"ޔެސް ސަރ!..." ފޯނު ނެގި ގޮތަށް ކެވިން ބުންޏެވެ.

"މައްސަލަ ވަރަށް ސީރިއަސްވެގެން މިއުޅެނީ... ހަނދާންކޮށް މިއަދު އަންނައިރު ޑީޓެއިލްތައް ހުރި ފައިލު ގެންނާތި..." ފޯނުގެ އަނެއްކޮޅުން ބުނި ވާހަކަ އަކުން ކެވިންއަށް ޖެހުނީ ކާރު ހުއްޓާށެވެ.

"އޯކޭ ސަރ..." ކެވިން ފޯނު ކަނޑައިލި އެވެ. އެއަށްފަހު ގެއަށް ދިޔުމަށް ކާރު އަނބުރައިލި އެވެ.

********

ހުޅުވިގެންދިޔަ ދޮރާއި އެކީ ފެނުނު މަންޒަރުން ޖިލްވާގެ ދެލޯ ބޮޑު ވިއެވެ. އެއީ ކޮޓަރިއެއް ކަމަށް ހީކުރެވުނަސް، އެތަނެކޭ އޮފީހެކޭ ތަފާތެއް ނެތެވެ. ކޮމްޕިއުޓަރުތަކާއި، ހަތިޔާރުގެ އިތުރުން، ޖިލްވާއަށް ކޯއްޗެއްކަން ނުވެސް އެނގޭ އެތައް އެއްޗެއް އެތަނުގައި ހުއްޓެވެ. ތަނުގައި ބަހައްޓާފައިވާ މޮނީޓަރުތަކުން ފެންނަމުން ދިޔައީ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ތަކުން ރެކޯޑުވަމުންދިޔަ މަންޒަރު ތަކެވެ.

ފަހަރަކު ތަނެއް ބަލަމުންދިޔަ ޖިލްވާގެ ހިތް ތެޅިގަތީ، ކުރިމަތީގައި ހުރި ބޯޑު ފެނުމުންނެވެ. ޒެނިލް އާއި ޖުއާންގެ އިތުރުން ޒެނިލްގެ ބައްޕަ އާއި މާމަގެ ތަސްވީރުވެސް އެ ބޯޑުގައި ހަރުކޮށްފައި ހުއްޓެވެ. ތަސްވީރުތަކުގެ ކައިރީގައި ލިޔެފައި ހުރީ ކޮރެއާ ބަހުންނެވެ. ލިޔެފައި ހުރި އެއްޗެއް ނޭނގުނު ނަމަވެސް، ތަސްވީރުތަކުގައި ބޮޅު އަޅާފައިވާ ގޮތުން، ނުބައެއް އުޅޭކަން ޖިލްވާގެ ސިކުނޑިއަށް ވިސްނުނެވެ.

ކުއްލިއަކަށް ޖިލްވާގެ ލޮލުގައި އަޅައިގަތީ، ކޮޓަރީގެ އެއްފަރާތުގައި ހުރި ޖެކެޓު ހަރުގަ އެވެ. ކަޅުކުލައިގެ ޖެކެޓާއިއެކު، އަންގި އާއި ތޮތްޕެއްގެ އިތުރުން މާސްކެއްވެސް ހަރުގައި އަޅުވާފައި އިނެވެ. އަންގިން ބޮޑު ބައެއް ވަނީ އިރައިގެން ގޮސްފަ އެވެ. ކޮންމެވެސް ވަރަކަށް ލޭގެ ނިޝާންވެސް ފެންނަން ހުއްޓެވެ. ޖިލްވާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ޚިޔާލުތަކެއްގެ ފުން ކަނޑެއްގެ ތެރެއަށް ބެހިގެން ދިޔައެވެ. ޒެނިލްގެ ގޭގައި ދިމާވި ހާދިސާ ސިފަވާން ފެށިއެވެ. އެ ހާދިސާ އާއި ކެވިން އާއި ގުޅުމެއް ވަނީ ހެއްޔެވެ؟ ނޫނީ ޖިލްވާއަށް ހަމަލާ ދިން މީހަކީ ކެވިން ހެއްޔެވެ؟ އެކަމަކު އެއީ ކެވިން ކަމަށް ވާނަމަ، ޖިލްވާއަށް ނަފުރަތު ކުރަންވީ ކީއްވެ ހެއްޔެވެ؟ ޖިލްވާ ކުރީ ކޮން ކުށެއް ހެއްޔެވެ؟

