މީ ކިހިނެއް ޕޮސިބަލް ވާނެ ކަމެއް؟..." ޝާވިން ހައިރާންވެފައި ސުވާލު ކުރި އެވެ.

"ކަލެއަށް ޔަޤީންތަ އެއީ ހަމަ އެ ޒެލް ކަން؟...." ފަހުމީއަށް ގަބޫލެއް ނުކުރެވުނެވެ.

"އާނ!... އެއީ ހަމަ އެ މަޝްޙޫރު ވާހަކަ ލިޔުންތެރިޔާ...." ޝާވިން ބުންޏެވެ. "ކޮރެއަން ފިލްމުކުޅޭ މީހުންނަށްވުރެ އޭނަގެ މަޝްހޫރުކަން ބޮޑުވާނެ އެތާ...."

********

"މިވަރުގެ މަޝްހޫރު މީހަކު ކިހިނެއް ޖިލްވާ އާ ފްރެންޑްވީ؟..." އާސިފު ގޮސް ޒެނިލްގެ ތަސްވީރެއް ނެގި އެވެ. "އެސިފައިގަ ހުރި އެހެން މީހަކަށް ވެދާނެއެއްނު... ކޮރެއާ މީހުން ތިބޭނީ އެއްގޮތަކަށް..."

"ނޫނެކޭ... ހަމަލޮލުން ދެކެފައޭ މިއައީ... މިއައީ އެގެއަށް ގޮއްސަ..." ޝާވިން ނުބުނަން ހުރި ވާހަކަ އެންމެފަހުން ބުނެވުނެވެ.

"އެންމެފަހުން ކެތްނުވެގެން ލޯކޮޅު ބަލަން ދިޔައީ ދޯ..." ފަހުމީ ދިމާކޮށްލި އެވެ.

"މިހާރު ސަނާގެ ޗެޕްޓަރ ނިންމާލީތަ؟..." ފަހުމީ އާއި ބައިވެރިވެލުމުގެ ގޮތުން އާސިފު ބުންޏެވެ.

"ސަނާއަކީ އެއްވެސް އިރެއްގެ އަހަރެން ލޯބިވި މީހެއް ނޫން..." ޝާވިންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

"ދެން އޭރު ސޯޝަލްމީޑިޔާގަ އެއީ ކޮން ކަމެއް؟..." އާސިފު އެހިއެވެ.

"އެއީ އަހަރެން ޖިލްވާއަށްޓަކައި ކުރި ކަމެއް..." ޝާވިންގެ ޖަވާބު އަވަހެވެ.

ތިން މީހުންގެ ވާހަކަ މެދުކެނޑުނީ، އޮފީހުގެ އިދާރީ ބައިގައި މަސައްކަތްކުރާ ކުއްޖަކު އައިސް ޝާވިން އާއި ބައްދަލުކޮށްލުމަށް މީހަކު އައިސް ހުރި ވާހަކަ ބުނުމުންނެވެ. ޝާވިން ނުކުތްއިރު، މެހެމާނުން މަޑުކޮށްލައިގެން ތިބޭ ބައިގައި އިނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ރަޝީދެވެ.

"އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު..." ޝާވިން ނުކުތް ތަން ފެނުމުން ރަޝީދު ކޮޅަށް ތެދުވި އެވެ.

"ދުރުވޭ އެތެރެއަށް..." ޖަލްސާކުރާ ބަޔަށް އިޝާރާތް ކުރަމުން ޝާވިން ބުންޏެވެ.

"އެތެރެއަށް ނުވަނަސް ރަނގަޅުވާނެ... ތަނަކަށް ދާން ތަންކޮޅެއް ލަސްވެގެން މިއުޅެނީ..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ރަޝީދު ބުންޏެވެ.

"ކޮންކަމަކުތޯ؟..." ޝާވިންގެ ހިތް އަވަސްވެލި އެވެ.

"އަޑުއެހިން ޖިލްވާ އަކީ ޝާވިންގެ މާ ޚާއްސަ އެކުވެރިއެކޭ..." ރަޝީދު ވާހަކަ ފެށީ ދުރުދުރުންނެވެ. "އަހަރެން ވަރަށް ރަނގަޅު އެއްޗެއް ދޭނަން... ހަމައެކަނި ބޭނުންވަނީ ކޮރެއާ ވާހަކަ ލިޔުންތެރިޔާގެ ކުރު އިންޓަވިޔުއެއް... އަހަރެން ދޭނަން ދެ ހަފުތާ...."

