ޒެނިލް ހުރީ ޕޫލުން އެރި ގޮތަށެވެ. ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. ލައިގެން ހުރި ކަޅުކުލައިގެ ކުރު ޓައިޓުކޮޅުގެ މަތިން ތުވާއްޔެއް އައްސާލާފައި އޮތެވެ. ތުވާލި ނަގައި އެއްލައިލުމަށްފަހު، ޒެނިލް ޕޫލުގެ ތެރެއަށް ފުންމައިލީ، ޖިލްވާ ގެނބިގެން މަރުވެދާނޭ ހެން ހީވުމުންނެވެ. ޕޫލުން އެރުވިއިރު، ޖިލްވާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ނޭވާ ލާތޯ ބަލައިލުމަށް، ޒެނިލް ކުޑަކޮށް ގުދުވެލި އެވެ. ނޭވާއެއް ނުލަ އެވެ. އެހެނަސް، ވިންދު ހުއްޓެވެ.

ޒެނިލް ޖެހިލުންވެފައި އިނދެ، ޖިލްވާގެ ނޭފަތުގައި ހިފެހެއްޓި އެވެ. އަނެއް އަތުން ޖިލްވާގެ ދަތްދޮޅީގައެވެ. ދެލޯ މަރައި ބާރުކޮށްލަމުން، ޖިލްވާގެ މޫނާއި ދިމާއަށް އޭނަ ގުދުވެލައިފި އެވެ.

********

ޖިލްވާ ލޯ ހުޅުވައިލި ވަގުތަކީ، ޒެނިލްގެ ތުންފަތުގެ ބީހުން އިހުސާސް ކުރެވުނު ވަގުތެވެ. ކުރެވުނު ތަފާތު އިހުސާސަކުން، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޖިލްވާގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ޖިލްވާއަށް ހަމަހޭވެރިކަންވީ، އޭނަގެ މޫނުގައި ފެން ތިއްކެއް ޖެހުމުންނެވެ. ވަގުތުން ޒެނިލްގެ މޭގައި އަތް އަޅައި، ދުރަށް ކޮއްޕައިލި އެވެ.

"ނޫން... ނޫން..." ދެއަތުން ތުންފަތް ފޮހެމުންދިޔަ ޖިލްވާއަށް ރޮވެން ފެށުނެވެ.

ކައިވެނީގެ ކުރިން، ދުވަހަކުވެސް އެފަދަ ކަމެއް ނުކުރަން ޖިލްވާ އޭނާގެ އަމިއްލަ ނަފުސަށް ވީ ވައުދު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނެތިގެން ދިޔައީ އެވެ. ފިރިމީހާއަށްޓަކައި ފޮރުވައިގެން އުޅުނު އަގުބޮޑު ހަދިޔާ، ގޮތްނޭނގޭ މީހަކު ވަގަށް ނަގައިފި އެވެ. ނަފުރަތުގެ ބެލުމަކުން ޒެނިލް އާއި ދިމާއަށް ޖިލްވާއަށް ބަލައިލެވުނެވެ. ވެއްޓުނު ގޮތަށް، ޒެނިލް އިނީ ގުޑިވެސް ނުލައެވެ. ކުރެވުނު ކަމަކުން، އަމިއްލަ ނަފުސު ކުށްވެރި ކުރާ ކަހަލަ ގޮތަކަށް އިސްޖަހާލައިގެންނެވެ. ޖިލްވާ ތެދުވެގެން ދޮރާއި ދިމާއަށް ދުއްވައިގަތް ތަން ފެނި ޒެނިލްގެ ދެއަތް މުށްކެވުނެވެ.

