ރިފްއާނުގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. ޒެނިލް ހުރީ ވާނުވާ ނޭނގިފަ އެވެ. ހަމްދާ ކޮންމެ އެއްޗެއް ބުނާ އިރަށް ޒެނިލް ބޯ ޖަހައިލާތީވެސް ރިފްއާން ހުރެގެން ހެނީ އެވެ.

"މަންމައޭ ކިޔާނީ ބުނީމަވެސް..." ޖިލްވާ ސިއްރުން ބުންޏެވެ. "ކިތައް ފަހަރު ކިޔައިދިނިންތަ؟..."

"ޖިލް އެމީހުންނަކަށް ދިވެހިން ވާހަކަ ދައްކާކަށް ނޭނގޭނެއޭ... އެހެންނޫނަސް އޭރު ޖިލް ހުރެގެން ކީ މަންމައޭ މަންމައޭ ވިއްޔަ... ކިތަންމެ މޮޅު މީހަކަށްވެސް އޮޅިދާނެ އެވަރުވީމަ..." ރިފްއާންގެ ހިނިގަނޑު މައިތިރިއެއް ނުކުރެވުނެވެ.

********

ޖިލްވާމެން ގެއަށް ދާން ނައްޓައިލީ އެއާޕޯޓުން ރަނގަޅަށް ކައިގެންނެވެ. އެންމެންނަށް އެއް ކާރަކަށް ނޭރޭތީ، ސަފީނާ އާއި ރިފްއާނު އެރީ އެހެން ކާރަކަށެވެ. ޖިލްވާމެން ތިބި ކާރު ގޮސް ގޭގެ ދޮރު މައްޗަށް ހުއްޓައިލީއިރު، ސަފީނާމެން އިންތިޒާރުގައި ތިއްބެވެ.

"ސަފީ މޯމް!..." ކާރުން ފޭބި ގޮތަށް ޖިލްވާ ގޮސް ސަފީނާގެ ގައިގައި ބައްދައިލި އެވެ.

ހަމްދާ ކަޅި އަޅާލައިގެން ބަލަން ހުއްޓެވެ. އަދިވެސް ޖިލްވާ ސަފީނާ އާއި މާ ގާތްވުމުން، އޭނަގެ ހިތަށް އުނދަގޫ ވެއެވެ.

"ދަރިފުޅު ރަނގަޅުތަ؟..." ސަފީނާ ލޯތްބާއިއެކު ޖިލްވާގެ ބުރަކަށީގައި ފިރުމައިލި އެވެ.

ޖިލްވާ ހުރީ އުފަލުންނެވެ. އަވަހަށް ބޯ ޖަހައިލި ގޮތުންވެސް އެކަން ސަފީނާއަށް އެނގުނެވެ. އެތައް ދުވަހަކަށްފަހު، އުފަން ފަސްގަނޑުން ލޯބިވާ މީހުންނާއި ބައްދަލުވުމުން ޖިލްވާގެ ހިތަށް ވަނީ ބަޔާންކުރަންދަތި އުފަލެއް ލިބިފަ އެވެ.

ޒެނިލް ޔޫން އުރާލައިގެން އައިސް ސަފީނާގެ ކުރިމަތީގައި ހުއްޓުނެވެ. ސަފީނާ ބަލައިލުމުން ޒެނިލް ހިނިތުންވުމެއް ހަދިޔާކޮށްލަމުން، ކުޑަކޮށް ގުދުވެލި އެވެ. ކޮރެއާގެ މީހުންގެ އާދަކާދައިގެ މަތިންނެވެ. އެކަމާއި ދެކޮޅުހެދުމުގެ ގޮތުން ސަފީނާ އަވަހަށް ބޯ ހޫރައިލި އެވެ. ޖިލްވާ ޒެނިލްގެ ގައިގައި ޖެހިގަތެވެ. އެގޮތަށް ގުދުވުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ބުންޏެވެ.

