"ކުރަތްޕެއް..." ފާޚާނާއަށް އަތް ދިއްކޮށްލަމުން ޖިލްވާ ބުންޏެވެ.
"ކުޑަކުޑަ ސޫތްޕެއް ދެކެ ބިރުން ތިއުޅެނީ...." ޒެނިލް ހީލި އެވެ.
ކުރެވުނު ކަންތައް އިހުސާސްވުމުން ޖިލްވާ ކުއްލިއަކަށް ޒެނިލް އާއި ދުރަށް ޖެހިލި އެވެ. އޭރު ޒެނިލްގެ ގައިން ދުވި މީރުވަސް އޭނަގެ ނޭފަތުގައި ހަރުލައިފި އެވެ.
********
ޒެނިލް މާ ވަރަކަށް ބަލަން ފެށުމުން ޖިލްވާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނުކުތެވެ. އަވަސްކުރަން ހަދައިގެން އޭނައަށް ދޮރު ލައްޕައިލެވުނީ ވެސް ތަންކޮޅެއް ބާރަށެވެ. ޖިލްވާއަށް ދޮރުގައި ލެނގިލެވުނެވެ. އޭރުވެސް ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެ އެވެ.
"ޒެލް ތިއުޅެނީ އަހަރެން އިމްތިހާނު ކުރަންތަ؟..." ޖިލްވާ ދެލޯ މަރައިލީ އަމިއްލަ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. ޒެނިލް އުޅޭ ގޮތަކުން އޭނަގެ ހިތަށް ވަރުގަދަ ޒަލްޒަލާއެއް އައިސްފި އެވެ. އަޒުމަށް ގުޑުން އަރާފާނެ ކަމުގެ ބިރު ހިތުގައި އުފެދިއްޖެ އެވެ.
ޒެނިލް ތައްޔާރުވެލައިގެން ނުކުތްއިރު، ޖިލްވާ އިނީ ސިޓިންގްރޫމުގައި ބަހައްޓާފައިވާ ސޯފާގަ އެވެ. އަވަސް އަވަހަށް ކޮންމެވެސް އެއްޗެއް ކަމުން ދިޔައިރު، ޖިލްވާ އިނީ ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައި ކަން އެނގުނީ، ޒެނިލް އާއި ދިމާއަށް ބަލައިވެސް ނުލުމުންނެވެ.
"ޖިލް!..." ޒެނިލް ގޮވައިލުމާއިއެކު ޖިލްވާ ސިހުނެވެ.
ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި، ގަދަ ނޫ ކުލައިގެ ފަޓުލޫނުގައި ޒެނިލް ފެންނަލެއް ވަރަށް ހިތްގައިމެވެ. ކުރިއަށް ހިނގަމުންދިޔަ ވަރަކަށް، ފިރިހެންވަންތަ ސެންޓެއްގެ މީރުވަސް، މުޅި ގޭތެރޭގައި ހަރުލައިގެން ދިޔަ އެވެ. ޖިލްވާ ފުންމައިގެން ތެދުވި އެވެ. އަތުގައި އޮތް ކޭކު ފުރަގަހަށް ލައި ފޮރުވި އެވެ. އޭރު ޖިލްވާ ހުރީ އަނގަ ފުރެންދެން ކާއެއްޗެހި އަޅައިގެން އެތިކޮޅެއް ރަނގަޅަށް ހަފައިވެސް ނުލެވިފައެވެ.
ޖިލްވާ ހުރިލެއް މައުސޫމުކަމުން ޒެނިލްގެ ކައިރިއަށް ހިނި އަންނަން އުޅުނެވެ. އޭނަ ލަސް ފިޔަވަޅުތަކެއްގައި ޖިލްވާ އާއި ދިމާއަށް ދިޔަ އެވެ.
"މާ މީރުކޮށް ކޯއްޗެއް ތި ކަނީ؟..." ޖިލްވާ ފޮރުވައިގެން ހުރި އަތް ކުރިމައްޗަށް ގެންނަމުން ޒެނިލް ސުވާލު ކުރި އެވެ.
"ޔަމީ!..." ކޭކު ފެނުމާއިއެކު ޒެނިލްގެ މޫނުން ފެނުނީ ތަފާތު ޝުއޫރެކެވެ.
ޒެނިލް ކުޑަކޮށް ގުދުވެލައި، ޖިލްވާގެ އަތުން ކޭކުކޮޅެއް ކާލި އެވެ. އެއަށްފަހު ތެދުވެ ހިންދެމިލިއެވެ.
