ލަވައިގެ އަޑު އިވުމާއިއެކު، ޒެނިލްގެ ނަޒަރު އިސްޓޭޖަށް ހުއްޓުނެވެ. ޖިލްވާ ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. ޔޯހަން ކުއްލިއަކަށް ޖިލްވާ އާއި ގާތްވެލި އެވެ. އުނަގަނޑުގައި އަތް އަޅުވައި، ގަޔާއި ކައިރިކޮށްލައިފި އެވެ. ޖިލްވާ ހާސްވެގެން ތެޅިގަތެވެ. ދުރުވާން މަސައްކަތް ކުރި އެވެ. ގަދަކަމުން ހިނިތުންވެލައިގެން ހުއްޓަސް، ޔޯހަންގެ އެ އަމަލުން އޭނަގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔަ އެވެ. ކުއްލިއަކަށް ފެނުނީ ޒެނިލް ތެދުވި ތަނެވެ.
********
"ސްޓޮޕް..."
ޒެނިލްގެ އަޑަށް މިޔުޒިކުގެ އަޑު ކެނޑުނެވެ. މުޅި ތަން ހިމޭންވި އެވެ.
"ޔޯހަން!... އައިސްބަލަ..." ޒެނިލް އެދުނެވެ.
ދެބަސްވުމެއްނެތި ޒެނިލްގެ ފަހަތުން ޔޯހަން އިސްޓޭޖާއި ދުރަށް ޖެހިލި އެވެ.
"ޔޯހަންއަށް ވަނީ މަޖާ ކަމަކަށްތަ؟..." ޒެނިލް ނުރުހިފައި ސުވާލު ކުރިއެވެ.
"ކޮން ކަމެއް؟..." އެއްވެސް އަސަރެއް ނެތް ގޮތަކަށް ޔޯހަން ބުންޏެވެ.
"އަހަރެން ވަރަށް ރީތިކޮށް މިބުނަނީ... ކުރަން ހިތުލައިގެން ތިއުޅޭ ކަންތައް ހުއްޓާލާ!..." ޒެނިލް އެދުނެވެ. "ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ..."
ޒެނިލް ހިނގައިގަތެވެ.
"އެއީ ޝިޔޯންއެއް ނޫން..." ޔޯހަންގެ އަޑަށް ޒެނިލްގެ ފިޔަވަޅުތައް ހުއްޓުނެވެ.
"ޝިޔޯން އަދިވެސް ހުރީ ކެނެޑާގަ..." ޔޯހަން އިތުރު ތަފުސީލު ދިނެވެ.
"ވަޓް؟..." ޒެނިލް ދެބުމަ ކައިރިކޮށްލަމުން އިސްޓޭޖުގައި ހުރި ޖިލްވާއަށް ބަލައިލި އެވެ.
"މިއޮތީ ޝިޔޯންގެ ފޮޓޯ..." ޔޯހަން އޭނާގެ ފޯނުން ތަސްވީރެއް ދައްކައިލި އެވެ.
ޒެނިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
"ދެން އެއީ ކާކު؟..." ޖިލްވާއަށް އިޝާރާތް ކުރަމުން ޒެނިލް ސުވާލު ކުރިއެވެ.
ޔޯހަން ދެފަރާތަށް ބޯ ހޫރާލީ ނޭނގެއޭ ބުނާ ފަދައިންނެވެ.
"ވެދާނެ ސްޕައި އަކަށް... މީ ބޮޑު ޤައުމެއް... ތިކަހަލަ ކިތަންމެ ކަމެއް ވާނެ.. ވެދާނެ ދީވާނާއެއް ކަމަށްވެސް... އަންހެން ކުދިންނަނީ ފާޑެއްގެ ބައެއް..." ޔޯހަން ބުންޏެވެ.
