ޒެނިލްގެ ކޮޓަރި ތެރެއަށް ދެމިގަނެ ދޮރުން ބޯދިއްކޮށްލައިގެން ބޭރު ބަލަން އޭނަ ހުއްޓެވެ.

ޖިލްވާ ފެނިފައި ޒެނިލްވެސް ސިހުނެވެ. މުޅި މޫނުގައި ކަޅު އެއްޗެހި ތަކެއް ހާކައިގެން ހުރިއިރު، ފެންނަން ހުރީ ޖިލްވާގެ ދެލޮލާއި އަނގަ އެކަންޏެވެ. އަނގައިގެ ދެފަރާތުންވެސް ރަތްކުލައިގެ އެއްޗެހިތަކެއް ފައިބާފައި ހުއްޓެވެ. ހީވަނީ "ޑްރެކިޔުލަރ" އެއް ހެންނެވެ.

********

"މާމާ ވަގެއް..." ސިޑި އާއި ދިމާއަށް އިޝާރާތް ކުރަމުން ޖިލްވާ ބުނީ މައުސޫމު ގޮތަކަށެވެ.

ޖިލްވާ ފެނިފައި އާއިޝާ ވެސް ސިހުނެވެ. މާޒީގެ ދުވަސްތަކުގެ ތެރެއިން ދުވަހެއް އައިސް ސިކުނޑީގައި ޓަކި ދިންހެން އޭނައަށް ހީވިއެވެ. ޖުއާންމެންގެ މަންމަ ވެސް އުޅުނީ އެފަދަ ގޮތަކަށެވެ. އާއިޝާ ދޫކޮށްލީ ފުން ނޭވާ އެކެވެ. ޖުއާން އަކީ ޒެނިލްގެ ކޮއްކޮ ކަމުގައި އަތުގެ އިޝާރާތުން ބުނެފައި، ފެންވަރައިގެން އައުމަށް ޖިލްވާގެ ކައިރީގައި އާއިޝާ އެދުނެވެ.

ޖުއާން ފެނުމުން، އާއިޝާ އަތް ދިއްކޮށްލިއެވެ. ކައިރިއަށް އައުމަށް އެދުނެވެ. ކުޑަ ކުއްޖެއްހެން ދުވެލާފައި ޖުއާން ދިޔައެވެ. އާއިޝާގެ އަތުގެ ތެރެއަށް ވަނެވެ.

"މުޅިން ރަތްވެފައެއްނު މިހުރީ..." ޖުއާންގެ ނިތްކުރިމަތީން ދުޅަވެފައިވާ ތަނުގައި އަތް ޖައްސައިލަމުން އާއިޝާ ބުންޏެވެ.

"މާމާ!... ކޮން އަންހެންކުއްޖެއް އެއީ؟... ކީއްވެ ޖުއާންގެ ކޮޓަރީގަ ހުރީ؟..." ޖުއާން ސުވާލު ކުރިއެވެ.

"ބޭބެ ދަރިފުޅު ކައިރީގަވެސް ނުބުނަނީތަ؟...." އާއިޝާ ދެފަރާތަށް ބޯ ހޫރައިލިއެވެ. "ނަސީބެއްނު މާމައަށް އެކުއްޖާ އާ ބައްދަލުވިކަން..."

"ބޭބެ އެއްވެސް އިރަކު މާ ގިނަ ވާހަކައެއް ނުދައްކާނެ... މާމަ ދިޔާމަ، ޖުއާން މުޅިން އެކަނިވެއްޖެ..." ޖުއާން ކުޑަކުއްޖެއްހެން ޝަކުވާ ކުރަން ފެށިއެވެ.

"ދެން އެކަންޏެއް ނުވާނެ..." އާއިޝާ ޔަޤީންކަމާއި އެކުގައި ބުންޏެވެ. "ބޭބެ އެ އުޅެނީ ކައިވެނި ކުރަން..."

"ބްރަދަރ އޭ؟..." ޖުއާންގެ ދެލޯ ބޮޑުވިއެވެ. "ބްރަދަރ މެރީ ކުރަނީ؟..."

