"ޖިލް!..." ޒެނިލް ގޮވައިލީ ގޮތް ހުސްވެފައިވާ ރާގަކަށެވެ. "އަހަރެން މިކައިވެނި ދަމަހައްޓާނަން... ކައިވެނި ރަޖިސްޓްރީވެސް ކުރާނަން... އަހަންނަށް އެނގޭ، ޖިލްވެސް އެގޮތް ބޭނުންވާކަން..."
ޖިލްވާ އެއްޗެއް ނުބުނުމުން ޒެނިލްގެ ހިތް މަރުވިއެވެ. ހަށިގަނޑުގެ ވަރު އެލުނެވެ. ޒެނިލް ދާން ހިނގައިގަތުމުން، ކެވިންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ކެވިން ހީކުރީ، އެކަން ދާދި ފަސޭހައިން ނިމުނީ ކަމަށެވެ.
********
ރެސްޓޯރެންޓުން ނުކުތުމުގެ ބަދަލުގައި ޒެނިލް ގޮސް ޖައްސައިލީ، ގޮނޑީގަ އެވެ. ކިތަންމެ ގިނަ އިރެއް ވިޔަސް، ޒެނިލް ނުދާނެ ކަން ޖިލްވާއަށް އެނގުނެވެ.
"އަހަރެންގެ ހެލްޕެއް ބޭނުންތަ؟..." ޖިލްވާ ހާސްވެފައި ހުރުމުން، ކެވިން ސުވާލު ކުރިއެވެ.
ޖިލްވާ ބޯ ހޫރައިލިއެވެ.
"ޖިލް!... އަހަންނަށް އިނގޭ ތިހުރީ ވަރަށް ހާސްވެފަކަން... އެކަމަކު، ކަންކަމާ ކުރިމަތިލެވޭނީ ވަރަށް ހިއްވަރު ހުރެގެން..." ކެވިން ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގަކަށެވެ. "ޖިލް ބުނެފިއްޔާ އަހަރެން..."
"ނޫން... އަހަރެން މިކަން ހައްލު ކުރާނަން..." ޖިލްވާ އަވަސް އަވަހަށް ބުންޏެވެ.
ކެވިން ނުކުތީ ބޭރަށެވެ. ހަދާނެ ގޮތަކާއި މެދު ވިސްނައިލަން ޖިލްވާ ކުޑަ އިރުކޮޅަކު މަޑުކޮށްލިއެވެ. ތަން ފަރުމާކޮށްފައި ހުންނަނީ، ރެސްޓޯރެންޓްގައި ތިބޭ މީހުންނަށް ބަދިގޭގައި އުޅޭ މީހުން ފެންނަ ގޮތަށެވެ. ޒެނިލް ކަޅި ޖަހައިވެސް ނުލައި ބަލާތީ، ޖިލްވާ އުނދަގޫވެގެން އަނެއް ފަރާތަށް އެނބުރުނެވެ.
"ކިހިނެއްވެފަ ތިހުރީ؟..." ރިފްއާނުގެ އަޑަށް ޖިލްވާ ދިޔައީ ސިއްސައިގެންނެވެ.
ޖިލްވާ ފަސްއެނބުރި ބަލައިލިއިރު، ޔޫން އުރާލައިގެން ރިފްއާން ހުރީ ދޮރުމަތީގައެވެ.
"ދަންނަ މީހެއްތަ އެއީ؟... އޭނަ ހާދަ ވަރަކަށް ޖިލްއަށް އެބަ ބަލައޭ..." ޒެނިލް ދައްކައިލަމުން ރިފްއާން ބުންޏެވެ.
"އެވާނީ ރިޕްސްއަށް ބަލަނީ ކަމަށް... ދޯ ޔޫން..." ޔޫންގެ ކޮލުގައި ކޮއްޓައިލަމުން ޖިލްވާ ވާހަކަ ދެއްކިއެވެ.
