"ސަފީމޯމް ދޯ... ކޮން ވާހަކައެއް ދައްކަން ބާ..." ޖިލްވާގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. "ދޭ... ދޭ... ސަފީމޯމް ބުނީމަ ޖެހޭނެ ލަސްނުކޮށް ދާން... ގޮސް އައީމަ އަހަރެންގެ ވާހަކަ ބުނާނީ..."
"އާނ.... އިނގޭތަ... ސަފީމޯމް ވާހަކަ ދެއްކީ ކޮރެއާ ބަހުން... ވަރަށް ފަރިތަކޮށް ވާހަކަ ދެއްކީ... ހީވަނީ ވަރަށް ރަނގަޅަށް ބަސް ދަސްކޮށްފަ ހުރިހެން..." ޒެނިލް ބުންޏެވެ.
"އޭނ؟..." ޖިލްވާ ހައިރާން ވިއެވެ.
*******
"ސަފީމޯމް؟..." ޖިލްވާ ހައިރާންވީވަރުން ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.
ނިދީގައި އޮވެފައި ޔޫން ތެޅިގަތެވެ.
"ޝްޝްޝްޝް..." ޒެނިލް ޖިލްވާގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. "ބައެއްފަހަރު ހާދަ އަޑުވެސް ގަދަ ކުއްޖެކޭ..."
ސަފީމޯމްއޭ؟... އެކަމަކު ސަފީމޯމްއަށް ކިހިނެއް ކޮރެއާ ބަސް އެނގެނީ؟..." ޖިލްވާގެ ހައިރާންކަން ފިލައި ނުދިޔަ އެވެ.
"ވެދާނެއެއްނު ސަފީމޯމް އަކީ ކޮރެއާ މީހެއް ކަމަށް..." ޒެނިލް ހީގަތެވެ.
"ދެން ޒެލް..." ޖިލްވާ ޒެނިލްގެ މޭގައި އަތް އަޅައި، މަޑުމަޑުން ކޮއްޕައިލިއެވެ.
ޒެނިލް ހެމުންހެމުން ނުކުމެގެން ދިޔައީ އެވެ.
ޒެނިލް ދިޔުމުން ޖިލްވާ އޮތީ ވިސްނާށެވެ. ސަފީނާ ކޮރެއާ ބަސް ދަސްކުރަންޖެހޭ އެއްވެސް ސަބަބެއް އޭނައަކަށް ނުވިސްނުނެވެ. އެ ހުރިހާ ދުވަހު ޖިލްވާ ކޮރެއާގައި އުޅުނު އިރުވެސް، މީހުން ބުނާ ކުދި ކުދި ދެތިން ބަހެއް ނޫނީ ނުވިސްނެ އެވެ. އެވަރުވެސް ވަނީ، އެމީހުންގެ ހަރަކާތްތަކަށް ބަލައިގެންނެވެ. ވާހަކަ ދައްކަން އަމުދުން ނޭނގެ އެވެ. ވީއިރު، ސަފީނާއަށް އެ ބަސް ދަސްވާނީ ކިހާ ދުވަހަކުން ހެއްޔެވެ؟
ޒެނިލް ދިޔައިރު، ހުސް މޭޒެއްގެ ކައިރީގައި ސަފީނާ އިނެވެ. އިސްޖަހާލައިގެން އިންގޮތުން ޒެނިލްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެކަނިވެރިކަމުން ފުރިފައިވާ މީހެކެވެ. އުމުރުގެ ބޮޑުބައި އެމީހާ އެ ހޭދަކުރީ އެކަނިމާ އެކަނި ނޫންހެއްޔޭ ޒެނިލްގެ ހިތަށް އެރި އެވެ. ޒެނިލްގެ ހަނދާނަށް އައީ މާލެ އައިސް ސަފީނާ ތައާރަފް ކޮށްދިނުމަށް، ޖިލްވާ އޭނަގެ ކައިރީގައި ދެއްކި ވާހަކަ ތަކެވެ. ޖިލްވާ ބުނިގޮތުން، ސަފީނާ ކުރިން ކައިވެންޏެއް ކުރިއެވެ. އެކަމަކު، އެކައިވެނި ވަނީ ރޫޅިފައެވެ. ދަރިން ތިބޭކަމެއް ޖިލްވާއަކަށް ނޭނގެ އެވެ.
