ސަފީނާ ގޮސް ހަމްދާ އާއި އަރައި ހަމަވުމުން، ހަމްދާ ސަފީނާގެ އަތުގައި ހިފައިލިއެވެ. ހަމްދާ ގޮސް ވަނީ ޖިލްވާގެ ކޮޓަރި އާއި ޖެހިގެން ހުސްކޮށް ހުރި ވާފިރުގެ ކޮޓަރި އަށެވެ. ވާފިރު ނިޔައުވި ފަހުން، އެ ކޮޓަރި ހުންނަނީ ހުސްކޮށެވެ.
"މީގެ ފަހުން ސަފީނާ އުޅޭނީ މިކޮޓަރީގަ..." ހަމްދާއަށް އެ ޖުމްލަ ފުރިހަމަ ކުރެވުނީ އުނދަގުލުންނެވެ.
"ނޫނޭ މިހާރު މި އުޅޭ ތަންވެސް ރަނގަޅުވާނެ..." ސަފީނާ އަވަސް އަވަހަށް ބުންޏެވެ.
********
"ނުވާނެ ރަނގަޅެއް..." ހަމްދާ ތަންކޮޅެއް ބާރަށް ބުންޏެވެ. "ސަފީނާ ދެން އުޅޭނީ މިތާ... ޒެނިލް އާއި ޖުއާން ކައިރީ ބުނެފިން ސަފީނާގެ އެއްޗެހިތައް މިކޮޓަރިއަށް ބަދަލުކޮށްލާށޭ..."
ސަފީނާގެ ބައެއް އެއްޗެހިތައް ހިފައިގެން ޖުއާން އާއި ޒެނިލް ގޮސް އެ ކޮޓަރިއަށް ވަނެވެ. ދެ ދަރިން އެކުގައި މަސައްކަތް ކުރާތަން ފެނުމުން ސަފީނާގެ ހިތް އުފަލުން ފުރިގެން އައެވެ. ހިތާހިތުން މާތްﷲއަށް ހަމްދު ކުރެވުނެވެ.
********
ޖަލުގެ ތޭރިތަކުގެ ތެރޭގައި ދުވަސްތައް ހޭދަކުރަމުންދިޔަ ދާއޫދުގެ މުޅި ދުނިޔެ ވަނީ އަނދިރިވެފައެވެ. ދަރިން ގެއްލި، ކުރި ވިޔަފާރިވެސް ގެއްލުނީ އެވެ. ދުނިޔޭގެ އެދުމަށްޓަކައި ނުހައްގުން ފޭރިގަނެގެން އުޅުނު މުދާތަކުގެ ބޭނުމެއް ނުހިފުނެވެ. އެކީގައި އުޅުނު އެކުވެރިންނާއި، ގެންގުޅުނު މުވައްޒަފުންނަށް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ. އެހީތެރިކަމަށް އެންމެ ބޭނުންވި ވަގުތު އެއިން މީހެއްގެ އެހީތެރިކަމެއްވެސް ދާއޫދަކަށް ނުލިބުނެވެ. އެތައް ބަޔަކަށް ދާއޫދު ވަނީ އެކި ގޮތްގޮތުން ގެއްލުންދީ ގޯނާ ކޮށްފައެވެ. ފައިސާ އާއި މުދަލުގެ ދަހިވެތިކަމުގައި މީހުން މެރުމަށް އަމުރުކޮށް، ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިވެސް ކުރިއެވެ. އަނތްބެއްގެ ގޮތުގައި ހުރެ، ނަސޭހަތްދީ ހަމަމަގަށް އަޅުވަން ސަފީނާ މަސައްކަތް ކުރިއެވެ. އެކަމަކު ބަދަލުގައި ދާއޫދު ވީ އަނބިމީހާއަށް އަނިޔާވެރިއެވެ. ދާއޫދަށް ބިރަކަށްވި ކޮންމެ މީހެއް މަގުން އެއްފަރާތްކޮށްލީ ރަހުމެއް ނެތިއެވެ. ކެވިންގެ އަނބިމީހާ އާއި ދަރިފުޅަކީ، ދާއޫދުގެ އަމުރަށް މަރައިލެވުނު ފުރަތަމަ އަންހެންމީހާ އާއި ކުޑަ ކުއްޖާ އެވެ. އޭގެ އިތުރުންވެސް ދާއޫދުގެ އަމުރަށް އެތައް ބަޔަކު މަރައިލެވުނެވެ. އެންމެންގެ ވެސް ކުށަކަށްވީ، ދާއޫދުގެ ހަގީގަތް އެނގުމެވެ. ހައިޖީން އާއި ޖިލްވާގެ ދުވަސް ދުއްވައިލަންވެސް ދާއޫދު މަސައްކަތް ކުރިއެވެ. އެ ކަމަށް ހުރަސްއެޅި މީހަކީ ކެވިން އެވެ.
