ޖިލްވާ ހުރީ ގެއަށް ދޫކޮށްލުމުން، އެއްޗެހިތައް ދަބަހަށް އަޅާށެވެ. ޔޫން ގޮވައިގެން ހަމްދާ ގެއަށް ދިޔުމުން، ޖިލްވާގެ ކައިރީގައި މަޑުކުރީ، ރިފްއާނެވެ. ބޭސްތަކެއް ނަގަންޖެހޭތީ، ރިފްއާނު ދިޔައީ، ބޭސްފިހާރަ އަކަށެވެ. ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހައިލުމުން، ޖިލްވާ ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރީ މުއާޒެވެ. މުއާޒު ހުރީ ފާޑަކަށް ހިނިއައިސްފަ އެވެ. އޭނާގެ ނިޔަތް ރަނގަޅު ނޫންކަން އެނގުމުން، ޖެހިލުންވެފައި، ޖިލްވާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެކަކުވެސް ނެތް ވަގުތެއް ކަމުން، ޖިލްވާގެ ހިތް ތެޅިގަތެވެ.
********
"މުއާޒު..." ޖިލްވާ ގޮވައިލީ ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުންނެވެ.
"ދާންތަ ތިއުޅެނީ؟..." އެނދުމަތީގައި ބާއްވާފައި އޮތް ޖިލްވާގެ ދަބަސް ފެނުމުން މުއާޒު ސުވާލު ކުރި އެވެ.
"އާނ... އެކަކުވެސް ނެތް މިގަޑީ..." ޖިލްވާ ހުރީ، ދޮރުމަތިން ދުރަށްޖެހިލަންވެސް ބޭނުން ނުވެފައެވެ. "ކަމަކުތަ ތި އައީ؟..."
ޖިލްވާ ހީކުރީ މުއާޒު ދާނޭ ކަމަށެވެ. އެހެން ނަމަވެސް މުއާޒު ދިމާކުރީ އެތެރެއަށް ވަންނާށެވެ.
"ކަމަކުތަ ޖިލް ކައިރިއަށް އަންނަންޖެހޭނީ..." ދޮރު ހުޅުވައިލާފައި މުއާޒު އެތެރެއަށް ވަނެވެ. "މާ ރަނގަޅަކަށްނު މި ދިމާވީ... ޖިލްއަށް ހެލްޕްވާން މިއައީ..."
މުއާޒު ފޮނުވައިލާކަށް ޖިލްވާއަކަށް ނުކެރުނެވެ. މުއާޒު އެތެރެއަށް ވަނުމުންވެސް، އެއްޗެއް ބުނަން ނުކެރި ދޮރު ކައިރީގައި އޭނައަށް ހުރެވުނީ އެވެ.
"އަހަރެން ކޮން ހެލްޕެއް ދޭންވީ؟..." މުއާޒު ސުވާލުކުރީ ފަސްއެނބުރި ޖިލްވާއަށް ބަލައިލަމުންނެވެ.
"މިހާރު ހުރިހާ ކަމެއް ނިމިއްޖެ... ބޭރަށް ނުކުންނަން ދެން މިއުޅެނީ...." ޖިލްވާ އުޅުނީ ބޭރަށް ނުކުންނާށެވެ.
މުއާޒު ޖިލްވާގެ އަތުގައި ހިފެހެއްޓި އެވެ. އެ ނަޒަރުން އިންޒާރެއް ދިން ކަހަލަ އެވެ. ޖިލްވާ ބިރުން މުޅި ގައިން ހީބިހި ނަގައިން ދިޔަ އެވެ.
"ކީއްވެތަ އަބަދު އަހަންނަށް ތިހެން ހަދަނީ؟..." މުއާޒުގެ އަޑުގައިވީ، ޝަކުވާއާއި ހަރުކަށިކަމެވެ. "ޖިލް އަަބަދު އަހަރެން ބާކީ ކުރަނީ ކީއްވެތަ؟... އަހަރެންގެވެސް މިތާ އޮތީ ހިތެކޭ... ހިލަގަނޑެއް ނޫނޭ..."