ޝާވިން އެއްޗެއް ބުނުމުގެ ކުރިން ރަޝީދުގެ ފޯނު ރިންގްވާން ފެށި އެވެ. ފޯނު ނަގަމުން ރަޝީދު ހިނގައިގަތީ ލިފްޓާއި ދިމާއަށެވެ. ލިފްޓަށް ވަދެފައި ޝާވިންއަށް އަތުން ހަނާ އަޅައިލި އެވެ.

********

"އަހަރެން މިއުޅެނީ ޖިލްގެ ބައްޕަ އާއި ވާހަކަ ދައްކަން..." ޖިލްވާގެ ނޭފަތުގައި ހިފައިލަމުން، ޒެނިލް ބުންޏެވެ.

"ކީކޭ؟..." ޖިލްވާ ސިހުނެވެ.

ޒެނިލް ފުރުސަތުގެ ބޭނުން ހިފައި ޖިލްވާގެ ނިތްކުރީގައި ބޮސްދިނެވެ. ޖިލްވާގެ ނުތަނަވަސްކަން ފިލައިގޮސް ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. ޒެނިލްގެ މޭގައި އަތް އަޅައި މަޑުމަޑުން ކޮއްޕައިލި އެވެ.

"ޖިލްގެ ބައްޕަ ކައިރީ ބުނަން މިއުޅެނީ ޖިލް އަހަންނަށް ދޭށޭ..." ޒެނިލް ހުރީ ސީދާ ޖިލްވާގެ ދެލޮލަށް ބަލާށެވެ. "އަހަރެން ކައިރިއަށް އަންނާނަންތަ؟..."

ޖިލްވާ ބޯ ހޫރައިލި އެވެ.

"ތިބުނީ ނާންނާނަމޭތަ؟..." ޒެނިލް ޖިލްވާގެ ގައިން ދޫކޮށްލި އެވެ. "ދަނީ..."

ޒެނިލް ހިނގައިގަތުމުން ޖިލްވާ ދެރަވި އެވެ. ޒެނިލްގެ އަތުގައި ހިފައި ހުއްޓުވި އެވެ. ޒެނިލް ފަސްއެނބުރި ބަލައިލުމުގެ ކުރިން ޖިލްވާ ޒެނިލްގެ ބުރަކަށީގައި ނިތްކުރި ޖައްސައިލި އެވެ. ޒެނިލްގެ ބަނޑާއި ދިމާއިން އޭނާ ލައިގެން ހުރި ގަމީހުގެ ދެފަރާތުގައި ހިފަހައްޓައިލި އެވެ.

"ނުދޭ... ޕްލީޒް ނުދޭ..." ޖިލްވާގެ ދެލޯ ފެންކަޅި ވިއެވެ. "އަހަރެން ވަރަށް ލޯބިވޭ..." އިނގިރޭޝިން ވާހަކަ ދެއްކަން ފެށި ނަމަވެސް ޖިލްވާ އޭނާގެ ފަހު ޖުމްލަ ބުނީ ދިވެހި ބަހުންނެވެ.

"ކީކޭ ތިބުނީ؟..." ޒެނިލް ފަސްއެެނބުރުނުއިރު، އެ ދެލޮލުން ފެނުނީ ޝައުޤުވެރިކަމެވެ. "އަހަރެން ކައިރީ ޖިލްގެ ބަހުން ވާހަކަ ދެއްކުން މަނާވާނެ އިނގޭ..."

"ވަރަށް ލޯބިވޭ... އަހަރެން ވަރަށް ވަރަށް ލޯބިވެޔޭ މިބުނީ..." ޒެނިލްގެ ދެލޮލަށް ބަލަން ހުރެ ޖިލްވާ އަނެއްކާވެސް ބުންޏެވެ.

"ޖިލްގެ ބަހުން ވާހަކަ ދައްކައިގެން ތިއުޅެނީ އަހަރެން މޮޔަކޮއްލަންތަ؟..." ޖިލްވާގެ ދެއުޅަނބޮޑީގައި ހިފަހައްޓައިލަމުން ޒެނިލް ބުންޏެވެ.