ދޮރުން ނުކުމެގެން ދުވެފައި ދިޔަ ޖިލްވާ ލައިގަތީ، ޔޯހަންގެ ގައިގަ އެވެ. ޔޯހަންއަށް ޖިލްވާ ހިފަހައްޓައިލެވުނީ ކިރިޔާ އެވެ. ނޫންނަމަ، މުށިތަކުގެ މަތީން ކައްސާލައިގެން އަނިޔާއެއް ވީހެވެ. ތެމިފައި ހުރުމުން، ޖިލްވާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ދެދަތްޕިލަ ގުޑައެވެ. ޔޯހަން ސުވާލު އުފެދިފައި ޕޫލަށް ވަދެވޭ ބައިގެ ދޮރާއި ދިމާއަށް ބަލައިލި އެވެ. ލައިގެން ހުރި ކޯޓު ބާލައި، ޖިލްވާގެ ހަށިގަނޑު ނިވާކޮށްދިނެވެ. ކޮޓަރި އާއި ހަމައަށް ދެވެންދެންވެސް ޔޯހަން ހުރީ، ޖިލްވާގެ ގައިގައި ހިފަހައްޓާލައިގެންނެވެ.

ޖިލްވާގެ ކޮޓަރި ކައިރީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ޔޯހަން ގޮސް ސްވިމިންގްޕޫލު ހުންނަ ބައިގެ ދޮރު ހުޅުވައިލި އެވެ. ޔޯހަން ހީކުރިގޮތަށް ޒެނިލް އޮތީ ޕޫލުގަ އެވެ. ޔޯހަން ފެނުމާއިއެކު ދުރަށް ފަތައިގަތެވެ. ކަމަކާއި ހާސްވެ، ކަންބޮޑުވެއްޖެނަމަ، ޒެނިލް ވަގުތު ހޭދަކުރަނީ އެތަނުގަ އެވެ. ޔޯހަން އިށީންތަން ފެނުމުން، ޒެނިލް ޕޫލުން އެރި އެވެ. ގޮނޑިމަތީގައި އޮތް ތުވާލި ދިނުމަށް އެދުނެވެ.

"ދެންމެ ކިހިނެއްވީ؟..." ޔޯހަން ސުވާލު ކުރީ، ތުވާލި އެއްލަމުންނެވެ.

ޒެނިލް ވަކި ޖަވާބެއް ނުދީ، ގޮސް ވަނީ ފާޚާނާ އަށެވެ. ދިހަ ވަރަކަށް މިނެޓު ފަހުން އެނބުރި އައިއިރު ހުރީ، ފެންވަރައި ތާޒާ ވެލައިގެންނެވެ.

"އެކުއްޖާ ތެމިފަ ހުރީ..." ޔޯހަން ހިތްހަމަނުޖެހޭގޮތް ދައްކައިލި އެވެ. "ޒެނިލްއަށް އޭނަ ކަމުނުދަންޏާ..."

ޔޯހަންއަށް ބުނެވުނީ އެހިސާބަށެވެ. ޒެނިލް ހިތްހަމަނުޖެހިފައި ބަލައިލި އެވެ.

"ސްޓޭ އަވޭ ފްރޮމް ހާ..." ޒެނިލް އެދުނީ ޖިލްވާ އާއި ދުރުގައި ހުރުމަށެވެ.

"ވަޓް؟..." ޔޯހަން ސިހުނެވެ. "އަހަރެންތަ މި ގޯސްވީ؟... ކަމްއޯން..."

ޒެނިލް މަޑުކޮށްލުމެއްވެސް ނެތި ނުކުމެގެން ދިޔައީ އެވެ. ޖިލްވާ އާއި ޒެނިލް އާއި ދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގައިފިކަން ޔޯހަންއަށް އެނގުނެވެ.

