"މީ ހަމައެކަނި ސިމްޕަތީ... އިތުރު އެއްވެސް ކަމެއް ނޫން..." ޒެނިލް ހިތާއިހިތުން ބުންޏެވެ.
ޒެނިލް ތެދުވިއެވެ. ދެފިކުރެއްގައި ހުރެފައި ގޮސް ޖިލްވާގެ ކައިރީގައި ހުއްޓުނެވެ. އޭރު ފިނިވެގެން ގޮސް ޖިލްވާގެ ދެދަތްޕިލަ ގުޑައެވެ. ރޮއެރޮއެ އެ އަންހެންކުއްޖާގެ މުޅި މޫނު ވަނީ ރަތްވެފައެވެ. ކަންތައް ކުރެވުނު ގޮތުން ޒެނިލް ހުރީ ދެރަ ވެފައެވެ. އަލަމާރިން ނެގި ބޯ ރަޖާގަނޑު ގެނެސް ޖިލްވާގެ ގައިމަތީގައި އަޅައިލިއެވެ. އެވަރުން ނުގެން ޖިލްވާ ނަގައި އެ ހަށިގަނޑުގައި ބައްދައިލިއެވެ.
********
"މެ..ޔަށް.. ތަދު..." އުނދަގޫ ގޮތަކަށް ޖިލްވާ ލޯ ހުޅުވައިލި އެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ފެނުނީ ވަރުބަލި ކަމެވެ.
ޖިލްވާގެ ދެލޯ މެރެމުންދިޔަގޮތުން، ޒެނިލްގެ ހިތަށް ބިރުވެރިކަން ވަނެވެ. ހަރަކާތް ކެނޑެމުންދިޔަ ހަށިގަނޑު ތަޅުވައިގަތެވެ.
"ޓޯކް ޓު މީ..." ޒެނިލް ކަންބޮޑުވީ ޖިލްވާގެ ދެލޯ މެރުނު ވަގުތު ހަށިގަނޑުގެ ހަރަކާތް ކެނޑުމުންނެވެ. "އޯހް ގޯޑް!..."
ކޮޓަރީގައި ހީޓަރު ނުޖައްސާ ހުރިކަން ޒެނިލްގެ ހަނދާނަށް އައީ ކުއްލިއަކަށެވެ. އަވަހަށް ޖިލްވާ އަތްދަނޑި މައްޗަށް އުފުލައިލިއެވެ. ޒެނިލް ހީކުރި ވަރަށްވުރެ، ލުއި އަންހެން ކުއްޖެކެވެ. ދެލޯ މެރިފައި އޮތްއިރު، ވަރަށްވެސް މައުސޫމެވެ. އެ އަންހެން ކުއްޖާ އާއިމެދު ކަންތައް ކުރެވުނު ގޮތާއިމެދު ޒެނިލްއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށިއެވެ. އެނދާއި ދިމާއަށް ހިނގައިގަންއިރު، ޒެނިލްގެ ހިތް ވަނީ އަވަސްވެފައެވެ. ޖިލްވާއަށް ބޮޑު ކަމެއް ވެގެން އެންމެންނަށް އެނގޭކަށް އޭނަ ބޭނުމެއް ނުވެއެވެ.
ކެހެރި ތަންމަތީގައި ބާއްވައިލުމާއިއެކު ޖިލްވާ ކުރުގެޅިލައިފިއެވެ. ފިނިވެގެން ދެދަތްޕިލަ ގުޑަން ފެށިއެވެ. ޒެނިލްގެ ހޫނުކަން އެ ހަށިގަނޑަށް ބޭނުންވެފައިވާ ފަދައެވެ. ޖިލްވާގެ ގައިގައި ރަޖާގަނޑު އަޅައިދީފައި ޒެނިލް ގޮސް ހީޓަރު ޖެއްސިއެވެ. ފޯނު ހޯދަން އުޅެއުޅެ ނުފެނުނެވެ. ޖީބުގައި އޮތްކަން ހަނދާންވީ މާ ފަހުންނެވެ.
"ހެލޯ!... ޑޮކްޓަރ ލީ!..." ޒެނިލް ހުރީ ހިތް އަވަސްވެފައެވެ.
ލީމިންހޯ އަކީ ޒެނިލްގެ އާއިލީ ޑަކުޓަރެވެ. ކޮންމެ ވަގުތަކު ގުޅައިލިޔަސް، މާ ގިނައިރުތަކެއްނުވެ، ހުންނާނީ، ޒެނިލް ބުނާ ތަނަކަށް އައިހެވެ.
"މި ދަންވަރު ކިހިނެއްވީ؟..." ލީމިންހޯ ހާސްވެފައި އަހައިލިއެވެ.
