"އެއީ... އެއީ..." ޖަވާބު ދޭން ޖިލްވާއަށް އުނދަގޫ ވިއެވެ.
ރިފްއާންގެ ވިސްނުންތޫނު ސިކުނޑިއަށް އެއީ ކާކު ކަން އެނގޭކަށް ގިނައިރެއް ނުނެގިއެވެ.
"އެއީތަ؟..." ރިފްއާންގެ ދެލޯ ބޮޑު ވިއެވެ. "އެއީތަ ޖިލްގެ؟... އޭނަ އާތަ ޖިލް މެރީ ކުރީ؟..."
********
ޖިލްވާ ދޫކޮށްލީ ފުން ނޭވާ އެކެވެ. ރިފްއާން ހުރީ ގަބޫލު ކުރަން ދަތިވެފައެވެ.
"ރިޕްސް!... އަހަރެން ސަލާމަތް ކޮށްދީ..." ޖިލްވާ އެދުނެވެ. "އަހަރެން ބޭނުން ވަނީ އޭނައަށް ފިލަން..."
"ޖިލް ކިހިނެއް އޭނަ އާ؟..." ރިފްއާން ދެއްކީ މުޅީން އެހެން ވާހަކަ އެކެވެ.
ޒެނިލް އަކީ ކޮރެއާގައި މަޝްހޫރު މީހެކެވެ. ކޮރެއާ އިން ބައްދަލުކޮށް، އެކީގައި ތަސްވީރެއް ނަގާލުމަށް ޖިލްވާ އެންމެ ބޭނުންވި މީހަކީ ޒެނިލް އެވެ. ޖިލްވާ އެކަން ކުރަން ބޭނުންވީ، އެންމެން ޒެލްއެއްގެ ވާހަކަ ދައްކާތީ އެވެ. އެކީގައި ތަސްވީރެއް ނެގުމަށް އެދޭތީ އެވެ. އެކަމަކު، އެކީގައި އެތައް ވަގުތެއް ހޭދަ ކުރެވުނު އިރުވެސް، ޖިލްވާއަށް ޒެނިލް އަކީ އޭނަ އެންމެ ބައްދަލު ކުރަން ބޭނުންވި މީހާ ކަމެއް ނޭނގުނެވެ.
"ރިޕްސް!... ކިހިނެއްވެފަތަ ތިހުރީ؟..." ރިފްއާންގެ މޫނުމަތީގައި ހަނާ އަޅައިލަމުން ޖިލްވާ ބުންޏެވެ.
ފިރިހެނަކަށް ވިޔަސް، ޒެނިލް އާއި ބައްދަލުކޮށް އެކީގައި ތަސްވީރެއް ނަގައިލުމަކީ، ހުދު ރިފްއާންގެ ވެސް ހުވަފެނެކެވެ. އިންސާނުންނަށް ވީތީ، އަމިއްލަ އުފާ އިސްކުރެވޭ ވަގުތު ވެސް އަންނާނެ އެވެ. އެވަގުތު އެހެން ހުރިހާ ކަމެއްގެ މަތީން ހަނދާން ނައްތައިލުމަށް ރިފްއާންގެ ސިކުނޑި ގޮވައިލި ސަބަބަކީ ވެސް އެއީ އެވެ.
"ޖިލް އެއީ ޖިލް އެންމެ ބޭނުންވެގެން އުޅުނު..." ރިފްއާނަށް ބުނެވުނީ އެހިސާބަށެވެ.
ކުއްލިއަކަށް ޒެނިލް އައިސް ބަދިގެއަށް ވަނެވެ. ޖިލްވާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ކަބަޑުތަކުގެ ކައިރިއަށް ތިރިވާން އުޅެވުނު ގޮތަކުން، އައިސްއަަލަމާރީގައި ޖިލްވާގެ ބޮލުގެ ފުއްކިބަ ޖެހުނެވެ. ޖިލްވާގެ އަނގައިން ނުކުތީ ވޭނީ އާހެއްގެ އަޑެވެ.
