"ކިހާ ދެރަ ކަމެ..." ޖުއާންގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
"ޖުއާން!..." ހުރިހާ ދަތެއް ފެންނަ ވަަރަށް ހީލަމުން ޖިލްވާ ބުންޏެވެ.
ޖުއާންއަށް ޖިލްވާ ފެނުމުން، ހުއްޓުން އަރާފައި އެތައް އިރަކު ހުއްޓެވެ. ދެން ފެނުނީ ކުއްލިއަކަށް ޖިލްވާގެ ގައިގައި ބައްދައިލި ތަނެވެ.
********
"ދެން ދުވަހަކުވެސް އެހެން ނުހަދާތި!..." ޝަކުވާގެ ރާގެއްގައި ޖުއާން ބުންޏެވެ. "ޖިލް އަހަންނަށް ވެސް ފިލީ... އަހަރެން ހާދަ ވަރަކަށް ހޯދީމޭ... ހާދަ ދެރައެއް ވިޔޭ..."
"އަހަރެންވެސް ދެރަވިއޭ..." ޖުއާން އާއި ދުރަށްޖެހިލަމުން ޖިލްވާ ބުންޏެވެ.
"ދެން ކީއްވެ ދިޔައީ؟..." ޖިލްވާގެ ޖަވާބު ޖުއާންއަށް ކަމަކުނުދިޔައެވެ. "އަހަރެން ހިއެއް ނުކުރަން ދެން ދުވަހަކުވެސް ބައްދަލު ވެދާނެ ކަމަކަށް..."
"އޯކޭ ސޮރީ..." ޖިލްވާ މާފަށް އެދުނެވެ.
ރުޅިމޫނު ދައްކައިލަމުން ޖުއާން ހިނގައިގަތީ ދުރަށެވެ. ޖިލްވާ ހީގަނެފައި ޖުއާންގެ ފަހަތުން ދިޔައެވެ.
"ސޮރީއޭ..." ޖުއާންގެ ކުރި ބައްދަމުން ޖިލްވާ ބުންޏެވެ.
"ގަބޫލެއް ނުކުރެވޭނެ..." ޖުއާން އޭނާގެ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.
"އޯކޭ އެހެންވިއްޔާ، ދަނީ..." ޖިލްވާ ހިނގައިގަތެވެ.
"އެއްފަހަރެއް ކަމަށް މާފުކޮށްފިން..." ޖުއާން އަވަސް އަވަހަށް ބުންޏެވެ. "އެކަމަކު ދެން ގޮއްސިއްޔާ، ވަރަށް ރުޅި އަންނާނަން..."
ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ޖިލްވާ ހީލުމުން، ޖުއާންއަށް ވެސް ހެވުނެވެ. އޭރެކޭ އެއްގޮތަށް، އަދިވެސް ޖިލްވާ މައުސޫމުވެފައި ރީއްޗެވެ. ހީލުމުން ވަކީން ފުރިހަމަ އެވެ.
********
ރޭގަނޑުގެ ވަގުތެވެ. ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފުލާ ނިމުމާއިއެކު، ޙާޟިރުވެ ތިބި މީހުންތައް ތަނުން ނުކުންނަން ފެށި އެވެ. ޒެނިލް އާއި އާރާ ބޭރަށް ނުކުތީ އެކުއެކީގަ އެވެ. މެހެމާނުންގެ ކަންކަމުގައި އަވަދިނެތި އުޅުނު ޔޯހަންއަށް އެ ދެމީހުން އެކުގައި ނުކުތް ތަން ފެނުމުން، ހިތަށް އުނދަގޫ ވިއެވެ. ފަހަތުން ދާން ބޭނުންވިޔަސް، ޔޯހަންއަށް ހޯލުން ނުކުމެވޭ ވަރެއް ނުވިއެވެ.
ޓެކްސީއެއްގެ އިންތިޒާރުގައި އާރާ ހުރީ، ބޭރުގައި މަޑުކޮށްލައިގެންނެވެ. އާރާ އެކަނި ހުއްޓައި، ދޫކޮށްލާފައި ގެއަށް ދާކަށް ޒެނިލްއަކަށް ނުކެރުނެވެ. ޑްރައިވަރު ކާރު ދުއްވައިލުމުން، އާރާ ހުރި ދިމާއަށް ދިޔުމަށް ޒެނިލް އެދުނެވެ.