"މި އަނގަ ލައްޕަބަލަ..." ޖުއާންގެ ދަތްދޮޅީގައި ހިފައި މައްޗަށް ހިއްލައިލަމުން އާއިޝާ ވާހަކަ ދެއްކިއެވެ. "ބޭބެވެސް ކައިވެނި ކުރަން ޖެހޭނެ އެއްނު... އަނެއް ކޮޓަރި ތައްޔާރުކޮށްލެވެންދެން ދަރިފުޅުގެ ކޮޓަރީގަ ޖިލްވާ ހުންނާނީ... ދަރިފުޅު އިހަށް ބޭބެގެ ކޮޓަރިއަށް ބަދަލުވޭ..."

"އޯކޭ!..." ސެލިއުޓު ނަގަމުން ޖުއާން ބުންޏެވެ. "އެކަމަކު، އަހަރެން އުޅޭނީ ގެސްޓްރޫމްގަ... ފިރިހެން ކުދިންނަށް ކޮންމެ ގޮތަކަށްވެސް އުޅެވޭނެ..."

ޒެނިލް ތިރިއަށް އައީ، ޖުއާންގެ އަންނައުނުތައް އެ ކޮޓަރީގައި ހުރުމުން އެކަމާއި ބެހޭގޮތުން ސުވާލު ކުރާށެވެ.

"ބްރަދަރ، ބްރަދަރ! އައިސްބަލަ..." ޖުއާން ގޮވައިލީ ޝަޢުޤުވެރި ވެފައެވެ. "އެއީ ފައިޓިން ފިޝްއެއްތަ؟..."

ޖުއާން ލާނެތް ގޮތަކަށް ހީގަތެވެ. ޒެނިލް ދެލޯ ހަނިކޮށްލައިގެން ބަލަން ހުއްޓެވެ. އިތުރު އެއްޗެއް ނުބުނެ އޭނަ ގޮސް ގެއިން ނުކުތެވެ. އާއިޝާ ވެސް ހެމުން ގޮސް ބަދިގެއަށް ވަނެވެ.

ޖިލްވާ ފެންވަރައިގެން ނުކުތީ، ޒެނިލްގެ ޓީޝާޓަކާއި ހަރުވާޅެއް ލައިގެންނެވެ. އެއީ އެވަގުތު ބޭނުންކޮށްލަން އާއިޝާ ދިން އަންނައުނެވެ. ސޯފާގައި ޓީީވީ ބަލަން އޮތް ޖުއާންއަށް ޖިލްވާ ފެނުމުން ފުންމައިގެން ތެދުވިއެވެ. ކޮންފަދަ ރީތި އަންހެން ކުއްޖެއް ހެއްޔެވެ؟ ކަޅިރަވަ ރީތި ބޮޑު ދެލޮލާއި، މަޑު ފިޔާތޮށި ކުލައިގެ ތުނިތުނި ތުންފަތެވެ. ކޮރެއާގެ އަންހެން ކުދިންގެ ކިބައިން އޭނަ ނުދެކޭފަދަ ގުދުރަތީ ރީތި ސިފައެއް އެ ކުއްޖާއަށް ލިބިފައި ވިއެވެ. މޫނު އޮމާންވެފައި، ހަމުގެ ކުލަ އައްޔެވެ. އިސްކޮޅާއި ބައްޓަން ހުރީ ހެޔޮވަރު ވަރަކަށެވެ.

"ހާއި ޖުއާން!..." ޖިލްވާ ވާހަކަ ދެއްކީ ގާތް ގޮތަކަށެވެ. "ސަޕްރައިޒް ދޯ... ކޮޓަރީގަ އިން ޖޯޑެއްގަ ނަން ލިޔެފަ އިންދާ ފެނުނީ..." ޖިލްވާ ހީލިއެވެ.

ދެލޯ ބޮޑުކޮށްގެން ޖިލްވާއަށް ބަލަން ޖުއާން ހުއްޓެވެ. ޖިލްވާ ގޮސް، ޖުއާންގެ ނިތްކުރި މަތީގައިވާ އިސްތަށިތައް އެއްފަރާތްކޮށްލިއެވެ.

"ހާދަ ބޮޑަކަށޭ ދުޅަވެފަ މިހުރީ..." ޖިލްވާ ދެރަވެލާފައި ބުންޏެވެ. "އަހަންނަށް ހަމަ އެހާ ބާރަށްތަ ޖެހުނީ؟..."