ރިފްއާނަށްވުރެ ކުރިން ޖިލްވާގެ ކައިރިއަށް ދިޔައީ ޒެނިލް އެވެ. ޖިލްވާގެ ދެކޮނޑުގައި ހިފައި ނަގައި ބޮލަށް ކަމެއް ވެފައި އިންތޯ ޒެނިލް ބެލި އެވެ.
"އަހަރެން ފެނުނީމަ ތެޅިފޮޅިގަންނަނީ ކީއްވެތަ؟..." ޝަކުވާގެ ރާގެއްގައި ޒެނިލް ބުންޏެވެ.
ޒެނިލް ދެން އެނބުރުނީ އާޝޯހުވެފައި ހުރި ރިފްއާނާއި ދިމާއަށެވެ.
"ތީ ޖިލްގެ ބޭބެތަ؟..." ޒެނިލް ސުވާލު ކުރިއެވެ.
ރިފްއާން އަވަސް އަވަހަށް ބޯ ޖަހައިލި އެވެ.
"ޖިލްގެ ބޭބެ ބުނެބަލަ!... އަހަރެން ގައިގަ ބިރުވެރި އެއްޗެއް ވައްތަރު ޖަހާތަ؟..." މައުސޫމު ގޮތަކަށް ޒެނިލް އަހައިލިއެވެ.
"ނޫން..." ރިފްއާން ބުންޏެވެ.
ޖިލްވާ ދެލޯ އަޅައިލިއެވެ. ރިފްއާން ބަލައިލުމުން، ބިރުދައްކައިލާ ގޮތަކަށް އަތް އުފުލާލައިފި އެވެ.
"ޖިލްގެ ބޭބެ ބުނެބަލަ!... ޖިލް އަހަރެންދެކެ ހަމަ އެހާ ބިރުގަންނަން ޖެހޭނެތަ؟..." ޒެނިލް އަނެއްކާ ވެސް އަހައިލިއެވެ. ރިފްއާންގެ ކައިރިން ކުރި ލިބޭނޭކަން އެނގުމުން ޒެނިލްއަށް ލިބިގެން ދިޔައީ އާދަޔާ ޚިލާފު ހިއްވަރެކެވެ.
"ޖިލް އެއްގޮތަކަށް ވެސް ބިރުގަނެގެން ނުވާނެ..." ޖުމްލަ ނިންމާލާފައި ރިފްއާން ޖަހައިލި ހިނިގަނޑު ހިންދައިލަން މަޖުބޫރުވީ، ޖިލްވާ އާއި ދިމާއަށް ބަލައިލެވުމުންނެވެ. ޖިލްވާ ރުޅި އައިސް ފުންކޮށް ނޭވާލަމުން ދިޔަ ގޮތުން، ރިފްއާން ހާސްވެގެން ކަރުކެހިލިއެވެ.
"ޖިލްގެ ބޭބެއަށް ވިސްނޭ... ނައިސް ޓު މީޓް ޔޫ..." ޒެނިލް ކުއްލިއަކަށް ރިފްއާންގެ ގައިގައި ބައްދައިލިއެވެ.
ރިފްއާނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ލިބުނު އުފަލަކުން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލިއެވެ. މަންޒަރު ބަލަން ޖިލްވާ ހުރީ ދެލޯ އަޅާލައިގެންނެވެ. ޖިލްވާއަށް ދިމާވި ކަންތަކުގައި ޒެނިލް އާއި ދިމާއަށް އެންމެ އެއްޗެހި ކީ މީހަކީ ރިފްއާނެވެ. އެކަމަކު އެއީ ކާކު ކަން ނޭނގޭ އިރު އެވެ. ޒެނިލްގެ މަޝްހޫރުކަން ފެނުމުން، ރިފްއާން އެ ހުރިހާ ކަމެއް ހަނދާން ނެތުނީ ހެއްޔެވެ؟ ދެންމެ އިވުނު ޖުމްލަ ތަކެއްހެން ޖިލްވާގެ ކަންފަތް ކައިރީގައި ރިފްއާން އޭރު ކީ އެއްޗެހި ގުގުމަން ފެށިއެވެ.
