބަލަމުން ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުގައިވަނީ އާދޭހުގެ އަސަރެވެ. 
"އެއީ 2007 ވަނަ އަހަރުގެ ފުރަތަމަ ވަގުތުކޮޅު..... އޭރު ނިހާގެ އުމުރުން އެންމެ 20 އަހަރު... "

އެހާހިސާބަށް ބުނުމާއެކު އަޝްރަފް ވާހަކަ ދެއްކުން ހުއްޓައިލިއެވެ. އޭނާއަށް ކެތް ނުކުރެވޭ ފަދަ އަސަރެއް ކުރީއެވެ. އޭނާގެ މޭގެތެރޭގައި ހިނގަމުން އެދާ ވޭނީ އަސަރުތައް ބޭރުވިޔަ ނުދީ ކޮންޓްރޯލް ކުރަން އެކުރާ މަސަތްކަތް ނާކާމިޔާބު ވެދާނެހެން އޭނާއަށް ހީވިއެވެ. 

އަޝްރަފް އިސްޖަހާލައިގެން އިރުކޮޅަކު އިނެވެ. ދެން އޭނާ އުއްބައްތި ތިރިއަށް ޖައްސާލުމަށް ފަހު އެއަށް ފުމެލިއެވެ. މިހާރު ކަރަންޓް އައިތާވެސް ކިތަންމެ އިރެކެވެ. އޭނާއަށް އެކަންވެސް އިހުސާސް ކުރެވުނީ އަދިކިރިޔާއެވެ. ތަންކޮޅެއް ދުރުން މީހުންގަނޑު ފޯރިނަގާ އަޑު އޭނާއަށް މިހާރު އެބައިވެއެވެ. ބަޑިބޭހުގެ ކުޅިވަރު ކުރިއަށްދާ އަޑުވެސް އެބައިވެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކީ އޭނާއަށް މިހާރު މުހިންމު ކަމެއް ނޫނެވެ. އޭނާއަށްޓަކައި މިދުނިޔޭގައި ވަނީ ހަމައެކަނި ނިހާއެވެ. އޭނާގެ ލޯބިވާ އަންހެނުން ނިހާއެވެ!

އަނެއްކާވެސް އޭނާ އިސްއުފުލައި ނިހާގެ މޫނަށް ބަލައިލިއެވެ. ހަރަކާތެއް ނެތި ހަމަ އެއިން ގޮތަށް ނިހާ އިނީއެވެ. އަޝްރަފް އަށް އެއީ މިހާރު އާ ކަމެއް ވެސް ނޫނެވެ. އަޝްރަފް ކިތަންމެ ވާހަކައެއް ދެއްކިއަސް އެއިން އެއްވެސް ވާހަކައަކަށް ނިހާ އިޖާބައެއް ނުދޭނެއެވެ. އެހެން ނަމަވެސް، އެހެން ކިތަންމެ ޒަމާނެއް ވިއަސް އަޝްރަފް އޭނާގެ އެ މަސަތްކަތް ހުއްޓައެއް ނުލާނެއެވެ. އޭނާގެ އެހިތްވަރަކަށް ބަދަލެއް ނާންނާނެ އެވެ. އޭނާ ފޫއްސެއް ވެސް ނުވާނެއެވެ. އަދި ވަރުބައްޔެއް ވެސް ނުވާނެއެވެ. 

އަޝްރަފް ނިހާގެ އަތްތިލައިގައި ހިފަހައްޓައިލިއެވެ. ހިކި އަނަރޫފަވެފައިވާ އެއަތްތިލައިގައި މިއަދު އެއްވެސް ދިރުމެއްނެތް ކަހަލައެވެ. އިސް ދަށަށް ޖަހާލަމުން އަޝްރަފް ނިހާގެ ފިނިވެފައިވާ އަތްތިލަ އޭނާގެ ނިއްކުރީގައި ޖައްސާލިއެވެ. 

