"ހައިޖީން!..." ޒެނިލް އޭނާއަށް ގޮވުނު އެންމެ ބާރަކަށް ގޮވައިލި އެވެ.

********

އެއްވެސް އަޑެއް ނީވުނެވެ. ވަށައިގެން އެނބުރި ގޮވި އިރުވެސް މެއެވެ. ހިނދުކޮޅެއް ފާއިތުވެދިޔަ އިރުވެސް، އަންހެންކުއްޖާގެ ޙިލަމެއް ނުވިއެވެ.

ދެކޮޅަށް ދުވެދުވެ ވަރުބަލިވެގެން، ޒެނިލްއަށް މަޖުބޫރުވީ، ހުރިތަނަށް ތިރިވާށެވެ. ކުއްލިއަކަށް ބާރު އަޑުފަށްގަނޑެއް އިވުނެވެ. ޒެނިލް އިން ހިސާބާއި މާ ދުރުނޫން ހިސާބެއްގައި ހުރި ގެއެއްގެ ތެރެއިން އަލިފާނުގެ ހުޅުގަނޑު ފަޅައިގެން ދިޔައީ އެވެ. ގޭގެ ދޮރުތައް ނައްޓައިގެން ދިޔަ އެވެ. ބިއްލޫރިތައް ތެޅުނު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ފުރާޅުގެ ބޮޑު ބައެއް މާ ދުރަށް ވިއްސައިގެން ދިޔައެވެ. ގޭތެރެއިން އަލިފާންގަނޑުގެ ހުޅުގަނޑު ނުކުތީ ރުޅި އައިސް، ޝިކާރަ ކުރަން ބޭނުންވެފައިވާ ސިންގާއެއް ފަދައިންނެވެ. ޝިކާރަކޮށްލާނެ އިތުރު އެއްޗެއް ހޯދައިލާފަދަ ގޮތަކަށެވެ. ދެކަކޫ މައްޗަށް ތިރިވެ އިން ޒެނިލްއަށް ގުޑިވެސް ނުލެވުނެވެ. މުޅި މީހާއަށް ވަނީ ޝޮކެއް ލިބިފައެވެ. ދެލޯ ބޮޑުވިގޮތަށް އެގެއަށް ބަލަން އިންއިރު، މުޅި މީހާ ތުރުތުރު އަޅައެވެ. ރޯވެފައިވާ އަލިފާންގަނޑުގެ ތެރެއިން ވިއްސައިގެންދިޔަ ޓިނުގަނޑެއްގެ ބައެއް އައީ ސީދާ ޒެނިލް އާއި ދިމާއަށެވެ.

********

ވިހުރެމުންދިޔަ ދޮރުފޮތިގަނޑުގެ ކައިރީގައި ޒެނިލް ހުރީ ދެލޯ މަރައި ބާރުކޮށްލައިގެންނެވެ. ލޮލުގެ ހިމަކޮޅުން ފޭދިގެން އައި ކަރުނައިގެ ރޮނގު، ކޯތާފަތުން ފެށިގެން ތިރިއަށް ދަތުރު ކުރަމުން ދިޔަ އެވެ. ޒެނިލްގެ ދެއަތް އޮތީ މުށްކެވިފަ އެވެ. ނޭވާ އަވަސްވެފަ އެވެ. އެއީ އޭގެ ހަތަރު އަހަރު ކުރީގެ ހަނދާނަކަށް ވިޔަސް، އެ ހަނދާން އައުވާ ކޮންމެ ފަހަރަކު ދެންމެ ވީ ކަމެއްހެން ޒެނިލްގެ ހިތަށް އެ މަންޒަރު ސިފަވެގެން ދެއެވެ. ބިރުން މުޅި ހަށިގަނޑު ރޫރޫ އަޅަން ފަށައެވެ. ކިތަންމެ އުފަލުން ހުއްޓަސް، ވަގުތުން ތަބީއަތު ބަދަލުވެދެއެވެ. މީހަކާއި އަނގައިން ބުނަން ބޭނުންނުވެ، އެކަނި ތަންތަނުގައި ބިތްޖެހިފައި އިނދެއެވެ.