ޖިލްވާ ހީގަތެވެ. އެއާއިއެކު ޒެނިލްއަށް އައު ހިއްވަރެއް ލިބިގެން ދިޔަ އެވެ. ޖިލްވާ ގެންގޮސް ގޮނޑީގައި ބައިންދާފައި މޭޒާއި ކައިރިކޮށްލި އެވެ. އެއަށްފަހު، ޖިލްވާގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލައިލި އެވެ. އަދި ޖިލްވާގެ މޫނާއި ދިމާއަށް ގުދުވެލި އެވެ. ހީހީ އިނދެފައި ޖިލްވާ ވަގުތުން މައިތިރި ވިއެވެ.

"ތަރުޖަމާ ކޮށްދީ..." ޒެނިލް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

"އެއީ އެއީ..." ޖިލްވާއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

ޒެނިލް ކުޑަކޮށް ގުދުވެލައި ޖިލްވާގެ ތުންފަތުގައި ބޮސްދިނެވެ. އެއަށްފަހު، ދުރަށް ޖެހިލި އެވެ. އޭރުވެސް، ޖިލްވާ އިނީ ދެލޯ މަރައި ބާރުކޮށްލިގޮތަށް ގުޑިލަންވެސް ނޭނގިފަ އެވެ.

********

އާމިރު އިނީ އޭނާގެ އެކުވެރި ފަރީދު އާއިއެކު ހޮޓަލެއްގަ އެވެ. މޭޒުގެ ދެފަރާތުގައި އާވި އަރައަރައި ހުރި ދެ ކޮފީތަށި ހުއްޓެވެ.

"އަހަރެން އަޑު އަހައިފިން ތިގެއަށް ޗައިނާ މީހަކު އައިސްއުޅޭ ވާހަކަ..." ފަރީދު ބުނި އެއްޗަކުން އާމިރު ކޮށި އެރި އެވެ.

"ތީ ކާކު ބުނި ވާހަކައެއް؟..." ހަމަޖެހިލުމަށް މަސައްކަތް ކުރަމުން އާމިރު އަހައިލި އެވެ.

"އަހަރެންގެ އަންހެނުން ބުނީ... އިނގެއެއްނު މިއުޅޭ އަންހެންވެރިންނަށް ނޭނގޭ ކަމެއް ނޯންނާނެ ކަން..." ފަރީދު ޖަހައިލީ ހިނިގަނޑެކެވެ.

އާމިރު އެއްޗެއް ނުބުނެ ކޮފީތަށިން އެތިފޮދެއް ބޯލި އެވެ.

"އެ އަންނަނީ އާމިރުގެ އަންހެން ދަރިއެއް ނޫންތަ؟... އެއީތަ އެބުނާ ޗައިނާ މީހަކީ؟..." ފަރީދު އަތުން އިޝާރާތް ކޮށްލަމުން ބުންޏެވެ.

ޖިލްވާ އާއި ޒެނިލް ނުކުމެގެން އައީ އާމިރުމެން ތިބި ހޮޓަލުގެ ކުރިމަތީގައި ހުރި ރެސްޓޯރެންޓަކުންނެވެ. ދެމީހުންގެ ގުޅި ލާމެހިފައިވާ އަތުން ފެށިގެން މޫނަށް އާމިރުގެ ނަޒަރު ހުއްޓެމުން ދިޔަ އެވެ. ޖިލްވާގެ އުފާވެރި މޫނާއި، ޒެނިލްއަށް ބަލަމުންދިޔަ ލޯބިވެތި ނަޒަރު އާމިރަށް ރީތިކޮށް ފެނުނެވެ. އާމިރު ފުންމައިގެން ތެދުވިއެވެ. އޭރު ފަރީދުވެސް އަނގަ ބޮޑުކޮށްގެން އެމީހުންނަށް ބަލަން ހުއްޓެވެ.

"ޖިލްވާ ހާދަ ނަސީބު ރަނގަޅޭ... އަސްލަށް އަދި ޒެލް މާ ސްމާޓް... އޯ މައި ގޯޑް ޖޭ ވަނީ..." އާމިރުމެން ތިބި މޭޒާއި ޖެހިގެން ހުރި މޭޒުގައި ތިބި ޒުވާން އަންހެން ކުދިންތަކެއްގެ އަޑު އިވުމުން، އާމިރު އަވަހަށް އޭނާގެ މޫނު ފޮރުވި އެވެ.

