ކޮޓަރި ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއިއެކު ޖިލްވާގެ ދެލޯ ބޮޑުވިއެވެ. ވަރުބަލިކަން ފިލައި ދިޔަ އެވެ. އުއްބައްތިތަކުން މުޅި ކޮޓަރި ދިއްލާލާފައިވާއިރު، ކޮޓަރިތެރެ ޒީނަތްތެރި ކުރެވިފައިވީ ފިނިފެންމަލުގެ ފިޔައިންނެވެ. އެނދުމަތި ފުރާލާފައިވި ރަތްކުލައިގެ ފުއްޕާހަންތަކުގެ ތެރޭގައި ބޮޑު ފޮއްޓެއް އިނެވެ. ޒެނިލް އިޝާރާތްކުރީ އެ ފޮށި ނެގުމަށެވެ. ޖިލްވާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ފޮށީގެ އެތެރެ ބަލައިލި އެވެ. ފޮށީގެ ތެރޭގައި އިތުރު ފޮއްޓެއް އޮތެވެ. ޒެނިލް އެދުނީ އެ ފޮށި ވެސް ނެގުމަށެވެ. ކޮންމެ ފޮއްޓެއްގެ ތެރޭގައި އިތުރު ފޮއްޓެއް އޮތެވެ. އެންމެ ފަހު ފޮށި ނެގުމާއިއެކު، އޭގައިވާ ރިހި އަނގޮޓި ފެނިފައި ޖިލްވާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ.

********

ޖިލްވާ ފަސްއެނބުރި ބަލައިލިއިރު، ޒެނިލް ހުރީ ހިނިތުންވެލައިގެންނެވެ. ޒެނިލް ފުރަގަހަށް ލާފައިވާ އޭނާގެ އަތް، ޖިލްވާއަށް ފެންނާނޭހެން ކުރިމައްޗަށް ގެނައެވެ. އެ އަތުގައި ކަރުދާސްގަނޑެއް އޮތެވެ.

"ވިލް ޔޫ މެރީ މީ؟..." ކަރުދާސްގަނޑުގައި ލިޔެފައިވާ އިބާރާތް ކިޔައިލުމާއިއެކު، ޖިލްވާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ގުޑިލަންވެސް ނޭނގިފައި ޖިލްވާ ހުއްޓައި، ޒެނިލް އައިސް ޖިލްވާގެ އަތުން އަނގޮޓި އަތުލި އެވެ. ޖަވާބު ބޭނުންވާފަދަ ނަޒަރަކުން އޭނަ ޖިލްވާގެ މޫނަށް ބަލައިލި އެވެ.

"އޮއްޕާ!..." ޖިލްވާ އުފަލުން ތުން ފިއްތައިލި އެވެ. "ޔެސް... ޔެސް..... ޔެސް...."

ޖިލްވާ އަތް ދިއްކޮށްލުމުން، އެ އަތުގައި ޒެނިލް އޭނާގެ އަތުގައި އޮތް އަނގޮޓި އަޅުވާލަ ދިނެވެ.

*********

ޔޯހަން ހައިޖީންގެ އޮފީސް ބައިން ނުކުތްއިރު، އާރާ ހުރީ ދޮރުމަތީގަ އެވެ. ހީވީ، ޔޯހަން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ހުރިހެންނެވެ. އާރާ ހުރިގޮތުން ޔޯހަން އާއި ހައިޖީންގެ ދެމެދުގައި ދެކެވުނު ވާހަކަ އޭނައަށް އިވިފައިވާކަން ޔޯހަންއަށް ޔަޤީން ވިއެވެ.

"އާރާ!..." ޔޯހަން ގޮވައިލީ އާރާ ތުން ފިއްތައިލި ތަން ފެނުމުންނެވެ.

އާރާ މަޑެއް ނުކުރެ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ލިފްޓްގެ ކައިރީގައި ހުއްޓުނެވެ. ލިފްޓްގެ ދޮރު ހުޅުވުމުގެ ކުރިން ޔޯހަންވެސް ގޮސް، އާރާގެ ކައިރީގައި ހުއްޓުނެވެ. ލިފްޓްގެ ތެރެއަށް ދެ މީހުން ވަނީ އެކުއެކީގަ އެވެ.