"ޒެލް!... ހޭއި!... ގަޑި ޖެހިއްޖެ..."

ފަހަތުން އިވުނީ ޒެނިލްއަށް އައު އަޑެއް ނޫނެވެ. ހަމަޖެހިލަން މަސައްކަތް ކުރަމުން އޭނަ ފަސްއެނބުރި ބަލައިލި އެވެ. ކުރިމަތީގައި ހުރީ އާރާ އެވެ. ހަމުގެ ކުލަ އަލިވެފައި އިސްކޮޅުން ކުރު އަންހެން ކުއްޖެކެވެ. ހުންނަލެއް ލޯބިކަމުން މީހުން ކިޔައި އުޅެނީ "ޑޯލް" އެވެ. އާރާ އަކީ ޒެނިލްގެ ގާތް ރަޙުމަތްތެރިއެކެވެ. ހަމަ އެއާއިއެކު، އޭނަގެ ޕާސަނަލް ސެކްރެޓަރީ ވެސް މެއެވެ.

އާދައިގެ މަތީން ޒެނިލް ހުރީ ކޯޓު ފަޓުލޫނުގަ އެވެ. ގަދަ ނޫކުލައިގެ ކޯޓަކާއި ހަމަ އެކުލައިގެ ފަޓުލޫނެކެވެ. އެތެރެއިން ލައިގެން ހުރީ ހުދު ކުލައިގެ ގަމީހެކެވެ. އަޅައިގެން ހުރީ، ގަދަ ނޫކުލައިގެ ޓައީ އެކެވެ. އެ ހެދުމުގައި ޒެނިލްގެ ހައިބަތު ދައްކުވައިދެމުން ދިޔަ އެވެ.

"އަނެއްކާވެސް؟..." އާރާ ހާސްވީ ޒެނިލްގެ ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފެނިފަ އެވެ. "އަހަރެން..."

ޒެނިލް މަޑުކޮށްލުމެއްނެތި ހިނގައިގަތުމުން، އާރާ އެއްޗެއް ބުނަން އުޅެފައި ވެސް ހުއްޓައިލި އެވެ. އޭނަ ކުރިއަށް ޖެހިލީ، ޒެނިލްގެ ކަރުގައި އަޅާފައިވާ ޓައީ ރަނގަޅުކޮށްލަދޭށެވެ. ޒެނިލް ވަގުތުން ދުރަށްޖެހުނެވެ. އަތުގެ އިޝާރާތުން މަޑުކުރުމަށް އެންގި އެވެ.

"މިހާރު ކިހިނެއް؟..." ޓައީ ރަނގަޅުކޮށްލުމަށްފަހު، ޒެނިލް އަހައިލި އެވެ.

އާރާ ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ޒެނިލް ކަންތައް ކުރިގޮތުން އޭނަ ހުރީ ހިތުގައި ޖެހިފައެވެ. ޒެނިލްގެ ހާލާއިމެދު އޭނަ ކިތަންމެ ހަމްދަރުދީ ވިޔަސް، އެ ހިތުގެ ޝަކުވާތައް އޭނަ އާއި ޚިއްސާކޮށްފައެއް ނުވެއެވެ. އޭނައަށް ޒެނިލްގެ ހާލަތު ވިސްނެ އެވެ. އެކަމަކު އެހީތެރިވާން އެއްވެސް ކަމެއް ކުރާނެ ފުރުސަތު ޒެނިލް ނުދެ އެވެ. އަންހެން ކުއްޖަކު އިނގިލި ކުރި ޖައްސައިލާންވެސް ޒެނިލް ނުރުހޭ ކަހަލަ އެވެ. އާރާ ގަބޫލު ކުރާ ގޮތުގައި އޭނަ އަކީ ޒެނިލްއަށް ދުރުމީހެއް ނޫނެވެ. އެކަމަކު ކިތަންމެ ގާތްކޮށް ވާހަކަ ދެއްކި ނަމަވެސް، ޒެނިލް އެހެން މީހުންނާއި ތަފާތެވެ. ވާހަކަ ދައްކަން ހުންނައިރުވެސް ވަކި ދުރުމިނެއް ގެންގުޅެ އެވެ. ޚާއްސަކޮށް އަންހެން ކުދިންނަށެވެ.