ސަފީނާ އަތުން އިޝާރާތްކޮށްލާފައި، ކައިރިއަށް އައުމަށް އެދުނެވެ. ޒެނިލް ފެނުމުން، އެ ތުންފަތަށް ވެރިވި ހިނިތުންވުން މާ ގިނައިރަކަށް ދެމިގެނެއް ނުދިޔަ އެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށި އެވެ. ޒެނިލްއަށް އެކަން ފާހަގަވުމުން ކަންބޮޑު ވިއެވެ.
"އިށީނދޭ..." ގޮނޑިއަށް އިޝާރާތް ކުރަމުން ސަފީނާ ބުންޏެވެ.
ޒެނިލް އިށީނުމުން، އެ މޫނަށް ބަލަން ސަފީނާ އިރުކޮޅަކު އިނެވެ.
"ހާދަ ވައްތަރޭ..." ސަފީނާ ބުންޏެވެ.
"އޭނ؟..." ޒެނިލް ހައިރާންވެފައި ސުވާލު ކުރި އެވެ. އޭނައަށް ފުރަތަމަ ފަހަރަށް ކުރިމަތީގައި އިން އަންހެން މީހާގެ މޫނަށް ފަރުވާތެރިކަމާއި އެކުގައި ބަލައިލެވުނެވެ.
ހުދު ދޮންކަމެއް ލިބިފައިވާ ރީތި އަންހެނެކެވެ. މުސްކުޅިވުމުގެ ސަބަބުން މޫނުގައި ރޫޖެހިފައި ވިޔަސް، ލޯބި މަންމަ އަކާއި ވައްތަރެވެ. ދެލޯ ކައިރި ވަޅުވަދެ، ކޮންމެވެސް ވަރަކަށް ކަޅުވެފައި ވިއެވެ. ތުންފަތް ވަނީ ހިކިފައެވެ. މަސައްކަތް ކޮށްކޮށް، ދެ އަތްތިލައިން ފެންނަމުން ދިޔައީ ޒަޚަމުތަކުގެ ނިޝާންތަކެވެ. އެ ނިކަމެތި އަންހެންމީހާ މުޅި އުމުރު އެ ހުސްކޮށްލަނީ އެހެން މީހުންނަށް ޚިދުމަތް ކުރުމުގަ އެވެ. އަމިއްލަ އުފަލަށް އޭނާ ކުރާ ކަމެއް މާލޭގައި އެވީހާ ތަނަކަށްވެސް ޒެނިލްއަށް ފެނިފައެއް ނުވެއެވެ.
"ކޯއްޗެއް ގެންނާނީ؟..." ސަފީނާ ޒެނިލްގެ ކައިރީގައި ސުވާލު ކުރިއެވެ. "ކާއެއްޗެއް ގެންނަންވީނު..."
"ނޫން މިގަޑީ ނުކެވޭނެ ދައްތާ!..." ޒެނިލް ބޯ ހޫރައިލި އެވެ.
ޒެނިލްގެ އެންމެ ޖުމްލައަކުން ސަފީނާއަށް ޖެހުނީ އިސްޖަހައިލާށެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ހިންދައިލީ، އެތައް ހިއްވަރެއް ކޮށްގެންނެވެ.
"އައިސް ކޮފީއެއް..." ވޭޓަރަށް ބަލައިލަމުން ޒެނިލް ބުންޏެވެ.
ވޭޓަރު ދިޔުމުން، ސަފީނާ އަނެއްކާވެސް ޒެނިލްގެ މޫނަށް ބަލަން ފެށި އެވެ. ވާހަކައެއް ބުނަން ބޭނުންވިޔަސް، ފަށާނޭ ކޮޅެއް ސަފީނާއަކަށް ނޭނގުނެވެ. ދައްކަންޖެހޭ ވާހަކައިގެ ބާވަތުން އޭނަ ޖެހިލުން ވަނީއެވެ. ކަންކަން ގޯސްވެދާނޭހެން ހީވަނީ އެވެ. އެކަމަކު، މިއަދު ހަޤީޤަތާއި ކުރިމަތިލާން ސަފީނާ ވަނީ ވަރުގަދަ އަޒުމެއް ކަނޑައަޅާފަ އެވެ.
"ސަފީމޯމް!..." ސަފީނާގެ އަތް މަތީގައި އަތް ބާއްވައިލަމުން ޒެނިލް ގޮވައިލީ، ޖިލްވާ ގޮވައިލާ ގޮތަށް، ގާތްކޮށެވެ.
"އަދި އެއްފަހަރު ތިހެން ގޮވާލަބަލަ ދަރިފުޅާ!..." ސަފީނާއަށް ހިތާއިހިތުން ބުނެވުނެވެ.