ހިނިތުންވެލަންވެސް ނޭނގިފައި ސަފީނާ ހުއްޓެވެ. އެއްފަހަރު ޒެނިލްއަށް އަނެއްފަހަރު ޔޫންގެ މޫނަށް އޭނަ ބަލަމުން ދިޔަ އެވެ. ޔޫން އަކީ ކުޑަކުޑަ ޒެނިލް އެވެ. ކުޑަވެސް ތަފާތެއް ނެތެވެ. ސަފީނާގެ ހިތް ލޯބިން ފުރިގެން އައެވެ.

ހަމްދާ އައިސް ގެއަށް ވަންނަން އެދުމުން ވެސް ޖިލްވާއަށް ހުރެވުނީ ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އާމިރުގެ ކުރިމައްޗަށް އަރަން އޭނަ ޖެހިލުން ވަނީ އެވެ.

"މަންމަ މިހުރީނު... ހިނގާ އެތެރެއަށް..." ހަމްދާ އައިސް ޖިލްވާގެ އަތުގައި ހިފައިލި އެވެ. "ބައްޕަ ރުޅި އައިއްސަ ހުއްޓަސް، އެންމެން ކުރިމަތީ ދަރިފުޅާ ދިމާލަށް އެއްޗެއް ނުބުނާނެ..."

ގޭތެރެއަށް ވެރިވެފައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. އެއްވެސް ދިރުމެއް ނެތް ކަހަލަ އެވެ. އާމިރު ފެންނަން ނެތުމުން، ޖިލްވާގެ މޫނުން ފެނުނީ މާޔޫސް ކަމެވެ. ކިތަންމެ ރުޅި އައިސް ހުއްޓަސް، އެވަގުތު ބައްޕަ ގޭތެރެއިން ފެނިލަން ޖިލްވާ ބޭނުން ވިއެވެ. އެތައް ދުވަހަކަށްފަހު، ދަރިފުޅު ދެކެލަން އެ ބައްޕަ ވެސް ބޭނުންވާނެ ކަމުގައި ޖިލްވާ ހީކުރި އެވެ.

"ދަރިފުޅުމެން ދެން ދޭ ފެންވަރާލައިގެން ރެސްޓް ކޮށްލަން... މިހާރު ވަރަށް ވަރުބަލިވެފައެއްނު ތިބޭނީ..." ހަމްދާ ބުންޏެވެ. "ރިފްއާން!... ޔޫންގެ ބައްޕަގެ ފޮށިތައް ތި ކޮޓަރިއަށް ވައްދާލައްޗޭ..."

ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ހަމްދާގެ އަތުގައި ހިފައިގެން ޖިލްވާ ގޮސް ވަނީ ކާގެ އަށެވެ.

"މަންމާ!... ބައްޕަ ދެން ދުވަހަކުވެސް އަހަރެމެންނަށް މާފެއް ނުކުރާނެތަ؟..." ޖިލްވާގެ ދެލޯ ފެންކަޅި ވިއެވެ. "އަހަރެން މިއައީ، ކުރެވުނު ހުރިހާ ކުށަކަށް ތައުބާވެގެން... ބައްޕަގެ ރުހުން ހޯދައިގެން ޒެނިލް އާއި ކައިވެނި ކުރަން އަހަރެން ބޭނުން މަންމާ...."

"ދަރިފުޅާ!... ބައްޕަ އާއި ދޭތެރޭ ގޯސްކޮށް ނުވިސްނާ... މަންމަ އެކަން ހަމައަކަށް އަޅުވާނަމޭ...." ކިތަންމެ ހަމަޖެހިގެން ހުރިކަން ދައްކަން މަސައްކަތް ކުރި ނަމަވެސް، ހަމްދާގެ އަޑުގައި ވަނީ މާޔޫސް ކަމެވެ.

"ޔޫން ދެކެލަންވެސް ބައްޕަ ނާންނާތީ ދެރަވަނީ..." ޖިލްވާއަށް ރޮވުނެވެ.

********

އެނދުގައި އޮށޯވެލައިގެން އޮތް ޖުއާންގެ ނަޒަރު ހުއްޓިފައިވީ ޖިލްވާ ދިން މެމޮރީކާޑަށެވެ.