********

ގޭތެރެއަށް ވަދެގެން ދިޔަ ކެވިންގެ ނަޒަރު ފުރަތަމަ ހުއްޓުނީ، ޖިލްވާމެން ތިބޭ ކޮޓަރި އަށެވެ. އޭގެ ފަހުގައި ސިއްރުވެރި ކޮޓަރިއަށް އެ ނަޒަރު ހުއްޓުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ދޮރާއި ދިމާއަށް ދިޔައިރު، ކެވިންގެ މޫނުމަތީގައި ނުތަނަވަސް ކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެކަމަކު ދޮރާއި ދާދި ގާތްވެފައި ވަނިކޮށް ކަޅުފޮއެ ރޭގަނޑެއް ފަދައިން އެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެ އެވެ.

ދޮރު ހުރީ ކުޑަކޮށް ހުޅުވިފަ އެވެ. ކެވިން ބޭރަށް ދިޔައީ ހަމަ ރަނގަޅަށް ވެސް އެ ދޮރު ތަޅުލާފައި ކަން ކެވިންގެ ހަނދާނުގައި ހުއްޓެވެ. ވީއިރު، އެ ދޮރު ހުޅުވުނީ ކިހިނެއް ހެއްޔެވެ؟

ކެވިން ކުއްލިއަކަށް ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. މުޅި ތަން ހޯދި އެވެ. މޭޒުގެ ދަށާއި ކަބަޑު ފުރަގަސް ބެލި އެވެ. އެއްވެސް މީހަކު ނެތެވެ. އެކަމަކު އެތަނުގައި ޖިލްވާގެ ގައިން ދުވާ ލުއި ސެންޓްގެ ވަސް، ހަރުލާފައި ހުއްޓެވެ.

"ޖިލް!..." ކެވިންގެ ދަތްތަކަށް ބާރު ވިއެވެ.

********

ކޮޓަރި ތެރޭގައި ހުރި ޖިލްވާގެ ހިތް ތެޅެނީ އެވެ. އޭނަ ކެވިންގެ ކައިރިއަށް ދިޔައީ، ކެވިންގެ ހަގީގަތް ހޯދުމަށެވެ. އެއްގޮތަކަށްވެސް ޒެނިލްގެ ހިތަށް ތަދު ކުރާކަށް ނޫނެވެ. ނުވަތަ އެއްބަސްވުމާއި އެއްގޮތަށް ޔޫން އެގެއަށް ގެންދަން ބޭނުންވާތީކީވެސް ނޫނެވެ. ހަގީގަތް ހޯދުމަށް އަތުކުރި އޮޅާލައިގެން މަސައްކަތް ފެށި ނަމަވެސް، އެއީ އެވަރުގެ ނުރައްކާތެރި ކަމަކަށް ވެދާނޭ ކަމަކަށް ޖިލްވާ ކުޑަކޮށްވެސް ހިއެއް ނުކުރެ އެވެ. މިއަދު ފަސްޖެހެން ބޭނުންވިޔަސް، ދެން އެފުރުސަތު ނެތްކަން ޖިލްވާއަށް އެނގިއްޖެ އެވެ.