ކައުންޓަރަށް ގޮސް ފައިސާ ދައްކާފައި އާމިރު އަވަހަށް އެތަނުން ނުކުތެވެ. ފަރީދުވެސް އާމިރުގެ ފަހަތުން ނުކުތެވެ. އާމިރަށް އެރުނީ ޒެނިލްގެ ކުރިމައްޗަށެވެ.

"ބައްޕާ!..." ޒެނިލް ގޮވައިލި އެވެ.

އާމިރު ނޫންކަމަށް ހަދައިލި އެވެ. ޖިލްވާ ކޮބައިތޯ ހޯދައިލި އިރު ފެންނާކަށް ނެތެވެ. ފަރީދު އާމިރުގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލި އެވެ. އާމިރު ލޯ އަޅައިލުމުން، ޒެނިލް އާއި ވާހަކަ ދެއްކުމަށް ލޮލުން އިޝާރާތް ކުރި އެވެ.

"މީ ފަރީދުބެ... މީ މަޔޭސެލްޕޫ ފަރީދުބޭ..." ސަލާމަށް އަތް ދިއްކޮށްލަމުން ފަރީދު ބުންޏެވެ.

ޒެނިލް ސަލާން ކުރުމުން ފަރީދު ދިޔައީ ސެލްފީއެއްވެސް ނަގައިގެންނެވެ.

"ގާޑިޔަލަކަށް ދާނީ..." ޒެނިލް ހޮޓަލަށް ވަންނަން އެދުމުން، އާމިރު ބުންޏެވެ.

އާމިރުގެ ސައިކަލު ފަހަތަށް އަރައިގެން ޒެނިލް ނައްޓައިލި މަންޒަރު ބަލަން ޖިލްވާ ހުއްޓެވެ. އޭނަ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ. ބައްޕަގެ މަޑުމައިތިރި މިޒާޖު ފެނި، އޭނަ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ގެއާއި ދިމާއަށް ހިނގައިގަތް ޖިލްވާގެ ފޯނު ރިންގްވާން ފެށި އެވެ.

"ޝާވިން؟..." އިސްކްރީނަށް އަރާފައިވާ ނަން ފެނުމުން ޖިލްވާގެ ތަބީއަތު ބަދަލު ވިއެވެ.

ފޯނު ނަގަން ބޭނުން ނުވާތީ، ޖިލްވާ ފޯނު އަނބުރާ ދަބަހަށް ލިއެވެ.

"މިހާރު އަހަރެންދެކެ އެހާ ފޫހިވޭތަ؟..." ފަހަތުން ޝާވިންގެ އަޑު އިވުމުން ޖިލްވާ ސިހުނެވެ.

"ސިއްސައިގެންނޭ އެދިޔައީ..." ޖިލްވާ ނުރުހިފައި ބުންޏެވެ.

"ސޮރީ..." ޝާވިން މަޢާފަށް އެދުނެވެ. "އަހަރެން ބޭނުން ވާހަކައެއް ދައްކާލަން..."

"ކޮން ވާހަކައެއް؟..." ޖިލްވާގެ މޫނުން ޝައުޤުވެރިކަމެއް ނުފެނުނެވެ.

"މިތާކު ނޫން..." ދެކޮޅު ހޯދައިލަމުން ޝާވިން ބުންޏެވެ. "ހިނގާ މި ހޮޓަލަށް ވަންނަމާ... މާ ގިނައިރެއް ނުކުރާނަމޭ..."

ދެކޮޅުހަދަން ޖިލްވާ އަނގަ ހުޅުވައިލި ވަގުތު ޝާވިން ގޮސް ހޮޓަލަށް ވަނެވެ. ޖިލްވާއަށް މަޖުބޫރުވީ ޝާވިންގެ ފަހަތުން އެތެރެއަށް ވަންނާށެވެ. ޖިލްވާ ވަންއިރު، ޝާވިން ކާއެއްޗެއްސަށް އޯޑަރުދެނީ އެވެ.

"ވަން ޗިކަން އެންޑް ޗިޕްސް ފޯ މީ... ވަން ފިޝް އެންޑް ޗިޕްސް ފޯ ހާ... ޓޫ ސްޕްރަ..." ޝާވިންގެ ވާހަކަ ނުނިމެނީސް ޖިލްވާ އެވާހަކަ ހުއްޓުވި އެވެ.