"ތިމީހެއްގެ ނަން ބުނޭ!... އޭނަ ހަމަޖެހިގެން އުޅުނަ ދީގެން ނުވާނެ... ދުވަސް ދުއްވާލާނަން... ހަމަނޭވާ ލިޔަކަވެސް ނުދޭނަން... ކައިވެންޏޭ ކިޔައިގެން މިއުޅެނީ ކުޅޭކުޅޭ ކުޅިވަރެއް ކުޅޭކަށް ނޫނޭ..." ޖިލްވާ ހިތާއި ހިތުން ރިފްއާން ކީ އެއްޗެހި ކިޔައިލި އެވެ.
"އަސްލު އަހަރެން މިއައީ ޖިލްގެ ބޭބެގެ ހުއްދަ ހޯދަން ވެގެން... މާމަ އަންނާތީ... މާމައަކަށް ނޭނގޭނެ ޖިލް ނެތްކަމެއް... މާމަ އަކީ ހިތުގެ ބަލި ހުންނަ މީހެއް... ވަރަށް ދެރަވާނެ އަންނައިރު، ޖިލް ނެތިއްޔާ... އެންމެ ރަނގަޅުތަ ޖިލް ގޮވައިގެން ގެއަށް ގޮސްލިޔަސް... މާމަ ފުރަންދެން ޖިލް ބޭނުން ގޮތަކަށް އެގޭގަ އުޅެވޭނެ... އެއްވެސް ކަމެއް މަނާކުރާނެ މީހަކު ނޫޅޭނެ..." ދައްކަން ހުރި ވާހަކަ ގިނަ ކަމުން، ޒެނިލްއަށް ހުރިހާ ވާހަކައެއް ދެއްކުނީ އެއްފަހަރާ އެވެ.
ރިފްއާން ބަލައިލީ ޖިލްވާ އަށެވެ. ޖަވާބެއް ބޭނުންވާ ފަދައިންނެވެ. ޖިލްވާ ވަގުތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ޒެނިލް އިހަށް އެތެރެއަށް ވަންނަންވީނު..." ބަދިގެ ތެރެއިން ވަދެވެން ހުރި ކުޑަ ކޮޓަރި ދައްކައިލަމުން ރިފްއާން ބުންޏެވެ. "ޖިލްގެ ލައިފް ވީމަ، ތިކަމުގަ ޖިލް އާ ވާހަކަ ދައްކާލާފަ ޖަވާބެއް ދޭނަން..."
ޒެނިލް ބޯ ޖަހާލާފައި އެތެރެއަށް ވަނެވެ.
"ރިޕްސްދެކެ ރުޅި އައިއްސަ މިހުރީ..." ރިފްއާން ބަލައިލުމުން، ޖިލްވާ ތުން ދަމައިލިއެވެ.
"ޖިލްއަށް އެނގޭތަ އެއީ ކާކު ކަން؟..." ރިފްއާން އަހައިލިއެވެ.
"ނޭނގެ..." ޖިލްވާ ދިނީ ފަރުވާކުޑަ ޖަވާބެކެވެ. "ރިޕްސް އެއްނު ތިއުޅެނީ އެނގޭހިތުން..."
"އޭނަ ޖިލްދެކެ ހަގީގީ ލޯބިވާހެން އަހަންނަށް ހީވަނީ... އެހާ މަޝްހޫރު މީހަކު އާދައިގެ އަންހެނެއްގެ ފަހަތުން އެހާ ވަރަކުން އުޅެންވީ ކީއްކުރަން؟... އެއްވެސް ރީޒަން އެއް އެބަ އޮތްތަ؟..." ރިފްއާން ދެއްކީ ޖިލްވާއަށް ވެސް ޤަބޫލުކުރެވުނު ވާހަކަ ތަކެކެވެ.