މޭގައި އަތް ޖައްސައިލަމުން މުއާޒު ވާހަކަ ދެއްކި އެވެ. ޖިލްވާ ހުރީ ގުޑިލަންވެސް ނުކެރިފަ އެވެ. އޭނަ ހިތުގެ އަޑިން ދުޢާކުރަމުން ދިޔައީ ރިފްއާން އާދޭތޯ އެވެ.
"މީ ކޯއްޗެއްކަން ހަނދާން އެބަހުރިތަ؟..." މުއާޒު އޭނާގެ ޖީބުން ނެގި ކެވެލިކޮޅު، ޖިލްވާގެ މޫނާއި ކައިރިކޮށްލަމުން، ސުވާލު ކުރިއެވެ.
ޖިލްވާ ބިރުން ހުރެ، ބޯ ހޫރައިލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. މުއާޒުގެ ރުޅިގަނޑު ފަޅައިގެން ދިޔައީ ދެނެވެ. ގޮށްމުށުން ފާރުގައި ޖެހި އެވެ. ޖިލްވާގެ އަނގައިން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ. އޭނައަށް ބިރުން ރޮވެން ފެށި އެވެ.
"އެހެންވެއޭ އަހަރެން މިބުނަނީ، ޖިލްވާއަށް އަހަރެންގެ އެއްވެސް ކަމެއް މުހިއްމެއް ނޫނޭ... އަހަންނަށްވެސް ކެތްވާނީ ވަކި ވަރަކަށް އިނގޭ..." މުއާޒު ހުރީ ދަތްތަކަށް ބާރުކޮށްލައިގެންނެވެ. އެކަމަކު، ޖިލްވާގެ ކަރުނަތައް ފެނި، އޭނަގެ ރުޅިގަޑު ފިނިވެއްޖެ އެވެ.
********
ހައި ޖޭ ކޮމްޕެނީގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ޔޯހަންގެ ނަޒަރު ހުއްޓިފައިވީ، ކުންފުނީގެ ލޯގޯ އަށެވެ. އޭނަ އެތެރެއަށް ވަނުމަށް ހިނގައިގަތީ، ސެކިޔުރިޓީއަކު އައިސް، އެ ތަނުގައި ހުރީ ކީއްވެތޯ ދެފަހަރަކު ސުވާލު ކޮށްލުމުންނެވެ. އެތެރެއަށް ވަދެ، ޔޯހަން އެންމެ ފުރަތަމަވެސް ގޮސް ހުއްޓުނީ ކައުންޓަރުގެ ކައިރީގަ އެވެ.
"ސޮރީ... މިއަދުގެ އެޕޮއިންޓްމެންޓްތައް ވަރަށް ފުލްކޮށް އުޅެނީ..." ކައުންޓަރުން ދިން ޖަވާބުން ޔޯހަންގެ ހިތް މަރުވާގޮތް ވިއެވެ.
"ވަރަށް މުހިއްމު ކަމަކު... ހަމަ އެންމެ ފަސް މިނެޓަށް ބައްދަލުކޮށްލަން ބޭނުން ވަނީ..." އެހާ ފަސޭހައިން ދޫދޭކަށް ޔޯހަން ބޭނުމެއް ނުވިއެވެ.
"ސޮރީ ސަރ..." ކައުންޓަރުގައި އިން ކުއްޖާ ދިނީ އެއް ޖަވާބެކެވެ.
