"މަންމައަށް ދަރިފުޅު ޚާއްސަ ވަނީ އެތައް ގޮތަކުން.... އެންމެ ކުރިއްސުރެވެސް މި މަންމަގެ ހިތުން އަމިއްލަ ދަރިއެއްގެ ދަރަޖަ ދަރިފުޅަށް ދެވިފަވަނީ... މިހާރު ރަސްމީކޮށް މަންމަގެ ދަރިއަކަށް ތިވެވުނީ.... މަންމަ ދަރިފުޅަށް ދޭނެ ނަސޭހަތަކީ، ދިރިއުޅުމުގެ ހަގީގީ އުފަލަކީ ކޮބައިކަން އޮޅުވާނުލައްޗޭ.... ދަތުރުގެ މިސްރާބު ބަދަލުވިޔަނުދީ، ހުންގާނު ހިފަހައްޓާލައްޗޭ.... ކަޑައްތުކުރަން އުނދަގޫ ހަރުފަތްތަކަށް ދިރިއުޅުން ގެންގޮސްދާނެ... ދަރިފުޅު ކުރަންޖެހޭނީ ކުޑަ ހިއްވަރެއް.... އިންޝާﷲ ތި ދިރިއުޅުމުގަ ދަރިފުޅުމެން ދެކުދިނަށްވެސް ކާމިޔާބު ވާނެ... މަންމަގެ ހެޔޮ ދުޢާ މުޅި އުމުރަށް ތި ދެ ކުދިންނާއި އެކުގައި ވާނެ..." ސަފީނާ ވާހަކަ ދެއްކީ ކުރެހިފައިވާ އަޑަކުންނެވެ.
********
ސަފީނާ އެތައް ވާހަކައެއް ޒެނިލް އާއި ވެސް ދައްކަން ބޭނުން ވިއެވެ. ލޯބިން އެ ދަރިފުޅުގެ ގައިގައި ބައްދާލައި، ކައިވެންޏަށް މަރުޚަބާ ކިޔުމަށް ހިތް އެދުނެވެ. އެހެނަސް، އެ ފުރުސަތު ނުލިބޭނޭ ކަން އެނގުމުން، ސަފީނާގެ ހިތުގައި އުފެދުނީ ދިލަ ރިހުމެކެވެ. ނުރޯން ހުއްޓަސް ސަފީނާއަށް އޭނަގެ ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ.
ޖިލްވާ ސަފީނާ އާއި ދުރަށްޖެހިލި އެވެ. ސަފީނާގެ ދެލޯ ފުރިގެން ބަންޑުންވަމުންދިޔަ ކަރުނަތައް ފެނި، ޖިލްވާ ދެރަވިއެވެ.
"މަންމާ!... މަންމަ ޖިލްއަށް އިތުބާރު ކުރަންތަ؟...." ސަފީނާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަދެމުން ޖިލްވާ ސުވާލުކުރީ ނުހަނު ލޯބިންނެވެ.
ސަފީނާ މަޑުމަޑުން ބޯ ޖަހައިލި އެވެ.
"ކުއްލިއަކަށް ޒެލްއަށް ހަގީގަތް އެނގުނީމަ، ގަބޫލުކުރަން އުނދަގޫވެގެން އެ އުޅެނީ... ޒެލް އެއީ އެހާ ހިތްހަރު މީހެއް ނޫން.... މަންމަދެކެ ޒެލް ވަރަށް ލޯބިވާކަން އަހަންނަށް ހަމަ ޔަގީން..." ޖިލްވާ ވާހަކަ ދެއްކީ ވިސްނުންތެރި ކަމާއި އެކުގަ އެވެ.
ސަފީނާ އެއްޗެއް ބުނޭތޯ ޖިލްވާ އިރުކޮޅަކު ވިސްނައިލި އެވެ.
"މަންމަގެ ދަރިފުޅު މަންމައަށް އަނބުރާ ހޯދަދޭނަން... މީ ޖިލް މަންމައަށް ވާ ވައުދެއް..." ޖިލްވާ ހިނިތުންވެލި އެވެ. "މަންމަ ވަރަށް އުފާވާނެ ޚަބަރެއް ލިބޭނެ ދެ ދުވަސް ފަހުން..."
