ޒެނިލް ފެންވަރައިގެން ނުކުތްއިރު، ޖިލްވާ އޮތީ އެނދުގައި ނިދާލާފައެވެ. ލައިގެން އޮތް ޓީޝާޓުކޮޅުން ބޮޑު ބައެއް އޮތީ ހިއްލިފައެވެ. ޒެނިލް އުޅުނީ ޓީޝާޓު ރަނގަޅުކޮށްލަދޭށެވެ. ޖިލްވާ ކުއްލިއަކަށް ޒެނިލްގެ ކަނދުރާގައި އަަތް އަޅުވާލައިފިއެވެ. ޒެނިލް ދުރުވާން އުޅުމުންވެސް، އިތުރަށް ގާތްވެލައިފި އެވެ. ފިނިވެފައިވާ އެ ހަށިގަނޑަށް ޒެނިލްގެ ހޫނުކަން ބޭނުންވެފައިވާ ފަދައިންނެވެ. އެންމެފަހުން ޖިލްވާއެކޭ އެއްވަރަށް ޒެނިލްގެ ހިތްވެސް، އެހެން ކަމަކަށް ބޭނުންވާން ފެށިއެވެ.

ޒެނިލްގެ ހަރަކާތްތަކުން، ނިދީގައި އޮތް ޖިލްވާއަށް ހޭލެވޭކަށް ގިނައިރެއް ނުނެގިއެވެ.

********

އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވުމުގެ ކުޅަދާނަކަމެއް ޖިލްވާގެ ކިބައިގައި ނެތެވެ. ޖިލްވާއަށް ހަމަވިސްނުން ލިބުނު އިރު، ވަގުތު ފާއިތުވެއްޖެއެވެ. އަމިއްލަ ހަށިގަނޑު ޒެނިލްގެ ޙައްޤަކަށް ވެ ނިމުނީ އެވެ. ކުރެވުނު ކަމަކުން ހުދު ދެމީހުންނަށްވެސް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އުއްމީދެއް ނެތް ގުޅުމަކަށް އައު މަގެއް ކޮށުނީ އެވެ. ދެމީހުންވެސް ކައިވެނި ކުރީ، އެކުގައި މުސްތަޤުބަލެއް ބިނާކުރާކަށް ނޫނެވެ. އެކަކު އަނެކަކާއި އެކީގައި އުމުރު ދުވަހު ދިރިއުޅުމުގެ މަޤުސަދެއްގައި ވެސް ނުމެ ނޫން މެއެވެ. ހުރިހާ ވެސް ބޭނުމަކީ، ހާލަތާއި ވަގުތު ދެމީހުންނާއި ބައްދަލުކުރުވި ކަންކަމުން އަރައިގަތުމެވެ. ވީއިރު، ދެމީހުންނަށްވެސް ކުރެވުނީ ކުރަން ނުވާ ބޮޑު ކުށެއް ކުރެވުނު ކަމުގެ އިހުސާސެވެ.

ހާމަވެފައިވާ ހަށިގަނޑު ރަޖާގަނޑުން ނިވާކޮށްލަމުން، ޖިލްވާ ޒެނިލްއަށް ފުރަގަސް ދިނެވެ. އޭރު އޭނަގެ ދެލޯ ފެންކަޅިވެއްޖެއެވެ.

"އަހަރެންގެ މުޅި ދިރިއުޅުން މި ބަރުބާދު ވީ..." ޖިލްވާގެ ހިތުގައި ޖެހުނެވެ.