ޔޫން ތެޅިގަނެފައި ޖިލްވާގެ ކައިރިއަށް ދާން އުޅެން ފެށިއެވެ. ޖިލްވާ އަވަހަށް ޔޫން އުރައިލިއެވެ. އެއާއިއެކު އެކުއްޖާ ޖިލްވާގެ ކޮނޑުގައި ބޯ އަޅާލައިފިއެވެ.
"ކެވިން އެބަހުރި ބޭރުގަ... ކާން ދާން ލަސްވެފަ ހުރީ... ދެން ދޭ އަވަހަށް... އަހަރެން އަންނާނަން ގުދަނުން އެއްޗެއް ހިފައިގެން..." ބޭރަށް ނުކުތުމަށް ހިނގައިގަންނަމުން ރިފްއާން ބުންޏެވެ.
ރިފްއާން ނުކުމެގެން ދިޔުމުން، ޒެނިލް ތެދުވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ބަދިގެއަށް ވަނެވެ. އޭރު ޖިލްވާ އިނީ، ޔޫން ކޮއްޓަށް ލައިގެން އެ ކުއްޖާ އާއި ވާހަކަ ދައްކާށެވެ. ޖިލްވާގެ ހަރަކާތްތަކަށް ބަލަން ކުޑަ އިރުކޮޅަކު ޒެނިލް މަޑުކޮށްލި އެވެ.
"ކާކު ކުއްޖެއް ތީ؟..." ޖިލްވާ ބަލައިލުމުން، ޒެނިލް ސުވާލު ކުރިއެވެ.
ޖިލްވާ ތެެދުވެގެން ގޮސް ޒެނިލްގެ ކުރިމަތީގައި ހުއްޓުނެވެ.
"އަހަރެމެން ކައިވެންޏޭ ކިޔައިގެން ކުޅުނީ ޑްރާމާއެއް.... އެކަން އެންމެ ރަނގަޅަށް އެނގޭ އެކަކު ތީ... އެއީ ކައިވެންޏެއް ނޫން... އެއީ ޑްރާމާއެއް... ދުވަސްކޮޅަކަށް ހޯދި ހައްލެއް... އެކަމުން ދެމީހުންނަށް ވެސް ނުތަނަވަސްކަން ފިޔަވާ އިތުރު އެއްޗެއް ލިބޭކަށް ނެތް...." ޒެނިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޖިލްވާ ދެއްކީ މުޅީން އެހެން ވާހަކަ އެކެވެ.
"ތިހެނެއް ނުބުނެވޭނެ... ޖިލްއަށް ކިހިނެއް އެނގެނީ އަހަރެންގެ ހިތް އޮތް ގޮތެއް؟..." ޝަކުވާގެ ރާގެއްގައި ޒެނިލް ސުވާލު ކުރިއެވެ.
ތުއްތު ޔޫން އަޑުއަޑު ލައްވަން ފެށިއެވެ. ކުރިމަތީގައި ތިބި ދެމީހުންގެ ނުތަނަވަސްކަން އެ ތުއްތު ކުއްޖާއަށް އެނގުނު ކަހަލައެވެ.
"ޒެނިލް ޕްލީޒް!... ތި ވާހަކަ ދައްކަން މީ އެންމެ ރަނގަޅު ވަގުތެއް ނޫން..." ޔޫން އުރައިލަމުން، ޖިލްވާ ބުންޏެވެ.
"ހަމަ އެންމެ ސުވާލެއްގެ ޖަވާބު ދީ... އޭރުން ދާނަން..." ޒެނިލް ބުންޏެވެ. "ތީ ކާކު ކުއްޖެއް؟.... ޖިލްގެ ތަ؟..."
ޖިލްވާ އެއްޗެއް ބުނޭތޯ ޒެނިލް އިރުކޮޅަކު މަޑުކޮށްލިއެވެ. ޒެނިލްގެ މުޅި ހިތް މާޔޫސްކުރުވީ ޖިލްވާ އިސްޖަހައިލި ގޮތުންނެވެ. ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ދިނީ އަމިއްލަ ހިތެވެ. އެއީ ޖިލްވާ އާއި ކެވިންގެ ދަރިއެކެވެ. އެ ދެމީހުން ކައިވެނި ކުރީއެވެ. ނޫނީ ކައިވެނިން ބޭރުން ދަރިއަކު ހޯދީއެވެ. ޖިލްވާ އޭނަގެ މަތީން އެހާ ފަސޭހައިން ހަނދާން ނެތޭނީ އެފަދަ ސަބަބަކާއި ހުރެއެވެ.