"ޖިލްވާގެ އަތަށް މެމޮރީކާޑު އެރިދުވަހު މަރުވީ ދެ ފުލުހުން... އެއީ ބައްޕަގެ ޑްރަގް ވިޔަފާރީގެ ތެރެއިން ހިންގި އެންމެ ބޮޑު ޑީލް ނިންމާލި ދުވަސް... އެ ފުލުހުންނަކީ ސީކްރެޓް އެޖެންޓުންތަކެއް... އެމީހުން ބައްޕަގެ ކުންފުނީގެ ކަންކަން ވަރަށް ކައިރިން ބަލަމުން ދިޔައީ... ކޮރަޕްޝަންގެ މައްސަލަތަކާ، ހިއުމަން ޓްރެފިކިންގްގެ އެތައް މައްސަލައަކާ ގުޅޭ ޑޮކިޔުމަންޓްތައް އެ މެމޮރީކާޑުގަ ހުންނާނެ.... ބައްޕައަށް އެކަން ފަޅާއެރީ، ފުލުހުންގެ ތެރެއިން މީހަކު ދިން މައުލޫމާތެއްގެ ސަބަބުން..." ޖުއާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކެވިން ދެއްކި ވާހަކަ ތަކެވެ.

ދާއޫދަކީ ގޯސް މީހެއްކަމަށް ގަބޫލު ކުރަންވެސް ޖުއާންއަށް ދަތި ވިއެވެ. އަމިއްލަ ބައްޕަ އެ ދަރަޖައަށް ވެއްޓެންޖެހޭ އެއްވެސް ސަބަބެއް އޭނައަކަށް ނުވިސްނުނެވެ. އޭނަ އަބަދުވެސް ހީކޮށްގެން ހުރީ އެ އާއިލާ އަކީ ގަދަރުވެރި އާއިލާއެއް ކަމަށެވެ. ދުވަހަކު ވެސް ދާއޫދުގެ ފަރާތުން ނުބައި ސިފައެއްވެސް ފެނިފައި ނުވާތީ އެ ވާހަކަތައް ގަބޫލު ކުރަން އޭނައަށް އުނދަގޫ ވަނީ އެވެ. ވިސްނައިލުމުން ޖުއާންއަށް އެއްކަމެއް ޔަގީން ވިއެވެ. ފަހަކަށް އައިސް ދާއޫދުގެ ނަޒަރު ޖިލްވާއަށް ހުއްޓޭއިރު، އެމޫނުން ތަފާތު އަސަރެއް ފެންނަ ކަމެވެ. އެއީ އެންމެ ފުރަތަމަ ޖިލްވާ ފެނުނު ދުވަހު ދާއޫދުގެ މޫނުން ފެނުނު އަސަރެއް ނޫންކަން ޖުއާންއަށް ޔަގީން ވިއެވެ.

"އެދުވަހު އެ މެމޮރީކާޑު ޖިލްވާއަށް ލިބުނުކަން ބައްޕައަށް އެނގުނީ ވަރަށް ފަހުން... އޭގެފަހުން ބައްޕަ ބޭނުމެއްނުވި ޖިލްވާ ދުނިޔޭގައި ހުއްޓާ ހަމަނޭވާ ލާކަށްވެސް... ޖިލްވާއަށް ހަމަލާދޭން އަހަރެން އެ ކޮޓަރިއަށް ފޮނުވި މީހަކީ ބައްޕަ.... ގޭގެ ތަންތަން ހުންނަގޮތް އަހަންނަށް ކިޔައިދިނީވެސް ބައްޕަ.... އެއްވެސް އިރަކު ޖިލްވާއަށް ގެއްލުންދޭން އަހަރެންގެ ހިތަކު ނެތް... އެދުވަހު އަހަރެން އެކޮޓަރިއަށް ވަނީ މަޖުބޫރު ވެގެން... އަހަރެން ނުގޮއްސިއްޔާ އެހެން މީހަކު ލައްވާ ބައްޕަ ބޭނުންވާ ކަންތައް ކުރާނެ ވާހަކަ ބައްޕަ ބުނީމަ..." ތުރުތުރު އަޅަމުންދިޔަ ކެވިންގެ އަޑު ޖުއާންގެ މުޅި ކޮޓަރި ތެރޭގައި ގުގުމަމުން ދިޔަ ކަހަލަ އެވެ.