"ތެންކްޔޫ..." ކޭކުކޮޅަށް އިޝާރާތް ކުރަމުން ޒެނިލް ބުންޏެވެ. "ތި ކޭކު ހީވޭ މާ މީރު ހެން..."
ޒެނިލް ދިޔައީ ޖިލްވާ އާއި ދިމާއަށް އެއްލޯ މަރައިލާފަ އެވެ. ގުޑިލަންވެސް ނޭނގިފައި ޖިލްވާ ހުރިގޮތަށް ހުރީ އެވެ.
********
ހަވީރުގެ ވަގުތެވެ. ޒެނިލްގެ މާމަ އަންނަ ވާހަކަ ބުނެފައި އޮތުމުން، ޖިލްވާ އުޅުނީ ގޭތެރެ ސާފު ކުރުމުގެ މަސައްކަތުގަ އެވެ. ފާއިތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަމިއްލައަށް ކަންކަން ހޯދައިގެން ކުރަން ޖިލްވާއަށް އާދަވެއްޖެ އެވެ.
ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން ޖިލްވާއަށް ފުރަތަމަ ބަލައިލެވުނީ ގަޑި އަށެވެ. ޒެނިލް ދިޔަތާ މާގިނައިރެއް ނުވެ، އައިސްދާނެ ބާއޭ ޖިލްވާގެ ހިތަށް އެރި އެވެ. ދެ ފިކުރެއްގައި ހުރެ ޖިލްވާ ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރި މީހަކު ފެނުމުން، ޖިލްވާ ސިހޭގޮތް ވިއެވެ.
"ކެވިން؟..." ޖިލްވާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ.
"ސަޕްރައިޒް..." ކެވިން ދިއްކޮްށްލީ މާބޮނޑި އެކެެވެ.
މާބޮނޑީގައި ހިފި ނަމަވެސް، ދޮރުމަތިން ދުރަށްޖެހިލާކަށް ޖިލްވާއަކަށް ނުކެރުނެވެ. ޒެނިލްގެ ގެއަށް ހުއްދަނެތި މެހެމާނުން ވައްދާކަށް ޖިލްވާއަކަށް ނުކެރުނެވެ.
"ކިހިނެއް މި ގެ އެނގުނީ؟..." ޖިލްވާ ހުރީ ހައިރާންވެފަ އެވެ.
"އެތެރެއަށް ވަންނާކަށް ވެސް ނުބުނާނަންތަ؟..." ކެވިން ކުރީ މުޅީން އެހެން ސުވާލެކެވެ.
"އެކަކުވެސް މިގަޑީ ނޫޅޭ..." ވަރަށް ނުކެރި ހުރެފައި ޖިލްވާ ބުންޏެވެ.
"ޔޫން ކޮބާ؟..." ގޭތެރެއަށް ނަޒަރު ހިންގައިލަމުން ކެވިން ސުވާލު ކުރިއެވެ. "ޔޫން ކައިރިއަށާ އެކީއޭ މިއައީ..."
ޖިލްވާ އެއްޗެއް ނުބުނެވިފައި ހުއްޓައި ކެވިން އެތެެރެއަށް ވަނެވެ. ސިޓިންގްރޫމުގައި ކުޅެން އިން ޔޫން ފެނުމުން، ކެވިން އެދިމާއަށް ދިޔައީ ހަލުވި ފިޔަވަޅުތަކެއްގަ އެވެ. ޔޫން އުރާލި ގޮތަށް ކެވިން އެކުއްޖާގެ މޫނުގައި ބޮސްދިނެވެ. ކެވިން ޔޫންދެކެ ލޯބިވާވަރު ޖިލްވާއަށް އެނގެ އެވެ. އެކަމަކު ކެވިން އެފަދަގޮތަކަށް ޒެނިލްގެ ގެއަށް އައިސް، ޔޫން އާއި ބައްދަލުކުރަން ޖިލްވާގެ ހިތެއް ނުރުހުނެވެ.
"ޔޫން ދޫނި ކައިގެންތަ މީނީ؟..." ކެވިން ސުވާލު ކުރީ، ޔޫންގެ ކޮލުގައި ލޯބިކޮށްލަމުންނެވެ. "ޖިލް ކައިފިންތަ؟..."
ޖިލްވާ އާއި ދިމާއަށް އެނބުރިލަމުން ކެވިން އަހައިލި އެވެ. ޖިލްވާ ވަގުތުން ބޯ ހޫރައިލި އެވެ.
"ހިނގާ ކާން... މިތާ ކައިރީ އިންނާނެ ވަރަށް މީރު ސޭންޑްވިޗް ހަދާ ތަނެއް..." ކެވިން ހީލި އެވެ.
ޖިލްވާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކެވިން އާއިއެކު ދާކަށްވެސް ނުކެރުނެވެ.
"ދޭ ތައްޔާރުވެލައިގެން އަންނަން..." ޖިލްވާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން ކެވިން ބުންޏެވެ.
ޖިލްވާ ސިޑި އާއި ދިމާއަށް ހިނގައިގަތް ވަގުތު، ގޭގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ދޮރުމަތީގައި ތިބީ، ޒެނިލް އާއި ޒެނިލްގެ މާމަ އާއިޝާ އެވެ. ކެވިން ފެނުމުން ޒެނިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިކަން ޖިލްވާއަށް އެނގުނެވެ.
"މާމަގެ ލޯބި ދަރިފުޅު!..." އާއިޝާއަށް ފުރަތަމަވެސް ފެނުނީ ކެވިން އުރާލައިގެން އިން ޔޫން އެވެ.
އާއިޝާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޔޫން އުރާލި އެވެ. އިތުރު މީހަކު އާއިޝާއަށް ނުވެސް ފެންނަ ކަހަލަ އެވެ.
"މާމަ ދޫނި މީނީ ބޮޑުވެފައެއްނު... ކުޑައިރު މާމައަށް ނުވެސް ފެނުނޭ... ދަރިފުޅުގެ ބައްޕަ ކުރިން ނުވެސް ބުނެއޭ މާމަ ކައިރީ..." އާއިޝާ ޔޫން އާއި ވާހަކަ ދައްކަން ފެށި އެވެ.
ޒެނިލް އާއި ކެވިން އެކަކު އަނެކެކަަށް މާ ފާޑަކަށް ބަލަން ފެށުމުން، ޖިލްވާ ހުރީ ކަންބޮޑުވެފަ އެެވެ. އަވަހަށް ކުރިއަށް ޖެހިލައި އެ ދެ މީހުންގެ ދެމެދަށް ވަނެވެ.
"އިށީންނަންވީނު..." ޖިލްވާ އެދުނެވެ.
އެކަކުވެސް އިށީންނާކަށް ނޫޅުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަން ޖިލްވާ ހުރީ އެ ދެމެދުގައި ރަނގަޅަށް ތާށިވެފަ އެވެ.
"ޒެލް، މީ ކެވިން... ކެވިން!... މީ ޒެލް..." ޖިލްވާ އެކަކު އަނެކަކު ތައާރަފުކޮށްދިނެވެ.
ދެމީހުން ގޮސް ސޯފާގައި އިށީނުމުން، ޖިލްވާ އަވަހަށް އާއިޝާގެ ފަހަތުން ގޮސް ބާލު ޚާނާއަށް ނުކުތެވެ.
"މީ ހަމަ ކުޑަކުޑަ ޒެނިލް..." ޖިލްވާ ފެނުމުން އާއިޝާ އަތުގެ އިޝާރާތާއި އެކު ވާހަކަ ދެއްކި އެވެ.
ޖިލްވާ އުފަލުން ހީލި އެވެ. ޒެނިލް އާއި އެ ދަރިފުޅު ވައްތަރުވެގެން މީހަކު އެއްޗެއް ބުނި އެއީ ފުރަތަމަ ފަހަރެވެ.
"ދަރިފުޅު ހާދަ ހިކެނީ؟... ނުކަނީތަ؟..." ޖިލްވާގެ ހަށިގަނޑު ދައްކައިލަމުން އާއިޝާ އަހައިލި އެވެ.
ޖިލްވާ ވަގުތުން ބޯ ހޫރައިލި އެވެ.
"ޔޫން މާމަ އާ ވަރަށް ރައްޓެހި ދޯ...." މައުޟޫއު އޮޅުވައިލުމުގެ ގޮތުން ޖިލްވާ ބުންޏެވެ.
ޖިލްވާ އާއި އާއިޝާ ސިޓިންގްރޫމަށް ދިޔައިރު، ޒެނިލް އާއި ކެވިން ތިބީ، ޔޫން ގެންގުޅޭ ކުޑަ ބެއާގެ ދެކޮޅުގައި ހިފަހައްޓައިގެންނެވެ. ދެމީހުން އެ ބޭނުންވެގެން އެކަކު އަނެކެއްގެ އަތުން އެ އަތުލަން ތައްޔާރުވެގެން ތިބި ކަހަލަ އެވެ. އާއިޝާމެން ފެނުމުން، ދެމީހުން ވެސް ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލި އެވެ. އެވަރުންވެސް އެ ބެއާ އިން އަތް ދޫކޮށްލާކަށް ނޫޅުނެވެ.