ޖިލްވާ ޖުއާންގެ އަތުގައި ހިފައި ގެންގޮސް ސޯފާގައި ބޭންދިއެވެ. ޖިލްވާގެ ދިގު އިސްތަށިގަނޑަށް ފުމެ ހޫނުކޮށްލުމަށްފަހު، ޖުއާންގެ ނިތްކުރީގައި ޖައްސަން ފެށި އެވެ. ރީތިކަމާއި އެއްވަރަށް ޖިލްވާ އަކީ ހިތްހެޔޮ ކުއްޖެކެވެ.

"ކިހިނެއް ބްރަދަރ އެނގުނީ؟... ހަމަ އަސްލުވެސް ކައިވެނި ކުރަނީތަ؟..." ޔަޤީން ނުވެފައި ކަހަލަ ގޮތަކަށް ޖުއާން ސުވާލު ކުރިއެވެ.

ޖިލްވާގެ ހަރަކާތްތައް ހުއްޓުނެވެ. މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.

"ސީކްރެޓެއް ބުނަންތަ؟..." ޖިލްވާ ސޯފާގައި އިށީނެވެ. "ޖުއާންއަށް ޓްރަސްޓް ކުރެވިދާނެތަ؟..."

ޖުއާން ބޯ ޖަހައިލިއެވެ.

"ޖުއާންގެ ބޭބެއަކީ ކާކު ކަމެއް އަހަންނަކަށް ނޭނގެ..." ޖިލްވާ ކުއްލިއަކަށް ބުންޏެވެ.

ޖުއާންގެ މޫނުމަތީގެ އަސަރުތައް ހުރިގޮތެއް ބަލަން ޖިލްވާ އިރުކޮޅަކު މަޑުކޮށްލިއެވެ. ޖުއާންގެ ދެލޮލުން ފެނުނީ، ހައިރާން ކަމެވެ. ޖެހިލުންވާންޖެހޭ ވަރުގެ އަސަރެއް ނުފެނުމުން، ޖިލްވާ އޭނާގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. ކޮރެއާއަށް އައި ގޮތާއި، ކަންތައް ހިނގައިދިޔަ ގޮތެވެ. ޝައުޤުވެރިވެފައި އަޑު އަހަން ޖުއާން އިނެވެ.

"ފޯނު ހޯދަންވީ... އޭރުން ތިކަމުން ސަލާމަތް ވެވިދާނެ..." ޖުއާން ވިސްނައިލާފައި ބުންޏެވެ.

"އަސްލުވެސްތަ؟..." ޖިލްވާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. "އެކަމަކު ކިހިނެއް ފޯނު ހޯދާނީ؟..."

"އަހަރެން ހެލްޕް ވާނަން... އެއްވެސް މީހެއް ކައިރީ ނުބުނާނަން... ޕްރޮމިސް..." ޖުއާން ވައުދު ވިއެވެ.

ގޭތެރެއަށް ވަން ޒެނިލްއަށް ފެނުނު މަންޒަރުން ދެބުމަ ގޮށްޖެހުނެވެ. ޖިލްވާ އާއި ޖުއާން ހީހީފައި ވާހަކަ ދައްކަނީއެވެ. ނުވެސް ދަންނަ މީހަކާއި ޖުއާން އެހާ އަވަހަށް ގާތްވުމުން، ޒެނިލް ހުރީ ނުރުހިފައެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޖިލްވާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.

"ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟..." ޒެނިލް ހަޅޭއްލަވައިގަތެވެ.

"ނުކުމޭ!..." ދޮރާއި ދިމާއަށް އިޝާރާތް ކުރަމުން، ޒެނިލް އަމުރު ކުރިއެވެ. "ނުކުންނާށޭ!..."

ޖިލްވާ ހާސްވެގެން ފެންކަޅި ވިއެވެ. ބޮޑު ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވާކަށް ގިނައިރެއް ނުނެގިއެވެ. ޒެނިލްއަށް އެމަންޒަރު ފެނުމުން ހުއްޓުން އަރާފައި އިރުކޮޅަކު ހުއްޓެވެ.

"ބްރަދަރ!..." ޖިލްވާގެ ދިފާއުގައި ޖުއާން ތެދުވިއެވެ.

"ޖުއާން ދުރުގަ ހުރޭ..." ޒެނިލް އަމުރު ކުރިއެވެ.

ޖުއާން ހާސްވެގެން އެއްފަހަރު ޖިލްވާއަށް އަނެއްފަހަރު ޒެނިލްއަށް ބަލަން ހުއްޓެވެ.