ޖުއާން އަވަހަށް ތެދުވެެގެން ގޮސް ލެޕްޓޮޕް ނެގި އެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. ދޮރުމަތީގައި ހުރި ދާއޫދު ފެނުމުން، ޖުއާން ސިހުނެވެ. އެއީ އޭގެ ކުރިން ދާއޫދު އޭނާގެ ދަރިއެއްގެ ކޮޓަރިއަށް ވަންނަ ގޮތެއް ނޫނެވެ. ކިތަންމެ އަވަހަށް ކަމަކު ބޭނުންވިޔަސް، ދާއޫދު އެ ވާހަކައެއް ބުނާނީ ގުޅާފަ އެވެ.

"ކީއްކުރަނީ؟..." ދާއޫދު ހުރީ ފާޑަކަށް ޖުއާން އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

ދާއޫދުގެ ނަޒަރު ޖުއާންގެ ލެޕްޓޮޕަށް ހުއްޓުމާއިއެކު ޖުއާން އަވަހަށް ލެޕްޓޮޕް ލައްޕާފައި ތެދުވި އެވެ.

"ލަވައެއް ޖަހާލަން ވެގެން..." ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުން ޖުއާން ބުންޏެވެ.

"އައިސްބަލަ ބޭރަށް..." ދާއޫދު އެދުނެވެ.

ޖުއާންއަށް އޭނަގެ މުށުތެރޭގައި އޮތް މެމޮރީކާޑުގައި ހިފައި ބާރުކޮށްލެވުނެވެ. ދާއޫދުގެ ފަހަތުން ހިނގައިގަތްއިރު އޭނަގެ ހިތް ތެޅެނީ އެވެ. ދާއޫދު ގޮސް ވަނީ ކާގެ އަށެވެ.

"ބައްޕައަށް މި ކޮފީ މެޝިން ޖައްސަން ނޭނގިގެން މިއުޅެނީ..." ޖުއާން އައުމުން ދާއޫދު ދައްކައިލީ ކޮފީ މެޝިނެވެ. "ކޮފީއެއް ހަދާލަބަލަ... ދަރިފުޅު ނުބޯނަންތަ؟..."

*********

"ނުބޯނަން... ޖިލް ބޭނުމިއްޔާ ގޮސް ބޯލާ އިނގޭ..." ޒެނިލްގެ އަޑުގައި ވީ ނިދީގެ އަސަރެވެ. ޖިލްވާ ކޮފީބޯން ގޮވުމުންވެސް ޒެނިލް ބޭނުންވީ އިތުރަށް ނިދައިލާށެވެ.

ޖިލްވާ ދެން ބަލައިލީ އެނދުގެ ތިރީގައި ގޮދަޑި އަޅައިގެން އޮތް ރިފްއާނަށެވެ. ރިފްއާނަށް ގޮވުމުންވެސް ލިބުނީ ޒެނިލް ދިން ޖަވާބެވެ.

ހިތާއި ހިތުން ކުދި ކިޔަމުން ޖިލްވާ ކޮޓަރިން ބޭރަށް ނުކުތެވެ. ކޮޓަރި ދޮރުން ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު، ޖިލްވާ ސިހުނީ އެދިމާއަށް އައި އާމިރު ފެނުމުންނެވެ. އަވަހަށް ހަށިގަނޑު ސީދާކޮށްލައި، ބައްޕައަށް ހިނިތުންވެލައިގެން އޭނަ ހުއްޓެވެ.

"ބައްޕާ!..." އާމިރު ދާދި ކައިރިވުމުން ޖިލްވާ ގޮވައިލި އެވެ.

ޖިލްވާ އާއި ދިމާއަށް ބަލައިލުމެއްވެސް ނެތި އާމިރު ގޮސް ވަނީ އޭނާގެ ކޮޓަރި އަށެވެ. ޖިލްވާގެ ދެލޮލުން ފެނުނު އުއްމީދުގެ ހުޅުކޮޅު ނިވުނެވެ. ދެލޯ ކަރުނުން ފުރޭކަށް ގިނަ އިރެއް ނުނެގި އެވެ.