ފިރިއަކަށްޓަކައި ޖިލްވާ ރައްކައުކުރި އަގުހުރި ހަޒާނާ ބީވެގެން އެދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ޖިލްވާގެ ހަށިގަނޑުގައިވި މަޑު ތުރުތުރުލުން ޒެނިލްއަށް ސިއްރެއް ނުވިއެވެ. ޒެނިލްގެ ހިތް ހަމްދަރުދީ އިން ފުރިގެން އައެވެ. އަލަށްވެސް މާ ބިނދެލަން ލިބުނީ އޭނައަށް ކަން ޤަބޫލު ކުރަން ހިތް ދެކޮޅު ހަދަމުން ދިޔައެވެ. އެފަދަ އިއްފަތްތެރި އަންހެން ކުއްޖަކާއިމެދު ކަންތައް ކުރެވުނު ގޮތުން، ޒެނިލް ދެރަ ވިއެވެ. ހަމަ ޤައިމުވެސް މިހާރު ޖިލްވާ ދޫކޮށްލުމުގެ ވިސްނުމެއް އޭނަގެ ނެެތެވެ. އެއަށްވުރެ ބޮޑަށް، ޖިލްވާއަށްޓަކައި އެ ހިތުން މަތިވެރި ލޯތްބެއް އުފަންވެގެން އައިސްފިއެވެ. ހިތުގައި އެ އަންހެން ކުއްޖާގެ ސިފަތައް ބިންވަޅު ނެގިއްޖެ އެވެ.

ދަންވަރުގެ ވަގުތެވެ. ޖިލްވާ އޮތީ ނުނިދިފަ އެވެ. ފިކުރުތަކުން އޭނަގެ ނިދި ޚަރާބުވެފައި ވިއެވެ. ނިދިފައި އޮތް ޒެނިލްއަށް ބަލަން ޖިލްވާ އެތައް އިރަކު އޮތެވެ. އަރާމުގައި ނިދައިލުން ޒެނިލްއަށް ފަސޭހަ ހެއްޔެވެ؟ ކުށެއް ކުރެވުނު ހެން ހީވެ، އޭނަ އެވަނީ ނިދިން މަހުރޫމް ވެފައެވެ.

ހިނގައިދިޔަ ކަންތަކަށްފަހު، ޖިލްވާއަށް އެތައް ގޮތަކުން ޒެނިލް ޚާއްސަ ވެއްޖެއެވެ. ބޭރުފުށުން ހަރުކަށި ގޮތް ދެއްކިޔަސް، ޒެނިލް އަކީ އޯގާތެރި މީހެކެވެ. އެހެން މީހުންގެ އިހުސާސްތައް ދަންނަ އޯގާތެރިއެކެވެ. އެކަމަކު، ޖިލްވާއަށް ރޮވެނީ އެވެ. ކަރުނަތައް ހިފަހައްޓަން އުނދަގޫ ވަނީ އެވެ. ޒެނިލް އަކީ ވަގުތީ ބައިވެރިއެއްހެން ހީވުމުން ހިތް ބިރުގަންނަނީ އެވެ. ކައިވެނި ސައްހަ ވާނެ ކަމާއި މެދުގައިވެސް ޖިލްވާގެ ހިތުގައި ޝައްކު އުފެދުނެވެ. ބޭރު ޤައުމުތަކުގައި ކުރާ ކައިވެނި ކޯޓުތަކުން ބަލައިނުގަނެ ބޮޑު މައްސަލަގަނޑަކަށް ވާ އަޑު ޖިލްވާއަށް އިވެއެވެ. އަނެއްކާ ކުރެވުނު ކަމަކުން، ފަހުން ހިތާމަ ކުރަންޖެހޭ ވަރުގެ ކަމެއް ނުވާނެ ބާއޭ، ޖިލްވާގެ ހިތަށް އެރިއެވެ.

********

ހެނދުނު ހޭލެވުމާއިއެކު، ރޭގެ އިހުސާސްތަކުން ޒެނިލްގެ ހިތަށް ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ޖިލްވާ ކޮބައިތޯ ހޯދައިލި އިރު، ފެންނަން ނެތުމުން، ދެލޯ މަރައިލި އެވެ. ޒެނިލް ފެންވަރައިގެން ނުކުތެވެ. ގޭތެރޭގެ އެއްވެސް ތަނަކުން ޖިލްވާއެއް ނުފެނުނެވެ. ސިޓިންގްރޫމުގައި ބަހައްޓާފައިވާ މޭޒުމަތީގައި އޮތް ނޯޓުކޮޅު ޒެނިލްއަށް ފެނުނީ، އޭގެ އެތައް އިރެއް ފަހުންނެވެ.