ކަރުނައިގެ ތެރެއިން ސަފީނާ ހިނިތުންވެލި އެވެ. ޖިލްވާ މައުސޫމުވެފައި ލޯތްބެވެ. ވާހަކަ ދައްކާއިރު، އޯގާތެރިވެފައި، އެހެން މީހުންގެ އިހުސާސްތަކާއިމެދު ވިސްނާކަން އެނގެއެވެ. ކިތަންމެ ދެރަވެފައި ހުއްޓަސް، ޖިލްވާ އާއި އެކީގައި ވަގުތު ހޭދަކޮށްލެވުމުން، ސަފީނާގެ ނުތަނަވަސްކަން ފިލައިދަނީ އެހެންވެ އެވެ.
********
ފުލުހުންގެ އިދާރާގެ ދޮރުމަތީގައި ޖުއާން މަޑުކޮށްލައިގެން ހުންނަތާ މާ ގިނައިރެއް ނުވެއެވެ. ކެވިންގެ ކާރު އައިސް ދޮރުމަތީގައި މަޑުކޮށްލައިފި އެވެ. ކެވިން ކާރުން ފޭބުމަށްފަހު، ޑްރައިވަރަށް އަތުން އިޝާރާތްކޮށްލުމާއިއެކު، ކާރު ނައްޓައިލި އެވެ.
"ލަސްވެއްޖެދޯ..." ގަޑިއަށް ބަލައިލަމުން ކެވިން އަހައިލި އެވެ.
"ނުވޭ..." ޖުއާން ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. "ކެވިންއަށް ޔަޤީންތަ ކުރަން ތިއުޅޭ ކަންތަކާ ފަހުން ހިތާމަ ނުކުރާނަން ކަން..."
"އަހަރެން އެއްވެސް ޖެހިލުމެއްނުވޭ..." ކެވިން ޗޮކެއް ކަނޑައިލި އެވެ. "ޖުއާންއަށްވުރެ ބޮޑަށް އަހަރެން ކަންނޭނގެ ތި ސުވާލު ކުރަންވީ..."
"ބައްޕަ އާއި ދެކޮޅަށް ނުކުންނަން އަހަންނަށް ކުޑަކޮށް އުނދަގޫވޭ.... އެކަމަކު، އަހަންނަކީ އިންސާފަށް ލޯބިކުރާ މީހެއް... ބައްޕަ ވިޔަސް، ކުށެއް ކޮއްފިއްޔާ، އެ ކުށަކަށް ޙައްޤު އަދަބު ލިބެންވާނެ..." ޖުއާން އިސްޖަހައިލީ އޭނަގެ މޫނަށް ވެރިވި އަސަރުތައް ސިއްރު ކުރުމަށެވެ.
ޖުއާން އާއި ކެވިން ފުލުހުންގެ އިދާރާއަށް ވަންއިރު، ފުލުހުން ތިބީ އިންތިޒާރުގަ އެވެ. ތަހުގީގު ކުރާ ހޯލުގައި ދާއޫދު އިނެވެ. ދެ އަތުގައި ބިޑި އަޅުވާފައި އިންގޮތުން ޖުއާންގެ ހިތަށް ތަދުވި އެވެ. އެ މަންޒަރު ބަލަން އުނދަގޫ ވިއެވެ. ތަހުގީގު ހޯލަށް ފުރަތަމަ ވަނީ ކެވިން އެވެ. ކެވިން ފެނުމުން، ދާއޫދުގެ މޫނުމަތިން ފެނުނީ ނަފުރަތެވެ.
"އަހަރެން މިއައީ، އަހަރެމެން ކުރި ހުރިހާ ކަމެއްގެ ހެކި ފުލުހުންނަށް ދީފަ.... މީ އެ ދުވަހަކަށް އަހަރެއް ތައްޔާރުވި ދުވަހެއް ނޫން... އެކަމަކު، މިއަދަށްޓަކައި އަހަރެން އެއްކޮށްފައި ހުރި ހުރިހާ ހަދިޔާއެއް ފުލުހުންނަށް ހަވާލުކޮށްފިން..." ކެވިން ބުންޏެވެ.