"އެނީވޭ، ޖިލް ތީ މިހާރު ބޮޑު މީހެއް... އަމިއްލަ ކަންކަމުގަ އަމިއްލައަށް ޑިސިޝަން ނެގޭނެ ވިސްނުން ޖިލްގެ ހުންނާނެ ކަމަށް އަހަރެން ގަބޫލު ކުރަނީ... ޖިލް އުފަލުގަ ހުރިއްޔާ އަހަންނަށް އެ ނިމުނީ...." ރިފްއާން ބުންޏެވެ. "އެކަމަކު ބުނަން، ބައްޕަ ބުނިހެން ތި ކައިވެނި ސައްޙައެއް ނުވާނެ... މާދަމާ ވެސް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ ނިމޭއިރަށް އަހަރެމެން ޖެހޭނީ އެނބުރި ގައުމަށް ދާން... ޒެނިލް އަކީ، މިތަނުގަ މުޅި ކެރިއަރު ބިނާކޮށްގެން ހުރި މީހެއް... ޖިލްގެ ކެރިއަރ ބިނާކުރެވެން އޮތީ އެކޮޅުގަ... އެހެންވީމަ، ކޮންމެ ޑިސިޝަނެއް ނެގިޔަސް، ފަހުން ހިތާމަ ކުރަން ނުޖެހޭ ވަރުގެ ޑިސިޝަންއެއް ނަގާތި... ކޮންމެ ކަމަކަށް ވެސް ފުންކޮށް ވިސްނާލާތި!..."
ރިފްއާން ހިނގައިގަތެވެ. ޖިލްވާ އަވަހަށް ރިފްއާންގެ އަތުގައި ހިފައި ހުއްޓުވިއެވެ.
"އަހަރެން ބިރުގަނޭ..." ޖިލްވާގެ މޫނުން ފެނުނީ ކަންބޮޑުވުމެވެ. "ރިޕްސް ކީއްވެ ދަނީ؟..."
"ޖިލް އޭނަދެކެ ލޯބިވޭތަ؟..." ރިފްއާން ސުވާލު ކުރިއެވެ.
ޖިލްވާ ލަދުން އިސްޖަހައިލިއެވެ.
"ޖިލްގެ ޖަވާބު އަހަންނަށް އަޑު ނީއްވިޔަސް އެންމެ ރަނގަޅު... އަމިއްލަ ނަފުސާ މި ސުވާލު ކޮށްލާފަ ޖަވާބު ހޯދާ... އޭރުން ހުރިހާ ކަމަކަށް ހައްލު ހޯދޭނެ..." ވިސްނުންތެރި ކަމާއިއެކުގައި ރިފްއާން ވާހަކަ ދެއްކި އެވެ.
ޖިލްވާ ކޮޓަރިއަށް ވަންއިރު، ޔޫން އާއި އެކީ ޒެނިލް އިނީ ކުނާ މަތީގައެވެ. ޒެނިލްގެ އަތުގައި ކުޑަ ބެއާއެއް އޮތެވެ. އެކި އަޑު ލައްވަމުން، ޒެނިލް ދިޔައީ އެބެއާ އިން ވައްތަރު ޖައްސަމުންނެވެ. ކޮންމެ ގޮތެއް ހަދާލާއިރަށް ޔޫން ބާރަށް ހޭން ފަށައެވެ. އެމަންޒަރު ފުރިހަމަ ކަމުން ޖިލްވާއަށް ހުރެވުނީ، ކަޅި ޖަހާވެސް ނުލައި ބަލާށެވެ.
"މާޝާﷲ..." ޖިލްވާގެ ދެލޯ ފެންކަޅި ވިއެވެ.