"އެ ދަތުރަކީ އަހަރުމެން ރަށު ކުދީން ކޮޅަކާ އެކީ މާލެއަށް ބާޒާރު ކޮށްލަން އައި ދަތުރެއްދޯ!.....އެރޭ... އަހަރުމެން ދެމީހުން ރައްޓެހިންނަށް ފިލައިގެން ދޯ މިތަނަށް އައީ....! އެރޭގެ ބަރާބަރު ބާރަގަޑި ސުންސިކުންތުގަ އަހަރެން ނިހާއަށް ލޯބި ހުށަހެޅީ.... ހަނދާން އެބަހުރިތަ.....! ނިހާ...!" 

އަޝްރަފް ނިހާގެ ރޫޖެހިފައިވާ އަތްތިލަ އޭނާގެ ތުންފަތުގައި ޖައްސައިލިއެވެ.
"މިތާގަ ސިމެންތިން ހަދާފަ ހުރި ވައް އައްޓެއްގެ މަތީ އަހަރުމެން ތިބީ..... ފަނުން ހަދާފަ ހުރި ކުޑައެއްގެ ދަށުގަ..... ހަނދާން އެބަހުރިތަ....! އަހަރެން ހަނދާން އެބަހުރި ނިހާ....! ވަރަށް ރަނގަޅަށް ހަނދާން އެބަހުރި.... ވޭތުވެގެން މިދިއަ 42 އަހަރު ދުވަސްތެރޭ.... ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެން އެދުވަސް ހަނދާން ކުރަން.... އެވާހަކަތައް ހަނދާން ކުރަން.... އަދި އެކަމާ ހިތާމަކުރަން....!"

މިހާރު އަޝްރަފްގެ އަޑު ވަނީ ކުރެހިފައެވެ. އޭނާއަށް ކުރަމުން ދިއަ އިހުސާސެއްގެ ސަބަބުންނެވެ...
" އަހަރެން އެރޭ ބުނިން.... ދުވަހަކުވެސް އަހަރެން ނިހާއާ ވަތްކެއް ނުވާނަމޭ.... ވައުދުވީން.... ދުވަހަކުވެސް ނިހާއަށް ދެރަގޮތެއް ނަހަދަން..... ހިތުގަ ނުޖައްސަން.....! އަހަންނަށް މާފްކުރޭ ނިހާ.... އަހްނަނަށް މާފްކުރޭ.....!"
އަޝްރަފް އަށް ބުނެވުނީ އެހާ ހިސާބަށެވެ، އޭނާ ނިހާގެ އަތްތިލަ އޭނާގެ ދެލޮލުގައި ޖައްސާ ބާރުކޮށްލިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި މިހާރު އެދެލޮލުން އޮހޮރެމުން އެދާ ހޫނު ކަރުނަ ތިކި ތަކުގެ ސަބަބުން ވިއަސް ނިހާއަށް ތަފާތު އަސަރެއް ކުރޭތޯއެވެ. ނިހާ ހަރަކާތެއް ކުރޭތޯއެވެ. އަޝްރަފާ ދިމާއަށް އެންމެ ފަހަރަކު ނަމަވެސް އެބުރިލާތޯއެވެ. ބަލާލާތޯއެވެ! 

އިރުކޮޅަކު އެހެން އިނުމަށް ފަހު އަޝްރަފް ނިހާއަށް ބަލައިލިއެވެ. އޭނާއަށް އެއްޗެއް ހީވެގެންނެވެ. ނިހާގެ ހަށިގަޑު ތުރުތުރު އަޅަނީއެވެ. ވަރަށް ބޮޑަށެވެ.

"ނިހާ!"

"ނިހާ.... ކިހިނެއްވީ.... ނިހާ....!" ބިރުގަންނަ ވަރަށް ނިހާ އެބަތުރުތުރު އަޅައެވެ. އަޝްރަފް ވަރަށް ހާސްވެއްޖެއެވެ. އޭނާ އަވަސް އަވަހަށް ދަބަހުން ފޮތިގަނޑެއް ނަގައި ނިހާގެ ކޮޑުމަތީގައި އަޅައިދިނުމަށްފަހު ނިހާ އިށީނދެއިން ފުރޮޅުލީގޮޑި ހިފައިގެން ވަރަށް ބާރަށް ކުރިއަށް ހިނގައިގަތެވެ. 

