"ކާފާ!... މިއަދު ކާފަ ހުރިނަމަ، ޖިލްއަށް މި އެކަނިވެރިކަމާއި ކުރިމަތިލާން ނުޖެހޭނެ ކަން ޔަޤީން..." ފޯނު މޭގައި ޖައްސައިލި ގޮތަށް ޖިލްވާގެ ހިތުގެ ޝަކުވާތަކުގެ އަޑު ބޭރު ކުރަން ފެށިއެވެ. "ކާފާ!... ބައްޕަމެން ޖިލް މުޅީން އެކަނިކޮށްލައިފި... ކާފަ ތީ ހަމައެކަނި ޖިލްގެ ވާހަކަތައް އަޑު އަހާ މީހަކީ... އެކަމަކު ކާފަވެސް ޖިލް އާއި ދުރަށް ތި ދިޔައީ... ޖިލް މީ ވަރަށް ގޯސް މީހެއް... ލޯބިވާ އެންމެން ވެސް ޖިލް އާ ދުރަށް ދަނީ އެހެންވެ..."
********
ސީލިންގަށް ނަޒަރު ހުއްޓާލައިގެން އާމިރު އޮތީ، އެނދުގައި އޮށޯވެލައިގެންނެވެ. އެއް އަތް ނިތްކުރި މަތީގައި ބާއްވާލައިގެން އޮތްއިރު، ފުން ވިސްނުމެއްގެ ތެރޭގައި ކަން އެނގުނީ ހަމްދާ އެތައް އިރަކު ގޮވުމުން ވެސް އަޑު ނީވުމުންނެވެ.
"ކުރެވުނު އެންމެ ކުށެއްގެ އަދަބު އުމުރަށް ދޭން ހެޔޮނުވާނެ؟..." ހަމްދާ އިނީ ފެންކަޅިވެފައެވެ. "އާމިރު ތިހާ ހިތްހަރުވެދާނެ ކަމަށް އަހަރެން ހީވެސް ނުކުރަން..."
ހަމްދާ އެތައް ވާހަކައެއް ދެއްކުމުން ވެސް އާމިރު ބަލައެއް ނުލިއެވެ. ކޮރެއާއަށް ގޮސް، ޖިލްވާ ދޫކޮށްލާފައި އައީއްސުރެ، އާމިރުގެ ހާލަކީ އެއީ އެވެ. ތަންތަނުގައި ބިއްޖެހިފައި އޮތުމާއި، ފިކުރު ކުރުމެވެ. ކަންކަން ވަރިހަމަކޮށްލައިގެން އުޅުނަސް، ޖިލްވާ ނެތްކަމުގެ ފަޅުކަން ހުދު އާމިރުވެސް ބަރުދާސްތު ކުރަމުންދާކަން ހަމްދާއަށް އެނގެއެވެ.
"އާމިރޫ!..." އާމިރުގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ހަމްދާ ގޮވައިލިއެވެ. "އެއީ އަހަރެމެންގެ ދަރިއެއް ނޫންތަ؟... އާމިރަށް ކެތްވިޔަސް، އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވެއޭ..."
"ތިނޫން ވާހަކައެއް ދައްކާކަށް ހަމްދާއަކަށް ނޭނގޭތަ؟... ފެނުނުތަ އޭނަ ހުރި ހާލު؟... ހެޔޮނުބައި ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްތަ އެއީ..." އާމިރު ކުއްލިއަކަށް ތެދުވެ، ހެޑްބޯޑުގައި ލެނގިލި އެވެ. "ބަނޑުގަ އޮތް ކުއްޖާގެ ބައްޕަ އަކީ ކާކު ކަމެއްވެސް ނޭނގޭ ވަރަށް އޭނަގެ ހާލަތު ހުރީ... އެއީތަ އަހަރެމެން އޭނައަށް ދިން ތަރުބިއްޔަތަކީ؟..."