"ދަރިފުޅު އާދޭ އަވަހަށް.... ކޮފީ ހިހޫ ވަނީ..." ހަމްދާ އަވަހަށް ގޮސް ޖިލްވާ ގޮވައިގެން ކާގެ އާއި ދިމާއަށް ހިނގައިގަތެވެ. "ބައްޕަ އިހަށް ބަހައްޓާ..."

**********

ދެ ކޮފީ ހަދައިގެން ޖުއާން އައެވެ. މޭޒު ކައިރީގައި އިށީނދެލައިގެން ދާއޫދު އިނެވެ. އޭގެ ކުރިން ދުވަހަކުވެސް ދާއޫދު ކޮފީބޮއެ އުޅުނު ކަމެއް ޖުއާން އަކަށް ނޭނގެ އެވެ. ކުއްލިއަކަށް ބައްޕައަށް ވެގެން އުޅޭ ގޮތަކުން ޖުއާން ހުރީ ހައިރާން ވެފަ އެވެ. ހިތުގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަންވެސް އުފެދުނެވެ.

"ދަރިފުޅާ!... ބައްޕަ ވާހަކައެއް އަހާލަންތަ؟..." ޖުއާން އިށީނުމުން ދާއޫދު އަހައިލި އެވެ.

ޖުއާންގެ ހިތް ތެޅިގަތެވެ. މަޑުމަޑުން ބޯ ޖަހައިލި އެވެ.

"އެއާޕޯޓުން ނުކުމެގެން ދަރިފުޅު ދިޔައީ ކާކާ އެކީ؟..." އިރުކޮޅަކު ވިސްނައިލަން އިނދެފައި ދާއޫދު ސުވާލު ކުރި އެވެ.

ޖުއާން ކޮށި އަރާގޮތް ވިއެވެ. އެކަމަކު އިސާހިތަކު ހަމަޖެހިލައިފި އެވެ.

"އެއީ ރައްޓެއްސެއް..." ޖުއާން ބުންޏެވެ.

"ދަރިފުޅު ދެން އޭނަ އާއި ބައްދަލު ނުކުރާތި!..." ދާއޫދު ކޮށްލީ އަމުރެކެވެ.

"އޭނ؟..." ޖުއާންއަށް ބުނެވުނެވެ. "އެއީ ކީއްވެ؟..."

"ބައްޕަ ބުނީތީ ގަބޫލު ކުރޭ ދަރިފުޅާ... އެއީ ވަރަށް ނުރައްކާތެރި މީހެއް..." ދާއޫދު ތެދުވި އެވެ.

ކޮފީ ތަށިން އެންމެ އެތިފޮދެއްވެސް ބުއިމެއްނެތި، ދާއޫދު ނުކުމެގެން ދިޔައީ އެވެ. ޖުއާންގެ ހިތް ސުވާލުމާކު ތަކެއްގެ ތެރެއަށް ވައްޓައިލާފަ އެވެ. ދާއޫދު އެބުނި އެއްޗެއްގެ މާނަ އަކީ ކޮބައި ހެއްޔެވެ؟ ކެވިން އަކީ ދާއޫދަށް ހުރި ނުރައްކަލެއް ހެއްޔެވެ؟ ނޫނީ ކެވިން އަކީ ހަގީގަތުގައިވެސް މަކަރުވެރިއަކީ ހެއްޔެވެ؟

********

ހަމްދާ ޔޫން އުރާލައިގެން ކޮޓަރިއަށް ވަންއިރު، އާމިރު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހަމްދާ ވަނުމުން ބަލައިލާފައި އެ ނަޒަރު އަތުގައި އޮތް ފޯނަށް ހުއްޓައިލި އެވެ. ހަމްދާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"އަހަރެން އެބަ އަންނަން ފާޚާނާއަށް ވަދެލާފަ..." ޔޫން އެނދުމަތީގައި ބައިންދާލަމުން ހަމްދާ ބުންޏެވެ. "މި މަންޖެ ބަލާލައްޗޭ..."