ކުރެވުނު ކަންތަކާއި ހިތާމަކުރާ ދަރަޖައަށް ދާއޫދުގެ ހާލަތު ގޯސްވިއެވެ. މާޒީގައި ހެދުނު އެތައް ގޯހެއް ދާއޫދުގެ ހަނދާނަށް ނާންނަ އެންމެ ދުވަހެއްވެސް ނުދެއެވެ. ހުރިހާ ކަމެއް ދާއޫދަށް ވިސްނުނީ ދުނިޔެއިން ލިބުނު ހުރިހާ އުފަލަކުން މަހުރޫމްވެ، ވަގުތު ފާއިތުވި ފަހުންނެވެ. ކިތަންމެ ހިތާމަކުރިޔަސް، މާޒީވެދިޔަ ތަން އަނބުރާ ނުލިބޭނެއެވެ.
********
ބޯދަށަށް އަތް ލައްވާލައިގެން އޮތް ކެވިންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ޖަލުން މިނިވަންވެގެން ގޭގައި ހޭދަކޮށްލާ ފުރަތަމަ ދުވަހު އޭނާއަށް ކުރެވުނީ ބަޔާންކުރަންދަތި އިހުސާސްތަކެކެވެ. އަނބިމީހާ އާއި ދަރިފުޅުގެ ތަސްވީރަށް ބަލަން އޮތްއިރު، ޒެނިލްގެ ދެލޮލުން ކަރުނައިގެ ރޮނގެއް ދެމިގެން ދިޔައެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ.
ޖަލުގައި ހޭދަވި ދުވަސްތަކުގައި ކެވިންއަށް ރިވެތި އަހުލާގުގެ އެތައް ކަމެއް ދަސްވިއެވެ. މިއަދު މާޒީ އާއިމެދު ހިތާމަކުރާކަށް ކެވިން ބޭނުމެއް ނުވެއެވެ. އޭނާގެ ދިރިއުޅުމުން ބޮޑު ބައެއް ދުއްވައިލެވުނީ އަމިއްލަ ނަފުސު ކުށްވެރި ކުރުމުގައެވެ. އަނބިމީހާ އާއި ދަރިފުޅުގެ މަރުގެ ޒިންމާ އަމިއްލަ ކޮނޑުގައި އަޅައިގެންނެވެ. އެކަމަކު، މިއަދު ކެވިން އުފާވެއެވެ. އެ ދެމީހުންގެ ބަދަލުގައި ކެވިންއަށް ހައިޖީން އާއި ޖިލްވާ ސަލާމަތްކޮށްދެވުނީތީއެވެ. ރޯވެފައިވާ އަލިފާނުން ހައިޖީން ސަލާމަތްކުރީ ކެވިން އެެވެ. ކެވިންގެ އެހީ ނުލިބުނުނަމަ، އެ ދުވަހު ހައިޖީންގެ ފުރާނަ ދިޔައީހެވެ. އެތައް ބަޔެއްގެ ހައްގުތައް ނިގުޅިގެން ދިޔުމުން ސަލާމަތްކޮށްދީ، އިންސާފު ހޯދަން ކެވިން އެ ވަނީ އެހީތެރިވެދީފައެވެ. ދާއޫދަށް އަދަބު ލިބި، އިންސާފުގެ ކުރިމައްޗަށް ގެނެވުނީ ވެސް ކެވިން ކުރި މަސައްކަތުންނެވެ.