"އެކަމަކުވެސް އާމިރު!..." ހަމްދާ ފެށީ ރޯށެވެ. "އެހެނޭ ކިޔާފަ އެއީ އަހަރެމެންގެ ދަރިއަކަށް ނުވެ ދާނެތަ؟... އެ އުމުރުގަ އަދި ނުވިސްނޭތީއޭ އެއީ... އެއްފަހަރުވެސް އެމަންޖެ އާ ދޭތެރޭ ވިސްނާލަބަލަ... އެމަންޖެ އުޅޭނެ ހާލެއްވެސް ނޭނގެ... އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެ... ހެޔޮނުވާނެ އެމަންޖެ ގެނެސްދީ..."
"ހަމްދާ!... އަހަރެން އެބަ މަސައްކަތް ކުރަމޭ ޖިލްވާ މިކޮޅަށް ގެނެވޭތޯ... އެކޮޅުގަ އޮތް މައްސަލަ އަދިވެސް ނުނިމެންޏާ، އެކަން ކުރަން ފަސޭހަ ވާނެތަ؟... ހަމްދާގެ ވާހަކައިން ހީވަނީ، އަހަރެން ކަމެއް ނުކޮށް ރީއްޗަށް ހުންނަނީ ހެން... ހަމަ އަތް އުރާލައިގެން ހުރީކީ ނޫނޭ..." އާމިރު ހިތްހަމަނުޖެހުނެވެ.
"ހަމަ އެންމެ ފަހަރަކު އެމަންޖެގެ އަޑު އަހާލަން ހުއްދަ ދީބަލަ..." ހަމްދާ އެދުނެވެ.
އިރުކޮޅަކު ވިސްނަން އިނދެފައި އާމިރު ބޯ ޖަހައިލިއެވެ. ފުރުސަތުގެ ބޭނުން ހިފައި ހަމްދާ އަވަހަށް ފޯނު ނެގިއެވެ. ޖިލްވާގެ ނަންބަރަށް ގުޅަމުން ފޯނު ކަންފަތުގައި ޖައްސައިލިއެވެ.
********
ފޯނު ރަނގަބީލު ވާންފެށި އަޑަށް، ޖިލްވާ އިސް އުފުލައިލިއެވެ. އޭރު ރޮއެރޮއެ ޖިލްވާގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތިވެސް ދުޅަވެފައެވެ.
"ހަލޯ..." ގުޅީ ކާކުތޯވެސް ބަލައިނުލާ ޖިލްވާ ވާހަކަ ދައްކަން ފެށިއެވެ.
"ނުކުމެބަލަ... އަހަރެން މިހުރީ ބޭރުގަ..." އިވުނީ ޒެނިލްގެ އަޑެވެ.
ޖިލްވާ ސިހިފައި އިސްކްރީނަށް ބަލައިލިއެވެ. ގުޅާފައި އޮތީ ނުދަންނަ ނަންބަރަކުންނެވެ.
"ވަން މިނެޓްތެރޭ ނުކުންނާތި!..." ޒެނިލް ބުނި އަޑު އިވުނެވެ.
ޖިލްވާ އެއްޗެއް ބުނުމުގެ ކުރިން ޒެނިލް ފޯނު ކަނޑައިލި އެވެ.
ކުޑަކޮށް ތައްޔާރުވެލައިގެން ޖިލްވާ ނުކުތެވެ. އޮފީސް ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ޒެނިލް ހުއްޓެވެ. މަޑު ފެހިކުލައިގެ އަތްދިގު ޓީޝާޓަކާއި، ޖީންސެއް ލާފައި ހުރިއިރު، މާދުރުން ވެސް ޒެނިލް ފެންނަލެއް ހިތްގައިމެވެ. ފިރެހެންވަންތަ ކަމުން، ނަޒަރު ވަކިކޮށްލަން ވެސް ނޭނގިފައި ޖިލްވާއަށް އިރުކޮޅަކު ބަލަން ހުރެވުނެވެ. ޖިލްވާ ފެނުމާއިއެކު، ޒެނިލް އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހުއްޓާލައިފިއެވެ.
"ކަމަކުނުދޭ!..." ޒެނިލް އައިސް ޖިލްވާގެ އަތުގައި ހިފައިލި އެވެ. "އެންމެ މިނެޓެއް ދިނީ... މިހާރު އިތުރަށް ތިން މިނެޓު ހިނގައިފި... އަދަބު އޮންނާނެ..."
ޖިލްވާގެ ކަންފަތް ކައިރިއަށް ޖެހިލަމުން ޒެނިލް ބުންޏެވެ. ގައިގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައިރު، ޖިލްވާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެކި ދިމަދިމާގައި ތިބި މީހުންގެ ނަޒަރުތައް އެދެމީހުންނަށް ހުއްޓޭކަށް ގިނަ އިރެއް ނުނެގި އެވެ. ކެމެރާތަކާއި ފޯނުތަކުގައި އެ ދެމީހުންގެ ތަސްވީރުތައް ރައްކާ ކުރަން ފެށިއެވެ. ޒެނިލްގެ ކަންކަމަށް ފާރަވެރިވެ ތިބޭ މީހުންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ނޫސްތަކުގެ ސުރުހީތައް ފުރާލާނެ ވަރުގެ ޚަބަރަކަށް ވެގެން ދާނެއެވެ.
ޖިލްވާ ނުވެސް ވިސްނާ ހުއްޓައި، ޒެނިލް ކުރި ކަމަކުން ވަށައިގެން ހޯދައިލެވުނެވެ. އެތައް ބައެއްގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި ޒެނިލް އެފަދަ ކަމެއް ކުރީ ކީއްވެ ހެއްޔެވެ؟ ޖިލްވާ ހާސްވެގެން ތެޅިގަތެވެ. އެ އެންމެންގެ ތެރޭގައި ޒެނިލް އޭނަގެ އުނަގަނޑުގައި އަތް އަޅުވައި ގާތަށް ދަމައިލީ އެވެ. ޒެނިލްގެ އަމަލުތައް ހުރީ ޖިލްވާ އަކީ އޭނަގެ އަމިއްލަ އަނބިމީހާ ފަދައިންނެވެ. ކުރިއަށް ހިނގައިގަތް އިރުވެސް، ޖިލްވާއަށް ހުރެވުނީ އެސްފިޔަ ޖަހައިލަންވެސް ހަނދާން ނެތިފައެވެ. ކުރިއެކޭ އެއްގޮތަށް ޒެނިލްގެ ގައިން ދުވަމުންދިޔަ މީރުވަސް، ޖިލްވާގެ ނޭފަތުގައި ހަރުލައިގެން ދިޔައެވެ. އެ ތުންފަތުގައިވި ލުއި ހިނިތުންވުން ހިތުގައި ރައްކާކުރަން މަޖުބޫރު ކުރުވިއެވެ. މާޒީގެ ހަނދާންތަކުގެ ތެރެއިން ވެސް ޖިލްވާގެ ސިކުނޑީގައި އައިސް ޓަކި ދިނީ، ދެމީހުން އެކުގައި ހޭދަކުރި ފޮނިފޮނި ވަގުތުކޮޅުގެ ހަނދާނެވެ. ޒެނިލްގެ ކޮންމެ އިސްނެގުމެއް އޭނަގެ ހަނދާނުގައި ރަނގަޅަށް ހަރުލާފައި އެބަހުއްޓެވެ. ދުވަހަކު ފަނޑުވުމެއް ނުވާނޭ ދަރަޖަ އަކަށެވެ. ޖިލްވާ ލަދުން އިސްޖަހައިލިއެވެ. އޭރު ސުވާލުތަކުން ހިތް ފުރެމުން ދިޔައެވެ.
ކުއްލިއަކަށް ޒެނިލްއަށް ވީ ކިހިނެއް ހެއްޔެވެ؟ ހީވަނީ މާ ޚާއްސަ އުފަލެއް ލިބިގެން އުޅޭ ހެންނެވެ. ކައިވެނި ރަޖިސްޓްރީ ކުރެވުމުން، ޖިލްވާ އަކީ އަމިއްލަ ހައްގެއްގެ ގޮތުގައި ޒެނިލްއަށް ގަބޫލު ކުރެވުނީ ހެއްޔެވެ؟ ނޫނީ އެއީ ޖިލްވާ ހާސިލުކުރަން ބޭނުންކޮށްލާ މޮޅު އުކުޅެއް ހެއްޔެވެ؟
ކާރާއި ހަމައަށް ގޮސްފައި، ޒެނިލް ކާރުގެ ދޮރު ހުޅުވައިލިއެވެ.