"ޖިލްވާގެ ހިތުގަ އަހަންނާ ދޭތެރޭ ކުޑަވެސް އިހުސާސެއް ނުއުފެދޭތަ؟..." އަސަރުން ފުރިގެންވީ ރާގަކަށް ޒެނިލް އަހައިލިއެވެ. "ހިނގާދިޔަ ހުރިހާ ކަމަކަށްފަހުވެސް، އަހަރެން އިގްނޯ ކުރަން، ޖިލްއަށް ހަމަ އެހާ ފަސޭހަތަ؟..."
"އަހަރެންގެ އިހުސާސްތައް ބަދަލުވެގެން ލިބުނީ ހިތާމަ އާއި ހިތްދަތިކަން ނޫން ކޯއްޗެއް؟..." މާނައިން ފުރިގެންވީ ރާގަކަށް ޖިލްވާ ބުންޏެވެ. "އަހަރެންގެ ފަރާތުން ހިތާމަ ނޫން އެއްޗެއް ޒެނިލްއަކަށް ނުލިބޭނެ..."
ބުނާނެ އެއްޗެއް ނޭނގި ޒެނިލް ހުރީ ގަބުވެފައެވެ. ޔޫން ގޮވައިގެން ޖިލްވާ ހަލުވި ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓްގެ ތެރެއިން ނުކުތެވެ. ޒެނިލް އެހާ އަވަހަށް ނުކުތްއިރު، ކެވިން އޭނާގެ ކާރުގައި ޖިލްވާ ގޮވައިގެން ނައްޓައިލަނީއެވެ.
********
ކާރު ދަތުރުކުރަމުން ދިޔައިރު، ކާރުގައި ހަރުލާފައި ވަނީ ޖިލްވާގެ މަޑު ގިސްލުމުގެ އަޑެވެ. ޝީޓުގައި ޔޫން ނިދާލާފައި އޮތްއިރު، ކާރު ދުއްވަން އިނީ ކެވިން އެވެ.
"ތިގޮތަށް ކިހާ ދުވަހަކު ޖިލްއަށް ކެތްވާނެތަ؟..." ކެވިން ސުވާލު ކުރިއެވެ.
"އެންމެ ސިކުންތަކަށްވެސް ކެތެއް ނުވޭ... އޭނަދެކެ އަހަރެން ލޯބި ވަނީ ހިތާ ފުރާނައިން..." ޖިލްވާ ދެލޯ މަރައިލިއެވެ.
"ތިހާ ލޯބިވާއިރު، ހަގީގަތް ސިއްރު ކުރުމުގެ ބޭނުމަކީ ކޮބާ؟... އަމިއްލަ ނަފުސަށް އޮޅުވާލީމަ ލިބޭ ހިއްދަތިކަން މާ ބޮޑުވާނެއޭ ޖިލް... އަބަދު ތިކަން ސިއްރެއްގެ ގޮތުގަ ނުވެސް ބޭއްވޭނެ..." ކެވިން މަސައްކަތް ކުރީ ޖިލްވާއަށް ވިސްނައިދޭށެވެ.
"އަހަރެން ބިރުގަނޭ... ކަންތައް ވާނެގޮތެއް އެއްވެސް ވަރަކަށް ނޭނގޭ..." ޖިލްވާ ދެލޯ މަރައިލިއެވެ. "ހަގީގަތް އެނގިއްޖެއްޔާ، އޭނަ އަހަރެން ބޭނުމެއް ނުވާނެ..."