********

ޖިލްވާ ކޮޓަރިން ނުކުތްއިރު، ކިނބިހި އެޅިއެޅި މުޅި މޫނު ވަނީ ރަތްވެފައެވެ. އަންނައުނު ތެމުމުން އޭނަ ލާނެ އިތުރު އެއްޗެއް ނެތެވެ. އެންމެފަހުން ލާންޖެހުނީ ފާޚާނާގައި އިން ބާތްރޯބެވެ. ކޮޓަރިން ނުކުތްއިރު، ލައިގެން ހުރެވުނީ ކޯއްޗެއް ކަމެއްވެސް ނޭނގޭ ވަރަށް ޖިލްވާގެ ތަބީއަތު ވަނީ ގޯސްވެފައެވެ. ހުން އައިސްގެން މުޅި މީހާ ތުރުތުރު އަޅަ އެވެ. ކޮޓަރިން ނުކުމެގެން މާ ދުރަށް ނުދެވެނީސް، މުޅި ތަން އެނބުރިގަތްހެން ޖިލްވާއަށް ހީވި އެވެ. ފާރުގައި އަތް ކާއްތަމުން ކަހަލަ ގޮތަކަށް ޖިލްވާ މަސައްކަތް ކުރަމުން ދިޔައީ، އޭނަގެ ކޮޓަރިއަށް ވަންނާށެވެ. މަންޒަރު ފުސްވެފައިވާތީ، ހިފައިލެވުނީ ކާކުގެ ކޮޓަރިއެއްގެ ތަޅެއްގައިކަން އޭނައަށް ޔަޤީނެއް ނުވިއެވެ. އެތެރެއިން ދޮރު ހުޅުވައިލުމާއިއެކު، ވަރެއްނެތް ޖިލްވާ ވެއްޓެން ދިޔަ އެވެ.

ޒެނިލްއަށް ޖިލްވާގެ ގައިގައި ހިފަހައްޓައިލެވުނީ ކިރިޔާ އެވެ. ޖިލްވާ އޮތީ ޚަބަރު ހުސްވެގެން ޒެނިލްގެ އަތުގެ ތެރެއަށް ދެމިފަ އެވެ. ވިސްނައިލަން އިރުކޮޅަކު ހުރުމަށްފަހު، ޒެނިލް އޭނާގެ އަތްދަނޑިމައްޗަށް ޖިލްވާގެ ހަށިގަނޑު އުފުލައިލި އެވެ. އެނދުގައި ބާއްވާލާފައި، ނިވާކަންކުޑަ ހަށިގަނޑުގައި ރަޖާ އަޅައިދިނެވެ.

ހުންގަދަކަމުން، ޖިލްވާގެ ދެލޮލުގެ ހިމަކޮޅުން ކަރުނަ އަންނަމުން ދިޔަ އެވެ. ދޭތެރެއަކުން ކުކުރައިލާ އަޑު އިވިއިވި ހުއްޓެވެ. ތެތް ރުމާލެއް ޖިލްވާގެ ނިތްކުރިމަތީގައި ބާއްވާލައިގެން ޒެނިލް އިނެވެ. ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލަދެއެވެ. ނިދިފައި އޮންނައިރު މައުސޫމު އަންހެން ކުއްޖެކެވެ.

ޖިލްވާއަށް ހޭލެވުނީ އަނެއް ދުވަހުގެ ހެނދުނެވެ. އުނދަގޫ ގޮތަކަށް ލޯ ހުޅުވައިލުމާއިއެކު ފުރަތަމަވެސް އޭނަގެ ލޮލުގައި އަޅައިގަތީ، ސީލިންގުގައި ހަރުކޮށްފައިވާ ބޮޑު ބިއްލޫރިގަނޑެވެ. އޮވެވުނީ އަރާމު މަޑު ތަންމައްޗެއްގަ އެވެ. ޖިލްވާ ފުންމައިގެން ތެދުވި އެވެ. އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިނދެ، ކޮޓަރީގެ ވަށައިގެން ބަލައިލި އެވެ. ޒެނިލްގެ ބޮޑު ތަސްވީރެއް ފާރުގައި ހަރުކޮށްފައި ހުއްޓެވެ.

"މަންމާ!..." ޖިލްވާ އޭނާގެ އަނގަމަތީގައި އަތް އަޅައިލި އެވެ.

ރޭގައި ކަންތައް ވީގޮތް ފިލްމެއްގެ މަންޒަރުތަކެއްހެން އޭނަގެ ހަނދާނަށް އަންނަން ފެށި އެވެ. އެންމެ ހުން ގަދަވީ ވަގުތު، ޒެނިލްގެ އަތް ގެންގޮސް މޫނުގައި ޖައްސައިގެން އޮވެވުނު ހަނދާނެއް ޖިލްވާއަށް އައެވެ. ޒެނިލްގެ ގައިގައި ބައްދައިލެވުނު ހަނދާނެއްވެސް ވިއެވެ. އޭގެ ފަހުގައި ވީ އެއްވެސް ކަމެއް ހަނދާނަކަށް ނައެވެ. ޖިލްވާ ދެފަރާތަށް ބޯ ހޫރަމުން ދިޔަ އެވެ. އޭނަ މަޑުމަޑުން އެނދުން ފޭބިއެވެ. ފައި އަޅައިލެވުނީ މަޑު ކެހެރިގަނޑެއްފަދަ ކާޕެޓުގެ މަތީގަ އެވެ. ދެފައިގެ ކޮޅު ޖައްސަމުން ޖިލްވާ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ.