ޒެނިލް އިރުކޮޅަކު ވިސްނައިލަން ހުއްޓެވެ. އިސްޓޭޖުމަތީގައި ހުރި ޖިލްވާގެ ހިތް ތެޅިގަތީ، ޒެނިލް އާއި ޔޯހަން އޭނައަށް ބަލަން ތިބިގޮތް ފެނުމުންނެވެ. ޙަޤީޤަތް އެނގިއްޖެކަން އެމީހުންގެ މޫނުމަތީގެ އަސަރުތަކުން ޖިލްވާއަށް އެނގުނެވެ. ޖިލްވާގެ ދެފައި ބިރުން ރޫރޫ އަޅައިގަތެވެ. ފަސްފަހަތަށް ދަމުން ގޮސް، އިސްޓޭޖުގެ ފުރަގަހުން ނުކުމެވެން ހުންނަ ދޮރު ނުކުމެގެން ދުއްވައިގަތެވެ. ޒެނިލްވެސް ދުވެފައި ކަހަލަ ގޮތަކަށް ޖިލްވާގެ ފަހަތުން ދިޔަ އެވެ.
ޒެނިލްއަށް ޖިލްވާ އާއި އަރައި ހަމަކުރެވުނީ އޮފީހުން ނުކުމެގެން ތަންކޮޅަކަށް ދިޔަ ތަނާއެވެ. ޖިލްވާ ލައިގެން ހުރި ހެދުމުގެ ފަހަތުން ހިފައި ދަމައިގަތުމާއިއެކު ގޮސް ޒެނިލްގެ ގައިގައި ތަތްވިއެވެ.
"ކާކު... ތީ؟... ބު..ނޭ!..." ޖިލްވާގެ ބަނޑާއި ދިމާއިން ދެއަތް ވަށައިލަމުން ޒެނިލް ބުންޏެވެ.
"ޕްލީޒް ދޫކޮށްލާ... އަހަރެން އެއްވެސް ވާހަކައެއް ނުބުނާނަން... އެއްވެސް މީހެއް ކައިރީ ނުބުނާނަން... ޕްލީޒް..." ޖިލްވާ ތެޅިފޮޅިގަތެވެ. ޒެނިލްގެ އަތް ނައްޓުވައިލަން އުޅުނެވެ.
"ބުނޭ!..." ޒެނިލް ކުރިއަށްވުރެ ބާރަށް ބުންޏެވެ.
ކެމެރާ ހިފައިގެން ތިބި ބަޔަކު އެ ދެމީހުން ވަށައިލި އެވެ. ތަސްވީރުތައް ނަގަން ފެށި އެވެ. ކޮރެއާ ބަހުން އެކި ސުވާލުތައް ކުރަން ފެށިއެވެ. ޒެނިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ، އެއެންމެންގެ ތެރެއިން ނުކުމެގެން އައިސް އޭނަގެ ކުރިމަތީގައި ހުއްޓުނު މުސްކުޅި އަންހެންމީހާ ފެނިފައެވެ. އެމީހާ އާއިއެކު އައި ކަޅު ޔުނީފޯމުގައި ތިބި ބަޔަކު، ނޫސްވެރިން ހުއްޓުވަން މަސައްކަތް ކުރަމުން ދިޔަ އެވެ.
"މާމާ!..." ޒެނިލްއަށް ބުނެވުނެވެ.
އާއިޝާއަކީ މުސްލިމެކެވެ. ޒެނިލްމެން ކުޑައިރޫއްސުރެ ބެލި މީހާއެވެ. އުމުރުން ދުވަސްވެ، ވަޒީފާއިން ވަކިވި ފަހުން، އާއިޝާ އޭނަގެ ވަޒަނަށް ދިޔައީ އެވެ. އެކަމަކު، ދޭތެރެ ދޭތެރެއިން ޒެނިލްމެންގެ ކައިރިއަށް އައިސް ހަދައެވެ. ޒެނިލްމެންނެކޭ އެއްވަރަށް ދާއޫދުވެސް އާއިޝާއަށް ޤަދަރު ކުރެއެވެ. އަމިއްލަ މަންމައެއް ފަދައިންނެވެ.