އިރުއެރުމާ ގާތްވެއްޖެއެވެ. މިހާރު ރަށުތެރެ ވެސް ވަނީ ހަމަ ހިމޭންވެފައެވެ. އާއަހަރު ފާހަގަ ކުރަން ހޭލާތިބި މީހުންވެސް މިހާރުތިބީ އަރާމު ތަންމަތި ތަކުގައި ނިދާފައެވެ. އެހެން ނަމަވެސް ބައެއް މީހުންނަކީ ކުރާ މަސައްކަތުގެ ގޮތުންނާ އަދާކުރާ ވަޒީފާގެ ގޮތުން މާބޮޑު މިނިވަން ކަމެއް ލިބިފައި ނުވާ މީހުންނެވެ. އިޝާއަކީ ޒިންމާދާރު ޑޮކްޓަރެކެވެ.

ޑޮކްޓަރ ނިޝާންގެ ފޯނު ކޯލެއް އޭނާއަށް ލިބުނީ ގަޑިއެއްހާއިރު ކުރީންނެވެ. ވަރަށް އަވަހަށް ހޮސްޕިޓަލަށް އައުމަށް ނިޝާން އެދުނެވެ. ނިޝާން ބުނީ "އަރޖެންޓް" ކަމަށެވެ. އިތުރު އެއްޗެއް ވެސް ނުބުނެއެވެ. އެހެން ކަމާއެކު މިހާރު އިޝާގެ ކާރު މިސްރާބު ޖަހާފައި އެވަނީ އެދިމާއަށެވެ. ހުޅުމާލެއާ މާލެއާ ގުޅާލެވިފަވާ ފާލަމުން މާލެއާ ދިމާއަށް އޭނާ ދުއްވަމުން ދިއައެވެ. 

ހޮސްޕިޓަލްގެ ކްރިޓިކަލް ކެއަރ ޔުނިޓްގައި އެޑްމިޓް ކޮށްފައިވާ ނިހާގެ އަތްތިލައިގައި ހިފަހައްޓާލައިގެން ފެންކަޅިވެފައި ނިހާގެ މޫނަށް ބަލަން އަޝްރަފް އިނެވެ. މިހާރު ނިހާގެ ހާލު ވަރަށް ބޮޑެވެ. ޑޮކްޓަރުން ސީދާ ވަކި އެއްޗެއް ނުބުނި ނަމަވެސް ކަމުގެ ބޮޑުކަން މިހާރު އަޝްރަފަށް ވެސް އިހުސާސް އެބަ ކުރެވެއެވެ. އުމުރުން 70 އަހަރާ ގާތްވެފައިވާ މީހެއް ނަމަވެސް އަޝްރަފް އަކީވެސް ކޮންމެވެސް ވަރަކަށް ކިޔަވައިގެން ހުރި މީހެކެވެ. މީހަކު ކިޔައި ނުދިނަސް ކަންތައް ވަމުންދާ ގޮތް އޭނާއަށް ވެސް ފެނެއެވެ. އިނގެއެވެ. 

ކްރިޓިކަލް ކެއަރ ޔުނިޓްއަކީ އާންމުކޮށް ބަލިމީހުންގެ އެހީތެރީންނަށް ވަދެވޭ ތަނެއް ވެސް ނޫނެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން މިއަދު އަޝްރަފަށް އެފުރުސަތު ދީފައިވާ ސަބަބެއް ވެސް އޮންނާނެއެވެ. މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ސުވާލެއް ވެސް ކުރާކަށް އަޝްރަފް މިއަދު ބޭނުމެއް ނޫނެވެ. އަޝްރަފް ހަމަ އެއިން ގޮތަށް ނިހާގެ މެރިފައިވާ ދެލޮލަށް ބަލަން އިނީއެވެ. 