"އައިމް ސޯ ސޮރީ!... ވެދިޔަ ހުރިހާ ކަމަކަށް އަހަރެންގެ ހިތުގެ އެންމެ ފުންމިނުން މަޢާފަށް އެދެން... ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރު ވާކަށް ބޭނުމެއް ނޫން... އެއީ ވީ ކަމެއް ކަން ހަނދާން ނައްތައިލުން އެދެން... އަހަންނަށް ވެދިން ހުރިހާ އިހުސާންތެރިކަމަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން..."

ޖިލްވާގެ ނޯޓު ކިޔައިލުމާއިއެކު، ޒެނިލްގެ އަތް މުށްކެވިއްޖެއެވެ. ދެބުމަ ގޮށްޖެހުނެވެ. ނޯޓުކޮޅު އަތުގެ ތެރޭގައި ބޮނޑިބޮނޑި ވިއެވެ. ވެދިޔަ ކަންތަކަށްފަހުގައި ވެސް، ޖިލްވާގެ ހިތުގައި އޭނަ އާއިމެދު އެއްވެސް ލޯތްބެއް ނުއުފެދެނީ ހެއްޔެވެ؟ ދެމީހުންގެ ގުޅުން ގޮސްފައިވާ ހަރުފަތުން އިތުރަށް ކުރިއަށް ދާން، ޖިލްވާ ބޭނުން ނުވަނީ ކީއްވެ ހެއްޔެވެ؟ ވީ ކަމެއް ނުވާ ކަމަކަށް ހަދަން ޖިލްވާއަށް ހަމަ އެހާ ފަސޭހަ ހެއްޔެވެ؟ ދެމީހުން އެއްބަސްވެގެން ފެށި ގުޅުމެއް ނިންމައިލަން އަމިއްލައަށް ގޮތް ނިންމުމުގެ އެއްވެސް ޙައްޤެއް ޖިލްވާއަށް އޮންނާނެ ކަމަކަށް ޒެނިލްއަކަށް ޤަބޫލެއް ނުކުރެވުނެވެ.

"މޮޔަ އަންހެން ކުއްޖާ!..." ޒެނިލްއަށް ދެލޯ މަރައިލެވުނެވެ. "އަހަރެން މީ އެއްވެސް މީހަކަށް ނުވިތަ؟..."

ޒެނިލް ދުވެފައި ބޭރަށް ނުކުތެވެ. ޖިލްވާގެ ނަމުން ގޮވިއެވެ. އެއްވެސް ތަނަކުން ޖިލްވާއެއް ނުފެނުނެވެ. ޒެނިލްއަށް ޖެހުނީ ކަރު އެލުވައިލާށެވެ.

********

ޖުއާން އިނީ ފުލުހުންގެ އިދާރާގެ ތަހުގީގު ކުރާ ހޯލުގަ އެވެ. އޭނަގެ ކުރިމަތީގައި ޖިިލްވާ އިނެވެ.

"ޖިލް އަހަންނަށް އިތުބާރު ނުކުރީ ކީއްވެ؟..." ޖުއާން ވާހަކަ ދެއްކީ ޝަކުވާގެ ރާގެއްގަ އެވެ. "އެޓްލީސްޓް، އަހަރެން ވަކި ޖަވާބެއް ދެންދެންވެސް މަޑުކޮށްލިނަމަ..."

"ޖުއާން!..." ޖިލްވާގެ އަޑު ކުރެހުނެވެ. "ކުށެއް ކުރެވުނިއްޔާ، އެކުށެއްގެ އަދަބު ލިބިގަންނަން ޖެހޭނެ..."