ކެވިން ދެއްކީ ކޮން ހަދިޔާއެއްގެ ވާހަކަ ކަން ދާއޫދަށް އެނގުނެވެ. ކެވިން ވަނީ އޭނާ ކުރި ކޮންމެ ކަމެއް، ދާއޫދުގެ އަމުރުތައްވެސް ފެންނާނޭހެން ރެކޯޑުކޮށްފަ އެވެ. އަބަދުމެ ކަހަލަ ގޮތަކަށް ކެވިންގެ ޖީބަށް ޖަހާފައިވާ ގަލަމުގެ ސިއްރު ދާއޫދަށް އެނގުނީ، އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދުވަހު އެވެ. އެވަރަށް ސަމާލުވެގެން އުޅުމުންވެސް، ކެވިން ކުޅިފަސް އަތުލީ އެވެ. ދާއޫދަށް ރޭކައިލުމެއްވެސް ނެތި އެވެ. އެ ގަލަމުގައި ކެމެރާއެއް ހަރުކޮށްފައި ހުރެދާނެ ކަމަަށް ދާއޫދު ކުޑަކޮށްވެސް ހިއެއް ނުކުރެ އެވެ.
"އޭރުވެސް ކަލޭ ތިފާޑަށް އުޅޭނެކަން އެނގޭތީ އަހަރެން އެމީހުންގެ ދުވަސް ދުއްވާލީ ވެސް..." ދާއޫދު ދަތްތަކަށް ބާރުކޮށްލިގޮތުން އަޑު ކިޔައިގެން ދިޔަ އެވެ. "ކަލޭ ހީނުކުރާތި އަހަންނާ ދެކޮޅަށް ނުކުމެގެން ކަލެއަށް ވަކި އުފަލެއް ލިބޭނެ ކަމަށް... އަހަރެން ޖަލުގަ އިންނަންޖެހުނިއްޔާ، ކަލޭވެސް އޮންނަން ޖެހޭނީ ޖަލުގަ...."
ކެވިން އެއްޗެއް ނުބުނެ އިރުކޮޅަކު ވިސްނައިލަން އިނެވެ. ދާއޫދު ދެއްކި ވާހަކައިން އޭނަގެ އެތެރެހަށީގައި ރޯވީ ދިލަ ހޫނު އަލިފާންގަނޑެކެވެ. މަރާލާފައިވާ އަނބިމީހާ އާއި ދަރިފުޅުގެ ވާހަކަ ދެއްކުމުން، އެފަދަ ގޮތެއް ނުވާންވީ ސަބަބެއް ވެސް ނެތެވެ.
"އަހަރެން ބިރެއް ނުގަނޭ ޖަލުގަ އިންނަން ޖެހިދާނެތީ.... އަހަރެން ބިރުގަންނަނީ، ތިކަހަލަ މީހަކު، މުޖުތަމައުއަށް ދޫވެދާނެތީ... އަނެއްކާވެސް، އަހަރެން ކަހަލަ އެހެން މީހަކަށް އަނިޔާ ލިބިދާނެތީ.... އަހަރެން މިއަދު ރުޅިއެއް ނާދޭ... ދެރައެއްވެސް ނުވޭ... ކީއްވެކަން އެނގޭތަ؟... ދުނިޔޭގަ ތިބެ، ތި ބައްޕައަށް ބައްޕަގެ އާއިލާ އާއި ލޯބިވާ މީހުން ގެއްލުނީމަ... ބައްޕައަށް އެ މީހުން ގެއްލިފަ، ލިބުނީ ކާކަށް ކަން އެނގޭތަ؟.... އަހަންނަށް... ބައްޕަގެ ފަރާތުން އަހަރެންދެކެ ލޯބިވާނެ އާއިލާއެއް އަހަންނަށް ލިބިއްޖެ..." ކެވިން ބޭނުންވީ ގަސްދުގައި ދާއޫދުގެ ހިތުގައި ޖައްސައި، ރުޅިއަރުވައިލާށެވެ.
ކަންތައްވީ ކެވިން ބޭނުންވި ގޮތަށެވެ. ދާއޫދުގެ ލޭ ހޫނުވެ، ދައްކަންނުވާ ވާހަކަތައް ދައްކަން ފެށި އެވެ. ކޮންމެ ހަރަކާތެއް އަޑާއިއެކު ރެކޯޑުވަމުން ދިޔަކަން ދާއޫދުގެ ހަނދާނުން ކައްސައިލި އެވެ.