ބޮޑުވައި އިނގިލި ހިއްލައިލަމުން ބަރާބަރު ކަމުގައި އާރާ ބުނެލި އެވެ. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް، އާރާއަށް އައި ބަދަލު ޒެނިލްއަށް ފާހަގަ ވިއެވެ. އޭނަ އެކަން އެނގޭ ކަމަށް ނުހެދީ އެވެ.

********

މައިގެ ތެރޭގައި ވާފިރާއި އާމިރުގެ އިތުރުން ހަމްދާ ތިއްބެވެ. ޖިލްވާ އިނީ ރިފްއާނުގެ ކޮޓަރީގަ އެވެ. ދޭތެރެއަކުން ބޭރަށް ބޯ ދިއްކޮށްލުމަށްފަހު، މައިގެ ތެރެއަށް ނަޒަރު ހިންގައިލަ އެވެ. ދެން އަނެއްކާވެސް ކޮޓަރިއަށް ވަދެ، އަތުގެ ނިޔަފަތިތައް ހަފަން ފަށައެވެ. ރިފްއާން އޮތީ، އޭނަގެ އެނދުގައި އޮށޯވެލައިގެންނެވެ. ޖިލްވާގެ ކޮންމެ ހަރަކާތަކަށް އޭނަ ބަލަމުން ދިޔައީ ފޫހިކަމެއް ނެތި އެވެ.

"ބައްޕަ ކީކޭތަ ބުނާނީ؟..." ޖިލްވާ ހާސްވެފައި އަހައިލި އެވެ. "ރިޕްސްއަށް ހީވަނީ ކިހިނެއް؟..."

"ނޫނެކޭ ބުނާނީ..." ރިފްއާން މަޖާވެލާފައި ބުންޏެވެ.

ޖިލްވާ ލޯ އަޅައިލި އެވެ.

"ތިވަރަށް ނުވިސްނާ..." ރިފްއާން ބުންޏެވެ. "ކާފަ ހުރިއްޔާ، ހާސްވާކަށް ނުޖެހޭނެ..."

ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ހިތް އަވަސްވެފައިވާ ހާލު ޖިލްވާ ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރީ ގޭގައި ގެންގުޅޭ އަންހެން މީހާ އެވެ. އަތުގައިވާ ތަބަކުގައި ދެ ޖޫސްތަށި ހުއްޓެވެ.

"ސަފީ މޯމް!... އައިސްބަލަ..." ޖިލްވާ ކުއްލިއަކަށް ސަފީނާގެ އަތުގެ މުލައްދަނޑީގައި ހިފައި އެތެރެއަށް ވެއްދި އެވެ. "މަންމަމެން ކިޔާ އެއްޗެއް އަޑު އިވުނުތަ؟..."

"ކިރިޔާއެއްނު ޖޫސްތަށިތައް ނުވެރުނީ..." ސަފީނާ ހީލި އެވެ. "އެކަހަލަ އަޑުތައް ސަފީނާއްތަ އަކަށް ނީވޭނެ... ސަފީނައްތަ ހުންނަނީ ކަންފަތް ބީރުކޮށްގެން..."

"ތިހާ އަދަބުވެރިކޮށް ވާހަކަ ނުދައްކަބަލަ... މަންމަމެންނެއް މިތާކު ނެތެއްނު..." ޖިލްވާ އޭނާގެ މަޖާ ރާގުގައި ބުންޏެވެ. "ކުޑަ ޗުއްޕެއްވެސް އަޑެއް ނީވޭތަ ހަމަ؟..."