އާމިރު އެއްޗެއް ބުނުމުގެ ކުރިން ހަމްދާ ގޮސް ފާޚާނާއަށް ވަނެވެ. ދެކޮޅު ހަދާނޭ ފުރުސަތެއްވެސް އާމިރަކަށް ނުލިބުނެވެ. އޭނަ ބަލައިލީ ކައިރީގައި އިން ތުއްތު ކުއްޖާ އަށެވެ. ލޯބިކަމުން ހިތް ވިރިގެންދާފަދަ މައުސޫމުކަމެއް ލިބިފައިވާ ކުއްޖެކެވެ.

އާމިރު ބަލައިލުމުން ޔޫން އަޑެއް ލައްވައިލި އެވެ. އަތުގައި އޮތް ކުޅޭއެތި އާމިރާއި ދިމާއަށް އެއްލި އެވެ. ކުޅޭއެތި ގޮސް ޖެހުނީ އާމިރުގެ ނޭފަތުގަ އެވެ. ތަދުވެގެން އާމިރަށް ނޭފަތުގައި ފިރުމައިލެވުނެވެ. ޔޫން ފިރުކެމުން ގޮސް އާމިރުގެ ގައިމައްޗަށް އެރި އެވެ. އާމިރުގެ މޫނު މައްޗަށް އަރައިގެން ބޯ ކައިރީގައި އޮތް ކުޅޭއެތި ނަގަން އުޅުނެވެ. ދެންމެދެންމެ ފުރޮޅާލައިގެން އެނދުމަތިން ވެއްޓިދާނޭހެން ހީވެ، އާމިރަށް ޔޫންގެ ގައިގައި ހިފަހައްޓައިލެވުނެވެ. އެ ތުއްތު ކުއްޖާ އުރާލައި ބަނޑުމަތީގައި ބައިންދައިލި އެވެ. ޔޫން ތެޅިގަނެފައި އާމިރުގެ ތުނބުޅީގައި ހިފައި ދަމައިގަތެވެ.

"ހޯހޯ ކަމެއް..." ޔޫންގެ އަތް ނައްޓުވައިލަމުން އާމިރު ބުންޏެވެ. "ކާފަގެ ކުޑަކުޑަ ދޫނި މިއުޅެނީ ކާފަގެ ކަށިކޮޅުވެސް ބިންދާލަންތަ؟..."

އާމިރު ޔޫންގެ ތުއްތު އަތުގައި ބޮސްދިނެވެ. ކޯކޮޅުގައި އަތް ޖައްސައިލި އެވެ. ލޯބިން ގޮސް އާމިރަށް އުޅެފައި ނޫޅެވޭ ގޮތްވެސް ނޭނގުނެވެ. ހަރުކަށިކަން ދައްކައިގެން އުޅުނު ނަމަވެސް، އާމިރުގެ ހިތް އޮތީ މަޑު ކަފަކޮޅެއް ފަދައިންނެވެ. ފާޚާނާ ދޮރު ކުޑަކޮށް ހުޅުވައިގެން ހަމްދާ ހުރީ އެ މަންޒަރު ބަލާށެވެ. އުފަލުން ގޮސް ހަމްދާގެ ދެލޯ ފެންކަޅި ވިއެވެ.

ހަމްދާ ނުކުތުމުން އާމިރު އަވަހަށް ޔޫން ދުރުކޮށްލި އެވެ.

********

ޖިލްވާ ހުރީ ޒެނިލްގެ ގަމީސް އިސްތިރި ކުރާށެވެ. ސަފީނާ އައިސް ކޮންމެވެސް މީހަކު ބައްދަލުކޮށްލަން އައިސް ހުރި ވާހަކަ ބުންޏެވެ. ކުރަން ހުރި މަސައްކަތް ނިންމައިލާފައި ޖިލްވާ ނުކުތެވެ. ފެނުނު ސޫރަ އަކުން އޭނަގެ މުޅި ތަބީއަތު ބަދަލުވެއްޖެ އެވެ.

(ނުނިމޭ)

ކޮމެންޓް 0