ޖިލްވާއަށް ކެވިން އަންނަ ތަން ފެނުނީ ސީސީޓީވީއިން ރެކޯޑުވަމުންދިޔަ މަންޒަރުތައް މޮނީޓަރުތަކުން ފެނުމުންނެވެ. އަވަސްކުރަން ހަދައިގެން ކޮޓަރި ތަޅުލަންވެސް އޭނަ ހަނދާން ނެތުނީ އެވެ. އެތަނުން ދުވެ ފިލުނު ނަމަވެސް، އެއީ ޖިލްވާގެ ކަމެއްކަން ކެވިންއަށް އެނގޭނޭ ކަން އޭނައަށް އެނގެ އެވެ. ދެން އޮތީ ދައްކާނޭ ބަހަނާ އެއް ހޯދުމެވެ. ނުވަތަ އެތަނުން ދުވެ ފިލުމެވެ. އެއްވެސް ކަމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ބަހަނާއެއް ދެއްކޭކަށް ނެތެވެ. ކެވިން އޮތީ އެކޮޓަރިއަށް ނުވަނުމަށް ފުރަތަމަ ދުވަހުވެސް ބުނެފަ އެވެ. އަނެއްކޮޅުން ޔޫން އާއިއެކު ފިލައިގެން ދެވޭނެ ގޮތެއް ވެސް ނެތެވެ.

ޖިލްވާ ދެކޮޅަށް ހިނގަހިނގައި ހުއްޓައި، ކޮޓަރި ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ.

"ޖިލް!..." ކެވިން ގޮވައިލި އެވެ.

ކެވިންގެ އަޑު ޖިލްވާގެ ކަންފަތުގައި ޖެހުނީވެސް ބިރުވެރި އެއްޗެއްގެ އަޑު ފަދައިންނެވެ. ޖިލްވާއަށް އަނގައިން ބުނާކަށް ނުކެރުނެވެ. ހުރިތަނުން ގުޑިވެސް ނުލެވުނެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ފޯނު ނަގައި ސަލާމަތަށް އެދެވޭތޯ ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. ފޯނު އޮތީ ނިވިފަ އެވެ.

********

ޒެނިލް ހުރީ ފުލުހުންގެ އިދާރާގަ އެވެ. ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބުނީ އެވެ. އާރާ ކިޔައިދިން ވާހަކަ ތަކުގެ އަލީގައި، ފުލުހުން ކުރި މަސައްކަތުން ޝައްކު ކުރެވޭ މީހަކު ހޯދުނީ އެވެ.

ފުލުހުންގެ ބައްދަލުވުންތައް ބާއްވާ ހޯލަށް ޒެނިލް އާއި ޖުއާން ވަނީ އެކީގަ އެވެ. ކިމް އާއި ވޮން ތިބީ ޒެނިލްމެން އެތެރެއަށް ނުވަދެގެންނެވެ. އިހުތިރާމުގެ ސަލާމެއް ކޮށްލާފައި އެންމެންވެސް ގޮނޑީގައި އިށީނދެ ހަމަޖެހިލި އެވެ. ވޮން ޖެހިލީ އިސްކްރީން ކައިރިއަށެވެ.

"މީ އަޅުގަނޑުމެން ވަރަށް ގިނަ ސީސީޓީވީ ފުޓޭޖްތަކެއް ބަލައިގެން ހޯދާފަ ހުރި ފޮޓޯތަކެއް..." އެކި މަގުތަކުން ދަތުރު ކުރަމުންދިޔަ ކާރެއްގެ ތަސްވީރު ދައްކަމުން ވޮން ކިޔައިދޭން ފެށި އެވެ. "ވަރަށް ޕްރޮފެޝަނަލްކޮށް އެމީހަކު އެކަން ކޮށްފަ ހުރީ..."

"ތިބުނުއްވީ؟..." ޒެނިލް އަހައިލި އެވެ.