"އާރާ!... އަހަންނަކީ އާރާ ތި ހީކުރާ ވަރުގެ ރަނގަޅު މީހެއް ނޫން..." ލިފްޓް ތިރިއަށް ދާން ފެށުމުން، ޔޯހަން ވާހަކަ ދައްކަން ފެށި އެވެ.

"އަހަރެން ނެތް ޔޯހަންއާ ދައްކާނެ ވާހަކައެއް..." އެއްޗެއް ނުބުނަން ހުއްޓަސް، އާރާއަށް ބުނެވުނެވެ.

"ލިސަން އާރާ!... އަހަރެން ބޭނުމޭ މިކަން ހައްލު ކުރަން..." ޔޯހަން ހުރީ ގޮތް ހުސްވެފަ އެވެ. "އާރާ ތިހެން ރުޅި އައީމަ އަހަރެން ދެން ކިހިނެއް ހަދާނީ؟..."

"އެހެންވެ އެއްނު ހައިޖީންގެ ކައިރިއަށް ތި އައީ... އަމިއްލަ ނަފުސުގެ އަގެއް ނެތްގޮތަށް ވާހަކަ ދައްކާފަ، އަހަރެން ކައިރީ ކޮންމެހެން ރީއްޗަށް ވާހަކަ ދައްކާނެ ކަމެއް ނެތް..." އާރާ ދެލޯ އަޅައިލި އެވެ. "ދެން ދާންވީނު އޭނަ ރުއްސަން... އަހަރެން ނޫޅެން ހުއްޓުވާކަށް..."

ވެގެން އުޅޭގޮތް އެނގުމުން އާރާ ހުރީ، ހައިޖީންދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. ހައިޖީންގެ ކުރިމަތީގައި ޔޯހަން އެފަދައިން މަޢާފަށް އެދެންޖެހޭނެ ކަމަކަށް އާރާއަކަށް ގަބޫލެއް ނުކުރެވުނެވެ. އެހާވަރަށް ޔޯހަންގެ މައްސަލައެއް ނެތްކަމަށް ބުނެ، ވިސްނައިދިނުމުންވެސް، ޔޯހަން ގޮސް ހައިޖީންގެ ކިބައިން މަޢާފަށް އެދުނީއެވެ. ހުދު އެ ދުވަހުގެ ފަހުން، ޔޯހަންއަށްވެސް ވަނީ ނަފުސާނީގޮތުން ގެއްލުން ލިބިފަ އެވެ.

އާރާގެ ވިސްނުން ހުރިގޮތް އެނގުމުން، ޔޯހަންގެ ނުތަނަވަސްކަން ފިލައިދިޔަ އެވެ. އެއީ ހަގީގީ ރުޅިވެރިކަން ނޫންކަން އޭނަގެ ސިކުނޑި ނަގައިގަތެވެ. ލިފްޓްގެ ދޮރު ހުޅުވުމުން، އާރާ ބޭރަށް ނުކުތުމުންވެސް ޔޯހަންއަށް ހުރެވުނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފަ އެވެ. އެއީ އާރާ އާއި ޔޯހަން އާއި ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔަ ދުވަހަކެވެ. ލޯބިވެރިންގެ ލިސްޓުގައި ދެމީހުންގެ ނަން ރަސްމީކޮށް ފަވައިލި އެވެ. ޔޯހަންގެ ހިތަށް ލިބުނު އުފާވެރިކަމުގައި ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއް ސިކުނޑިއަކަށް ނައެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އާރާގެ އަތުގައި ހިފައިލި އެވެ.

"އައި ލަވް ޔޫ.... ލަވް ޔޫ ސޯ މަޗް..." ވަށައިގެންވި މީހުންނަށް ސަމާލުކަން ދިނުމެއްނެތި، ޔޯހަން ވާހަކަ ދެއްކީ އަޑު ހަރުކޮށެވެ.