ޒެނިލް އަވަހަށް ޖިލްވާގެ ގައިން ދޫކޮށްލިއެވެ. ފުރުސަތުގެ ބޭނުންހިފަން ޖިލްވާގެ ސިކުނޑި ގޮވައިލީ އެވަގުތުއެވެ. ޒެނިލްގެ ނާޖާއިޒު ފައިދާ ނެގުން ނޫންގޮތެއް އޭނައަކަށް ނެތެވެ. އެހެންނޫނީ އޭނަގެ ޙަޤީޤަތް ބޭޒާރުކޮށްލަފާނެއެވެ. ފުލުހުންނާއި އޭނަ ޙަވާލު ކުރާނެއެވެ. ޖިލްވާ ޒެނިލްގެ ކައިރިއަށް ޖެހިލިއެވެ. ޒެނިލް ދުރަށްޖެހިލުމުން، އުނަގަނޑުގައި އަތް އަޅުވައި ގާތަށް ދަމާލައިފިއެވެ. ޖިލްވާގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ފަހަތުގައި ފޮރުވިފައިވަނީ އޮޅުވާލުންކަމެއް ބަލާ މީހަކަށް ނޭނގޭނޭހައި އެ ހިނިތުންވުން ފުރިހަމައެވެ.
"ކީއްތިކުރަނީ؟..." ޒެނިލް ނުރުހިފައި ބުންޏެވެ. އޭނަ ވާހަކަ ދެއްކީ ސިއްރުންނެވެ. ޒެނިލް ޖިލްވާ އާއި ދުރަށްޖެހެން އުޅުނެވެ.
"ކިހިނެއްވީ؟... ހަނީ!..." ޖިލްވާ ބުނި އެއްޗެއް އަޑު އިވުމުން ޒެނިލް ސިހުނެވެ. ލަދުވެސް ގަތެވެ. "އަދިވެސް މިގުޅުން ސިއްރު ކުރަނީތަ؟..."
ދެލޯ ބޮޑުކޮށްލަމުން ކުރިމަތީގައި އާއިޝާ އާއި ދިމާއަށް ޒެނިލް ބަލައިލި އެވެ. ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލި އެވެ.
"އަހަރެމެން ދެމީހުން މިއުޅެނީ ރައްޓެހިވެގެން..." އެންމެންނަށް އަޑު އިވޭ ވަރަށް ޖިލްވާ ބުންޏެވެ. އޭނަގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮޓި އެންމެނަށް ދައްކައިލި އެވެ.
ކުޅަނދުރު ހަތައަކަށް ގައު އުކުމުން، ކުޅަނދުރުތައް އުދުހިގަންނާނޭހެން ނޫސްވެރިންތައް ތެޅިގަތެވެ. އެކަކަށްވުރެ ކުރިން އަނެކެއްގެ ސުވާލުތަކަށް ޖަވާބު ހޯދުމަށް އަވަސްވިއެވެ. މައިކުތައް ދިއްކުރަން ފެށިއެވެ. ޖިލްވާ ލަދުން ހުރެ، ޒެނިލްގެ މޭގައި މޫނު ފޮރުވައިލިއެވެ.
ޒެނިލްގެ ރުޅިގަނޑު ފަޅައިގެން ގޮސް އަތް މުށްކެވުނެވެ. ހާދަހާ މޮޅަށް އެކްޓް ކުރަން ދަންނަ އަންހެން ކުއްޖެކެވެ. އެކްޓިންގެ ދާއިރާއިން އެވޯޑެއް ދޭނަމަ، އޭނަ ދޭނީ އެ އަންހެން ކުއްޖާއަށް ކަން ޤައިމެވެ.
"އަހަރެން މީ އާދައިގެ އެކްޓްރެސްއެއް ނޫނޭ..." ޖިލްވާ ހަމައެކަނި ޒެނިލްއަށް އަޑު އިވޭ ވަރަށް ސިއްރުން ބުންޏެވެ. "ތިހުރީ އަހަރެންގެ ފަސްޓް ކިސް ސްޓީލް ކޮށްލައިގެން... ސްޓީލަރ..."
ޒެނިލްގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. އޭނަ ކުރި ކަމެއް ކުރީ އެ އަންހެން ކުއްޖާއަށް ރަނގަޅަކަށެވެ. އެކަމަކު، ބަދަލު އެ ލިބުނީ ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވޭ؟ ކެމެރާގެ ކުރިމަތީގައި ރުޅި އައިސްފައި ހުރިކަން ދައްކަން ބޭނުން ނުވާތީ، ޒެނިލް ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ.