އޮފީސްތެރެއަށް ވަދެގެން އައި އަންހެންކުއްޖާއަށް ކައުންޓަރުގެ ކައިރީގައި ހުރި ޔޯހަން ފެނުމާއިއެކު ފިޔަވަޅުތައް މަޑުޖެހުނެވެ. ފުންނާބު އުސް ފައިވާނަކަށް އަރައިގެން ހުރިއިރު، އެ ކުއްޖާ އަޅައިގެން ހުރި އަންނައުނުންވެސް އޭނާގެ ހައިބަތު ދައްކުވައިދެމުން ދިޔަ އެވެ. ޔޯހަން އަޑުގަދަ ކޮށްލައިގެން އުޅޭތީ، އެ މަންޒަރު ބަލަން އަންހެންކުއްޖާ އިރުކޮޅަކު މަޑުކޮށްލި އެވެ. ލިފްޓާއި ދިމާއަށް ދިޔުމުގެ ބަދަލުގައި އެ ކުއްޖާ ގޮސް ހުއްޓުނީ ޔޯހަންގެ ފުރަގަހުގަ އެވެ.
"އަހަންނާ އެކީ އާދޭ..." ފަހަތުން އިވުނު އަޑަކުން ޔޯހަންގެ ދެފައިން ވަރު ދޫވިހެން ހީވި އެވެ.
ކުއްލިއަކަށް ފަސްއެނބުރި އެ ކުއްޖާ އާއި ދިމާއަށް ޔޯހަން ބަލައިލި އެވެ.
"ހައިޖީން؟..." ފެނުނު މަންޒަރު ގަބޫލު ނުކުރެވުމުން ޔޯހަންގެ ދެލޯ ބޮޑުވިއެވެ.
"ކިހިނެއްވީ؟... އަހަރެން މަރުވީ ކަމައްތަ ހީކުރީ؟..." ހައިޖީން ހީގަތީ މަލާމާތުގެ ރާގަކަށެވެ. "ފޮލޯ މީ..."
ހައިޖީން ލިފްޓާއި ދިމާއަށް ހިނގައިގަތެވެ. ޔޯހަން ހުރީ ގަބުވެފައެވެ. އޭގެ އަހަރުތަކެއް ކުރިން، ހައިޖީން ހުރި އިމާރާތުގައި ރޯވިއިރު، އެތަނުގައި ޔޯހަންވެސް ހުއްޓެވެ. އެއީ ޒެނިލްއަށްވެސް ނޭނގޭނޭ ހަގީގަތެކެވެ. އޭނަގެ ދެލޮލަށް ހައިޖީންގެ ގައިގައި ހުޅު ހިފި މަންޒަރު ރީތިކޮށް ފެނުނެވެ. ވީއިރު، ހައިޖީން ސަލާމަތުން ހުއްޓާ ފެނުމުން ހައިރާން ނުވާންވީ ކީއްވެ ހެއްޔެވެ؟ އެކަމަކު، އާރާ ބުނިހެން އެއީ ކުރީގެ ހައިޖީން އެއް ނޫނެވެ. އެއީ މުޅީން ތަފާތު މީހެކެވެ.
އޮފީސް ބަޔަށް ވަދެވުމާއިއެކު ހައިޖީން އިޝާރާތް ކުރީ ސޯފާ އަށެވެ. އޭނާ ގޮސް އިށީނީ، ކުރިމަތިން ފެންނަން ހުރި މޭޒު ކައިރީގައި ހުރި ބޮޑު ގޮނޑީގަ އެވެ. އިށީންނަންވެސް ނޫޅެ ޔޯހަން ހުރީ ހައިޖީންއަށް ބަލާށެވެ. އެއީ ވަހުމެއްބާއޭ ހިތަށް އަރާ ހާލުގަ އެވެ.
"ކޮން ކަމެއް ބޭނުން ވަނީ؟..." ހައިޖީންގެ އަޑުގައިވީ ބޮޑާ ގޮތެކެވެ.
"ހައިޖީން!... ކީއްވެ ތިގޮތަށް؟..." ޔޯހަން ސުވާލު ކުރިއެވެ.