********

ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކުގެ ހިޔަލުގައި ޒެނިލް އާއި ޖިލްވާ ތިއްބެވެ. ދެ މީހުންގެ އަތުގައިވެސް އާވި އަރައަރައި ހުރި ދެ ކޮފީތަށި ހުއްޓެވެ. ޔޫން އިނީ ކޮށީގަ އެވެ. ކުޑަ ބޫޓުކޮޅަކަށް އަރައިގެން އިންއިރު، ދެފައިން ކޮއްޕާލާފައި ކޮށި ދުއްވޭތޯ އެ ކުއްޖާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ޖިލްވާ އާއި ޒެނިލްގެ ނަޒަރު ދޭތެރެ ދޭތެރެއިން އެ ކުއްޖާއަށް ހުއްޓެމުން ދިޔަ އެވެ.

"ކިހިނެއް އެނގުނީ ބައްޕަ ގަބޫލުވިކަން؟..." ކޮފީތަށިން އެތިފޮދެއް ބޯލަމުން ޖިލްވާ ސުވާލު ކުރިއެވެ.

"ބައްޕަ އެއީ މިހާރު އަހަރެންގެ ޕާޓްނަރެއް..." ޒެނިލް ފަޚުރުވެރިވެލާފައި ބުންޏެވެ. "އަހަންނަށް ނޭނގޭ ކަމެއް މިހާރު ޖިލްއަކަށްވެސް ނޭނގޭނެ..."

ޖިލްވާ ހީގަތެވެ. އެއްލި ކަޅިއަކުން، ކުޑަދޮރުގެ ކައިރީގައި ޔޫންއަށް ބަލަން ހުރި ސަފީނާ ޖިލްވާއަށް ފެނުނެވެ. ޖިލްވާގެ ހިތުގައި ސަފީނާ އާއިމެދު ހަމްދަރުދީ އުފެދުނެވެ.

"އަހަރެން ބޭނުން ޒެލް އާއި ވާހަކައެއް ދައްކާލަން..." ޖިލްވާ ބުންޏެވެ.

"އަވަހަށް ބުނޭ..." ޖިލްވާގެ ބޮލުގައި ފިރުމައިލަމުން ޒެނިލް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.

"އެބަ އަންނަން ޔޫން ލާފަ...." ޔޫން އާއި ދިމާއަށް ބަލައިލަމުން ޖިލްވާ ބުންޏެވެ.

"ހާދަ ލޯބި ވާހަކައެއް ދައްކަން އުޅޭހެން ހީވެއޭ..." ޒެނިލް ސަމާސާކޮށްލި އެވެ. ޖިލްވާގެ އުނަގަނޑުގައި އަތްއަޅުވައި، ދުރަށްޖެހިނުލެވޭނޭހެން ހިފަހައްޓައިލަން އުޅުނެވެ.

ޖިލްވާ ހީގަނެފައި، ޒެނިލްގެ އަތުން ވީއްލިގަތެވެ. ޔޫން ކޮށިން ނަގައިގެން ގެއާއި ދިމާއަށް އޭނަ ހިނގައިގަތެވެ. ގޭތެރެއަށް ވަދެގެންދިޔަ ޖިލްވާއަށް ސަފީނާ ފެނުނީ ބަދިގެ އާއި ދިމާއަށް ދަނިކޮށެވެ.

"މަންމާ!..." ޖިލްވާ ގޮވައިލި އެވެ.

ސަފީނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ކުޑަ އިރުކޮޅެއްފަހުން ފަސްއެނބުރި ބަލައިލި އެވެ. އޭރު ސަފީނާ ހުރީ ހިނިތުންވެލައިގެންނެވެ. ކަރުނަތައް ފުހެފައި ހުއްޓަސް، ސަފީނާ ރޮއެފައި ހުރިކަން ޖިލްވާއަށް އެނގުނެވެ. ޖިލްވާގެ ހިތަށް ތަދުވީ ސަފީނާގެ ހިތަށް ކުރާނެ އަސަރު އެނގުމުންނެވެ. ދަރިޔަކަށްޓަކައި މައެއްގެ ހިތުގައި ވާނޭ ލޯބި ހުދު އޭނައަށްވެސް މިހާރު އެނގެއެވެ.