ޖިލްވާއަށް ނުކުމެވުނީ، ކުޑަ ވަރެއްގެ ސިޓިންގްރޫމަކަށެވެ. ސޯފާއަކާއި ޓީވީއެއް ހުއްޓެވެ. ސިޓިންގްރޫމުގައި ރާނާފައިވާ ތިރި ފާރުކޮޅުގެ އަނެއް ފަރާތުގައި ވަނީ ކުޑަ ވަރެއްގެ ބަދިގެއެކެވެ. އެތަނުގައި ދެމީހަކަށް ކެވޭ ވަރުގެ މޭޒަކާއި ދެ ގޮނޑީގެ އިތުރުން، އުނދުނަކާއި، ތެލި ތަށިފަދަ ތަކެތި ހުއްޓެވެ. އުނދުން ކައިރީގައި ޒެނިލް ހުރީ ފުރަގަސްދީގެންނެވެ. ޖިލްވާގެ ނަޒަރު ހުއްޓުނީ، ސިޓިންގްރޫމުން ބޭރަށް ނުކުމެވެން ހުރި ދޮރާއި ދިމާއަށެވެ. މަޑުމަޑުން ހިނގާފައި ދޮރާއި ދިމާއަށް ދަނިކޮށް ޒެނިލްގެ އަޑު އިވިފައި، ތިރީ ތުންފަތުގައި ދަތް އަޅާލައިފި އެވެ.

"ކައިގެން ދާންވާނީ..." ޒެނިލް ވާހަކަ ދެއްކީ އިނގިރޭސިންނެވެ.

ޖިލްވާ ގުޑިވެސްނުލައި ހުއްޓައި، ޒެނިލް އައީ ގޭތެރޭގައި އަރާ ކަހަލަ މަޑު ފައިވާނެއް ހިފައިގެންނެވެ. ޖިލްވާ އޭގައި ނުހިފުމުން، ތިރިވެފައި ފައި ހިއްލައިލި އެވެ. ބޭއިޙުތިޔާރުގައި ޖިލްވާއަށް ޒެނިލްގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ. ފައިވާނަށް އަރުވާފައި ޒެނިލް އިޝާރާތް ކުރީ ކާމޭޒާއި ދިމާއަށެވެ. މޭޒުމަތީގައި ކާތަކެތި އަތުރާލާފައި ހުއްޓެވެ. ބަނޑުހައިވެފައިވާލެއް ބޮޑުކަމުން، ދެކޮޅު ހަދާކަށް ޖިލްވާ ބޭނުމެއް ނުވިއެވެ. ދެބަސްވުމެއްނެތި، މޭޒާއި ދިމާއަށް އޭނަ ހިނގައިގަތެވެ.

ބިސްގަނޑާއި، ބަތުގެ އިތުރުން، ބަތްޕެން ކަހަލަ އެއްޗެއް އަޅާފައިވާ ބޯތައްޓެއް މޭޒުމަތީގައި ހުއްޓެވެ. ޖިލްވާ އިށީނުމުން، ޒެނިލް އެ ތަށި ކައިރިކޮށްލަދިނެވެ. ސަމުސަލުން އެ ތަށި ހާވާލަ ހާވާލާ ޖިލްވާ އިނެވެ. ކިތަންމެ ބަނޑުހައިވިޔަސް، އެފަދަ ކެއުންތައް އޭނައަކަށް ނުކެވެއެވެ.

"ތީ ވަރަށް ރަނގަޅު އެއްޗެއް... ނުބައެއްވެސް ނުވާނެ... ކައި ނިންމާލައިގެން ދާން ބޭނުން ތަނަކަށް ދާންވީ..." ޒެނިލް ބުންޏެވެ.