"ކާރު ދުއްވާފަ މިހުރީ، ވަރަށް ދުރު މަގުތަކުން އެކި ގޮތްގޮތަށް..." ކާރު ފުރަތަމަ އޮތް ތަނާއި، އެތަނުން ޒެނިލްގެ ގެއަށް ދެވޭނޭ މަގު ދައްކުވައިދޭ ޗާޓެއް ހުޅުވައިލަމުން ވޮން ވާހަކަ ދެއްކި އެވެ. "އޭނަގެ ކާރު އޮތް ތަނުން ސީދާ ތިގެއަށް ދެވޭ މާ ކުރުގޮތެއް މިއޮތީ... އެކަމަކު މިގޮތް ޚިޔާރު ނުކޮށް މާ ދުރު މަގުތަކުން ދުއްވާފަ ގޮސް މިތާ ކާރު ޕާކު ކޮށްފަ އޮތީ..."

ޒެނިލް އިނީ ފަރުވާތެރިވެ ބަލާށެވެ. ވޮން ބުނިހެން އެމީހަކު އެ މަގުތައް ޚިޔާރު ކުރާނީ، އެކަން ކުރީ ކާކު ކަން އޮޅުވައިލުމުގެ ބޭނުމުގަ އެވެ.

"ދެން މިހިސާބުން..." ވޮން ދެން ދައްކައިލީ މަގެކެވެ. "މިހިސާބުން އޭނަ މި އަރަނީ ސައިކަލަކަށް... އޭގަ ނެތް ޕްލޭޓް ނަންބަރެއް ވެސް... މި ސައިކަލުވެސް ދުއްވާފަ ހުރީ ހަމަ ކާރު ވެސް ދުއްވިހެން އެކި މަގުތަކުގަ... ބައެއް ތަންތަނަށް ހުއްޓަމުން ކަހަލަ ގޮތަކަށް ތިގެއާއި ހިސާބަށް ގޮއްސަ ހުރީ..."

"އެކަމަކު އެރޭ އެހިސާބުގަ ސައިކަލެއް ޕާކުކޮށްފައެއް ނެތް..." ޖުއާން ބުންޏެވެ.

"ރަނގަޅު!..." ޖުއާންއަށް ތައުރީފުކޮށްލާ ފަދައިން ވޮން ބުންޏެވެ. "އެހެންވެ ފަށަމުންވެސް ބުނީ އެމީހަކީ މިކަމުގަ ވަރަށް ޕްރޮފެޝަނަލް މީހެކޭ... އޭނަ ސައިކަލު ޕާކުކޮށްފަ ހުރީ ގެއާއި ވަރަށް ދުރުގަ... އެ ހިސާބުން، ތިގެއާއި ހަމައަށް ގޮއްސަ ހުރީ ފައިމަގުގަ... އަދި އެއް ކަމެއް... އޭނައަށް އެ ސަރަހައްދު ވަރަށް ރަނގަޅަށް އެނގެނީ... ނޫނީ އެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލާފަ ހުރީ... އެއީ އެހިސާބަކީ އަވަށުގެ ސީސީޓީވީ އެންމެ ގިނަ އެއް ހިސާބު... އެކަމަކު ކޮންމެ ކެމެރާ އަކަށްވެސް އަރާފަ ހުރީ އޭނަގެ ވަރަށް ކުޑަ ތަންކޮޅެއް... އެއްވެސް ވަރަކަށް މޫނެއް ނުފެނޭ..."

"ދެން ކިހިނެއް ކާކު ކަމެއް ހޯދޭނީ؟..." ޒެނިލް އިނީ ހިތް އަވަސްވެފަ އެވެ.