ޒެނިލް ވެގެން އުޅޭގޮތް ކިޔައިދިނެވެ. އެކަމަކު، ޖިލްވާ އަކީ ކާކު ކަން ސިއްރު ކުރިއެވެ. ޖިލްވާގެ ބަދަލުގައި އޭނަ ބޭނުންކުރީ ޖުއާންގެ ނަމެވެ.
"ތީ އެވަރު ކަމެއް ނޫނޭ... މި ބުނާ ގޮތަށް ހަދާ..." ލީމިންހޯ ދެން ކިޔައިދިނީ ޒެނިލްއަށް އަޑު އަހަން ފަސޭހަ ވާހަކަތަކަކަށް ނުވިއެވެ.
ފޯނު ބޭއްވުމަށްފަހު، ޒެނިލް އެނބުރުނީ ޖިލްވާ އާއި ދިމާއަށެވެ. ލީމިންހޯ ބުނި ފަދައިން އޭނައަށް ކަންތައް ކުރެވިދާނެ ހެއްޔެވެ؟ ޖިލްވާ އަކީ އަނބިމީހާ ނަމަވެސް، ހިލޭ އަންހެނެއްފަދަ ކުއްޖެކެވެ. އެތައް އިރެއްގެ ވިސްނުމަށްފަހު، ޒެނިލް ގޮތެއް ނިންމިއެވެ. އެއީ އެވަގުތަށް އޭނައަށް ނިންމުނު އެންމެ އުނދަގޫ ނިންމުމެވެ.
"އަހަންނަށް މާފުކުރޭ!..." ފުން ނޭވާއެއް ދޫކޮށްލަމުން ޒެނިލް ބުންޏެވެ.
ލައިގެން ހުރި ޓީޝާޓު ގަޔާއި ވަކިކޮށްލުމަށްފަހު، ޖިލްވާގެ ކައިރީގައި ޒެނިލް އޮށޯވެލިއެވެ. ދެ ފިކުރެއްގައި އޮވެފައި، ޖިލްވާ ލައިގެން އޮތް ޓީޝާޓުގެ މެޔާއި ދިމާއިން ހަރުކޮށްފައިވާ ގޮށްތަކުން ގޮށެއްގައި އަތް ޖައްސައިލިއެވެ.
********
ނިދީގެ ފޮނި އާލަމަށް އެންމެން ދަތުރު ކުރި އިރުވެސް، ޖުއާން އޮތީ ނުނިދިފައެވެ. ރޭގަނޑުގެ ނިދިން އޭނަ މަހުރޫމު ކުރުވީ، އެންމެ ކަމެއް ނޫނެވެ. ޖިލްވާގެ ކައިވެންޏާއި، ޒެނިލްގެ ބަސްތަކުން ޖުއާންގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ޒެނިލް އާއިމެދު ދުރުކަމެއް އިހުސާސް ކުރެވެން ފެށިއެވެ. އެ ހުރިހާ ކަމެއް ގުޅިފައިވީ ޖިލްވާ އަށެވެ. ނޭނގި ނަމަވެސް، އޭނަގެ ހިތުން ބައެއް ޖިލްވާއަށް ޚާއްސަ ކުރެވިއްޖެއެވެ. އެއީ ލޯބި ކަމުގައިވާނަމަ، އޭނައަށް ޖިލްވާދެކެ ލޯބި ވެވިއްޖެއެވެ. އަމިއްލަ ބޭބެގެ އަނބިމީހާއަށް އެހެން ނަޒަރަކުން ބެލެވެން ފަށައިފިއެވެ.
ޖިލްވާ ޒެނިލް އާއި ކައިވެނި ކުރީ ލޯބިން ނޫންކަން އެނގޭ އިރުވެސް، ޖުއާން ބިރުގަންނަނީ އެވެ. ޒެނިލްއަށް އިތުބާރު ކުރަން ބޭނުންވިޔަސް، ހިތް ޝައްކުތަކުން ފުރެނީ އެވެ. ކައިވެންޏަކީ، އެތައް ކަމެއް ބަދަލުކުރުވާ އެއްޗެކެވެ. ނޭނގި ނަމަވެސް، ކުރެވޭ ކަމަކުން، އެތައް ކަމެއް ހިނގާފާނެއެވެ. ބައެއް ފަހަރު އިންސާނާގެ ހިތް ބަދަލުވާން ފަޅި ސިކުންތުކޮޅެއްވެސް ނުނަގައެވެ.
"މިސް ޔޫ!..." ޖިލްވާގެ ތަސްވީރަށް ބަލަން އޮވެ، ޖުއާން ދެލޯ މަރައިލިއެވެ.