"ކޮންތާކަށް؟..." ކާރަށް ނާރަންވެގެން ޖިލްވާ ޖެހިލީ ފަހަތަށެވެ.
"އެރީމައެއްނު އެނގޭނީ..." ޒެނިލް ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ. "ހަމަގައިމުވެސް، ކުރިން ހިނގި ކަންތަކަށްވުރެ ބޮޑުކަމެއް ނުހިނގާނެ..."
ޒެނިލް ބުނި އެއްޗެއްގެ މާނަ އެނގުމުން، ޖިލްވާގެ މޫނު މަލެއްހެން މޯޅިވިއެވެ. ލާނެތްކަމުން ފުރިގެންވީފަދަ ޖުމްލަތައް ބުނެލާއިރު، ލަދުން ގޮސް ޖިލްވާގެ ހިތް ހުއްޓިދާނެ ކަން ޒެނިލްއަށް ނޭނގެނީ ކީއްވެ ހެއްޔެވެ؟
"ސަމާސާއަށް ބުނި އެއްޗެކޭ..." ޒެނިލް ހީލި އެވެ. "ޖިލް ސީރިއަސްވީމަ މާ ރީތި..."
ޖިލްވާއަށް ކާރަށް އެރުނު ގޮތްވެސް ނޭނގުނެވެ. ޒެނިލްގެ ތައުރީފުތަކުން، ކަންކަން ކުރަން މަޖުބޫރު ކުރުވަނީ އެވެ. ޖިލްވާ އިށީނުމުން، ޝީޓް ބެލްޓް އަޅުވައިދިނީ ޒެނިލް އެވެ. އެ ގައިގޯޅިކަމުން ޖިލްވާ އިނީ ނޭވާ ލާންވެސް ނުކެރިފަ އެވެ. އަދިވެސް ޒެނިލް އާއިމެދު އޭނަގެ އިހުސާސްތައް ބަދަލެއް ނުވެއެވެ. ކޮންމެ ކައިރިވެލުމަކުން، ހިތުގެ ތެޅުން އިތުރު ވަނީ އެހެންވެ އެވެ.
"ނޭވާ ލައިގެން އިންނައްޗޭ!..." ޖިލްވާގެ ކޯތާފަތުގައި އަތް ޖައްސައިލަމުން، ޒެނިލް ބުންޏެވެ. "މި އެންމެންގެ ތެރޭ ސީޕީއާރް ދޭން ޖެހިއްޖެއްޔާ ކިހިނެއް ވާނީ..."
********
ނުބަލަން އިނަސް، ލޮލުގެ ހިމަކޮޅުން އާމިރަށް ބެލެމުން ދިޔައީ ހަމްދާ އަށެވެ. ހަރުކަށިގޮތް ދެއްކިޔަސް، ޖިލްވާގެ އަޑު އަހައިލަން ހުދު އާމިރު ވެސް އިނީ ކެތްތެރިކަން ކުޑަވެފައެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރި ހަމްދާ ވާހަކަ ދައްކާ އަޑެއް ނީވުނެވެ. އިރުކޮޅެއްފަހުން، އާމިރުގެ ކައިރިއަށް ހަމްދާ ދިޔައެވެ. އެ މޫނުން ފެނުނީ މާޔޫސްކަމެވެ.
"މި ފޯނު މައްސަލައެއް ޖެހިފަ ކަންނޭނގެ މިއޮތީ... ނުގުޅުނު..." ހަމްދާ ދެރަވެލާފައި ބުންޏެވެ.