"ކީކޭ އެކުއްޖާ އެ ކިޔަނީ؟..." އާއިޝާ ސުވާލު ކުރީ އޭނަގެ ކައިރީގައި ހުރި ފިރެހެން މީހާ އަށެވެ.
އެމީހާ ޖިލްވާ ދެއްކި ވާހަކަ ކިޔައިދިނެވެ. ގޮތް ހުސްވެފައި ޒެނިލް ހުއްޓެވެ. އެންމެންގެ ކުރިމަތީގައި އޭނަ ބޭޒާރުވެ، ނިމިއްޖެއެވެ.
"އޭ!... ޒުވާން އަންހެން ކުއްޖާ!... ހިނގާ އެތެރެއަށް... އަހަންނަކީ މިހިރަ މޮޔަ ކުއްޖާގެ މާމަ..." ޒެނިލްގެ މޭގައި މަޑުމަޑުން ޖަހައިލަމުން އާއިޝާ ބުންޏެވެ.
ޖިލްވާ ވާނުވާ ނޭނގިފައި ހުރުމުން، އާއިޝާގެ ކައިރީގައި ހުރި މީހާ އިނގިރޭސިން ތަރުޖަމާ ކޮށްދިނެވެ.
އޮފީހުގެ ޖަލްސާ ކުރާ ބަޔަށް ތިން މީހުން އެކުގައި ގޮސް ވަން މަންޒަރު ފެނުމުން، މުވައްޒަފުން އެކި ވާހަކަ ދައްކަން ފެށިއެވެ. އާރާ ވަންނަން އުޅުމުން، ބޭރުގައި މަޑުކުރުމަށް އާއިޝާ އެދުނެވެ.
އެތެރެއަށް ވަން ގޮތަށް، އާއިޝާގެ ސުވާލުތައް އޮހެން ފެށިއެވެ. ޖިލްވާ އާއި ބެހޭގޮތުން އެކި ކަންކަން އޮޅުންފިލުވަމުން ދިޔައެވެ. ނަމާއި، ޤައުމުގެ އިތުރުން ކޮރެއާއަށް އައި ބޭނުމާ ބެހޭގޮތުންނެވެ. އެއްވެސް ޖެހިލުމެއްނެތި ޖިލްވާ އެ ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ. އޭނައަކީ، ކެނެޑާ މީހެއް ކަމުގައި ބުންޏެވެ. ކޮރެއާއަށް އައިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، އައީ ވަޒީފާއެއް ހޯދަން ކަމަށާއި، މީހަކު އޭނައަށް ލަނޑެއް ދިނީ ކަމުގައި ބުންޏެވެ. ހުންނާނެ ތަނެއްވެސް ނެތް ކަމަށް ބުނުމުން، އާއިޝާގެ މޫނުމަތިން ފެނުނީ ހަމްދަރުދީ އެވެ. ހުދު ޒެނިލްއަށްވެސް ޖިލްވާ ހެދީ ދޮގެއް ކަމެއް ނޭނގުނެވެ.
"އަދިވެސް ސިއްރު ކުރަނީތަ؟... މިވަރުވާއިރުވެސް ނަނާ ކައިރީ ނުބުނެ ތިއުޅެނީ؟..." ޒެނިލްގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލަމުން އާއިޝާ ބުންޏެވެ.
"ނަނާ!... އަހަރެން..." ޒެނިލް އެއްޗެއް ބުނަން އުޅުނެވެ.
"މާމަ ވަރަށް އުފާވެއްޖެ ދަރިފުޅު މީހަކާ އިންނަން އުޅޭކަން އެނގުނީމަ... މިހާ ދުވަސްވާއިރު، މީހަކާ ރައްޓެހި ނުވާތީ، މާމަ ހީކުރީ ދަރިފުޅު ތީ އެހެން ކަހަލަ ކުއްޖެއް ކަމަށް..." އާއިޝާ ހިނިގަނޑެއް ޖަހައިލި އެވެ. "މާމަ މިހާރު ބޭނުންވަނީ އަވަހަށް ތި ދެކުދިން ކައިވެނި ކުރުވަން... ދުނިޔޭގަ ހުއްޓާ ކޮންމެސް އެއް ކުއްޖެއްގެ ކައިވެނި ދެކެން ބޭނުން... ބައްޕައަށް ގުޅާފަ އާދެވޭ ދުވަހެއް ބަލާފަ ކައިވެނީގެ ދުވަސް ހަމަޖައްސާނީ... އޭގެ ކުރިން މާމަ ދެން ވަޒަނަކަށް ނުދާނަން..."