"ކޮން ގޮތަކަށް؟..." ހައިޖީންއަށް ޖަވާބު އެނގި ހުރެމެ، ނޭނގޭ ކަމަށް ހަދައިލިކަން އޭނާގެ ރާގުން ޔޯހަންއަށް ޔަޤީން ވިއެވެ.
ޔޯހަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ތުރުތުރު އަޅަމުންދިޔަ އަތް އޭނައަށް ކޮއްޕައިލެވުނީ ޖީބަށެވެ.
"ކޮން ގޮތަކަށްހޭ؟..." ހައިޖީން ކުއްލިއަކަށް ތެދުވި އެވެ. "ކަލޭމެން ހީކުރީ، ކަލޭމެން އަހަރެން އެތަނަށްލާ ތަޅުލީމަ، އަހަންނަށް ސަލާމަތް ނުވެވޭނެ ކަމައްތަ؟..."
"ތީ މިސްއަންޑަސްޓޭންޑިންއެއް ހައިޖީން..." ޔޯހަންއަށް ބުނެވުނެވެ.
"މިސްއަންޑަސްޓޭންޑިން އެކޭ؟...." ހައިޖީން ޖަހައިލީ ހިނިގަނޑެކެވެ. އެ އަޑު ބާރުކަމުން ޔޯހަންގެ ހިތަށް ބިރުވެރިކަން ވަނެވެ. ހައިޖީން އަކީ އިންސާނެއް ނޫނޭ ވެސް ހިތަށް އެރި އެވެ.
"އެ ދުވަހު އެ އަލިފާނަށްވުރެ، އަހަރެންގެ ހިތުގަ އެޅި ވޭން ބޮޑޭ... ކީއްވެކަން އެނގޭތަ؟...." ހައިޖީން މަޑުމަޑުން ހިނގަމުން އައިސް ޔޯހަން އާއި ދާދި ކައިރީގައި ހުއްޓުނެވެ. "ކަލޭމެން އަަހަންނަށް އެހެން ހެދީމަ... އަހަރެން ހީކުރީ ތީ އަހަރެންގެ ވަރަށް ގާތް ބައެއް ކަމަށް..."
"އަހަރެން ދޮގެއް ނުހަދަން... އަހަރެން އެދުވަހު ދޮރުޖެހީ އެތަނުގަ ހައިޖީން ހުރިކަން އެނގިގެނެއް ނޫން... އައި ސްވެއަރ...." ޔޯހަން ކުޑަކަކޫ މައްޗަށް ތިރި ވިއެވެ. "އަހަންނަށް ހައިޖީން ފެނުނުއިރު މާ ލަސްވެއްޖެ... އެތަނާ ކައިރިވެވެން ވެސް ނެތް.... ހައިޖީން... އަހަންނަށް މާފުކުރޭ...."
"މާފޭ؟..." ހައިޖީން ހަޅޭއްލަވައިގަތެވެ. "މާފަށް ތި އެދެނީ، އަހަރެން ދިރިހުރިތަން ފެނުނީމަތަ؟... މަރުވީމަ، ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރަނީ؟... ކީއްވެ އެދުވަހު، އަހަރެންގެ މައިންބަފައިން ކައިރިއަށް ނުދިޔައީ... ކީއްވެ އެމީހުންގެ ކިބައިން މާފަށް ނޭދުނީ؟... ކީއްވެ ފުލުހުންނަށް ބަޔާން ނުދީ ފިލީ؟.... ކަލޭމެން އެންމެވެސް ތީ އެއްކަހަލަ މީހުން..."
"ނޫން ހައިޖީން... ބިރުން ފިލީ އަހަރެން.... އެކަމުގަ ޒެނިލްގެ ކުށެއް ނެތް... އޭނަ ހައިޖީން ވަކިވުމުގެ ހިތާމާގަ ރުއި ރުއިން އެންމެ ރަނގަޅަށް ފެނުނު މީހަކީ އަހަރެން..."