ޔޫން މާ ވަރަށް ދޮރާއި ދިމާއަށް ބަލަން ފެށުމުން، ޒެނިލް ފަސްއެނބުރި ބަލައިލިއެވެ. ޖިލްވާ ފެނުމާއިއެކު ޒެނިލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ޒެނިލް ޔޫން އުރާލައިގެން ގޮސް ޖިލްވާގެ ކައިރީގައި ހުއްޓުނެވެ. ޖިލްވާ ނުވެސް ވިސްނާ ހުއްޓައި، ފޯނު ނަގައި ތިން މީހުން އަރާނޭހެން ތަސްވީރެއް ނަގައިލިއެވެ.
"ޔޫން ވަރަށް އަވަހަށް ފްރެންޑް ވެލައިފި..." ޒެނިލް ފަހުރުވެރިވެލާފައި ބުންޏެވެ.
ޖިލްވާ ހަމައެކަނި ހިނިތުންވެލީއެވެ.
"ޔޫން ގޮވައިގެން ޕާކަށް ދަނީ... ޑެޑީ އާ އެކީ ޕާކަށް ދާނަންތަ ދޫނީ؟..." ޔޫންގެ ކޮލުގައި އަތުން ފިރުމައިލަމުން ޒެނިލް އަހައިލި އެވެ.
ޖިލްވާގެ ދެލޮލުން ހައިރާންކަން ފެނިގެން ދިޔައެވެ. ޒެނިލް އެވަނީ ރަނގަޅަށް އޭނަގެ ހުރިހާ މައުލޫމާތެއް ހޯދާފަ އެވެ. ޖިލްވާގެ ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގި އެވެ. ބޭރަށް ނުކުންނަން ހިނގައިގަތް ޒެނިލްގެ އަތުގައި ހިފަހައްޓައިލަން ޖިލްވާއަށް މަޖުބޫރު ވިއެވެ. ޔޫންގެ ކަންތައް ދެން އިތުރަށް ސިއްރެއްގެ ގޮތުގައި ބޭއްވުން ރައްކާތެރި ނޫންކަމުގައި ޖިލްވާއަށް ވިސްނުނެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން..." ދެފިކުރެއްގައި ހުރެފައި ޖިލްވާ ބުންޏެވެ.
"ވާހަކަ ބުނާނީ ފަހުން..." ޒެނިލް ހިނިތުންވެލިއެވެ. "މީ މަންމި ޓައިމްއެއް ނޫނޭ... މީ މިހާރު ޑެޑީ އާ ޑެޑީގެ ޕްރިންސެސްގެ ޓައިމް..."
ޒެނިލްގެ ފަހަތުން ދިޔައިރު، ޖިލްވާ ހުރީ މާޔޫސްވެފައެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން ދެމީހުން އެކުގައި ގޮސް ކާރަށް އެރިއިރު، މީހުންގެ ސަބަބުން ޖިލްވާ ހުރީ އުނދަގޫ ވެފައެވެ. ޒެނިލް އެފަދަ ކަންކަމަށް އާދަވެފައިވާ ކަހަލަ އެވެ. ޒެނިލް ގުޅައިގެން ޑްރައިވަރު ވެސް ހުރީ އައިހެވެ. ޖިލްވާ އާއިއެކު ޒެނިލްގެ އެރީ ފަހަތު ޝީޓަށެވެ. ޔޫން އިނީ ހަމަޖެހިލާފައެވެ. ކާރަށް ދުއްވައިލުމާއިއެކު، ޔޫން ޒެނިލްގެ މޭގައި ލައްވެލިއެވެ. ދެތިން މިނެޓުވެސް ނުވަނީސް އެކުއްޖާ އޮތީ ޒެނިލްގެ އަތުގެ ތެރޭގައި ނިދާލާފަ އެވެ. އެއީ ޔޫންގެ އާދަ އެވެ. ދެންމެ ހޭލައިގެން އައިސްފައިވެސް ކާރަށް އަރައިފިނަމަ، މަންޒިލާއި ހަމައަށް ދެވެންދެން އެ ތުއްތު ކުއްޖާގެ ކަމަކީ ނިދުމެވެ.