"ކިހިނެއް ވެގެން މިއުޅެނީ؟..." ކާގެ ތެރެއިން ނުކުތް އާއިޝާ ހަލުވި ފިޔަވަޅުތަކެއްގައި އައެވެ.

"މާމާ!..." ހާސްވެފައި ހުރި ޖިލްވާ އަވަހަށް ގޮސް، އާއިޝާގެ ހިމާޔަތް ހޯދިއެވެ.

"ޖިލްވާ، އާދޭ މާމަ އާއިއެކީ..." ބަދިގެ އާއި ދިމާއަށް އިޝާރާތް ކުރަމުން އާއިޝާ ބުންޏެވެ.

ޖިލްވާ އަވަހަށް އާއިޝާގެ ފަހަތުން ދިޔަ އެވެ. ޒެނިލް ހުރީ ބޮލުގައި ދެއަތުން ހިފަހައްޓައިގެންނެވެ. އާއިޝާ ނޫން އެހެން މީހެއްނަމަ، އޭނަ މިހާރު އެއްޗެއް ބުނެފީހެވެ.

ކެއުމުގެ ވަގުތު ޖެހުނުއިރުވެސް ޒެނިލް އޭނާގެ ކޮޓަރިން ނުނުކުތެވެ. ޖުއާން ގޮސް ގޮވުމުން އަނގައިންވެސް ބުނެ ނުލިއެވެ. އާއިޝާ ގޮސް އެ ކޮޓަރިއަށް ވަންއިރު ޒެނިލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ.

"ރައްޓެހިވެގެން އުޅޭއިރު މައްސަލަވެސް ޖެހޭނެ... މައްސަލަ ޖެހޭހާ ފަހަރަކު، ތިގޮތަށް ކަންތައް ކުރީމަ، ދިރިއުޅުން ކުރިއަކަށް ނުދާނެ... ޖިލްވާއަކީ ގޯސް ކުއްޖެއް ނޫންހެން މާމައަށް ހީވަނީ..." އާއިޝާ ފުރަތަމަވެސް ފެށީ، ޖިލްވާގެ ވާހަކައެވެ. "ކައިވެނި ކުރީމަ، ތިކަހަލަ ކުދިކުދި ކަންތައް ރަނގަޅު ވާނެ..."

"މާމާ އަހަރެން ނޫޅެމޭ ކައިވެންޏެއް ކުރާކަށް..." ޒެނިލް ދޫކޮށްލީ ފުން ނޭވާއެކެވެ.

"ތީ މާމައަށް ކަމުދާ ގޮތެއް ނޫން... ކައިވެނި ނުކޮށް މީހުންނާ ރައްޓެހި ވަނީ ކީއްކުރަން؟..." އާއިޝާ ނުރުހޭގޮތް ދައްކައިލިއެވެ.

"މާމައަށް އެނގޭނެ، އަހަރެންގެ މައިންބަފައިންގެ ކައިވެނި ރޫޅުނު ގޮތް..." ޒެނިލްގެ ދެލޯ ކަރުނުން ފުރުނެވެ. "އަބަދު މި ކަންފަތަށް އިވިއިވި ހުރީ ޒުވާބުގެ އަޑު... ކިތަންމެ ކުޑަޔަސް، އެ ހަނދާނަތައް ދެންމެ ވީ ކަމެއްހެން އަހަރެންގެ ހަނދާނުގައި އެބަހުރި... މަންމަގެ ހަޅޭކާއި ބައްޕަގެ ރުއިމުގެ އަޑު..."

"މާޒީގެ ވާހަކަ ނުދައްކާ ދަރިފުޅާ..." އާއިޝާ އިސްޖަހައިލިއެވެ.

"ދަރިފުޅުމެންގެ ބައްޕަ ވަރަށް އަވަހަށް އަންނާނެ... ދަރިފުޅު ކައިވެނި ކުރާ ވާހަކަ ބުނީމަ ވަރަށް އުފަލުން ހުރީ... ކައިވެނީގެ ކުރިން މާމަ އެބަޖެހޭ، ރައްޓެއްސެއްގެ ކައިރިއަށް ގޮސްލަން... މި ދަތުރު މާމަ ވަރަށް ގިނަ ކަންތައް ކުރަން ބޭނުން... ކިހިނެއް އެނގޭނީ، މީ މާމަގެ ފަހު ދަތުރަށް ނުވާނެ ކަމެއް..."