ޒެނިލްގެ ކާރު އަންނަކަން އެނގޭތީ އާރާ ހުރީ، ހިތް އަވަސްވެފަ އެވެ. އެތައް ދުވަހަކު، ދެބީރައްޓެހިން ހެން އުޅެފައި، ގާތްކޮށް ވާހަކަ ދައްކަން އާރާ ކޮންމެވެސް ވަރަށް ޖެހިލުން ވިއެވެ. ރަސްމީ ކަންކަމުގައި ނޫނީ އާރާ ޒެނިލްގެ ކުރިމައްޗަށް އަރަނީ މަދު ފަހަރަކު އެވެ. ކާރު ހުއްޓައިލުމުން، އާރާ ބަލައިލިއެވެ. އޭރު ޒެނިލް އިނީ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެންނެވެ.
"އަރާ!..." ޒެނިލް އެދުނެވެ.
އިރުކޮޅަކު ވިސްނައިލަން ހުރެފައި އާރާ ކާރަށް އެރި އެވެ.
"އަދިވެސް ހިތްހަމަނުޖެހިފަތަ؟..." އާރާ މާ މަޑުން އިނުމުން، ޒެނިލްއަށް އުނދަގޫ ވިއެވެ.
"ނޫން!..." އާރާ ދިނީ ކުރު ޖަވާބެކެވެ.
"ދެން ކީއްވެ މާ މަޑުން ތި އިންނަނީ؟..." ޒެނިލް އަހައިލި އެވެ. "ކިހާ ދުވަހަކުތަ އާރާ ތިހެން އުޅޭނީ؟..."
"އަހަރެން ދެން ކޮން ވާހަކައެއް އިތުރަށް ދައްކާނީ؟.... އަހަރެން ދައްކާ ވާހަކައިން ޒެނިލް ވާނީ ފޫހި... ކިތަންމެ ވަރަށް ވާހަކަ ދެއްކިޔަސް، ޒެނިލްގެ ހިތް ބަދަލެއް ނުވާނެ..." ޒެނިލް މާ ގިނައިން ސުވާލު ކުރަން ފެށުމުން، ހިތުގެ ޝަކުވާތައް ދުލާއި ހަމައަށް ގެންނަން އާރާއަށް މަޖުބޫރު ވިއެވެ.
އިތުރު އެއްޗެއް ބުނަން ޒެނިލް ފަސްޖެހުނެވެ. އާރާއަށް ކުރާ އިހުތިރާމު އޭރެކޭ އެއްގޮތަށް މިއަދުވެސް އޭނަ ކުރެއެވެ. ދެރަކުރާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު، އޭނަގެ ސަބަބުން އާރާ ހިތުގައި ޖެހުން ނޫން ކަމެއް ނުވާނެކަން، ޒެނިލްއަށް އެނގުނެވެ.
ހަނދުވަރުގެ އަލި ދޭ ރީތި ރެއެކެވެ. ކާރު ދަތުރު ކުރަމުން ދިޔަ މަގުތަކުން ދުއްވާ އެއްޗެއް ފެނިލަނީ މަދު ފަހަރަކު އެވެ. މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ގަސްތަކުގެ ތެރެއިން ފުރޭނިގެން މަގަށް އެޅިފައިވާ އަލިކޮޅުތަކަށް ބަލަން އާރާ އިނެވެ. ކާރު ގޮސް ހުއްޓައިލީ، ޒެނިލްގެ ގޭ ދޮރުމައްޗަށެވެ. ފައިބަން އުޅެފައިވެސް ޒެނިލް މަޑުކޮށްލި އެވެ.
"ގުޑްނައިޓް!..." ކައިރީގައި އިން އާރާއަށް ބަލައިލަމުން ޒެނިލް ބުންޏެވެ.
އާރާ އެއްޗެއް ނުބުންޏެވެ. އެކަމަކު ޒެނިލް ކާރުން ފޭބުމުން، އާރާވެސް، ކާރުން ފައިބައިފި އެވެ. ޒެނިލް ހީކުރީ ކާރުގައި އެއްޗެއް ބޭއްވިފައި އޮތީ ކަމަށެވެ. އާރާ ހަލުވި ފިޔަވަޅުތަކެއްގައި ޒެނިލް އާއި ދިމާއަށް ދިޔައީވެސް އެފަދަ ގޮތަކަށެވެ. ޒެނިލް އޭނާގެ ޖީބުގައި އަތް ޖައްސައިލި އެވެ. ފޯނާއި ވޮލެޓު ވެސް އޮތެވެ.