"ނަނާ!..." އަކުރުތަކަށް ދަމައިލަމުން ޒެނިލް ގޮވައިލީ ޝަކުވާގެ ރާގަކަށެވެ.
"ކޮން ނަނާއެއް؟... ދެން ޖެހޭނީ މި މާމަ ބުނާ ގޮތަށް ހަދަން..." އާއިޝާ އަނެއްކާވެސް ޒެނިލްގެ ގައިގައި ބޮނޑިއެއް އަޅައިލި އެވެ.
ހީލަ ހީލާ ޖިލްވާ އިނެވެ.
"ކަންސޫ!..." އާއިޝާ އޭނަގެ ކައިރީގައި ހުރި މީހާއަށް ގޮވައިލި އެެވެ. "އަހަރެންގެ މާމަ ދަރިފުޅު ހުރުމުގެ އިންތިޒާމު ގެއިން ހަމަޖައްސާ... ޖުއާން އާ ތިން މީހުންނާ އެއްކޮށް މިރެއަށް ޚާއްސަ ކެއުމެއް ތައްޔާރުވާން ވާނެ..."
********
ޒެނިލްގެ ގެއަށް ޖިލްވާ ދިޔައީ، އާއިޝާގެ ކާރުގަ އެވެ. ގޭތެރެއަށް ވަދެވުމާއިއެކު، ޖިލްވާގެ ދެލޯ ބޮޑުވިއެވެ. ބޮޑު ސިޓިންގްރޫމުގައި ބަހައްޓާފައިވާ ފަރުނީޗަރުތަކަކީވެސް އަގުބޮޑެތި އެއްޗެއްސެވެ. މައްޗަށް އެރެން ހުރި ބޮޑު ސިޑިން ޖިލްވާ އެރިއެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ.
ޒެނިލް އައީ ދުވެލާފައެވެ. ޖިލްވާގެ އަތުގައި ހިފައި ބޭރަށް ދަމައިގަންނަން އުޅުނެވެ. އެއީ ޒެނިލްގެ ކޮޓަރިކަން އެނގުމުން ޖިލްވާގެ ކައިރިއަށް އައީ ޒާތެއްގެ ހިންޏެކެވެ. ވަގުތުން ގަދަ ހަދައިލި އެވެ. ޖިލްވާ އަތް ދަމައިގަތް ވަގުތު، ޒެނިލް ހުރީ ނުވިސްނާކަމުން ޖިލްވާ އާއި ދިމާއަށް ދިޔަ އެވެ. ދެމީހުން އެކުގައި ވެއްޓުނީ ދޮރު ކައިރީގައި ހުރި ބޮޑު އެނދުގެ މައްޗަށެވެ. ޒެނިލްއަށް އޮވެވުނީ ޖިލްވާގެ ގައިމަތީގަ އެވެ. އާއިޝާ އައިސް ދޮރުމަތީގައި ހުއްޓުނު ވަގުތު އެމަންޒަރު ފެނުމުން، އަވަހަށް މޫނުގައި އަތް އެޅިއެވެ. ދެމީހުންގެ ކައިވެނި ލަސްކުރުން ބުއްދިވެރިއެއް ނޫނޭ ބުނެ، އަވަހަށް އެތަނުން ދިޔަ އެވެ.