ތަފާތު ޚިޔާލުތަކުން ޖިލްވާގެ ހިތް ފުރެމުން ދިޔަ އެވެ. ޒެނިލް އެހާ ރަނގަޅުވެގެން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ ފުރަތަމަ ނަޒަރުން ލޯބި ވެވޭހެން، އެންމެ ބީހިލުމަކުން އޭނަ ކަމުދިޔައީ ހެއްޔެވެ؟ ޖިލްވާއަށް އޭނަގެ ތުންފަތުގައި އަތް ޖައްސައިލެވުނީ ޕޫލުގެ ހާދިސާ ހަނދާނަށް އައުމުންނެވެ. އަނެއްކާ ޒެނިލް އުފާވާވަރުގެ ގުޅުމެއް ރޭގައި އެދެމެދުގައި ހިނގީ ހެއްޔެވެ؟ ކައިކައި އިނދެފައި ޖިލްވާ ކޮށި ނޭރީ ކިރިޔާ އެވެ. އަމިއްލަ ހަށިގަނޑަށް ބަލައިލާފައި، ޖިލްވާގެ ހިތް ހުއްޓޭވަރު ވިއެވެ. މޭގައި ދެއަތް ހުރަސްކޮށްލީ ލައިގެން އިނދެވުނީ ކޮންކަހަލަ އަންނައުނެއްކަން އެނގުމުންނެވެ. ޒެނިލް ތެދުވެގެން އައިސް، ޖިލްވާ ލައިގެން އިން ބާތްރޯބުގެ މަތިން ޖެކެޓެއް ލައްވައިދިނެވެ. އޭނަ ގޮސް އިށީނީ، ފެންތަށިވެސް ޖިލްވާގެ ކައިރިއަށް ޖައްސައިދީފަ އެވެ.

ޖިލްވާއަށް ޒެނިލްއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. އެ ތުންފަތުގެ ކޮންމެ ހަރަކާތަކުން އޭނަގެ ހިތަށްވެސް ގޮތެއް ވެލައިގެން ދާހެން ހީވިއެވެ. ޒެނިލް އިނީ ހަމަޖެހިގެން ކާށެވެ. ތަފާތު ކަމަކަށް އެމޫނުން ފެނުނީ، ކުރިން ފެނުނު ބީރައްޓެހިގޮތް ނެތުމެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ރޭގެ ހާދިސާ އާއި ބެހޭގޮތުން ޒެނިލް އާއި ސުވާލު ކުރަން ޖިލްވާ ބޭނުން ވިއެވެ.

"ރޭގަ...." ޖިލްވާއަށް ބުނެވުނީ އެހިސާބަށެވެ.

"ކާގަޑީ އެހާ ގިނަ ވާހަކަ ދައްކާކަށް ނުވާނެ..." ޒެނިލް ބުންޏެވެ.

ޖިލްވާ ކުޑަ އެތިކޮޅެއް ކާލާފައި ތަށި ދުރުކޮށްލި އެވެ. އަނެއްކާވެސް އެކަމާއި ބެހޭގޮތުން ސުވާލު ކުރަން އުޅުނެވެ. ތަށި އެއްކޮށް ހުސްކޮށްފައި ނޫނީ އެއްޗެއް ނޭހުމަށް ޒެނިލް އެދުނެވެ. ޖިލްވާ ތަށީގައި ތުންޖެހިގޮތަށް އެއްކޮށް ހުސްކޮށްލި އެވެ. އޭރު އޭނަގެ ބަނޑު ފަޅައިގެންދާން ކައިރި ވަނީއެވެ. އެވަރުންވެސް ޒެނިލް ކައި ނިމެންދެން އޭނަ މަޑުކުރި އެވެ.

"އަހަންނަށް އެނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން... ކޮންމެސް ކަމެއް ތި ސިއްރު ކުރަނީ..." ޖިލްވާ ހުރީ ޝައްކުގެ ނަޒަރަކުން ޒެނިލްއަށް ބަލާށެވެ.