"ނީވެއޭ ދަރިފުޅާ!..." ޖިލްވާގެ ބޮލުގައި ފިރުމައިލަމުން ސަފީނާ ބުންޏެވެ.

ޖިލްވާ ތުން ދަމައިލި އެވެ. އެނދުގައި އިށީނދެފައި ދެކޯތާފަތުގައި އަތް ޖައްސާލައިގެން ފިކުރެއްގެ ތެރޭގައި އިނެވެ. ސަފީނާ ގޮސް ތަބައް މޭޒުމަތީގައި ބެެހެއްޓި އެވެ. ޖިލްވާގެ ކައިރީގައި އިށީނދެފައި، ކަނދުރާ މަސާޖުކޮށްދޭން ފެށި އެވެ.

ޖިލްވާގެ އުމުރުން ބާރަ އަހަރުން ފެށިގެން ސަފީނާ އެގެއަށް މަސައްކަތް ކުރަން އާދެ އެވެ. ޖިލްވާދެކެ ސަފީނާ ލޯބިވަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ގޭގައި ގެންގުޅޭ މީހެއް ކަމަކު، އޭނަގެ ހުސްވަގުތުތަކުގައި ޖިލްވާ އާއިއެކު ކުޅެ ހަަދަ އެވެ. ވާހަކަ ކިޔައިދެއެވެ. އެހުރިހާ ކަމަކާއިއެކު، ޖިލްވާގެ ހިތުގައި ސަފީނާއަށް ޚާއްސަ މަޤާމެއް ދެވުނެވެ. އަމިއްލަ މައިމީހާއަށްވުރެ ގިނައިން ސަފީނާ އާއި އެކުގައި ވަގުތު ހޭދަކުރެ އެވެ. ގިނަ ފަހަރަށް ހަމްދާ ކުރިމަތީގައި ނުހުންނަ ވަގުތުތަކުގައި ޖިލްވާ ސަފީނާއަށް މުޚާތަބުކުރަނީ މަންމަގެ ނަމުންނެވެ. ހަމްދާއަށް އެއިން ކަމެއް އެނގިއްޖެނަމަ، އެދުވަހެއްގެ ހަތަރުދަމު، ސަފީނާގެ ހިތުގައި ޖައްސަ އެވެ. ގަސްދުގައި ނިކަމެތިކޮށްލަ އެވެ.

އެތައް އިރެއްގެ މަޝްވަރާއަށްފަހު، ޖިލްވާ ކޮރެއާއަށް ފޮނުވަން އާމިރު އެއްބަސް ވިއެވެ. ބައްޕަ އާއި އަނބިމީހާ އެއްގަލަކަށް އެރުމުން، އިތުރަށް އެކަމަށް ބަހުސްކުރަން އާމިރު ބޭނުން ނުވީ އެވެ. ދަރިފުޅުދެކެ ކިތަންމެ ލޯބިވިޔަސް، އާމިރު ގެންގުޅޭ ވަކި ހުދޫދުތަކެއް އޮވެއެވެ. މާބޮޑަށް ދަރިން ދޫކޮށްލައިފިނަމަ، އެކުދިންނަށް ވެދާނެ ގޮތަކާއިމެދު އޭނަ ވިސްނަ އެވެ.

"ދަރިފުޅު ބޭރަށް ފޮނުވަން ބައްޕަ މި އެއްބަސްވަނީ ހިތުން ރުހުމަކުން ނޫން..." އާމިރު ވާހަކަ ދެއްކީ ޖިލްވާ އާއި ރިފްއާނަށް ވަކިން ބައްދަލުކޮށްފަ އެވެ.

