"އަހަންނަށް އެނގޭ، ކެވިން ބޭނުންވެގެން ކުރި ކަމެއް ނޫންކަން އެއީ..." ޖިލްވާ ބުންޏެވެ. "ކެވިން ތީ މީހަކަށް ގެއްލުމެއް ދޭނެ މީހެއް ނޫންކަން އަހަންނަށް ޔަޤީން..."
"މާ އަވަހަށް ގޮތް ނިންމަނީ ތި.... އަހަންނަކީ ރަނގަޅު މީހެއް ނޫން...." ކެވިން އުޅުނީ ދޮރު ލައްޕާށެވެ.
"ހަމަ އެންމެ ސުވާލަކަށް ޖަވާބު ދީ..." ޖިލްވާ ދުލެއް ނުކުރި އެވެ.
********
"ވަގުތެއް ނެތް..." ޝައުޤުވެރިކަން ކުޑަ ރާގަކަށް ކެވިން ބުންޏެވެ.
"ކެވިން އަހަންނަށް އެހީވީ ކެވިން ބޭނުންވެގެންތަ؟... ނޫނީ އެއީ ބައެއްގެ ރޭވުމެއްތަ؟..." ޖިލްވާ އެހި އެވެ.
"އަހަރެން ނެތް ދައްކާނެ ވާހަކައެއް..." ޖިލްވާގެ އަތް ނައްޓުވައިލަމުން ކެވިން ބުންޏެވެ.
ޖިލްވާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ކެވިން ދޮރު ޖަހައި ތަޅުލި އެވު ފެ. އޭގެ ފަހުންވެސް އެތައް އިރަކު ޖިލްވާ ކެވިންއަށް ގޮވި އެވެ. ދޮރު ނުހުޅުވުމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ކުއްލިއަކަށް ޖިލްވާއަށް ފެނުނީ ކެވިންގެ ގޭގެ ދޮރުމައްޗަށް އައިސް މަޑުކޮއްލި ކާރެކެވެ. ކާރުން ފޭބި ދާއޫދު ފެނުމުން، ޖިލްވާގެ ދެލޯ ބޮޑު ވިއެވެ. އަވަހަށް ގޯތި ތެރޭގައި ހުރި ގަސްތަކުގެ ނިވަލަށް ވަނެވެ.
ދާއޫދު ގޮސް ދެ ފަހަރަކު ޓަކި ޖަހައިލުމާއިއެކު ކެވިން ދޮރު ހުޅުވައިލި އެވެ. ދާއޫދު ފެނުމުން، ކެވިންގެ މޫނަށް ވެރިވި ކުލަވަރު ޖިލްވާއަށް ރީތިކޮށް ފެނުނެވެ. އެމީހުން ގޭތެރެއަށް ވަދެ ދޮރު ލެއްޕުމުން ޖިލްވާ ކުޑަދޮރުގެ ކައިރިއަށް ޖެހިލި އެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވާފަ އެވެ. ކޮންމެވެސް ވަރަކަށް އެތެރެ ފެނެ އެވެ. ދެމީހުން ދައްކާ ވާހަކައިގެ އަޑު ރީތިކޮށް އިވެ އެވެ. ދާއޫދު ހުރީ ކެވިން ލައިގެން ހުރި ގަމީހުގައި ހިފައިގެނެގެން ކަން އެނގުމުން ޖިލްވާ އަވަހަށް ޖުއާންއަށް ގުޅި އެވެ.
ޖުއާން އައިއިރު، ޖިލްވާ ހުރީ ވީޑިޔޯ ކުރާށެވެ. ޖުއާން ފެނުމުން، އަތުގެ އިޝާރާތުން ގޮވާފައި ކައިރިއަށް ގެންދިޔަ އެވެ. ކުޑަދޮރުން އެތެރެ ބަލައިލުމާއިއެކު ފެނުނު މަންޒަރުން ޖުއާންއަށް ލިބުނީ ހައިރާން ކަމެކެވެ. ދާއޫދު ހުއްޓާނުލައި ކެވިންއަށް އަނިޔާ ކުރަނީ އެވެ. މޫނުން އެތައް ތަނެއް ޒަޚަމުކޮށްލާފައި ހުއްޓެވެ. ޖުއާން އެތެރެއަށް ވަންނަން އުޅުމުން ޖިލްވާ ހިފެހެއްޓި އެވެ.