ޖިލްވާ ދެއްކި ވާހައިގެ މާނަ އޮތީ އޭނަގެ ހިތުގަ އެވެ. ޒެނިލް އާއިމެދު އޭނަ ކަންތައް ކުރީ ރަނގަޅަކަށް ނޫނެވެ. ޤާނޫނީ ގޮތުންވެސް އެއީ ކުށެކެވެ. ވީއިރު، އެ ކުށުގެ އަދަބު އޭނަ ލިބިގަންނަން ޖެހޭނެ ނޫން ހެއްޔެވެ؟

"ޖިލްގެ ކުށެއް ނޫނޭ އެއީ... ޖިލްއަށް ކުރަތްޕެއް މަރަން ނުކެރޭއިރު، އިންސާނެއް މަރަން ކެރޭނެތަ؟..." ޖުއާން އިނީ ގޮތް ހުސްވެފައެވެ. "ހެކި ހޯދަން އަހަންނަށް ހަމަ އެންމެ ދުވަހެކޭ ބޭނުން ވަނީ... އެކަމަކު އެހެން ގޮތަކުން އަހަރެން ޖިލްވާ ސަލާމަތް ކޮށްފާނަން..."

"އެއީ ކޮން ގޮތެއް؟..." އެއްވެސް އުއްމީދެއް ނެތް ގޮތަކަށް، ޖިލްވާ އަހައިލި އެވެ.

"ފައިސާ ހުރިއްޔާ ނުވާނެ ކަމެއް ނޯންނާނެ..." ޖުއާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

"ނޫން..." ޖިލްވާ ދެކޮޅު ހެދިއެވެ. "ޖުއާންއަށް އަހަރެން އިތުބާރު ކުރަން... އަހަރެން މިތަނުން ނުކުންނަން ބޭނުން ވަނީ ކުށެއް ނެތް މީހެއްގެ ގޮތުގަ..."

"ޖިލް!..." ޖުއާންގެ ހިއްވަރު އެލުނެވެ. "ކީއްވެތަ ނުވިސްނެނީ؟..."

"ޖުއާން!..." ޖިލްވާ ގޮވައިލީ ވާހަކައެއް ބުނަން ބޭނުންވެފައިވާ ފަދައިންނެވެ. "ބޭބެ ކައިރީ އަހަރެންގެ ވާހަކަ ނުބުނައްޗޭ!..."

ޖުއާން ކުއްލިއަކަށް ތެދުވިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިލި އެވެ. ގޮތް ހުސްވެފައިވާ ނަޒަރަކުން ޖިލްވާއަށް ބަލައިލިއިރު، އެ ދެލޮލުގައި ކަރުނައިގެ އަސަރު ވިއެވެ.

"ޖިލްގެ ނިންމުން ބަދަލެއް ނުކުރާނަން ދޯ؟..." ކުޑަކޮށް ހިތްހަމަނުޖެހިފައިވާ ރާގަކަށް ޖުއާން އަހައިލި އެވެ. "އެންމެ ރަނގަޅު!... އަހަރެން ޖިލް ސަލާމަތް ކުރާނަން... އެކަމަކު، އެހާތަނަށް ޖިލްއަށް ކަމެއް ވެއްޖެއްޔާ، ދުވަހަކުވެސް ޖިލްއަށް މާފެއް ނުކުރާނަން..."

ޖުއާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ތަހުގީގު ހޯލުން ނުކުތެވެ. ޖިލްވާގެ ބަޑި ފަޅައިގެން ދިޔަ އެވެ. ގިސްލާފައި ރޯން ފެށިއެވެ. އެކަނިވެރިކަމާއި ބިރުވެރިކަމުން ހަތަރުފަރާތް ވަށަލިއެވެ. ޖުއާން ބުނާހެން އަމިއްލައަށް ފުލުހަށް ހާޟިރުވެގެން އޭނައަށް އެކުރެވުނީ ކުށެއް ހެއްޔެވެ؟

********

ފުލުހުންގެ އިދާރާއިން ނުކުތްގޮތަށް، ޖުއާން އޭނަގެ އެކުވެރިޔާއަށް ގުޅި އެވެ.

"މިރޭން މިރެޔަށް ފޯނު..." ޖުއާންއަށް ބުނެވުނީ އެހިސާބަށެވެ.