އާރާ އައިސް ޒެނިލްގެ ކަރުގައި ދެ އަތް ވަށައިލި އެވެ. ފިރިހެނެއް ކަމަކު، ޒެނިލްގެ ހިތް ތެޅިގަތީ، ޖެހިލުންވީ ވަރުންނެވެ. ޒެނިލް އަބަދުވެސް ދެކެނީ އާރާ އަކީ ގާތް ރަހުމަތްތެރިއެއް ގޮތަށެވެ. އާރާގެ ހިތުގެ ހާލު އެނގި، އެފަދަ ކުޑަވެސް ގާތްވެލުމަކަށް ފުރުސަތު ދޭކަށް ޒެނިލް ބޭނުމެއް ނުވެ އެވެ. އާރާގެ ނަޒަރު ޒެނިލްގެ މޫނުން ކޮންމެ ގުނަވަނަކަށް ހުއްޓެމުން ދިޔައީ ވެސް އެހާ ނުރައްކާތެރި ކޮށެވެ. އެއީ އެކުވެރިން އެކަކު އަނެކަކަށް ނަޒަރު ބަދަލުކުރާނެ ގޮތެއް ނޫނެވެ.
ޒެނިލްގެ ކާރު އައިހެން ހީވެގެން ޖިލްވާ އާއި ޖުއާން ބޭރަށް ނުކުތެވެ. އޭރު އާރާ ހުރީ ޒެނިލްގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. ޖިލްވާގެ ތުންފަތުގައިވި ލުއި ހިނިތުންވުން ގެއްލެން ހިނދުކޮޅެއް ވެސް ނުނެގި އެވެ. ޒެނިލްއަށް ވެސް ހުރެވުނީ ދެން ހަދަންވީ ގޮތެއް ނޭނގިފަ އެވެ. ކުއްލިއަކަށް އާރާ ދުރުކުރަންވީ ކަމެއް ނޫނީ ވިސްނައިދޭންވީ ކަމެއް ޒެނިލްއަކަށް ނޭނގުނެވެ.
ޖިލްވާ މަޑެއް ނުކުރެ އެވެ. ބޭރަށް ނުކުތް ބާރުމިނުގައި އެތެރެއަށް ވަނެވެ. ފަހަތުން ޖުއާންވެސް ވަނެވެ. އޭރު ޖިލްވާ ހަލުވި ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި މައްޗަށް އަރަނީ އެވެ.
"އާރާ!... އަހަންނަކީ މީހެއްގެ..." ޒެނިލް އުޅުނީ އާރާ ދުރުކުރާށެވެ.
"އޭނަ މަރެއް ނުވޭ!...." ޒެނިލްގެ ކަންފަތް ދަށުގައި އާރާ ވާހަކަ ދެއްކީ ވައި އަޑުންނެވެ. "ބޭނުމެއް ނުވޭތަ ވީތަނެއް ހޯދާކަށް؟... މިހާރު ތިއުޅޭ ދިރިއުޅުން ޒެނިލް ދޫކޮށްލާނެ އޭނަ ފެންނަ އިރަށް..."
ޒެނިލް ހުއްޓުން އަރާފައި ހުއްޓައި އާރާ ދުރަށް ޖެހިލައިފި އެވެ. ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ޒެނިލް ވައްޓައިލާފައި، އާރާ ގޮސް ކާރަށް އެރިއިރުވެސް ޒެނިލް ހުރީ ގަބުވެފަ އެވެ. ކަންފަތް ދަށުގައި ތަކުރާރު ވަމުން ދިޔަ ޖުމްލަތަކުން، ޒެނިލްގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. މާޒީގައި ހިނގައިދިޔަ ހާދިސާ ލޯ ކުރިމަތީ ތަކުރާރު ވަމުން ދިޔަހެން ޒެނިލްއަށް ހީވި އެވެ. ބޮލުގައި ރިއްސައިގަންލެއް ބޮނޑުކަމުން، ޒެނިލްއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ.
އަމިއްލަ ނަފުސު ހަމައަކަށް އެޅުވުމަށްފަހު، ޒެނިލް އެތެރެއަށް ވަނެވެ. އޭރު ސޯފާގައި ޖުއާން އިނީ ފާޑަކަށް ދެލޯ އަޅާލައިގެންނެވެ. ކުއްލިއަކަށް ޖުއާން އެފަދަ ގޮތަކަށް އިންތަން ފެނުމުން، ޒެނިލް ސިހުނުވެސް މެއެވެ.
"ގަޑި ބަލާބަލަ!..." ޖުއާން ދައްކައިލީ ގަޑި އެވެ.