"ކަލޭމެން އެންމެން އެ ނިކަމެތި އަންހެން ކުއްޖާދެކެ ތިވަރަށް ލޯބި ވަނީ ކީއްވެތަ؟..." ދާއޫދު ހަޅޭއްލަވައިގަތެވެ. "ކެވިންއަށް އަހަރެން ބުނި ގޮތަށް ކަންތައް ނުކުރެވުނީމަ ހުރިހާ ކަމެއް ގޯހުން ގޯހަށް މިދަނީ... އޭރުވެސް ބުނިން އެ ޖިލްވާ މަރާލާށޭ... އޭރުން މިދުވަސް ދެކޭކަށް ނުޖެހުނީސް..."
ދާއޫދު ކީ އެއްޗެއް އެނގުނީ ހަމައެކަނި ޖުއާން އަށެވެ. ޖުއާން ދެލޯ ބޮޑުކޮށްލަމުން ޖިލްވާއަށް ބަލައިލި އެވެ. ޖިލްވާއަށް ދާއޫދު ކީ އެއްޗެއް ނޭނގުނު ނަމަވެސް، ޖުއާން ހުރިގޮތުން ކަމެއް ގޯސްވެއްޖެ ކަން އެނގުނެވެ.
"ޖިލްވާ އެ މެމޮރީކާޑު ޒެނިލްމެން މީހެއްގެ އަތަށް ދީފިއްޔާ، އަހަރެންގެ ހުރިހާ ބިޒްނަސްއެއް ހުއްޓޭނެ... ކީއްވެތަ ހުރިހާ ތަނަކުން އެ އަންހެން ކުއްޖާ އަހަރެންގެ މަގުސަދުތަކަށް ހުރަސް އަޅަނީ؟.... އެއީ ނިކަމެތި އިންސާނެކޭ... ބޭރު ރަށަކުން މިތަނަށް ފުންމާލައިގެން ހުރި ގޮތެއްނެތް ނިކަމެއްޗެއް... ކަލޭމެން އެކަކަށް އެއްކަމެއްވެސް ނުކުރެވިގެން ތިއުޅެނީ ކީއްވެތަ؟... އަހަންނަށްވުރެ އޭނަ އަހަރެންގެ ގެޔަށް ވެސް ގަދަކޮށްފި... އަހަރެންގެ ދަރިފުޅުވެސް ޖަހައިގެންފި... އަހަންނަށް އެއް ކަމެއްވެސް ނުކުރެވޭ..." ދާއޫދުގެ ރުޅި ވަނީ ހައްދުން ނައްޓާފަ އެވެ.
ކޮންމެ ޖުމްލައަކަށްފަހު، ކެވިންގެ މޫނަށް ހަމަލާއެއް އަމާޒުކޮށްލަ އެވެ. ދާއޫދު އެގެއިން ނުކުމެގެން ދިޔުމުން ޖުއާން އާއި ޖިލްވާ، ކެވިންގެ ގޭތެރެއަށް ވަނީ ދުވެފަ އެވެ. އޭރު ކެވިން އޮތީ މުށިތަކުގެ މައްޗަށް ދެމިފަ އެވެ.