"މީ ކޮން ކުއްޖެއް؟..." ކެވިން ދައްކައިލަމުން އާއިޝާ އަހައިލި އެވެ.
"އަޅުގަނޑު މީ ޖިލްގެ ރައްޓެއްސެއް..." ޒެނިލްއަށްވުރެ ކުރިން ކެވިން ބުންޏެވެ.
"ދަރިފުޅާ!... މެހެމާނުން އައީމަވެސް ހުންނަނީތަ؟... ގޮސް ޖޫސްތައްޓެއް ހިފައިގެން އާދޭ..." ޖިލްވާއަށް ބަލައިލަމުން އާއިޝާ ބުންޏެވެ.
ޖިލްވާ ހިނގައިގަތުމުން، ޒެނިލް ބެއާ އިން ދޫކޮށްލި އެވެ. ޖިލްވާގެ ފަހަތުން އޭނަ ވެސް ހިނގައިގަތެވެ. ފަހަތުން ޒެނިލް އައިކަމެއް ޖިލްވާއަކަށް ނޭނގެ އެވެ. ޖިލްވާ ކާގެއަށް ވަދެ އައިސްއަލަމާރީގެ ދޮރު ހުޅުވައިލަން އުޅެނިކޮށް، ޒެނިލް ގޮސް ޖިލްވާގެ ފުރަގަހުގައި ހުއްޓުނެވެ. ކިރިޔާ ގުޑިލިޔަސް، އެކަކު އަނެކެއްގެ ގައިގައި ބީހޭހައި ކައިރީގަ އެވެ.
"އޭނަ ކީއްކުރަން މިގެއަށް އައީ؟..." ޒެނިލް އަހައިލީ ޝަކުވާގެ ރާގަކަށެވެ.
ޖިލްވާ ސިހިފައި ފަސްއެނބުރުނެވެ. އޭނަ ލައްވީ ޒެނިލްގެ ތަނަވަސް މޭގަ އެވެ.
'ކިރިޔާއޭ މަރުނުވީ..." ސިހުނުވަރުން ޖިލްވާއަށް ވާހަކަ ދެއްކުނީ ވެސް ދިވެހިންނެވެ.
"ޖިލް!... އަހަރެން މި އަހަނީ، އޭނަ މިގެއަށް އައީ ކީއްކުރަންހޭ؟..." ޒެނިލް އޭނަގެ ސުވާލު ތަކުރާރު ކުރިއެވެ. "އޭނަގެ ނިޔަތެއް އަހަންނަށް އެއްވެސް ވަރަކަށް ރަނގަޅެއް ނޫން..."
"އަހަރެން މިގެއަށް އައީ، ޔޫން ދެކިލަން..." ފަހަތުން އިވުނު ކެވިންގެ އަޑަށް ޖިލްވާ އަދި ޒެނިލް ވެސް ސިހުނެވެ. "ބޭނުން ކޮންމެ ވަގުތަކު، އެކުއްޖާގެ ކައިރިއަށް އައުމުގެ ހައްގު އަހަންނަށް އޮންނާނެ... ނޫންތަ ޖިލް؟..."
ކެވިންގެ ނަޒަރު ޖިލްވާއަށް ހުއްޓުމުން، ޒެނިލް ވެސް ބަލައިލި އެވެ. ހާސްވެގެން ޖިލްވާގެ ނިތްކުރިން އޮއްދާ ހިއްލާލައިފި އެވެ. ދޭނެ ޖަވާބެއް ނޭނގިފައި ޖިލްވާ ހުއްޓައި، ޒެނިލް ވާހަކަ ދައްކަން ފެށި އެވެ.
"ޔޫން އަކީ އަހަރެންގެ ދަރިއެކޭ... ކީއްވެ އެހެން މީހުން އެކުއްޖާ ދެކެން އަންނަންވީ؟..." ޒެނިލް ސުވާލު އުފެއްދި އެވެ.
"ރަނގަޅު... އެއީ ޒެނިލްގެ ދަރިއެއް..." ދެބަސްވާކަށް ކެވިން ނޫޅުނެވެ. "އެކަމަކު، އެކުއްޖާ ދެކެން އައުމުގެ ހައްގު އަހަންނަށް ނޯންނާނެތޯ ޖިލް ކުރެން އަހާބަލަ..."
ސުވާލުތަކުން ފުރިފައިވި ނަޒަރަކުން ޖިލްވާ އާއި ދިމާއަށް ޒެނިލް ބަލައިލި އެވެ. ދުލުން ނުބުނި ނަމަވެސް، އޭނަގެ ހިތުގައިވި ސުވާލުތަކަށް ޖަވާބު ދޭށޭ ބުނާ ފަދައިންނެވެ.