"އިނގެޔޭ ބައްޕާ!... ބައްޕަ ތީ އެންމެ ލޯބި މީހާ!... ޖިލްވާ އުފާވެލާފައި ބުންޏެވެ. "ބައްޕަ ހާސްވާ ވަރުގެ ކަމެއް ނުވާނެއޭ... ޕްރޮމިސް..."

"ބައްޕަގެ ޝަރުތެއް އެބަ އޮތް!..." އާމިރު ބުންޏެވެ. ޖިލްވާގެ ހިތް ތެޅިގަތެވެ. "ދަރިފުޅު ތި ޤައުމަކަށް ގޮސްގެން، އެއްވެސް ކަމެއް ވެއްޖެއްޔާ، އެކަމަކަށް ދަރިފުޅު އަމިއްލައަށް ޖެހޭނެ ޒިންމާ ނަގަން..."

ތީ ކޮންކަހަލަ ޝަރުތެއް ބައްޕާ؟..." އާމިރުގެ ޖުމްލަ ރަނގަޅަށް ފުރިހަމަވެސް ނުވަނީސް، ޖިލްވާ އޭނާގެ ކަންބޮޑުުން ފާޅުކޮށްފި އެވެ.

"އެހާ އަވަހަށް ދަރިފުޅު ހާސްވީ؟..." އާމިރު ބުންޏެވެ.

"ނުވޭ ހާހެއް..." ޖިލްވާ އަވަސް އަވަހަށް ބުނެލި އެވެ.

"ދަރިފުޅު ތީ، އެންމެންގެ ލޯތައް އަމާޒުވާނެ ކުއްޖެއް... ކިރިޔާ ކަމެއް ވިޔަސް، އެންމެންގެ ސަމާލުކަން ދަރިފުޅަށް ހުއްޓޭނެ... ދިރިއުޅެން އުނދަގޫ ވާވަރަށް، ކަންކަން ހިނގައިދާނެ... ޤަދަރު ވެއްޔާ މޮޑެވިއްޖެއްޔާ، މިދުނިޔެ ވާނީ ދަރިފުޅަށް ނަރަކައެއް ކަހަލަ ތަނަކަށް... ވިސްނާ ދަރިފުޅާ!... އަދިވެސް ވިސްނާ!... ދަރިފުޅުގެ ތި ނިންމުމުގެ ސަބަބުން އެއްވެސް ކަމެއް ވެއްޖެއްޔާ، ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބޭނެ... އެއްބަސްތަ؟..." އާމިރުގެ ދިގު ތަޤުރީރު ނިންމައިލީ ސުވާލަކުންނެވެ.

އާމިރުގެ މަޤުސަދަކަށްވީ ޖިލްވާ ބިރުގަންނުވައިލުމެވެ. ފަހުވަގުތުގައިވެސް ޖިލްވާގެ ނިންމުން ބަދަލު ކުރުވުމެވެ. އެ ދަތުރު ހުއްޓުވުމެވެ. އެކަމަކު އެހެނެއް ނުވިއެވެ. ޖިލްވާގެ ނިންމުން ބަދަލެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އެ އަންހެންކުއްޖާގެ އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑެވެ.

"ރިފްއާން!..." ޖިލްވާ ދިޔުމުން، އާމިރު ގޮވައިލީ ކޮޓަރި އާއި ދިމާއަށް ހިނގައިގަތް ރިފްއާނަށެވެ. "މަޑުކޮށްލަބަލަ..."

"ކިހިނެއްތޯ ވީ؟..." ރިފްއާން ހާސްވެފައި އަހައިލި އެވެ.

އާމިރު ރިފްއާނުގެ އަތަށް ލައިދިނީ ސިޓީއުރަ އެކެވެ. ރިފްއާން އެ އުރައަށް ބަލައިލީ ސުވާލު އުފެދިފަ އެވެ.