ސަފީނާގެ ދެލޯ ފެންކަޅި ވިއެވެ. ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަންނާކަށް ގިނަ އިރެއް ނުނެގި އެވެ. ޒެނިލްއަށް އެމަންޒަރު ފެނުމުން، ހާސްވެގެން ވަށައިގެން ހޯދައިލި އެވެ. މީހަކަށް ފެނިދާނެތީ، އޭނަ ޖެހިލުން ވިއެވެ. މީހުން ހީކުރާނީ، އޭނަ ސަފީނާ ރޮއްވަނީ ކަމަށެވެ.
"ދަރިފުޅާ!..." ސަފީނާ ބުނީ ޒެނިލްއަށް ފަހުމުވާނޭހެން ކޮރެއާ ބަހުންނެވެ.
ޒެނިލްއަށް ފުރަތަމަ ވާނުވާއެއް ނޭނގުނެވެ. ސަފީނާގެ މޫނުމަތީގެ ކުލަވަރާއި، ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ހެކިދެނީ ކޮން ކަމަކަށް ކަން އެނގުމާއިއެކު، އޭނައަށް ލިބުނީ ޝޮކެކެވެ. މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. ސަފީނާގެ އަތްމަތީގައި އޮތް އަތް ދަމައިގަތީ، ހޫނު އެއްޗެއްގައި އަތް ލެވުމުން، އަތް ދަމައިގަންނާނެހައި އަވަހަށެވެ.
"ސޮރީ.... ދަރިފުޅާ!... މަންމައަށް މާފުކުރޭ...." ސަފީނާއަށް އޭނާ ދައްކަން ބޭނުންވި ހުރިހާ ވާހަކައެއްގެ ތެރެއިންވެސް ބުނެވުނީ ކުޑަ މިންވަރެކެވެ.
ޒެނިލް ތެދުވެގެން ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުތެވެ. އޭރު އޭނައަށް ނޭވާލާން އުނދަގޫވެއްޖެ އެވެ. ދެފައިން ވަރު ދޫވިއެވެ. ހޮޓަަލުގެ ބޭރު ފާރުގައި އަތް ޖައްސާލައިގެން ޒެނިލް އެތައް އިރަކު ހުއްޓެވެ. ހުރިހާ ކަމެއް އެއްފަހަރާ ދިމާވުމުން، އޭނަގެ ސިކުނޑި ސުމަކަށް ދިޔައީ އެވެ. ބައްޕަގެ ހަޤީޤަތް އެނގި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާއިއެކުހެން މަންމަ ލިބިއްޖެ އެވެ. ކުޑައިރު، މަންމައަކަށް އެންމެ ބޭނުންވި ދުވަހު، އެ މަންމައެއް ނުލިބުނެވެ. އެކަމަކު ފުރާ ފުރިހަމަވެ، އެ މަންމަގެ މަތީން ހަނދާންނެތޭހާ ދުވަސްފަހުން، މަންމަ އަނބުރާ އައިސްފި އެވެ. ތަޤުދީރު ބަދަލުވެގެން ދަނީ މީހާ އެކަމަށް ކުޑަކޮށްވެސް ތައްޔާރުނުވެ ހުއްޓަ އެވެ. އިތުބާރުކޮށްފައި ނުކުރަންވީ ކާކަށް ކަމެއް ޒެނިލްއަކަށް ނޭނގުނެވެ. އެއްކޮޅުން ބައްޕަ އެވެ. އަނެއްކޮޅުން މަންމަ އެވެ.
********
ޒެނިލް ނައިސްގެން ޖިލްވާ އެ ފޯނަށް ދެތިން ފަހަރަކު ގުޅި އެވެ. ފޯނު ނުނެގުމުން، އޭނަ ގުޅީ ސަފީނާ އަށެވެ. ސަފީނާވެސް ފޯނެއް ނުނެގި އެވެ. ޒެނިލް އައިސް ވަނީ ޖިލްވާ ހާސްވެގެން އެނދުން ތެދުވަނިކޮށެވެ. ޒެނިލްގެ މޫނުމަތި ހުރިގޮތް ފެނުމުން، ޖިލްވާ އަވަހަށް ގޮސް، ޒެނިލްގެ ކުރިމަތީގައި ހުއްޓިލައިފި އެވެ.
"ކީއްވެ ތި ތެދުވީ؟..." ޝަކުވާގެ ރާގެއްގައި ޒެނިލް ބުންޏެވެ. "ހިނގާ އޮށޯންނަން..."