"މާމާ!..." ޒެނިލް ކުއްލިއަކަށް ތެދުވިއެވެ. އާއިޝާގެ އުނގުގައި ބޯ އަޅައިލިއެވެ.

********

ކާގޭގައި ހުރި ޖިލްވާ ހާސްވެގެން ނިޔަފަތިގަނޑު ހަފަނީ އެވެ. ތަބަކަށް ކާއެއްޗެހި އަޅައިދީފައި ޒެނިލްއަށް ގެންގޮސްދޭން އާއިޝާ އެދުނުފަހުން، ތަޅުންގަނޑުގައި އޭނަގެ ފައިވެސް ރަނގަޅަށް ހަރުނުލައެވެ. ޒެނިލްގެ ކޮޓަރީގައި އުޅެފައި އާއިޝާ އައި އިރުވެސް، ޖިލްވާ ހުރީ އެހެންނެވެ.

"މާމާ ނުކެރޭނެ..." ޖިލްވާ އަތުގެ އިޝާރާތުން ބުންޏެވެ.

"މައްސަލަވެސް ޖެހޭނެއޭ ދަރިފުޅާ... ޒެނިލްއަކީ ދަރިފުޅު ތި ހީކުރާ ކަހަލަ ގޯސް ކުއްޖެއް ނޫނޭ... އަވަހަށް ތި ހިފައިގެން ދޭ..." އާއިޝާ ތަބައް ނަގައި ޖިލްވާގެ އަތަށް ލައިދިނެވެ. ބުރަކަށީގައި އަތް އަޅައި، މަޑުމަޑުން ކޮއްޕަމުން ގެންގޮސް ކާގެއިން ނެރުނެވެ.

ޖިލްވާ ޒެނިލްގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލުމުން ޖަވާބެއް ނައެވެ. ދެފަހަރަކު ޓަކި ޖަހައިލާފައި މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެތެރެއަށް ބޯ ދިއްކޮށްލުމަށްފަހު ބަލައިލިއިރު، ކޮޓަރި ތެރޭގައި އެކަކުވެސް ނެތެވެ. ޖިލްވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. އެތެރެއަށް ވަދެފައި، ތަބައް މޭޒުމަތީގައި ބެހެއްޓިއެވެ. ޖިލްވާގެ ލޮލުގައި އަޅައިގަތީ، މޭޒުމަތީގައި ބަހައްޓާފައިވާ ތަސްވީރުތަކުގައެވެ. ޒެނިލް އާއި ޖުއާންގެ ކުޑައިރުގެ ތަސްވީރުތައް ވަރަށް ލޯތްބެވެ. ފަހަރަކު ތަސްވީރެއް ނަގައިގެން ބަލަން ހުރި ޖިލްވާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ.

ޒެނިލް ފެންވަރައިގެން ނުކުތީ ހަމައެކަނި ތުވާލިކޮޅު އަނދެލައިގެންނެވެ. ޖިލްވާ ފެނުމާއިއެކު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ތަސްވީރު ދަމައިގަތެވެ. ޖިލްވާ ހުރީ މޭޒުގައި ލެނގިލައިގެން ނަމަވެސް، ސިހިފައި ހަދައިލެވުނު ގޮތަކުން، ވެއްޓެން ދިޔައެވެ. ޒެނިލްއަށް ޖިލްވާ ހިފަހައްޓައިލެވުނީ ކިރިޔާއެވެ. ހާމައަށް ފެންނަމުންދިޔަ ޒެނިލްގެ ކަސްރަތީ ރީތި ހަށިގަނޑު ފެނި ޖިލްވާގެ ނޭވާ ހީވީ ތާށިވި ހެންނެވެ. ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ތެމިފައިވާ ޒެނިލްގެ އިސްތަށިގަނޑުން ފައިބަމުންދިޔަ ފެންތިކިތައް އެ ހަށިގަނޑުގައި ބީހިލާފައި ތިރިއަށް ދެއެވެ. ދުވަމުންދިޔަ ޝަވަރޖެލްގެ މީރުވަހުން، ޖިލްވާއަށް ފުންކޮށް ނޭވާ ލާން މަޖުބޫރު ކުރުވިއެވެ. ޖިލްވާގެ ހިތަށް އެރިއެވެ. ހަރުކަށި ގޮތެއް ހުއްޓަސް، ޒެނިލް ހާދަ ރަނގަޅެވެ. އޭނަ ވެއްޓުނަ ނުދީ، ހިފަހައްޓައިފިއެވެ. ޒެނިލްގެ ހަށިގަނޑުން މޫނަށް ނަޒަރު ހުއްޓުމާއިއެކު ޖިލްވާ ސިހުނެވެ. ކަޅުކަންގަދަ ދެބުމަ ގޮށްޖަހައިގެން ޒެނިލް ބަލަން ހުރީ ސީދާ އޭނަގެ ލޮލަށެވެ.