މިމަންޒަރު ބަލަން ބިއްލޫރިގަނޑުގެ އަނެއް ފަރާތުގައި ޑޮކްޓަރ ނިޝާން ހުއްޓެވެ. އޭނާ އެ އިންތިޒާރު ކުރަނީ އިޝާއަށެވެ. 

"ޔެސް... ޑޮކްޓަރ ނިޝާން! " 
ނިޝާން ގެ ފުރަގަހަށް ހުއްޓެމުން އިޝާ މަޑުމަޑުން ބުނެލިއެވެ. ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ވެސް ވަނީ ބޮޑުވެފައެވެ. 

"އުމުރުގެ ފަހު ވަގުތުތައް މިހާރު އެގުނަނީ.....42 އަހަރު ވެއްޖެ އެގޮތަށް ބަލިމީހެއްގެ ގޮތުގަ، ވާހަކަ ނުދެއްކޭ.... އިހުސާސެއް ނުކުރެވޭ މީހެއްގެ ގޮތުގަ."

ކުރިމަތީގައި ހުރި އެނދުގައި އޮތް ހާލުބޮޑު ބަލިމީހާއާ ދިމާއަށް ބަލަން ހުރެ ނިޝާން ވާހަކަ ފެށިއެވެ. އިޝާވެސް ނިހާއާ ދިމާއަށް ބަލައިލިއެވެ. މިއަދުގެ މި ގަޑީގައި "އަރޖެންޓް" ކަމަށް ބުނެ އިޝާ އެހާ ހިސާބަށް ގެނެސްފައި އެވާހަކަ ދައްކަން ނިޝާން ބޭނުންވި ސަބަބެއް އިޝާ އަކަށް އަދި ނުވިސްނެއެވެ. 

" އަޅުގަނޑަށް ކޮށްދެވޭނެ ކަމެއް އެބޮތް؟ "

ނިހާ އަހައިލިއެވެ. ނިޝާން ވާހަކަ ދައްކާގޮތުން އިޝާއަށް ހީވަނީ އެއީ ނިޝާން ގެ ގާތް ބައެއް ހެންނެވެ. 
ނިޝާން އިޝާގެ ސުވާލަކަށް ޖަވާބެއް ނުދެއެވެ. އޭނާ އެއަށް ވުރެ މުހިންމުކަން ދިނީ އިޝާއަށް އެއްޗެއް ބުނެދޭށެވެ.
ނިޝާން ނިހާއަށާ އަޝްރަފަށް ބަލަން ހުރެ އޭނާގެ ވާހަކަ ކުރިއަށް ގެންދިއައެވެ.

"އަނބިމީހާގެ ހިދުމަތުގަ ފޫހިކަމެއް، ވަރުބަލި ކަމެއް ނެތި ފިރިމީހާގެ ދުވަސްތައް ގުނަމުން ދާތާ 42 
އަހަރުވީ.....އަދިވެސް....އަދިވެސް އުއްމީދު ކަނޑާ ނުލާ..... އަދިވެސް އެއިންނަނީ އިންތިޒާރުގަ.... އަނބިމީހާ ލޯހުޅުވާލާނެ ވަގުތަކަށް..... އަނގައިން ބުނެފާނެ ވަގުތަކަށް..... އޭނަ ދައްކާ ވާހަކަ އަޑުއަހާލާނެ ވަގުތަކަށް......! އޭނަ ބުނަމުން ދަނީ..... ލޯ ހުޅުވާލަ ބަލާށޭ...... އަނގައިން ބުނެބަލާށޭ..... އަހަރެން ދައްކާވާހަކަ އަޑުއަހާލަ ބަލާށޭ... އަހަންނަށް މާފް ކުރާށޭ.....!" 