އެކުވެރިޔާ ދިން އުފާވެރި ޚަބަރަކުން، ޖުއާންގެ ދެލޯ ވިދައިގަތެވެ. ކާރުގެ އިސްޕީޑު ބާރުކޮށްލާފައި އެކުވެރިޔާ ބުނި މަންޒިލަށް އޭނަ ދިޔަ އެވެ. މަގުމަތި އޮތީ މީހުންތަކުން ތޮއްޖެހިފައެވެ. ކާރު ދުއްވެން ނެތިގެން. މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްފައި، ޖުއާން ކާރުން ފޭބި އެވެ.

"މީ މިހާރު އަހަރެންގެ ފޯނެކޭ ބުނެފީމެއްނު..." އަތް މައްޗަށް ނަގައިގެން ހުރި އަންހެނަކު ބުނި އަޑު ޖުއާންއަށް އިވުނެވެ. "އަހަރެން މި ފޯނު ހޮވީ މަގުމަތިން... އޭގެ ފަހުންވެސް މިހާރު އެތައް ދުވަހެއް ވެއްޖެ..."

ޖުއާންގެ އެކުވެރިޔާ މަސައްކަތް ކުރަމުން ދިޔައީ އެމީހާގެ އަތުން ފޯނު އަތުލެވޭތޯ އެވެ. ޖުއާން ގޮސް އަންހެން މީހާގެ ފައިދަށަށް ތިރިވިއެވެ. ތަނުގެ ވަށައިގެން ތިބި މީހުން ހައިރާންވެގެން އެކަކު އަނެކަކަށް ބަލާފައި ވާހަކަ ދައްކަން ފެށިއެވެ.

"ދައްތާ!... ތި ފޯނު ހޯދަން އަހަރެމެން ކިތައް ރޭ ނިދި ނަގާލި ކަން ދައްތައަށް އެނގޭތަ؟..." ޖުއާން ހިންދިރުވައިލި އެވެ. "ތި ފޯނު ދީ... ބަދަލުގަ ތީގެ އެތައް ފޯނެއްވެސް ދީފާނަން..."

ޖުއާން އާދޭސް ކުރިއެވެ. އަންހެން މީހާ ހުރީ ފޯނު ދޭގޮތަކަށް ނޫނެވެ. ފޯނު ފުރަގަހަށް ލައި ފޮރުވިގޮތުން ޖުއާންގެ ހިތް މާޔޫސް ވިއެވެ.

އަންހެން މީހާ ފޯނު ދޭން އެއްބަސްވީ ޖުއާން އެތައް ވާހަކައެއް ދައްކައިގެންނެވެ. އެމީހާ ހުރީ ފޯނުގެ ހުރިހާ އެއްޗެއް "ޑިލީޓް" ކޮށްލާފައެެވެ.

"ދެ ދުވަސް ނަގާނެ ރިކަވަރ ކުރަން..." ފޯނުގައި ކުރިން ހުރި އެއްޗެހި އަނބުރައި ގެންނާނެ ގޮތް ހެދުމަށް ހަވާލު ކުރުމުން ޖުއާންގެ އެކުވެރިޔާ ޖަވާބު ދިނެވެ.

"ދެ ދުވަހެއް ނުދެވޭނެ..." ޖުއާން ދެކޮޅު ހެދިއެވެ. "މިހާރު.... ހަމަ މިހާރު މަސައްކަތް ފަށާ.... ދެ ގަޑިއިރު ތެރޭ އަހަރެން މި ބޭނުން..."

********

ފުލުހުންގެ އިދާރާގެ ކުރިމަތީގައި ހުރީ އިސްކޮޅުން ދިގު މީހެކެވެ. އެމީހާ ހުރީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ.

"ކަލެއަށް އިތުބާރު ކުރެވުނީމަ ވީ ގޮތް މީ..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. "އެ މެމޮރީކާޑު ފުލުހުންގެ އަތުގަ ޖެހިއްޖެއްޔާ، އަހަރެމެންގެ ދުވަސް ދިޔައީ...."

(ނުނިމޭ)

ކޮމެންޓް 0