"ކަލޭގެ އަންހެނުންނާ ދަރި މަރާލިގޮތަށް އަހަރެން ކަލޭވެސް މަރާލާނަން... ތިއުޅެނީ ކަލޭގެ އަންހެނުންނަށް އެނގުނުހެން، މާ ބޮޑަށް އަަހަރެންގެ ކަންކަން އެނގިގެން..." ދާއޫދު ހަޅޭއްލެވި އެވެ.
ފުލުހުން އެތެރެއަށް ވަނީ، ދާއޫދު ފުންމައިގެން ގޮސް، ކެވިންއަށް އަނިޔާ ދޭން ފެށުމުންނެވެ. ތަހުގީގު ހޯލު ފެންނަ ބައިގައި ޖުއާން ހުރީ ބަސް ހުއްޓިފަ އެވެ. ބައްޕަގެ ނުރައްކާތެރި ސިފަ ފެނި، އޭނަގެ ހިތް ހީވަނީ ވިރިގެން ފައިބަމުން ދިޔަ ހެންނެވެ. ދެރަ އާއި އެއްވަރަށް ލަދުވެތިކަމުން ހަތަރުފަރާތް ވަށައިލި އެވެ. އިސްޖަހައިލިގޮތަށް ޖުއާންއަށް މަޖުބޫރުވީ، އެ ތަނުން ނުކުންނާށެވެ.
********
ކައި ނިންމާލި ގޮތަށް ޖިލްވާ އުޅުނީ ތަށިތައް ނެގުމުގަ އެވެ. ސަފީނާ ޖިލްވާގެ ކައިރީގައި އަރާމުކޮށްލަން ދިޔުމަށް އެދުމުންވެސް، ޖިލްވާ ފަހަރަކު މަސައްކަތެއް ނަގައިގެން ކުރަމުން ދިޔަ އެވެ. ޖިލްވާގެ އިންތިޒާރުގައި ވަގުތުތައް ގުނަން ހުރި ޒެނިލްގެ ކެތްތެރިކަން ކޮޅުންލަމުން ދިޔަ އެވެ. އަނބިމީހާ އާއި ވަކިން ބައްދަލުކޮށްލާ ހިތުން އިންތިޒާރު ކުރާތާ އެތައް އިރެއް ފާއިތުވީ އެވެ. ޒެނިލް ހީކުރީ ކައިގެން ޖިލްވާ ކޮޓަރިއަށް އަންނާނެ ކަމަށެވެ. އެކަމަކު ތަށިތައް ދޮވެފައި ޖިލްވާ ފެށީ ގޭތެރެ ސާފުކުރާށެވެ. ޒެނިލް ކޮޓަރިން ނުކުތްއިރު، ޖިލްވާ ހުރީ ސިޓީއުރައެއް ހިފައިގެންނެވެ. އެއީ ޖިލްވާ ހަސްފަތާލުން ދޫކޮށްލި ދުވަހު، މުއާޒު ގެންގުޅުނު ސިޓީއުރައެވެ. ހަސްފަތާލުން އެ ސިޓީއުރަ ފެނިގެން ގެނައިގޮތަށް ޒެނިލް އެ ބޭއްވީ ޓީވީ ރެކް މަތީގައެވެ.
"ކިހިނެއްވީ؟..." ޖިލްވާ ހުރި ގޮތުން ކަމެއް ގޯސްވެއްޖެކަން ޒެނިލްއަށް އެނގުނެވެ.
"ޒެލް!... އަހަރެން ކުޑަކޮށް ބިރުގަންނަން ފަށައިފި..." ޖިލްވާ އޭނާގެ އަތުގައި އޮތް ކެވެލިކޮޅު ޒެނިލްއަށް ދައްކައިލި އެވެ. "މި ކެވެލިކޮޅު މީ، އަހަރެން ކޮރެއާއަށް ދިޔުމުގެ ކުރިން ލިބުނު އެއްޗެއް... އޭރު އަހަންނަށް މީހަކު ފާރަލި... ނޯޓު އެއްޗެހި ވެސް ފޮނުވާ ހެދި... އެމީހަކީ މުއާޒު ކަން އަހަންނަށް މިހާރު މި އެނގުނީ..."