********
އާދުވަހަކަށް އިރު އެރިއިރު ޒެނިލް ހުރީ ލޯގަނޑު ކުރިމަތީގައެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލް ބަދަލުކޮށްލި އެވެ. އިސްތަށިގަނޑު މެދުން ކުޑަކޮށް މައްޗަށް ހިއްލާލާފައިވާއިރު، ވަށައިގެން ހުރީ އޮމާންކޮށް ފުނާ އަޅައިލާފައެވެ. ޓައީ އަޅަން ހުއްޓައި، ޒެނިލްގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައި އޮތީ ޔޯހަންގެ ނަމެވެ. ޒެނިލްގެ މޫނުން މާ ބޮޑު ޝައުޤުވެރިކަމެއް ނުފެނުނެވެ.
"އެގްރީމެންޓްގަ ސޮއި ކުރަން ބޭނުން ނޫނީތަ؟... މީ އެމީހުންގެ އެންމެ ވަރުގަދަ އެއް ފިލްމު... އެންމެ ބޮޑު ޕްރޮޖެކްޓް... މިއަދު ކޮންމެހެންވެސް ސޮއި ކުރަން އަންނާތި!..." ޔޯހަންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ވިއެވެ.
"މިއަދު ނުދެވޭނެ..." ޒެނިލް ދެކޮޅު ހެދިއެވެ.
"އަމިއްލަ ވަޒަނަށް ނުގޮސް، އަހަރެން މިތާ މި ހޭދަ ކުރަނީ ބޭކާރު ދުވަސްތަކެކޭތަ ތި ބުނީ؟..." ޔޯހަން ރުޅި އައެވެ. "ކިތައް ޕްރޮޖެކްޓް މިހާރު ތި ކެންސަލް ކޮށްލަނީ..."
"މައްސަލައެއް ނޫނެއްނު... ޔޯހަންގެ މުސާރަ އަހަންނަށް ގަވާއިދުން ނުދެވެނީތަ؟..." ޒެނިލް އަހައިލިއެވެ.
"އެއްގަޑި ބަޔަށް، ކޭ ސްޓައިލްއަށް..." ޒެނިލް ދެކޮޅުހެދި ނަމަވެސް، ތަނާއި ގަޑި ބުނެފައި ޔޯހަން ފޯނު ކަނޑައިލިއެވެ.
ޔޯހަންގެ ކުރިމަތީގައި އިށީނދެލައިގެން އިން އާރާ ކުއްލިއަކަށް ތެދުވިއެވެ. އާރާގެ ހިތުގައި ޖެހިފައިވީ މާ ވަރަކަށެވެ. ޔޯހަން ނުބުނި ނަމަވެސް، ދެއްކި ވާހަކައިން ޒެނިލްގެ ޖަވާބު އޭނައަށް އެނގުނު ކަހަލައެވެ.
"އާރާ!..." ޔޯހަން ގޮވައިލިއެވެ. "އާރާއަށް އަހަރެން ފެންނާނީ ކޮން ދުވަހަކުންތަ؟..."
ދޮރާއި ހަމައިން އާރާގެ ފިޔަވަޅުތައް ހުއްޓުނެވެ. ޔޯހަން ނުވެސް ވިސްނާ ހުއްޓައި، އައިސް ތުންފަތުގައި ބޮސްދީފައި ދުރަށް ޖެހިލައިފިއެވެ. ޖެހި ބުދެއްހެން ޔޯހަން ހުރީ ގަބުވެފައެވެ. އާރާގެ އެ އަމަލުން ނަގަންވީ މާނައެއް ނޭނގުނެވެ. އެހާ ދުވަހު އާރާގެ ފަރާތުން ފެހި ސިގުނަލެއް ނުލިބި އުޅެފައި، ކުއްލިއަކަށް އެފަދަ ކަމެއް ކުރުމުން އޭނަ އުފަލެއް ނުވިއެވެ. ބަދަލުގައި ލިބުނީ ނުތަނަވަސްކަމެވެ. އިތުރު އެއްޗެއް ބުނުމެއްނެތި، އާރާ ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުތެވެ.