********
ރޭގަނޑުގެ ވަގުތެވެ. ނިދަން ތައްޔާރުވެލައިގެން ޖިލްވާ ފާޚާނާއިން ނުކުތްއިރު، ޒެނިލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ޒެނިލްގެ އަތްމަތީގައި ޔޫން ނިދާލާފައި އޮތެވެ. ޒެނިލް އޮތްގޮތުން ކަމަކާއި ފިކުރު ކުރާކަން ޖިލްވާއަށް އެނގުނެވެ.
"ބައްޕަގެ ކަންތަކާ ވިސްނަނީތަ؟..." ޖިލްވާ އަހައިލިއެވެ.
"މިހިތަށް އަރަނީ ބައްޕައަށް މިހާރު ވިސްނޭނެ ބާއޭ؟.... އަދިވެސް ހަމަ ދުނިޔޭގެ އެދުމަށް ބާއޭ އިސްކަންދޭނީ؟..." ޒެނިލް އޭނާގެ ހިތުގައި އޮތް އެއްޗެއް ފޮރުވާކަށް ނޫޅުނެވެ. "ޖިލް!.... އަހަރެން މިހާރު ކޮރެއާއަށް ދާހިތެއް ނުވޭ... އަހަރެން ބޭނުންވަނީ އަހަރެންގެ މަންމަ އާއިއެކީ މަންމަގެ ކައިރީ އުޅެން... ޖިލް އާވެސް އެކީ..."
"ޒެލް ބޭނުންތާކު ޒެލްއަށް އުޅެވޭނެ... އެކަމަކު، ބައްޕަ ކައިރިއަކަށް ދެން ނުދާނަންތަ؟..." ޖިލްވާ އަހައިލިއެވެ.
"ނޭނގެ...." ޒެނިލް ބޯ ހޫރައިލިއެވެ. "ބައްޕަ އިސްލާހުވެގެން އައިސް މަންމަގެ މާފު ހޯދައިފިއްޔާ، އަހަރެންވެސް ބައްޕައަށް މާފު ކުރާނަން... މަންމައަށް ހެދި ގޮތުން ބައްޕަދެކެ ވަރަށް ހިތްހަމަނުޖެހިއްޖެ... ބައްޕައަށް ހައްގު އަދަބު ލިބެންވާނެ... އެއީ މީހަކު ބައްޕައަށް ދިން ލަނޑެއް ނޫން... އެއީ ބައްޕަ އަމިއްލައަށް ލިބިގަތް އަދަބެއް..."
"ބައްޕަދެކެ ފޫހިވާގޮތަށް އަހަރެންދެކެ ފޫޢްސެއް ނުވޭތަ؟..." ޖިލްވާ ލާނެތް ރާގަކަށް އަހައިލިއެވެ.
ޖިލްވާގެ މަގުސަދަކަށްވީ، ޒެނިލްގެ ވިސްނުން އަނބުރުވައިލުމެވެ. ހިނިތުންވުން އެ މޫނަށް ގެނުވުމެވެ. އެކަން ފުރިހަމަވެސް ވިއެވެ. ޒެނިލް ޔޫން ނަގައި ކުޑަ އެނދަށް ލާފައި އައެވެ. ޖިލްވާ ގެންގޮސް އަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ.
"ފޫހިވާންވީތަ؟..." ޒެނިލް އަހައިލީ ލާނެތް ރާގަކަށެވެ.
"ވަންޏާ، ދަނީ..." ޖިލްވާ ތުން އަނބުރައިލިއެވެ.