އާމިރު ފޯނު އަތުލައިގެން ބެލިއެވެ. އެއްވެސް މައްސަލައެއް ނެތެވެ. ޖިލްވާގެ ނަންބަރަށް ގުޅިފައި އޮތްކަމަށް ފެންނަން އޮތެވެ.
"އެވާނީ އޭނަ އަހަރެމެން މަތިން ހަނދާންނައްތާލީ ކަމަށް..." އާމިރު ކުއްލިއަކަށް ތެދުވިއެވެ. "ހަމްދާ އޭ މޮޔަވެގެން އެހެން މީހުން ނޫޅޭ ވަރުން އުޅެނީ..."
އާމިރު ދިޔައީ ހަމްދާގެ ހިތް ކުދިކުދިކޮށްލާފައެވެ. ސަފީނާ އައިސް ހިއްވަރު ނުދިންނަމަ، ހަމްދާއަށް އަތުންފައިން ގޯހެއް ހެދުނީހެވެ. އަމިއްލަ ނަފުސަށް ގެއްލުން ދޭން ވެސް އެވަގުތު ހަމްދާގެ ހިތް ތަކުރާރުކޮށް އެދުނެވެ.
"އަހަރެން މިއުޅެނީ ކޮރެއާއަށް ދާންވެގެން... ފައިސާވެސް އެއްކޮށްފިން... ހަމްދާ ހާސްނުވޭ... ޖިލްވާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..." ސަފީނާ ވާހަކަ ދެއްކީ ވިސްނުންތެރިކަމާއި އެކުގައެވެ. "ޖިލްވާގެ ހާލު ރަނގަޅު... ކޮންމެ ދުވަހަކު ރިފްއާން އަހަންނަށް ގުޅާ..."
"ދެން ކީއްވެތަ ރިފްއާން އަހަންނަށް ނުގުޅަނީ؟... ޖިލްވާވެސް އަހަރެން މަތީން ހަނދާން ނުވޭ..." ޝަކުވާގެ ރާގެއްގައި ހަމްދާއަށް ބުނެވުނެވެ.
*********
ކާރު ދުއްވަން އިނީ ޒެނިލް އެވެ. ލެވެންޑަރގެ ހިތްގައިމު ވަސް ކާރުތެރޭގައި ހިފާލާފައި ވިއެވެ. ލުއި މިޔުޒިކުގެ އަޑުން ޒެނިލްގެ ހިތުގެ އަޑު ޖިލްވާއަށް އިއްވަމުން ދިޔަ ކަހަލައެވެ. ލަވަޔަކަށްފަހު، ލަވައެއް އަންނަމުން ދިޔައެވެ. ޖިލްވާ އިނީ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެނަސް، އޭނަގެ ހުރިހާ އިހުސާސްތަކެއް ވީ އެ ކާރު ތެރޭގަ އެވެ. ކަންފަތުގައި އައިސް ޖެހެމުންދިޔަ ލަވައިން، ހިތަށް ގޮތްތަކެއް ވަމުން ދިޔައެވެ. ޒެނިލްގެ ނަޒަރު ދޭތެރެއަކުން ޖިލްވާއަށް ހުއްޓުނު ނަމަވެސް، ޖިލްވާ އެންމެ ފަހަރަކުވެސް ޒެނިލްއަށް ބަަލައެއް ނުލައެވެ. އެންމެ ނަޒަރަކުންވެސް ހިތުގެ ހާލު ބޭޒާރުވެދާނެ ކަމުގެ ބިރަށްޓަކައެވެ.
ކާރު ހުއްޓައިލުމުން ޖިލްވާ ބަލައިލީ ހައިރާންވެފައެވެ. ޖިލްވާ އާއި ރިފްއާން ހިންގަމުންދާ ރެސްޓޯރެންޓަށް ޒެނިލް އައީ ކީއްކުރަން ހެއްޔެވެ؟ ވަގުތުގެ ގޮތުން ތަން އޮތީ ފުރި ބާރުވެފަ އެވެ. ކުރިން މީހުންގެ ތެރެއަށް ނުކުންނަން ޖެހިލުންވާ ޒެނިލް ކާރުން ފޭބީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. އެހެންމީހުންގެ ފަރާތުން އަތުވެދާނެ ކަމަކަށް މިއަދު އޭނަގެ ފަރުވާލެއް ނެތް ކަހަލަ އެވެ. އެއަށްވުރެ ބޮޑަށް ޖިލްވާ ހާސިލު ކުރުން ޒެނިލްއަށް މުހިއްމު ވިއެވެ.