2 ދުވަސް ފަސް
ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލައިގެން ޖިލްވާ ހުރީ ދެލޯ މަރާލައިގެންނެވެ. މުށްކަވާލެވިފައިވާ އަތުގައި އޮތީ، މެމޮރީ ކާޑެކެވެ. އެ އެއްޗެއް ހޯދުމަށް ދާއޫދު ކެނޑިނޭޅި މަސައްކަތް ކުރި އެއްޗަކީ އެއެވެ. އެ މެމޮރީ ކާޑަކީ، ފިސްތޯލަ ހިފައިގެން ތިބި މީހުން އަނިޔާ ކުރި މީހާ އޭނަގެ އަތަށް ލައިދިން އެއްޗެކެވެ. އަޅައިގެން ހުރި ފަށުފުލުގެ ތެރެއަށް ލީގޮތަށް އޭގެ މަތީން ޖިލްވާވެސް ހުރީ ހަނދާން ނެތިފަ އެވެ.
ފުރަންޖެހޭ ވަގުތު އައިސް ޖެހުނުއިރު، ޖިލްވާ ހުރީ ފެންކަޅިވެފަ އެވެ. ޒެނިލްގެ ކުރިމައްޗަށް އަރައިފިނަމަ ރޮވިދާނެތީ އޭނަ އުޅުނީ ދުރުދުރުންނެވެ. އެކަމާއި ޒެނިލް ހުރީ އެތެރެއިން ހީލަ ހީލަ އެވެ.
އެއާޕޯޓަށް ގޮސްފައި ޖިލްވާ ޖުއާން އާއި ވަކީން ބައްދަލު ކުރި އެވެ. މެމޮރީކާޑު ޖުއާންގެ އަތަށް ލައިދިނެވެ.
"އަހަންނަށް އެނގޭ ހަގީގަތް އެނގުނީމަ ޖުއާން ދެރަވާނެ ވަރު... އެކަމަކު، އިންސާފު ހޯދަން އެންމެ ރަނގަޅަށް މަސައްކަތް ކުރާނެ މީހަކީ ޖުއާން... މިއޮތީ ޖުއާން ބޭނުންވި އެތި... ކުށްވެރިއަކީ އަމިއްލަ ބައްޕަ ކަމަށް ވިޔަސް، އިންސާފުގެ ކުރިމައްޗަށް ގެންނަން ފަސްނުޖެހޭތި..." ޖިލްވާ ހިނިތުންވެލި އެވެ.
"މިހާރު ތި ވާހަކަ ދައްކަނީ މާ ބޮޑު މީހެއް ގޮތަށް..." ޖުއާން ތުން ފިއްތައިލި އެވެ. "ޖިލްއަކާ އެއްވެސް ވަރަކަށް ނުގުޅޭ ތިހެން ސީރިއަސް ވީމަ..."
ޖިލްވާ ދެން ފެށީ ޒެނިލްގެ ވާހަކަ އެވެ. ޒެނިލް ދެރަނުވާ ވާހަކަ އާއި އެންމެ ފަހަރަކު ނަމަވެސް، ވަކީން ބައްދަލުކޮށްނުލާ ކަމުގެ ޝަކުވާ އެވެ. ދާންޖެހޭތީ، ދެރަވެގެން ޖިލްވާ އެ ވާހަކަ އެތައް ފަހަަރަކު ދެއްކި އެވެ. އެކޮޅަށް ދިޔަ ނަމަވެސް އެތައް ފަހަރަކު ގުޅުމަށް އެދުނެވެ. އެތެރެއަށް ވަންނަ ވަގުތު ޖެހުމުން، ޖިލްވާ އެންމެންނަށް ބަލައިލީ ދެލޯ ފެންކަޅިވެފައިވާ ހާލުގަ އެވެ. ޖުއާންގެ އިތުރުން އާއިޝާ އާއި ޒެނިލް އަށެވެ. ދާއޫދު އައީ އެންމެންގެ ފަހުންނެވެ.
ޖިލްވާގެ ހިތް ތެޅިގަތެވެ. ދާއޫދުގެ މޫނުމަތިން އޭނައަށް ފެނުނީ ތަފާތު އަސަރުތަކެކެވެ. ގަދަކަމުން ހިނިތުންވެލުމަށްފަހު، ޖިލްވާ އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.