"ފެންވަރާލައިގެން އައިސް މި ބޭސްގުޅަ ކާލާތި..." ޒެނިލް ދެއްކީ މުޅީން އެހެން ވާހަކަ އެކެވެ. "ރޭގަ ކޭހެން ނުކާތި..."

"ރޭގަ؟..." ޖިލްވާގެ ފުރިހަމަ ސަމާލުކަން ޒެނިލްއަށް ހުއްޓުނެވެ. "ކިހިނެއް ކެއީ؟...."

ޒެނިލް ގޮސް ކޮޓަރިއަށް ވަދެފައި ތަޅުލި އެވެ. ދޮރުގައި ތަޅަތަޅާފައި ޖިލްވާ އެ ކޮޓަރިން ނުކުތެވެ. ދޮރުމަތީގައި ހުރެގެންވެސް އެތައް އެއްޗެއް ކިޔެވެ.

********

ޖިލްވާ ކޮޓަރިން ނުކުތީ އާރާ އޭނަ ހޯދަން ދެފަހަރަކު ދިޔަ ފަހުންނެވެ. ބަލިވެ އުޅޭކަމަށް ބުނެ، ޖިލްވާ އުޅުނީ، ނުދާށެވެ. އާރާ ހިތްހަމަނުޖެހުމުން ޖިލްވާ ތައްޔާރުވެލައިގެން ނުކުތެވެ.

"އަބަދު އެއް ހެދުމެއްތަ ލަނީ؟..." އާރާ ހުރީ ފާޑަކަށެވެ.

ޖިލްވާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

"އާދޭ އަހަންނާ އެކީ..." އާރާ ހިނގައިގަތީ ލިފްޓާއި ދިމާއަށެވެ.

އާރާ ޖިލްވާ ގޮވައިގެން ގޮސް ވަނީ، ހެދުމާއި ރީތިވާ ސާމާނުން ފުރާލާފައިވާ ކޮޓަރިއަކަށެވެ. އެކި ފާޑުފާޑުގެ ހެދުންތައް އެތަނުގައި ހުއްޓެވެ. ފިނި ދުވަސްކޮޅެއްކަން ނަސީބޭ ޖިލްވާގެ ހިތަށް އެރި އެވެ.

ޕްރެކްޓިސް ހޯލަށް ދިޔުމުގެ ކުރިން އާރާ އެތައް ނަސޭހަތެއް ދިނެވެ. ކަންތައް ކުރަންވީގޮތް ކިޔައިދިނެވެ. ޖިލްވާ އެތަނަށް ވަންއިރު، ޔޯހަންގެ އިތުރުން، އެތައް ބަޔަކު ތިއްބެވެ. އެ އެންމެންގެ ތެރެއިންވެސް އޭނަގެ ލޮލުގައި އަޅައިގަތީ، ގޮނޑީގައި އިށީނދެލައިގެން އިން ޒެނިލް އެވެ. ޒެނިލްގެ ނަޒަރު ހުއްޓިފައިވީ ފޯނަށެވެ. އެއީވެސް ނަސީބެކޭ ޖިލްވާގެ ހިތަށް އެރި އެވެ.

ލަވައިގެ އަޑު އިވުމާއިއެކު، ޒެނިލްގެ ނަޒަރު އިސްޓޭޖަށް ހުއްޓުނެވެ. ޖިލްވާ ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. ޔޯހަން ހިނިތުންވެލަމުން، ޖިލްވާ އާއި ގާތްވެލި އެވެ. އުނަގަނޑުގައި އަތް އަޅުވައި، ގަޔާއި ކައިރިކޮށްލައިފި އެވެ. ޖިލްވާ ހާސްވެގެން ތެޅިގަތެވެ. ދުރުވާން މަސައްކަތް ކުރި އެވެ. ގަދަކަމުން ހިނިތުންވެލައިގެން ހުއްޓަސް، ޔޯހަންގެ އެ އަމަލުން އޭނަގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔަ އެވެ. ކުއްލިއަކަށް ފެނުނީ ޒެނިލް ތެދުވި ތަނެވެ.

(ނުނިމޭ)

ކޮމެންޓް 0