"މަންމަ އިހަށް ޔޫން އުރާލަދީފާނަންތަ؟..." ސަފީނާ އާއި ދިމާއަށް ޔޫން ދިއްކޮށްލަމުން ޖިލްވާ އަހައިލި އެވެ.

ސަފީނާ އުފަލުން ހިނިތުންވެލި އެވެ. ޔޫން އާއި ދިމާއަށް އަތް ދިއްކޮށްލުމާއިއެކު، އެ ކުއްޖާ ސަފީނާ އާއި ދިމާއަށް ފުންމައިލަން އުޅުނެވެ.

"މާމަ ކުއްޖެއްދޯ މަންމި ބޭބީ މީ... މާމަ އާ ހާދަ ފްރެންޑްވެލައިފިއޭ ދަރިފުޅު..." ޔޫންގެ ބުރަކަށީގައި ފިރުމައިލަމުން ޖިލްވާ ބުންޏެވެ.

ޖިލްވާ ދިޔުމުންވެސް ސަފީނާއަށް ހުރެވުނީ، ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ޖިލްވާގެ ކޮންމެ ބަހަކުން ސަފީނާގެ ޒަޚަމުވެފައިވާ ހިތުގައި މަލަން އަޅައިދިން ކަހަލަ އެވެ. މާމަ ދަރިފުޅުދެކެ ލޯބިން، އުރާލަން ކިތަންމެ ބޭނުންވިޔަސް، އޭނައަށް ޔޫން ގެންގުޅެލަން ލިބެނީ މަދު ފަހަރަކު އެވެ. އެ ކުއްޖާ ގިނައިން ގެންގުޅެނީ ހަމްދާ އެވެ. ވީހާވެސް ބޮޑަށް ސަފީނާ އާއި ދުރުން ޔޫން ގެންގުޅެވޭތޯ ހަމްދާ ބަލާކަން ސަފީނާއަށް އެނގެ އެވެ. ސަފީނާގެ ހިތަށް ނޭނގޭ އުފަލެއް ލިބުނުއިރު، ޖިލްވާ ކަހަލަ އަޚުލާގު ރަނގަޅު ކުއްޖަކު ޒެނިލްއަށް ލިބުނީތީ ހިތުގެ އަޑިން ޝުކުރު ކުރިއެވެ. ޖިލްވާގެ ސަބަބުން، ޒެނިލްގެ ހިތް އޭނަ އާއިމެދު ސާފުވާނެކަމުގެ ޔަޤީންކަން ލިބުނެވެ.

ޖިލްވާ ނުކުތްއިރު، ޒެނިލް އިނީ ފޯނު ހިފައިގެންނެވެ. މޫނުމަތިން ނުތަނަވަސްކަން ފެންނަމުން ދިޔަ އެވެ. ޖިލްވާ ފެނުމުން، ވަގުތުން ހިނިތުންވެލައި، އެ ނުތަނަވަސްކަން ފޮރުވި އެވެ.

"އަހަރެންގެ ފިއުޗަރ ވައިފް ކޮން ވާހަކައެއް ދައްކަންތަ މިއުޅެނީ؟..." ޖިލްވާގެ އަތުގައި ހިފައި ގޮނޑީގައި ބައިންދަމުން ޒެނިލް އަހައިލީ ސަމާސާ ރާގަކަށެވެ.

ޖިލްވާ ވާހަކަ ފެށީ، ދުރުދުރުންނެވެ. އޭނައަށް ދެއްކުނީ ކައިވެނީގެ ވާހަކައިން ފެށިގެން ސަފީނާގެ ވާހަކަ އާއި ހަމައަށެވެ. ސަފީނާގެ ވާހަކަ އަޑު އަހަން ޒެނިލް ދެކޮޅު ހެދި އެވެ.

"މިގަޑީ މޫޑު ޚަރާބުކޮށްނުލާ ޖިލް... ކުއްލިއަކަށް ހަގީގަތް އެނގުނީމަ، އަހަރެން މިއުޅެނީ އެކަމުން އަރައިނުގަނެވިގެން... އަހަންނަށް އަދި ވަގުތުކޮޅެއް ބޭނުން..." ޒެނިލް ތެދުވި އެވެ. "ޖިލް ބޭނުންތަ ވެޑިން ޕާޓީއެއް ބާއްވަން؟.... އަހަރެން ބޭނުންވަނީ ވަރަށް ސިމްޕަލްކޮށް، ހަމައެކަނި އަހަރެމެންނާ، ދެން މިގޭ މީހުން އެކަނި ތިބެގެން ކައިވެނި ކުރަން... ޖިލް ބޭނުންވާ ގޮތެއްވެސް ބުނެބަލަ..."