"ޒެލް!... ކެވިން ޔޫން އާއި ބައްދަލު ކުރިޔަސް، އެކަން މައްސަލައަކަށް ނަހަދަންވީނު..." ގޮތް ހުސްވެފައި ހުރި ޖިލްވާއަށް އެ ޖުމްލަ ބުނުން ނޫން އިތުރު ގޮތެއް ނެތެވެ.
ޒެނިލްގެ ދުނިޔެ ހުއްޓުނު ކަހަލަ އެވެ. ޔޫން އަކީ އޭނަގެ ދަރިއެކެވެ. ވީއިރު، އިތުރު ފިރިހެނަކު އެކުއްޖާ އާއި ބައްދަލުކޮށް އެކީ ވަގުތު ހޭދަކުރުމުގެ ހުއްދަ ޖިލްވާ އެ ދިނީ ކީއްވެ ހެއްޔެވެ؟ ވަކީން ޚާއްސަކޮށް ޒެނިލް އެކަމާއި ނުރުހޭކަން އެނގި ހުރެ އެވެ. ވަށައިގެން އެނބުރިގަތްހެން ހީވެ، ޒެނިލްއަށް އައިސްއަލަމާރީގައި ހިފަހައްޓައިލެވުނެވެ.
"ޒެލް!... ޔޫން އަކީ، ޔޫން އަކީ އުފަންވީއިރުވެސް ނޯމަލް ކުއްޖެއް ނޫން..." އެ ޖުމްލަތައް ވީ ޖިލްވާގެ ހިތުގަ އެވެ. ދުލާއި ހަމައަށް ގެންނަން ޖިލްވާ ކުރި އެތައް މަސައްކަތެއް ވީ ބޭކާރެވެ.
"ޔޫންގެ ހަށިގަނޑުގަ އެވަނީ، ކެވިންގެ ދަރިފުޅުގެ ހިތެއް... އެކުއްޖާ ދުނިޔޭގަ އެހުރީ، ކެވިންގެ ދަރިފުޅު ދުނިޔެ ދޫކޮށްފައި ދިޔައިރު ދިން ހަދިޔާއެއްގެ ސަބަބުން..." ޖިލްވާ ހިތާއި ހިތުން ވާހަކަ ދައްކަން ހުއްޓައި، ޒެނިލް އެތަނުން ނުކުތުމަށް ހިނގައިގެންފި އެވެ.
"ޒެލް!..."
ޖިލްވާ ހުރިތަނަށް ތިރި ވިއެވެ. އޭރު އޭނައަށް ގިސްލާފައި ރޮވެން ފަށައިފި އެވެ. ތުއްތު ޔޫން ވޭނުގައި އުޅުނު ދުވަސްތަކުގެ މަތީން ހަނދާން އައުވުމުން ޖިލްވާގެ ހިތަށް ތަދުވާން ފެށި އެވެ. ބުނެދޭން ނޭނގޭ އަސަރުތަކަކުން ސިކުނޑި ހާސްކުރުވަން ފެށި އެވެ. އެ ދުވަސްތަކަކީ ޖިލްވާގެ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަސްތަކެވެ. އަމިއްލަ ނަފުސު ގުރުބާން ކޮށްފައިވެސް ދަރިފުޅު ސަލާމަތް ކުރަން އޭރު އޭނަ ހުރީ ތައްޔާރަށެވެ. ކެވިން އާއި ބައްދަލުވިކަން އެއީ ޖިލްވާއަށް ލެއްވި ރަހުމަތެކެވެ.
"ޖިލް!... ކީއްވެ އޭނަ ކައިރީ ނުބުނަން ތިއުޅެނީ؟..." ކެވިން އައިސް ޖިލްވާ ނެގި އެވެ.
"އެހާ ހިއްވަރެއް އަހަރެންގެ ގަޔަކު ނެތް..." ކަރުނަތައް ހުއްޓުވާކަށް ޖިލްވާ ނޫޅުނެވެ.
"އަހަރެން ބުނަންވީތަ؟..." ކެވިން އަހައިލި އެވެ.
"ނޫން..." ޖިލްވާ ދެކޮޅު ހެދި އެވެ. "އަހަރެން ބުނާނަން..."
ކާގެއިން ބޭރުގައި ޖިލްވާ އާއި ކެވިންގެ މަންޒަރު ބަލަން ހުރި ޒެނިލްގެ ދެއަތް މުށްކެވުނެވެ.
(ނުނިމޭ)