"ތި އެންމެންވެސް ތީ އެއްކަހަލަ މީހުން... އަހަރެން އެކަކަށްވެސް އިތުބާރެއް ނުކުރަން..." ހައިޖީން އަނެއް ފަރާތަށް އެނބުރުނެވެ.
މާޒީގެ ހިތާމަވެރި ހާދިސާ ހަނދާނަށް އައުމުން، ހައިޖީންގެ ދެލޯ ކަރުނުން ފުރައިލި އެވެ. އަލިފާންގަނޑުގެ ދިލަ ހޫނުގައި އޭނަ ފިހެމުންދިޔަ އިރުވެސް، ސަލާމަތްކޮށްދޭން ޒެނިލްއަށް ކޮށްދެވުނު ކަމެއް ނެތެވެ. ހިތުގެ އަޑިން ޒެނިލްއަށް ނަފުރަތު ކުރަން ބޭނުންވިޔަސް، ހައިޖީންގެ ހިތުގައި އަދިވެސް ޒެނިލް އާއިމެދު ވަނީ ލޯތްބެވެ. އެކަމަކު، އެ ލޯބި ކަފުންކޮށް ވަޅުލުމަށް ނިންމީ، އޭނަގެ ގޮތްދޫނުކުރުމުގެ ސިފައިގެ ސަބަބުންނެވެ. ހަގީގަތަކީ އެދުވަހު ޒެނިލްގެ އެއްވެސް ކުށެއް ނެތް ކަމެވެ. އެކަމަކު، ހުރިހާ ކަމެއްގެ ބަދަލު ހައިޖީން ހިފަމުން ދިޔައީ ޒެނިލްގެ ކިބައިންނެވެ. އަނިޔާ ދިނީ ޒެނިލްއަށެވެ. އެއީ އެހިތުގައި އޮތް ލޯބި ކަފުންކުރުމަށް އަމިއްލަ ނަފުސާއި ދެކޮޅަށް އޭނަ ބޭނުންކުރި ވަރުގަދަ ހަތިޔާރެކެވެ.
********
މީހަކު ދޮރު ހުޅުވައިލަން އުޅޭހެން ހީވެ، މުއާޒު ޖިލްވާއާ ދުރަށް ޖެހިލި އެވެ. ޒެނިލް ފެނުމުން، ޖިލްވާއަށް ޒެނިލްއާ ދިމާއަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ޒެނިލްގެ އަތުގެ މުލައްދަނޑީގައި ހިފައިލިއިރު، ޖިލްވާގެ ދެއަތް ތުރުތުރުއަޅައެވެ. ޒެނިލް މުއާޒާއި ދިމާއަށް ބަލައިލީ ފާޑަކަށެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނު ނަމަވެސް އެވަގުތަށް އޭނަ ޚިޔާރުކުރީ ހިމޭން ކަމެވެ.
"ރެޑީތަ؟..." ޒެނިލް އަހައިލީ ޖިލްވާގެ އުނަގަނޑުގައި އަތް އަޅުވައިލަމުންނެވެ. "ބޭގަށް ހުރިހާ އެއްޗެއް އެޅިން؟..."
ޖިލްވާ ބޯ ޖަހައިލުމުން، ޒެނިލް ގޮސް، ޖިލްވާގެ ދަބަސް ނެގި އެވެ. ދަބަސް ހިފައިގެން ޒެނިލްމެން އެނބުރުނު އިރު، މުއާޒު ފެންނަންވެސް ނެތެވެ. މުއާޒު ގެންގުޅުނު ކެވެލިކޮޅާއި ސިޓީއުރަ މުށިތަކުގެ މަތީގައި އޮތެވެ.
"ޒެލް!..." ބޭރަށް ނުކުންނަން އުޅެފައިވެސް ޖިލްވާ ހުއްޓުނެވެ. ޒެނިލްގެ އަތުގައި ހިފައިލި އެވެ. "އައި ލަވް ޔޫ..."