"ސިމްޕަލް..." ވޮން ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"ބަގީޗާ ތެރެއިން އަހަރެމެންނަށް ފެނުނު އަންގިއެއްގެ އެތިކޮޅެއް... އެކަމަކު އަހަރެމެން ހަމަ ގަސްތުގަ އެ އެތިކޮޅު ނުނެގީ... ހެކި ނައްތައިލަން ސަސްޕެކްޓް އެތަނަށް ދާނެ ކަން އެނގޭތީ... އަހަރެމެން އެތާ ހަރުކުރިން ސިއްރު ކެމެރާއެއް... މިހުރީ ހުރިހާ މަންޒަރެއް ރީތިކޮށް ކެމެރާއަށް އަރާފަ..." ވޮން އަޅުވައިލީ ވީޑިޔޯ އެކެވެ. "އަހަރެމެން މަޑުކޮށްގެން ތިބީ، ރަނގަޅު ދަނޑިވަޅަކަށް... އެ ދަނޑިވަޅު މިއޮތީ އައިއްސަ..."

ވޮން އަޅުވައިލި ވީޑިޔޯއިން ޝައްކު ކުރެވޭ މީހާގެ މޫނު ރީތިކޮށް ފެނިގެން ދިޔަ އެވެ.

"ކެވިން؟..." ޒެނިލް އަށާއި ޖުއާންއަށް އެ ނަން ކިޔައިލެވުނީ އެކު އެކީގަ އެވެ.

"ކެވިން ކީއްވެ ޖިލްއަށް ގެއްލުން ދޭންވީ؟..." ޒެނިލްގެ ހިތުގައި ފުރަތަމަ އުފެދުނީ އެ ސުވާލެވެ. "ޖިލް އަކީ އެއްވެސް މީހަކަށް ގެއްލުމެއް ދޭނެ މީހެއްވެސް ނޫން..."

"މާ ކުރިންވެސް ކެވިންގެ ދުޝްމަނުކަން ފެށިފަ އޮތްކަން ދިމާވި ހުރިހާ ކަމަކަށް ވިސްނާލީމަވެސް އެނގޭ އެބަ... ޖިލް އާއި ކެވިން ދިމާވި ގޮތާއި، ޔޫންގެ އޮޕަރޭޝަން ކުރަން ޖެހުމާއި، ކެވިންގެ ދަރިއެއްގެ ހިތް ހަދިޔާ ކުރި ކަމަށް ބުނެ ދޮގުތައް ހެދުން ހެއްކަކަށް ފުދޭ..." ޖުއާން ވިސްނައިލާފައި ހުރިހާ ވާހަކައެއް ކިޔައިލިއެވެ.

އެ މައްސަލައިގައި ފުލުހުން ބޭނުންވި އިތުރު ތަފުސީލު ދިނީ ޖުއާން އެވެ. ކެވިން އާއި ޖިލްވާ އާއި ދެމެދު ރަހުމަތްތެރިކަމުގެ ގުޅުން ފެށުނު ގޮތާއި، ޔޫންގެ ކަންތައް ހިނގައިދިޔަ ގޮތެވެ.

"އެކަމަކު ކެވިން އާ ޖިލް އާ ދެމެދުގަ ކޮން ދުޝްމަނު ކަމެއްހޭ އޮންނަންވީ؟..." ޒެނިލްއަށް ގަބޫލެއް ނުކުރެވުނެވެ. އޭނައަށް ނުވިސްނުނީ ޖިލްވާ ކަހަލަ މަޑުމައިތިރި ހިތްހެޔޮ ކުއްޖަކާއި މީހަކު ދުޝްމަނު ދާންޖެހޭނެ ސަަބަބެކެވެ. އަނެއްކޮޅުން އެ ހުރިހާ ދުވަހު ޖިލްވާ އާއި ކެވިން އުޅުނީ ގާތް ރަހުމަތްތެރިން ފަދައިންނެވެ. އެދުވަހު ޖިލްވާއަށް ނުދިން ގެއްލުމެއް ކުއްލިއަކަށް ދޭން މަސައްކަތް ކުރަންވީ ކީއްވެ ހެއްޔެވެ؟

"ވެދާނެ ލޯބީގެ މައްސަލަ އަކަށް..." ޒެނިލްގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ދިނީ ކިމް އެވެ.