ޖިލްވާގެ ހަށިގަނޑު ސީދާ ކުރުވާފައި ޒެނިލް ދުރަށްޖެހިލިއެވެ.

"ގެޓް ލޮސްޓް!..." ޒެނިލް އަމުރު ކުރިއެވެ.

"މާމަ ބުނެގެން ކާން ހިފައިގެން..." ޖިލްވާ އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން އުޅުނެވެ.

"މާމައޭ؟..." ޒެނިލް ހުރީ މަލާމާތުގެ ގޮތަކަށް ހީލައިގެންނެވެ. "މާމައަށް ތިހާ ކެއާ ކުރަންޏާ، އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ؟... އެނގޭތަ، ތި މަކަރުވެރިކަން އެނގޭ ދުވަހު، އެ މާމަގެ ހިތަށް ކުރާނެ އަސަރު؟..."

ޖިލްވާ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެެވެ. ޒެނިލް ބުނީ ތެދެކެވެ. މަކަރުހަދައި އޮޅުވައިލުމުގެ ހިތި ރަހަ އޭނަގެ ކަރުބުޑުގައި ލައްވައިލާނެއެވެ. އެދުވަހަކުން، އިސް އުފުލައިލަން ނުކެރޭ ވަރަށް، ކުށްވެރިވިކަމުގެ އިހުސާސް ކުރެވޭނެއެވެ.

"އެނގޭތަ ތި ކުރެވޭ ކަމެއް؟..." ޒެނިލް ނުރުހިފައި ވާހަކަ ދެއްކިއެވެ. "ތެދަށް ބުނޭ!... ތީ ކާކު؟... މިތަނަށް އައުމުގެ ބޭނުމަކީ ކޮބާ؟..."

ޖިލްވާގެ ހިތަށް އެރިއެވެ. ޒެނިލްގެ ކައިރީގައި ޙަޤީޤަތް ހާމަކުރާނީ ހެއްޔެވެ؟ ޒެނިލްގެ މިޒާޖު ހުންނަ ގޮތުން، އެކަން ކުރާކަށް ޖިލްވާއަކަށް ނުކެރުނެވެ. ޖުއާންފަދަ ކުއްޖަކަށް ޒެނިލް ނުވީ ކީއްވެ ހެއްޔޭ، ޖިލްވާގެ ހިތަށް އެރިއެވެ. ޙަޤީޤަތް ހާމަކުރާ ހިސާބުން އޭނަ ގެންގޮސް ފުލުހުންނަށް ހަވާލު ކުރާކަށްވެސް ޒެނިލް ފަހެއް ނުޖެހޭނެ އެވެ.

"ބުނޭ!.. ކޮން ކަމެއް ތި ސިއްރު ކުރަނީ؟..." ޖިލްވާގެ މޫނުމަތީގެ އަސަރުތައް ހުރިގޮތް ފެނި ޒެނިލް ސުވާލުކޮށްލައިފިއެވެ.

"އަހަރެން ހަމަ ލައިކްވާތީ، ކައިވެނި ކުރަން ބޭނުންވާތީ، މިގެއަށް އައީ..." ޖިލްވާ ދޮގު ހެދިއެވެ.

"އޯކޭ! ފައިން!... ނުބުނެ ހުރޭ... އަހަންނަށް ކައިވެނިވެސް ކުރެވިދާނެ... އޭރުން ގައިގަ އަތްލުމުގެ ހުއްދަވެސް ލިބުނީ..." އިންޒާރެއް ދޭފަދައިން ޖިލްވާގެ ކައިރިއަށް ޖެހިލަމުން ޒެނިލް ވާހަކަ ދެއްކިއެވެ.

(ނުނިމޭ)

ކޮމެންޓް 0