"ނޫން... އަހަރެން އޯކޭ އޭ... އޯކޭ ނޫނީ ޒެލް... ޒެލްއަށް ކޮންމެވެސް ކަމެއް ވެއްޖެ... ބުނެބަލަ..." އޮށޯންނާކަށް ޖިލްވާ ބޭނުމެއް ނުވިއެވެ.
"ޖިލް!..." ޒެނިލް ކުޑަކޮށް ތިރިވެލައި، ޖިލްވާގެ ކަނދުރާގައި ދަތްދޮޅި ޖައްސައިލި އެވެ. "އަހަރެން ދެން ކިހިނެއް ހަދާނީ؟..."
ޖިލްވާ ޒެނިލްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލި އެވެ. ހިތްވަރު ދިނުމުގެ ގޮތުން އަބަދުވެސް އެކުގައި ހުރީމޭ ބުނާފަދަ ގޮތަކަށެވެ.
"އަހަރެން މިހުރީ ކޮންމެ ކަމެއްވެސް ޒެލް އާއިއެކީ އެއްވަރަށް ޚިއްސާކުރަން ތައްޔާރަށް..." ޖިލްވާ ހުރީ، ޒެނިލްއަށް ވީ ކީއްކަން ވިސްނައިލަންވެސް ނޭނގިފަ އެވެ. އެކަމަކު ސީދާ އެކަމާއި ބެހޭގޮތުން ސުވާލު ކުރަން އޭނަ ބޭނުން ނުވީ އެވެ. އެއީ ޒެނިލް އަމިއްލައަށް ބޭނުންވުމުން އެ ވާހަކަ ދައްކާނެކަން އެނގޭތީ އެވެ.
"ޖިލް!... އެންމެ ރަނގަޅުތަ ކުޑަ ވަގުތުކޮޅަކަށް ގެއަށް ގޮސްލިޔަސް؟...." ޒެނިލް ބޭނުންވީ އެކަނިވެލާށެވެ. މާޒީގެ ހަނދާންތަކުން އޭނައަށް އިތުރު ކަމެއް ކުރާނެ ހިއްވަރެއް ނުލިބުނެވެ.
ޖިލްވާ ބޯ ޖަހައިލުމުން، ޒެނިލް ޖިލްވާ އާއި ދުރަށްޖެހިލި އެވެ. ބާރުބާރަށް ގޮސް ކޮޓަރިން ނުކުތެވެ. ވީގޮތް ޖިލްވާއަށް ކިޔައިދިނީ ސަފީނާ އެވެ. ޒެނިލް އާއި ޖުއާން އަކީ ސަފީނާގެ ދެ ދަރިންކަމާއި، އެކުދިން ތުއްތުއިރު، ދޫކޮށްލާފައި އައި ވާހަކަ އެވެ. ސަފީނާ އަކީ ޒެނިލްގެ ކާކު ކަން އެނގުމުން، ޖިލްވާއަށް ވީގޮތްވެސް ނޭނގުނެވެ. ފުރަތަމަ ހައިރާންވެގެން ބަސް ހުއްޓުނު ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނަ ހަމަޖެހިލައިފި އެވެ. ޖިލްވާގެ މޫނުން ފެނުނީ އުފާވެރިކަމެވެ. ސަފީނާ އަކީ ކޮން ކަހަލަ މީހެއް ކަން އެންމެ ރަނގަޅަށް އެނގޭ އެކަކަކީ އޭނަ އެވެ. އަމިއްލަ މައިމީހާއަށް ނުކުރާ އިތުބާރު އޭނަ ސަފީނާއަށް ކުރެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ސަފީނާ އަކީ އޯގާތެރި، ކެތްތެރި މީހަކަށް ވީތީ އެވެ. ކުދިކުދި ދަރިންތަކެއް އެކަނި ބިކަ ކޮށްލާފައި ދާހާ ސަފީނާގެ ހިތް ހަރު ނުވާނެކަން ޖިލްވާއަށް ޔަޤީން ވެއެވެ. އެކަން އެއްވެސް މީހަކު އޭނައަށް ބުނެދޭކަށް ނުޖެހޭނެ އެވެ.
"ސަފީމޯމްއަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވީމަ އެގޮތަށް ކުދިން ދޫކޮށްލަން މަޖުބޫރު ވާނީ... ހަމަ ޔަޤީން..." ޖިލްވާ ބުންޏެވެ.