"ދުވަހަކުވެސް ނުވާނެ... ތީ އަހަރެންގެ ޖާން..." ޒެނިލް ލޯ މަރައިލިއެވެ. "އައި ލަވް ޔޫ..."
"ނުވޭ..." ޖިލްވާ ގަދަކޮށްލިއެވެ.
"އަދި އެއްފަހަރު އަހާބަލަ ލޯބިވަންތޯ..." ޒެނިލް ޖިލްވާގެ ކޮލުގައި ލޯބިކޮށްލިއެވެ.
"ނާހާނަން..." ޖިލްވާ ބޯ ހޫރައިލިއެވެ.
ޒެނިލް ގޮވަގޮވައި އޮއްވައި ޖިލްވާ ތެދުވެގެން ގޮސް ކޮޓަރިން ނުކުތެވެ. އިރުކޮޅަކުން ޖިލްވާގެ ފޯނަށް އައީ މެސެޖެކެވެ. ދިވެހި އިބާރާތުން ލިޔެފައިވާ ލިޔުންކޮޅު ފޮނުވާފައި ވަނީ ޒެނިލް އެވެ.
"ޔާރާއެ ލޯބިދޭށޭ..." ޖިލްވާގެ ކައިރިއަށް ހިނި އައެވެ.
ޖިލްވާ ގޮސް ކޮޓަރިއަށް ވަންއިރު، ޒެނިލް އޮތީ ފުރަގަސްދީގެންނެވެ. ކޮންމެވެސް އެއްޗެއް ކިޔާ އަޑަށް ޖިލްވާ ކައިރިވެލިއެވެ. ޒެނިލް ކުއްލިއަކަށް ފަސްއެނބުރިފައި ޖިލްވާގެ އަތުގައި ހިފައި، ގާތަށް ދަމައިލިއެވެ. ޖިލްވާ އެނދުމައްޗަށް ވެއްޓުނެވެ. ޒެނިލް އޭނާގެ ދެ އަތުގެ ތެރޭގައި ޖިލްވާ ހައްޔަރުކޮށްލިއެވެ.
"ބުނެބަލަ ލޯބި ދޭނުތަ؟...." ޒެނިލް އަހައިލީ ދިވެހި ބަހުންނެވެ. "އޮއްޕާ!..."
ޖިލްވާ ހީގަތެވެ. ޒެނިލް ދިވެހިން ވާހަކަ ދައްކަން ދަސްކުރީ ކޮންތާކުންތޯ އަހައިލުމުން ފޯނު ދައްކައިލިއެވެ. ޖިލްވާ ހޭންފެށުމުން، ޒެނިލް ކިޔައިދިނީ "އޮއްޕާ"ގެ މާނައެވެ. އެއީ ލޯބިން ކިޔާ އެއްޗެއް ކަން އެނގުމުން ޖިލްވާ ލަދުން މޮޔަވާވަރު ވިއެވެ. އޭރު ޒެނިލް ހޭނެވަރު ވިސްނާފައި ތުންދަމައިލިއެވެ.
"ލަވް ޔޫ... ލަވް ޔޫ ސޯ މަޗް..." ޒެނިލް ބުންޏެވެ.
ޒެނިލްގެ މޭގެ ތެރޭގައި މޫނު ފޮރުވާލައިގެން އޮވެ، ޖިލްވާވެސް ލޯ މަރައިލިއެވެ. އުމުރަށް ލޯބި ދޭނެ ކަމުގައި ބުންޏެވެ. ހަމަ އެފަދައިން ޒެނިލް ވެސް ބުންޏެވެ. ދެ ހިތުގައިވެސް ވީ ނުގުޑާނެ އަޒުމެކެވެ. މައިންބަފައިންގެ ދިރިއުޅުމުން އިބުރަތް ލިބިގަނެގެން، އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރުމެވެ.
(ނިމުނީ)