ޒެނިލް ގަސްދުގައި ވާހަކަ އޮޅުވައިލި ކަން އެނގުމުން، ޖިލްވާގެ ތަބީއަތު ބަދަލުވި އެވެ. އެކަމަކު އޭނަ އެކަން ޒެނިލްއަކަށް ނުދައްކަ އެވެ.

"އަހަރެންވެސް ބޭނުންވަނީ ކޯޓުގަ ކައިވެނި ކުރަން..." ޖިލްވާ ތެދުވެފައި ޒެނިލްގެ ކޮނޑުގައި ބޯ ޖައްސައިލި އެވެ.

********

ދެ ހަފުތާ ފަހުން، ޖިލްވާ އާއި ޒެނިލްގެ ކައިވެނި ކުރެވުނެވެ. ކޯޓުން ނުކުތްގޮތަށް ދެ މީހުން އެކަކު އަނެކެއްގެ އަތުގައި ހިފައިލި އެވެ. ނުގުޑާ އަޒުމަކާއިއެކު، އެކަކު އަނެކެއްގެ އަތުން ދުވަހަކުވެސް ދޫކޮށްނުލުމަށް އަޒުމުކަނޑައަޅައިގެންނެވެ. ޖިލްވާ ލައިގެން ހުރީ، ގަދަ ނޫކުލައިގެ ދިގު ހެދުމެކެވެ. ޒެނިލް ހުދު ގަމީހާއި ކަޅު ފަޓުލޫނުގައި ހުރިއިރު، ކުޑަކުޑަ ޔޫންވެސް އިނީ މަންމަ އާއި އެއް ކުލައިން ޕާޓީ ހެދުމެއް ލައިގެންނެވެ. ހަމްދާ އާއި އާމިރުގެ އިތުރުން ސަފީނާ އާއި ރިފްއާނުވެސް ހެދުން އަޅައިގެން ތިބީ، ކައިވެނި ވެވުނު ދެމަފިރިންގެ ހެދުމާއި ގުޅޭ ގޮތަށެވެ.

ދުރުގައި އެކަހެރިވެގެން ހުރި ސަފީނާއަށް ޒެނިލް ސިއްރުން ބެލި އެވެ. އެކަނިވެރިކަމާއި މާޔޫސްކަން ފެންނަމުންދިޔަ އެ މައިމީހާގެ މޫނުމަތީގެ ދިރުން ކުޑަ އެވެ. އެހެނަސް، އެ މޫނުން ފެންނަމުންދިޔަ ހަމައެކަނި އުފާވެރިކަމަކީ އޭނާގެ ދަރިންނަށްޓަކައި، އެ ހިތުގައިވި ލޯތްބާއި މަތިވެރި ކުލުނެއްގެ ސަަބަބުން ވި އުފާވެރި ކަމެކެވެ. ޒެނިލްއަށް ހިންދިރުވައިލެވުނެވެ. އަމިއްލަ މައިމީހާ އެފަދަ ގޮތަކަށް ނިކަމެތިކޮށްލަން އޭނަގެ ހިތް ދެކޮޅު ހެދި އެވެ. އަމިއްލަ ހިތް ހަރު ހިލަގަނޑަކަށް ހަދަން މަސައްކަތް ކުރި ނަމަވެސް، ސަފީނާގެ މިލާފައިވާ މޫނު ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތް މަޑު ކަފަކޮޅަކަށް ވެދެއެވެ. މަންމައަށް މަޢާފުކޮށް އައު ފެށުމަކުން، ފަށަން ހިތް އެދެއެވެ.