********
އެހެން ދުވަސް ދުވަހާއި ޚިލާފަށް ޒެނިލް އޮފީހަށް ދިޔައީ ލަހުންނެވެ. ޒެނިލް ކެބިންއަށް ވަންއިރު، ޖިލްވާ ހުރީ، ކެބިން ސާފު ކުރާށެވެ. ޒެނިލް ހަމަ ފެނުމާއިއެކު، ސާފުކުރަން ބޭނުންކުރި އެއްޗެހިތައް ހިފައިގެން އެތަނުން ނުކުތުމަށް ހިނގައިގެންފިއެވެ.
"މަޑުކޮށްބަލަ..." ޒެނިލް އެދުނެވެ. "އަހަރެން ހަމަ އަންނައިރަށް ފިލާށެކޭ ނުބުނަމެއްނު..."
ޖިލްވާ ހުއްޓުނު ނަމަވެސް، ޒެނިލް އާއި ދިމާއަށް ބަލައެއް ނުލައެވެ.
"އިށީނދޭ..." ގޮނޑިއަށް އިޝާރާތް ކުރަމުން ޒެނިލް ބުންޏެވެ. "ޖިލްއަށް އެއްޗެއް ދައްކަން ބޭނުން..."
ޖިލްވާ އިށީނުމުން ޒެނިލް ދިއްކޮށްލީ ކަރުދާސްގަނޑެކެވެ.
"ތީގަ އޮތް އެއްޗެއް ކިޔާލާ..." ޒެނިލްގެ މޫނުން ފެނުނީ ފަޚުރުވެރިކަމެވެ.
"ސެޓްފިކެޓް އޮފް މެރިއޭޖް..." ސުރުހީ ކިޔާލުމާއިއެކު ޖިލްވާގެ އަތް ތުރުތުރު އަޅައިގަތެވެ.
އެއީ ކައިވެނީގެ ސެޓްފިކެޓެކެވެ. ރަސްމީ އިދާރާއިން ތައްގަނޑު ޖަހާފައި އޮތް ރަސްމީ ލިޔުމެކެވެ. ޖިލްވާ އާއި ޒެނިލްގެ ނަން އޮތީ ފަވައިލާފައެވެ. ކަރުނުން ފުރެމުންދިޔަ ދެލޮލުން ޖިލްވާއަށް ޒެނިލްގެ މޫނަށް ބަލައިލެވުނެވެ.
"ތީ ޖިލްވާގެ އަތުގަ ވެސް އޮންނަންޖެހޭ އެއްޗެއް..." ޒެނިލް ބުންޏެވެ. "ގާނޫނީ ގޮތުންވެސް އަހަރެމެން ދެމީހުން މީ ދެމަފިރިން... ތީ އަހަރެމެންގެ ކައިވެނި ރަޖިސްޓްރީ ކުރި ކަމުގެ ލިޔުން... އަަހަރެން ތިއޮތީ، ޖިލްވާއަށް ޚާއްސަކޮށްގެން އިނގިރޭސި ބަހުން ވެސް ހައްދައިދީފަ..."
ޖިލްވާގެ ދެލޯ ފެންކަޅި ވިއެވެ. އޭނަ ވާންވީ އުފާ ހެއްޔެވެ؟ ނޫނީ ގަންނަންވީ ބިރު ހެއްޔެވެ؟ އެ ޤައުމުގައި ކައިވެނި ރަޖިސްޓްރީ ކުރި ނަމަވެސް، ޖިލްވާގެ އުފަން ގައުމުން އެ ކައިވެނި ބަލައިގަންނާނެ ހެއްޔެވެ؟ ޒެނިލްގެ ގައުމުގައި ކައިވެނި ރަޖިސްޓްރީ ކުރުމަށްފަހު، ޒެނިލްއަށް އޭނަގެ ފައިދާ ނެގިދާނެ ހެއްޔެވެ؟ އާމިރުގެ ޖުމްލަތައް ޖިލްވާގެ ކަންފަތް ކައިރީގައި ގުގުމައިލިއެވެ. ޖިލްވާ ކުއްލިއަކަށް ތެދުވިއެވެ. ޒެނިލްއަށް ފުރަގަސް ދިނެވެ.