"ރިޕްސް!... އަހަރެން މި ދަނީ..." ޖިލްވާ ހިނގައިގަތެވެ.
ޒެނިލްމެން ފަސްދީ ޖިލްވާ ހިނގައިގަންތާ ގިނަ އިރެއް ނުވެ، ފަހަތުން ކޮންމެވެސް މީހަކު އައިސް ޖިލްވާގެ އުނަގަނޑުގައި އަތް އަޅުވައިލި ކަމުގެ އިހުސާސް ކުރެވުނެވެ. ޖިލްވާ ސިހިފައި ބަލައިލި އެވެ. ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރި، ޒެނިލް ފެނުމުން، ފުރަތަމަ ޖިލްވާއަކަށް ވާނުވާއެއް ނޭނގުނެވެ.
"ޖިލް އެކަނި ފޮނުވާލާނެހެން ހީވޭތަ؟... އަހަރެން ކުރި ޕްރޮމިސް މަތިން ހަނދާން ނައްތާލާހާ ގޯސް މީހެއް ކަމައްތަ ހީކުރީ މީ؟..." ޒެނިލް ލާނެތް ރާގަކަށް ބުންޏެވެ.
ޖިލްވާ ފަސްއެނބުރި ޖުއާންއަށް ބަލައިލުމުން، ޖުއާން ބޮޑުވައި އިނގިލި ހިއްލައިލި އެވެ.
"ޖުއާންގަނޑު ނުވެސް ބުނޭ..." ޖިލްވާ އަތް ހޫރައިލި އެވެ. ޝުކުރު އަދާކުރަމޭ ބުނާ ފަދަ ގޮތަކަށެވެ.
ޖިލްވާމެން ލޯމަތީން ގެއްލުމުން، ޖުއާން ހިނގައިގަތީ ކާރާއި ދިމާއަށެވެ. ތަންކޮޅެއް ދުރުގައި ހުރި ކެވިން ފެނުމުން، ޖުއާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެވިންގެ ކުރިމަތީގައި ހުއްޓިލައިފި އެވެ. ކެވިން ހުރީ ވާހަކައެއް ބުނަން ބޭނުންވެފައި ހުރި ކަހަލަ ގޮތަކަށެވެ.
"އަހަރެން ބޭނުން ވާހަކަ ދައްކާލަން..." ޖުއާން އެއްޗެއް ބުނުމުގެ ކުރިން ކެވިން ބުންޏެވެ.
ދެމީހުން އެކުގައި ވަނީ ރެސްޓޯރެންޓަކަށެވެ.
"އަހަރެން ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަ އެބަހުރި... އެކަމަކު ފަށަންވީ ކޮޅެއް ނޭނގެ..." ކެވިން އިސްޖަހައިލި އެވެ.
"އަހަންނަށް ބުނެދޭންވީ އެންމެ ކަމެއް..." ޖުއާން ބުންޏެވެ. "ބައްޕައަށް ހައްގު އަދަބު ދޭން، ކެވިންގެ އެހީތެރިކަން އަހަންނަށް ލިބިދާނެތަ؟..."
ކެވިން ސިހުނެވެ. ޖުއާންއަށް ހަގީގަތް އެނގުނީ ކިހިނެއް ހެއްޔެވެ. އެއްޗެއް ނުބުނެ، އިރުކޮޅަކު ވިސްނައިލަން ކެވިން އިނެވެ.
"ކެވިން ލިސަން!... އަހަންނަށް ވަރަށް ގިނަ ކަންކަން އެނގިއްޖެ... ތީ ބައްޕަގެ ދަރިއެއް... ބައްޕަ ހިންގާ ބިޒްނަސްތަކުގެ ސިއްރު..." ޖުއާން ފޮރުވުމެއްނެތި ހާމަކޮށްލި ހަގީގަތްތަކުން ކެވިންއަށް ނުތަނަވަސް ކަމެއް ލިބުނެވެ.