މެންދަމުން އަލިވެ އެކެއް ޖެހީ އެވެ. ވަގުތުތައް ފާއިތުވެގެން ދިޔަ ގޮތްވެސް ޒެނިލްއަކަށް ނޭނގުނެވެ.
"ސޮރީ ޑޭޑް..." ސަމާސާ ރާގަކަށް މާފަށް އެދިފައި ޒެނިލް ދިޔައީ އޭނަގެ ކޮޓަރި އާއި ދިމާއަށެވެ.
ކޮޓަރި ހުރީ ތަޅުލާފަ އެވެ. ޒެނިލް ހީކުރީ ޖިލްވާ ލަދުން ކުރި ކަމެއް ކަމަށެވެ. ފަހަރެއްގައިވެސް ޒެނިލްދެކެ ރުޅި އައިސްގެން ކޮޓަރިއަށް ނުވައްދަން ކުރި ކަމެއް ކަމަކަށް ހީވެސް ނުކުރެއެވެ.
********
ސިޓިންގްރޫމް ސޯފާގައި ނިދިފައި އޮތް ޒެނިލްއަށް ހޭލެވުނީ ގަދަ އަޑެއް އިވޭތީ އެވެ. ކައިރީގައި ރޯން އިން ޔޫން ފެނުމުން، ފުރަތަމަ ވާނުވާ އެއް ޒެނިލްއަކަށް ނޭނގުނެވެ. ކަންކަން އެނގުނީ ސިކުންތުކޮޅެއް ފަހުންނެވެ. ޒެނިލްގެ ނިދިވެސް ފިލައިގެން ދިޔަ އެވެ. އަވަހަށް ޔޫން ނަގައި ބަނޑުމައްޗަށް ލިއެވެ.
"ޑެޑީގެ ޕްރިންސަސް ކީއްވެ ރޮނީ؟..." ޒެނިލް އަހައިލީ ލޯބިން ފުރިގެންވީ ރާގަކަށެވެ. "މަންމި ކޮބާ؟..."
ޔޫން ހުއްޓައިލި ނަމަވެސް، ދޭތެރެއަކުން ތުން ފިއްތައިލަ އެވެ. ޖިލްވާ ފެންވަރައިގެން ނުކުތްއިރު، ޒެނިލް އިނީ ޔޫން ގޮވައިގެން އެނދުމަތީގަ އެވެ.
"އެއޮއް އައީ މަންމި..." އަތުން އިޝާރާތް ކޮށްލަމުން، ޒެނިލް ބުންޏެވެ. "މިހާރު މަންމި މިސްވެގެން..."
ޖިލްވާ ހުރީ ރުޅިމޫނު ހަދާލައިގެންނެވެ. ޒެނިލް ތެދުވެގެން އައިސް، ރީތިވާ މޭޒު ކައިރީގައި ހުރި ޖިލްވާގެ ފުރަގަހުން ބައްދައިލި އެވެ.
"ހަމަ ކެތް ނުވެގެން..." ޒެނިލް ބުންޏެވެ.
ޖިލްވާ ޒެނިލްގެ އަތް ނައްޓުވައިލީ ގަދަކަމުންނެވެ.
"ހަމަ އެކަނި ހަގް އެއް... އެންމެ މިނެޓަކަށް..." އާދޭހުގެ ރާގަކަށް ޒެނިލް ބުންޏެވެ.
"އެ އާރާގެ ގައިގަ ހަގްކުރަން ދާންވީނު..." ޖިލްވާ ހިތާއިހިތުން ބުންޏެވެ.
ޒެނިލް ކައިރިވެލާއިރަށް ޖިލްވާ ޖެހިލަނީ ދުރަށެވެ.
"ތިހެން އުޅެންޏާ، އަހަރެން މިގޭން ދާނީ..." ޖިލްވާ ބޭނުންކުރީ ފަހުގެ ހަތިޔާރެވެ.
ޒެނިލް ވަގުތުން ހުއްޓުނެވެ. ލޯބީގެ ކުދިކުދި ގޯނާކުރުންތައް ހުއްޓައިލި އެވެ. ކޮންމެ ގޮތަކުންވެސް ޖިލްވާ ބަހައްޓަން ޒެނިލް ބޭނުން ވެއެވެ.