ނިޝާން ވާހަކަ ދެއްކި ގޮތުން މިހާރު އިޝާއަށް އެހެން އެއްޗެއް ހީވަން ފަށައިފިއެވެ. އޭނާ އިޝާއަށް އެވާހަކަ ކިޔައިދޭން ޖެހޭ ސަބަބެއް އޮންނާނެއެވެ. އެޔެއް އޮޅުން ފިލުވަން އިޝާ ބޭނުންވިއެވެ. 
"މީ ކޮންބައެއް.....؟ އަޅުގަނޑަށް ތިވާހަކަތައް ތި ކިޔައިދެނީ ކީއްވެ؟"
އިޝާ އެހެން އެހުމުން ޑޮކްޓަރ ނިޝާން އިޝާއާ ދިމާއަށް އެނބުރިލިއެވެ.

"އިޝާގެ ބައްޕަ ބުނެގެން......!"
ޑޮކްޓަރ ނިޝާން ގެ އަޑު އިވިފައި އިޝާ ނިއްކުރިއަށް ރޫއަރުވައިލިއެވެ. އޭނާ އަށް އިތުރަށް ސުވާލު އުފެދުނެވެ. އިޝާ ނުވެސް ދަންނަ ބައެއްގެ ވާހަކަ އިޝާއަށް އެހާ ތަފްސީލްކޮށް ކިޔައިދޭން ބައްޕަ ބޭނުންވި ސަބަބެއް އިޝާއަކަށް ނުވިސްނުނެވެ. އެހެން ނޫނަސް ބައްޕަ އެވާހަކަ އިޝާގާތު ނުދައްކައި ނިޝާން ލައްވައި އެވާހަކަ ދައްކަން ޖެހުނު ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. 

"އަހަރެންނަކަށް ނުވިސްނުނު އެކައްޗެއް ވެސް..... ތީ ކޮންވާހަކައެއް....! އެއީ ކޮންބައެއް....! އެއީ އަހަރެން ކުރީން ދުވަހަކުވެސް ދުށްބައެއް ނޫން.... އަހަރެން ގޭގަ ހުއްޓާ މިތަނަށް ގެނެސްފަ.... ނިޝާން ލައްވާ އެވާހަކަ އަހަންނަށް ކިޔައިދޭން ބައްޕަ ބޭނުންވީ ކީއްވެ....!"

"ވެދާނެ އެމީހުން އިޝާއަށް ދައްކާލަން ބޭނުންވީ ކަމަށްވެސް..... ވެދާނެ މީބައްޕައަށް ދައްކަން މާ ފަސޭހަ ވާހަކައަކަށް ނުވަނީ ކަމަށް ވެސް...." އިޝާގެ ސުވާލު ތަކުގެ ޖަވާބުދޭން ނިޝާން އަށް ވެސް މާ ރަނގަޅަށް އިނގޭހެނެއް ހިއެއް ނުވެއެވެ. 

"ތި ހުރިހާ ވާހަކައެއް އިޝާގެ ބައްޕަ ކައިރީ އަހަންވީނުން....މިހާތަނަށް އިޝާއަށް ނުލިބި ހުރި ހުރިހާ ސުވާލެއްގެ ޖަވާބު އިޝާގެ ބައްޕަ ކައިރިން ހޯދަންވީނުން......." 

ޑޮކްޓަރ ނިޝާން އެބުނީ ރަނގަޅު ވާހަކައެކެވެ. މިހާރު ކަންތައްތައް އެދަނީ މާ މައްޗަށެވެ. ފެސުނީއްސުރެ އޭނާ އެހުންނަނީ އަނދިރި ކަމެއްގެ ތެރޭގައެވެ. ކުޑައިރުއްސުރެ އޭނާ ބައްޕައާ ކުރަން ބޭނުންވާ އެތައް ސުވާލު ތަކެއް އެބަހުއްޓެވެ. މިހާތަނަށް އެއިން އެއްވެސް ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރެއެވެ. އެހެން ނަމަވެސް ދެން ބައްޕައާ ސުވާލު ނުކޮށް އިތުރު އެންމެ ދުވަހަކުވެސް އޭނާ ހުންނަން ވެއްޖެއްޔާ އޭނާ މޮޔަވެދާނެއެވެ.
(ނުނިމޭ)

ކޮމެންޓް 0