"މިސާލަކަށް ލޯބީގެ މައްސަަލަ އެކޯ... ލޯބިވަންޏާ، ފުރާނައަށް ގެއްލުން ދޭން މަސައްކަތް ކުރަންވީ ކީއްވެ؟..." ޒެނިލް އަހައިލި އެވެ.

"ވެދާނެ ޖިލްވާގެ ޚިޔާލު ބަދަލުވީހެން ހީވީމަ ޒެނިލްއަށް އޭނަ ނުލިބޭނެ ގޮތް ހަދަން މަސައްކަތް ކުރީ ކަމަށް... ނޫނީ... ނޫނީ..." ވޮން ވިސްނައިލި އެވެ. ޚިޔާލަކަށް ގެއްލިފައި އިރުކޮޅަކު ހުއްޓެވެ. އެންމެންގެ ޝައުޤުވެރިކަން ވޮން ބުނަން އުޅުނު ވާހަކައަށް ހުއްޓުނެވެ.

"އެކަކަށްވެސް ނުވިސްނޭތަ ޖިލްވާ އަކީ ބޮޑު މައްސަލަގަނޑެއްގެ ތެރޭ އުޅެފަ ހުރި މީހެއް ކަން..." ވޮން ދެއްކީ، ކޮރެއާއިން ޖިލްވާއަށް ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކަ އެވެ.

"ވެދާނެއެއްނު ކެވިން އަކީ އެ މައްސަލަ އާއި ގުޅުން ހުރި މީހަކަށް... ނޫނީ އެކަމުގެ އަޑީގަ ހުރި މީހަކަށް..." ވޮން ދެން ހާމަކޮށްލި ހަގީގަތަކުން ޖުއާން އަށާއި ޒެނިލްއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. "ޖިލްވާ އަކީ ހުރިހާ ކަމެއް ފެނުނު މީހާ ވީމަ، އޭނައަށް މަޖުބޫރު ވީ ކަމަށް ވެދާނެ ޖިލްވާގެ ފުރާނަ ދުއްވާލަން..."

"ތިހެން ބުނީމަ މި ހަނދާންވީ...." މާޒީގެ ހަނދާނެއް އައުކޮށްލަމުން ޖުއާން ބުންޏެވެ. "އެރޭ އެމީހަކު ޖިލްގެ ކައިރީ ބުނި ވާހަކައެއް ޖިލް ބުންޏެއްނު..."

"މިގޮތަށް ޖިލްވާ އާއި ބައްދަލު ކުރަން ދުވަހަކުވެސް ހިތަކަށް ނާރާ..." ޒެނިލް ވިސްނައިލާފައި ޖިލްވާ ބުނި ގޮތަށް ބުނެވޭތޯ މަސައްކަތް ކުރި އެވެ.

"އާނ..." ޖުއާން ބޯ ޖަހައިލި އެވެ. "ވެދާނެ އޭރު ކަމަށް އޭނައަށް އެ އެނގުނީ، ހުރިހާ ހަގީގަތެއް އެނގޭ މީހަކީ ޖިލް ކަން..."

ޒެނިލް ފުންމައިގެން ތެދުވި އެވެ. ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ޖިލްވާ ވީ ނުރައްކަލެއްގެ ތެރޭގައޭ ޒެނިލްގެ ހިތް ބުނީ އެވެ. ޒެނިލްގެ ފަހަތުން ޖުއާން ނުކުތް ނަމަވެސް، ޒެނިލް މާކުރިން ކާރުގައި ނައްޓާލައިފި އެވެ. ޖުއާންއަށް ޖެހުނީ ފުލުހުންގެ އިދާރާގައި މަޑުކުރާށެވެ. އިތުރު ކަންކަން ހޯދުމަށް މަސައްކަތް ކުރުމަށެވެ.

(ނުނިމޭ)

ކޮމެންޓް 0