ރޭގެ ބާކީބައި ޖުއާން ހޭދަކުރީ، ޖިލްވާގެ ފޯނު ހޯދުމަށް ސީސީޓީވީ ރެކޯޑިންގްތައް ބެލުމުގެ މަސައްކަތުގައެވެ. އެއްވެސް ކެމެރާއެއްގައި ހާދިސާ ހިނގި ވަގުތުގެ މަންޒަރު ރެކޯޑުވެފައެއް ނުވެއެވެ. އެކަމަކު އެއްކަމެއް ޖުއާންއަށް ފާހަގަ ވިއެވެ. އެކި ސަރަަހައްދުތަކުގެ ވީޑިޔޯތައް އެއްކޮށްލައިގެން ބެލުމުން، އެ ވަގުތު އެ ސަރަހައްދުގައި އިތުރު މީހަކު އުޅުނު ކަން އެނގުނެވެ. އެއީ އެ ސަރަހައްދުގައި ހުރި ރެސްޓޯރެންޓެއްގެ މަސައްކަތު މީހެއްގެ ޔުނީފޯމުގައި ހުރި އަންހެނެކެވެ. އިރު އެރުމުގެ ކުރިން ޖުއާން ތައްޔާރުވީ އެ ރެސްޓޯރެންޓަށް ދާށެވެ.
********
އަރާމުކޮށް ނިދާލާފައި އޮތް ޖިލްވާ މަޑުމަޑުން ފުރޮޅިލިއެވެ. މޯޅިއަކަށް ދެމިލަމުން ކަންނެތް ގޮތަކަށް އެއް ލޯ ހުޅުވައިލިއެވެ. ދާދި ކައިރިން ޒެނިލްގެ މޫނު ފެނުމުން، ޖިލްވާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ މަރާލާފައި ހުޅުވައިލުމުންވެސް މަންޒަރު ބަދަލެއް ނުވިއެވެ. ޖިލްވާ އޭނާގެ އަނގަމަތީގައި އަތް އަޅައި ބާރުކޮށްލިއެވެ. ބަންޑުން އޮތްއިރު، ޒެނިލް މޫނު އަނބުރާލައިގެން އޮތީ ޖިލްވާ އާއި ވީ ފަރާތަށެވެ. މުށިކުލައިގެ ފަން އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ޒެނިލްގެ އެއް އަތް އޮތީ، ޖިލްވާގެ ބަނޑުމަތީގައެވެ. އުނަގަނޑާއި ހަމައަށް ރަޖާގަނޑު އަޅާލާފައިވާއިރު، ހަށިގަނޑުން ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ.
ރޭގެ ހާދިސާއިން ޖިލްވާގެ ހަނދާނުގައި ހުރީ ކުޑަ މިންވަރެކެވެ. މުށިތަކުގެ މަތީގައި އޮތްއިރު، ޒެނިލް އޭނަގެ ގައިގައި ބައްދައިލި ކަން ޖިލްވާގެ ހަނދާނުގައި ހުއްޓެވެ. އޭގެ ފަހުން، ކަންތައް ވީގޮތެއް ޖިލްވާ ހަނދާން ކޮށްކޮށްވެސް ސިކުނޑިއަކަށް ނައެވެ. ޖިލްވާ މަޑުމަޑުން ރަޖާގަނޑު ހިއްލައިލިއެވެ.
"އޯ ނޯ..."
ޓީޝާޓުގެ މޭމަތިން ދެތިން ގޮށް ނައްޓާފައި އޮއްވާ ފެނުމުން، ޖިލްވާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލި ހެންނެވެ. ރޭގައި އޭނަގެ ހޭވެރިކަން ނެތުނު ވަގުތު ޒެނިލް އާއި ދެމީހުންގެ މެދުގައި ކަމެއް ހިނގީ ހެއްޔެވެ؟ ނޫނީ ޒެނިލް ކަމެއް ކުރީ ހެއްޔެވެ؟ އެކަމަކު އަމިއްލަ ހަށިގަނޑުން ތަފާތު އެއްވެސް ކަމެއް ޖިލްވާއަކަށް ފާހަގައެއް ނުކުރެވުނެވެ. މަޑުމަޑުން ޒެނިލްގެ އަތް ނަގައި އެނދުމަތީގައި ބާއްވާފައި ޖިލްވާ އެދުން ތެދުވިއެވެ. ޒެނިލް ފުރޮޅިލީހެން ހީވެ، ޖިލްވާ އަވަހަށް ތިރިވެލައިފި އެވެ. މުށިތަކުގެ މަތީގައި ކޭއްތެމުން ކަހަލަ ގޮތަކަށް ފާޚާނާ އާއި ދިމާއަށް އޭނަ ދިޔައެވެ.
"އަހަރެންގެ ކޮޓަރިއަށް ވެލާ އަރަން ފެށީ ކޮން އިރަކު؟..." ޒެނިލްގެ އަޑަށް ޖިލްވާ ދިޔައީ ސިއްސައިގެންނެވެ.