އޭރުވެސް މުއާޒު ކަންތައް ކުރިގޮތުން، ޖިލްވާގެ ހިތަށް ވެރިވެފައިވި ބިރުވެރި ކަމަކަށް ބަދަލެއް ނާދެއެވެ. ޖިލްވާގެ ހިތަށް އައީ ކޮންމެ ހާދިސާއަކުން ޒެނިލް އޭނަ ސަލާމަތްކޮށްދޭ ގޮތެވެ. މެދުވެރިއަކަށްވެގެން ކުޅެދޭ ރޯލެވެ. ކޮންމެ ފަހަރަކު ނުރައްކަލުން ސަލާމަތް ވާން މެދުވެރި ވަނީ ޒެނިލް އެވެ. އެކަމަށްޓަކައި ޖިލްވާ އޭނާގެ ހިތުގެ އަޑިން ޒެނިލްއަށް ޚާއްސަ މަޤާމެއް ދިނެވެ.
"ލަވް ޔޫ ޓޫ..." ޒެނިލް އޭނާގެ ދެއަތް ޖިލްވާގެ ގައިގައި ވަށައިލި އެވެ. "ކިހިނެއްވީ، ކުއްލިއަކަށް އެހާ ލޯބިވީ؟... މީރުވަސް ދުވީމަތަ؟.... ސީކްރެޓްއެއް ބުނަންތަ؟..."
ޖިލްވާގެ ކަންފަތް ކައިރިއަށް ގުދުވެލަމުން ޒެނިލް ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ. ޖިލްވާގެ ނުތަނަވަސްކަން ފިލައި ގޮސް، ތުންފަތަށް ހިނިތުންވުމެއްގެ އަސަރު ވެރިވެއްޖެ އެވެ.
"މިއައީ، ޖިލް ދިން ސެންޓުފުޅި ޖަހައިގެން..." ޒެނިލް އޭނާގެ ޖުމްލަ ފުރިހަމަ ކުރީވެސް ޖިލްވާގެ ކަންފަތް ކައިރީގަ އެވެ. "މީރުވަސް ދުވާތަ؟..."
********
ގެއަށް ދިޔަ ނަމަވެސް ޖިލްވާގެ ތަބީއަތު މުޅީން ރަނގަޅެއް ނުވެއެވެ. ގޭތެރެއަށް ވަންގޮތަށް ޖިލްވާ ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ. ޖިލްވާއަށްވުރެ ކުރިން ޒެނިލް ގޮސް ކޮޓަރިއަށް ވަނެވެ.
ކޮޓަރި ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއިއެކު ޖިލްވާގެ ދެލޯ ބޮޑުވިއެވެ. ވަރުބަލިކަން ފިލައި ދިޔަ އެވެ. އުއްބައްތިތަކުން މުޅި ކޮޓަރި ދިއްލާލާފައިވާއިރު، ކޮޓަރިތެރެ ޒީނަތްތެރި ކުރެވިފައިވީ ފިނިފެންމަލުގެ ފިޔައިންނެވެ. އެނދުމަތި ފުރާލާފައިވި ރަތްކުލައިގެ ފުއްޕާހަންތަކުގެ ތެރޭގައި ބޮޑު ފޮއްޓެއް އިނެވެ. ޒެނިލް އިޝާރާތްކުރީ އެ ފޮށި ނެގުމަށެވެ. ޖިލްވާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ފޮށީގެ އެތެރެ ބަލައިލި އެވެ. ފޮށީގެ ތެރޭގައި އިތުރު ފޮއްޓެއް އޮތެވެ. ޒެނިލް އެދުނީ އެ ފޮށި ވެސް ނެގުމަށެވެ. ކޮންމެ ފޮއްޓެއްގެ ތެރޭގައި އިތުރު ފޮއްޓެއް އޮތެވެ. އެންމެ ފަހު ފޮށި ނެގުމާއިއެކު، އޭގައިވާ ރިހި އަނގޮޓި ފެނިފައި ޖިލްވާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ.
(ނުނިމޭ)