"ޖިލްއަށް ގެއްލުމެއް ދިނުމުގެ އެއްވެސް މަގުސަދެއް އަހަރެންގެ ނެތް... އަހަރެން ޖިލްއަށް އެހީވީ، ހަގީގަތުގައިވެސް އަހަރެން އެގޮތް ބޭނުންވާތީ... އެއީ ބައްޕަ ބުނެގެން ޖިލްގެ އިތުބާރު ހޯދަން ކުރި ކަމެއް ކަމަށް ވިޔަސް، އަހަރެންގެ ހިތް ސާފު... ކުޑަކުޑަ ޔޫންގެ ފުރާނަ ސަލާމަތްވީމަ، އަހަރެންގެ ހިތަށް ލިބުނު އުފާ ބުނެދޭންވެސް ނޭނގެ... އަހަންނަކަށް ނޭނގެ، ޖިލްދެކެ އަހަންނަށް އެހާ ވަރަށް ލައިކް ވެވުނު ސަބަބެއް... އޭގެ ފައިދާ ބައްޕަ ނެގީ... ޖިލް އާއި އެކީ އެގްރީމެންޓް ހެދީ އަހަރެން އެގޮތް ބޭނުންވެގެން ނޫން... އެއީ ޒެނިލްގެ ހަޔާތުން ޖިލް ބޭރުކޮށްލަން ބޭނުންވެގެން ބައްޕަ ކުރުވި ކަމެއް..." ކެވިން ހާސްވި އެވެ.
"އަހަރެން ކެވިންއަށް އިތުބާރު ކުރަން..." ޖުއާން ބުންޏެވެ.
********
ކޮރެއާ އެއާޕޯޓުގައި ޒެނިލްއަށް އުޅެންޖެހުނީ ވަރަށް ހާލުގަ އެވެ. މާސްކު އަޅައި ހޫޑްއިން އިސްތަށިގަނޑު ނިވާކޮށްގެންނެވެ. ޒެނިލް އެހެން ހުރުމުން، ޔޫންވެސް ބިރުން އަބަދު އިންނަނީ ޖިލްވާގެ އުނގުތެރޭގައި ބޮނޑިވެލައިގެންނެވެ. ޒެނިލް އެހާ ވަރުން އުޅުނު އިރުވެސް، ބައެއް މީހުންނަށް އެއީ ކާކުކަން އެނގުނެވެ. އެކުގައި ތަސްވީރެއް ނަގައިލުމަށް އެދުނެވެ. އެއިން ކޮންމެ ފަހަރަކު ޒެނިލް ހޯދަނީ ޖިލްވާގެ ހިމާޔަތެވެ.
ދިގު ދަތުރަކަށްފަހު، މަންޒިލާއި ހަމައަށް ވާސިލު ވިއެވެ. ޒެނިލް އިނީ ހޮޑުލަވައިގަނެފަ އެވެ. ދުވަހަކު އެހާ ދިގު ދަތުރެއް އޭނަ ނުކުރެ އެވެ. ޔޫންއަށްވުރެ ޒެނިލްގެ ހާލު ބޮޑެވެ. ބޯޓުން ފޭބިގޮތަށް ހޮޑު ލިއެވެ.
ރިފްއާން ގުޅާފައި މާލެދާ ޚަބަރު ދިނުމުން، ސަފީނާ އާއި ހަމްދާ ހުރީ އެއާޕޯޓަށް އައިހެވެ. ހަމްދާ އެހާ ވަރަށް އެދުމުންވެސް އާމިރު ނުދިޔަ އެވެ. ގޮތުގައި ހިފަހައްޓައިގެން ހުރީ އެެވެ.