ކެއުމުގެ ވަގުތުގައި ވެސް، ޖިލްވާ އިންނަނީ މާ މަޑުންނެވެ. ޒެނިލް އެއްޗެއް ބުންޏަސް، ޖިލްވާއަށް އަޑު އިވޭ ހެންވެސް ހީނުވެއެވެ. އެކަމަކު ޖުއާން އާއި މަޖާކޮށްފައި ވާހަކަ ދައްކަ އެވެ. އެއްޗެއް ދޭން ބުންޏަސް، ތައްޓަށް އަޅައިދެއެވެ. ޒެނިލް އަކީ ޖިލްވާއަށް ނުފެންނަ މީހެއް ފަދައެވެ.
"ދީބަލަ ސެލެޑް ތަށި..." ޒެނިލް އެދުނެވެ.
ޒެނިލް ދެފަހަރަކު ބުނުމުން، ޖިލްވާ ހަމައެކަނި އެ ތަށި ކައިރިއަށް ޖައްސާލަދިނީ އެވެ. ޖިލްވާ ތަށި ނަގާފައި މޭޒުމަތީގައި ބެހެއްޓީ ވެސް ތަންކޮޅެއް ބާރަށެވެ. ކައި ނިންމާލި ގޮތަށް ޔޫން ގޮވައިގެން ޖުއާން ބޭރަށް ނުކުތުމުން، ޒެނިލް އާއި ޖިލްވާ އެކަނި ވިއެވެ.
"ކަމަކާ ހިތްހަމަނުޖެހިފަތަ؟..." ޒެނިލް އަހައިލި އެވެ.
"ނޫން..." ޖިލްވާ ދެކޮޅު ހެދިއެވެ.
"ކޮންމެސް ކަމެއް ވެފަ ތިހުރީ..." ޖިލްވާގެ މޫނާއި ދިމާއަށް ގުދުވެލަމުން ޒެނިލް ބުންޏެވެ. "އެހެންވިއްޔާ، ކީއްވެ އަހަންނަށް ނުބަލަނީ؟..."
"ކަމެއް ނުވެޔޭ..." ޖިލްވާ ހިނގައިގަތެވެ.
ޒެނިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޖިލްވާގެ ގައިގައި ބައްދައިލި އެވެ. ނުހަނު ލޯބިން އެ ހަށިގަނޑު އޭނަގެ މެޔާލައި ބޮނޑިކޮށްލި އެވެ. އަމިއްލަ ހައްގެކޭ ބުނާ ފަދައިންނެވެ.
"ތިހެންތަ އެންމެނާ އެކީވެސް އުޅެނީ؟..." ގަދަކަމުން ޒެނިލް ދުރުކުރަމުން ޖިލްވާ ބުންޏެވެ.
ޖިލްވާ ބުނި އެއްޗެއް ޒެނިލްއަށް ފަހުމުވާން އިރުކޮޅެއް ނެގިއެވެ. އާރާ އާއި ޒެނިލް އެކުގައި ތިއްބައި ޖިލްވާއަށް ފެނުނީ ކަން އެނގުނެވެ. އެ ހުރިހާ ބަދަލެއް ޖިލްވާއަށް އައީ އޭގެ ފަހުންނެވެ. ޒެނިލްގެ ތުންފަތަށް ވެރިވީ، ލުއި ހިނިތުންވުމެކެވެ.
"ލަވް ޔޫ!... މިހެން ކިހާ ދުވަހަކު ބުނިއްޔާ، ގަބޫލު ކުރާނީ؟..." ޒެނިލް ޖިލްވާ އޭނަގެ އަތުގެ ތެރޭގައި ރަނގަޅަށް ހައްޔަރުކޮށްލި އެވެ. "ތި ނޫން އެހެން އަންހެން ކުއްޖަކު އަހަރެންގެ ހަޔާތަކަށް ދެން ނާންނާނެ.... ނުވެސް ގެންނާނަން.... މިހާރު އަހަރެންގެ ހުރިހާ ވެސް މީހަކީ ތީ..."
ޖިލްވާ ހިމޭންވުމުން، ޒެނިލް އޭނާގެ ދެލޯ މަރައިލި އެވެ. އާރާގެ ޖުމްލަތަކުން ޒެނިލްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިޔަސް، އެކަން ނުދައްކާ ވޭތޯ، ޒެނިލްއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ނިންމި އެވެ. އެކަމަކު، އާރާ ބުނީ ތެދަކަށް ވެއްޖެނަމަ، ޖިލްވާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ޖިލްވާ އާއި ޒެނިލްގެ ގުޅުމަށް އެކަމުން އަސަރެއް ކޮށްފާނެ ހެއްޔެވެ؟
(ނުނިމޭ)