ޖިލްވާ މޫނު ފޮރުވައިގެން އޮންނަން ފެށުމުން، ޒެނިލް ތިރިވިއެވެ.
"ތިހެން އުޅެފަ މިތަނަށް ބިސް ނާޅައްޗޭ!..." ދެމާނަ އެކުލެވޭ ރާގަކަށް ޒެނިލް ބުންޏެވެ.
ޒެނިލް ފާޚާނާއަށް ވަދެ ދޮރު ލައްޕައިލި އަޑު އިވުމުން ޖިލްވާ ތެދުވިއެވެ. ކުދި ކިޔަން ފެށިއެވެ. ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ޒެނިލް ހިނގާގޮތަށް ހިނގަ ހިނގާފައި ވާހަކަ ދައްކަމުން ދިޔައެވެ. އެހުރިހާ މަންޒަރެއް ބަލަން ޒެނިލް ހުރިކަމެއް ޖިލްވާ އަކަށް ނޭނގުނެވެ.
ފެންވަރަން ހުރިއިރުވެސް ޒެނިލްއަށް ހެވެނީއެވެ. ޖިލްވާ މުށިތަކުގެ މަތީގައި ކޭއްތެމުން ދިޔަ ގޮތާއި، ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ޖެއްސި ވައްތަރު ހަނދާންވުމުންނެވެ. ކުއްލިއަކަށް ރޭގެ ހާދިސާ ހިތަށް އައުމުން ޒެނިލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައި ދިޔައެވެ. މާގަނޑުގެ ދަށުގައި ހުރެ، ދެލޯ މަރައިލިއެވެ. އެއާއިއެކު ރޭގެ މަންޒަރުތައް ދެލޮލުގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ.
ޒެނިލް އަވަހަށް ފެންމާގަނޑު ނިއްވައިލިއެވެ. އުނަގަނޑުގައި ތުވާލި އޮޅާލައިގެން ފާޚާނާއިން ނުކުތްއިރު، ޖިލްވާ ފެންނާކަށް ނެތެވެ. ކައިވެނީގެ ވަގުތުގައި ޖިލްވާ ލައިގެން އުޅުނު ހެދުން، ދޮވުމަށްފަހު، ކޮނޑެއްގައި އަޅުވާފައި އިނެވެ.
********
ވާފިރަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. ބިރުވެރި ހުވަފެނެއް ފެނިގެން ޖިލްވާއަށް ގުޅައިދޭން ވާފިރު އެދޭތާ ތިން ދުވަސް ވީއެވެ. ޖިލްވާ ގެއްލުނު ޚަބަރު އާމިރު ސިއްރުކުރީ، ވާފިރަށް ދެރަގޮތެއް ވެދާނެތީއެވެ.
"އާމިރު!... ކީއްވެތަ ތިކަން ފުލުހުންނަށް ނާންގަން ތިއުޅެނީ؟..." ހަމްދާ ހުރީ ދެރަވެފައެވެ.
"ހަމްދާއަކަށް ނޭނގޭތަ އޭރުން ވާނެ ގޮތެއް؟..." އާމިރު ސުވާލު ކުރިއެވެ. "މުޅި ދިވެހިރާއްޖެއަށް އެކުއްޖާ ބަދުނާމު ވާނީ..."
"އެކަމަކު އާމިރު، ދެން އަހަރެމެން މިހެން ކުޅި ބަލަން ތިބެންވީތަ؟..." ހަމްދާއަށް ރޮވުނެވެ.
"އަހަރެން އެބަ މަސައްކަތް ކުރަމޭ އެކޮޅަށް ދެވޭތޯ..." ޔަޤީންކަން ކުޑަ ރާގަކަށް އާމިރު ބުންޏެވެ.
"މީ ރިފްއާނުގެ ކުށް... އަހަރެން އޭނަ މިގެއަށްވެސް ދެން ނުވައްދާނަން..." ހަމްދާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. "އޭނަ ގަސްދުގަ ކުރި ކަމަކަށްވެސް ވެެދާނެ..."
********
ޖިލްވާ އިނީ ކާމޭޒު ކައިރީގައެވެ. އެއް އަތުގައި އޮތީ ކަރުދާސްކޮޅެކެވެ. އަނެއް އަތުގައި ފޯނެކެވެ. ޖުއާން ދިޔުމުގެ ކުރިން ކުރު ނޯޓަކާއިއެކު ޖިލްވާއަށް ފޯނެއް ހަދިޔާ ކުރީއެވެ. އެއީ ޖުއާންގެ އުފަންދުވަހު ލިބުނު ފޯނެކެވެ. ނޯޓުކޮޅުގެ ތިރީގައި ޖުއާންގެ ފޯނު ނަންބަރު ޖަހާލާފައި އޮތެވެ.
(ނުނިމޭ)