ޖިލްވާ ތިރިއަށް އައިއިރު އާއިޝާ އިނީ ފޯނެއްގަ އެވެ. ދާއޫދަށް ގުޅައިގެން ކައިވެނީގެ ވާހަކަ ދައްކަނީ އެވެ. ކިޔާ އެއްޗެއް ނޭނގުނު ނަމަވެސް، ޖިލްވާ ފެނުމުން، ހިނިތުންވެލި ގޮތުން އޭނައަށް އެކަން އެނގިއްޖެ އެވެ. އާއިޝާ މޭޒުމައްޗަށް އެއްފައި ނަގައިގެން އިނދެ، އެއް އަތުން ފައި މޮޑެމުން ދިޔަ އެވެ. ޖިލްވާ ގޮސް މުށިތަކުގެ މަތީގައި އިށީނެވެ. ކައިރީގައި އިން ތެޔޮފުޅިން އަތަށް ތެޔޮފޮދެއް އަޅާފައި، އާއިޝާގެ ފައި މަސާޖުކޮށްދޭން ފެށިއެވެ.
"މާމާ!... މި ގެ ވަރަށް ރީތި..." ޖިލްވާ ވާހަކަ ދެއްކީ އަތުގެ އިޝާރާތުންނެވެ.
އާއިޝާ ފޯނު ބާއްވާފައި ޖިލްވާގެ ބޮލުގައި ފިރުމައިލި އެވެ. އޭނަގެ ޙަޔާތުގައި ދުވަހަކުވެސް، މީހަކު އެފަދައިން ޚިދުމަތް ކޮށްދީފައެއް ނުވެއެވެ. އާއިޝާގެ މުޅި އުމުރު ހުސްވީ އެހެން މީހުންނަށް ޚިދުމަތް ކުރުމުގައެވެ. ފުރަތަމަ ނަަޒަރުންވެސް އޭނައަށް ޖިލްވާ ކަމުދިޔައީ ކީއްވެ ކަން އެނގުނެވެ. އެ މައުސޫމު އަންހެން ކުއްޖާގެ މޫނުން އޭނައަށް ފެނުނީ އޯގާތެރިކަމެވެ. އެއީ ޒެނިލްއަށް އެންމެ ރަނގަޅު އަންހެން ކުއްޖާ ކަމުގައި އާއިޝާ ޤަބޫލު ކުރިއެވެ.
ޖުއާންއަށް އާއިޝާގެ ޚަބަރު ލިބުމުން ހުރިހާ ކަމެއް ދޫކޮށްފައި އައެވެ.
ގޭތެރެއަށް ވަދެގެން އައި ޖުއާންއަށް ކޮޓަރި އާއި ދިމާއިން އަޑެއް އިވުނެވެ. އޭނަ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކުއްލިއަކަށް މޫނުމައްޗަށް އަރައިގެން ދިޔައީ، ފިހިގަނޑުގެ ހަމަލާއެކެވެ. އެއާއިއެކު ކުރިމަތީގައި ހުރި އެއްޗެއް ފެނިފައި، ޖުއާން ބާރަށް ހަޅޭއްލަވައިގަންނަމުން، ސިޑި އާއި ދިމާއަށް ދުއްވައިގަތެވެ. ބަދިގެތެރޭގައި ހުރި އާއިޝާ ދުވެފައި ކަހަލަ ގޮތަކަށް ސިޓިންގްރޫމަށް ނުކުތެވެ. ކޮޓަރީގައި އުޅެފައި ޒެނިލް ވެސް ނުކުތީ އަޑުގަދަ ވެގެންނެވެ.
"ހަންޑިއެއް... ޖިންނިއެއް..." ޖުއާން ރޮއެގަތެވެ.
ޒެނިލްގެ ކޮޓަރި ތެރެއަށް ދެމިގަނެ ދޮރުން ބޯދިއްކޮށްލައިގެން ބޭރު ބަލަން އޭނަ ހުއްޓެވެ.
ޖިލްވާ ފެނިފައި ޒެނިލްވެސް ސިހުނެވެ. މުޅި މޫނުގައި ކަޅު އެއްޗެހި ތަކެއް ހާކައިގެން ހުރިއިރު، ފެންނަން ހުރީ ޖިލްވާގެ ދެލޮލާއި އަނގަ އެކަންޏެވެ. އަނގައިގެ ދެފަރާތުންވެސް ރަތްކުލައިގެ އެއްޗެހިތަކެއް ފައިބާފައި ހުއްޓެވެ. ހީވަނީ "ޑްރެކިޔުލަރ" އެއް ހެންނެވެ.
(ނުނިމޭ)