"ކީއްވެ އަހަންނަށް ނޭންގީ؟..." ޝަކުވާގެ ރާގަކަށް ޒެނިލް އަހައިލިއެވެ.
ޖިލްވާ އެއްޗެއް ނުބުނެ ހިމޭނުން އިނީއެވެ.
"ޖިލް ކީއްވެތަ ތިހެން ހަދަނީ؟... ކޮންމެވެސް އެއްޗެއް ބުނެބަލަ..." ޒެނިލް ދެރަވިއެވެ.
"ކީކޭ އަހަރެން ބުނާނީ؟..." ޖިލްވާ ސުވާލު ކުރީ އަމިއްލަ ނަފުސަށެވެ.
"ޖިލް!... އަހަރެން ޖިލް އާ އެކީ އުޅެން ބޭނުމޭ... ޖިލްވެސް އަހަންނާ އެކީ އުޅެން ބޭނުންވޭ... ދެން ކީއްވެތަ ދުރަށް ދާން ތިއުޅެނީ؟... ޖިލް ތިއުޅޭ ގޮތަކުން އަހަރެން ވަރަށް ދެރަވެއޭ..." ހިތުގައި ޖެހުމުން، ޒެނިލްގެ ދުލަށް އައީ ޝަކުވާގެ ޖުމްލަ ތަކެވެ.
"އަހަންނަކަށް އެއްވެސް އުއްމީދެއް ނެތް..." ޖިލްވާ އިސްޖަހައިިލިއެވެ.
"ކޮން ކަމަކާ؟..." ޒެނިލް އަހައިލީ ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށެވެ. އޭނަ ހީކުރީ ޖިލްވާ ބަހަނާ ދައްކަނީ ކަމަށެވެ. ދުރަށްދާން ބޭނުންވާ މީހެއްގެ އަމުލުތައް ހުންނާނީ ވެސް އެފަދަ ގޮތަކަށެވެ.
"އަހަރެމެންގެ ދިރިއުޅުމަށް..." ޖިލްވާ ދިނީ ކުރު ޖަވާބެކެވެ.
"ކީއްވެ؟..." ޒެނިލް އަހައިލިއެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެއްވެސް ކަމެއް ރަނގަޅަށް ގޮއްސަ ނެތީމަ..." ޖިލްވާ ޖަވާބު ދިނީ އޭނައަށް ދެވުނު އެންމެ ފުރިހަމަ އަށެވެ.
"ކޮން ކަމެއް ރަނގަޅަށް ނުދާ ވާހަކައެއްތަ؟... ޖިލް ތި ކިޔާ އެއްޗެއް އަހަންނަށް ފަހުމުވާ ގޮތަށް ކިޔައިދޭންވީނު..." ޒެނިލް ރުންކުރުވާގޮތްވީ، މާ ބޮޑަށް ހާސްވުމުންނެވެ.
"އަހަރެމެންގެ ފުރަތަމަ ބައްދަލުވުމާ، ދެވަނަ ބައްދަލުވުން، ކައިވެނި... ދެންވީ އެއްވެސް ކަމެއްވެސް..." ޖިލްވާ ބައެއް ވާހަކަތައް ބުނީ ދުރުދުރުންނެވެ.
"ޖިލް ތިބުނަނީ މި ދަރިފުޅުގެ ވާހަކަތަ؟..." ޝަކުވާގެ ރާގެއްގައި ޒެނިލް އަހައިލިއެވެ.
"ނޫން ނޫން... ތި ދަރިފުޅު ތީ، އަހަރެންގެ ހަޔާތުގެ ހުޅުކޮޅު ނިވުނަ ނުދީ ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިއްވަރު..." ނިދިފައި އޮތް ޔޫން އާއި ދިމާއަށް ބަލަން އިނދެ ޖިލްވާ ވާހަކަ ދެއްކިއެވެ. "އެކަމަކު..."
(ނުނިމޭ)