"ތީގަ އޮންނާނެ ފަސްހާސް ޑޮލަރު..." އާމިރު ބުންޏެވެ. "އަހަރެން ވަރަށް އިތުބާރުކޮށްފަ ރިފްއާނާ އެކީ ޖިލްވާ މި ފޮނުވަނީ... ތެދަށް ބުނަންޏާ، ތި ފައިސާއަށްވުރެ އަހަންނަށް ޖިލްވާ މުހިއްމު..."

"އަޅުގަނޑަށް އިތުބާރު ކުރައްވާ!... ޖިލްވާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..." ރިފްއާންގެ އަޑުގައިވީ ޔަޤީންކަމެވެ.

"ޖިލްވާއަށްވުރެ ރިފްއާނު ދެއަހަރު ހަގަސް، އަހަރެން ދެކެނީ ރިފްއާން ތީ ޖިލްވާގެ ބޭބެގެ ގޮތުގަ... އަހަންނަށް އެނގޭ މި ހުރިހާ ދުވަހުވެސް ރިފްއާން އެ ޒިންމާ ނެގިކަން... އަހަރެން ރިފްއާން ގެނައި މައިގަނޑު މަޤުސަދު ހާސިލުވެއްޖެކަމަށް ޤަބޫލު ކޮށްފިން..." އާމިރު ދޫކޮށްލީ ފުން ނޭވާ އެކެވެ. "ޖިލްވާއަށް ބޭބެއެއްގެ ލޯބި ހޯދައިދިނުމަކީ އަހަރެން އެންމެ ބޭނުންވި ކަންތައް... އަހަރެން އުއްމީދު ކުރަން ރިފްއާން މިކަން ހަނދާން ނައްތާ ނުލާނެ ކަމަށް... ޖިލްވާއަކީ ކާކު ކަން އޮޅުވާނުލާނެ ކަމަށް..."

ދުރުދުރުން ވާހަކަ ދެއްކި ނަމަވެސް، އާމިރުގެ މަޤުސަދު ރިފްއާނަށް އެނގުނެވެ. އޭނަ މަޑުމަޑުން ބޯ ޖަހާލަޖަހައިލާ ހުރީ، އާމިރު އޭނައަށް ކޮށްދިން ކޮންމެ ކަމަކަށް ޝުކުރުވެރިވާ ޙާލުގަ އެވެ.

ކޮރެއާއަށް ދާން ޓިކެޓު ނެގިފަހުން ޖިލްވާ ހީވަނީ އުފަލުން އުދުއްސައިލަން އުޅޭހެންނެވެ. އެވާހަކަ މީސްމީޑިޔާގައި ހިއްސާކޮށްލަން އެތައް ފަހަރަކު ބޭނުންވެގެން ރިފްއާނުގެ ކައިރީގައި އެވާހަކަ ދެއްކި އެވެ. އެކަމަކު ކެތްކޮށްލައިގެން ހުރީ، އެހާ އުއްމީދުކުރި ކަމެއް އެންމެންނަށް ހާމަކުރާ ހިސާބުން ހަސަދައިގެ ލޯތައް އަމާޒުވެދާނެތީ އެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ޖިލްވާގެ އިންތިޒާރަށް ނިމުން އައެވެ. ފުރަން އެއާޕޯޓަށް ދާންޖެހެނީ މެންދަމުގެ ވަގުތުގައި ކަމުން، އިރާކޮޅު ކައިގެން ޖިލްވާ ނިދަން އޮށޯތެވެ. އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި ނިދޭގޮތެއް ނުވިއެވެ. އެންމެފަހުން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވައިލި އެވެ. ޖެހުނު ފިނި ރޯޅިން ޖިލްވާގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. ހަށިގަނޑުގައި ދެއަތް ހުރަސްކޮށްލައިގެން ހުރެ ޖިލްވާ ނުކުތީ ބޭރަށެވެ. ހަނދުވަރުގެ ރިހި އަލިން މުޅި ތަން ދިއްލާލާފައި ވިއެވެ. މާހައުލުގައި ހިފާލާފައިވީ، ފިނިފެންމަލުގެ މީރު ވަހެވެ. ބަގީޗާގައި ފަރިވެ ފޮޅިފައިވާ ކުލަކުލައިގެ މާތަކުން، ތަނަށް އިތުރު ދިރުމެއް ގެނެސްދީފައި ވިއެވެ. ގޭތެރޭގައިވާ ހުސްޖާގައިގައި ބަހައްޓާފައިވާ ލަކުޑި ގޮނޑީގައި ޖިލްވާ އިނީ ހަނދަށް ނަޒަރު ހުއްޓާލައިގެންނެވެ. ހިތުގެ ވިންދު ވަނީ އަވަސްވެފަ އެވެ. މައިންބަފައިންނާއި ވަކިން އޭނަ ބޭރު ޤައުމަކަށް ދާ އެއީ ފުރަތަމަ ފަހަރެވެ. ކޮންމެވެސް ވަރަކަށް ޖެހިލުން ވަނީ އެހެންވެ އެވެ.