މުއާޒު ދެއްކި ވާހަކަތަކާއި، އޭނަގެ އުޅުން ހުރިގޮތް ވިސްނައިލުމުން، ޖިލްވާއަށް އެއީ މުއާޒުގެ ކަމެއް ކަން ޔަގީން ވިއެވެ. ޒެނިލްއަށް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ. މަޝްހޫރު، ރީތި މީހުންގެ ފަހަތުން މީހުން އުޅޭނެ ކަން ޒެނިލްއަށް އެނގެ އެވެ. ހުދު އޭނަގެ ޙަޔާތުގައި ޖިލްވާއަށްވުރެ ބޮޑަށް އެފަދަ ކަންކަން ތަޖުރިބާ ކުރެވިފައި ވެއެވެ. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ޒެނިލް ހުރީ ޖިލްވާ ކޮޓަރިއަށް ގެންދަން ބޭނުންވެފަ އެވެ.
"އެކަމާ ދެން އަޅާނުލާ... މިހާރު އަހަރެމެން މެރީ ކުރީނު... ދެން ނޫޅޭނެ މި ކުއްޖާ ފަހަތުން އަހަރެން ނޫން މީހަކު..." ޒެނިލް ޖިލްވާ އާއި ގާތްވެލި އެވެ. "ހިނގާބަލަ އިސްތިރިކޮށްދޭން..."
ޒެނިލް ވާހަކަ ދެއްކިގޮތުން ޖިލްވާ އަވަހަށް ޒެނިލް އާއި ދުރަށް ޖެހިލި އެވެ. ޓީވީ ރެކް ސާފުކުރާކަމަށް ހެދުނެވެ. ޒެނިލް އަތަށްވެސް ފޮތިގަނޑެއް ދީފައި، ފަންކާ ފުހެލަދިނުމަށް އެދުނެވެ. ޖެހި ބުދެއްހެން ޖިލްވާއަށް ބަލަން ޒެނިލް ހުއްޓެވެ. ހަމްދާ ކޮޓަރިން ނުކުތްއިރުވެސް ޒެނިލް ހުރީ އެހެންނެވެ. ދެ ކުދިންގެ ހަރަކާތްތަކަށް ބަލަން ހަމްދާ ހުރީ ހެވިފަ އެވެ. ކުޑަ އިރުކޮޅަކު އެހެން ހުރެފައި ހަމްދާ ގޮސް ޖިލްވާމެންގެ ކައިރީގައި ހުއްޓިލި އެވެ.
"ދަރިފުޅުމެން ބޭރަށްވެސް ގޮސްނުލަނީތަ؟..." ހަމްދާ ސުވާލު ކުރީ، ޒެނިލްއަށްވެސް އެނގޭނޭހެން އަތުން ހަރަކާތް ކުރަމުންނެވެ.
"ޔޫން ކޮބާ މަންމާ؟..." ޖިލްވާ އަހައިލި އެވެ.
"ޔޫން އެބައޮތް މަންމަ ކޮޓަރީގަ ނިދާފަ... ދަރިފުޅުމެން ދޭ ފެންވަރާލައިގެން ބޭރަށް ގޮސްލަން... ޔޫން ހޭލީމަ މަންމަ ދަރިފުޅަށް ގުޅާނަން..." ޖިލްވާގެ އަތުން ފޮތިގަނޑު އަތުލަމުން ހަމްދާ ބުންޏެވެ.
އިތުރު ގޮތެއް ނެތިގެން ކޮޓަރި އާއި ދިމާއަށް ޖިލްވާ ހިނގައިގަތެވެ. ޖިލްވާ ކޮޓަރިއަށް ވަނުމުން ޒެނިލްވެސް ފަހަތުން ވަނެވެ. ލަދުން ގޮސް ޖިލްވާގެ މޫނު ރަތްވީ، ޒެނިލް ކައިރިވެލުމުންނެވެ.
"ކީއްވެތަ މެރީކުރިފަހުން ފިލައިގެން ތިއުޅެނީ؟... އަހަންނަށް މިހާރު ޖިލް ހައްގުވާނެ އިނގޭ..." ޒެނިލް މަޑުމަޑުން ކުރިއަށް ޖެހިލި އެވެ. ޖިލްވާ ޖެހިލީ ފަހަތަށެވެ.
ޒެނިލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ޖިލްވާ ލަދުން އުޅުމުން، އޭނައަށް އެ ސިފަވެސް ކަމުދިޔަ އެވެ. އިތުރަށް ލަދުގަންނުވައިލަން ބޭނުން ވިއެވެ.