ދަރިފުޅު ދެކެލުމަށް ހަމްދާ ހުރީ ކެތްތެރިކަން ކުޑަވެފަ އެވެ. ދިގު ދަތުރަކަށްފަހު، ދަރިފުޅު ވަރުބަލިވެފައި ހުންނާނޭ ވަރު އެނގޭތީ، އޭނަ ހުރީ ކުރިން ކާއެއްޗެހިވެސް ތައްޔާރު ކޮށްފަ އެވެ. މީހުންތަކުގެ ތެރެއިން ނުކުތް ޖިލްވާ ފެނުމުން، ހަމްދާގެ ދެލޯ ފުރާލީ ކަރުނައިންނެވެ. މައިވަންތަކަމުގެ ކުލުނުން ހިތް ފުރިގެން އައެވެ. ކުރިއަށްވުރެ ޖިލްވާގެ ހަށިގަނޑު ރަނގަޅުވެލައިފި ހެން ހީވި އެވެ. ޖިލްވާގެ ކުރީގައި ރިފްއާން ހުއިއިރު، ޔޫން އުރާލައިގެން ޒެނިލް ހުއްޓެވެ.
ކުޑަކުޑަ މާމަ ދަރިފުޅު ފެނުމުން ހަމްދާގެ ލޮލުން ކަރުނަ އޮހުނެވެ. ލޯބިން ހިތް ފުރިގެން އައެވެ. ހުދު ދޮންކަމެއް ލިބިފައިވާ އެ ތުއްތު ކުއްޖާގެ އިސްތަށިގަނޑު ފަން ވެފައި ވަރުގަދަ އެވެ. ލޯބި ދެކޯ ކޮޅެވެ. ގަދަ ފިޔާތޮށިކުލައިގެ ކުޑަކުޑަ ތުންފަތެކެވެ. ވަށްކަމުން ފުށްގަނޑެއް ފަދަ އެވެ.
ޒެނިލްގެ ފައިން ފެށިގެން މޫނާއި ހަމައަށް ހަމްދާގެ ނަޒަރު ހުއްޓުނެވެ. އިސްކޮޅުން ދިގު، ރީތި ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ޔޫން އާއި ޒެނިލް ވައްތަރެވެ. ދެމީހުން ލައިގެން ތިބީވެސް އެއްކަހަލަ އަންނައުނެވެ. އޮރެންޖް ކުލައިގެ އަތްދިގު ޓީޝާޓާއި ހުދު ސޯޓެވެ. ޔޫންގެ އިސްތަށިކޮޅު ނިތްކުރި އާއި ދިމާއިން ތިރިކޮށްލާފައިވާއިރު، ދެފަރާތުން ދެ އިސްތަށިކޮޅު މައްޗަށް ނަގައި ވޫލުކޮޅަކުން އައްސާލާފައި އޮތެވެ. ޒެނިލްގެ ސިފަތައް ޔޫންއަށް ލިބިފައި ވިއެވެ. އެ ދޮންކަމެވެ. ކުޑަ ދެލޮލެވެ. ކަޅު ބުމަ އާއި، ދެލޮލުގެ ކަޅީގެ ކުލަ އެވެ. ހަންގަނޑުގެ އޮމާންކަމެވެ. ފުރަތަމަ ނަޒަރުންވެސް ހަމްދާއަށް ޒެނިލް ކަމުދިޔަ އެވެ.
ޖެހި ބުދެއްހެން ޒެނިލްއަށް ބަލަން ސަފީނާ ހުއްޓެވެ. މޫނުމަތިން ހައިރާންކަން ފެންނަން ހުރިއިރު، ދެލޮލުގައި ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ވިއެވެ. އެމީހުން ކައިރިވަމުންދިޔަ ވަރަކަށް ހަމްދާގެ ނަޒަރު ތަފާތުވަމުން ދިޔަ އެވެ. އެންމެފަހުން އޭނަ އިސްޖަހައިލި އެވެ. އަވަހަށް ރިފްއާނުގެ އަތުން ފޮށިތައް އަތުލައިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.