ޖިލްވާއަށް ބަލަން ކުޑަދޮރު ކައިރީގައި ސަފީނާ ހުއްޓެވެ. އެ ދެލޯ ވިދަމުން ދިޔައީ މައިވަންތަކަމުގެ ކުލުނުންނެވެ. ޖިލްވާދެކެ އޭނަ އިންތިހާއަށް ލޯބި ވެއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ސަބަބުތައް ބައިވަރެވެ. ދެރައީ އޭނަގެ ދޫ އެއިން ސަބަބެއް ހާމަކުރަން ފަސްޖެހޭތީ އެވެ. ޖިލްވާގެ ކުރިމަތީގައި ހިތް ހުޅުވައިލަން ސަފީނާ ކިތަންމެހާވެސް ބޭނުން ވެއެވެ.

"ސަފީ މޯމް އައިސްބަލަ..." ޖިލްވާއަށް ސަފީނާ ފެނުމުން އަތުގެ އިޝާރާތާއިއެކު ގޮވައިލި އެވެ.

ސަފީނާ އައިސް އިށީނުމުން، ޖިލްވާ އެ އުނގުގައި ބޯ އަޅައިލި އެވެ. ބޯ މޮޑެލަދޭން އެދުނެވެ.

"ސަފީ މޯމްއަށް ހީވޭތަ، ޖިލްއަށް ދެރަގޮތެއް ވެދާނެހެން؟..." ޖިލްވާ ކުރީ މާނަފުން ސުވާލެކެވެ.

ސުވާލު ކުރި އިރުވެސް ޖިލްވާގެ ނަޒަރު ހުއްޓިފައިވީ، އުޑުމަތީގައި ރަސްކަން ކުރަމުންދިޔަ ހަނދަށެވެ. ބުރުހަމަ ހަނދުގެ ފުރިހަމަކަމަށް ހުރަސްއަޅަން އެކިވަރުގެ ވިލާކޮޅުތައް މަސައްކަތް ކުރަމުން ދިޔަ އެވެ. އެ މަންޒަރު ބަލާ ފޫހި ނުވެއެވެ. ޤުދުރަތީ އެ ފުރިހަމަކަން ދައްކުވައިދެމުން ދިޔައީ ދިރިއުޅުމުގެ ލާމަސީލު މިސާލެވެ. ފުންކޮށް ވިސްނައިފިނަމަ، ވަށައިގެންވީ، އިބުރަތުން ފުރިގެންވާފަދަ މަންޒަރުތަކެކެވެ. ޖިލްވާ ކުރި ސުވާލަކުން ސަފީނާގެ އަރުތެރެ ބެދޭގޮތް ވިއެވެ. މާޒީގެ އެތައް ހަނދާނެއް އޭނަގެ ހިތަށް އުނދަގޫ ކުރަން ފެށި އެވެ.

(ނުނިމޭ)

ކޮމެންޓް 0