ޖިލްވާއަށް ވީގޮތް ފެނި ޒެނިލްގެ ހިތަށް ތަދުވިއެވެ.
"އަހަރެން ހުއްޓާ، ޖިލްއަށް އެހެން ކައިވެންޏެއް ނުކުރެވޭނެ..." ޒެނިލް ވެސް ތެދުވިއެވެ.
ޖިލްވާ ނުކުމެގެން ދިޔައީ އެވެ. ކައިވެނި ރަޖިސްޓްރީ ކުރި ކަމުގެ ލިޔުން ޒެނިލް ބޭއްވިގޮތަށް މޭޒުމަތީގައި އޮތެވެ. ޒެނިލްގެ އުއްމީދުތައް ވިއްސި ވިހާލި ވީއެވެ.
އެތައް އިރަކު ވިސްނަން ހުރެފައި ޒެނިލް ނެގީ އޭނަގެ ފޯނެވެ. ކޮންމެވެސް މީހަކަށް ގުޅާފައި ޖިލްވާ އާއި ޔޫންގެ އިތުރުން ކެވިންގެ މައުލޫމާތު ހޯދައިގެން ގެނެސްދިނުމަށް އެދުނެވެ.
********
ފާޚާނާއަށް ވަންގޮތަށް ޖިލްވާއަށް ހިފަހައްޓައިލެވުނީ މޫނުދޮންނަ ތަށީގައެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ފޯނު ނަގައި ވާފިރުގެ ނަންބަރަށް ގުޅަން ފެށިއެވެ. ދެތިން ފަހަރު ގުޅުމުން ވެސް ލިބުނީ އެއް ޖަވާބެކެވެ.
"ތިޔަ ގުޅުއްވި ނަންބަރަކީ މިހާރު ބޭނުން ކުރެވޭ ނަންބަރެއް ނޫން..."
އިވިއިވި ފަރިތަވެފައިވާ ޖުމްލައެއް ނަމަވެސް، ޖިލްވާއަށް ގިސްލާފައި ރޮވެން ފެށުނެވެ. ވާފިރު ދުނިޔެ ދޫކުރިކަން ޖިލްވާއަށް އެނގުނީ ރިފްއާނުގެ ފަރާތުންނެވެ. ފަހު ފަހަރަށް މޫނު ދެކެލުމުގެ ފުރުސަތު ވެސް ޖިލްވާއަށް ގެއްލުނީ އެވެ. އެދުވަހު އާމިރަށް ގުޅުމުން، އިވުނީ ޖިލްވާގެ ހިތް ހަލާކުވާފަދަ ޖުމްލަ ތަކެކެވެ. ބަފަޔަކު ވަކިވުމުން ކޮންމެ މީހެއްގެ ހިތުގައި ވެސް ވޭން އަޅާނޭ ކަން ޖިލްވާއަށް އެނގެއެވެ.
"ކާފާ!... މިއަދު ކާފަ ހުރިނަމަ، ޖިލްއަށް މި އެކަނިވެރިކަމާއި ކުރިމަތިލާން ނުޖެހޭނެ ކަން ޔަޤީން..." ފޯނު މޭގައި ޖައްސައިލި ގޮތަށް ޖިލްވާގެ ހިތުގެ ޝަކުވާތަކުގެ އަޑު ބޭރު ކުރަން ފެށިއެވެ. "ކާފާ!... ބައްޕަމެން ޖިލް މުޅީން އެކަނިކޮށްލައިފި... ކާފަ ތީ ހަމައެކަނި ޖިލްގެ ވާހަކަތައް އަޑު އަހާ މީހަކީ... އެކަމަކު ކާފަވެސް ޖިލް އާއި ދުރަށް ތި ދިޔައީ... ޖިލް މީ ވަރަށް ގޯސް މީހެއް... ލޯބިވާ އެންމެން ވެސް ޖިލް އާ ދުރަށް ދަނީ އެހެންވެ..."
(ނުނިމޭ)