"އަހަރެން ބޭނުންވަނީ ބީފް ރައިސްއެއް... ޗޭންޖްކޮއްލާ..." ވޭޓަރަށް އިޝާރާތް ކުރަމުން ޖިލްވާ ބުންޏެެވެ.

"ޖިލް!..." ވޭޓަރު ދިޔުމުން، ޝާވިން ޖިލްވާއަށް ބަލައިލީ ހައިރާންވެފައި އިނދެ އެވެ. "ޖިލް ކުރިން ބީފް ނުކަމެއްނު..."

"ތިބުނީ ކުރިން ނުކާ ވާހަކައެއްނު... މިހާރު އޭގެފަހުން އެތައް ކަމެއް ބަދަލުވެއްޖެ..." ޖިލްވާގެ އަޑުގައިވީ ދުރުކަމެވެ.

"ވަރަށް ބޮޑަށް ބަދަލުވެއްޖެ..." ޝާވިން އިސްޖަހައިލި އެވެ.

ޖިލްވާ ބުނާ ކޮންމެ ބަހެއްގައި ފޮރުވިފައިވާ އެތައް މާނައެއް ވާކަން ޝާވީނަށް އެނގެ އެވެ. އެއިން ކޮންމެ މާނައެއް ރައްދުވަނީ ހުދު އޭނައަށް ކަންވެސް އެނގުނެވެ.

"ޖިލް ބީފަށް އެލާޖިކްވެއެއްނު..." މާޒީގެ ހަނދާނެއް އައުކޮށްލަމުން ޝާވިން ބުންޏެވެ.

"ދައްކަން އުޅޭ ވާހަކައަށް ފޯކަސް ކުރަމާ..." ޖިލްވާ މައުޟޫޢު އޮޅުވައިލި އެވެ.

"މާވެލް ޓީވީ ޗެނަލްއިން ބޭނުންވަނީ ތި ދެމީހުންގެ އިންޓަވިޔުއެއް... ޖިލް އާއި ޖިލްގެ ކޮރެއާ ފްރެންޑްގެ..." ޝާވިން ވަރަށް ނުކެރި އިނދެފައި ބުންޏެވެ.

"ނޯ..." ޖިލްވާ ދެކޮޅު ހެދި އެވެ.

ކައި ނިމެންދެންވެސް އިތުރު ވާހަކައެއް ދެމީހުންގެ ދޭތެރޭގައި ނުދެކެވެ އެވެ. ކައި ނިންމައިލިގޮތަށް ޖިލްވާ ވަރަށް އަވަހަށް ތެދުވި އެވެ. ޝާވީނަށް މަޑުކުރުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި ހޮޓަލުން ނުކުތެވެ. ޖިލްވާގެ ނޭވާއަށް އުނދަގޫ ވަނީ އެވެ. ވަށައިގެން މުޅި ތަން އެނބުރެމުން ދިޔަ އެވެ. މޭގައި ރިއްސުން ގަދަވެ، މުޅި ގައިން ދިލަ ނަގަން ފެށި އެވެ. ދެލޯ ފުރުނު ކަރުނަތަކުން ޖިލްވާއަށް މަންޒަރު ފުސްވިއެވެ. ދެފައިގެ ވަރު ދޫވަމުން ދިޔަ އެވެ. ކުރިއަށް ފިޔަވަޅެއް ނަގައިލެވެނީ ކިިރިޔާ އެވެ. އެއް އަތުން މޭގައި ބާރަށް ހިފަހައްޓައިގެން ހުރެ ޖިލްވާ ހިނގަމުން ދިޔަ އެވެ. ދެންމެ ދެންމެ ވެއްޓެނީއޭ ހީވާ ފަހަރުވެސް ދިޔަ އެވެ. ޖިލްވާގެ ފަހަތުން ނުކުތް ޝާވިންއަށް ޖިލްވާ ފެނުނީ ވަރަށް ދުރަށް ގޮސް ހުއްޓަ އެވެ. ޖިލްވާ ހިނގަމުންދިޔަ ގޮތުން ކަމެއް ގޯސްވެެއްޖެކަން އެނގި ފަހަތުން ޝާވިން ދިޔަ އެވެ.

ޖިލްވާއަށް ގެއަށް ވަދެވުނީ ކިރިޔާ އެވެ. ބަނޑުވަތަށް ވެއްޓިއްޖެ އެވެ.

(ނުނިމޭ)

ކޮމެންޓް 0