ޖިލްވާ ކައިރިއަށް އައުމުން، ހަމްދާއަށް އޭނާގެ ދަރިފުޅުގެ ގައިގައި ބައްދައިލެވުނެވެ. ލޯބިން ހަށިގަނޑުގައި ފިރުމަން ފެށި އެވެ.
"މަންމަގެ ދަރިފުޅު..." ހަމްދާއަށް ބުނެވުނެވެ.
އިރުކޮޅަކު އެގޮތުގައި ހުރެފައި، ޖިލްވާ އާއި ދުރަށްޖެހިލައި ޔޫން އުރައިލި އެވެ. ޔޫންވެސް ހަމްދާ އާއި ރައްޓެއްސެވެ. އަތުގައި އޮތް ބިސްކޯދު ހަމްދާގެ އަނގައިގައި ޖައްސައިލި އެވެ.
"ހުރިހާ ސޮނިކޮޅެއް މާމައަށްތަ ތި ދިނީ..." ކަރުނައިގެ ތެރެއިން ހަމްދާ ހިނިތުންވެލި އެވެ.
ޖިލްވާވެސް ހުރީ ފެންކަޅިވެފަ އެވެ. އޭނަގެ ދެލޯ ހޯދައިލީ އާމިރެވެ. އާމިރު ނެތުމުން އަދިވެސް ބައްޕަގެ މަޢާފު ނުލިބެނީކަން ޖިލްވާއަށް އެނގުނެވެ. ގެއަށް ދާންވެސް އޭނަ ހުރީ ޖެހިލުންވެފަ އެވެ.
"މަމުވާ ހޭ..." ހަމްދާ އާއި ދިމާއަށް ކުޑަކޮށް ތިރިވެލަމުން ޒެނިލް ބުންޏެވެ.
ޖިލްވާ ދެލޯ ބޮޑުކޮށްލަމުން ޒެނިލްގެ މޫނަށް ބަލައިލި އެވެ. އެހާ ވަރުން މަންމަ ކިޔަން ދަސްކޮށްދިނުމުން ވެސް ޒެނިލް އެކީ އެއްޗެއް ހުދު އޭނައަށް ވެސް ނޭނގުނެވެ. ޖިލްވާ ޒެނިލްގެ ގައިގައި ޖެހިގަތެވެ. ލޮލުން އިޝާރާތް ކޮށްލި އެވެ. އޭރު ރިފްއާން އަނގަމަތީގައި އަތް އަޅައިގެން ހުރެ ހެނީ އެވެ.
"ހޫމް ހޫމް މަމުވާ މަމުވާ..." ހަމްދާ ހީކުރީ އެއީ ބައްދަލުވާ ވަގުތު ކޮރެއާ މީހުން ބުނާ ވާހަކައެއް ކަމަށެވެ.
ރިފްއާނުގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. ޒެނިލް ހުރީ ވާނުވާ ނޭނގިފަ އެވެ. ހަމްދާ ކޮންމެ އެއްޗެއް ބުނާ އިރަށް ޒެނިލް ބޯ ޖަހައިލާތީވެސް ރިފްއާން ހުރެގެން ހެނީ އެވެ.
"މަންމައޭ ކިޔާނީ ބުނީމަވެސް..." ޖިލްވާ ސިއްރުން ބުންޏެވެ. "ކިތައް ފަހަރު ކިޔައިދިނިންތަ؟..."
"ޖިލް އެމީހުންނަކަށް ދިވެހިން ވާހަކަ ދައްކާކަށް ނޭނގޭނެއޭ... އެހެންނޫނަސް އޭރު ޖިލް ހުރެގެން ކީ މަންމައޭ މަންމައޭ ވިއްޔަ... ކިތަންމެ މޮޅު މީހަކަށްވެސް އޮޅިދާނެ އެވަރުވީމަ..." ރިފްއާންގެ ހިނިގަނޑު މައިތިރިއެއް ނުކުރެވުނެވެ.
(ނުނިމޭ)