ޒެނިލް އައިސް، ޖިލްވާ އިން ދިމާއިން ކާރުގެ ދޮރު ހުޅުވާލަ ދިނެވެ.
"ނޫން..." ކާރުން ފައިބަން ޖިލްވާ ދެކޮޅު ހެދިއެވެ.
"އަހަރެން ނޫޅެމޭ ކާލާކަށް..." ޒެނިލް ހިނިތުންވެލިއެވެ.
ޖިލްވާ ބޯ ހޫރައިލުމުން، ޒެނިލް ކުޑަކޮށް ގުދުވެލާފައި ޝީޓްބެލްޓް ނައްޓައިލިއެވެ. ގުދުވެލިގޮތަށް ދުރަށް ޖެހިވެސް ނުލައި، އެހާ ކައިރިން ޖިލްވާގެ މޫނަށް ޒެނިލް ބަލައިލިއެވެ. އެއްޗެއް ޔަޤީންކޮށްލާ ފަދައިންނެވެ. ޖިލްވާއަށް ހިންދިރުވައިލެވުނީ އުނދަގުލުންނެވެ.
"އަދިވެސް ޖިލްގެ ހިތް އޮތީ އަހަރެންގެ އަތުގަ..." ޒެނިލް ޔަގީންކަމާއި އެކުގައި ބުންޏެވެ.
ކުއްލިއަކަށް މީހުންތައް ކާރު ވަށައިލިއެވެ. ޒެނިލްގެ ތަސްވީރުތައް ނަގަން ފެށިއެވެ. ކާރު ތެރޭގައި ޖިލްވާ އިނީ ދެއަތުން މޫނު ފޮރުވާލައިގެންނެވެ. ރިފްއާން ވެސް ނުކުތީ އަޑުގަދަ ވެގެންނެވެ.
"ކިތަންމެ ގިނައިރު ތިހެން އިނަސް، މި މީހުންނެއް ނުދާނެ... އެތެރެއަށް ވަންނާކަށް ބޭނުމެއް ނޫންތަ؟..." ޖިލްވާ ކައިރިއަށް ޖެހިލަމުން ޒެނިލް ސުވާލު ކުރިއެވެ.
ޒެނިލް އެތައް އިރަކު ކިޔައިގެން ޖިލްވާ ކާރުން ފޭބިއެވެ. ރެސްޓޯރެންޓާއި ދިމާއަށް ހިނގައިގަތް އިރުވެސް، އޭނަ ހުރީ ދެއަތުން މޫނު ފޮރުވައިގެންނެވެ. އެތެރެއަށް ވަދެވުމާއިއެކު، ޖިލްވާ ދުވެފައި ބަދިގެ ބަޔަށް ވަނެވެ. އޭރު ޒެނިލް ވަށާލައިގެން މީހުންތައް ފޮޓޯ ނެގުމުގައި އުޅެއެވެ.
"ކާކު އެއީ؟..." ރިފްއާން ސުވާލު ކުރީ ޖިލްވާ ހަމަޖެހިލުމުންނެވެ.
"އެއީ... އެއީ..." ޖަވާބު ދޭން ޖިލްވާއަށް އުނދަގޫ ވިއެވެ.
ރިފްއާންގެ ވިސްނުންތޫނު ސިކުނޑިއަށް އެއީ ކާކު ކަން އެނގޭކަށް ގިނައިރެއް ނުނެގިއެވެ.
"އެއީތަ؟..." ރިފްއާންގެ ދެލޯ ބޮޑު ވިއެވެ. "އެއީތަ ޖިލްގެ؟... އޭނަ އާތަ ޖިލް މެރީ ކުރީ؟..."
(ނުނިމޭ)