"ޖިލްގެ ކޮޓަރީގަ، ޖިލް އާއިއެކީ އެކަނި، މިހެން ހުންނަން އަހަންނަކަށް ދެން ކެތެއް ނުކުރެވޭނެ... ޖިލްއަށް ހުރެވޭނެތަ؟...." ޒެނިލް މަޑުމަޑުން ޖިލްވާގެ ދެކޮނޑުގައި ހިފަހައްޓައިލި އެވެ. މޫނާއި ކައިރިވާން ފެށި އެވެ.
"ޒެލް!... މަންމަ ގޮވާފާނެ..." ޖިލްވާ ހާސްވިއެވެ.
"މަންމަ އަހަރެމެން ފޮނުވީއެއްނު... ނާންނާނެ...." ޒެނިލްގެ ހަރަކާތް ހުއްޓައެއް ނުލިއެވެ.
"ޔޫން ހޭލަފާނެ..." ޖިލްވާ ބަހަނާއެއް ހޯދި އެވެ.
"މަންމަ ބުންޏެއްނު ގުޅާނަމޭ..." ޒެނިލް ކޮންމެ ކަމަކަށް ހައްލު ހޯދަމުން ދިޔަ އެވެ.
ޖިލްވާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ޒެނިލްގެ ގާތްކަން އެހެން ހަރުފަތަކަށް ގެންދިޔުމުގެ ސަބަބުންނެވެ. ލަދުން އުޅެފައިވެސް، ޒެނިިލްގެ އަމަލުތަކަށް ޖިލްވާއަށް މަރުހަބާ ކިޔެން ފެށުނެވެ. ކައިވެނީގެ މަތިވެރި ގުޅުމުން އައު ފެށުމެއް ފަށަން މަސައްކަތް ކުރަމުން ދިޔައިރު، ދެ ހިތުގައި އޮތް ލޯބި ވެސް އިތުރުވަމުން ދިޔަ އެވެ. އަހުދާއި ވައުދުތަކުން، އިތުބާރުގެ ގޮށަށް ވާންކޮށްލެވުނެވެ.
********
ހަލަބޮލިކޮށް ފެންނަމުންދިޔަ މަގުމަތިން ދުއްވާފައިދިޔަ ކާރު ގޮސް ހުއްޓައިލީ، އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ކާރު ހުއްޓައިލުމުން އާރާ ކާރުން ފޭބީ، އިމާރާތަށް ފުން ނަޒަރެއް ދީފަ އެވެ. ދޮރުމަތީގައި ހުރީ ޔުނީފޯމެއް ލައިގެން ހުރި އަންހެން ކުއްޖެކެވެ. އާރާ ފެނުމުން، އަދަބު އިޚްތިރާމް އަދާކުރުމަށްފަހު، އެތެރެއަށް އައުމަށް އިޝާރާތްކޮށްލިއެވެ.
ބޮޑު ރެސްޓޯރެންޓްގެ އެތެރެ އޮތީ ހުސްކޮށެވެ. ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި މޭޒެއްގެ ކައިރީގައި ހައިޖީން އިނެވެ. އާރާ ފެނުމުން އަތުން ހަނާ އަޅާލި އެވެ. އިށީންނަންވެސް ނޫޅެ، އާރާ ހުރީ ކޮޅަށެވެ. ހައިޖީންދެކެ ހިތްހަމަނުޖެހިފައިވާލެއް ބޮޑުކަމުންނެވެ.
"ކީއްކުރަން މިތަނަށް އަންނަން ބުނީ؟...." ގަޔާނުވެފައި އާރާ ސުވާލު ކުރިއެވެ.
"ބައްދަލުކުރަން ބުނާނީ ވާހަކައެއް ދައްކަން ބޭނުންވީމައެއްނޫންތަ؟..." ހައިޖީން ނުސީދާގޮތަކަށް ބުންޏެވެ.
"ކޮން ވާހަކައެއް؟..." އާރާ ނުރުހިފައި ސުވާލު ކުރިއެވެ. "ފޯނުން ނުދެއްކޭވަރުގެ ވާހަކައެއް އޮންނާނެތަ؟..."
(ނުނިމޭ)