ބޯ ޖަހައިލި ނަމަވެސް ސަފީނާއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އޭނަގެ މައިލަގޮނޑިއަށް ވަނީ ބާރުކޮށްފައެވެ. ކެތް ކުރަމުންދިޔައީ ހިތްމަތީގައި އަތް އަޅައިގެން ހުރެއެވެ.
"އަހަރެން ޒެލްއަށް ވިސްނައިދޭނަން... ކުއްލިއަކަށް އެކަހަލަ ޚަބަރެއް ލިބުނީމަ، ކޮންމެ މީހަކަށްވެސް އެހެން ދިމާވެދާނެ... ސަފީމޯމް ދެރަނުވެބަލަ... ޒެލްއަކީ ވަރަށް ވިސްނޭ ދަރިއެކޭ... ޖިލް ވެސް މިހުރީނު... ހުރިހާ ކުދިން ދިޔަސް، ޖިލް ސަފީމޯމް ދޫކޮށެއް ނުލާނަމޭ.... އެހެންނޫނަސް، ޒެލްއަށް ލާހިކެއް ނޫން ސަފީމޯމްއަށް ދެރަގޮތެއް ހަދާލާކަށް.... ޖިލް ނުކުންނާނަމޭ ދިފާއުގަ..." ސަފީނާ ދެރަވެފައި ހުރުމުން، ޖިލްވާ މަސައްކަތް ކުރީ ހަމައަކަށް އަޅުވާށެވެ.
ސަފީނާއަށް އިތުރަށް ރޮވުނީ އެވެ. ރޮމުން ނުކުމެގެން ދިޔުމުން، ޖިލްވާ ދެލޯ މަރައިލި އެވެ. ކޮންފަދަ އިމްތިހާނެެއް ހެއްޔެވެ؟ ދުވަހެއްގެ ކޮޅުންވެސް ބައްދަލުނުވާނޭ ހީވާ މީހާ އާއި ބައްދަލުވުމަށް ތަޤުދީރުގައި ރޭވިފައިވާ މޮޅު ރޭވުން ނިކަން ދެކިބަލާށެވެ. ކިތަންމެ ފޮރުވައިގެން ސިއްރުން އުޅުނު ނަމަވެސް ދުނިޔެ އަކީ ކުޑަ ތަނެކެވެ. ދައްކަވަން ބޭނުންވާ އެއްޗެއް ނޫނީ މަންޒަރެއް ވިޔަސް، ދައްކަވާފައި ނޫނީ ފުރާނަ ނުގެންދަވާނެ އެވެ.
********
ޖެހިގެން އައި ދުވަހުގެ ހެނދުނު ހެނދުނާ ގެއަށް ދޫކޮށްލުމަށް ޖިލްވާ ޑަކުޓަރުގެ ކިބައިން އެދުނެވެ. ޒެނިލް ނެތުމުގެ ފަޅުކަން އިހުސާސް ކުރެވޭތީ އެވެ. ޒެނިލް އެކަނި ގޭގައި ކުރާނޭ ކަމެއް ނޭނގެ އެވެ. ދޭން އުޅުނު އުފާވެރި ޚަބަރުވެސް ހިތުތެރޭގައި ފޮރުވަން ޖެހުމުން، ޖިލްވާގެ ތަބީއަތު ވަނީ ބަދަލުވެފަ އެވެ. އެއީ ޒެނިލްގެ ހާލަތު ގަބޫލު ނުކުރެވޭތީކީ ނޫނެވެ. އިންސާނީ ތަބީއަތް ކަމުގައި ވީތީ އެވެ.
ޖިލްވާ ހުރީ ގެއަށް ދޫކޮށްލުމުން، އެއްޗެހިތައް ދަބަހަށް އަޅާށެވެ. ޔޫން ގޮވައިގެން ހަމްދާ ގެއަށް ދިޔުމުން، ޖިލްވާގެ ކައިރީގައި މަޑުކުރީ، ރިފްއާނެވެ. ބޭސްތަކެއް ނަގަންޖެހޭތީ، ރިފްއާނު ދިޔައީ، ބޭސްފިހާރަ އަކަށެވެ. ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހައިލުމުން، ޖިލްވާ ގޮސް ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރީ މުއާޒެވެ. މުއާޒު ހުރީ ފާޑަކަށް ހިނިއައިސްފަ އެވެ. އޭނާގެ ނިޔަތް ރަނގަޅު ނޫންކަން އެނގުމުން، ޖެހިލުންވެފައި، ޖިލްވާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެކަކުވެސް ނެތް ވަގުތެއް ކަމުން، ޖިލްވާގެ ހިތް ތެޅިގަތެވެ.
(ނުނިމޭ)