ގެއަށް ދިޔަގޮތަށް ޖިލްވާ އުޅުނީ ސަފީނާ އާއިއެކު ކެއުން ތައްޔާރު ކުރުމުގަ އެވެ. އެއީ ކައިވެނީގެ އުފަލުގައި ޖިލްވާ ތައްޔާރު ކުރާ ކެއުމެކެވެ. އަތްގާތްކޮށްލަދޭން ސަފީނާ އުޅުނުއިރު، އެހެން މީހަކަށް ޖިލްވާއަށް އެހީތެރިވާކަށް ހުއްދައެއް ނެތެވެ. ވާހަކައެއް ބުނަން ބޭނުންވެފައި ހުންނަހެން، ޖިލްވާ އާއި ދިމާއަށް ސަފީނާ ބަލަމުން ދިޔަ އެވެ. ޒެނިލްގެ މަންމަ ކަން އެނގުނު ހިސާބުން، ޖިލްވާ ވަކި ޚާއްސަކަމެއް ސަފީނާއަށް ބަހައްޓަމުންދާކަން ސަފީނާއަށް ވަނީ ފާހަގަވެފަ އެވެ.

ކާމޭޒުމަތީގައި ތަށިތައް އަތުރައި ނިންމައިލާފައި، ޖިލްވާ އެނބުރުނީ ސަފީނާ އާއި ދިމާއަށެވެ.

"މަންމާ!... ކޮންމެެސް އެއްޗެއް ބުނެބަލަ ދެން... ކައިވެނި ކުރެވުނީމަ މަންމަމެން ނަސޭހަތް ދޭނެއޭ...." ޖިލްވާ ގޮސް ސަފީނާގެ އަތުގައި ހިފައިލި އެވެ. "މަންމަ އާއިއެކީ މި މަސައްކަތްކުރަން އައީވެސް މަންމަގެ ނަސޭހަތް އަޑު އަހަން ބޭނުންވާތީއޭ..."

ސަފީނާ އެއްޗެއް ނުބުނެ އިރުކޮޅަކު ޖިލްވާއަށް ބަލަން ހުއްޓެވެ. ދެން ކުއްލިއަކަށް ޖިލްވާގެ ގައިގައި ބައްދައިލި އެވެ. ސަފީނާ ފެށީ ރޯށެވެ. ދޮރުމަތީގައި އައިސް ހުއްޓުނު ޒެނިލްއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ. އޭނާ އެތެރެއަށް ނުވަދެ، ބޭރުގައި އިރުކޮޅަކު މަޑުކޮށްލި އެވެ.

"މަންމައަށް ދަރިފުޅު ޚާއްސަ ވަނީ އެތައް ގޮތަކުން.... އެންމެ ކުރިއްސުރެވެސް މި މަންމަގެ ހިތުން އަމިއްލަ ދަރިއެއްގެ ދަރަޖަ ދަރިފުޅަށް ދެވިފަވަނީ... މިހާރު ރަސްމީކޮށް މަންމަގެ ދަރިއަކަށް ތިވެވުނީ.... މަންމަ ދަރިފުޅަށް ދޭނެ ނަސޭހަތަކީ، ދިރިއުޅުމުގެ ހަގީގީ އުފަލަކީ ކޮބައިކަން އޮޅުވާނުލައްޗޭ.... ދަތުރުގެ މިސްރާބު ބަދަލުވިޔަނުދީ، ހުންގާނު ހިފަހައްޓާލައްޗޭ.... ކަޑައްތުކުރަން އުނދަގޫ ހަރުފަތްތަކަށް ދިރިއުޅުން ގެންގޮސްދާނެ... ދަރިފުޅު ކުރަންޖެހޭނީ ކުޑަ ހިއްވަރެއް.... އިންޝާﷲ ތި ދިރިއުޅުމުގަ ދަރިފުޅުމެން ދެކުދިނަށްވެސް ކާމިޔާބު ވާނެ... މަންމަގެ ހެޔޮ ދުޢާ މުޅި އުމުރަށް ތި ދެ ކުދިންނާއި އެކުގައި ވާނެ..." ސަފީނާ ވާހަކަ ދެއްކީ ކުރެހިފައިވާ އަޑަކުންނެވެ.

(ނުނިމޭ)

ކޮމެންޓް 0